(19 އޮކްޓޯބަރ 2022ގެ ނޫހާއި ގުޅޭ)
ލީޝަން ބާރަށް ދޮރުހުޅުވާލިއެވެ. އަދި އެދިޔަބާރުމިނުގައި އޭނާގެ މަންމަގާތަށް ދިޔައެވެ. އަދި ޒީނާއާއި ބައްޕަގެ ގުޅުމާއި މިރޭގެ ހާދިޘާ އޭނާ އަށް ފެނުނުގޮތަށް ރާމިޒާއަށް ކިޔައިދިނެވެ. ނަމަވެސް ރާމިޒާ އަނގަޔަކުން ނުބުނެއެވެ. އޭނާ އެވާހަކަތަކެއް ގަބޫލެއް ނުކުރެއެވެ. މިހުރިހާ ދުވަހު އޭނާ ރަހީމާމެދު ދެއްކީ ދޮގުވާހަކަތަކެއްކަން އޭނާގަބޫލުކުރެއެވެ. ރަހީމުގެ ހެޔޮކަމާއި އޯގާތެރިކަން އޭނާ ލަދުގަންނަވަރަށް ލިބެމުންދެއެވެ. ވީއިރު އެކަން ގަބޫލު ކުރާނީ ކިހިނެއްހެއްޔެވެ؟ އޭނާވަނީ ރަހީމަށް ސަލާމަތްނުވެވޭވަރަށް ދަރާފައެވެ. ނަމަވެސް މިއަދު އޭނާއަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ ނުކުޅެދޭ މީހެއްގޮތުގައިވަނިކޮށް ބުރައެއްނެތި އަޅާލަނީ ރަހީމު ކަމަށްވީއިރު އޭނާވަނީ އިންތިހާއަށް ރަހީމަށް އަޅުދާސްވާން ބޭނުންވެފައެވެ. ލީޝަން ހުރިހާވާހަކައެއް ދެއްކިއިރުވެސް އޭނާ އަޅައެއްނުލައެވެ. ލީޝަންއަށް އޭނާދައްކާ ވާހަކަ ދޭހައެއްނުވާނެކަން އެނގެއެވެ. އެހެންކަމުން ލިބޭ ވޭނަށްވުރެ ހަނުހިމޭނުން އޮތިއްޔާ މާރަނގަޅެވެ.
ލީޝަން ދިއުމުން ޒީނާ އައިސް އެކޮޓަރިއަށްވަނެވެ. އޭނާ ރާމިޒާގެ އެނދުކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އަދި ކަނާތުގައި ހިފާލިއެވެ. ޒީނާގެ ދެލޯވަނީ ކަރުނުންފޯވެފައެވެ. އޭނާ ރާމިޒާއަށް ޝުކުރު އަދާކުރަނީއެވެ. އޭނާ ރާމިޒާ ގާތުގައި ރޮނީއެވެ. ނުހަނު ނިކަމެތި ހާލުގައި ވަނިކޮށް ގެނެސް ކިޔަވައިދިނީތީއެވެ. މިއަދު ކަންކަމަށް ގާބިލު ކިޔަވައިގެން ހުރި ދަރިއަކަށް ހަދައި ދިނީތީއެވެ. ދިރިއުޅުމެއް ހޯދައިދީ ދިރިއުޅުން ފަހިކޮށްދިނީތީއެވެ. އޭނާއަށް ރޮވެނީ ރާމިޒާ އޭނާއަށް މާފުކުރުމަށް އެދިއެވެ. އޭނާގެ އިޚުތިޔާރުން ބޭރުގައި ރަހީމާއި ގާތްވެވުނީތީއެވެ. އެއީ އޭނާ ގަސްދުގައި ކުރިކަމެއްނޫނެވެ. އެކަމާއި އޭނާ މިހާރު ލަދުގަނެއެވެ. އޭނާ ބޭނުންވަނީ މިހާރުވެސް އެގެއިން ދިޔުމަށެވެ. މާދަމާވެސް އޭނާއަށް ލަސްވަނީއެވެ. މިހުރިހާދުވަހު ރަހީމާއެކު އޭނާ އެފަދަ ގުޅުމެއް ނުބާއްވައެވެ. ނަމަވެސް ރަހީމު ވަނީ ވަރަށް ދެރަވެފައެވެ. އޭނާވަނީ މާޔޫސްވެފައެވެ. ދައްތައަށްޓަކައި އޭނާ ހާދަ ގުރުބާނެއްވިއެވެ. ހާދައިންތިޒާރެއް ކުރިއެވެ. ބަލިވެގެން އޮތް އެތައްދުވަހަކު ދައްތަގެ އިންތިޒާރުގައި ވަގުތުތައް ހޭދަކުރިއެވެ. ދައްތަގެ އަތުން މީރު ކާއެއްޗެއްސަށް އެދުނެވެ. އޭނާ އެދެމުންދިޔައީ ދައްތަގެ ލޯތްބަށެވެ. ލީޝަންގެ ކިޔަމަންތެރިކަމަށެވެ. އާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަށެވެ. ނަމަވެސް އެހުރިހާކަމެއް އޭނާއަތުން ވަނީ ބީވެފައެވެ. އެކަމަކު އެއީ އޯގާތެރި މާތްމީހެކެވެ. އޭނާއަށް މާފުކުރާށެވެ. އަޅުގަނޑަށް ގޯސްހެދުނީއެވެ. މިއީ އަޅުގަނޑަށްވެސް އެނގިގެން ވީކަމެއްނޫނެވެ. އަޅުގަނޑު މާދަމާ މިގެއިން ދާނަމެވެ.
ރާމިޒާ ބަހެއްނުބުނުމުން ނިކުންނަން ހިނގައިގަތް ޒީނާއަށް ހުއްޓުންއެރީ ރާމިޒާގެ ރަނގަޅަށް އޮތްއަތުން ޒީނާގެ އަތުގައި ހިފުމުންނެވެ. ޒީނާ އަނެއްކާވެސް އައިސް ހަމައެގޮނޑީގައި އިށީނެވެ. ރާމިޒާ ވަނީ ދެލޮލުން ފައިބާ ކަރުނަތައްވެސް ފޮހެލުމުގެ ބާރުނެތިފައެވެ. އޭނާގެ ހަށިގަނޑުން ފުރާނަ ދަނީއޭވެސް ހީވެއެވެ. ނުހަނު އުނދަގުލުން އޭނާއަށް ބުނެވުހާވެސް އެއްޗަކީ ރާމިޒާއަށް މާފުކުރާށޭއެވެ. ރަހީމާއި ޒީނާއޭ ކިޔައިގެން އޭނާއަށް ދެއްކުނު ވާހަކަތަކަށް ހިތްބަރު ނުކުރާށޭއެވެ. ރަހީމަށް އޯގާތެރިވެދޭށޭއެވެ. އެއީ ރަނގަޅު އޯގާތެރި މީހެކެވެ. ރާމިޒާގެ ފަރާތުން ނުލިބިފައިވާ ލޯބި ރަހީމަށް ހޯދާދޭށޭއެވެ. މިގެއާއި ލީޝަން ބަލަހައްޓަދޭށޭއެވެ. ލީޝަންއަށް ރަނގަޅު ދިރިއުޅުމެއް ހޯދަދޭށޭއެވެ. މިފަދައެތައް ވާހަކަތަކެއް އޭނާ ދެއްކިއެވެ. ނަމަވެސް ޒީނާއަށް ދޭހަވީ ވަރަށް މަދު އެއްޗެކެވެ.
މެންދަމުގެ ހިމޭންކަން އެރޭ އެއްވެސް މީހަކަށް އުފަލެއް ނުދިނެވެ. ކޮންމެ މީހަކުވެސް ނިދިނަގާލާ ފިކުރުތަކެއްގެ ފުންކަޑަށް ޣަރަގުވަމުންދިޔައެވެ. ރަހީމު ވިސްނަމުންދިޔައީ މިހުރިހާދުވަހު ޒީނާއަށްޓަކައި އޮތްލޯބި މިރޭ ކޮންޓުރޯލް ނުކުރެވުމުންނެވެ. އުނދަގުލުންނަމަވެސް އެ ލޯބި ޒީނާގެ ކުރިމަތީގައި ފާޅުވުމުންނެވެ. މިކަމުގެ ސަބަބުން ޒީނާނުރުހުންވީކަން އޭނާއަށް ޔަގީންކުރެވުނެވެ. އެހިމޭންވަގުތުކޮޅު ޒީނާ އެނބުރި ދިއުމަކީ އޭނާގެ ލޯތްބަށް އިންކާރުކުރާކަމުގެ ހެއްކެކެވެ. އޭނާދެން ޒީނާއާއި ކުރިމަތި ލާނީކިނެއްހެއްޔެވެ؟ ޒީނާގެ ކުރިމަތީގައި އޭނާގެ އެއްވެސް ގަދަރެއް މިހާރު ނުވާނެކަންގައިމެވެ. އޭނާއަކީ އަންހެނުން ވާބަލީގެ ޝިކާރައަކަށްވިދުވަހު ގޭގައި އުޅޭ ކުއްޖާއާ ހިތާވި ގޮތެއްނެތް މީހެކެވެ. ލީޝަންގެ ގާތްކަމާއި ލޯތްބަށް ކުރާ އުންމީދު ފުނޑުފުނޑުވެ އޭނާގެ ނަފުރަތު އިތުރުވުން ނޫންކަމެއް ނުވާނެއެވެ. ނަމަވެސް ލީޝަންއަށް މިރޭ އެތަނަށް އާދެވުނީ ކީއްވެހެއްޔެވެ؟ މިހުރިހާދުވަހު އުދާސްކަމުގައި ހުރެ އެ ލިބުނު ހިނދުކޮޅުގައި ހެއްޔެވެ؟ ހިތާމައާއި ކަރުނައިގެ ވަގުތުކޮޅު ނިމުނުހެން ހީވި ނަމަވެސް އެހާއަވަހަށް ހަމަ އެހާލަތަށް ރުޖޫއަވާންޖެހުނީހެއްޔެވެ؟
ރަހީމު ވިސްނަމުންދިޔައިރު ޒީނާގެވެސް ހާލަކީ މިއެވެ. އޭނާއަށް ރަހީމާ މެދު އެހެންނަޒަރަކުން ބެލެވެން ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކުރިން ރަހީމު ގެއަށްނަޔަސް އެއްވެސް އަސަރެއްނުކުރާ ޒީނާއަށް މިހާރު ރަހީމުގެ ކޮންމެ ކަމަކުން އަސަރު ކުރުވައެވެ. ކޮންމެ ހިނދުކޮޅެއް އޭނާއާއި އެކު ހޭދަކުރުމަށް އިންތިޒާރުކުރެވެއެވެ. ހަމައެކަނި ފެނިލުމުންވެސް އެތައް ހަމަޖެހުމެއް ގެނެސް ދެއެވެ. ބޭއިޚްތިޔާރުގައި އޭނާ ރަހީމާއި ގާތަށް ދެވުނީ ކީއްވެބާއެވެ. ރަހީމުގެ ލޮލުން އާދަޔާޚިލާފު ގާތްކަމަކާއި ވިދުވަރެއްގެ އިހުސާސް ދަމާބާރެއްފަދައިން އޭނާދަމާފައި ގާތްކުރުވީއެވެ. އޭނާ ކިޔާވާހަކަތަކުގައި ލިޔެފައިހުންނަ ލޯބީގެ ޖާދޫ ގަބޫލުކުރެވެން ފެށިއެވެ. "ލޮލާ ލޯވެސް ވާހަކަ ދައްކައެވެ." މިކަން އޭނާއަށް ގަބޫލު ކުރަން މަޖުބޫރުވެއްޖެއެވެ. ހަމައެކަނި ލޮލާލޯ ވާހަކަދައްކަނީއެއްނޫނެވެ. ހިތާއި މެޔާއި ހުރިހާގުނަވަނެއްވެސް ގޮވަމުން ދަނީ އެ ލޯތްބަށެވެ. މިއީ ލޯބިކަމުގައި ނުވާނަމަ ދެން ލޯތްބަކީ ކޮންއެއްޗެއްހެއްޔެވެ؟ ނަމަވެސް ގަބޫލުކުރަން ޖެހުނު ހަގީގަތަކީ އެވާހަކަތަކަށް ވުރެ މިއިހުސާސްތަކުގައި ބާރުގަދަވެފައި ފުރިހަމަކަމެވެ. އަސަރު ގަދަވެފައި ހިތްރޮއްވާކަމެވެ. ފުރާނައަށާއި ހަށިގަނޑަށް ލުޔެއްނުލިބި ގަދަވޭނެއް ލިބޭކަމެވެ. މާތް ކަލާކޯއެވެ؟ މިހެންމިވީ ކީއްވެބާއެވެ؟ މިނޫން އެހެންމީހަކު ދެކެ މިއިޙުސާސް ނުކުރެވެނީ ކީއްވެބާއެވެ؟ މިއީ ކިހިނެއްވާނެ ކަމެއްހެއްޔެވެ؟ އެއީ އޭނާއަށް ވުރެ ދޮށި އޭނާއަށް އެކަށީގެންނުވާ ބޮޑު މުއްސަންޖެކެވެ. އޭނާއަކީ ނިކަމެތި އާއިލާއެއްގެ ބަލާނެ މީހަކުވެސް ނެތް ޢުމުރުން އެންމެ އެކާވީސް އަހަރުގެ ފަގީރެކެވެ. މިކަންތަކުން އަވަހަށް ސަލާމަތްވެވޭތޯ ބަލަންވީއެވެ. އެކަމަކު އަމިއްލަ ނަފުސް ކޮންޓްރޯލް ކުރުމުގެ ބާރެއް އޭނާގެ ނުވެއެވެ.
ނަމަވެސް ރަހީމް ހީކުރައްވާނީ ކީކޭބާވައެވެ؟ މިއީ ގޭގައި އުޅޭ ގޮތެއްނެތް އަންހެންކުއްޖެކެވެ. ރަށުގައި ހުއްޓާގެނެސް ކިޔަވައިދީ މީހަކަށް ހަދައިދިން މީހާގެ ފިރިމީހާއާއި ހިތާވީއެވެ. އޭނާއަށް ސިއްރުން ބައްދަލުކުރަނީއެވެ. ރަހީމު އޭނާއަށް ނަފުރަތު ކުރާނެކަން ގައިމެވެ. އެންމެ އަވަހަށް ފުރަންއޮތް ރަށުބޯޓުން އޭނާ ރަށަށްދާން ނިންމައިފިއެވެ. ވީހާވެސް އަވަހަކަށެވެ. މިގޮތަށް ނިންމައިގެން ހުރެ ނިދުނުއިރެއްވެސް ޒީނާއަކަށް ނޭނގުނެވެ.
އާދައިގެމަތިން ފަތިސްނަމާދަށް ތެދުވާ ޒީނާ ނަމާދުކޮށްލައިގެން ފުރަތަމަވެސް ދިޔައީ ރާމިޒާގާތަށެވެ. ޒީނާ ހައިރާންވީ މިބަލިޖެހުނުފަހުން އަބަދުވެސް މިގަޑީގައި ހޭލާއޮންނަ ރާމިޒާ ހިމޭންވެފައި އޮތުމުންނެވެ. އެއްލޯ މެރިފައިވާއިރު އާދަޔާޚިލާފަށް ބޮޑުކޮށް އަނެއްލޯ ހުޅުވިފައިވާތީއެވެ. އެނދުގެ ބޭރުގައި އެލިފައި އޮތް އޭނާގެ ރަނގަޅަށް އޮތް އަތުގައިވެސް ވާތްގެއް ނެތުމުންނެވެ. އަނގައިގެ އަރިއަކަށް ދަމައިގެންފައިވާ ފަރާތުން ފޮނުއައިސްފައިވާތީއެވެ. އޭނާ ކަނާތްނަގާ ރާމިޒާގެ ނޭފަތާ ކައިރިކޮށްލިއެވެ. ރާމިޒާގެ ނޭވާގެ ހޫނުކަމެއް އޭނާއަކަށް އިހުސާސެއް ނުކުރެވުނެވެ. ލިބުނު ހައިރާންކަމާއި ހިތްދަތިކަމުން އޭނާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. މިއަޑަށް ނިދާފައި އޮތް ލީޝަންއާއި ރަހީމު ދުވެފައި ބޭރަށް ނިކުތެވެ. ޒީނާގެ ހާސްކަމާއި ކަންބޮޑުވުން އޭނާ ރާމިޒާއަށް ކޮންމެވެސް ގޮތެއްވީކަން އެނގޭކަށް މާގިނައިރެއް ނުނެގިއެވެ. ރަހީމު އަވަހަށް އެންބިއުލެންސް ގެނެސް ހޮސްޕިޓަލަށް ދިޔައެވެ.
"ކޮންއިރަކުތޯ މިހެންވީ." ޔައީން އެހީ ރަހީމުގާތުގައެވެ.
"ފަތިހުހެން ހީވަނީ. ޒީނާ ރޯއަޑަށް ނިކުމެވުނީ. ދެންއެނގޭނީ ޑޮކްޓަރު ދުރުވުމުން." ރަހީމު ހުރީ ދެރަވެފައެވެ.
ދެތިންގަޑިއިރެއްގެ ތެރޭގައި ރާމިޒާގެ މަރު ސާބިތުކުރެވުނެވެ. ޑޮކްޓަރުގެ ބަހުން އެނގުނީ ރާމިޒާ ދުނިޔެ ދޫކުރިތާ ފަސްގަޑިއިރުވެދާނެ ކަމަށެވެ.
މިކަމުގެ ސަބަބުން އެންމެ ބޮޑުހިތާމައެއްލިބުނީ ލީޝަންއަށެވެ. ލީޝަން ބާރަށް ނުރުއި ކަމުގައިވިޔަސް އޭނާވަނީ އިންތިހާއށް ދެރަވެފައެވެ. މިހުރިހާކަމެއްގެ އަސްލަކީ ޒީނާއެވެ. ޒީނާއާއި ބައްޕަގެ ސިއްރު ގުޅުމެވެ. އެ ނުލަފާއަންހެނާގެ ދުވަސް ދުއްވާލަންވީއެވެ. ގެއިން ނެރެ އެއްލާލަންވީއެވެ. އެއީ ސުންޕާ އަންހެނެކެވެ. ނޫނެކެވެ. އޭނާ އަށް ޒީނާއަށް ގޮތެއްހެދޭނީ ކިހިނެއް ހެއްޔެވެ؟ ބައްޕަވަނީ އެކުއްޖާގެ ދަށުވެފައެވެ. އޭނާއަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އޭނާވަނީ ބުއްދި ފިލައިދާން ކައިރިވެފައެވެ. ލީޝަން އެއްވެސް އެއްޗެކޭ ނުބުނެ ހޮސްޕިޓަލުން ނިކުތެވެ. އޭނާ މީހަކާ ވާހަކައެއްނުދައްކައެވެ. ލީޝަން އުޅުނުގޮތުން އޭނާއަށްވަނީ ބަދަލުތަކެއް އައިސްފައިކަން ރަހީމުގެ އިތުރުން ޔައީނަށްވެސް ފާހަގަ ކުރެވުނެވެ. ރާމިޒާ މަރުވުމުގެ ޚަބަރު ލިބިގެން ތައުޒިޔާ ކިޔަންއައި ގިނައަދަދެއްގެ ރައްޓެހިންނާ ބައްދަލުކުރަންޖެހޭތީ ލީޝަންގެ ޚަބަރުދަބަރު ބަލައި ދިނުމަށް ޔައީނުގާތުން ރަހީމުއެދުނެވެ.
ޓެކްސީއެއްގައި ދިޔަ ލީޝަންގެ ފަހަތުން ޔައީނު ސައިކަލުގައި ދިޔައެވެ. ގޭތެރެއަށް ވެރިވެފައިވަނީ މަރުގެ ހިމޭންކަމާއި ފަޅުކަމެވެ. ލީޝަންގޮސް ކޮޓަރީގެ އެނދުގައި އޮށޯތެވެ. އޭނާގެ ވިސްނުމަށް ތަފާތު ޚިޔާލުތައްވަދެ އުނދަގޫ ކުރުވަނީއެވެ. ކުއްލިއަކަށް އޭނާ ތެދުވެއްޖެއެވެ. އޭނާގެ ކޮޓަރިއާއި ޖެހިގެން ހުރި ރާމިޒާގެ ކޮޓަރިއަށް އޭނާވަނެވެ. އެއްފަރާތެއްގައި ތަންމަތިނާޅާ ހުރި އެނދަކީ އޭނާގެ މަންމަ ބަލިވީއްސުރެ މަރުވާންދެން އޮތް އެނދެވެ. އޭނާ ތަންމަތިނާޅާ ބޮނޑިވެފައި އޮތް އެނދުގެ ބެޑުޝީޓް ރަގަޅުކޮށްލިއެވެ. އަދި ބަލިވީއްސުރެ މަންމަ ގެންގުޅޭ ރޭޑިއޯ ހުޅުވާލިއެވެ. އެއިން ފޮނުވަމުން ދިޔައީ މައްޔިތުންނާއިބެހޭ ދީނީ ޕްރޮގްރާމެކެވެ. އޭނާ ފުންމައިގެން ތެދުވެ ރޭޑިއޯނިވާލިއެވެ. އަނެއްކާވެސް އޭނާ ހަމައެ އެނދުގައި އޮށޯވެލިއެވެ. އަދިވަށައިގެން ކޮޓަރިއަށް ބަލާލިއެވެ. އޭނާ މަޑުމަޑުން އެނދުގެ އަރިމަތީގައި އޮތް ބާލީސްނަގާ ވަސްބަލާލިއެވެ. އެއީ އޭނާގެ މަންމަގެ ވަހެވެ. ކޮންމެ ތަނަކަށް ދިޔަނަމަވެސް އެވަސް އޭނާއަށް ފާހަގަ ކުރެވޭނެއެވެ. ކުއްލިއަކަށް އޭނާ އަނެއްކާވެސް އެނދުން ތެދުވެއްޖެއެވެ. އޭނާގެ ނަޒަރު ހުއްޓުނީ މަންމަ ބަލިވިފަހުން ނިދަން އުނދަގޫވާތީ ކާ ބޭސްތަކާއި ދިމާއަށެވެ. އޭނާ ގޮސް ބޭސްފުޅި މަތިނެގިއެވެ. އަދި އެއިން ތިންގުޅަ ނަގާ ދިރުވާލިއެވެ. އޭނާ ބޭނުންވަނީ ނިދާލާށެވެ. ޚިޔާލުތަކާއި ހިތާމައިގެ ފިކުރުތައް ފޮހެލާށެވެ. އޭނާ ބޭސްތައް ތަރުތީބުކޮށްލިއެވެ. އަދި އަނެއްކާވެސް ހަމައެއެނދުގައި އޮށޯވެއްޖެއެވެ. މިފަހަރު އިރުކޮޅެއްވަންދެން އޭނާ އޮތެވެ. އަނެއްކާވެސް ކުއްލިއަކަށް ތެދުވެ ފޯނު ކައިރިއަށް ދިޔައެވެ. އަދި ޒިޔާނާ ގުޅިއެވެ. އޭނާ ޒިޔާނާ ގުޅާ ދެތިން މިނިޓެއްވަންދެން ވާހަކަ ދައްކާލާފައި ފޯނުބޭއްވިއެވެ. އަނެއްކާވެސް އޭނާ މަންމަގެ ބޭސްފުޅިއާއި ދިމާއަށް ދިޔައެވެ. މިފަހަރު އޭނާނެގީ އަށްގުޅައެވެ. އެއްފަހަރާ ބޭސްތައް އަނގައަށް އަޅާލިއެވެ. ނަމަވެސް ހުރިހާ ބޭސްތަކެއް އަނގައިން ބޭރުވީ މީހަކު އަނގަމަތީގައި ޖެހީމައެވެ.
"ކިހާބޮޑުކަމެއް………. ކަލޭމެންނާއި ހެދި މަށަށްވެސް ދުނިޔޭގައި އުޅެވޭކަށް ނެތެއްނު. މަންމަ މަރުވުމުންވެސް ނިމުނީކީ ނޫންދޯ." ލީޝަން ހަޅޭއްލަވައިގަތީ ޔައީނު އޭނާގެ މޫނުގައި ޖެހީމައެވެ. ޔައީނު އެއްވެސް އެއްޗެއްނުބުނެ ލީޝަން ދެއަތުގައި ހިފައި ގެންދަން އުޅުނެވެ.
"އަތުންދޫކުރޭ…. މިގެއިން ނިކުތީމާވެސް މީގެ އުނދަގުލެއް ނުފިލި." އޭނާ ނުދާން ގަދަހަދަމުން ދާވަރުން ޔައީނަށް ގެންދަން އުނދަގޫވިއެވެ. ލީޝަން އަޑުގަދަކޮށް ތެޅިފޮޅެމުންދަނީއެވެ. ކުޑަ ހިނދުކޮޅަކަށްވެސް މަޑުވެނުލާ މޮޔަގޮވަމުންނެވެ. އެންމެފަހުން ޔައީން އޭނާގެ މޫނުމަތީގައި އެތިފަހަރެއް ޖެހިއެވެ. ލީޝަންގެ މިޒާޖު އާދަޔާ ޚިލާފަށް ބަދަލުވެފައިވާކަން އެނގޭތީއެވެ. މޮޔައެއް ފަދައިން ބުއްދިފިލާފައިވާ ލީޝަން ހަމައަކަށް އެޅޭނީ އޭރުން ކަމަށްވާތީއެވެ.
(ނުނިމޭ)
