އިމްރާން ޚާން އަވަހާރަކޮށްލަން އުޅުމުގައި ބައިވެރިވި ކަމަށް ބުނާ ބުނުން ޕާކިސްތާނުގެ ބޮޑުވަޒީރު ދޮގު ކުރައްވައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ބަޑިން ހަމަލާދީ އަވަހާރަކޮށްލަން ކަމަށްބުނެ ކުރާ ތުހުމަތަކީ ދޮގު އަދި ހަޑިމުޑުދާރު ރޭވުންތަކެއް ކަމަށް ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް މިހެން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުބޭއްވި އެއްވުމެއްގެ ތެރޭގައި އިމްރާން ޚާން ދިން ހަމަލާގެ ފަހަތުގައި ހުންނެވީ އެމަނިކުފާނު ކަމަށް އިމްރާން ޚާން ކުރި ތުހުމަތާއި ގުޅިގެންނެވެ. މި ހަމަލާގައި އޭނާގެ ފަޔަށްވަނީ ޒަޚަމްތަކެއް ލިބިފައެވެ.

އިދިކޮޅު ލީޑަރު އިމްރާން ޚާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ ތުހުމަތުތަކާ ދެކޮޅު ހައްދަވައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ކުރީގެ ބޮޑުވަޒީރަށް ސަޕޯޓަރުން މުޒާހަރާ ކުރަމުންދާއިރު، ބަޑިޖެހުމުގެ މައްސަލަ ތަހުގީގު ކުރުމަށް ޑިމާންޑް ކުރައްވާފައެވެ.

އެ ތުހުމަތު ދޮގުކޮށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިމްރާން ޚާންގެ ތުހުމަތުތަކަކީ ޒިއްމާދާރުކަން ކުޑަ އަދި ބަލައިނުގަނެވޭނެ އަދި އޭގައި އެއްވެސް އަސްލެއް ނެތި ކުރި ތުހުމަތު ތެކެއް ކަމަށެވެ.

ކްރިކެޓް ކުޅުން ތެރިއަކުން ސިޔާސީ ބޭފުޅަކަށް ބަދަލުވި ޚާން ވަނީ އޭނާ އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ޝެހެބާޒްޝަރީފް އަށާއި އިންޓީރިއާ މިނިސްޓަރު ރަނާ ސަނައުالله އަދި ޕާކިސްތާން ސިފައިންގެ އެންމެ އިސް ޖެނެރަލެއްގެ މައްޗަށް ތުހުމަތުކޮށްފަ އެވެ.

މި ހަމަލާގައި އަޅުގަނޑު ބައިވެރިވުމާ ގުޅޭ އެއްވެސް ހެއްކެއް ފެނިއްޖެނަމަ އަޅުގަނޑަކަށް މަގާމުގައި ދެމިހުރުމުގެ ހައްގެއް ނެތް ކަމަށާއި ޚާން ނަން ވިދާޅުވެފައިވާ ތިން މީހުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށްވެސް ބޮޑު ވަޒީރު ޝަރީފް ވިދާޅުވިއެވެ.

އަދި ހަމައެއާކު މި މައްސާލައިގެ ފުރިހަމަ ތަހުގީގަކަށްފަހު އަވަސް ނިންމުމެއް ނިންމަންޖެހޭތީ ފުލް ކޯޓް ކޮމިޝަނެއް އެކުލަވާލުމަށް ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު އުމަރު އަތާ ބަނޑިއަލް އަށް ވަނީ ބޮޑުވަޒީރު އިލްތިމާސް ކުރައްވާފައެވެ.

އިތުބާރު ނެތްކަމުގެ ވޯޓެއްގައި އޭޕްރީލް މަހު މަޤާމުން ދުރުކުރުމުން ޚާން ދަނީ މުޅި ގައުމުގައި އެއްވުންތައް ބާއްވާ އަވަސް އިންތިޚާބެއް ބޭއްވުމަށް އެދި ގޮވާލަމުންނެވެ.

އެގޮތުން އިމްރާން ޚާން އިސްވެ މިދިޔަ ބުރާސްފަތި ދުވަހު ވަޒީރުއާބާދުގައި ބޭއްވި އެއްވުމެއްގެ ތެރޭގައި އިމްރާން ޚާންއަށް އަމާޒުކޮށް ދިން ހަމަލާގައި އޭނާގެ ފަޔަށްވަނީ ޒަޚަމްތަކެއް ލިބިފައެވެ.

އެކަމާ ގުޅިގެން ޚާންގެ ސަޕޯޓަރުން ވަނީ އަވަހާރަކޮށްލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ އިސްތިއުފާ އަށް އެދި ގޮވާލާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *