ވާހަކަ: ލީޝަން – 16

(2 ނޮވެމްބަރ 2022ގެ ނޫހާއި ގުޅޭ)

ފޯނު ރިންގުވަނީއެވެ. ނަމަވެސް ވެފައިހުރި ފޫހިން ރަހީމު ފޯނު ނުނެގީއެވެ. ދެތިން ހަތަރުފަހަރަކު ފޯނު ރިންގްވުމުން ފޫހިކަމާއި އެކު ފޯނު ނެގިއެވެ.

"ހަލޯ. މީ ޒީނާ." އަނގައިން ނުބުނެވެނީސް އަނެއްކޮޅުން ވާހަކަދެއްކީ ޒީނާއެވެ. ބާރު ރުއިމާއި ގިސްލުމުން ޒީނާވަނީ މުސީބާތެއްގައިކަން އޭނާއަށް އިހުސާސްވިއެވެ.

"ޒީނާ. ކިހިނެއްވީ. ކޮންތާކު ތިހުރީ."

"އަޅުގަނޑު ސަލާމަތްކޮށްދެއްވާ. އެމީހުން އަދިވެސް އަންނާނެ."

"ޒީނާ ތިހުރީ ކޮންތާކު."

"ނޭނގެ. ހަދަންފަށާފައިހުރި ކޮންމެވެސް އިމާރާތެއްގައި." ޒީނާ ރޮނީއެވެ.

"ހުއްޓާލާ. އަހަރެން މިބުނާގޮތް ހަދާ. ވަށައިގެން ބަލާލާ. ކޮންއިމާރާތެއް ކުރިމައްޗަށްހުރީ. އެތަނުގެ ނަންއެނގޭތަ؟"

"ހިލްޓަން ހޮޓެލް." އޭނާ ބުންޏެވެ.

"ހިތްވަރުކޮށްލާ. އަހަރެން މިހާރު މިދަނީ." ރަހީމު ފޯނުބާއްވައިފިއެވެ. އަދި ހަމަ އެއާއެކު ޕޮލިހާ  ގުޅިއެވެ. އޭނާ ފަސްމިނިޓް ތެރޭގައި ސައިކަލުގައިގޮސް މިހާރުހުރީ އެއިމާރާތުގައެވެ. ހަދަންފަށާފައިވާ އިމާރާތުގައި ވަނީ ފަނޑުއަދިރިކަމާއި ހިމޭންކަމެވެ. އެތާނގައި ޒީނާވާނީ ކޮންފަދައަކުން ހެއްޔެވެ؟ ހިލަވެލި ބަސްތާތަކާއި އެނޫންވެސް އިމާރާތްކުރާ ސާމާނުން ގުދަނެއްހެން ހީވާ މިއިމާރާތުން  ޒީނާ ފެންނާނީވެސް ކިހިނަކުން ހެއްޔެވެ؟ ނުހަނު ބާރަށް ދުވަމުން ކޮންމެ ބުރިއަކަށް އަރަމުން ޒީނާއަށް ގޮވަމުންދެއެވެ. ކިތަންމެ ޖެހިލުން ކުޑަނަމަވެސް އޭނާ ހުރީ ކޮންމެވެސް ވަރަކަށް ބިރުގެންފައެވެ. ޒީނާގެ އަޑުގައި ހިމެނިގެންވާ ބިރުވެރިކަމާއި ހާސްކަން ކޮންމެވެސް ނުބައިކަމެއް ހިނގަމުން ދާހެން ހީވާތީއެވެ. ޒީނާއާއި ހަމައަށް  ދެވުނުއިރު ހުރީ ވަރުބަލިވެފައެވެ.

"ޒީނާ." ޝީޓުމައްޗަށް ވެއްޓިފައި އޮތްޒީނާ ފެނުމުން އެދިމާއަށް ދުއްވައިގަނެވުނެވެ.

"ޒީނާ. ކިހިނެއްވީ. މީކިހިނެއްވީކަމެއް. މިހުރީ ކޮންލެޔެއް. ކާކު ޒީނާ ބަނީ." ރަހީމު ހުރިހާސުވާލެއް ކުރީއެއްފަހަރާއެވެ.

އެއްވެސް ނިވާކަމެއްނެތް ޒީނާގެ ހަށިގަނޑު ނިވާކުރެވޭނެ ގޮތެއްވޭތޯ އޭނާ ވަށައިގެން ހޯދާލިއެވެ. ވީދާލާފައިވާ ހެދުންނަގާ ޒީނާގެ ގައިގާ އޮޅާލާ ނިވާކޮށްލިއެވެ. އަދި ޒީނާ ނެގޭތޯ ރަހީމު މަސައްކަތްކުރިއެވެ. ނަމަވެސް ޒީނާގަޔަކު އެއްވެސް ހަކަތައެއްނެތެވެ. ދެފައި ތުރުތުރު އަޅަނީއެވެ. އޭނާގައިގާ ނުރިއްސާ އެންމެ ތަންކޮޅެއްވެސް ނެތެވެ. ރަހީމު ދެއަތުން އޭނާގެ ކޮނޑުގައި ހިފާ ގަޔާކައިރިކޮށްލިއެވެ.

"ނޭނގެ. އެކައްޗެއްވެސް ބުނާކަށް ނޭނގެ. އެމީހުން …… އެމީހުން." ޒީނާއަށް ބާރަށް ރޮއިގަނެވުނީ އުންމީދު ގެއްލިފައިވަނިކޮށް ރަހީމުގެ ހިމާޔަތް ލިބުނީމައެވެ. އޭނާގެ ހަށިގަނޑުގައި އަޅާވޭނަށްވުރެ އޭނާ ގެންފައިވާ ބިރުބޮޑެވެ. ހޭލުންތެރިކަން ކުޑަ ޒީނާވަނީ މޮޔަވާވަރަށް ހާސްވެފައެވެ. މާލެ އައިއްސުރެންވެސް އެކަނިވެރިކަމަށް ލޯބިކުރާ ރައްޓެހިންމަދު ޒީނާ މިއަދުވަނީ މީކިހިނެއްވާކަމެއްކަން ނޭނގި އިންތިހާއަށް ކަންބޮޑުވެފައެވެ.

"ދެން ހުރިހާކަމެއްވެސް ރަނގަޅުވާނެ. ހިތްވަރުކޮށްލާ." އޭނާ ޒީނާގެ ބޮލުގައި ފިރުމާލިއެވެ. ބޭއިޚްތިޔާރުގައި ޒީނާގެ ނިތްކުރީގައި އެތައްފަހަރަކު ބޮސްދެވުނެވެ. ޒީނާއަށް ކޮށްފައިވާ އަސަރުން ރަހީމުގެ ހިތް ކުދިކުދިވި ކަހަލައެވެ. އޭނާ އެންމެ ލޯބިވި އަންހެންކުއްޖާއަށް ޖެހިފައިމިވަނީ ކޮން ހާލެއްކަން ޚުދު އޭނާއަށް ވެސް ނޭނގުނެވެ. އިސްތަށިގަނޑުވަނީ ހޭވިފައެވެ. އޭނާގެ ނިތްކުރި ވަނީ ފަޅައިގެން ގޮސްފައެވެ. އަތުގެ އިތުރުން އޭނާގެ ފައިގާ ބައިވަރު ލޭ ހިކިފައި ހުއްޓެވެ. ރަހީމު އަވަހަށް ޕޮލިހާ  ގުޅާ ޒީނާ ފެނުނުތަނުގެ މައުލޫމާތު ދިނެވެ.

"އެއްވެސް އެއްޗެއްގައި އަތްނުލައްވާތި. އަޅުގަނޑުމެން ވަރަށް އަވަހަށް އެބަދަން." ޕޮލިހުން އިރުޝާދު ދިނެވެ.

"ދެން ހާސްނުވޭ. އިރާދަކުރެއްވިޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ. ވަރަށް އަވަހަށް ރައްކާތެރިކަންލިބޭނެ. އަދި ޒީނާއަށް ތިޔަ ހާލުޖެއްސި މީހުން ހޯދޭނެ." ރަހީމަށް ވާހަކަ ހުއްޓާލެވުނީ ޒީނާގެ ހަށިގަނޑުގައި ހަރަކާތެއް ނެތުނީމައެވެ. ގިސްލަމުންދިޔަ ޒީނާގެ އަޑު ކެނޑުނީމައެވެ. އޭނާ ދެތިންފަހަރަކު ޒީނާއަށް ގޮވިއެވެ. ހަށިގަނޑު ތަޅުވާހެދިއެވެ. ނަމަވެސް އެއްވެސް ހަރަކާތެއްނުވެއެވެ.

ފަސްމިނިޓެއްހާއިރު ތެރޭގައި ޕޮލިސް އައިކަންއެއީ ޒީނާގެ ނަސީބެވެ. ޕޮލިސް އައިސް ޒީނާގެ ހަށިގަނޑު ރަގަޅަށް ނިވާކޮށް އެންބިއުލަންސަށް ލައިގެން ގެންދިޔައީ އައިޖީއެމް ހޮސްޕިޓަލަށެވެ. ރަހީމުވެސް ޒީނާއާއެކު ހޮސްޕިޓަލަށް ގެންދިޔައެވެ. އޭރު ފުލުހުންގެ ތަހުގީގަށްޓަކައި މުޅި އެއިމާރާތް އެމީހުންގެ ބެލުމުގެ ދަށުގައި ބޭއްވުނެވެ.

ހޮސްޕިޓަލަށް ދެވުމާއެކު ޒީނާ އިމަޖެންސީ ރޫމަށް ވެއްދުނެވެ. އޭރުވެސް އެކަމުގައި ފުލުހުން ހަރަކާތްތެރިވިއެވެ. ހިތްދަތިކަމާއި ކަންބޮޑުވުމާއެކު ރަހީމު ބޭރުގައި ހުރި ގޮޑިއެއްގައި ޑޮކްޓަރުގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދިޔައެވެ. އޭނާ ޔައީނާ ގުޅާ ޒީނާގެ ޚަބަރުދިނެވެ. ރަހީމު ދަންނަ ޒީނާގެ ހަމައެކަނި ހުރި ގާތްމީހަކީ ޔައީނެވެ. ދިހަމިނިޓެއްހާއިރު ތެރޭގައި ޔައީނު ހޮސްޕިޓަލަށް އައެވެ. އަދި ޒީނާގެ ޚަބަރެއް ލިބޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ޔައީނު ޒީނާއަށްޓަކައި މިވާ ކަންބޮޑުވުމާއި އަޅާލުން ފެނުމުން ރަހީމުގެ ހިތް އުފަލުން ފުރުނެވެ. ހަގީގަތުގައިވެސް ޔައީނަކީ ޒީނާއަށް އެންމެ އެކަށޭނަ ބައިވެރިޔާއެވެ.

"ޑޮކްޓަރު އެދުރުވަނީ މިދިމާއަށް." ރަހީމުގެ ފިކުރުތައް މެދުކެނޑުނީ ޔައީނުގެ ވާހަކައަށެވެ.

"އެއްޗެއް ބުނަންވަރަށްދަތި. އޭނާއަށްވަނީ ވަރަށް އަނިޔާކޮށްފައި." ޑޮކްޓަރު ރަހީމާއި ސަލާން ކޮށްލައްވަމުން ބުނުއްވިއެވެ.

"އޭނާއަށް ލިބިފައިވަނީ ކޮންގެއްލުމެއްތޯ."

"އޭނާގެ އެތެރެހަށްޓަށްވަނީ ވަރަށް ގެއްލުންވެފައި. އަޅުގަނޑުމެންގެ ޓެސްޓްތަކުންނާއި ބެލިބެލުމުން އެނގެނީ އޭނާވަނީ ރޭޕްކޮށްފައިކަން. މިކަމުގައި އޭނާއަށް ވަރަށް އަނިޔާކޮށްފައި އެބަހުރި. އަދިވެސް ހެއެއްނާރާ. އިތުރު އެއްޗެއް ބުނަންއެނގޭނީ ހޭއެރުމުން. މިއީ އަޅުގަނޑުމެންގެ ބާރުގައި ވާކަމެއްނޫން. އުންމީދު ކަނޑާނުލައްވާ." ޑޮކްޓަރު ދުރުވީ ހިތްވަރު ދެއްވާފައެވެ. ޔައީނު ރަހީމާއި ދިމާއަށް ބަލާލިއެވެ. އެބެލުމުގައި ހިތާމައާއި ހާސްކަން އެކުލެވޭކަން އޭނާއަށް ފާހަގަވިއެވެ. ޔައީނުގެ ހިތުގައި ޒީނާއަށްޓަކައި އޮތްލޯބި އޭނާއަށް ވަޒަންކުރެވުނެވެ.

"ދެރަނުވޭ ޔައީން. އެއިންސާނަކަށް މިންވަރު ކުރައްވާފައިވާ ކަމެއް މެނުވީ ނުވާނެ."

"އަޅުގަނޑު ދެރަވަނީ އޭނާއާ އަޅާލާނެ އެއްވެސް މީހަކު ނެތީތީ."

"އޭނާއާ އަޅާލަން އަހަރެމެން ދެމީހުން ރަނގަޅެއްނޫންތަ؟ ކޮންމެކަމަކަށްވެސް ހިތްވަރު ކުރަންވާނެ."

"ބޭބެ ދެން ގެއަށް ދުރުވަންވީނޫންތޯ؟ އަޅުގަނޑު ޒީނާގެ ގާތުގައި މިރޭ އިންނާނަން." ޔައީން ބޭނުންވީ ރަހީމު އަރާމުކޮށްލަން ފޮނުވާލާށެވެ. ރާމިޒާގެ ހުރިހާކަމެއްގައި އުޅުމަށްފަހު އޭނާ ހުންނާނީ ވަރުބަލިވެފައެވެ.

"އެންމެ ރަނގަޅު. ޒީނާ ހޭއެރުމުން އަހަރެންނަށް އަންގާލަދޭތި." ރަހީމު ދިޔައީ ޒީނާ ހޭއެރުމާއި އެކުވެސް އެންމެ ފުރަތަމަ ދެކެންބޭނުންވާނީ ޔައީނުކަން އެނގޭތީއެވެ.

ނިތްކުރީގައާއި އަތުގައި ބޭސްއަޅާފައި އޮންނައިރު ޒީނާ ވަނީ ވަރަށް ވޭނުގައިކަން ކުދި ޒަޚަމްތައްވެފައިވާ މޫނުން ހާމަވެއެވެ. ޔައީން ޒީނާއަށްޓަކައި ހަމްދަރުދީން ފުރުނެވެ. އޭނާގެ ލޯ ކަރުނުން ތެމުނީ ޒީނާގެ މައުސޫމުކަން ފެނިފައެވެ. އެމޫނު ފެންނަގޮތުން އޭނާހަނދާން އާވީ އެންމެ ފުރަތަމަ ދުވަހު އޭނާއަށް ޒީނާވީ އޯގާތެރިކަމެވެ. ލީޝަންގެ އުނދަގޫތަކާއި ރާމިޒާގެ ދެރަކޮށްލުންތަކުން ހިތްދަތިވީމާ އޭނާއަށް ހިތްވަރުދޭއިރު ހުންނަ ހަރުދަނާކަމެވެ. ކާންހަދާދޭއިރުގައާއި ކަންކަމުގައި އެހީވާއިރު ހުންނަ އޯގާތެރިގޮތެވެ. ކިޔެވުމުގައާއި ފިލާވަޅުހެދުމުގައި ހުންނަ ކިޔަމަންތެރިގޮތެވެ. އޭނާއާއި ޒީނާއާއި ދުރުވެވޭނީ ކިހިނެއްހެއްޔެވެ؟ އެއީ ދިރިއުޅުމާއި ކިޔެވުމުގެ މުހިންމުކަމާއި ކާމިޔާބާހަމައަށް ވާސިލުވުމަށް އެންމެ ހިތްވަރުދިން ފަރާތެވެ. ގާތްކަމާއި ރަހުމަތްތެރިކަމުގެވެސް މިސާލެކެވެ. ވީއިރު އެފަދަހާލެއްގައި އޭނާ އޮންނަތަން ފެނުމުން އޭނާއަށް އިންތިހާއަށް އަސަރުކުރެއެވެ. ތިންގަޑިއިރުވަންދެން ހޭނާރާއޮތުމަށްފަހު ޒީނާ ހޭއެރިއެވެ. ފުރަތަމަވެސް ޔައީނު ފެނުމާއެކު އޭނާ ސަލާމަތުގެ އައްސޭރިއަކަށް ފޯރައިފިކަން ޔަގީންކުރެވުނެވެ. އޭނާއަށް ދިމާވި ހިތާމަވެރި ހާދިސާ ހަނދާންވެއްޖެއެވެ. ބޭހުގެ ސަބަބުން ހަށިގަނޑުގައި ތަދު ނެތްނަމަވެސް އޭނާގެ ހިތުގައި ވޭން އަޅަމުންދެއެވެ. އޭނާއަށް ޔައީނުގެ ކުރިމަތީގައި ރޮވެންފެށުނެވެ.

"ދެން ހިތްވަރުކުރޭ. މިހާރު ދެން އެއްވެސް ނުރައްކަލެއްނެތް." ޒީނާގެ އަތުގައި ހިފާލަމުން ޔައީން ބުންޏެވެ.

"އެމީހުން އަހަރެންނަށް އެހެން އެހެދީ ކީއްވެ؟ އަހަރެން އެއްވެސް މީހަކަށް ގޯނާއެއް ނުކުރަން."

"އެމީހުން އަންހެން ކުދިންނަށް އަނިޔާ ކުރަނީ އެއްވެސް ގޯނާއެއް ކޮށްގެންނެއް ނޫން. އެމީހުން ބޭނުންވާފަހަރެއްގައި ފަސޭހައިން އަތުލެވޭ ކުއްޖެއް އަތުލައިގަންނަނީ. ދެން ނުވިސްނާ. ފުލުހުން މައްސަލަ ބަލަމުން އެބަގެންދޭ. ވެއްޓިފައި އޮތް މޮބައިލްފޯނަކާއި މަސްތުވާތަކެތި އަޅާފައިހުރި ސިގިރޭޓް ބުރިއެއް ފުލުހުންނަށް އެތަނުން ފެނުނު." ޔައީނު ބުންޏެވެ.

"އެމީހުންނަށް ޒީނާ ގެންދެވުނީ ކިހިނެއް؟"

"ރަށަށް ދެވޭގޮތެއް ހަމަޖައްސަންވެގެން ދިޔައީ. ކާރުން ފޭބިތަނާ ތިންމީހަކުވެގެން ފަހަތުން އަޅުވާލީ………" ޒީނާއަކަށް ވާހަކަކުރިއަކަށް ނުގެނދެވުނެވެ.

"އެކަމަކު ރަށަށް ދިއުމުން ޒީނާއަށް ލިބޭނީ ކޮން ރައްކާތެރިކަމެއް. ޒީނާގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މާލޭގައި މަޑުކުރަންޖެހޭނެއެއްނު."

ޒީނާ ވަކިއެއްޗެކޭ ނުބުނެއެވެ. އޭނާގެ ދެލޯވަނީ ރަތްވެފައެވެ. ނުރޯން އުޅުނު ނަމަވެސް ދެލޮލުން ކަރުނަ ފައިބަނީއެވެ.

"ޒީނާ އަހަރެންނާއެކު އަހަރެންއުޅޭ ތަނަށް ދާންހިނގާ. އަހަރެންގެ ދެއަންހެންކޮއްކޮވެސް ޒީނާ ދިއުމުން ވަރަށް އުފާވާނެ." ޔައީން އާފަލު ފޮއްޗެއް ޒީނާއަށް ދެމުން ބުންޏެވެ.

ޒީނާ އެއްޗެއްނުބުނެ ލޯމަރާލިއެވެ. އޭނާވަނީ އިންތިހާއަށް ދެރަވެފައެވެ. ރާމިޒާ ނެތުންވެސް އޭނާއަށް ނިކަމެތިކަން ލިބިގެން ދިޔަކަމަކަށް ވިއެވެ. މިވީހާދުވަހު ގާތް ބައެއްކަމުގައި ބެލުނީ ހިލޭމީހެއްކަމާއި އެގޭގައި އޭނާއަށް ޖާގައެއް ނެތްކަން އިހުސާސްވެގެންނެވެ.  ދުރުގައި ބަލަން ހުރި ރަހީމުގެ ދެލޯކަރުނުން ފުރުނީ ޒީނާއަށްޓަކައި ޔައީނު ބަހައްޓާ އޯގާތެރި ގޮތުންނެވެ. ޒީނާއާއިމެދު ވިސްނާވަރުންނެވެ. އެއީ ކިހާގުޅޭ ދެމީހުންހެއްޔެވެ؟ ވީއިރު ރަހީމު ހުންނަންޖެހޭނީ ދުރުގައެވެ.

"ޔައީން އެބުނީ ވަރަށް ރަނގަޅުވާހަކައެއް." އެތެރެއަށް ވަދެގެންއައި ރަހީމް ޔައީނާއި އެއްބަސްވެލިއެވެ.

"ޒީނާ އަހަރެންނާއެކު ދާނީދޯ. ވަޒީފާ ހަމަޖެހި ދުވަސްކޮޅެއްވުމުން ރަނގަޅުވާނެ."

"އަހަރެން ދާނީ ރަށަށް."

"ރަށަށް ހިނގައްޖެނަމަ ޒީނާބަލާނީ ކާކު. ކުޑަކުއްޖެއްނޫނަސް ޒީނާއަށް ރައްކާތެރިކަން ބޭނުންވޭ."

"އެކަމަކު…."

"ޒީނާ. ޔައީން ބުނާގޮތް ހަދާ. ޕޮލިހުން ތަހުގީގު ނިންމާ ތަހުގީގުގެނަތީޖާ ލިބެންދެން ރަށަށް ނުގޮސް މަޑުކޮށްލާ." ރަހީމް ޒީނާއަށް ހެޔޮއެދެނީ އޭގެ އިންތިހާއަށެވެ. ޒީނާއަށް އޭގެ އެންމެ ފުންމިނަށް ރައްކާތެރިކަން ދޭން އޭނާ ބޭނުމެވެ. ޒީނާ ހިތްހަމަޖެހިފައިވާތަން ދެކެން އޭނާ ބޭނުމެވެ. ލީޝަން ނޫން މީހެއް މިހާރު އޭނާގެ ނުވެއެވެ. ލީޝަން ނެތްނަމަ އޭނާ ދެންދާނީ އިންޑިޔާއަށެވެ. އޭނާގެ ރިސޯޓް ހިންގާ އެތާނގައި ދެން ހުންނާނީއެވެ. މިހާރު އޭނާގެ އޮތީ އެންމެ މަގުސަދެކެވެ. އެއީ ލީޝަން ހަމަމަގަށް އެޅުވުމެވެ. އޭނާ އިސްލާހުކުރުމެވެ. އެއަށްފަހު ރަނގަޅު މީހަކާއި ކައިވެނިވުމުން އޭނާގެ އުންމީދު ފުރިހަމަވީއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *