ނޮވެމްބަރ 3ގެ ބަޠަލް ޝަހީދު ކޯޕްރަލް ޙުސައިން އާދަމް

ޝަހީދު ކޯޕްރަލް ޙުސައިން ޢާދަމަކީ ، ތިނެއް ނޮވެމްބަރުގެ ބަޠަލުގެ ގޮތުން ފާހަގަކުރެވޭ ޝަޚްޞިއްޔަތެވެ. ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަށް އުފަން ބޭކަލެކެވެ. އޭނާގެ ބައްޕައަކީ ކުޅުދުއްފުށީ / މާވާގޭ އާދަމް މުޙައްމަދު (އާދަމްބެ) އެވެ. މަންމައަކީ ޢާއިޝަތު ޙަސަން އެވެ. ހުސައިން އާދަމް އުފަންވެފައިވަނީ 1968 ވަނަ އަހަރުގައެވެ. ތަޢްލީމު ޙާޞިލުކުރެއްވީ ކުޅުދުއްފުށީ " އަމީރު އަމީން " ސްކޫލުންނެވެ. ހުސައިން އާދަމަކީ އަމީރުއަމީން ސްކޫލުން އައި ގްރޫޕްގެ ތެރޭގައި ހިމެނުނު ބޭކަލެކެވެ.

ހުސައިންއާދަމްގެ ސްކޫލް ދައުރުގައި އެސްކޫލުގައި ހިންގި ކެޑޭޓް ހަރަކާތުގައި ބައިވެރިވެ ލެއްވިއެވެ. ޙުސައިންއާދަމް ހިމެނޭ ބެޗަކަށް ކެޑޭޓް ދަސްކޮށްދެއްވި ބޭފުޅުންގެ ތެރޭގައި ސިފައިންގެތެރެއިން އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ތަމްރީނު ޙާސިލް ކުރައްވަން ވަޑައިގެންނެވި ބޭފުޅުންގެތެރޭގައި ހިމެނޭ އައްސައްޔިދު ޢައްބާސް އަލީ ހިމެނިވަޑައިގެންނެވިއެވެ. ޢައްބާސް ވިދާޅުވެފައިވާގޮތުގައި އޭނާ އަމީރުއަމީން ސްކޫލްގައި ކެޑޭޓް ދަސްކޮށްދެއްވި އިރު ޙުސައިން އާދަމަކީ އެބެޗްގައިވެސް އާދަޔާ ޚިލާފަށް ފާހަގަ ކުރެވޭ ތޫނުފިލި ކުއްޖެކެވެ.

ނޮވެމްބަރ 3 ރޭ ފަތިހު 4 އިން 6 އަށް ބަނޑޭރިގޭ ބޭރުގޭޓް ހުޅަނގު ފަޅީގެ ޑީއުޓީއަށް ދުރުވީ ޕްރައިވެޓް ޙުސައިން އާދަމް އެވެ. ބޭރުގޭޓްގެ އިރުމަތިފަޅީގައި ހުރީ ޕްރައިވެޓް އާދަމް މުޙައްމަދު (ގުލްބަކާ) އެވެ. ގޭޓް އެތެރޭން އުތުރުފަޅީގައި މުގުރުފޯރީގައި ހުރީ ޕްރައިވެޓް ޖިހާދު އަޙްމަދެވެ. ގޭޓްގެ އެތެރެއިން ދެކުނު ފަޅީގައި ހުރީ ޕްރައިވެޓް އިބްރާހީމް މޫސާ ފިކުރީ އެވެ. ޑިއުޓީ ސަރުދާރަކީ ލާންސް ކޯޕްރަލް އަޙުމަދު ރިޒާއެވެ.

އެމީހުން ޑިއުޓީއާ ހަވާލުވެގެން އާދައިގެ މަތިން އެކަކު އަނެކަކާ ވާހަކަ ދައްކާ ހަދަމުން ދިޔައެވެ. އެރޭގެ 4:25 ނުވަތަ 4:30 ހާއިރު ބަޑިއެއް ގޮއްވަލިއަޑު އިވުމުން އެވަގުތު މިމީހުންގެ ތެރޭގައި "ރައީސް އޮފީހުގެ ޑިއުޓީ މީހުންކުރެ މީހަކު ވަޒަނެއް ގޮއްވާލިއޭ" ކިޔާވާހަކަ ދެކެވެނިކޮށް"މިތާ ސޯޓްބުރިއެއް ލައިގެން އުޅޭބައަކު އެބައުޅެޔޭ" ޙުސައިން އާދަމް ބުނުއްވިއެވެ. އެވަގުތު ޑިއުޓީ ސަރުދާރު "ރަނގަޅަށް ބަލައްޗޭ" ބުނުއްވިތަނާ، ޙުސައިން އާދަމް އޭނާގެ ބަޑި ރެޑީކުރިއެވެ. އެވަގުތު އިތުރު ވަޒަންތަކެއް ރައީސް އޮފީހާދިމާއިން ގޮވި އަޑުއިވުނެވެ. އަދި އެވަގުތު ބަނޑޭރިގޭ ގޭޓަށް އެރިވަޒަނަކުން މަތިން ސިމެންތިތައް ބުރައިގެން ދިއުމާއިއެކު ޙުސައިން އާދަމް ހަމަ ވަގުތުން ރައްދުގައި ހަމަލާދޭން ފަށައިފިއެވެ. ޙުސައިން އާދަމް ޙަމަލާ ދެމުން ދިޔައިރު ޑިއުޓީގައި ތިބި އެހެން މީހުންނާ ވާހަކަ ދެއްކެވިއެވެ. ޙުސައިން އަދާމް ފުރަތަމަ މެގަޒިން ހުސްވުމުން އިތުރުވަޒަން ބޭނުންކަމަށް ޑިއުޓީ ސަރުދާރަށް އެންގެވީ ޕްރައިވެޓް ޖިހާދު އަޙްމަދު މެދުވެރިކޮށެވެ. ޙުސައިން އާދަމް ހުރީ ގޭޓްގެ ބޭރުގައި ވާރެޔާ ހިޔާވުމަށް ހަދާފައިހުރި ތަނުގައެވެ. އެތަނަކީ މީހަކަށް ކަވަރ ނަގައިގެން ޙަމަލާދެވޭ ގޮތަށް ހަދާފައި ހުރި ތަނެއްނޫނެވެ. ދޮރުގެ ދެފަރާތުގައި ރާނާފައިހުރި ފާރުކޮޅުގެ ފުޅާމިނަކީ ގާތްގަނޑަކަށް 6 އިންޗިއެވެ. މިއީ ސީދާ ކުރިމަތިން ނިކުމެގެން ނޫނީ ދެވޭގޮތަށްނެތް ތަނެކެވެ.

ޝަހީދު ކޯޕްރަލް ޙުސައިން ޢާދަމް ނޮވެމްބަރ 3 ގައި ބޭނުންކުރެއްވި ބަޑި

ޙުސައިން އާދަމް އަތުގައި އޮތް ދެ ވަނަ މެގަޒިން ލޯޑްކުރިއަޑުވެސް ގޭޓްގެ އުތުރުކޮޅުން ހުޅަނގުފަޅީގައި ހުރި ޖިހާދު އަޙުމަދު އެހިކަމަށް ވެއެވެ. އަދި ވަކިވަރަކަށް ވަޒަންޖަހާފައި އަދިވެސް ވަޒަން ނުލިބޭތޯ އެހިކަމަށްވެސް ވެއެވެ. އެވަގުތު އެތެރެއަށް އާދެވޭނެތޯވެސް ޙުސައިން އާދަމް ގާތު ޖިހާދު އަޙްމަދު ސުވާލުކުރިއެވެ. އެކަމަކާއެއްވެސް ވާހަކައެއް އޭނާ ނުބުނުއްވައެވެ. އޭރުވެސް މެދުނުކެޑި ޙުސައިން އާދަމް ގެންދެވީ ޙަމަލާ ދެމުންނެވެ. މިހުރިހާ ވާހަކައެއް ޙުސައިން އާދަމް ދައްކަވަމުން ދުޝްމިނުންނާ ޙަމަލާދެއްވަމުން ދިޔައިރު ގޭޓްގެ އިރުފަޅީގައި ހުރި އާދަމް މުޙައްމަދު (ގުލްބަކާ)އޭނާގެ މަޤާމު ދޫކޮށް އިރުމަތީކޮޅަށްގޮސް ފުލުސް އޮފީހުގެ ދޮރުއަށިން އެތެރެއަށް ( މަގުފާރުން އެތެރެއަށް ) ވަދެއްޖެއެވެ. އޭރު ފުލުސް އޮފީސް ހުންނަނީ ސިފައިންގެ އިރު އުތުރު ކަނުގައި މިހާރުގެ ޑިފެންސް މިނިސްޓްރީ ހިންގާ ބައިގައެވެ. ޙުސައިން އާދަމް ގޭޓް ދޫކޮށްނުލާ ހުރެ ޙަމަލާ ދިނުމުގެ ނަތީޖާއަކަށްވީ ސިފައިންގެ ތެރޭގައި ތިބި މީހުންނަށް ސިފައިންގެ ދިފާޢުކުރުމުގެ ފުރުސަތު ލިބުމެވެ. އަދި ސިފައިންގެ އެކިއެކި ސަރަޙައްދަށް ހަތިޔާރާއެކު ސިފައިން ފޮނުވައި ދުޝްމިނުންނަށް ސިފައިންގެއަށް ނުވަދެވޭނެގޮތަށް ސިފައިންގެ ތެރޭގައި ދިފާޢީ ފިޔަވަޅުތައް އަޅަމުން ގެންދިއުމުގެ ފުރުސަތު ލިބުމެވެ. ޙުސައިން އާދަމް އެހަމަލާގައި އެގޮތަށް ދެމިހުންނަވައި ޤައުމާ ވަތަނުގެ ޙައްގުގައި ލެޔާފުރާނައިން ޤުރުބާންވީއެވެ. މިދިވެހި ފަސްގަނޑު އަންނަން އޮތްޖީލުތަކަށް ޙިމާޔަތް ކޮށްދީ ޝަހީދުވީއެވެ. އެ ޅަޒުވާން ޙުސައިން އާދަމް ދެއްކެވި ހިތްވަރާއި ފަންވަރުން ދުޝްމިނުންގެ މޮމެންޓަމް ގެއްލި ސިހުން ލިބުނެވެ. ތަމަޅައިންނަށް ދިވެހި ސިފައިންގެ ފެންވަރާއި ފަންވަރު ވަޒަންކުރެވުނެވެ. ދިވެހީންގެ އެންމެ ފަރުދަކު ދިރިހުއްޓައިވެސް ރުހުމުން މިޤައުމު ތަމަޅައިގެ އަތްދަށަށް ދިޔަ ނުދޭނެކަން، ޙުސައިން އާދަމް ސާބިތުކޮށްދެއްވިއެވެ.

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެއަށް ވަންނަން މަސައްކަތްކުރި ދުޝްމިނުން ވަނަނުދީ ހިފަހައްޓާލެއްވީ، ޙުސައިން އާދަމްގެ ޙިކުމަތާ ހުނަރު ޤައުމީ ހިތްވަރު އޭގެ އެންމެ މަތިވެރި ދަރަޖައިގައި ބޭނުން ކުރައްވައިގެން އަތުގައި އޮތް އެންމެ 60 ވަޒަނުންނެވެ. ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ހަމަލަ ނާކާމިޔާބުވެގެން ދިއުމާއި ދުޝްމިނުންނަށް ރައްދު ހަމަލާދިނުމަށް ސިފައިންނަށް މަޤާމުތަކަށް ނިކުތުމުގެ ފުރުސަތު ލިބިގެން ދިޔައީ ޙުސައިން އާދަމުގެ ހިކުމަތްތެރިކަމާއި ހިތްވަރުގަދަ ކަމުގެ ސަބަބުންނެވެ. އެއްވެސް މީހެއްގެ ކޮމާންޑެއްނެތި އަމިއްލައަށް އިސްނަގައި ދީނާއި ޤައުމަށްޓަކައި ޖިހާދު ކުރައްވައި، ރާއްޖޭގެ ޤައުމީ ދިފާޢީބާރުގެ ރަމުޒުކަމުގައިވާ ސިފައިންގެ ބޭރުފާރު އޭނާގެ ޤައުމީ ޖޯޝުން ފުރިގެންވާ ޒުވާން ހޫނު ލެއިން ތެންމާލިއެވެ. ދިވެހި ފަސްގަނޑުގައި އޭނާގެ ލޭގެ ކޯރު ދެމިގެން ދިޔައީ ފަޚުރުވެރި އަދި ޝަރަފުވެރި ރީތި ނަމެއް ދިވެހި ސިފައިންނަށް ހޯދައިދީފައެވެ. މިސަބަބުތަކަށްޓަކައި ޝަހީދު ކޯޕްރަލް ޙުސައިން އަދާމް ގުނާލެވެނީ ޤައުމުގެ އެންމެ މަތިވެރި މުޖާހިދުންގެ ތެރޭގައެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ މަތިވެރި ޖިހާދުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ޝަހީދު ޕްރައިވެޓް ޙުސައިން އާދަމް ކޯޕްރަލަކަށް ޑަބަލް ޕްރޮމޯޝަން ދެއްވައި، އޭނާގެ މަތިވެރި ޤުރުބާނީގެ އަގުވަޒަން ކުރުމުގެ ގޮތުން މެޑެލްފޯ އެކްޝެޕްޝަނަލް ބްރައިވަރީ (ހުރަވީރަންމެޑަލް) އާއި ޖިހާދުގެ ރަންމެޑެލް އާއި ނޮވެމްބަރ 3 ގެ މެޑެލް އޭނާގެ ހަނދާނަށް އެރުވުނެވެ. އޭނާ ޝަހީދުވެގެން ވެއްޓިވަޑައިގެން ތަނާ ދާދިކައިރީގައި ޢިމާރާތްކުރި ފުލުހުންގެ މައިމަރުކަޒަށް އެ ޝަހީދުގެ ނަންފުޅު "ޝަހީދު ޙުސައިން އާދަމް ބިލްޑިންގ" މިނަމުން ނަންދެއްވާފައި ވެއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފަސްދާނުލެވިފައި ވަނީ ރަސްމީ އިއްޒަތުގައި ހެންވޭރު ގަބުރުސްތާނުގައި ހެދިފައިވާ ޝަހީދުގެ ދަނާވަތީގައެވެ.

މަޢުލޫމާތު: ވިކިޕީޑިއާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *