މަކަރާއި އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެއް

މުދަލާއި ތަނަވަސްކަން ހޯދުމަކީ، އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. ޙަލާލުގޮތުގައި، މަސައްކަތް ކޮށްގެން ކޮށްގެން އާމްދަނީ ހޯދުމަށް އިސްލާމްދީން ހިތަވަރުދެއެވެ. މާތް ﷲ ވިޔަފާރި ހުއްދަ ކުރައްވައި، ރިބާ ޙަރާމް ކުރެއްވީ މި ސަބަބަށްޓަކައެވެ. މާތް ﷲ ވަހީކުރައްވާފައި ވެއެވެ. ﴿ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ ‎﴾ މާނައަކީ "އަދި ވިޔަފާރި ކުރުންވަނީ، ﷲ، ހުއްދަ ކުރައްވާފައެވެ. އަދި، ރިބާވަނީ ޙަރާމް ކުރައްވާފައެވެ." އިސްލާމް ދީނުގައި މީސްތަކުންނަށް ގެއްލުން ހުރި، ރިބާގެ ދޮރުތައް ބަންދުކޮށް، ވިޔަފާރީގެ ދޮރުތައް ހުޅުއްވާދެއްވާފައި ވަނީ، ޙަލާލު ގޮތުގައި ވިޔަފާރިކޮށްގެން އާމްދަނީ ހޯދުމަށް ޓަކައެވެ. ވިޔަފާރި ކުރާނެ، އުޞޫލުތަކާއި ވިޔަފާރީގެ ގޮތުގައި ކޮށްގެން ނުވާނެ ކަންކަން ވަނީ ބަޔާންކުރައްވާފައެވެ. މަކަރާއި ޙީލަތް ހެދުމާއި، އޮޅުވާލުން ވަނީ ޙަރާމް ކުރައްވާފައެވެ. އެއްދުވަހަކު ކީރިތި ނަބިއްޔާ صلى الله عليه وسلم  މަދީނާގެ ބާޒާރު މަތީން، ގޮދަން ވިއްކަން ބަހައްޓާފައިހުރި ތަނެއްގެ ކައިރިން ވަޑައިގެންނެވިއެވެ. އެހިނދު އެ ގޮދަންތަކުގެ ތެރެއަށް އެކަލޭގެފާނުގެ އަތްޕުޅު ލެއްވުމުން، އެ ގޮދަންތަކުގެ އަޑީގައި ހުރި ގޮދަނުގައި ތެތްކަން ހުރިކަން އެގިވަޑައިގެންނެވިއެވެ. އެ ހިނދު، އެ ގޮދަނުގެގެ ވެރިޔަކީ ކާކުތޯ ސުވާލުކުރެއްވިއެވެ. އެވަގުތު އެތަނުން މީހަކު ތެދުވެ، އެއީ އޭނާގެ ތަކެތި ކަމުގައި ދެންނެވިއެވެ. އަދި، ގޮދަން ތަކުގައި ފެނުގެ އަސަރު ހުރީ ކީއްވެގެންތޯ ކީރިތި ރަސޫލާ ސުވާލު ކުރެއްވުމުން، ޖަވާބުގައި އެމީހާ ދެންނެވިއެވެ. ވިއްކަން ބަހައްޓާފައި ހުއްޓާ ވާރޭ ވެހުމުން ތެމުނީއެވެ. ދެން ތެމިފައި ހުރި ގޮދަނުގެ މައްޗަށް ހިކި ގޮދަން އަޅައި ފޮރުވީއެވެ. އެހިނދު މާތް ނވިއްޔާ ޙަދީޘް ކުރެއްވިއެވެ. "އަހަރުމެން މުސްލިމުން، މަކަރުހަދައިފި މީހާއީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ."

ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބްރޭންޑްތަކުގެ ކާބޯތަކެއްޗާއި، ހިފާގެންގުޅޭ ތަކެއްޗާއި އިލެކްޓްރޯނިކް ސާމާނާއި، މިނޫނަސް ވަރަށް ގިނަ ބާވަތްތަކުގެ މުދާ ރާއްޖެއަށް އެތެރެކޮށް ވިއްކައެވެ. ވިޔަފާރި ކުރުމުގެ ބޭނުމުގައި، މި ބާވަތް ބާވަތުގެ މުދާ އެތެރެކޮށް ވިއްކާއިރު، ވަރަށް ބޮޑަށް އޮޅުވާލުމާއި، މަކަރު ހަދަމުންދާކަމުގެ ޝަކުވާގެ އަޑުތައް މުޖްތަމަޢުން އަބަދުވެސް އިވެމުންދެއެވެ. މިއީ ވިޔަފާރިވެރިންގެ ފަރާތުން ފެންނަމުންދާ ކަމެކެވެ. މުދާއެތެރެކޮށް ވިއްކުމުގައި، ބައެއް ވިޔަފާރިވެރިން މަކަރުހަދައި، އޮޅުވާލައި، ފެންވަރު ދަށް މުދާ، ނަން މަޝްހޫރު ބްރޭންޑް ތަކުގެ ނަމުގައި ފެންވަރުދަށް މުދާ އެތެރެކޮށް ބޮޑުތަނުން އަގުހެޔޮކޮށް ވިއްކައެވެ. މިގޮތަށް ވިޔަފާރި ކުރުމަކީ، މަކަރާއި، ހީލަތް ހެދުމުގެ ތެރޭގައި ހިމެނޭކަމެކެވެ. މިއީ، މުދާ އުފައްދާ ފަރާތްތަކަށާއި، ގަންނަ ފަރާތްތަކަށް ގެއްލުން ލިބޭނެ ކަމެކެވެ. މިކަމުގެ ސަބަބުން، ވިޔަފާރިވެރިންނާމެދު، މީސްތަކުންގެ ހިތްތަކުގައި އޮންނަ އިތުބާރު ކުޑަ ވާނެއެވެ.

މުސްލިމް އަޚުންނޭވެ! ކޮންމެ މީހަކު ވެސް ބުރަ މަސައްކަތް ކޮށްގެން ހޯދާ ފައިސާއިން، ދިރިއުޅުމަށް ބޭނުންވާ ތަކެތި ގަންނަނީ، އެ ތަކެއްޗަކީ ބޭނުންކުރަން އެކަށީގެންވާ ނުވަތަ ފެންވަރު ރަނގަޅު ތަކެތި ކަމަށް ދެކިގެންނެވެ. ބައެއްފަހަރު ބާޒާރުން ގަންނަ މުދަލުގެ ފެންވަރުދަށް ވުމުން، އޭގެ ބޭނުމެއް ނުކުރެވެއެވެ. އަދި ބައެއް ފަހަރު އެފަދަ މުދަލުން ސިއްޙީ ގެއްލުންތަކާ ވެސް ކުރިމަތިލާން ޖެހެއެވެ.

މަކަރުހަދައި، އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެކެވެ. ކޮންމެ މީހަކުވެސް ދުންޔަވީ ޙަޔާތުގައި މަސއްކަތް ކުރަމުން ދަނީ އުޚްވރަވީ ޙަޔާތުގެ ބާއްޖަވެރިކަން ހޯދުމަށެވެ. ވިޔަފާރިއާއި، އެ ނޫން މުޢާމަލާތަކުގައި ވެސް މަކަރު ހަދައި އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވެގެންދާނެ ކަމެކެވެ. މަކަރާއި ހީލަތް ހަދައި، އޮޅުވާލައިގެން މީސްތަކުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާއިރު، އެކަމާ މެދު ކުޑަކޮށް ވެސް ވިސްނާލަން ހެއްޔެވެ؟ މާތް ﷲ ޙަރާމް ކުރައްވާފައިވާ ގޮތްގޮތުން ހޯދާ ފައިސާ ތިޔަ ހޭދަކުރަމުންދަނީ، ތިމާގެ އަމިއްލަ ނަފްސަށާއި، ތިމާ ލޯބިވާ އަނބިދަރިންނާއި، މައިންބަފައިންނާއި، ގާތްތިމާގެ މީހުންނަށް ނޫންހެއްޔެވެ؟ ތިމާގެ އަތުން ތިމާ ލޯބިވާ މީހުންނަށް ޙަރާމް މުދަލާއި ފައިސާއިން ކާންދެމުން ގެންދާއިރު މިކަމުގެ ނުބައިކަމާ މެދު ވިސްނާލިން ހެއްޔެވެ؟ މާތް ނަބިއްޔާ صلى الله عليه وسلم  ދެއްވާފައިވާ އިރުޝާދު ނިކަން އަޑު އަހާށެވެ! "ޙަރާމް އެއްޗެއް ކައިގެން މަސްޖަހާފައިވާ ހަށިގަނޑު ސުވަރުގެ ނުވަންނަހުއްޓެވެ. އެ ހަށިގަނޑަށް އެންމެ އައުލާކަން ބޮޑީ ނަރަކައެވެ." އެހެންކަމުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އަނބިދަރިން ކާން ބޭނުންކުރާ ތަކެއްޗާއި، އެހެނިހެން ކަންކަމަށް ބޭނުންކުރާ ތަކެއްޗަކީ، ﷲ ހުއްދަ ކުރައްވާފައިވާ ގޮތަށް ހޯދާ ތަކެތި ކަމުގައިވުމީ ލާޒިމު ކަމެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *