( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )
ކުރީރޭރޭއެކޭވެސް އެއްގޮތަށް ސައުކަތު ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ހަމަ އެ ރުމާކޮޅު ރުކާންގެ ނޭފަތް މަތީ އެޅިއެވެ. ރުކާން އޮތީ ބިރުން ވިރިވިރި ނަމަވެސް އޭނާއަށް ނޭވާނުލާ ދިހަސިކުންތު ވަރު ވަންދެން އޮވެވުނެވެ. އޭރު ސައުކަތު އެފޮތިގަނޑު ނަގާ ދުރުގައި ބޭއްވިއެވެ. އަދި ރުކާނަށް އޭގެ އަސަރު ކޮށްފާނެހެން ޔަގީން ވާވަރު ވުމުން ރުކާނާއި ގާތްވެލިއެވެ. އޭނާ ރުކާންގެ އަތުގައި ހިފާ ހިއްލާލީ ރުކާން އޮތީ ގަދައަށް ނިދާފައިތޯ ޔަގީން ކުރުމަށް ޓަކައެވެ. އެންމެފަހުން އޭނާ ރުކާންގެ އަންނައުނުތައް ބޭލިއެވެ. އަދި ޖަނަވާރެއް ފަދައިން ރުކާނުގަޔަށް ޖެހިގެންފިއެވެ. ރުކާނަށް ކެތްކުރެވުނީ ވަކި ވަރަކަށެވެ. އޭނާ ކުރިންވެސް ފޮރުވާފައި ބޭއްވި ވަޅި ނަގާ ސައުކަތުގެ ކޮނޑުގައި އަޅައިފިއެވެ. އެވަގުތު ސިއްސައިގެން ގޮސް ސައުކަތު އެނދުން ވެއްޓިއްޖެއެވެ. ރުކާން ހަލުވިކަމާއެކު ތެދުވެ ސައުކަތާއި ކުރިމަތި ލިއެވެ.
"ހަނދާން ކުރާތި ދެންމެ ތަންކޮޅެއް މަށާއި ކައިރިވިނަމަވެސް މިވަޅިން ކަލޭ މަރާލާނަން." ރުކާން ހީވަނީ މޮޔައެއް ހެންނެވެ.
"ރުކާން. އެހާވަރަށް ރުޅިނާދޭ." ލޭ އަންނަމުންދާ ތަނުގައި ސައުކަތު އަތް އަޅައިގެން ހުރެ އާދޭސް ކުރަމުން ދެއެވެ.
"ރުޅި ނާންނާށޭ. މިވީ ހުރިހާދުވަހު ކަލޭބޭނުން ގޮތެއް މަށަށް ހަދާލީމާ ރުޅިނައިސް ހުރެވޭނީ ކިހިނެއް؟"
"ރުކާން. އަހަރެން ރުކާން ދެކެވަރަށް ލޯބިވޭ." ސައުކަތު ރުކާނާއި ދިމާއަށް އަންނަމުން ދެއެވެ.
"އެންމެ ތަންކޮޅެއްވެސް ކުރިއަށް ނާންނާތި؟" ރުކާން ވަޅި ހަރަން ދިމާ ކޮށްލިއެވެ. ނަމަވެސް އެބާރުގަދަ ސައުކަތު ރުކާން އަތުން ވަޅި ޖަހައިގަނެ ރުކާނާއި ދިމާއަށް އައެވެ. ރުކާން ދެވަނަ ހަތިޔާރަކަށްބޭއްވި ދަގަނޑުބުރި ނަގާ ސައުކަތުގެ ބޮލުގައި ޖެހިއެވެ. އެވަގުތު ސައުކަތު ވެއްޓުނެވެ. އޭނާ އިތުރަށް ބަލަން ނުހުރެ ހެދުންލާ ނިވާވެލުމަށްފަހު ފޮށިހިފައިގެން ނާސިހާ އަންނަން ބުނި ހަރުގެއަށް ހިނގައްޖެއެވެ.
"ކޮބާ. އެނުލަފާ މީހާގަނޑު މިރޭވެސް އައިތަ؟" ނާސިހާ ފޮށީގައި ހިފިއެވެ.
"އާން. އަހަރެން މިއައީ އޭނާގެ ގަޔަށް ވަޅި ހަރާފާ." ރުކާނަށް މާނޭވާ ލެވެނީއެވެ. ހީވަނީ ނޭވާ ހިއްލާ މީހެއްހެންނެވެ.
"ލަސްނުކުރޭ. ބޯޓު އޮތީ ނައްޓާލަން ތައްޔާރުވެފައި. އަން މިހެދުން ލާ." ނާސިހާ ލައިގެން އިންހެދުން ބާލާފައި ރުކާނަށް ދިނެވެ.
"މިހެދުން ރަނގަޅޭ."
"ނޫން. ރަނގަޅެއް ނޫން. ތިހެދުމުގައި ތިހުރީ ލޭ. މީހަކަށް ފެނިއްޖެއްޔާ ސުވާލު ކުރާނެ." ނާސިހާ ކުއްލި ހަރަކާތަކުން ރުކާން ކޮށްޕާލިއެވެ.
"ނާސިހާ. އަހަރެން ވަރަށް ބިރުގަނޭ."
"ބުނަން ވާހަކައެއް. މާލެ ގޮސް މިރަށު މީހެއްގެ ކުރިމައްޗަށް ނާރާތި. ނަންވެސް ބަދަލުކުރޭ. ކޮންމެ ތަނެއްގައި ހުއްޓަސް އެ ސައުކަތު ކަލޭ ހޯދާނެ ކަން ޔަގީން." ނާސިހާ ރުކާންގެ މޫނުގައި ދެއަތުން ހިފަހައްޓައިގެން ހުރެ ވިސްނައިދެމުން ދިޔައެވެ. އޭނާއަށް ވެސް ވާހަކަ ދެއްކެނީ ކިރިޔާއެވެ.
"އަން މިއޮތީ ފޮށި. އަވަސް ކުރޭ. އެމީހާ އަތުވެދާނެ." ނާސިހާ ހުރީ ހާސްވެފައެވެ. ރުކާން ފޮށި ހިފައިގެން ދުއްވައި ގަތެވެ. އަދި ރުކާން ފުރަން ތައްޔާރުވެފައި އޮތް ބޯޓަށް އަރައިފިއެވެ. ހަމަ އެރުމާއެކުހެން ބޯޓު މާލެއަށް މިސްރާބު ޖަހައި ދުއްވާ ލައިފިއެވެ.
ނާސިހާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލިއެވެ. އޭނާގެ ލޯބިވާ ރަހުމަތް ތެރިޔާއަށް ޚިދުމަތެއް ކޮށްދެވުނީތީ އުފާވިއެވެ. ދެން ދުވަހަކުވެސް މި އަނިޔާވެރި ރަށުން އޭނާއަށް ގޯނާއެއް ނުލިބޭނެ ކަމުގެ ހިނިތުން ވުމާއެކުގައެވެ. ނާސިހާ މަޑުމަޑުން އެ އޮޑި ހަރުގެއިން ނިކުތެވެ. އަދި މީހަކަށް ފެނިދާނެތީ ސިއްރު ސިއްރުން ގެއަށް ދާން މިސްރާބު ޖެހިއެވެ. މިލަ ހަނދުވަރުގެ އަލީގައި ގަހުގެ ގޮތްޕެއް ހިރިލިއަސް ފެނެއެވެ. ފަނިފަކުސާގެ އިވެމުން ދާ އަޑުތަކަށް ބިރުގަނެއެވެ. ސަހަރާއާއި ހަމައަށް ދެވުނުއިރު އޭނާ ހުރީ މާބޮޑަށް ބިރުގަނެފައެވެ. މަހާނަގާތަށް މިރޭ އޭނާއަށް ފެންނަނީ މާބޮޑުކޮންނެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވިއެވެ. ހިނގުން ބާރުކޮށްލިއެވެ.
ކުއްލިއަކަށް ފުރަގަހުން މީހަކު އަތް ދިއްކޮށްލިއެވެ. އެއާއެކު އަނެއް އަތުން ނާސިހާގެ އަތުގައި ހިފާ އެމީހާގެ ގަޔާ ނާސިހާ ކައިރި ކޮށްލިއެވެ. ނާސިހާގެ އަނގަމަތީ އަތްއަޅާ ސަހަރާއާއި ދިމާއަށް ދަމަންފެށިއެވެ. އޭރު ނާސިހާ އެމީހެއްގެ އަތްދަށުން ސަލާމަތްވޭތޯ ގަދަ ހަދަމުން ދިޔައެވެ. ބިރުވެރިކަމުގެ އިންތިހާގައިވާ ނާސިހާއަށް ތަފާތު ވަހުމްތައްވެސް ކުރެވެމުން ދެއެވެ. އެއީ އިންސާނެއް ނޫނޭވެސް ހީވެއެވެ. އެއީ ބާރުގަދަ އަތެކެވެ. އަނެއްކާ ސަންދޯކެއް ފަޅާ މީހަކު އެރީބާވައެވެ. ނޫނީ ކަށްވަޅުން އަތެއް ނިކުތީބާވައެވެ. ފުރަގަހުގައި ހުންނާތީ އޭނާއަކަށް މި ހަމަލަދޭ މީހެއް ނުފެނެއެވެ. އެމީހަކު ބިންމަތީގައި ދަމަމުން ކަހަލަ ގޮތަކަށް ނާސިހާ ސަހަރާ ތެރެއަށް ވެއްދިއެވެ. ބޯކޮށް ވިނަ ހެދިފައިވާ ސަހަރާގެ ތެރެއަށް އެމީހަކު ނާސިހާ ކޮށްޕާ ލައިފިއެވެ.
"ސައުކަތު……." ނާސިހާއަށް ބުނެލެވުނެވެ. އޭރު ނާސިހާ ހުރީ ބިރުގެންފައެވެ. އެސިފަހުތުރު މީހާ ފެންނަނީ ދެޔޯއެއްހެންނެވެ. ބޮޑެތި އުންޖަހާފައިވާ ކަޅުމޫނުން ވަނީ ތެޔޮހިލިފައެވެ. ބޮޑުބިޔަމީހާ ވަނީ ދާހިތްލާ ފޯވެފައެވެ. އޭނާއަށް ތެދުވަންވެސް ހަނދާން ނެތުނެވެ.
"އާނ. އަހަރެން. ކޮބާ ރުކާން؟" ސައުކަތު މަޑުމަޑުން ނާސިހާއާއި ގާތްވަމުން އާދެއެވެ.
"ނޭނގެ." ނާސިހާ ފިރުކެމުން ކަހަލަ ގޮތަކަށް ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"އެނގޭނެ. ފެށުނީއްސުރެވެސް ކަލޭ ދިޔައީ އަހަރެންނާ ރުކާނާއި ދުރު ކުރުވަމުން." ސައުކަތު ފަޓުލޫނުގެ ބެލްޓް ނަގަމުން ނާސިހާ އާއި ދިމާއަށް އަންނަނީއެވެ.
"އަހަރެން އެއްވެސް ކަމެއް ނުކުރަން. ރުކާން އަބަދުވެސް ކަލޭދެކެ ރުޅި އާދޭ."
"ރުޅިއެއް ނާދޭ. ކަލޭއާއި ހެދި ރުކާން މަށަށް ގެއްލުނީ. ކަލޭ ނުބުނި ނަމަ އޭނާއަކަށް ނޭނގުނީސް. އުގޫފާރުން އައިފަހުން އޭނާ ފާޑަށް ހުރީ އެހެންވެގެން." ސައުކަތު ބެލްޓް ނަގާ ނާސިހާގެ އަތް ފުރަގަހަށް ލާ ބަނދެލިއެވެ.
"ބުނޭ. ކޮބާ ރުކާން." ސައުކަތު އަމުރު ކުރިއެވެ.
"ނޭނގެ."
"އެނގޭނެ. ކަލޭ ލައިގެން ތިހުރީ ރުކާންގެ ހެދުން." ސައުކަތު ނާސިހާގެ ގައިގާ ފިރުމާލިއެވެ.
"ނުބުނާނަން. ކީއްކުރާނީ." ނާސިހާ ރުޅިއައެވެ. އަދި ސައުކަތު މޫނަށް ކުޅު ޖެހިއެވެ. ނާސިހާއަކީ ރުކާނަށް ވުރެ ގޮތް ދޫނުކުރާ ކުއްޖެކެވެ.
"އެހެންތަ. އަހަރެންނަށް ކޮންމެ ފަދަކަމެއްވެސް ކުރެވިދާނެ."
"ބިރެއް ނުގަނޭ. ކަލެއަށް ކުރެވޭނެހާވެސް ކަމަކީ އަހަރެން މަރާލުމެއްނު. މަރާލާ. ދުވަހަކުވެސް ރުކާން ވީތަނެއް ނުބުނާނަން." ނާސިހާއަށް ވަނީ އެނުބައި މީހާ ފެނުމުން އާދަޔާ ޚިލާފު ހިތްވަރެއް ލިބިފައެވެ.
"އުހުނ. އަހަރެން ކަލޭ މަރައެއް ނުލާނަން. އެއީ އަހަރެން ކަހަލަ މާތް އާއިލާއެއްގެ އަދި ރަށުގެ ގަދަރުވެރިޔަކާ ގުޅޭ ކަމެއްނޫން." ސައުކަތު ނާސިހާއާއި ދިމާއަށް ޖެހިގަތެވެ. އެ ބާރުގަދަ އަތުގެ ތެރެއިން ސަލާމަތް ވެވޭތޯ ގަދަހަދަމުން ދިޔަ ނާސިހާއަށް ކާމިޔާބެއް ނުހޯދުނެވެ. އޭނާ ތެޅިފޮޅުނެވެ. ބާރަށް ހަޅޭއްލެވިއެވެ. ގައިގެ ހަކަތަ ހުސްވަންދެން ދެކޮޅު ހަދަމުން ދިޔައެވެ. ނަމަވެސް މި ބޮޑު ސަހަރާގައި މިދަންވަރު ނާސިހާގެ އަޑު އިވޭނޭ މީހެއްނެތެވެ.
"ބުނޭ. ރުކާން ކޮބާ؟" ސައުކަތު އަހަމުން ދިޔައެވެ.
"ނުބުނާނަން. ދުވަހަކުވެސް ނުބުނާނަން. ކަލޭ ކަހަލަ މީހަކަށް އެއްވެސް އެއްޗެއް ބުނެއެއް ނުދޭނަން." ކެތްކުރަން ދަތިވިޔަސް ނާސިހާ ގޮވަމުން ދިޔައެވެ. ނާސިހާގެ ދިރިއުޅުމުގެ އުފާ ޖަނަވާރެއް ފަދައިން އެނުލަފާމީހާ ޖަހައިގެންފިއެވެ. އޭނާގެ އަބުރުވެރިކަން ހިނދުކޮޅެއްގެ ތެރޭގައި ލޫޓުވާލައިފިއެވެ. ހަށިގަނޑު އެތައް ވޭނަކާއި ޒަޚަމު ތަކަކަށް ދޫކޮށްލާފައެވެ.
"ހަނދާންކުރާތި. މިއީ ފެށުން. ރުކާން ވީތަނެއް ނޭނގެނީސް އަހަރެން ކަލޭ އުޅުނަކަ ނުދޭނަން. މިރަށުގައި އަހަރެންގެ ގަދަރުވެރިކަން ދެމި އޮތްހާ ހިނދަކު ކަލެއަކަށް ސަލާމަތެއް ނޯންނާނެ." ސައުކަތު މަކަރުވެރި ގޮތަކަށް ހީލިއެވެ. އަދި ސަހަރާއިން ނިކުމެގެން ހިނގައްޖެއެވެ.
ނާސިހާ އަދިވެސް ހަޅޭއްލަވަނީއެވެ. ރޮނީއެވެ. އެންމެފަހުން ވަރުބަލިވެގެން ހުއްޓާލީއެވެ. އޭނާ މަރުވާނެ ނަމައެވެ. ނޫންނަމަ މިސަހަރާތެރެއަށް އަޑިއަށް ވަދެގެން ދާނެނަމައެވެ. ގައިގާ ތެދުވެލާނެ ބާރުހުރިނަމަ މިރޭ އޭނާ އަމިއްލައަށް މަރުވީހެވެ. އެ ފުރޭތައެއްފަދަ މީހާ އޭނާއާއި ގާތްވުންވެސް އެއީ ފަކުރުގަންނަ ކަމެކެވެ.
ރޭގަނޑުގެ ހިމޭންކަމާއި އަމާންކަން ނާސިހާގެ ވޭނީ އާހަށް ހަމްދަރުދީއެއް ނުވިއެވެ. ކަނު އަނދިރީގެ ތެރޭގައި ބޮޑު ސިއްރެއް ގޮތުގައި ސިއްރު ކުރުން ފިޔަވައެވެ. ނާސިހާއަށް ނުހަނު ހިތްވަރު ކޮށްފައި އިށީނދެވިއްޖެއެވެ. އޭނާގެ ހަށިގަނޑުގައި ތަދުނުވާ އެއްވެސް ތަނެއް ނެތެވެ.
"މަންމާ." ނާސިހާއަށް ބާރަށް ރޮއިގަނެވުނެވެ. ނަމަވެސް ދެ ލޮލުން ކަރުނަ ފޮހެލިއެވެ. ހިތްވަރުކޮށްފައި ފިރުކެލިއެވެ. ސަހަރާއިން ނިކުންނަންދެން އޭނާ ފިރުކެމުން ލޫދެމުން ދިޔައެވެ. އެންމެފަހުން ފުރަތަމަ ފިޔަވަޅު އެޅިއެވެ. އޭނާ މަޑުމަޑުން ހިނގަމުން ދިޔައެވެ. އެއްފައި ދަމަމުން ކަހަލަ ގޮތަކަށެވެ.
އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ. ދެލޯ ވަނީ ރަތްވެފައެވެ. ބަނޑުގައި ރިއްސަނީ ކެތް ކުރަން ދަތިވާ ވަރަށެވެ. ނަމަވެސް މީހަކަށް ފެނުމުގެ ކުރިން ގެއަށް ވަދެ ފިލައިފިއެވެ. މިހާދިސާ އެއްވެސް މީހަކަށް އެނގޭކަށް އޭނާއެއް ނޭދެއެވެ. ސައުކަތާއި ދެކޮޅަށް ދެއްކޭނެ ހެއްކެއް ނެތެވެ. މި ރަށުމީހުން އޭނާގެ ވާހަކަ ގަބޫލު ނުކުރާނެކަން ނާސިހާ އަށް އެނގެއެވެ. ކޮންމެ ހާލެއްގައިވެސް ރުކާންއަށް ދެން ސައުކަތުގެ އުނދަގޫ ފޯރާކަށް އޭނާއެއް ނޭދެއެވެ. ފުރާނަ ދިޔަޔަސް އޭނާ ރުކާން ދިޔަތަނެއް އެއްވެސް މީހެއް ގާތު ނުބުނާނެއެވެ. އެއީ އެއަށް ވުރެ މާ އިޚްލާޞްތެރި ރަހުމަތްތެރި ކަމުގެ ގުޅުމެކެވެ.
ރުކާން ވިސްނަމުން ދިޔައީ އޭނާގެ ހަޔާތާއި މެދުގައެވެ. ހަނދާން ހުންނަން ފެށީއްސުރެވެސް ދައްތަގެ ހަމަނުޖެހޭ ދިރިއުޅުމެވެ. ލިބޯމާގޭގައި ބުރަކޮށް ކުރި މަސައްކަތްތަކެވެ. އެއަށްފަހު މިއުވާންއާއެކު ހޭދަކުރި އުފާވެރި ދުވަސްތަކެވެ. ދެން ސައުކަތުގެ ރޭވުންތަކެވެ. ނާސިހާގެ އިހުސާންތެރިކަމެވެ. އެންމެފަހުން މިހުރިހާކަމެއް އޭނާއަށް އެތައް ކުލަތަކެއް ދެއްކުމަށްފަހު މުޅިން އާ ވަޒަނަކަށް އޭނާ ބަދަލު ވަނީއެވެ.
ނާސިހާގެވެސް އިރުޝާދުގެ މަތީން އޭނާވެސް ވަނީ ބަދަލު ވެފައެވެ. ދުވަހަކުވެސް މީހަކަށް އިތުބާރު ނުކުރުމެވެ. އަމިއްލަ ނަފުސު ރައްކާތެރި ކުރުމެވެ. އޭނާއަށް އަނިޔާވެރިވީ ސައުކަތާއި ފިލައިގެން އުޅުމެވެ. ދުވަހަކުވެސް އެރަށު މީހަކަށް ރުކާން ނުފެނުމެވެ. ފަތިސްވުމުގެ ކުރީން ރުކާން މާލެއަށް ފޭބިއެވެ. އޭނާ އައިކަން އެނގުނީ މަދު މީހަކަށެވެ. ނަމަވެސް އޭގެ ފަހުން ދިޔަތަނެއް އެއްވެސް މީހަކަށް ނޭނގެއެވެ.
