ރިއާލް މެޑްރިޑް ދޫކޮށްލުން އެއީ އޭނާ އަށް ހެދުނު އެންމެ ގޯސް ކަމަށާއި އެ މީހުން އޭނާ ގެންގުޅުނީ ރަސްގެފާނެއްހެން ކަމަށް ޕޯޗުގީޒްގެ ތަރި އަދި މިހާރު މެންޗެސްޓަރ ޔުނައިޓެޑްއަށް ކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ރޮނާލްޑޯ މިކަން ހާމަކޮށްފައިވަނީ މެންޗްސްޓަރ ޔުނައިޓަޑުން އޭނާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށާއި އަދި ގަދަކަމުން އެޓީމުން އޭނާ ބޭރުކުރަން އުޅޭކަން އޭނާއަށް ފާހަގަވުމުން ކަމަށް ޕިއާސް މޯގަން އަށް ދިން އިންޓަވިއު އާ ހަވާލާދީ އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "ދަ ސަން" އިން ބުނެފައިވެއެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑޯ ބުނިގޮތުގައި ރިއާލް މެޑްރިޑް ދޫކޮށްލުން އެއީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ހިތާމަ ކަމަށާޢި އެޓީމަށް ކުޅެން ފުރުސަތު ލިބިއްޖެނަމ ހިލޭ ކުޅެދޭންވެސް ތައްޔާރަށް ހުރި ކަމަށެވެ.
2018 ވަނަ އަހަރުގެ ހޫނު މޫސުމުގައި ރެއާލް މެޑްރިޑް ދޫކޮށް، ޔުވެންޓަސް އާ ގުޅުމަށްފަހު ރޮނާލްޑޯ ޔުނައިޓެޑާ ގުޅުނީ މިދިޔަ އަހަރުއެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ގިނަ މައްސަލަތަކެއް ޖެހިފައިވާއިރު، މިއީ ރޮނާލްޑޯ އާންމުކޮށް އެވާހަކަތައް ދެއްކި ފުރަތަމަ ފަހަރެވެ.
ރޮނާލްޑޯ ބުނީ އޭނާ އެޓީމުން ބޭރުކުރަން ކޯޗު ޓެން ހާގްގެ އިތުރުން ކްލަބުގެ ދެތިން މީހަކުވެސް ބޭނުންވެގެން އުޅޭ ކަމަށެވެ.
ޓެން ހެގްއާ އެކު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލަމުން ރޮނާލްޑޯ ބުނީ، އޭނާ އަހަންނަށް އިހުތިރާމް ނުކުރާތީ އަހަރެންވެސް އޭނާ އަށް އިހުތިރާމް ނުކުރާ ކަމަށެވެ.
މީގެ އިތުރުން ރޮނާލްޑޯ ބުނީ މި ހޫނު މޫސުމުގައި ޔުނައިޓެޑުން ވަކިވާން އޭނާ ބޭނުންވާ ކަމަށާއި، އެ ކްލަބަށް އެކަށީގެންވާ ބިޑެއް ލިބުނު ނަމަވެސް ފޯވާޑަށް ހިތްހަމަޖެހޭ ވަރުގެ ހުށަހެޅުމެއް އަދި ހުށަހަޅާފައިނުވާ ކަމަށެވެ.
އޭނާގެ ކޯޗުގެ ފާޑުކިޔުންތައް އަމާޒުވީ އޮގަސްޓް މަހު ރަޔޯ ވަލެކާނޯއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ކުރީކޮޅު ކުޅުން ހުއްޓާލުމުންނެވެ. ހަމަ އެއާއެކު ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު މަރުހަލާގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުންނަން ދެކޮޅު ހެދުމާއި ގުޅިގެން ޗެލްސީ މެޗުގެ ސްކޮޑުން ރޮނާލްޑޯ ވަނީ ބާކީކޮށްފައެވެ.
