އާއިލާގެ ތެރޭގައި ގުޅުންތައް ހީނަރުވަނީ!

ރާއްޖޭގައިވެސް ޢާއިލީ މައްސަލަތަކަކީ މިހާރު ވަރަށްބޮޑަށް ދިމާވަމުންއަންނަ އިޖްތިމާއީ މައްސަލައެކެވެ. މައިންބަފައިންނާއި ދަރިންނާއި އަދި އެއްބަޑުއެއްބަފާ ކުދިންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަން ނެތިގެންދާމަންޒަރު ދަނީ ފެންނަމުންނެވެ. އޭގެ ސަބަބުން އާއިލާގެ ތެރޭގައި އެކަކު އަނެކަކަށް ދިމާވާ ބޮޑެތިކަންތައްތަކުގައި އެކަނިވެރިކަމާއިއެކު ކުރިމަތިލާން ޖެހެއެވެ.

އާއިލާއާ ވަކިން އުޅުމަކީ ވޭންދެނިވި އަދި އެކަހެރި ކަމެކެވެ. ކޮންމެ މީހަކަށްވެސް އާއިލީ ގޮތުން ދުރުހެލިވުމަކީ ކުރިމަތިލާން އުނދަގޫ ހާލަތެކެވެ. ނިއުކްލިއަރ އާއިލާއެއްގައި މައިންބަފައިންނާއި ދަރިންގެ ގުޅުމަކީ އެންމެ ދިގުދެމިގެންދާ އަދި އެންމެ ގާތް ގުޅުންތަކެއްގެ ގޮތުގައި ހިމެނެންޖެހޭ ގުޅުންތަކެވެ. ކޮންމެ ފަހަރަކު މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަގުޅުމަކީ ނުވަތަ ހުރިހާ މުއާމަލާތްތަކަކީ ޕޮޒިޓިވް އެއްޗެއް ކަމަށް ނުވެދާނެއެވެ. އަދި ބައެއްފަހަރު އާއިލާގެ މެމްބަރުން އެކަކު އަނެކަކާ ދުރުވާން އިޚްތިޔާރުކުރެވެއެވެ. އަދި އެއީ އެކަން ކުރުމުން ނުހަނު އުނދަގޫ ކަމަކަށްވެސް ވެދާނެކަމެކެވެ.

ބައެއް ފަހަރު، އާއިލާގެ އެހެން މެމްބަރަކު އެމީހުންގެ ދިރިއުޅުމުން ގުޅުން ކަނޑާލަން ބޭނުންވާނީ ކީއްވެގެންކަން އެނގެން ދަތިވެއެވެ. ބޮޑުވެފައިވާ ބައެއް ކުދިން މައިންބަފައިންނާއި ގުޅުން ކަނޑާލަން އިޚްތިޔާރުކުރާ ސަބަބާއި އެކަމާ މެދު މައިންބަފައިންނަށް ކުރެވިދާނެ ކަންތައްތައް ދިރާސާ ކޮށްލާށެވެ.

އާއިލާގެ ގުޅުން ކެނޑުމަކީ ކޮބާ؟

އާއިލާއާއި ދުރުހެލިވުމަކީ އަނިޔާއެއް ހެއްޔެވެ؟ އެއީ ހިތާމަ ލިބޭ ކަމެއްހެއްޔެވެ؟ އާއިލީ ދުރުހެލިވުމަކީ ކޮބައި ހެއްޔެވެ؟ އާއިލީ ދުރުހެލިވުމަކީ އާއިލާއެއްގެ ތެރޭގައި އެކުއުޅޭ މެންބަރުން ވަކިވުމެވެ. އެހެންނަޒަރަކުން ބަލާއިރު ގިނަ ފަހަރަށް އާއިލާގެ އެކެއް ނުވަތަ އެއަށްވުރެ ގިނަ މެމްބަރުން އެކަކު އަނެކަކާ ދުރުވާން އިޚްތިޔާރު ކުރުމެވެ. އެއީ ގިނަ ފަހަރަށް ބޮޑެތި ކުދިންނާއި އެމީހުންގެ މައިންބަފައިންނާ ދެމެދު ދިމާވާ ކަމެއްކަމަށް ވީނަވެސް މައިންބަފައިންގެ މެދުގައި ވެސް އެފަދަ ދުރުހެލިވުންތައް އުފެދިފައިވެ އެވެ.

ވާހަކަދެއްކުން ހުއްޓާލުމާއި އަދި އެކަކު އަނެކަކާއި ބައްދަލުވުން ހުއްޓާލުމަކީ އާއިލާ ނުވަތަ އާއިލާގެ ވަކި މެމްބަރުންނާ ދުރުވުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެއް ގޮތެވެ. ސްޓެޓިސްޓިކްސް އޮން ފެމިލީ އެސްޓްރޭންޖްމަންޓް ފަހުގެ ޙަޔާތުގައި ޖީލުތަކުގެ މެދުގައި އޮންނަ ގުޅުންތަކާ ބެހޭގޮތުން 1997 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާގޮތުގައި ބޮޑެތި ކުދިންގެ ތެރެއިން %7 ކުދިންނަކީ މައިންނާ ދުރުވެފައިވާ ކުދިންނަށްވީހިނދު %27 ކުދިންނަކީ ބައްޕައިންނާ ދުރުވެފައިވާ ކުދިންނެވެ.  2015 ވަނަ އަހަރު އެމެރިކާގެ އިރުއުތުރުގެ ޔުނިވަރސިޓީތަކުގެ 354 އަންޑަގްރެޖުއޭޓް އަދި ގްރެޖުއޭޓް ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ ސާރވޭއަކުން ދައްކާ ގޮތުގައި  ޒުވާނުންގެ ތެރެއިން %44 މީހުން އާއިލީ ދުރުހެލިވުމާއި ކުރިމަތިލައެވެ.

އާއިލާގެ ގުޅުން ކެނޑެން ދިމާވަނީ ކީއްވެ؟

އާއިލާއާއި ދުރުހެލިވުމަށް ބާރުއަޅާ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ ގިނަ ފަހަރަށް ބޮޑު ހާދިސާއެއްގެ ސަބަބުން ދިމާވާ ނުތަނަވަސްކަމަކުން އެކަކު އަނެކަކާ ވާހަކަ ދެއްކުން ހުއްޓާލުމެވެ. ނުވަތަ އެކިފަހަރުމަތިން ކުރިމަތިވާ ހާދިސާތަކަކުން ދިމާވާ ކަމަކުން އެކަކު އަނެކަކާ އޮންނަންވާ ގުޅުން ކެނޑުމެވެ. މީގެ އިތުރުން ވަކި ވައްތަރެއްގެ ހާދިސާތަކެއްގެ ސަބަބުން އެއްކޮށް ގުޅުން ކެނޑިގެން ދިޔަނަމަވެސް ފަހުން ގުޅުން އުފެދޭގޮތް ދިމާވެއެވެ.  ނަމަވެސް އާންމުކޮށް އެ ހާދިސާއަކީ މައިގަނޑު ސަބަބަކަށްވުރެ ބޮޑަށް ދިމާވިކަމެއްގެ ސަބަބުން އުފެދުނު ނުތަނަވަސްކަމެއްގެ ގޮތުގައި ބެލިދާނެ ހާދިސާއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެއް ވައްތަރެއްގެ މުއާމަލާތެއް، އެއް ބެލެނިވެރިކަމުގެ ސްޓައިލެއް، ނުވަތަ އެއް މުހިންމު އާއިލީ ކޯޅުންތަކެއް ނެތި، އާއިލާގެ މެންބަރުން ދުރުހެލިވުމަށް މަގުފަހިވާ ގޮތެއް ނެތެވެ. ގިނަ ހާލަތްތަކުގައި ބެލެނިވެރިންނާއި ކުދިން ގަބޫލުކުރާ ގޮތުގައި އެ މައްސަލަތައް ކުރިމަތިވީ ވަރަށް ބޮޑަށް ތަފާތުތަކެއް އެމީހުންގެ މެދުގައި އުފެދުމުގެ ސަބަބުންނެވެ. އެ މައްސަލަ ނުވަތަ ހާދިސާ އެކަކު އަނެކަކު ތަފާތު ގޮތްގޮތަށް މާނަކުރެއެވެ. މައިންބަފައިން ދުރުހެލިވުމުގެ އަސާސީ ސަބަބަކީ އަމިއްލައަށް ވަރިވުމާއި، ދަރިންގެ އިއުތިރާޒު ކުރެވޭ ގުޅުންތަކާއި، ނުވަތަ ދަރިންނަށް ހައްގު ލިބިފައިވާ ކަމުގެ އިހުސާސުން ކަމަށެވެ.  ބޮޑެތި ކުދިން އެންމެ ގިނައިން ފާހަގަކުރަނީ  މައިންބަފައިންގެ ވިހަ ސުލޫކާއި، ކުދިންނަށް ބާރަށް އެއްޗިހިކިޔުމާއި، އެކުދިންނާއިމެދު ގޯސްކޮށް އަމަލުކުރުމާއި، ކުޑަކުދިންނަށް ކުރާ އަނިޔާއާއި، އިހުމާލުވުން ނުވަތަ އެމީހުންގެ އިހުސާސްތަކަށް ބިނާކޮށެވެ.

މީގެއިތުރުން އަނެކާގެ ޚިޔާލަށް ނުވަތަ ކަންކަމަށް ތާއީދު ނުލިބި ނުވަތަ ބަލައިނުގަނެވިފައިވާތީވެސް ގުޅުންތައް ކެނޑުމަށް މަގުފައިވެއެވެ. ގިނަފަހަރު އާއިލާ ރޫޅިފައިވާ ކުދިން އާއިލާއާއި ގުޅިގެން އުޅެން އުނދަގޫވެ އާއިލާއާއި ވަކިވުން ފެށުމުގެ ފުރުސަތު ބޮޑުވެއެވެ.

ބޮޑެތި ކުދިން މައިންބަފައިންނާ ވަކިވާން ޖެހޭ އާންމު ސަބަބުތަކެއްވެއެވެ. އެގޮތުން ދުރުވެފައިވާ މީހާގެ ޝަޚުޞިއްޔަތުގެ ސިފަތަކުގެ ސަބަބުން އަނެކާއަށް އުނދަގޫވުން ހިމެނެއެވެ. އެއީ ގިނަފަހަރު ނަފްސާނީ ބައްޔެކެވެ. އަމިއްލަ އެދުން ބޮޑުވުން ކަހަލަ ބަލައިނުގަނެވޭ އިޙްސާސްތަކެއް ހުރުމުން އަނެކާ ބަލައިނުގަނެވޭ ގޮތްވުމެވެ. މީގެ އިތުރުން ދުރުވެފައިވާ އާއިލާގެ މެންބަރަކު ނުވަތަ އެމީހުންގެ ތެރެއިން ނެގެޓިވް ސުލޫކެއްގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާއި، ކުޑައިރު ކުރާ އަނިޔާތަކުގެ ތެރޭގައި ހިމެނޭ ޖިސްމާނީ އަނިޔާތަކާއި، ޖިންސީ އަނިޔާތަކާއި އަދި ޖަޒުބާތީ އަނިޔާތަކާއި އެއްބަނޑު އެއްބަފާ ކުދިން ކުރާ އަނިޔާ ހިމެނެއެވެ.

ގަސްތުގައި އިހުމާލުވުމާއި، ނާޒުކު ކަންތައްތަކަށް ހަރުކަށިކަން އިސްކުރުމާއި، މާބޮޑަށް ކޮންޓްރޯލް ކުރެވޭ ބެލެނިވެރިކަމެއްގެތޭގައި ކުދިން ގެންގުޅުމާއި ނުވަތަ ހަރުކަށި އަދަބުދިނުމަކީވެސް ކުދިން މައިންބަފައިން ދޫކޮށް ހިނގައިދާ ކަންކަމެވެ.

އާއިލީ ކޯޅުން ނުވަތަ ވާދަވެރިކަމާއި، ބެލެނިވެރިންގެ ނުފޫޒު ކަންކަމުގައި އޮންނަގޮތުގެ ސަބަބުން ދޮގުހެދުމާއި ނުވަތަ ބެލެނިވެރިން ބޭނުންވާގޮތްގޮތަށް ކުދިން އަމަލުކުރަން މަޖުބޫރުކުރުމުންވެސް މައިންބަފައިންނާއި ދަރިފުޅުގެ ގުޅުމާ ބެހޭގޮތުން މައްސަލަ ދިމާވެއެވެ. މަސްތުވާތަކެތި ނުވަތަ ބަނގުރާ ބޭނުންކުރުމާއި ކައިވެނީގެ ގިނަ ކޯޅުންތަކުގައި ކުއްޖާއާ ދުރުހެލިވެއެވެ.

ކުއްޖާއާއި ބެލެނިވެރިޔާއާ ދެމެދު އޮންނަ ގުޅުމުގެ ތެރޭގައި އޯގާވެރިކަން ނެތުމާއި އެކަކުއަނެކަކަށް ރަހުމު ނުކުރުމަކީވެސް ފެންނަކަންކަމެވެ. މި ފާހަގަކުރި ވިހަ ސުލޫކުގެ ތެރޭގައި ރުޅިވެރިކަމާއި، މާޔޫސްކަމާއި ދުރަށްދިއުމަށް ކުރެވޭކަންކަމުގެ ސަބަބުން ދިމާވާ ދަތިތަކެއްވެސް ހުރެއެވެ. ޖިސްމާނީ ދުރުމިން ހުންނަ އާއިލާތަކުގައި އަދި މާބޮޑަށް ކޮންޓްރޯލްކުރާ ދިރިއުޅުމެއްގައި ނުވަތަ އަނިޔާކުރާ އަނބިމީހާ ނުވަތަ ފިރިމީހާ ގެ ސަބަބުންވެސް އާއިލާގެ ގުޅުން ކެނޑިގެންދެއެވެ.

ރާއްޖޭގެ ކުޑަކުޑަ މާހައުލުގައި ފެންނަންހުރި ހަގީގަތްތަކަށް ބަލާއިރު އާއިލީ ގުޅުންތައް ހީނަރުވަމުން ދަނީ މަދެއްކޮށެއް ނޫނެވެ. އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއި އަނެކާގެ ވިސްނުމާއި ޚިޔާލަށް ފުރުސަތު ނުދެވި ކޫސަނި މައްސަލަތައް ގިނަވެގެން އާއިލާގެ ތެރޭގައި އޮންނަންވާ އެކުވެރިކަމަށްް ބުރޫއަރައެވެ. އަނެކާގެ ޚިޔާލާއި ފިކުރަށްވެސް ކަމޭހިތާ ދުޅަހެޔޮ ގުޅުންތަކެއް ގާއިމުކުރުމަކީ ނަފްސާނީގޮތުންވެސް އެންމެންނަށް ފައިދާވާނެ ގޮތެވެ.

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *