އުފެއްދުންތެރި މުސްލިމް- މުފްތީ މެންކް

އުފެއްދުންތެރި މުސްލިމަކީ މުސްތަޤުބަލަށް ވިސްނައި،  މުސްތަގުބަލުގައި ކުރަންޖެހޭ ކަންކަން ހެޔޮގޮތުގައި ކުރުމަށް މަސައްކަތްކުރާ، ދުނިޔެއާއި އަދި އާޚިރަތަށްޓަކައި އެ މުސްތަޤްބަލް އާރާސްކުރާމީހާކަމަށް މަޝްހޫރު ދީނީ އިލްވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

އުފެއްދުންތެރި މުސްލިމަކަށްވުމާބެހޭ ގޮތުން އައްޑޫސިޓީގައި ބޭއްވި ދަރުސްގައި ތަޤްރީރު ކުރައްވަމުން މުފްތީ ވިދާޅުވީ ކޮންމެ ކަމަކަށްވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު އެގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭކަމަށެވެ. އެގޮތުން އަޅުކަމާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ވަގުތު ހުސްކުރުމުގައި ވިސްނުންތެރިކަމާއިއެކު މަސައްކަތްކުރުމަށާއި ތިމާއަކީ ނަމާދުކުރުމުގައި ކަންނެތް މީހެއްކަމުގައިވާނަމަ އެމީހަކު އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށެވެ.

އަދި ނަމާދަށް ހޭ ނުލެވޭނަމަ، ހޭލާން މަސައްކަތްކުރަން ފެށުމުން މާތްﷲގެ ކުޅަދުންވަންތަކަމުން އިންސާނާއަށް އަމިއްލައަށް އެގޮތަކަށް ބައްޓަންވެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަޢުލޫއަށް އިތުރަށް އަލި އަޅުވާލަމުން މުފްތީ ވިދާޅުވީ އިންސާނުންނަކީ ކުށްކުރެވޭ ބަޔަކަށްވާއިރު އެކެއްގެ ފުށުން ތިމާއަށް ދެރަގޮތެއް ދިމާވެ، ތަކުލީފު އުފުލަންޖެހުނަސް، އެކަންކަން ހިތުގައި ނުބާއްވާ، މަޢާފުކޮށް އެކަމެއް ހަނދާން ނައްތާލުމަކީ އެންމެ ރަނގަޅުގޮތްކަމަށެވެ.

އަދި މުސްލިމަކު ކުރާ ކުޑަކުޑަ ހެޔޮ ކަމަކުންވެސް އެތައް ސަވާބަކާއި ދަރުމައެއް ލިބޭކަން ފާހަގަކުރައްވާ  ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމާއި ފުރިހަމަ މުސްލިމެއްގެ ގޮތުގައި އެކުދިން ބޮޑުކުރުމަކީ މައިންބަފައިންގެ މައްޗަށް ވާޖިބުކަމަކަށްވާއިރު އެންމެ ފުރަތަމަކަމަކަށް ދަރިންނަށް ދީން އުނގަންނައި ދޭންޖެހޭކަމަށްވެސް އޭނާގެ ދަރުސްގައި ވިދާޅުވިއެވެ.

މުފްތީ އިތުރަށް ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި މިހާރު ޓެކްނޯލޮޖީއާއި ގާތް ޒަމާނެއްގައި ދަރިންނަށް ދޭންޖެހޭ ވަގުތު ދީ، ދަރިންގެ ކަންކަމުގައި ވަގުތު ހޭދަކުރާއިރު ފޯނާއި އެފަދަ ޓެކްނޯލޮޖީއާއި ދުރުވުމަށް ނަސޭހަތްތެރި ވެވަޑައިގެންނެވިއެވެ. އިސްލާމްދީނުގައި އަޅުކަމަށް ވަގުތު ލިބޭފަދައިން އެހެންކަންކަމަށްވެސް ވަގުތު އޮންނަކަމަށާއި އެފަދައިން ޢަމަލުކުރުމަށްވެސް  އެދިވަޑައިގެންނެވިއެވެ.

އަދި ދަރިން ތަރުބިއްޔަތު ކުރާއިރު އުފެއްދުންތެރި މުސްލިމަކަށް ވާންޖެހޭކަމަށާއި އެކުދިންނަށް ހެޔޮގޮތުގައި ކަންކަމުގައި ވިސްނުވައިދޭން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް އެއްގަޑިއިރަށް ދެމިގެން ދިޔަ މި ދަރުސްގައި މުފްތީ ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ކުޑަ މިންވަރަކަށް ނަމަވެސް ކީރިތި ގުރުއާނު ކިޔެވުމާއި އެކަކު އަނެކަކަށް ހެޔޮ ފޯރުކޮށްދިނުމަށެވެ. އަދި ހަމައެއާއެކު މީހުންގެ ސިއްރު ހިފަހައްޓައިފިނަމަ މާތްﷲ އެމީހާގެ ސިއްރުތައްވެސް ހިފަހައްޓާނެކަމަށާއި އެ ނޫން ހާލަތެއް ދިމާވެއްޖެނަމަ އެކަމަކުން އެމީހަކު ދުރުކުރުމަށް ހެޔޮގޮތުގައި މަސައްކަތްކުރުން މުހިންމު ކަމަށެވެ.

މުފްތީގެ ދަރުސް ނިންމާލަމުން އެދިވަޑައިގެންފައިވަނީ އެހެންމީހުންގެ ދިރިއުޅުމުގައި ތިމާގެ ހިއްސާ އޮންނަންވާނީ ހެޔޮ ގޮތުގައިކަމަށާއި މީހެއްގެ ފުށުން ނުރަނގަޅުކަމެއް ފެނިއްޖެނަމަ އެމީހަކަށްޓަކައި ހެޔޮ ދުޢާކުރުމަށެވެ.

މުފްތީ މެންކް ރާއްޖެއަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި މިރޭ ހުޅުމާލޭގައިވެސް ދަރުހެއް ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިރޭ 8:45 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުހުގެ މަޢުލޫއަކީ އާއިލީ މައްސަލަތައް ހައްލު ކުރުމެވެ.

މިރޭގެ ދަރުހަކީ މެންކް ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުގައި އޭނާ ދެއްވާނެ އެންމެ ފަހު ދަރުހެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *