ދެބަސްވުމުގެ އަދަބުތައް

ﷲ سبحانه وتعالىގެ ޙިކްމަތްފުޅާ އެއްގޮތަށް އެކަލާނގެ ޚަލްޤު ކުރެއްވި އެންމެހައި މަޚްލޫޤުން އުފައްދަވާފައި ވަނީ ވިސްނުމާއި ފިކުރާއި، ޚިޔާލާއި އުންމީދުތަކާއި، ބޭނުންތަކުގައި ތަފާތުކޮށެވެ. އަދި ކިއެއް ހެއްޔެވެ؟ ދިރިއުޅުމުގެ ފެންވަރާއި، ޖިސްމާނީ ބާރުވެރިކަމާއި، ވިސްނުމުގެ ފެންވަރުގައި ވެސް އެބައިމީހުން ތަފާތެވެ. އެބައިމީހުންގެ ބަސްމޮށުންތެރިކަމުގައްޔާއި، އުފެއްދުންތެރިކަމުގައި ވެސް ދެ މީހަކު އެއްގޮތެއް ނޫނެވެ. ﷲ تعالى ވަޙީ ކުރައްވާފައި ވެއެވެ. ﴿ مِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافُ أَلْسِنَتِكُمْ وَأَلْوَانِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّلْعَالِمِينَ ﴾  މާނައީ: "އުޑުތަކާއި ބިން ހެއްދެވުމާއި، ތިޔަބައިމީހުންގެ ދޫތަކާއި( އެބަހީ: ބަސްތަކާއި) ކުލަތައް ތަފާތުވެފައިވާކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެކަމުގައި (އެފަދަ ކަންތައް) ދަންނަމީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ."

އަހުރެމެންގެ ވިސްނުންތަކާއި، ފިކުރުތަކާއި، ރައުޔުތައްތަފާތުކޮށް، މާތް ﷲ ލައްވާފައި މި ވަނީ، އެކަލާނގެ ނިޔާކުރައްވާފައިވާ ޙިކްމަތެއްގެދަށުންނެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. ‎﴿ وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ ﴾ މާނައީ: "ކަލޭގެފާނު ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، މީސްތަކުން އެއްއުއްމަތެއް ކަމުގައި  ލައްވައިޕީސްކަން ކަށަވަރެވެ. ނަމަވެސް ޚިލާފު ވުމުގައި އެއުރެން ފިލައިނުދެތެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ރަޙްމަތްލެއްވި ބަޔަކު މެނުވީއެވެ. އެކަލާނގެ އެއުރެން ހެއްދެވީ އެކަމަށްޓަކައެވެ."

މިއީ މާތް ﷲ ގެ ސުންނަތެވެ. އަރަހުށި މާތް ﷲ ހުރިހާގަސްގަހާގެހި އެއްގޮތަކަށް އުފައްދަވާފައިވާނަމަ، އެ ގަސްގަހާގެހީގެ ރީތިކަމެއް ނުފެންނާނެތެވެ. ހުރިހާ ދޫނިސޫފާސޫފި އެއްގޮތަކަށް ގޮވާނަމަ އަހަރެމެންގެ ކަންފަތަކަށް އެ އަޑުތައް ރީއްޗެއް ނުވާނެތެވެ. އެންމެހައި އިންސާނުން އެއްގޮތަށް ޚަލްޤު ކުރައްވާފައި ވާނަމަ، އަދި އެ އެންމެން އެއްގޮތަށް ކައިބޮއި އުޅޭނަމަ މި ޙަޔާތުން މީރުކަމާއި، ފޮނިކަން ނެތިދާނެތެވެ. މާތް ﷲ އެކަލާނގެ ޚަލްޤުކުރެއްވި އެއްޗެހި ތަފާތު ޖިންސު ތަކަށް، ތަފާތު ގިންތިތަކަށް، ތަފާތު ސިފަސިފާގައި ހެއްދެވީ، އަހަރުމެން އެއިން ފައިދާ ލިބިގަތުމަށް ޓަކައެވެ. އެއިން މޮޅު ވިސްނުންތަކާއި، ހަރުދަނާ ޚިޔާލުތައް ހޯދުމަށް ޓަކައެވެ. އޭގެ ބޭނުންކޮށްގެން އަހުރެމެންގެ އުފެއްދުންތައް ގިނަކޮށް ކާމިޔާބީތައް އިތުރުކުރުމަށް ޓަކައެވެ. ރުޅިވެރިކަމާއި، ޢަދާވަތްތެރިކަމާއި، ގުޅުން ކެނޑުމާ ދުރުހެލިވުމަށް ޓަކައެވެ. އިސްލާމްދީން އަހަރެމެންނަށް ގޮވައިލަނީ، ރަނގަޅު ގޮތުގައި މި ތަފާތުތަކުގެ ބޭނުން ހިފުމަށެވެ.

އަހުރެމެންގެ ލޮބުވެތިރަސޫލާ صلى الله عليه وسلم އިސްލާމް ދީނުގެ ދުޝްމަނުންނާއެކު މުޢާމަލާތު ކުރެއްވިގޮތަށާއި، ރިވެތި ސުލޫކަށް ބަލާށެވެ! ކީރިތި ރަސޫލާ صلى الله عليه وسلم އާ ދީނުގެ ކަންތައްތަކުގައި ޖަދަލު ކުރުމަށް ޤުރައިޝުން ޢުތުބަތު ބުނު ރަބީޢަތު ފޮނުވިއެވެ. އޭނާ ކީރިތި ރަސޫލާ އަށް މުދަލާއި، ވެރިކަން ހުށައެޅިއެވެ. އެކަލޭގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންފައިވާނަމަ، ބޭސްކޮށްދެވިދާނެ ކަމަށް ދެންނެވިއެވެ. އެކަލޭގެފާނު ޢުތުބާގެ ވާހަކަ މެދުކަނޑުއްވައެއް ނުލައްވައެވެ. އޭނާ ދައްކަމުން ދިޔ ވާހަކަތަކުގައި އޮށްޓަރެއް ނެތް އިރުގައި ވެސް، އޭނާގެ ވާހަކަ ކަނުލައި އެއްސެވިއެވެ. ދެބަސްވުމުގެ އަދަބުތަކުގެ ތެރޭގައި، ކޮންމެ މީހަކު ވެސް އަނެކާގެ ވާހަކަ އެހުން ހިމެނޭކަން ބަޔާންކޮށްދެއްވިއެވެ. ކީރތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. "އޭ އަބުލްވަލީދެވެ! ތިބާގެ ވާހަކަ ނިމުނީ ހެއްޔެވެ؟" އޭނާ އާދޭހޭ ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "އެހެންވިއްޔާ ތިމަންކަލޭގެފާނުގެ ވާހަކަ އަޑު އަހާށެވެ. މިހެން ޙަދީޘް ކުރައްވައި، ކީރިތި ޤރްއާނުގެ އާޔަތްތަކެއް ކިޔަވައި ވިދާޅުވިއެވެ. މި އާޔަތްތައް އަޑު އެހުމަށްފަހު، ޢުޠުބާ ޤުރައިޝުންގެ ގާތަށް އެނބުރި ދިޔައީ، މުޅިން އެހެން މޫނަކައިގެންނެވެ."

ޚިޔާލު ތަފާތު ވިޔަސް ވާހަކަދެއްކުމުގައި ހިފަހައްޓަންޖެހޭ އަދަބުތަކެއް ވެއެވެ. އެކަކު އަނެކަކުގެ އަބުރު ކަތިލައިގެން ނުވާނެއެވެ. އެކަކު އަނެކަކުގެ އިއްޒަތާއި، ކަރާމަތަށް އަރައިގަނެގެން ނުވާނެއެވެ. އިސްލާމީ ތާރީޚުން ފެނިފައިފާ ޢަދަދު ނުނުކުރެވޭހައި ގިނަ މިސާލުތަކުން އަހަރެމެންނަށް އެނގެނީ މުސްލިމުންނަކީ، ޚިޔާލު ފާޅުކުރުމުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓައިގެން މީސްތަކުންނާ މުއާމަލާތުކޮށްފައިވާ ބައެއް ކަމެވެ. އަހުރެމެންގެ ޢިލްމުވެރިން ވަނީ ޢަމަލީ މައިދާނުގައި، މިކަން ދައްކަވައިދެއްވައިފައެވެ. އަހުރެމެން މުސްލިމުން ޖަދަލު ކުރަންވާނީ، މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި، ޙައްގަށް ވާސިލުވުމަށެވެ. ރައުޔު ތަފާތުވުމުގެ ސަބަބުން އަހުރެމެންގެ އެކުވެރިކަމުގައި ރެނދު އެޅުނަދީގެން ނުވާނެއެވެ. އަހުރެމެންގެ ސަފުތައް ރޫޅިގެން ދިޔަދީގެން ނުވާނެއެވެ. މާތް ﷲ ރަޙްމަތްލެއްވި އަލްއިމާމުއްޝާފިޢީއާ ބެހޭގޮތުން ޔޫނުސުއްޞަދަފީ ވިދާޅުވިއެވެ. "ޝާފިޢީގެފާނަށްވުރެ، ވިސްނުންތޫނު ބުއްދިވެރި ބޭކަލަކު ނުދެކެމެވެ. އެއްދުވަހަކު މައްސަލައެއްގައި އަހުރެންނާއި އެކަލޭގެފާނާ ދެމެދުގައި ހޫނު ބަހުސެއް ހިނގިއެވެ. އެއަށްފަހު އެކަލޭގެފާނާ ބައްދަލުވިއެވެ. އެހިނދު އެކަލޭގެފާނު އަހުރެންގެ އަތުގައި ހިއްޕަވައި ވިދާޅުވިއެވެ. އޭ އަބޫ މޫސާއެވެ! މައްސަލައެއްގައި އަހުރެމެންނަށް އެއްގަލަކަށް ނޭރުނަސް އަހުރެމެންނަކީ އަޚުން ނޫންހެއްޔެވެ؟" އިމާމު ސާއއާއި އިމާމު ޝާފިޢީއާއި އިމާމު އަޙްމަދަކީ، ފިޤްހީ ވަރަށް ގިނަ މައްސަލަތަކުގައި ރައުޔު ތަފާތު ދެ ބޭކަލުންނެވެ. އެހެނަސް މާތް ﷲ ރުއްސުންލެއްވި އަލްއިމާމު އަޙްމަދު އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ އަށް ވިދާޅުވިއެވެ. "މާތް ﷲ ރަޙްމަތްލެއްވި ޝާފިޢީގެފާނަކީ ދުނިޔެއަށް އިރެއްފަދަ ބޭކަލެކެވެ. މީސްތަކުންނަށް ލިބިގެންވާ މޮޅު ދުޅަހެޔޮކަމެކެވެ." ކޮންފަދަ މާތް ޙުލްޤެއް ހެއްޔެވެ؟ ކޮންފަދަ ރިވެތި އަދަބެއް ހެއްޔެވެ؟ ތިބާގެ ޚިޔާލު ހުށައަޅާއިރު، އެއީ އެންމެ ރަނގަޅު ޚިޔާލު ކަމުގައި ތިބާ ދެކިގެން ނުވާނެއެވެ. ތިބާގެ ޚިޔާލު ރަނގަޅުވާ ގޮތަށް، އަނެކާގެ ޚިޔާލު ވެސް ހަމަ ރަނގަޅު ޚިޔާލަކަށް ވެދާނެއެވެ. މާތް ﷲ އަހުރެމެންނަށް އަންގަވަނީ، ކާފަރުންނާ ޖަދަލު ކުރާއިރުގައި ވެސް، ރިވެތި އަދަބުގައި ހިފެހެއްޓުމަށެވެ. މާތް ﷲ ވަޙީ ކުރެއްވާފައި ވެއެވެ. ﴿ وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ إِلَّا الَّذِينَ ظَلَمُوا مِنْهُمْ ۖ وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَٰهُنَا وَإِلَٰهُكُمْ وَاحِدٌ وَنَحْنُ لَهُ مُسْلِمُونَ ‎﴾ މާނައީ: "ރިވެތިވެގެންވާ ގޮތުގައި މެނުވީ، ތިޔަބައިމީހުން ފޮތުގެ އަހުލުވެރިންނާ ޖަދަލުނުކުރާށެވެ! އެއުރެންގެ ތެރެއިން އަނިޔާވެރިވެގެންވާ މީހުން ފިޔަވައި އެހެން މީހުންނަށެވެ. އަދި ތިމަންމެންނަށް ބާވައިލެއްވި ފޮތަށައި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިމަންމެން އީމާންވެއްޖައީމޭ ތިޔަބައިމީހުން ބުނާށެވެ! ތިމަންމެންގެ އިލާހަކީވެސް، އަދި ތިޔަބައިމީހުންގެ އިލާހަކީވެސް އެއް އިލާހެކެވެ. އަދި ތިމަންމެން އެކަލާނގެއަށް ކިޔަމަންވެ، އިސްލާމްވަމުއެވެ."

މަޢުލޫމާތު: ހުކުރު ޚުޠުބާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *