( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )
ނާސިހާ ރުކާން ގާތު މާދަމާ ޑޮކްޓަރަށް ދައްކަން މަޑުކުރަން އާދޭސް ކުރިއެވެ. އެތައް ގޮތަކަށް ވިސްނައިދިނެވެ. ނަމަވެސް ރުކާން ގަބޫލެއް ނުކުރެއެވެ.
"ރުކާން ވިސްނައިގެން އުޅޭތި. ސައުކަތަށް މާބޮޑަށް އިތުބާރު ނުކުރާތި. އޭނާ ދޭ އެއްޗެއް ނުކާތި." އެންމެފަހުން ރަށަށް އައިސް ރުކާން ގެއަށް ވަންނަމުން ނާސިހާއަށް ބުނެދެވުނީ މިހާވަރަށެވެ.
"ނާސިހާ ކީއްވެގެންތަ އަބަދުވެސް ސައުކަތާމެދު ތިގޮތަށް ވިސްނަނީ؟" ރުކާނަށް މިއަދު ނާސިހާ ދައްކާ ވާހަކަތަކުން ބިރުގަންނަން ފެށިއެވެ.
"އަހަރެން އެމީހާދެކެ ފޫހިވޭ." ނާސިހާ އަށް ބުނެވުނީ މިވަރަށެވެ. ޔަގީން ނުވާކަމެއް އަދި އޭނާ ދައްކާކަށް ބޭނުމެއް ނުވެއެވެ.
ރުކާން އައުމުން ސައުކަތު ހުރީ ވަރަށް އުފަލުންނެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް އޭނާގެ އެއްވެސް ކަމެއް ރުކާނަކަށް ނޭނގެއެވެ. އެރޭ ރުކާން ނިދަން އުޅެއުޅެވެސް ނުނިދުނީ ނާސިހާގެ އަޖައިބެއް ކަހަލަ ނަސޭހަތްތައް ހަނދާންވާތީއެވެ. އޭނާ ދައްކާ ވާހަކަ ތަކުގައި އަބަދުވެސް ސައުކަތަށް އިތުބާރު ނުކުރަން ބުނެއެވެ. ޑޮކްޓަރު އެތައް ފަހަރަކު ފިރިމީހާއާ ބެހޭގޮތުންނާއި އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން ސުވާލު ކުރިއެވެ. މިހާރު ފިރިމީހާ ނެތްކަން ބުނުމުންނާއި ދުވަހަކުވެސް ފިރިހެނަކާއި ގުޅުމެއް ނޯންނަ ވާހަކަ ބުނުމުން ޑޮކްޓަރުގެ މޫނަށް އެރި ކުލަވަރު އޭނާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން މިރޭ އޭނާވެސް ސައުކަތާއިމެދު ޝައްކުތަކެއް ވާން ފަށައިފިއެވެ. ހަށިގަނޑަށް އަންނަ ބަދަލުތަކާއި އަބަދު ނިދިއަންނަ ގޮތްވެފައި ހުރުން އޭނާގެ އާދައަކަށް ވާންވީ ސަބަބު ނުވިސްނިގެން ހާސްވާން ފަށައިފިއެވެ.
ކުއްލިއަކަށް އޭނާއަށް ސަމާލުކަން ދެވުނީ މީހަކު އޭނާގެ ކޮޓަރި ތަޅުގައި ހިފާލުމުންނެވެ. މިދަންވަރު މި ބޮޑު ގޭގައި ސައުކަތު ނޫން އިތުރު މީހަކަށް ހުންނާނީ ކާކުބާވައެވެ؟ އޭނާ ދެލޯ މަރައިގެން ނިދާކަމަށް ހަދައިގެން އޮތީ ރަނގަޅަށް ކޮޓަރި ތަޅުލާފައިވާކަން ޔަގީން ވާތީއެވެ. އޭނާ ކުޑަކުޑަކޮށް ދެލޯ ހުޅުވާލިއެވެ. ސިއްސައިގެން ގޮސް ބިރުން ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައީ ތަޅުލާފައި ހުރި ކޮޓަރި ދެވަނަ ތަޅުދަނޑިން ހުޅުވައިގެން ސައުކަތު އެތެރެއަށް ވަންނަތަން ފެނުމުންނެވެ. އޭނާ ބިރުން ގޮސް ހަދާނެގޮތް ހުސްވުމުން ނިދާކަމަށް ހަދައިގެން އޮތެވެ. ސައުކަތު އޭނާގެ ގާތަށް އައިކަން އޭނާއަށް އެނގުނެވެ. އަދި ނުބައި ވަހެއްދުވާ ފޮތިގަނޑަކުން އޭނާގެ ނޭފަތުގައި ޖެއްސިކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.
ސައުކަތު އޭނާ ބޭނުންވާ ކޮންމެ ރެއަކު ރުކާނަށް މިގޯނާ ކުރެއެވެ. މިއީ ރުކާންގެ ފަރާތުން އޭނާ އަބަދުވެސް އެދޭ އެދުމެކެވެ. އޭނާއަށް ޔަގީންވާ ގޮތުގައި ރުކާނަށް މިކަން އެނގިއްޖެނަމަ އޭނާ ދެކެ ރުޅި އަންނާނެއެވެ. އަދި އެގެއިން ނިކުމެގެން ހިނގައިދާނެއެވެ. ނަމަވެސް އޭނާ ވަނީ ރުކާނަށް އިންތިހާއަށް ބޭނުން ވެފައެވެ. ރުކާންގެ ފަރާތުން އުފާ ލިބުމަކާ ނުލައި އޭނާއަށް ނިދޭ ކަމަކަށް ނުވެއެވެ.
އޭނާ މިހާރު އަޒުމު ކަނޑައަޅައި އެއަޒުމު ކާމިޔާބު ކުރުމަށްޓަކައި ފަހުގެ މަސައްކަތް ކުރަން ފަށައިފިއެވެ. ރުކާން މީގެފަހުން އޭނާގެ މީހަކަށް ވުން ނޫން ގޮތެއް ދެން ނޯންނާނެއެވެ. ކޮންމެ ތާކަށް ރުކާން ދިޔަނަމަވެސް ދެން އޭނާ ރުކާން ގެންނާނެއެވެ. އަދި އޭނާގެ މީހަކަށް ހަދާނެއެވެ. ކިތަންމެ ބޮޑު ގުރުބާނީއެއް ވިޔަސް އަދި ކިތަންމެ ގިނަ ފައިސާއެއް ޚަރަދު ކުރަންވިޔަސް މެއެވެ. ނަމަވެސް އޭނާ އަދިވެސް މަޑުކޮށްލައިގެން ހުރީ ރުކާން އޭނާދެކެ ލޯބިވާނެކަމާއި ރުކާން އަމިއްލައަށް ކައިވެންޏަށް އެދޭނެކަން ގަބޫލު ކޮށްގެންނެވެ. މިހާރު އޭނާ ހުރިހާ މަސައްކަތެއްވެސް ކުރަނީ ރުކާން ރުއްސުމަށެވެ.
ރުކާނަށް ހޭލެވުނީ ހެނދުނު ނުވައެއްވެސް ޖެހިފަހުންނެވެ. ހޭލެވުނު އިރުވެސް ބޮލުގަޔާއި ބަނޑުގައި ރިއްސަނީ ހިނގާލަން ކެރޭ ވަރަކަށް ނޫނެވެ. އޭނާ ވަރަށް ހިތްވަރު ކޮށްފައި ނާސިހާ ގާތަށް ދިޔައެވެ. އޭރު އޭނާ ކޮޅަށް ނުހުރެވޭ ވަރަށް ހަށިގަނޑު ވަނީ ވަރުދެރަވެފައެވެ. ރުކާން މަޑުމަޑުން ނާސިހާ ގާތަށް ތިރިވަމުން ދިޔައެވެ. ނާސިހާއަށް ރުކާން ވެއްޓެންދާތަން ފެނުމާއެކު ރުކާން ގައިގާ ހިފެހެއްޓިއެވެ.
"ނާސިހާ" ރުކާން ވޭނުން ފުރިގެންވާ ގޮތަކަށް ރޯންފެށިއެވެ.
"ރުކާން. ކިހިނެއްވީ؟" ނާސިހާ ވަރަށް އުނދަގުލުން ރުކާން އެތާހުރި ގަސްގަނޑުގައި ބޭންދިއެވެ.
"ރޭގަ … ރޭގަ ..ކޮޓަރިއަށް …ސައުކަތުވަނީ… އަހަރެން ހުންނާނީ ތަޅުވެސް ލާފަ… އޭނާ އެކަމުވެސް ވަނީ." ރުކާނަށް ރޮވެން ފަށައިފިއެވެ.
"އޭނާ ރުކާނަށް ގޮތެއް ހެދިތަ؟"
"ނޭނގެ.. އޭނާ ފާޑެއްގެ ނުބައި ވަހެއްދުވާ ފޮތިގަނޑެއް ނޭފަތުގައި ޖެއްސީ. ދެން އަހަރެންނަށް ނިދުނީ ކަންނޭނގެ." ރުކާން އަދިވެސް ހުރީ ބިރުންނެވެ.
"އެއީ ފާޑެއްގެ މަސްތުވާ އެއްޗެއް. އޭނާ ރުކާން ގަދައަށް މަސްތު ކޮށްލަނީ."
"ކީއްކުރަން؟" ހައިރާންވެފައި ހުރި ރުކާން އެހިއެވެ.
"އެއީ އޭނާ ބޭނުންކަމެއް ކުރަންވެގެން. އޭނާ ރުކާނާއި ބެހެނީ. ބަލާބަލަ ހަށިގަނޑަށް އަންނަ ބަދަލު. ގައިގައި ރިއްސާ ރިއްސުން." ނާސިހާ ހުރީ ރުކާން އޭނާގެ ނަސޭހަތް ގަބޫލު ނުކުރާތީ ރުޅި އައިސްފައެވެ.
"އޭނާ އަހަންނާއި ބެހެނީތަ؟ އެކަމަކު އޭނާ ހާދަ ރަނގަޅޭ؟"
"ރަނގަޅު ވާނެއެއްނު ތިކަހަލަ މޮޔަޔަކު މޮޔަހައްދައިގެން ގެންގުޅެވެންޏާ." ނާސިހާ ގާތަށް ރުޅި އައިސްފިއެވެ.
"އެހެންވެތަ އަހަރެން ގައިގެ ބައެއްތަންތަން ނޫފާގެންފަ ހުންނަނީ؟ ބަނޑުގައި ރިއްސަނީ." ރުކާނަށްވެސް މިހާރު ވާގޮތް އޮޅުން ފިލައިފިއެވެ. އަދި އޭނާ ބާރަށް ރޯން ފަށައިފިއެވެ.
"އާން. ރުކާން ތިގެއަށް ދިޔައީއްސުރެ އޭނާ ތިކަމެއް ކުރާކަން މަށަށް ޔަގީން."
"ދެން ކިހިނެއް ހަދާނީ." ރުކާން ހަޅޭއްލަވައިގަތެވެ. އޭނާއަށް ބާރަށް ރޮވެނީއެވެ.
"ނުރޮއި ރުކާން. ވަގުތުން ހުއްޓާލާ." ނާސިހާ ދެއަތުން ރުކާންގެ ގައިގާ އޮޅުލައި ގަތެވެ.
"ނުރޮއި ހުރެވޭނީ ކިހިނެއް؟ އަހަރެންނަށް އަޅާލާނީ ކާކު. އަހަރެން މިފާފައިން ސަލާމަތް ކޮށްދޭނީ ކާކު؟ ދައްތަވެސް އަހަރެމެން ދޫކޮށްފައި އަޑުވެސް ނީވޭ ހިސާބަށް ހިނގައްޖެ. އޭނާއަކަށްވެސް މީހަކަށް އަޅާލެވޭ ވަރެއްނޫން. މަންމަވެސް އަހަރެމެން ދެބެން ދޫކޮށްލާފައި ދިޔައީ. އަޅެ މިއުވާން އެހެން ނުހެދިނަމަ…" ރުކާނަށް ގިސްލެވެނީއެވެ.
"މިއުވާން ވާހަކަ ނުދައްކާ. އޭނާ މިހާރު އުޅޭނީ ކޮންމެވެސް މީހަކާ އިނދެގެން ކަންނޭނގެ. މިހާރު އޭނާ ވާނީ ނުހަނު މުއްސަނދި އުފާވެރި ފުރިހަމަ ދިރިއުޅުމެއްގައި. އޭނާ އަންނާނެ ކަމަށް އުންމީދު ތިކުރެވެނީ ކީއްވެތަ؟" ނާސިހާ މިއުވާންދެކެ ރުޅިއައެވެ.
"ނާސިހާ. އަހަރެން ދެން އެގޭގައި އުޅޭނީ ކިހިނެއް؟" ރުކާން އަދިވެސް ރޮނީއެވެ. ނާސިހާވެސް ހުރީ ހާސްވެފައެވެ.
"ރުކާން ހުއްޓާލާ. އަންނާނަން ފޯނު ހިފައިގެން." ނާސިހާ ތެދުވިއެވެ. އޭނާ އެންމެފަހުން ހުސެންނަށް ގުޅިއެވެ. އަދި މިކަމުގެ ޚަބަރު ހުސެންނަށް ދިނެވެ. ހުސެންގެ އެދުމަކަށްވީ މައްސަލަ ޖެއްސުމެވެ. ނަމަވެސް ކޯޓަކީ ސައުކަތުގެ ތަނެކެވެ. އޭނާ ބޭނުން ގޮތަކަށް މައްސަލަ ނިންމާލާނެއެވެ. މާލެއަށް މައްސަލަ ފޮނުވައިގެން ބެލޭނެ ފުރުސަތެއް އެކަހަލަ ނިކަމެތިންގެ ނެތެވެ. އެހެންކަމުން އެއީ ރަނގަޅު ޚިޔާލެއް ނޫންކަން ހުސެންނަށް ނާސިހާ ވިސްނައިދިނެވެ.
"އެބައޮތް ގޮތެއް. އަހަރެންގެ ދައްތަގެ ރައްޓެއްސެއް އެބައުޅޭ ކުއްޖަކު ބޭނުންވެގެން. އެމީހުން ބޭނުންވަނީ ދައްތަގެ ރައްޓެއްސެއްގެ ގޭގައި އޮތް ބަލި އަންހެނަކަށް އެހީތެރިވާން. ކާންދީ ފެންވަރުވާ އެމީހާއާ އެކު ވަގުތު ހޭދަކުރަން. އެމީހުން މުސާރައެއްވެސް ދޭނެކަން ޔަގީން." އެންމެ ފަހުން ހުސެން ބުންޏެވެ.
"ކޮންބައެއްތަ އެގޭގައި އުޅެނީ. ދެން އެކަހަލަ ކަމެއް ހިނގާފާނެތީ އޭނާ ފޮނުވަން އަހަރެން ބިރުގަނޭ."
"އެގޭގައި އުޅެނީ އެ މުސްކުޅި އަންހެން މީހާއާއި އޭނަގެ ދަރިފުޅު. ގިނަ ފަހަރަށް އެމީހާ އުޅެނީ ރާއްޖެއިން ބޭރުގައި. އޭނާގެ އަނތްބެއްވެސް ހުންނަހެން ހީވަނީ. ކޮންމެ މީހަކު ސައުކަތުހާ ނުބައެއް ނުވާނެ. އަދި ޚާއްސަކޮށް އެކަހަލަ ގަދަރު ވެރީން."
"ތީ ރަގަޅު ގޮތެއް." ހުސެންގެ ޚިޔާލު ނާސިހާއަށް ވަރަށް ކަމު ދިޔައެވެ.
ނާސިހާ އުފަލާއެކު ރުކާނަށް ހުސެންގެ މި ހުށައެޅުން ކިޔައިދިނެވެ. އެއްގޮތަކަށްވެސް ސައުކަތުގޭގައި އުޅެން ބޭނުންނުވާ ރުކާން ހުރީ މަގުމަތީގައި ނިދަން ވިޔަސް އޭނާގެ ނުލަފާކަމުން ސަލާމަތްވާން ބޭނުންވެފައެވެ. މިހުށައެޅުން އޭނާ ގަބޫލުކުރީ މިނޫން ގޮތެއް އޭނާގެ ނެތީތީއެވެ.
"ފުރާ އެއްޗެއްއޮތީ މާދަމާ. މިރޭ ކޮންމެ ގޮތެއްވިޔަސް ރުކާން ޖެހޭނީ އެގޭގައި ނިދަން."
"އެކަމަކު ދެން އެގެއަށް އަހަރެން ދާނީ ކިހިނެއް؟"
"ރުކާން އެގެއަށްދޭ. ހަމަ އާދައިގެ ގޮތަކަށް އަމަލުތައް ބަހައްޓާ. އަހަރެމެން ދެ އަންހެނުންނަކަށް އެމީހާއާއި ހަނގުރާމައެއް ނުކުރެވޭނެ. ރުކާން މާލެ ދާން އުޅޭކަން އެނގޭއިރަށް ބޯޓު ވެރިމީހާ ގާތުބުނެގެން ރުކާން ދިޔަޔަކަ ނުދޭނެ. މިރޭ އެހެން ތަނަކަށް ނިދަން ހިނގައްޖެނަމަ އޭނާ އަށް ޝައްކު ވެދާނެ." ނާސިހާ ވިސްނުންތެރިކަމާއެކު ވާހަކަ ދެއްކިއެވެ.
"އެކަމަކު މިރޭވެސް…"
"އެމީހާ އެފޮތިގަނޑު ޖައްސާއިރަށް ނޭވާ ނުލާއޮވޭ. އޭރުން ހަށިގަނޑަކަށް އޭގެ އަސަރެއް ނުކުރާނެއެއްނު." ނާސިހާ އަށް ހީވާ ގޮތް ބުންޏެވެ.
ރުކާން ނާސިހާގެ ނަސޭހަތާއި އެއްގޮތަށް ވަރަށް ސަމާލުވެގެން ސައުކަތު ގޭގައި އުޅެން ފަށައިފިއެވެ. ސައުކަތުގެ އޯގާތެރިކަން ފެނިފައި ރުކާން އަންނަނީ ރުޅިއެވެ. އެ އޯގާތެރިކަމުގެ ފަހަތުގައިވަނީ މަކަރުވެރިކަމެވެ. މިހާރު އޭނާގެ ހިތުގައިވަނީ ދެންމެދެންމެ ސައުކަތު މަރާލާފާނެ ފަދަ ނަފުރަތުކަމެއް އުފެދިފައެވެ. ނިދަން ވީއިރު ރުކާންގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. އޭނާ ވަނީ ހަދާނެ ގޮތް ހުސްވެ ކަންބޮޑުވެފައެވެ.
(ނުނިމޭ)
