އަންހެނުން މާލީ ގޮތުން މިނިވަން ބަޔަކަށްވުން

ދިވެހިރާއްޖެ މިނިވަން ވިތާ 54 އަހަރުވީއެވެ. ރާއްޖޭގެ ގިނަ އަންހެނުން ވަޒީފާއަދާ ކުރެއެވެ. ނަމަވެސް އަދިވެސް އަންހެނުން ރަނގަޅުކާނާ ކެއުމާއި ދުޅަހެޔޮ ސިއްޙަތަށް ހޭދަކުރެވޭ މިންވަރަށް އެކަށީގެންވާ އާމްދަނީއެއް ނުލިބެއެވެ. ފައިސާގެ މިނިވަންކަން ރާއްޖޭގެ ގިނަ އަންހެނުންނަކަށް ލިބިފައެއް ނުވެއެވެ. ފައިސާގެ މިނިވަންކަމަކީ ކަންބޮޑުވުމަކާއި ނުލާ ތިމާ ބޭނުންވާއެއްޗެއް ގަތުމުގެ މިނިވަންކަންއޮތުމެވެ. ފައިސާ ހޯދަން އެހެންމީހުން ގާތަށް ދާން ނުޖެހުމެވެ. ފައިސާގެ މިނިވަންކަމަށް ކޮންމެހެން މާބޮޑު މުއްސަންޖަކަށް ތިމާ ވާކަށް ނުޖެހެއެވެ. ތިރީގައި ބަޔާންކޮށްފައިވާ މިވާ ހަތަރު އުކުޅެއް ބޭނުންކޮށްގެން ތިމާއަކީ ފައިސާގެ މިނިވަން މީހަކަށް ވެވިދާނެއެވެ.

ބަޖެޓެއް ހަދާށެވެ.

ކޮންމެކަމެއްގައިވެސް ހާސިލް ކުރަންބޭނުންވާ ލަނޑުދަނޑިއެއް އޮންނަން ވާނެއެވެ. އެ ލަނޑުދަނޑި ހާސިލް ކުރުމަށް ރަނގަޅު ޕްލޭނެއް އޮންނަންވާނެއެވެ. ލަނޑުދަނޑި ހާސިލްކުރުމަށް ތައްޔާރުކުރެވިފައިވާ ޕްލޭނާއިއެކު ކުރިއަށްދާއިރު ބަޖެޓެއް އޮތުމުން ކަންކަން ހިނގަމުންދާ ގޮތް ފެންނާނެއެވެ. ތިމާ ކުރިމަގަށްޓަކައި ކުރަން ބޭނުންވާ ކަންކަން ފާހަގަ ކުރާށެވެ. ބޭނުންވަނީ ގެއެއްހެއްޔެވެ؟ ނުވަތަ ކާރެއް ހެއްޔެވެ؟ ނޫނީ ލޯބިވާމީހަކާއެކު ދުނިޔޭގައި ދަތުރު ކުރަންހެއްޔެވެ؟

ދުވަހުގެ ޚަރަދުތައް ނޯޓުކުރާށެވެ. ކޮންމެހެން ކުރަން ޖެހުނު ޚަރަދާއި އުންމީދު ނުކުރާ ގޮތަކަށް ކުރެވުނު ޚަރަދުތަކެވެ. މިގޮތަށް ހެދުމުން ޚަރަދުކުރެވޭ މިންވަރު މަދުވާންފަސޭހަ ވާނެއެވެ. މީގެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓުމުން ކޮންމެހެން ޚަރަދުކުރަން ޖެހޭ ފައިސާގެ މިންވަރު ދެނެގަނެވި ފަހަށް މަޑުޖައްސާލަންޖެހޭ ފައިސާ ބެހެއްޓިދާނެއެވެ.

އަބަދުވެސް އިމަޖެންސީ ފަންޑެއް ބަހައްޓާށެވެ.

މިއަދު ފައިސާގެ މިނިވަންކަން ވާންބޭނުންނަމަ ކުރިމަގުގައި ތިމާއަކީ އަމިއްލަ ޚަރަދުތަކަށް ޖެހިލުމެއްނެތި ޚަރަދު ކުރެވޭނެ މީހެކެވެ. ކޮންމެހެން ކުރަންނުޖެހޭ ޚަރަދެއްނަމަވެސް ތިމާ ބޭނުންކަމުގައިވާނަމަ ކަންބޮޑުވުމަކާއި ނުލާ އެއެއްޗެއް ގަނެލެވިދާނެއެވެ. މިކަމަށްޓަކައި އިމަޖެންސީ ފަންޑުން ޚަރަދުކޮށްލެވޭނެއެވެ. އެއީ ބައްޔެއް ވެދާނެކަމަށް، ގެ މަރާމާތުކުރުމަށް ނުވަތަ ގެންގުޅޭ ވެހިކަލް ހަލާކު ވެދާނެކަމަށް ރައްކާކުރެވިފައިވާ ފައިސާ ކަމުގައި ހަދާށެވެ.

މިހާރު ލިބޭ މުސާރައަށް ބަރޯސާ ނުވާށެވެ. މާދަމާ ތިމާގެ ހާލަތު ބަދަލުވާނެގޮތެއް ނޭނގެއެވެ. އިމަޖެންސީ ފަންޑަކީ ބޯޓް ދިޔަވާވަގުތު އަރަންއޮތް ލައިފްބޯޓް ކަމުގައި ވިސްނައިގެން ކޮންމެ މަހަކުވެސް އިމަޖެންސީ ފަންޑަށް ފައިސާ ޖަމާކުރާށެވެ.

 

ގެންގުޅޭތަކެތި މާއަވަސް އަވަހަށް ބަދަލުނުކުރާށެެވެ.

އަހަރެމެންގެ ވަރަށް ބޮޑު އާދައަކަށްވެފައިވަނީ ބާޒާރަށް ނިކުންނަ އާއެއްޗިހި ގަތުމެވެ. އާ ފޯނާއި އާދަބަހާއި ނުވަތަ ފައިވާނެވެ. ރޯދަމަހަށް ގޭގައި ގެންގުޅޭ ހުރިހާ ތަކެތި އާކުރުމެވެ. ފައިސާ ލިބިފައިހުރި މިންވަރާއި ޚަރަދު ކުރަންހުރި މިންވަރު ބަލާފައި ގަނެވެން ހުރިނަމަ އާއެއްޗެއް ގަނެލެވިދާނެއެވެ. ނަމަވެސް މާބޮޑު އިސްރާފެއް ނުކުރާށެވެ. ބައެއްފަހަރު އަގުބޮޑު ނުވަތަ ބުރޭންޑެޑް އެއްޗިހި ގަންނަން ބޭނުންވެއެވެ.  އަގުބޮޑު އެއްޗި ރަނގަޅު ވެދާނެއެވެ. ނަމަވެސް އޭގެ އަގުހެޔޮ އެއްޗެއް ގަތުމަކުން ގެއްލުމެއްނެތެވެ. އަދި ތިމާބޭނުންވާ މަޤުސަދުވެސް ހާސިލްވާނެއެވެ. ޚާއްސަކޮށް ގޭތެރޭގައި ހިފާގެންގުޅޭތަކެތި މާ އަގުބޮޑުކޮށް ނުގަންނާށެވެ. އެފަދަ ތަކެއްޗަކީ ވަރަށް އަވަހަށް ހަލާކުވެ ބާވާ އެއްޗިއްސެވެ. އެތަކެތި ނެތުމުން އުނދަގޫވާތީ ފަހުންނަމަވެސް ކޮންމެހެން ގަންނަން ޖެހޭ އެއްޗިއްސެވެ.

އިންވެސްޓްކުރަން ފަށާށެވެ.

މިޒަމާނުގައި ހަމައެކަނި ފަހަށް ރައްކާކޮށްގެން ދިރިއުޅުން ކުރިއަށް ގެންދިއުން އުނދަގުލެވެ. އިންވެސްޓް ކުރެވޭނެ ގޮތްތައް ހޯދާ ކޮންމެވެސްވަރަކަށް ފައިދާލިބޭ ކަންކަމުގައި ފައިސާ އިންވެސްޓް ކުރާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *