( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )
ނާސިހާ ދިއުމުން ރުކާން ވިސްނާލިއެވެ. ތެދެކެވެ. މިއުވާން މިނިވަން ވެއްޖެއެވެ. އޭނާ ގެ ޚަބަރެއް ނުވެއެވެ. އަންނާނަމޭ ބުނެފައި މިހާދުވަސް މިވަނީ ކީއްވެ ހެއްޔެވެ؟ ނޫނީ ފޯނުވެސް ކޮށްނުލެވެންވީ ކީއްވެހެއްޔެވެ؟ ފޯނު ބޫތަށް ކޮންމެ ދުވަހަކުވެސް އެތައް ފޯނެއް އާދެއެވެ. ނަމަވެސް އޭނާއަކަށް ގުޅާމީހެއް ނެތެވެ. މިއުވާނަކީ ހަގީގަތުގައިވެސް މަކަރުވެރިއެކެވެ. އޭނާ ހުރިހާ ކަމެއްވެސް އޮޅުވާލީއެވެ.
"ހޫން…..ހިތުން ވަރަށް މޮޅުވާނެކަމަށް އެސޮރާއި އިނީ… ހީކުރީ ވަރަށް މުއްސަނދި ދިރިއުޅުމެއް ލިބިދާނެކަމަށް. ފެންނެތް ބޮޑުކާށި ނުބިންނާށޭ ބުނަނީ އެހެންވެ." ރައޫފު ބުނެލި މިޖުމުލައިން ރުކާން ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ.
ހަމައެކަނި ރައޫފެއް ނޫނެވެ. ރަށުމީހުން އޭނާއަށް މަލާމަތް ކުރެއެވެ. އެއްބަޔަކު ބުނަނީ އޭނާ ހިތުން އެހުރީ މޮޅު މީހަކާއި ކައިވެނި ކޮށްގެންނެވެ. މާލޭ މީހަކާއި ކައިވެނި ކުރެވުނީމާ ވަރަށް މޮޅު ވެއްޖެއެވެ. މުއްސައްޖެއް ކަމަށް ހީކޮށް ތާކު ހުރި ވަގަކާއި ރުކާން ކައިވެނި ކުރީ ވަރަށް މޮޅުތަކެއް ވާނެކަމަށެވެ.
ރުކާންގެ ހިތުގައި މިއުވާނަށް އޮތް ލޯބި މިހާރު ވަނީ ނަފުރަތަށް ބަދަލު ވެފައެވެ. އޭނާއާއި ކައިވެނި ކުރުމަށްފަހު އެންމެ ދުވަހެއް ހޭދަކުރި އޭނާގެ ފިރިމީހާ ވީ ހިސާބެއް އޭނާއަކަށް ނޭނގެއެވެ. އޭގެފަހުން މިހާރު ދެ އަހަރު ވެއްޖެއެވެ. މިދުވަސް ތަކުގެ ތެރޭގައި ރުކާންގެ ހިމޭން މިޒާޖު ވަނީ އިތުރަށް ހިމޭންވެފައެވެ.ގެއިން ބޭރަށް ނިކުތުން ވެސް މުޅިން ހުއްޓިފައެވެ. މަންމައަށް އަޅާލުން ވެސް އޭނާއަށް މިހާރު ވަނީ ބޮޑުކަމަކަށެވެ. އެންމެފަހުން މަންމަ ގޭގެއަށް ގޮސް މީހުންނަށް ކައްކައިދީ ހަދައިގެން ބަނޑުފުރާނަ މުއްތި ކުރެވެއެވެ. ރަށުގައި ބިކަވުމުގެ ސަބަބުން އެދެމައިން ދިޔައީ ދުވަހެއް ދުވަހަކަށް ނިކަމެތި ވަމުންނެވެ.
"ރުކާން… ކޮބާ މަންމަ؟" ނާސިހާ ދުވެފައި އައިސް،މަސްހުނި ކޮޅަކާއި ހުނި ރޮއްޓެއްކާން އިން ރުކާން ގާތު ބުންޏެވެ.
"ނާދިރާ ގޯތީގައި. ކިހިނެއްވީ؟"
"ޒަލްފާއްތަގޭ އާދަނަށް ގޮތެއްވެގެން އުޅެނީ. ހީވަނީ ފިޓު ޖެހުނީހެން." ނާސިހާ ދުވެފައި ދަމުން ބުނެލިއެވެ. ރުކާންވެސް ދުވެފައި އެގޭދޮށަށް ދިޔައެވެ. އޭރު އެންމެ ފަހުގެ ނޭވާއާއެކު އާދަނު މިދުނިޔެއިން ވަކިވެއްޖެއެވެ. ޒަލްފާ ރޯވަރުން ރުކާންވެސް ގެއަށް އަންނަން ނުކެރި ދުވަސްކޮޅެއް ވަންދެން އެގޭގައި އިނެވެ. އެދުވަސް ކޮޅުގައި ދައްތަދެކެ އަބަދުވެސް ލޯބިވާ މަޖީދުގެ އެހީތެރިކަން ދައްތައަށް ލިބުނެވެ. މަޖީދު ހުރީ ޒަލްފާގެ ކުދިން ތިއްބަސް ޒަލްފާއާއި ކައިވެނި ކުރާށެވެ. ޒަލްފާގެ ވިސްނުންވެސް މަޖީދުއާއި އެއްގޮތްވެ މަޖީދުއާއި ކައިވެނިކޮށް ދެކުދިން ގޮވައިގެން މިހާރު މަޖީދު ދިރިއުޅޭ ސ. ހިތަދޫއަށް ބަދަލު ވެއްޖެއެވެ. މިކަމާއި ރުކާންގެ ދެމައިންނަށް ލިބުނު އެކަނިވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.
މިއުވާން ދިޔަފަހުން ދެ އަހަރުވީއިރުވެސް އޭނާގެ ޚަބަރެއް ނުވެއެވެ. ރުކާން ވަނީ މިހާރު އެ ހިތާމަވެރި ދިރިއުޅުމަށް އާދަވެފައެވެ. މަންމަގެ ނަސޭހަތުގެ ސަބަބުން ބައެއް ފަހަރު ހަރުދަނާ ކަންމަތީ ހުރެވުނަސް ގިނަފަހަރު ދަނީ ފޫހި ކަމާއެކު ގޭތެރެއިން ނުނިކުމެ ވިސްނުމުގައެވެ.
އެހެންރޭރެއާއިޚިލާފަށް މިރޭ ވިއްސާރަވެފައި ވައިގަދަކަމުން އެ ބާ ޖިފުޓިގަނޑު ހީވަނީ ވެއްޓި ދާނެހެންނެވެ. ބިރުން ނުނިދިފައި އޮތް ރުކާނަށް ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. އޭނާއަށް ހޭލެވުނީ ގަދަ އަޑުފަށްގަނޑާއެކު އޭނާގަޔަށްވާރޭ ވެހޭތީއެވެ. އޭރު ބޭރުގައި ހުރި ޖަބުރޯލުގަހުގެ ބޮޑު އޮތްޕެއް އިރައިގެންގޮސް އެގޭމައްޗަށް ވެއްޓި ގޭގެ އެއްފަރާތް ވަނީ ހަލާކުވެފައެވެ. އޭނާ އަވަހަށް ބެލީ މަންމަގެ ޚަބަރެއް ވޭތޯއެވެ. މަންމަ ނިދާފައި އޮތް އެނދާދިމާއަށް އޭނާ ދިޔައެވެ. އޭރު ވެއްޓިފައިވާ އޮފިގަނޑާއި ގޭގައި ހުރި ސިމެންތި ޓިނުތައް ހުރީ މަންމަ ގައިމަތީގައެވެ. އަޑުފައްގަނޑު ގަދަވެގެން މީހުން އެސަރަހައްދަށް އެއްވަމުންދެއެވެ. ހަޅޭއްލަވަމުންދާ ރުކާން މައިތިރި ކުރެވޭތޯ އަންހެންވެރިން އުޅެމުންދާއިރު ފިރިހެންވެރިން އޭނާގެ މަންމަ ސަލާމަތްކުރެވޭތޯ ބަލަމުން ދިޔައެވެ. ނަމަވެސް މަންމަ ސަލާމަތްކޮށް ނެރެވުނުއިރު ވަނީ މާ ލަސްވެފައެވެ. އެ މުސްކުޅި އަންހެނާގެ ފުރާނަ ނެތް މަސްގަނޑު ރުކާނަށް ފެނުމުން ޚަބަރު ހުސްވެގެން ވެއްޓުނެވެ.
ރުކާން ހޭ އެރިއިރު ހުރިހާ ކަމެއްވަނީ ބަދަލުވެފައެވެ. މަންމަ ދުނިޔޭގައި ނެތްތާ އުޅެން ހުރިގެގަނޑުވަނީ ހަލާކު ވެފައެވެ. ވަންނާނެތަނެއް އަޅާލާނެ ޔާރެއް އިޔާރެއް އޭނާގެ ނުވެއެވެ. ހުރިހާކަމެއް ހިތަށް އެރުމުން އޭނާ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ހިތާމައިގެވެސް އިންތިހާގައި އޭނާވަނީ ބަނދެވިފައެވެ. މިވަގުތުގައި އޭނާއަށް އޯގާތެރިވީ ނާސިހާއެވެ. ނާސިހާގެ އެހީތެރިކަމުން އޭނާއަށް އެގެއިން ޖާގަ ލިބުނެވެ.
"އަހަރެން މަންމަ ގާތު ވަރަށް އާދޭސް ކުރިން. ބައްޕަގެ ރަނގަޅުކަމުން ރުކާން އަހަރެންގެ ގޭގައި ހުރެވުނީ."
"ނާސިހާގެ ތި ހެޔޮކަން ދުވަހަކުވެސް އަހަރެން ހަނދާން ނުނެތޭނެ."
"ރުކާން ހިތާމަ ނުކުރޭ. އަހަރެންނަށް ވެވުނު އެހީއެއް ވެދޭނަން."
"މިއުވާން ދިޔަފަހުން އަހަރެން ވަރަށް އެކަނިވެރިވި. މިހާރު މަންމަ ނިޔާވުމުން އަހަރެން މިހާރު ދިރިއުޅޭކަށްވެސް ބޭނުމެއްނޫން." ރުކާން ރޯން ފެށިއެވެ.
"ރުކާން. ހިތްވަރު ކުރޭ. އަމިއްލައަށް މަރުވުމަކީ ކިހާބޮޑު އަޒާބެއް ލިބޭނެ ކަމެއްކަން ރުކާނަށްވެސް އެނގެއެއްނު."
ނާސިހާއަކީ އެގޭގައި އެއްވެސް ބާރެއްނެތް އާދައިގެ ކުއްޖަކަށްވާތީ ގޭގެ ކުދިން ގިނަކަމާއި އާއިލީ މައްސަލަ ބޮޑުކަމުން ރުކާނަށް އެގޭގައި ހުރުންވީ ބޮޑު ވޭނަކަށެވެ. ދޭތެރެ ދޭތެރެއިން އޭނާއަށް އިވޭ ބަސްތަކުން މީހެއް ގާތުގައި ހުރުމަކީ ކޮންފަދަ ހިތާމައެއްކަން އޭނާއަށް އިހުސާސް ކުރެވުނެވެ. ނާސިހާގެ މަންމަގެ ހަރުކަށި ކަމަކީ އެރަށުގައި މަޝްހޫރުކަމެކެވެ.
"ކާންދޭނެ ދަރިން މަދުވެގެންތަ މިރުކާން މިގެއަށް ގެނެސްލީ."
"މަންމާ. އޭނާގެ ފަރާތުން ކޮން އުނދަގުލެއް ވެގެންތަ މަންމަ އެހާ ރުޅި އަންނަނީ."
"މި ބުނީއެއްނު އޭނާއަކަށް މިގެއަކު ނުހުރެވޭނޭ. ތަނެއްގަ މީހަކު އުޅުނަކަސް ނާސިހާ ޖެހޭތަ މިގެއަށް އެމީހަކު ގެނެސް ކާންދޭން."
"އެކަމަކު މަންމާ…." ނާސިހާ ރޯން ފެށިއެވެ. އޭނާ ރުކާނާ މެދު ހަމްދަރުދީ ވާވަރަކަށް މިރަށު އެކަކުވެސް ހަމްދަރު ދީއެއް ނުވެއެވެ. މިހުރިހާ އަޑުތަކެއް އަހަން ހުރި ރުކާނަށް ހީވަނީ ހޮނު ގުގުރިއެއް އޭނާގެ ކަންފަތް ފަޅާލާ ފާނެހެންނެވެ. އެންމެފަހުން އޭނާ އެގެއިން ނިކުތެވެ. ދާނެ ވަކި ތަނެއް ނެތި އޭނާ ހިނގަމުން ދިޔައެވެ.
ވިއްސާރަ ރެއެކެވެ. ރުކާންވަނީ އޭނާގެ އުންމީދެއްނެތް ހަޔާތާމެދު ދެރަވެފައެވެ. ކުއްލިއަކަށް ހިތަށް އެރީ ސައުކަތު މަތިންނެވެ. ސައުކަތު ވަނީ ފެށުނީއްސުރެވެސް ރުކާނަށް ބޭނުން ވެފައިކަން އޭނާއަށް އެނގެއެވެ. އޭނާ ހަމަގައިމުވެސް ހިޔާވަހިކަން ދޭނެއެވެ. އެންމެފަހުން އެނޫން ގޮތެއް ނެތިގެން އޭނާ ސައުކަތުގެ ގެއަށް ދިޔައެވެ. ވާރޭ ވެހޭވަރުންނާއި މަގުގައި ހެދިފައިވާ ފެންގަޑުގެ ބޮޑުކަމުން ހިނގާފައި ދެވޭވަރެއް ނޫނެވެ. ބާރަށް ޖެހޭ ވައިރޯޅިން އެނިކަމެތި ހަށިގަނޑު އެއްލާލާ ފަދައެވެ. އޭނާގޮސް އެބޮޑު ގޭގެ ދޮރުގައި ޓަކިޖަހާލިއެވެ. އެތެރެއިން ވަންނާށޭ ބުނިއަޑު އޭނާއަށް ނީވުނީ ކަންނޭނގެއެވެ. އިރުގަނޑެއްފަހުން ސައުކަތު އައިސް ދޮރު ހުޅުވާލިއެވެ.
"ރުކާން….. ކިހިނެއްވީ؟" ސައުކަތު ހުރީ ކުރިމަތިން ފެންނަމުންދާ މަންޒަރާއި މެދު ޔަގީން ނުކުރެވިފައެވެ.
"އަހަރެން އެތެރެއަށް ވަނަސް ހެޔޮތަ؟" ރުކާން ނުރޮވޭތޯ ހިތްވަރު ކުރަމުން ދިޔައެވެ.
"އަވަހަށް ވަދޭ. އަހަރެން ހީކުރީ ދުވަހަކުވެސް ރުކާން އަހަރެން ގާތަށް ނާންނާނެ ކަމަށް."
"އަހަރެންނަށް މިގޭގައި ހުރެވިދާނެތަ؟" ސީދާ މައުޟޫއަށް ރުކާން ދިޔައެވެ.
"ހުރެވިދާނެ… އެކަމަކު." ރުކާން އޭނާގާތަށް އައުން އަދިވެސް ޔަގީން ނުކުރެވެނީއެވެ.
"އަހަރެން މިއުވާން ގާތުން ވަރިވެ ސައުކަތާއި ކައިވެނި ކޮށްފާނަން. ސައުކަތު ބުނި ހުރިހާ ގޮތަކަށް އުޅެވޭތޯ ބަލާނަން." އޭނާއަށް ރޮވެން ފެށިއެވެ.
"ނޫން ރުކާން. ރުކާންގެ ނުރުހުމުގައި އަހަރެން ރުކާނަކާއި ކައިވެންޏެއް ނުކުރާނަން. އެކަމަކު އަހަރެން ރުކާނަށް ބޯހިޔާވަހިކަން ދީ ކާންބޯދޭނަން. އަހަރެންނަކީ ރަހުމަތް ތެރިއަކަށް ބަލާ. ދެމީހުން ދުވަސްކޮޅަކު އުޅެލެވުމުން ލޯބި ވެދާނެކަން މަށަށް ޔަގީން. އޭރުން ކައިވެނިވެސް ކުރެވިދާނެ." ސައުކަތުގެ މި އިޚްލާސްތެރި ބަސްކޮޅުން ރުކާން ހިތްހަމަ ޖެހުނެވެ. އެންމެފަހުން ރުކާނަށް ވީ ކޮޓަރިއާއި ބޭނުން ވެދާނެ ހުރިހާ ޚިދުމަތެއްވެސް ސައުކަތު ރުކާނަށް ހޯދައިދިނެވެ.
ރުކާން ސައުކަތަށް ހުރިހާ ޚިދްމަތެއް ދެމުން ގެންދެއެވެ. ކެއްކުމާއި ތާހިރު ކުރުމާއި ދޮވެ އިސްތިރި ކުރުމުގައެވެ. ސައުކަތުގެ އޯގާތެރިކަމާއި ނިޔަތް ރަނގަޅުކަމުން ރުކާނަށް މަޑުމަޑުން ހިތްހަމަޖެހުން ލިބެއެވެ. ސައުކަތުގެ ފުށުން ކުރިން ފެނުނު ފާހިޝްކަމެއް މިހާރަކު ނުފެނެއެވެ. އޭނާ އޯގާތެރިވެފައި ރަނގަޅެވެ. ރުކާންއާއި ސައުކަތުވެސް ގަބޫލު ކުރަމުން ދިޔައީ މިގޮތުގައި އުޅެނިކޮށް ރުކާންވެސް ސައުކަތާއި ގަޔާވެވިދާނެކަމަށެވެ. އޭރުންކޯޓަށް މައްސަލަ ލައިގެން މިއުވާންގާތުން ވަރިވެ ސައުކަތާއި ކައިވެނިކުރަން ރުހެވިދާނެ ކަމަށެވެ. ނަމަވެސް ނާސިހާގެ ބައެއް ވާހަކަތައް ހުންނަ ގޮތުން އޭނާ ސައުކަތަށް ޝައްކުގެ ނަޒަރުން ބެލެވޭ ގޮތްވެއެވެ.
"ރުކާން. އަހަންނަކަށް ނޭނގެ ކީއްވެކަމެއް އެމީހާދެކެ އެހާ ފޫހިވަނީ. އެމީހާ ރަނގަޅު ވެދާނެހެންނެއް ހީއެއްނުވޭ."
"ނޫން ނާސިހާ. އޭނާ ވަރަށް ރަނގަޅު. ކުރީރޭ އަހަރެން ބަލިވެ އުޅުނު އިރުވެސް ވަރަށް ގިނައިރު ގާތުގައި އިން. ބޭސްވެސް ގެނެސްދިން."
"ރުކާން ބަލިވިތަ؟ ކީއްވެ އަންގާނުލީ."
"ނޭނގެ. މީގެ ދުވަސްކޮޅެއް ކުރިން އަހަރެން ހޭލިއިރު މުޅި ގައިގާ ރިއްސަނީ. ދަށްބަޑު ކޮޅުގައިވެސް އެހާވަރަށް ރިއްސި."
"ޑޮކްޓަރަށް ދެއްކިންތަ؟"
"ނޫން. އަހަރެން ޑޮކްޓަރަށް ދައްކަން ބުނީމަ ބުނީ އެއީ ރޯގާއަކަށް ވެދާނެކަމަށް. ދެން ބޭސްދިނީ. މިހާރު ރަނގަޅު."
"ކިހިނެއްބާ އެވީ؟"
"ނޭނގެ. އެރޭ ވަރަށް ނިދިގަދަހެން ހީވަނީ. ބައެއް ފަހަރު ހަށިގަނޑަށް ބަރުވާހެން ހީވެގެން ހޭލެވުނު. އެކަމަކު ލޮލެއް ނުހުޅުވުނު. ނޭވާލާންވެސް ދަތިވި. މިހާރުވެސް ދޭތެރެ ދޭތެރެއިން ނިދަން އޮންނައިރު އެހެންވޭ."
"ތިވާނީ ރުކާން މާބޮޑަށް ވިސްނާތީކަމަށް. ނޫނީ ފަހަރެއްގައި." ނާސިހާ ހުއްޓާލިއެވެ.
"ފަހަރެއްގައި ކިހިނެއްވީ."
"އެ ސައުކަތު ރުކާނަށް ކަމެއް ކުރަނީ ކަންނޭނގެ."
"ނޫން. އޭނާއަކަށް އަހަންނަކަށް ކަމެއް ނުކުރެވޭނެ. އަހަރެން އޮންނަނީ ތަޅުލައިގެން. އެހެންނޫނަސް އޭނާ މިހާރު އަހަންނަށް ވަރަށް ރަނގަޅު."
"އޭނާ ފަންޑިތަވެސް ހަދާފާނެއެއްނު."
"ނޫން. މިހާރު ދެން އެކަހަލަ ކަމެއް އޭނާޔެއް ނުކުރާނެއެއްނު. އޭނާގެ ސިފަހުތުރުކަމުން އަހަރެމެންނަށް ހީވަނީ އޭނާ ގޯހޭ. އަސްލު އެހެންވަނީ ކުޑައިރުންފެށިގެންވެސް ސިފަހުތުރު މީހުންނަށް މަލާމަތް ކުރާތީ." ރުކާނަކަށް ގަބޫލެއް ނުކުރެވެއެވެ. ނާސިހާ ދިޔައީ ރުކާނަށް ހިތްވަރުދީފައެވެ. ކަމެއް ގޯސްވަންޏާ އަންގާލަން ބުނެފައެވެ. ނާސިހާއަށް ކޮށްދެވޭ ކޮންމެ ކަމެއް ކޮށްދޭނެ ކަމުގައި ބުނަމުންނެވެ.
