މެސީ، ނޭމާ އަދި އެމްބާޕޭ ގެ ގޯލުން ޕީއެސްޖީ މޮޅުވެއްޖެ

ފްރާންސް ލީގުގައި ޓްރޮއީސްއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-4 އިންނެވެ.

ޓައިރޯންސް އިން ލީޑު ނެގީ ތިން ވަނަ މިނިޓުގައި މާމާ ބަލްޑޭ ޖަހައިދިން ގޯލުންނެވެ. ނަމަވެސް 24 ވަނަ މިނިޓުގައި ނޭމާ ދިން ޕާހެއް ހޯދައި ޕީއެސްޖީ އަށް އެއްވަރު ކޮށްދިން ލަނޑު ކާލޯސް ސޮލާ ޖެހީ ކީޕަރު ކައިރިން ނައްޓާފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ބާލްޑް ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޓްރޮއީސް އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.

މި ފަހަރު ޕީއެސްޖީ އިން އެއްވަރުކުރަން މާ ގިނައިރެއް ނުނެގި އެވެ. ތިން މިނިޓު ފަހުން ހާފުގެ މެދަކާ ހަމައިން ސާޖިއޯ ރާމޯސް ދިން ބޯޅަ ކޮންޓްރޯލް ކޮށްލާފައި މެސީ ވަނީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިފަ އެވެ.

މެޗުގައި ޕީއެސްޖީން ފުރަތަމަ ފަހަރަށް ލީޑު ނެގީ 62 ވަނަ މިނެޓުގައެވެ. އެއީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ނޭމާ ޖެހި ލަނޑުންނެވެ.

ޕީއެސްޖީގެ ހަތަރުވަނަ ލަނޑު އެމްބާޕޭ ޖަހައިދިނީ ޕެނަލްޓީއަކުންނެވެ. މެޗުގެ 77 ވަނަ މިނިޓުގައި އޭނާ ކާމިޔާބުކުރި ޕެނަލްޓީއަކީ ޓައިރޯންސްގެ ގޯލްކީޕަރު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖަހައިދިން ސޮލާ އަށް ފައުލް ކޮށްގެން ދިން ޕެނަލްޓީއެކެވެ.

ޓްރޮއީސްގެ ފަހު ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖެހީ ޕަލަވާސާއެވެ.

މި ނަތީޖާއާ އެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ މެޗަކުން ބަލިނުވެ، 13 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ޕޮއިންޓް ފަހަތުގައި، ދެ ވަނައިގައި އޮތް ލެންސް އަށް ލިބެނީ 13 މެޗުން 30 ޕޮއިންޓެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *