ހުޝިޔާރުވުމަށް ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރޭ

ގުދުރަތީ މާހައުލުތަކަށް ހުށަހެޅުމަކީ އަހަރެމެންގެ ޖަޒުބާތަށް އަސަރު ކުރާ ކަމެކެވެ. ގުދުރަތީ މާހައުލުގައި އުޅޭމީހުންގެ މިޒާޖާއި ވިސްނުމާއި އަދި އެމީހުންގެ ސިއްޙަތަށްވެސް ހެޔޮ އަސަރުކުރާކަން ގަބޫލުކުރަނީ ކިތައް މީހުން ހެއްޔެވެ؟ މިކަމާއި ގުޅޭގޮތުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙާލަތުގެ ހެކިތަކަށް ވިސްނާލަމާ ހިނގާށެވެ.

ޑެންމާކުގެ ގާތްގަނޑަކަށް މިލިއަނެއްހާ ކުދިން ބައިވެރިކުރުވައިގެން ކުރި ދިރާސާއެއްގައި ދިރާސާވެރިން ވަނީ ސެޓެލައިޓް އިމޭޖްރީ ބޭނުންކޮށްގެން ކުޑަކުދިންނަށް ކުޑައިރު ގޭގެ ތެރޭގައި އަދި ގޭގެ ވަށައިގެންވާ ފެހި މާހައުލުގައި ކުދިންގެ މިޒާޖަށް އަސަރުކުރުވާ މިންވަރު ހިސާބުކޮށްފަ އެވެ.

މި ދިރާސާގައި ކޮންމެ ކުއްޖަކު ދިރިއުޅޭ ގޭގެ ވަށައިގެން 200 މީޓަރުގެ ޒޯނަކަށް ފޯކަސްކޮށް، ގަސްގަހާގެހި ހުރިމިންވަރު ބެލުނެވެ. އަދި ކުދިންގެ ނަފްސާނީ ސިއްހަތުގެ ނަތީޖާ ވެސް މޮނިޓަރ ކުރި އެވެ. މި ސުވާލަށް ޖަވާބު ދިނުމަށްޓަކައި ދިރާސާވެރިން ވަނީ “ފެހި” މާހައުލެއްގައި ދިރިއުޅޭ ކުދިންނާއި އެނޫން ކުދިންގެ ނަފްސާނީ ސިއްޙަތު އަޅާކިޔައި،  އެއިން  ތަފާތުތަކެއް ފެނިފައެވެ.

ގަސްގަހާގެހި ވަށައިގެން ނުވާ ސަރަހައްދުގައި ބޮޑުވެފައިވާ ކުދިންނަށް ނިއުރޯޓިކް، ސްޓްރެސް އާއި ގުޅުންހުރި ނުވަތަ ސައިކޮސޮމެޓިކް ޑިސްއޯޑަރސް ޖެހުމުގެ ނުރައްކާ %30 އިތުރުވެއެވެ. އަދި ކުދިންގެ މޫޑު އަވަސް އަވަހަށް ބަދަލުވުމުގެ ނުރައްކާ ބޮޑު ކަމަށް ވެސް ފާހަގަ ކުރެވިފައެވެ.

މި ހޯދުންތަކަކީ އެމެރިކާގެ ރަށްރަށުގައި ދިރިއުޅޭ ކުދިންނާ ބެހޭ ގޮތުން ކުރިން ކުރި ދިރާސާއަކާ އެއްގޮތް ހޯދުންތަކެކެވެ. ދިރިއުޅުމުގެ ކަންބޮޑުވުންތަކާއި ބުލީ ކުރުން ފަދަ ކަންތައް ތަޖުރިބާކުރާ ކުދިންގެ ތެރެއިން އެންމެ މަދުން ނަފްސާނީ މައްސަލަތައް ރިޕޯޓްކުރި ކުދިންނަކީ ގުދުރަތީ މާހައުލުގައި ގިނައިރު އުޅެވޭ ކުދިންނެވެ. އަދި އެކުދިން އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީ ކަންތައްތަކަށް ހުޝިޔާރުކަމަށްވެސް ފާހަގަކުރެވިފައިވެއެވެ.

މި ދެ ދިރާސާއިން ވެސް އިޝާރާތް ކުރަނީ ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރުމުން ނަފްސާނީ ގޮތުން ލިބޭ ފައިދާތަކެވެ.

ޖަޕާނުގައި ކުރިއަށް ގެންދިޔަ ސިލްސިލާ ތަޖުރިބާތަކެއްގައި ދިރާސާވެރިން ވަނީ ގުދުރަތީ މާހައުލާއި އާބާދީ ބޮޑު މާހައުލުގައި ހިނގާލަން ވޮލަންޓިއަރުންނާ ހަވާލުކޮށްފަ އެވެ. މި ހިނގާލުންތަކުގެ ދިގުމިނާއި ޖިސްމާނީ ދަތިކަމަށް އަލި އަޅުވާލާފައިވެއެވެ. މި ދެ ހާލަތުގައި ވެސް މީހުންނަށް އެއްވަރެއްގެ ކަސްރަތުތަކެއް ލިބުނެވެ. އެކަމަކު ގުދުރަތީ ހިނގާލުންތައް ގުޅިފައިވަނީ ހާސްކަމުގެ އިހުސާސްތައް މަދުވުމާއި، ސްޓްރެސް ހޯރމޯން ކޮރޓިސޯލްގެ މިންވަރު ދަށްވުން ފަދަ ތަފާތު ފައިދާތަކާއެވެ.

އެމެރިކާގެ ދިރާސާވެރިން ވަނީ ކްލިނިކަލް ޑިޕްރެޝަން ޖެހިފައިވާ ބަލިމީހުންގެ މައްޗަށް މިފަދަ ތަޖުރިބާއެއް ކޮށް، ގުދުރަތީ ހިނގުމުން މީހުންގެ މޫޑު ރަނގަޅުވެ، ކަންކަމާއިމެދު ރަނގަޅަށް ވިސްނެވުމާއި އަދި ކުރު މުއްދަތުގެ ހަނދާނުގެ ޓެސްޓެއްގައި އެމީހުންގެ މާބޮޑަށްވެސް ރަނގަޅުކަމަށް ފާހަގަކޮށްފައެވެ.

އެހެންކަމުން ފެހި މާޙައުލެއްގެ ތެރޭގައި ކުޅެން ހިނގުމަކީ ދުޅަހެޔޮވުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ފެނެއެވެ. އަދި އެއަށްވުރެ ފާހަގަކޮށްލެވޭ ކަމަކީ އޭގެ އަސަރުތައް ތަޖުރިބާ ކުރުމަށްޓަކައި ޖިސްމާނީ ގޮތުން ހަރަކާތްތެރިވާން ނުޖެހޭ ކަމެވެ. ހަމައެކަނި ގުދުރަތީ މަންޒަރުތަކަށް ބަލާލުމަކީވެސް ކަންބޮޑުވުން ފިލުވައިދީ ހުށިޔާރުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ހަމައެކަނި ގުދުރަތީ މަންޒަރުތަކަށް ބަލާލުމުން މީހުންނަށް ޖަޒުބާތުތައް ހިފެހެއްޓުމަށް ތަޖުރިބާ ކުރެވިދާނެއެވެ. ވީމާ ގިނަ ސިއްޙީ ފައިދާތަކަކަށްޓަކައި ވީހާވެސް ގިނައިރު ގުދުރަތީ މާހައުލުގައި އުޅެވޭތޯ ބަލާށެވެ. ވިސްނުން ރަނގަޅުވުމަށާއި ތިމާގެ ހުޝިޔާރުކަންވެސް މިކަމާއި ގުޅިފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *