ސައުދީގައި ހެލޯވީން ފާހަގަ ކޮށްފި

މަޑު ރަތްއަލިކަމެއްގެ ތެރޭގައި ހުރެ ޔާސިރު އަލް ހައްޒާޒީ މަޑުކޮށްލީ ލެއިން ތަތްތެޅިފައިވާ ފޮތިގަނޑެއް އޭނާގެ ބޮލާއި މޫނުގައި އެޅުމަށެވެ. އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޔަހްޔާ އެހީތެރިވަމުން ދިޔައިރު އޭނާގެ ހުދު ހެދުމުގައި ލެއިން ތަތްތެޅިފައިވާ ނިޝާންތައް ހުއްޓެވެ. އޭރު ޝައިޠާނާގެ ކަނޑިތަކާއި ބުޅަލުގެ ކަންފަތް ހިމެނޭހެން ޒީނަތްތެރިވެފައިވާ މީހުން ވަށައިގެން ތިއްބެވެ.

ސައުދީ އަރަބިއްޔާގައި ބޮޑުވަމުން އައި އުމުރުން 21 އަހަރުގެ މި ދެ ފިރިހެނުން ދުވަހަކުވެސް ހެލޯވީން ފާހަގަކޮށްފައެއް ނުވެއެވެ. ދާދި ފަހުން 2018 ވަނަ އަހަރު ވެސް ފުލުހުން ވަނީ ހެލޯވީން ޕާޓީއަކަށް ވަދެ މީހުން ހައްޔަރުކޮށް، ހެދުން އަޅައިގެން ތިބި މީހުން ހުއްޓުވާފައެވެ.

އެކަމަކު މިއަހަރު ސައުދީގެ ވެރިރަށް ރިޔާޒުގެ ބައެއް ހިސާބުތައް ފެނުނީ ޖިންނި އުޅޭ ގެއަކުން އެމީހުން ނިކުމެގެން ގޮސް މުޅި އެ ސިޓީ ހިފެހެއްޓިހެންނެވެ. ކުޑަދޮރުން ބޭރުބަލާލުމުން ފެންނާނީ ކެފޭތަކުގަޔާއި މަގުމަތީގައި ޖަނަވާރުތަކާއި ސިހުރުވެރިންނާއި އަދި ބޭންކް ފޭރޭ މީހުންގޮތަށް ހެދުންއަޅައިގެން ތިބި ބިރުވެރި މީހުންތަކެވެ.

އެ މަންޒަރަކީ މިހާރު ތަޚުތުގެ ވާރިސް އަދި ބޮޑުވަޒީރު ވަލީއަހުދު މުޙައްމަދު ބިން ސަލްމާން 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންފަހުން ސައުދީ އަރަބިއްޔާއަށް އައިސްފައިވާ ބަދަލުތަކުގެ ވަރުގަދަ ކަމެވެ. ސަރުކާރުން ސްޕޮންސަރ ކުރި މި އިވެންޓަކީ ހެލޯވީން ފާހަގަކުރަން ބޭއްވި ރަސްމީ އިވެންޓެއް ނޫންކަމުގައިވިޔަސް މުޅި ގައުމުގައި މިފަދަ އިޖުތިމާއީ ބަދަލުތައް ގެނައުމަށް ތާއީދު ކުރާކަން ފެންނަ އިވެންޓެކެވެ.

"ސަޢުދީއަށް ބަދަލު އަންނަނީ،" ފައިނޭންސް ދަރިވަރެއް ކަމަށްވާ އަބްދުލްއަޒީޒް ޚާލިދު، 23، ބުންޏެވެ. ޢަރަބި ބަހާއި އިނގިރޭސި ބަހާއި ދެމެދު އެއްވެސް ދަތިކަމެއް ނެތި ޖުމްލަ މެދުތެރެ ބަދަލުކޮށްލަމުން ޚާލިދު ބުނީ މިއަހަރު ސިހުރުވެރިއެއްގެ  ގޮތުގައި ހެދުން އަޅައިގެން އުޅެން ރާވާފައިވާ ކަމަށެވެ.

ސައުދީގެ ގިނަ މީހުން ބޮޑުވަމުން އައިިއިރު ދުވަހަކުވެސް ހެލޯވީން ފާހަގަކޮށްފައެއް ނުވެއެވެ. ސައުދީއަކީ ސިހުރު ހެދުމާއި ސިހުރު ހެދުވުން މަނާ ކުރެވިފައިވާ އަދި އެފަދަ ކަންކަމަށް ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކުގެ މައްޗަށް ދައުލަތުން ދައުވާކޮށް ގަތުލުކުރާ ގައުމެކެވެ. ވެލެންޓައިންސް ޑޭ، ކްރިސްމަސްޑޭ އަދި ހެލޯވީން ފަދަ އިސްލާމީ ނޫން ބަންދު ދުވަސްތައް ފާހަގަ ކުރުމަކީ ކުރިން މުޅިން މަނާ ކަމެއް ކަމަށް ބައިވެރިވި ބައެއް މީހުން ބުންޏެވެ.

ކުރިން ސައުދީ އަރަބިއްޔާއަކީ އަންހެނުންނަށް ކާރު ދުއްވުން މަނާކޮށް، އަންހެނުން އަބާޔާ ފަދަ ނިވާކަންބޮޑު ހެދުން އަޅަން ލާޒިމުކޮށް، އިސްތަށިގަނޑާއި މޫނު ނިވާކުރުމަށް ގޮވާލާ ގައުމެކެވެ. ދިރިއުޅުމުގެ އެތައް ނިންމުންތަކެއް ނިންމުމަށް ފިރިހެން ބެލެނިވެރިއެއްގެ ރުހުން ހޯދަން ޖެހުނުއިރު، އޮފީސްތަކާއި ކެފޭތަކާއި އެހެނިހެން ގިނަ ޖާގަތަކުގައި އަންހެނުން އުޅުން މަނާ ގައުމެކެވެ. އަދި  އާންމު ތަންތަނުގައި މިއުޒިކް ކުޅުމަކީވެސް މަނާ ކަމެކެވެ.

ޕްރިންސް މުހައްމަދު 2016 ވަނަ އަހަރު، އިޢުލާން ކުރެއްވި އިކޮނޮމިކް ޑައިވަރސިފިކޭޝަން ޕްލޭނެއްގައި ސައުދީ، ދުނިޔޭގެ ވިޔަފާރީގެ  ހަބަކަށް ބަދަލު ކުރުމަށް ގޮވާލެއްވި އެވެ. ދީނީ ފުލުހުންނަށް މީހުުން ހައްޔަރު ކުރުމުގެ ބާރު ގެއްލި އެމީހުންނަކީ ނަސޭހަތްދޭ ބަޔަކަށް ވެގެން ދިޔައެވެ. އަންހެނުންނަށް އުޅަނދު ފަހަރު ދުއްވުމުގެ ހުއްދަ ލިބުނެވެ.

އުމުރުން 37 އަހަރުގެ ޕްރިންސް މުޙައްމަދު ވަނީ ތެލުގެ އިތުރުން އިގްތިސާދީ ގޮތުން މުޅިން އާ ދާއިރާއެއްގެ ގޮތުގައި މުނިފޫހިފިލުވުމުގެ ގޮތްތައް ތަރައްގީ ކުރުމަށް ވެސް ބާރުއަޅަން ފަށާފަ އެވެ. ސައުދީ އަރަބިއްޔާގެ 30 އަހަރުން ދަށުގެ 58 އިންސައްތަ މީހުންގެ ތެރެއިން ގިނަ މީހުން ބުނަނީ ބަދަލު ގެނައުމުގެ ކުރިން އެމީހުން ތިބީ މުނިފޫހިފިލުވުމަށް ބަނޑުހައިވެފައި ކަމުގައެވެ.

ދިހަވަރަކަށް އަހަރު ފަހުން ފުރަތަމަ ފަހަރަށް ފިލްމު ސިނަމާތައް ހުޅުވިއިރު، ސަރުކާރުން ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދިޔަ ސިލްސިލާ އުފާފާޅުކުރުންތަކެއް ބޭއްވުމަށް ސަރުކާރުން ހަވާލުވިއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ “ރިޔާޒު ސީޒަން” އެވެ.

މި ބަދަލުތަކުގެ ސަބަބުން ސަޢޫދީގެ ބައެއް މީހުން ކަންބޮޑުވާއިރު އަނެއް ބަޔަކު ރުޅިއާދެއެވެ. ސަޢޫދީގައި އިޖުތިމާއީ ބައެއް ހުރަސްތަކަށް ލުއި ދިނުމާއެކު ސިޔާސީ ފިއްތުންތައްވެސް އިތުރުވެ، އެތައް ސަތޭކަ ލިޔުންތެރިންނާއި އެކްޓިވިސްޓުންނާއި ސޯޝަލް މީޑިޔާގެ ނުފޫޒުގަދަ މީހުން ޖަލަށް ލައިފިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *