(14 ސެޕްޓެމްބަރ 2022ގެ ނޫހާއި ގުޅޭ)
ރޭގަނޑު ނުވައެއްޖެހީއެވެ. ސެންޓްރަލް ހޮޓެލްގެ ދެވަނަބުރީގައި މާހެފުމުގެ ހަރަކާތްތައް ނުހަނު ކުލަގަދަ ގޮތެއްގައި ފެށިފައިވެއެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މާހެފުން އޮތީ މުޅިންވެސް އިންޑިޔާގެ ރަހަތަކަކުންނެވެ. ކޮންމެ އަހަރަކުވެސް މި އޮފީހުގެ މީހުން ދިވެހި ރަހަތަކަށް ޚާއްޞަ ކޮށްގެން ބޭއްވި ކެއުން ބޭރު ރަހަތަކަށް ބަދަލު ކޮށްލީ އޮފީހުގެ ގިނަމީހުންގެ އެދުމުގެ މަތީންނެވެ. އޮފީހުގެ ހުރިހާ އަންހެން ކުދިންވެސް ވަނީ މިޒަމާނުގެ ރީތި ހެދުންތަކުން ނަލަހެދިފައެވެ. ފެހި ނޫނީ ރަތްކުލައިން ހެދުން ލައިގެން ހުރިހާއެންމެންވެސް ތިބީ މިރޭގެ މާހެފުމަށް ކަނޑައެޅިފައިވަނީ އެކުލަތައް ކަމުގައިވާތީއެވެ. ހެދުންއެޅުމުގައި މިހާބޮޑު ޚާއްޞަކަމެއް ދެވިފައިވަނީ މާހެފުމުގެ ރަސްމިއްޔާތުގެ އިތުރަށް މިއީ މިއަހަރު އޮފީހުގައި ބޭއްވުނު އެކި މުބާރާތްތަކުގެ ނަތީޖާ ފާޅުކުރެވޭ ރޭކަމަށްވާތީއެވެ. އޮފީހުގެ މީހުން މެދުގައި ސިއްރު ވޯޓްލައިގެން ހޮވާ "ހިޔަލަ" ގެނަމުން ނަންދެވޭ އެންމެރީތި އަންހެން މުވައްޒަފާއި "އަލިފުޅު" ގެނަމުން ނަންދެވޭ އެންމެރީތި ފިރިހެން މުވައްޒަފުވެސް އިޢުލާން ކުރެވޭ ރަސްމިއްޔާތަކަށްވާތީއެވެ. ކޮންމެ އަހަރަކުވެސް ބޮޑު މަޖަލަކަށް ހަދާ މިމުބާރާތް އެންމެންގެވެސް ރުހުމާއި އެއްބާރުލުމާއެކު މިއޮފީހުގައި ބާއްވައެވެ. މުވައްޒަފުންގެ އެއްބާރުލުމާއި ގުޅުން ބޭއްވުމަށް ސީނިޔަރ މެނޭޖްމަންޓުންވެސް މިފަދަ އެތައް ކަމަކަށް ތަރުހީބުދެއެވެ. ރީމާވެސް ލީޝަންގެ އިންތިޒާރުގައި ހުރެހުރެ ގަޑިޖެހެން ކައިރިވުމުން ކާރެއްގައި ދިޔައީ ލީޝަންއަށް ދެވޭނީ ކުޑައިރުކޮޅެއްފަހުންނޭ ބުނީމައެވެ.
ލީޝަންއަށް ރަސްމިއްޔާތު އޮތް މާލަމަށް ވަދެވުނީ ގަޑިޖެހި ފަނަރަމިނިޓް އިތުރަށްވެސް ހިނގިފަހުންނެވެ. އޭނާއަށް އެތެރެއަށް ވަދެވުނު އިރު މާލަމަށް ފެތުރިފައި އޮތީ ކާތަކެތީގެ މިރުވަހާއި ހިމޭން ކަމެވެ. އޭރު ރަސްމިއްޔާތު ފެއްޓެވުމުގެ ގޮތުން މިނިސްޓަރ ވާހަކަފުޅުދައްކަވަމުން ގެންދެވިއެވެ. ޖެހިލުންވެފައިހުރި ލީޝަން ދަނޑިވަޅު ބަލާފައި ދިޔައީ މުއައްޒަފުންގެ އެންމެފަހަތުގައި ހުރި ގޮޑީގައި އިށީނުމަށެވެ. ނަމަވެސް އޭނާ ހުއްޓުން އެރީ އެންމެން އެއްފަހަރާކަހަލަ ގޮތަކަށް ހޭންފެށީމައެވެ.
"އެކަމަކު ލީން. ކޮންކަހަލަ ހެދުމެއްތަ ލައިފަ ތިހުރީ." ރީމާވެސް ހުރީ ހިނިއައިސްފައެވެ.
"ރީމާއެއްނޫންތަ އަހަރެންގާތު ދިވެހި ހެދުމެއްލާށޭ ބުނީ." ނުރުހުންވެފައި ހުރެ އޭނާ ބުންޏެވެ. ޕާޓީގެ އެއްވެސް މީހަކު ދިވެހި ހެދުން ލާފައި ނުވާއިރު ލީޝަން ތައްޔާރުވެފައިވާ ވަރަށް ތައްޔާރުވެފައެއްވެސް ނުވެއެވެ. އާގޮތަކަށް ފަރުމާކޮށްފައިވާ ދިވެހި ހެދުމުގެ މަތިވަނީ ރަތްކުލައާއި ހުދުކުލައިން ފަރުމާކޮށްފައެވެ. ޖަރީކުރެވިފައިވި ރަތްކުލައިގެ ބޯވަޅެއް އަޅާފައިވާއިރު ރަންފައްޓަރުބައެއް އަޅާފައިވެއެވެ. ފޭއްޔަކާ ވައްތަރު ކުރު ހަރުވާޅުބުރިއެއް ލާފައިވާއިރު އޭނާގެ ރީތިކަން އެތައްގުނައަކަށް ފާޅުވެއެވެ.
"ކޮންއިރަކު."
"އޭރު ފޯނުކޮށްފަ މެސެޖެއްފޮނުވީމެއްނު."
"ނުފޮނުވަން. ތިވާނީ ކޮންމެވެސް އެހެން މީހަކަށް."
"ބަލާބަލަ. މީ ރީމާގެ ނަންބަރެއްނޫންތަ؟" އޭނާ ފޯނުނަގާ ދިއްކޮށްލިއެވެ.
"ހީނުކުރައްޗޭ ތިމާއަށް އެކަނިކަމަށް މީހުންނަށް ލަނޑުދެވޭނީ." ޔައީން ޖޫސްތައްޓެއް ހިފައިގެން އައިސް ބުނެލުމަށްފަހު ދިޔައީއެވެ.
"ރީމާގެ ފޯނު ޔައީނު ގެންގުޅުނުތަ." ކަންތައް ވީގޮތް ކޮންމެވެސް ވަރަކަށް ޝައްކުވެގެން އޭނާ އެހިއެވެ.
"ނުދެން. އެކަމަކު ދަބަސް އޭނާގެ މޭޒުމަތީ ބަހައްޓާފައި ދިޔައީ. ފަހަރުގައި އޭނާ ފޯނު ނެގީކަމަށްވެދާނެ." ވިސްނާލާފައި ބުންޏެވެ. ދެމީހުން ކާއެއްޗިހި އަޅައިގެން އިށީނީ އޮފީހުގެ ބައެއް ކުދިން ތިބި މޭޒުކައިރީގައެވެ. ހުރިހާ އެންމެންވެސް މަޖާވާހަކަދައްކަމުން ދިޔައިރު ލީޝަން ވިސްނަމުން ދިޔައީ ޔައީނަށް ދޭނެ ލަޑަކާއި މެދުގައެވެ. އޭނާއަށް ދުވަހަކުވެސް ލަދުގަންނަން ނުޖެހޭވަރަށް މިރޭ ލަދުގަންނަން ޖެހުމުން ވަނީ ރުޅިއަސްފައެވެ. ނަފުރަތުގެ އަލިފާންގަނޑު ރޯވެ އަނދަމުންދަނީ އަދިވެސް ހަދާނެ ގޮތެއް ނޭނގޭތީއެވެ. މިރޭގެ ހަފްލާ ނިމުމުގެ ކުރިން އޭނާއަށް ލަނޑެއް ނުދެވިއްޖެނަމަ އޭނާ މޮޔަވެދާނެއެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ އޮފީހު ދެމީހުންނާއެކު ފޮނި އެއްޗިހި އެޅުމަށްޓަކައި ޔައީނު ހަރަކާތްތެރިވާތަނެވެ. ކުއްލިއަކަށް ރީމާގެ އަތުގައި ހިފައިގެން ލީޝަން ދިޔައީ އެދިމާއަށެވެ. ކުޑަތަށްޓަކަށް ކަސްޓަޑު އެޅުމަށްފަހު ނޫންކަމަށްހަދައި އޭނާ ޔައީންގައިގައި ޖެހިގަތެވެ. އަދި ކަސްޓަޑުތަށި ޔައީނުގެ ހުދުކުލައިގެ ގަމީހަށް އެޅުނެވެ.
"އުޕްސް…. އައިމް ސޮރީ." ލީޝަން ލާނެތްފާޑަކަށް ބުނެލިއެވެ. ނަމަވެސް ޔައީން އެއްވެސް އެއްޗެކޭ ނުބުނެ ހަނު ހުރީ ޖަދަލުކޮށްގެން ކާމިޔާބު ނުލިބޭނެތީއެވެ. ލީޝަން އާއި ބެހެވުނީތީވެސް އޭނާ ހުރީ ދެރަވެފައެވެ. ލީޝަންގެ ގޮތް އޭނާނޫން ދެވަނަ މީހަކަށް ނޭނގޭނެއެވެ. އޭނާ ކުރަންބޭނުންކޮންމެ ކަމެއްކުރާނެކަން ޔައީނަށް އެނގެނީ އިއްޔެއަކު މިއަދަކު ނޫނެވެ. އެހެންކަމުން އެއްޗެއްނުބުނެ ސާފުކުރަން ފާޚާނާއަށް ދެވޭތޯބެލިއެވެ. ނަމަވެސް ކުރިއަށް އެޅިފިޔަވަޅު ހުއްޓުނީ މިރޭގެ ފަޚުރުވެރި ވަނަތައް އިއުލާން ކުރަން ފެށުމުންނެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް މިއަހަރުގެ އެންމެ ރީތި ފިރިހެނަކަށް ޔައީން ހޮވުނުކަމަށް އިޢުލާން ކުރުމުންނެވެ. ނުދާން ހުރިނަމަވެސް ގާތުގައި ތިބި ރައްޓެހިން ކުރިއަށް ކޮށްޕާލުމާއި އަޑުއަހަން ތިބި މީހުންގެ ހަޅޭކުގެ އަޑަށް ސާފުނުކޮށްވެސް ދާންޖެހުނީއެވެ. ޔައީނު އިނާމު ލިބިގެން އަންނަންދެންވެސް ތަރުހީބުގެ އަތްތިލަބަޑިގެ އަޑެއްނުކެނޑެއެވެ. އެއަށްފަހު އެންމެންވެސް އިންތިޒާރުކުރަމުން ދިޔައީ "ހިޔަލަ" އިއުލާންކުރާ ވަގުތަށެވެ. އެނައުންސްކުރާ މީހާ ހިޔަލަ ގެ ނަންހާމަކުރުމުގެ ކުރީން ހިމޭންވެލިއެވެ. އެއަށްފަހު ލީޝަންގެ ނަން އިއުލާން ކުރެވި ތަރުހީބުގެ އަޑު ގުގުމައިގަތެވެ. ފޫހިވެފައި ހުރެގެން ލީޝަން އިނާމުބަލާ ދިޔައީ އެންމެ ރީތި ފިރިހެނަކަށް ޔައީނު ހޮވުނީތީއެވެ. އިނާމު ހިފައިގެން އައި ލީޝަން ކުއްލިއަކަށް ވެއްޓުނީ ދޮންކެޔޮ ތޮށިގަނޑަކަށް އެރިފައެވެ. ކުއްލިއަކަށް އެންމެން ހޭންފެށިއެވެ. ލީޝަން ވެއްޓުމާއެކު އަވަސް އަވަހަށް ތެދުވިއެވެ. އަދި ލަދުންގޮސް އެތާ ހުންނަން ނުކެރޭވަރުވިއެވެ. އޭނާ ހީކުރީ މިއީ ޔައީނު ކުރިކަމެއްކަމަށެވެ.
"ކިހިނެއްވެގެންތަ ތިއުޅެނީ. މަށާ ދުރުގައި އުޅޭ." ޔައީނުގެ މޫނުމަތީގައި އެތިފަހަރެއް ޖެހިއެވެ. މިމަންޒަރު އޮފީހުގެ އެންމެންވެސް ބެލީ ހައިރާންކަމާއެކުއެވެ. ޔައީންގެ ސެކެޓްރީއަކަށް ހުރި ލީޝަން އަށް އޭނާގެ ވެރިމީހާ މޫނުމަތީގައި ޖަހަންކެރުނީތީއެވެ.
"ލީޝަން.. ތީ ހާދަ ހެއްވާމީހެކޭ.. ޖަހާކަށް ނުވާނެއްނު."
"ރީމާ ދެރަވީދޯ! ކުރީގެ ބައިވެރިޔާދެކެ އަދިވެސް ލޯބިވަނީދޯ."
"ލީޝަންއަށް ތިކަން އެނގުނީކިހިނެއް."
"އޭނާ ގެންގުޅޭ އެއްޗިހި ބައެއްފަހަރު މަށަށްވެސް ފެނެއޭ." ލީޝަންއަށް ޔައީނުގެ މޭޒުމަތީގައި ރީމާގެ ކުރީގެ ސިޓީއެއް އޮއްވާފެނުނެވެ. އޭނާ އެސިޓީވެސް ކިޔެވެ. އަދި ރީމާގެ ބައެއްވާހަކަތަކުންނާއި ޔައީނަށް ތާއީދު ކުރާވަރުން އެދެމީހުންގެ ގުޅުމެއް މިހާރުވެސް ވާކަން އޭނާ ޔަގީން ކުރެއެވެ.
ރޭގަނޑުގެ އިރާކޮޅު ގޭތެރެއަށްވަނީ ހިމޭންކަންފެތުރިފައެވެ. މަޑުނޫކުލައިގެ ބޮތްކެއްގެ އަލިން މުޅި ސިޓިންރޫމަށްވަނީ މަޑުއަލިކަމެއް ވެރިވެފައެވެ. ކުރިއާއި ޚިލާފަށް ޔައީން އެގެއިން ދިއުމުން ޒީނާ ނުހަނު އެކަނިވެރިއެވެ. މަސައްކަތް ނިމުމުން އަބަދުވެސް ކޮންމެވެސް ވާހަކަފޮތެއް ކިޔާ ޒީނާ ފޮތް އަތުގައި ބާއްވައިގެން އިނީ ވަޒީފާ ނުލިބޭތީ އެކަމާއި ފިކުރުކުރާށެވެ.
"މިހާރު މީހުން ފޮތްކިޔަނީ އަނދިރީގައި އެކޮޅުކޮޅުންތަ؟" ދުވަހަކުވެސް ސަމާސާ ނުކުރާ ރަހީމް ޒީނާއާއި ސަމާސާ ކޮށްލެވުނީ ޒީނާގެ ހިމޭންކަންފެނިފައެވެ.
"ނޫން……އެހެނެއްނޫން." ޒީނާ ސިހިފައި ތެދުވިއެވެ.
"މީ ޒީނާއަށް ގެނައި ޗޮކްލެޓެއް." އަތުގައި ހުރި ދެކޮތަޅުގެ އެއްޗިހި ބަހައްޓަމުން ބުންޏެވެ.
"މީ ޒީނާގެ އުފަންދުވަހެއްނޫންތަ؟" ރަހީމް ވާހަކަދެއްކީ ޒީނާ ހައިރާންކަމާއި އެކުބަލަން ހުރުމުންނެވެ.
"އެކަމަކު އަޅުގަނޑު އުފަންދުވަސް ފާހަގައެއްނުކުރަން. އަދި މީހެއްގާތު ދުވަހަކުވެސް ނުބުނަން."
"އަހަރެންނަށް އެގުނީ ޒީނާގެ ރިޕޯޓްފޮތުން. އުފަންދުވަސް ފާހަގަ ނުކުރަންޏާ ވަރަށްދެރަ."
"އުފަންދުވަސް ފާހަގަ ނުކުރިއަސް އަޅުގަނޑު ޗޮކްލެޓްބޭނުން. ތިއީ އަޅުގަޑަށް ވަރަށް މީރު ޗޮކްލެޓެއް." ޒީނާ ޅަވެލިއެވެ. މިއީ ދުވަހަކުވެސް އޭނާގެ މިޒާޖެއްނޫނެވެ. ނަމަވެސް މިހާރަކަށް އައިސް ރަހީމާ ވާހަކަދެއްކޭއިރު އޭނާއަށް ބަދަލުތަކެއް އާދެއެވެ. ރަހީމު އޭނާގެ ގާތުގައި ބަހައްޓަން ބޭނުންކަހަލަ ގޮތަކަށް ވާހަކަ ދެއްކެއެވެ. އޭނާ ޗޮކްލެޓް ކަނޑާލައިގެން މަޑުމަޑުން ކާންފެށިއެވެ.
"މިހާ އަލިމަޑު ބޮތްކެއްދިއްލައިގެން ތިއިނީ ކީއްވެ؟" ރަހީމުވެސް ބޭނުންވަނީ ޒީނާއާއި ވާހަކަދެއްކުމަށެވެ.
ޒީނާގެ ޅަގޮތް ރަހީމަށް ނުހަނު ކަމުދިޔައެވެ. ދުވަހަކުވެސް ކުރު ޓީޝާޓެއްވެސް ނުލާ ޒީނާ މިއަދު އިނީ ކަޅުކުލައިގެ ޓޮޕެއްލައިގެންނެވެ. މީގެ ކުޑައިރުކޮޅެއްކުރިން ފެންވަރައިގެން ނިކުތް ޒީނާގެ އިސްތަށިގަނޑު ވަނީ މައްޗަށް އުފުލާލާ ދައްޗެއްޖަހާފައެވެ. ނިތްކުރި މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުން އޭނާގެ ދޮންމޫނު ފެންނަނީ ނުހަނު ޒުވާންކޮށެވެ. ޗޮކްލެޓް ނޮޅާލައިގެން މަޑުމަޑުން ކާންއިންއިރު އޭނާ ފެންނަނީ ޅަކުއްޖެއްފަދައިންނެވެ.
"ކުރީރޭ ހޮޅިބުރި އެނދީ. މިހާރު ޔައީން ނެތީމާ ތިކަހަލަކަންތައް ރަނގަޅުނުކުރެވެނީ." ޒީނާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ
"މާދަމާ އަހަރެން މީހަކު ފޮނުވާނަން." ރަހީމުގެ ނަޒަރު އެއްފަރާތް ކޮށްލިއެވެ އެއީ ޒީނާ ދެކެ އޭނާ ލޯބިވާކަމަށް ޝައްކުވެދާނެތީއެވެ. ކިތަންމެ ދުރުގައި އުޅެން ބޭނުންވިޔަސް އޭނާއަށް ޒީނާ ގާތަށް އާދެވެނީއެވެ. ވާހަކަދައްކަން ހިތް އެދިގޮވަނީއެވެ. ނަމަވެސް އޭނާއަކީ ކެތްތެރިއެކެވެ. ނަފްސު ކޮންޓްރޯލްކުރާ ހަރުދަނާ މީހެކެވެ.
"ކިއްވެގެންތޯ އަޅުގަނޑަށް އެހާ ރަނގަޅީ." ޒީނާ މިހާރު ޖެހިލުމެއް ނުވެއެވެ. އެކަމަކު ޒާތެއްގެ ލަދުވެތިކަމެއްގެ ސަބަބުން ރަހީމުގެ މޫނަށް ބެލުމަށް ނުކުޅެދެއެވެ. އޭނާގެހިތަށް ތަފާތު ޝުއޫރުތަކެއް ވެރިވެއެވެ. ބައެއްފަހަރު ލަދުން އޮޅޭ ގޮތްވެސް ވެއެވެ.
"ރަނގަޅުތަ؟ އެއީ ޒީނާވެސް ރަނގަޅުވީމައެއްނު." ރަހީމު ހިނިތުންވެލިއެވެ. ޒީނާ ކޮންމެ އެއްޗެއް އަހާލާގޮތުންވެސް އޭނާއަށް ސިފަވަނީ ލޯބިވެތިކަމެވެ. ޅަ ޒުވާންކަމެވެ. ނަފުސް ކޮންޓްރޯލުން ދޫވަމުންދަނީ އޭނާގެ އިޚްތިޔާރަކު ނޫނެވެ. މަޑުމަޑުން އޭނާ ޒީނާއާއި ކައިރިވެވުނެވެ. ޒީނާވެސް ކަޅިޖަހާނުލާ ރަހީމުގެ އަޖައިބެއްކަހަލަ ހިމޭންކަމާއި ހަރަކާތަށް ބަލަން އިނދެވުނެވެ. އެދެމީހުން ހަތަރު ކަޅި ސީދާވިއެވެ. ބަޔާން ނުކޮށްދެވޭކަހަލަ އެތައް ކަމެއް ދެމީހުންނަށް ފާހަގަ ކުރެވުނެވެ. ދެމީހުންގެ ނަފްސުވެސް ގޮވަމުން ދިޔައީ އެއްކަމަކަށެވެ. އެކަކުގެ އަނެކަކުގެ ލޯތްބަށެވެ. ދެމީހުންގެ އޯގާތެރި ގާތްވެލުމަށެވެ. ނަމަވެސް ކުއްލިއަކަށް އެދެމީހުންގެ ހިތުގެ ވާހަކަތައް ނިމުނީ ޒީނާގެ ފޯން ރިންގްވުމުންނެވެ.
"ޔައީން ކިހިނެއްވީ؟ ޒީނާ ފޯން ހިފައިގެން ދުރަށް ޖެހިލިއެވެ. ރަހީމަށް ހަގީގަތާއި މެދު ފުރިހަމައަށް ވިސްނާލެވުނެވެ. ހަގީގަތަކީ ޒީނާއާމެދު ކިތަންމެވަރަށް ވިސްނިނަމަވެސް އެއީ އޭނާގެ މީހަކަށް ނުވާނެކަމެވެ. ޒީނާގެ ލޯތްބާއި އޭނާ އަރާ އަރަފޯދިގެން ނުވާކަމެވެ. އޭނާއަށް ވުރެ މާފުރިހަމަ މާޒުވާން ކުދިން ޒީނާއަށްޓަކައި ފިދާވާނެއެވެ. ޔައީނަކީވެސް އެއީ އޭގެތެރެއިން އެކެކެވެ. އޭނާ އެނބުރި ދިޔައީ އޭނާ ޒީނާއަށްޓަކައި ވީ އިޚުލާސްތެރި ލޯބި ސިއްރުކުރަމުންނެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލުތައް
ގިނަދުވަސްތަކައްފަހު ގެނެސްދިން ބައި ވެސްހާދަކުރޭ