ކެތްތެރިކަމުގެ ދަރުމަ 1

ކެތްތެރިކަމަކީ މީހާގެ ނަފްސު ކެތްތެރިކަން ކުޑަވެ ނުރުހުން ނުވުމާއި، ދުލުން ޝަކުވާ ނުކުރުމާއި ހަށިގަނޑުގެ ބައިތަކަށް އަމިއްލަ ނަފްސަށް ނުވަތަ އެހެން މީހުންނަށް ގެއްލުން ނުދިނުމަށް ހިފެހެއްޓުމެވެ. ކެތްތެރިކަމުގެ ޤުރުއާނާއި ލޮބުވެތި ރަސޫލާ (ޞޢވ) ގެ ސުންނަތުގައި އެތައް ތަނެއްގައި ޛިކުރު ކުރެވިފައިވާއިރު، އެއިން ކެތްތެރިކަމުގެ މާތްކަމާއި ބޮޑުކަން ހާމަވެގެންދެއެވެ. ޢަރަބި ބަހުން (ޞަބުރު) ކެތްތެރިކަމުގެ މާނައަކީ ހަނިކުރުން ނުވަތަ ހިފެހެއްޓުމެވެ.

އިސްލާމްދީނުގައި ކެތްތެރިވުން

الله ތަޢާލާގެ ޙަޟްރަތުގައިވެސް އަދި އިސްލާމްދީނުގައިވެސް ކެތްތެރިކަމަކީ ވަރަށް ބޮޑު ދަރަޖައެއް ދެވިފައިވާ ކަމެކެވެ. ކެތްތެރިކަމަކީ ޢަމަލުތަކުން އެންމެ ރަނގަޅު ޢަމަލުކަމަށާއި، އެއްވެސް ޙައްދެއް ނެތް ބޮޑު ޘަވާބެއް ލިބިގެންދާ ކަމެކެވެ. މާތް الله ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا فِي هَٰذِهِ الدُّنْيَا حَسَنَةٌ ۗ وَأَرْضُ اللَّهِ وَاسِعَةٌ ۗ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ

ކަލޭގެފާނު ވިދާޅުވާށެވެ! އޭ إيمان ވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި اللَّه ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.

(ޤުރުއާން، 39:10).

ގިނަ ޘަވާބާއި ހެޔޮ ދަރުމައޮތީ ހަމައެކަނި އަޅުގަނޑުމެންގެ ތެރެއިން އެބައިމީހުންގެ ވެރިރަސްކަލާނގެ އަމުރަށް ކެތްތެރިވާ މީހުންނަށެވެ. މިދުނިޔޭގައި އަޅުގަނޑުމެންނަށް އެތައް ދަތިތަކަކާއި ނުވަތަ އިމްތިޙާނާއި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހުނަސް އުނދަގޫ ދުވަސްވަރެއްގައި ކެތްތެރިކަން އިސްކުރި މީހުންނަށް މާތް اللهގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބެއެވެ.

އިސްލާމްދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަގުކަމުގައި ވާއިރު، ދިރިއުޅުމުގެ ކޮންމެ ދާއިރާއަކުން އަޅުގަނޑުމެންނަށް މަގުދައްކައިދީ އުނގަންނައިދެނީ މި ދީނުގެ ރިވެތި އަޚްލާގުތަކެވެ. އެ ދީނުގައި އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެންމެ މުހިއްމު އެއްކަމަކީ ދަތި ޙާލަތުގައި ކެތްތެރިކަން އިސްކުރަން ޖެހޭނެކަމެވެ. އަބަދުވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މާތްالله އާއިމެދު އަޅުގަނޑުމެން އޮންނަ ވަރުގަދަ ޢަޤީދާ ޤަބޫލުކުރުމެވެ. އެކަލާނގެ ދުވަހަކުވެސް އަޅުގަނޑުމެން އެކަނި ނުކުރައްވާނެ ކަމެވެ. ޤުރުއާނުގައި ﷲ ތަޢާލާ ޙަދީޘް ކުރައްވާފައިވެއެވެ. އަދި ކެތްތެރިވާށެވެ. ހަމަކަށަވަރުން، ކެތްތެރިވާ މީހުންނާއެކު الله ވޮޑިގެންވެއެވެ.

وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖ وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ

އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.

(ޤުރުއާން، 8:46).

ކީރިތި ޤުރުއާނުގެ މި އާޔަތުން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނީ އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކޮންމެ ހާލަތެއްގައި ވިޔަސް އަޅުގަނޑުމެން ވަފާތެރިވެ ކެތްތެރިވާން ޖެހޭނީ الله އަށް ކަމަށެވެ. އެކަލާންގެ އަޅުގަނޑުމެންނާއެކު ހުންނެވި ފަދައިން އެކަލާނގެ ދުވަހަކުވެސް އަޅުގަނޑުމެން އެކަނި ނުކުރައްވާނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *