(26 އޮކްޓޯބަރ 2022ގެ ނޫހާއި ގުޅޭ)
ލީޝަންއަށް ވީތަދުންނާއި ލިބުނު ޝޮކުން ހަމަ ވިސްނުން ލިބިއްޖެއެވެ. މިއަދު މަންމަ ނިޔާވި ހިތާމަވެރި ހާދިސާ ހަނދާންވެއްޖެއެވެ. އޭނާ ބާރަށް ރޮއިގަތެވެ. އަދި އެނދުގައި އޮށޯވެއްޖެއެވެ. އަރިއަކަށް އެނބުރި މަންމަގެ ބާލީހުގައި ބައްދާލިއެވެ. އަދި ދެފައި ކުރުކުރުވޭނެ އެންމެ ކުރުކޮށް ހަށިގަނޑު ބޮނޑިވެލިއެވެ. އޭނާ ބާރަށް ރޯންފެށިއެވެ. ވަރުބަލިވެ ގިސްލެވެންދެންނެވެ. އަބަދުވެސް ލީޝަންއަށް ނަފުރަތުކުރާ ޔައީނަށް މިއަދު މިނިކަމެތި ކުއްޖާއަށް ހަމްދަރުދީވެވުނެވެ. އޭނާގެ އޯގާތެރި ހިތް އެ އަންހެން ކުއްޖާއަށް އެހީވާން މަޖުބޫރުކުރުވިއެވެ. ނަމަވެސް އޭނާ ދިޔައިރު ނިދާބޭހުގެ އަސަރުން ލީޝަންއަށް އޮތީނިދިފައެވެ.
ހަފްތާއެއްގެ ކުރިން ރަހީމާއެކު ދިމާވި އާދަޔާޚިލާފް ހާދިސާގެ ސަބަބުން ރަށަށްދާން ނިންމައިގެން ހުރި ޒީނާ ނުގޮސް މަޑުކޮށްލީ ރާމިޒާގެ ޖަނާޒާ ކަންތައް ނިމެންދެންނެވެ. ހަފްތާއެއް ވީއިރުވެސް އޭނާއަށް ރަހީމެއް ނުފެނުނެވެ. ޔަގީނެވެ. އޭނާދެކެ ރަހީމު ވަރަށް ނުރުހުން ވެލައްވާނެއެވެ. އޭގެ ސަބަބުން އޭނާގެ އަމިއްލަގެއިން ވެސް ކޭންނުބައްލަވަނީ ޒީނާއާއި ދިމާވެދާނެތީކަން ޔަގީނެވެ. ހަވީރުވަނީއެވެ. އޭނާ ގެއިންނިކުތީ ރައްޓެހި ކުއްޖެއް މެދުވެރިވެގެން މާދަމާ ފުރަން ހަމަޖެހިފައިވާ އެރަށުގައި ޖައްސާ އެހެންރަށެއްގެ ބޯޓަކުން ރަށަށް ދެވޭނެ އިންތިޒާމު ހަމަޖެއްސޭތޯއެވެ. މިގޭގައި އޭނާއަށް ހުރުމުގެ ކުޅަދާނަކަމެއް ލިބިގެން ނުވެއެވެ. ދެން ރަހީމަށް ފެނިއްޖެނަމަ އޭނާއާއި ހަތަރުކަޅި ހަމަކުރާނީވެސް ކިހިނެއްހެއްޔެވެ؟ ގެ ދުރުކަމުންނާއި ރަނގަޅަށް އެގެއަށް ދާން ނޭނގޭތީ މަގުމަތިންދިޔަ ޓެކްސީއެއް ހުއްޓުވިއެވެ. އެޓެކްސީއަށް އެރިއިރު އެކާރުގެ ކުރީގައި އިތުރުމީހަކުވެސް އިނެވެ. ކާރުދުއްވަމުންދިޔައީ އާދައިގެ ވަރަކަށެވެ. ކާރުގޮސްމަޑުކޮށްލީ ހަނިހަނިގޯޅިއެއް ކައިރިއަށެވެ.
"އެގެ ހުންނަނީ މި މަގަކުނޫނެއްނު." އޭނާއަށް އެކަންޔަގީންވާތީ އެހިއެވެ.
"މިގޯޅިއާއި ޖެހިގެން އެފަރާތު މަގުގައި. ދެންރަނގަޅުވާނީ ހިނގާލާފައި ދިޔައްޔާ. އެއީ އެމަގު އޮތީ މަސައްކަތެއް ކުރަން ބަންދުކުރެވިފާ." ކާރު ދުއްވަން އިން ޒުވާން ފިރިހެންކުއްޖާ ބުންޏެވެ. ކާރުގެ ދޮރު ހުޅުވެންއޮތީ އެ ގޯޅިއަށް ކަމަށްވުމުން އޭނާ އެގޯޅިކައިރިއަށް ފޭބިއެވެ. ކުއްލިއަކަށް އަންހެންކުއްޖަކު އޭނާގެ އަތުގައި ހިފާ އެގޯޅިތެރެއަށް ގެންގޮސްފިއެވެ. އޭނާއަށް ކުރިމަތިންފެނުނީ ފާޑަކަށް އަރިއަޅަމުން އައި ދެ ފިރިހެނުންނެވެ. ޒުވާން މިދެކުދިން ލާފައިވާ ޖީންސްވަނީ ތަންތަނުން ކަފައިގެންގޮސްފައެވެ. ރަނގަޅަށް ވާހަކަ ނުދެއްކޭއިރު ލޯވެސް މެރެން އުޅޭހެން ހީވެއެވެ. ލީޝަންއަށް މިހެންވެފައި ހުރިތަން އޭނާއަށްވެސް ފެނިފައިވެއެވެ. އެހެންކަމުން މިއީ އޭނާއަށް ވަރަށްބޮޑު ނުރައްކަލެއްކަން އެނގި ގަދަހަދަން ފެށިއެވެ. ރަގަޅަށް ހަމައިގައި ނުތިބެވުމުގެ ސަބަބުން ޒިނާއަށް ވަރަށް ފަސޭހައިން އެކަކު ކޮށްޕާލާ ދުއްވައި ގަނެވިއްޖެއެވެ.
އޭނާއަށް ދެވޭ ތަނެއް ނޭނގެއެވެ. މިހަނި ގޯޅިގަނޑުގައި ރައްކާތެރިކަން ހޯދާނީ ކޮންތަނަކުން ކަމެއްވެސް ނޭނގެއެވެ. އޭނާ ލޮލުގައި އަޅައިގަތީ އެއްފަރާތެއްގައި ހަދަންފަށާފައިހުރި އިމާރާތެކެވެ. ގައިގެ ހުރިބާރެއްލާފައި އެތާހުރި ކުޑަކުޑަ ސިޑިއަކުން މައްޗަށް އަރައިފިއެވެ. "އޭއް ހުއްޓޭ. މޯޑް. ބާރަށްދޭ އޭނާ ހިފަހައްޓާ" އެދެމީހުން ގޮވަމުން އާދެއެވެ. ޒީނާވަނީ އިންތިހާއަށް ބިރުގެންފައެވެ. އަވަސް އަވަހަށް އެރުމުގެ ސަބަބުން ދެފަހަރަކު އޭނާ ސިޑިން ކައްސާލިއެވެ. މިއިން ކޮންމެ ފަހަރަކުވެސް އޭނާގެ މޫނުމަތިންނާއި ފައިން ޒަޚަމުތަކެއްވެ ލޭ ހިލެންފެށިއެވެ. އޭނާއަށް ހުއްޓެވުނީ އިމާރާތުގެ ހަވަނަބުރިއަށް ވެސް އެރުނުފަހުންނެވެ. އެއީ ހަތްވަނަބުރިއަށް ޝީޓުއަޅާފައިވާ އަދި އެއްގޮތަކަށްވެސް ރާނަން ފަށާފައި ނުވާތަނެކެވެ. އޭނާ ދެންއަރާނެ ތަނެއް ނެތުމުން ވަށައިގެން ހޯދާލިއެވެ. އުސް އިމާރާތްތަކާއި އުޑު އޭނާއަށް ސާފުކޮށްފެނުނެވެ. އޭނާއަވަސްއަވަހަށް ކައިރީގައި ބަހައްޓާފައި ހުރި ފިލާތަކެއްގެ ނިވަލަށް ވަދެ ހިމޭނުން އިނދެއްޖެއެވެ. އެދެމީހުން އެތަނަށްވެސް އަތުވެއްޖެއެވެ.
"ކަލޭ ރަނގަޅަށް ނުހިފޭއްޓީއެއްނު." އެދެމީހުން ވާހަކަދެއްކިއެވެ.
"އެކުއްޖާވާނީ މިތާނގައި ކަންޔަގީން. ހަމަގައިމުވެސް އިތުރުތާކަށް ނުދެވޭނެ." އެދެމީހުން ޒީނާ ހޯދަމުން ދެއެވެ.
"މިއިނީ" ފިލާތައް ކައިރީގައި ނިވާވެގެން އިން ޒީނާ އެންމެފަހުން އެމީހުންނަށްފެނުނެވެ.
އެދެމީހުން ޒީނާގާތަށް ޖެހުނެވެ. އަދި އެއްވެސް ބާރެއްނުހެދުނު ޒީނާ އެދެމީހުން ހިފަހައްޓައިފިއެވެ. އެތަނުން އެކަކު ޒީނާގެ ދެއަތް ފުރަގަހަށްލާ ބަނދެލިއެވެ.
"އަހަރެން ދިޔަދީ. އަހަރެން ދޫކޮށްލާ. " ޒީނާ ރޮމުން ގޮވަންފެށިއެވެ.
"ޝްޝްޝް. ބާރަށް ވާހަކަ ނުދައްކާ. އަހަރެން ކަލެއަކަށް ގޮތެއްނަހަދާނަމޭ."
"ދެން އެހެންވިއްޔާ އަހަރެން ދިޔަދީ. މިވާގަނޑު ނައްޓާލާ. އަހަރެން މޮހާލާ." ޒީނާގެ އަޑު ދަނީ ކުރިއަށްވުރެވެސް ގަދަވަމުންނެވެ.
"މޯޑޫ. އޭނާގެ އަނގަބަންދުކުރޭ. އެހެންނޫނީ މާގޯސްވެދާނެ." ޒީނާ ހިފަހައްޓައިގެން މޫނު ނުފެންނަ ވަރަށް ބޮޑު ތޮތްޕެއް އަޅައިގެން ހުރިމީހާ އަމުރުކޮށްލިއެވެ. މޯޑު ވަށައިގެން ހޯދާލިއެވެ. އެއްވެސް ތާކުން އިތުރުފޮތިކޮޅެއް ނުލިބުމުން އޭނާ ޒީނާގެ ހެދުން އިރާލިއެވެ. ހުދުކުލައިގެ ކުރުހެދުން އިރާލާ އޭނާގެ އަނގައަށް ފޮތިގަނޑު ޖަހާ އަޑުނުނިކުންނަ ގޮތަށް ބަންދުކުރިއެވެ. އަދި ހެދުން ދުރަށް އެއްލާލިއެވެ.
"މީ ހާދަ ރީތިކުއްޖެކޭ. މިކަހަލަ ރީތިކުއްޖެއް މޯޑު ދުށިންތަ؟" އެދެމީހުން ހީވަނީ މޮޔައެއް ހެންނެވެ. އަދިވެސް އެމީހުންނަށް ވާހަކަދެއްކެނީ އަގައިގާ ވާގިނެތިއެވެ.
"ނެތްތަ އަދި ޕީސްކޮޅެއް."
"ކުޑަ އެތިކޮޅެއް އެބައޮތް." ފޮށިން ސިގިރޭޓެއް ނަގަމުން އެއަށް ކުޑަފުޅިއެއްގައި ހުރި ދިޔާތިއްކެއް އަޅާލިއެވެ. ދެތިންފަހަރަކު އެތެރެއަށް ދަމާލިއިރު އެދެމީހުންގެ ލޯކުޑަވެ އަރިއަޅަން ފަށައިފިއެވެ. ހަށިގަނޑު އެލި ވާހަކަދައްކާއިރު އަނގަ ވާވެފައިވާ ބަޔަކާއި ދާދި އެއްގޮތެވެ. މޮޔައެއްފަދައިން ނިވާކަމެއްނެތް ޒީނާގެ ހަށިގަނޑުގައި ފިރުމަންފެށިއެވެ. އަދި އިސާހިތަކު ދެމީހުންވެގެން ޒީނާއަށް އެތައް އަނިޔާއެއްދީ ޒަޚަމް ކޮށްފިއެވެ. އެ ބާރުގަދަ ދެފިރިހެނުންގެ އަތުގެ ތެރެއިން ސަލާމަތް ވެވޭތޯ ގަދަހަދަމުން ދިޔަ ޒީނާއަށް ކާމިޔާބެއް ނުލިބުނެވެ. އޭނާ ތެޅިފޮޅުނެވެ. އަނގައިން އަޑު ނުނިކުތް ނަމަވެސް ކަރުން ހަންދާވަރަށް އޭނާ ހަޅޭއްލެވިއެވެ. ސަލާމަތަށް އެދި އާދޭސްކޮށް ރުޔެވެ. އެދެލޮލުން ރަހުމަތާއި ހަމްދަރުދީއަށް އެދި ހޫނުކަރުނަތައް ފޭބިއެވެ. ޒީނާގެ ހުރިހާފޭރާމެއް ވީދާ ކުދިކޮށް މަސްތުވެފައި ތިބި އެނުލަފާ ދެމީހުން ޖަނަވާރެއް ފަދައިން ޒީނާގެ އިއްފަތް ފޭރިގެންފިއެވެ. ހަށިގަނޑުގައި އެތައް ޒަޚުމުތަކާއި ރިހުންތަކެއް އުފަން ކުރުވާފައެވެ. އެކާވީސް އަހަރުގެ ޒުވާން ޒީނާގެ ދިރިއުޅުމުގެ ހުރިހާ އުންމީދުތަކެއް ކަފުން ކޮށްފައެވެ.
"މޯޑް މިކުއްޖާ އަދި ދިޔަދީގެން ނުވާނެ."
"އެހެންވިއްޔާ ކަލޭ މިތާ އޭނަ އައްސާ." އެދެމީހުން ދިޔައީ ޒީނާގެ އެއްފައި އެތާގެ ތަނބެއްގައި ވާގަނޑަކުން ބަދެފައެވެ. އިރާކޮޅުގެ ހިމޭންކަމާއި އަމާންކަން ޒީނާގެ ވޭނީ އާހަށް ފުރަގަސް ދެމުންނެވެ. ކަނު އަނދިރީގެތެރޭގައި ބޮޑު ސިއްރެއްގެ ގޮތުގައި ސިއްރު ކުރަމުންނެވެ. އަދި މިރޭ ދަންވަރު އަންނާނެ ކަމަށް ބުނަމުންނެވެ.
ނިކަމެތި ޒީނާއަށް ނުތެދުވެނުތާނގައި ފަރާތަކަށް ގުޑާވެސް ނުލެވުނެވެ. އޭނާގެ ހަށިގަނޑުގައި ތަދުނުވާ އެއްވެސް ގުނަވަނެއްނެތެވެ. ދަށްބަނޑަށާއި ގުނަވަންތަކަށް ހީވަނީ ވަޅިއަކުންކެފީމާ ވާކަހަލަ ތަދުތަކެއްވާހެންނެވެ. ކެތްކުރަން ހިތްވަރު ކުރިނަމަވެސް މަޑުމަޑުން ބޮލަށް ގޮތެއްވެ، ލޯމައްޗަށް އަނދިރިވެ ޚަބަރުހުސްވިއެވެ. އެގޮތުގައި ނިވާނުވާ ހާލު މީހެއްގެ އެހީތެރިކަމަކަށް އިންތިހާއަށް ބޭނުންވެފައި އޮތެވެ. ރޭގަނޑުގެ ހިމޭންކަމުގައި އޭގެ ބައިގަޑިއިރުފަހުން ޒީނާއަށް ލޯހުޅުވާލެވުނެވެ. ކުޑަ އިރުކޮޅެއް ކުރިން ހިނގި ނުރައްކާތެރި ހާދިސާގެ ހިތިކަމާއި ވޭން އިހުސާސް ކުރެވެން ފަށައިފިއެވެ. ހަށިގަނޑުގައި ފޭރާމެއް ނުވާތީ ހީވެސް ކަރުވާން ފަށައިފިއެވެ. އޭނާގެ މުޅިހަށިގަނޑުގައި ރިހެނީއެވެ. ހަށިގަނޑު ތުރުތުރު އަޅަނީއެވެ. ކުއްލިއަކަށް ހަނދާންވީ "އަދި އަންނާންވާނޭ" ބުނި ހަނދާނެވެ. އެމީހުން ދެވަނަފަހަރަށް އަތުވެއްޖެނަމަ އޭނާ މަރުވެދާނެއެވެ. އެރިހުމާއި ގަދަތަދަކީ އޭނާއަށް ދެވަނަފަހަރަށް ކެތްކުރެވޭނޭ ކަމެއްނޫނެވެ. އޭނާގެ ހަވަނަހިއްސު ބުނަމުން ދިޔައީ ސަލާމަތްވާނެ ގޮތެއް ހޯދުމަށެވެ. ވީ އެންމެ އަވަހަކަށް މިތަނުން ސަލާމަތްވެވޭތޯ މަސައްކަތް ފަށައިފިއެވެ. މާތްﷲއަށް އެތައް އާދޭހަކާއި ދުޢާއެއް ދެންނެވިއެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ އަނދިރީގެތެރެއިން ފުރޭނިގެން ތަނަށް އެޅިފައިވި އަލިކޮޅަށެވެ. އެތަނުންވެސް ފަހަރުގައި ބަދެފައިވި ވާގަޑު ކަނޑާލެވިދާނެ އެއްޗެއް ފެނޭތޯ ބެލިއެވެ.
ރާމިޒާ ނެތުމުގެ ފަޅުކަން ރަހީމަށްވެސް އުނދަގޫކުރުވިއެވެ. ނަމަވެސް ހިތަށާއި ނަފްސަށް ކޮންމެވެސް ކަހަލަ ހަމަޖެހުމެއް ލިބުނެވެ. އޭނާގެ މައްޗަށް ވާ ވާޖިބު އަދާކުރެވުނުކަމުގެ ހިތްހަމަޖެހުމެވެ. ރާމިޒާގެ ނުރުހުމާއި ޒުވާބުގެ އަޑު ދުވަސްކޮޅަކަށް ނީވުނަސް ދެން އެއަޑު އެއްގޮތަކަށްވެސް ނީވޭނެތީއެވެ. ލީޝަން އޭނާގެ ފުރިހަމަ ތަރުބިއްޔަތަށް ގެނެސް އާދިރިއުޅުމެއްހޯދައިދީ އިސްލާހު ކުރެވޭނެތީއެވެ. ނަމަވެސް ލީޝަން ހުންނާނީ ރޭގެ ހާދިސާއާއިމެދު އޭނާދެކެ ނަފްރަތުވެފައިކަން އޭނައަށް އެނގެއެވެ. އެކަމަކު ލީޝަންއަށް ވިސްނައިދެނިކޮށް ފަހަރުގައި ރަނގަޅުވެދާނެއެވެ. ނަމަވެސް ޒީނާ ހުންނާނީ ކިހިނެއްބާވައެވެ؟ އަހަރެން އޭނާދެކެ ލޯބިވާކަން އެނގުމުން ހީކުރާނީ ކީކޭބާއެވެ؟ އަހަރެންނަށް ނަފުރަތު ކުރާނީއެވެ. އަނބިމީހާ ބަލިހާލުގައި ވަނިކޮށް އޭނާއާއި ގާތްކަން ބާއްވާ އަމިއްލަ އެދުން ބޮޑު މީހެއްކަމުގައި ދެކޭނެއެވެ. ނޫނެކެވެ. އެހެންނޫންނަމަ ރޭގައި އަހަރެންނާއި އެހާގާތުގައި އޭނާއެއް ނުވީހެވެ. އަނެއްކާ އަހަރެންކަހަލަ ދުވަސްވީ މީހަކާއި އޭނާގެ ލޯބި ހިބަކޮށްދީފާނެ ބާވައެވެ؟ ނޫނެކެވެ. އޭނާ އަހަރެންދެކެ ލޯތްބެއް ނުވާނެއެވެ. އޭނާއަކީ ޔައީނުގެ މީހެކެވެ.
ރަހީމު ޒީނާއާއިމެދު ވިސްނާކަށް ބޭނުމެއް ނޫނެވެ. ޒީނާ މިހާރު އޭނާދެކެ ނަފުރަތު ކުރާނެކަމަށް މުޅިން ނިންމިއެވެ. ހެނދުނުންފެށިގެން މިހާތަނަށް އައިއިރުވެސް ޒީނާއެއް އޭނާއަކަށް ނުފެނެއެވެ. އޭނާ ދެން ޒީނާއެއް ނުވެސް ހޯދާނެއެވެ. ރަހީމުގެ ޚިޔާލުތައްގިނަވެގެން ބޮލަށް އުނދަގޫވާ ހިސާބަށް ހިނގައްޖެއެވެ. އޭނާ ކާގެއަށް ގޮސް ފުރިޖުން ޕެކެޓެއްނަގާ ތައްޓަކަށް ޖޫސްއަޅާލިއެވެ.
"އަޅުގަނޑުގެ ބައެއްސާމާނު ހުރީމަ ބަލާމިއައީ." ރާމިޒާގެ ދިވެހިބޭސް ކުރި ފާތުމާ ވާހަކަދެއްކީ ރަހީމަށެވެ.
"ފާތުމާ ބެހެއްޓިއެއްޗެއްވިއްޔާގެންދޭ. މިހުރިހާދުވަހު ބެހެއްޓި ގާތްކަމަށް ވަރަށްބޮޑަށް ޝުކުރިއްޔާ. ބޮޑުކަމެއްޖެހިގެން އެހީއެއް ބޭނުންވެއްޖެއްޔާ އަހަރެންނަށް ވާވަރަކުން އެހީވެދޭނަން." ރަހީމު ވާހަކަދެއްކިއެވެ.
"އަޅުގަނޑު މިހުރީ އަދިވެސް ރަހީމަށް އެހީވާން. ރާމިޒާނެތުމުން މިގެ ބަލަހައްޓާނެ މީހަކު ނެތް. ޒީނާވެސް މިހާރަކުނެތް. ގޭތެރެ ބަލަހައްޓާނެ މީހަކުވަންދެން އަޅުގަނޑު މަޑުކޮށްލަދީފާނަން ރަނގަޅު އުޖޫރައެއްދެންޏާ."
"ޒީނާ ކޮބާ." ޒީނާ ނެތްވާހަކަ ބުނުމުން އޭނާ ޖެހިލުންވިއެވެ.
"ރަށަށްދާންވެގެންނޭ މިއުޅެނީކީ. ހަވީރު ފުރާނަމޭވެސް ބުނި. އެހެންވިއްޔާ މިހާރު ވާނީ ތިޔަފުރީކަމަށް." ރަހީމުގެ މާޔޫސްކަން ވީއިތުރެވެ. މިހާރު އޭނާ ވާނީ ރަށަށް ދާން ފުރާފައިކަން ޔަގީނެވެ. އެންމެފަހުން ޒީނާ އޭނާގެ ލޯބި ގަބޫލުނުކުރީއެވެ. ޒީނާ ހުންނާނީ އޭނާއަށް ވަރަށް ނަފުރަތު ވެފައިކަން ޔަގީނެވެ. އޭނާ ސޯފާގައި އިށީނީ ބޮލުގައި ރިއްސާތީއެވެ.
(ނުނިމޭ)
