ގަސްތައް ފަސޭހަ ކަމާއެކު ބޭނުންތާކަށް ބަދަލުކުރުން
ބޭނުންވާ ކޮންމެ ހިނދެއްގައި ބޭނުންތާކަށް ގަސްތައް ބަދަލުކުރުމަކީ ބަގީޗާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެވޭނެ ކަމެކެވެ. ހޫނު ގަދަވުމުގެ ސަބަބުން ނުވަތަ މޫސުމަށް އަންނަ ބަދަލުގެ ސަބަބުންވެސް ގަސްތައް ބައެއްފަހަރު އެހެންތާކަށް ބަދަލުކުރަން ބޭނުންވާފަހަރު އާދެއެވެ. ނަމަވެސް ބިމުގައި ހައްދާފައިވާގަސްތައް އެގޮތަށް ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ގަސްއިންދާ ޕޮޓް ގެންގުޅޭ އުސޫލު ބަދަލުކޮށްލުމުން ގަސްތައް އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަށް ފަސޭހަ ގޮތެއް ގެންގުޅެވިދާނެއެވެ. އެގޮތުން ބިންމަތީގައި ހުސް ޕޮޓް ވަޅުލާށެވެ. ދެން ގަސްއިން ޕޮޓް ބިންމަތީގައި ވަޅުލާފައިވާ ހުސް ޕޮޓުގައި ބައިންދާށެވެ. ބޭނުންވެއްޖެ ހިނދެއްގައި ގަސްއިންދާފައިން ޕޮޓުން ނަގާ އެހެންތަނެއްގައި ވަޅުލާފައި ހުންނަ ހުސް ޕޮޓަކަށް ލެވިދާނެއެވެ. ބަގީޗާގައި ގަސްތަކުގެ އެތުރުން ނުވަތަ ތަރުތީބުވެސް ބަދަލު ކޮށްލެވިދާނެއެވެ.
ހުސްދަޅު ބޭނުންކޮށްގެން ޕޮޓަށްއަޅާ ވެލި ބޭނުންކުރަންޖެހޭ މިންވަރު މަދުކުރުން
ބޮޑެތި ޕޮޓުތަކުގައި ހައްދަންޖެހޭ ގަސްތަކަށް ގިނަ އަދަދެއްގެ ވެލި ބޭނުންވެއެވެ. ޕޮޓުގެ އެންމެ ފުނަށް ހުސްދަޅު އަޅާށެވެ. ކޯކު ހުސްކުރިދަޅު ނުވަތަ ގެރިކިރު ހުސްކުރި ފަދަ ދަޅު އަޅާށެވެ. އޭރުން ފެން ފަސޭހައިން އަޑިއަށް ފޭބުމާއި ވައި ދައުރުކުރަން ފަސޭހަ ވާނެއެވެ.
ކުދިކުދި ގްރީން ހައުސް ހެދުން
ޅަގަސް ހެއްދުމަށާއި ނިރުން ގަސްފެޅުވުމަށް ކުދިކުދި ގްރީން ހައުސްއަކީ ފަސޭހަ ގޮތެކެވެ. ފެންހުސްކުރި ފުޅިއެއް ނުވަތަ ކޯކް ފަދަ 1.5 ލިޓަރު ހުންނަ ހުސްފުޅިއެއް ފުލުން ބުރިކޮށްލާށެވެ. ކޮންމެ ގަހަކަށް ވަކި ގްރީން ހައުސެއް ހަދާށެވެ. ގަސްރަނގަޅަށް ރޯވުމުން ފުޅި ނަގާށެވެ.
އޮށް އިންދުމަށް ބޯކަރުދާހުގެ ހޮޅި ބޭނުންކުރުން
ޓިޝޫ ރޯލް އޮޅާފައި ހުންނަ ބޯކަރުދާހުގެ ހޮޅި ޕްލާސްޓިކް ކޮންޓެއިނަރ ނުވަތަ ތަބަކެއްގައި އަތުރާށެވެ. އެ ހޮޅިއަށް ވެލި އެޅުމަށްފަހު އޮށް އިންދާ ފެންދޭށެވެ. ގަސްފަޅާ ރުވަން ކަމުދާވަރަށް ހެދުމުން ގަސްނެގުމުގެ ބަދަލުގައި ހޮޅި ބިމުގައި ވަޅުލާށެވެ. އޭރުން ގަހަށް ލިބޭ ގެއްލުން ކުޑަ ކުރެވި އަވަހަށް ހެދެން ފަށައެވެ. ހޮޅިތަކަކީ ބޯކަރުދާސްކަމުން ވަރަށް އަވަހަށް ބިމުގެ ތެރެއަށް ހަލާކުވެގެންދެއެވެ.
ރަނގަޅަށް ގަސްތަކަށް ގިނައިރު ފެންލިބޭގޮތް ހެދުން
ގަހުގެ އެންމެ އަޑީގައި ހުންނަ މޫތައް ގިނައިރު ފެނުގައި ހުރުމަށްޓަކައި ބިމުގެ އަޑީގައި ނުވަތަ ޕޮޓުގެ އަޑީގައި ސްޕޮންޖް ވަޅުލާށެވެ. ސްޕޮންޖުގައި ގިނައިރު ފެން ހުރުމުގެ އިތުރުން ވައިދައުރުކުރުމަށްވެސް އެހީތެރިވެދެއެވެ.
