އެންމެފަހުގެ ބެލަންޑޯ އެވޯޑު ހާސިލްކުރި ކަރިމް ބެންޒެމާއަށް ވޯލްޑްކަޕް ގެއްލިއްޖެ

ފްރާންސްގެ އެންމެ މުހިންމު ކުޅުންތެރިޔާ އަދި އެންމެފަހުގެ ބެލަންޑޯ އެވޯޑު ހާސިލްކުރި ކަރިމް ބެންޒެމާއަށް އަނިޔާވެ، މިއަހަރުގެ ވޯލްޑް ކަޕް ގެއްލިއްޖެއެވެ.

ރެއާލް މެޑްރިޑްގެ ސުޕަ ސްޓާ ފޯވަޑް ބެންޒެމާއަށް އަނިޔާވެފައި ވަނީ ފްރާންސުން ގަތަރުގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރެއިންނެވެ. ބެންޒެމާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ޓެސްޓުތައް ހަދައި، ފްރާންސްގެ މެޑިކަލް ޓީމުން ނިންމާފައިވަނީ އޭނާއަށް ވޯލްޑް ކަޕްގެ މެޗެއް ނުކުޅެވޭނެ ކަމަށެވެ. އެހެންކަމުން ފްރާންސުން ވަނީ ބެންޒެމާގެ ބަދަލުގައި ސްކޮޑަށް ކުޅުންތެރިޔަކު ގެންނަން ވިސްނަމުންނެވެ.

ގަތަރުގައި މިއަހަރު ކުޅޭ ވޯލްޑް ކަޕަކީ އުމުރުން 34 އަހަރުގެ ބެންޒެމާގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕް ގެއްލުން އެއީ އޭނާއަށް ބޮޑު ހިތްދަތިކަމެއް ލިބޭނެ ކަމެކެވެ.

ޓީމާއި ދުރަށްދާން ޖެހުމުން ބެންޒެމާ ބުނީ، ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް، ދުވަހަކުވެސް ފުރަގަސްދީ ފައިނުވާނެ ކަމަށާއި، އެހެންނަމަވެސް ޓީމުގެ ފައިދާއަށް ވިސްނުމަށްފަހުގައި މިފަހަރު ވޯލްޑް ކަޕަށް ފްރާންސް އިން ނެރުނު ސްކޮޑުން ވަކިވާން ނިންމާފައިވާ ކަމަށެވެ.

ސަބަބަކީ ޓީމަށް ބޮޑަށް ފައިދާ ވާނީ އޭނާއަށް ނުކުޅެވި ބެންޗުގައި އިނުމަށްވުރެ، މެޗުތަކުގައި ކުޅެވޭނެ ކުޅުންތެރިއަކަށް ފުރުސަތު ދިނުމުން ކަމަށް ބެންޒެމާ ބުނެފައިވެއެވެ.

ބެންޒެމާއަކީ މިއަހަރު ދިން ބެލޮންޑިއޯ އެވޯޑު ހާސިލުކުރި ކުޅުންތެރިޔާއެވެ. ރެއާލްގެ ކެޕްޓަން ބެންޒެމާ ވެފައި ވަނީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ހާސިލުކުރި ފްރާންސްގެ ފަސްވަނަ ކުޅުންތެރިޔާއަށެވެ. އޭގެ ކުރިން ބެލޮންޑިއޯ އެވޯޑު ހޯދި ފްރާންސްގެ ކުޅުންތެރިންނަކީ ރޭމަންޑް ކޮޕާ، މިޝޭލް ޕްލެޓީނީގެ އިތުރުން ޖީން-ޕިއޭ ޕަޕިން އަދި ޒައިނައްދީން ޒިދާނެވެ. އޭގެ ތެރެއިން ޕްލެޓީނީ ވަނީ ޖެހިޖެހިގެން ތިން ފަހަރަށް ބެލޮންޑިއޯ ކާމިޔާބުކޮށްފައެވެ.

ބެންޒެމާ މިފަހަރުގެ ވޯލްޑް ކަޕަށް ދިޔައީވެސް ފޯމު ރަނގަޅުކޮށް ހުރެގެންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް ކުޅުނު 12 މެޗުން ހަ ގޯލު ޖަހައިފައެވެ.

ބޮޑެތި ތުހުމަތުތަކެއްގެ ސަބަބުން ގާތްގަނޑަކަށް 6 އަހަރުދުވަހު ގައުމީ ސްކޮޑުން ފުރުސަތު ނުލިބިހުރުމަށްފަހު ބެންޒެމާއަށް ގައުމީ ސްކޮޑުން ފުރުސަތު ދީފައިވަނީ 2021 ވަނަ އަހަރު ކުޅުނު ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *