( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )
އެއްރޭ ދަންވަރު ރުކާނަށް ހޭލެވުނީ ނަސީމާ ގޮވާ އަޑަށެވެ. އޭރު އޭނާ ނޭވާ ހާސްވެގެން ތެޅޭވަރުން ހީވަނީ ދެންމެ ދެންމެ ފުރާނަ ހިނގައިދާނެ ހެންނެވެ. ރުކާން ދުވެފައި ގޮސް އޭނާގެ އެނދުގެ މަގަތުގައި އިށީނެވެ. އޯގާތެރިކަމާއެކު ނަސީމާގެ އަތުގައި ހިފާލިއެވެ. އަދި ކަރުނައަޅާ ހާލު ހިތްވަރުކުރުމަށް ނަސޭހަތްތެރިވިއެވެ. އޭނާ އަވަސްއަވަހަށް އެންބިއުލާންސަށް ގުޅަން އުޅުނެވެ.
"ނޫން. މިހާރު ހީވަނީ މާލަސް ވެއްޖެހެން. އަހަރެން ކަނބުލޮގާތު ވާހަކައެއް ބުނަން ބޭނުން."
"ދައްތާ. މިގަޑީގައި އަރާމު ކޮށްލާ." ރުކާން ރޮމުން ބުންޏެވެ. އޭނާއަށް ވަނީ ހަދާނެގޮތް ހުސްވެފައެވެ.
"ކަނބުލޯ. އަހަރެންގެ ކުށަށް ތައުބާވުމަށް ކަނބުލޮ ވަރަށް ގިނަ އެއްޗިހި އަހަރެންނަށް ވިސްނައިދިން. ތަފާތު ދީނީ ފޮތްތަކުން އެތައް މައުލޫމާތެއް ދިން. އޭގެސަބަބުން އަހަރެންގެ ކުށަށް މައާފް ލިބޭނެކަން ޔަގީން. ކަނބުލޮބުނީމެއްނު އިޚްލާސްތެރި ނިޔަތަކުން ވާ ތައުބާ މާތްﷲ ގަބޫލު ކުރައްވާނޭ. އަހަރެން ތައުބާވުމަށް ކަނބުލޮ މެދުވެރި ކުރެއްވި ކަލާނގެއަށް ޝުކުރުވެރިވަން." ނަސީމާ ވާހަކަދެއްކުން ހުއްޓާލިއެވެ. ވަރުބަލިވެގެންނެވެ.
"ދައްތާ." ރުކާނަށް ނަސީމާ ދައްކާވާހަކަ އަޑުއަހާކަށް ކުޅަދާނައެއް ނޫނެވެ.
"އަހަރެން ވާނީ ކަނބުލޮއަށް ކުޑަވަރެއްގެ ހަދިޔާއެއް ލިޔެދީފައި. އެއީ މަރުވުމުގެ ކުރިން ނިކަމެއްޗަކަށް ދެވޭ ފުރަތަމަ ޞަދަގާތް ކަމަށްވެސް ވެދާނެ. ކަނބުލޮ….ކަނބުލޮ ..އަތުން…. އަލީ އެ ހޯދަން …އުޅެފާނެ." ނަސީމާއަށް ވާހަކަ ދެއްކެނީ ކިރިޔާއެވެ.
"ދައްތާ…" ރުކާން ރޯން ފެށިއެވެ.
"އަލީ އެ ނުދޭން އުޅެފިނަމަ …. އަހަރެންގެ ވަކީލު ކަނބުލޮއަށް އެހީތެރިވާނެ. ކަނބުލޮގެ މަގުސަދު އެއިން ހާސިލު ކުރެވިދާނެ. މަށަށް ހެޔޮދުއާ ކޮށްދޭތި.ނިކަމެތިން ކުރާދުއާ އިޖާބަ ކުރައްވާނެއޭ ކަނބުލޮ ބުނީމެއްނު." ކުއްލިއަކަށް ނަސީމާ ގެ ހަރަކާތް ހުއްޓުނެވެ. އޭނާ ދެލޯ ބޮޑުކޮށް ހުޅުވިފައި އޮތެވެ. ހާސްވެފައިވާ ރުކާން އެންބިއުލެންސަށް ގުޅިއެވެ. ނަސީމާ ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އަދި އެތަނުން ދެފަހަރަކު އަލީވެސް ތަންކޮޅެއް ދުރުން އޭނާއަށް ފެނުނެވެ.
ނަސީމާ ނިޔާވުމުން ވަޅުލާހަދާ އޭނާގެ ހުރިހާ ކަމެއް ނިމުނު އިރު ދެދުވަސް ވެއްޖެއެވެ. ރުކާން ދެން ދާނެ ތަނެއް ނެތިގެން ރަށަށް ދިއުމަށްޓަކައި އޭނާގެ ފޮށި ބަންދު ކޮށްލިއެވެ. މިހާރު އޭނާގެ އަތުގައި ކޮޓަރިއެއް ހަދާލެވޭ ވަރަށް ފައިސާ އެބަހުއްޓެވެ. އެހެންކަމުން ރަށަށް ގޮސް އޭނާ ދިރިއުޅޭނީއެވެ.
އޭނާ އެންމެ ހިތާމަކުރީ ނުހަނު ލޯބިވާ މަންމައެއް ފަދައިން ނަސޭހަތްތެރިވި ނަސީމާވެސް އޭނާ ދޫކޮށްލާފައި ދިޔައީމައެވެ. ދިރިއުޅުމުގެ މަގުޞަދު ވިސްނައިދިން އޯގާތެރި މީހާގެ ނަސޭހަތް ގަބޫލު ކުރެވެން ނެތީމައެވެ. އޭނާއަށް އަނިޔާވެރިވީ މީހުންގެ ކިބައިން ބަދަލު ހިފުމުގެ އަޒުމު ހަދާންނައްތާލާ ރަށަށް ދާން ޖެހުނީމައެވެ. އޭނާ ގެއިން ނިކުންނަނިކޮށް ފައިލެއް ހިފައިގެން ހުރި ފިރިހެނެއް އެގެއަށް އައިސް ރުކާނާއި ސަލާން ކުރިއެވެ.
"އައްސަލާމް އަލައިކުމް.އައިޝާތޯ؟" އެމީހާ ސުވާލު ކުރިއެވެ.
"އާދެ…" ރުކާން ޖަވާބު ދިނެވެ. ރުކާން މާލެ އައިއްސުރެ ނަސީމާގެވެސް އެދުމުގެ މަތީން އޭނާ މިހާރު ބޭނުން ކުރަމުންދަނީ އޭނާގެ ކުރީނަމެވެ. ރުކާންގެ ސިފައިގާ އޭނާ އުޅެން މިހާރުވަނީ ފޫހިވެފައެވެ.
"މީ ނަސީމާގެ ވަކީލު." އެތެރެއަށް ވަދެ އިށީންނަމުން އޭނާ ބުންޏެވެ.
"ކިހިނެއްތޯ ވީ؟"
"މިއޮތީ ނަސީމާގެ ވަސިއްޔަތް. އޭގައި ވާގޮތުން ނަސީމާގެ މިގޯއްޗާއި އޭނާގެ މިލްކުގައިވާ ހުރިހާއެއްޗެއް ވަނީ އައިޝާއަށް ރަޖިސްޓްރީ ކޮށްދީފައި. މިހާރު މިހުރިހާ އެއްޗެއްގެ ހައްގުވެރިއަކީ އައިޝާ. އެއްވެސް މީހަކު މިކަމާ ޝަކުވާ ކުރަންޏާ އަހަރެންނަށް ގުޅާ. ނަސީމާގެ ވަކީލުކަން މި ހުރިހާ ދުވަހު ކޮށްދިންގޮތަށް މިއަދު އަހަރެން އައިޝާގެ ވަކީލަކަށް ހަދާނެކަމަށް އުންމީދުކުރަން." ވަކީލު އިހުތިރާމާއެކު ވާހަކަދެއްކި ގޮތުން ރުކާން ލަދުގަތެވެ.
"އެކަމަކު އޭނާގެ ދަރިފުޅަށް ނުދިނީ ކީއްވެ؟"
"އޭނާއަށްވަނީ އޭނާގެ ބައްޕަގެ ގޯއްޗާއި ވިޔަފާރި ލިބިފައި. އޭނާއަށް މަންމަގެ މި މަދު މުދާކޮޅު ބޭނުން ނުވާނެކަމަށް ނަސީމާ ބުނި. އަދި ބުނީ އައިޝާއަށް މި މިލްކު ކޮށްދިނީ ކީއްވެގެންތޯ ނާހާށޭ. އަދި ނިކަމެއްޗަކަށް އޭނާގެ ފަރާތުން ދިރިއުޅުމެއް ހޯދައިދީފިނަމަ ފަހަރުގައި އޭނާއަށް އޭނާގެ ކުށަށް މައާފު ލިބިދާނެ ކަމަށްވެސް ބުނި." ވަކީލު ނިކުމެގެން ހިނގައްޖެއެވެ.
ރުކާން ހުރީ އޭނާއަށް މިލިބުނު ޚަބަރުން ހިމޭން ވެފައެވެ. ވަކީލު އެދިޔައީ އޭނާއަށް ކޮންކަހަލަ ޚަބަރެއް ދީފައި ހެއްޔެވެ؟ އޭނާ ކަހަލަ އާދައިގެ ފަގީރު ކުއްޖަކަށް މިލިބުނީ ކޮންފަދަ ނިއުމަތެއް ހެއްޔެވެ؟ އެއީ މިހާރު މަޑުއްވަރީއަށް ބަލާއިރުގެ އެންމެ މުއްސަނދި މީހާއެވެ. އޭނާއަށް ބޭނުން ގޮތަކަށް ދިރިއުޅުން ހޭދަ ކޮށްލެވިދާނެއެވެ. ސައުކަތުގެ ކިބައިން ބަދަލު ހިފިދާނެއެވެ. އަދި މިއުވާން އުޅޭތަނެއް ހޯދާ އޭނާ ނިކަމެތި ކޮށްލެވި ދާނެއެވެ.
އޭނާ ގޮނޑީގައި އިށީނދެލިއެވެ. އަދި ވިސްނާލިއެވެ. މި ލިބުނު މުދަލުން އޭނާ ދިރިއުޅެން ޖެހޭނެ ގޮތެކެވެ. އާއެކެވެ. އޭނާގެ ދައްތައަށާއި ނާސިހާގެ މަންމައަށް އެހީވާނެއެވެ. އެއީ ނާސިހާއަށް ކޮށްދެވޭނެ ކަމެކެވެ. އޭނާ މަގުސަދު ހާސިލް ކުރާނެއެވެ. މިއުވާނާއި ސައުކަތަށް އޭނާ ބޭނުން ވާވަރަށް ސަޒާ ދިނުމަށްފަހު ރަށަށް ދެވިދާނެއެވެ.
މަންމަގެ ގެ ފަސްތަރީގެ ހޮޓަލަކަށް ހަދަން ނިންމައިގެން ހުރި އަލީ ގާތަށް ރުޅިއައީ މަންމަގެ ވަކީލު ދެއްކި ވާހަކަ އިންނެވެ. ލަންކާގައި އޭނާގެ މަންމަ ވާނީ މާލެ ގޮސްފައި އެގެ އޭނާ ބޭނުން ގޮތަކަށް ހަދަން ހުއްދަ ދޭނެކަމަށް ބުނެފައެވެ. ނަމަވެސް މަންގެ ހުރިހާ އެއްޗެއް އެދިނީ އެ އަންހެން ކުއްޖާއަށެވެ. އޭނާ ބުނާގޮތުން ވިއްޔާ އެ ފަގީރު އަންހެން ކުއްޖާއަށް މަންމަގެ ހުރިހާ އެއްޗެއް ދިނީއެވެ. އެއީ މަންމަ މާބޮޑަށް ލޯބިވާ ކުއްޖެކޯލައެވެ.
"ކީއްވެ މަންމަ އެހެން ހެދީ؟" ވިސްނާ ވިސްނާވެސް އެ އަންހެން ކުއްޖާދެކެ މަންމަ ލޯބިވާ ސަބަބު އަލީއަކަށް ނޭނގުނެވެ.
"މަންމަ ބުނީ އަލީގެ ފަރާތުން އޭނާ އުންމީދު ނުކުރާ މިންވަރަށް އޯގާތެރިކަން ލިބުނޯ. އަދި އެކަމަށް ޝުކުރުވެރިވެސް ވަމޯ. އެކަމަކު އަލީއަކަށް މަންމަގެ މުދާ ނުލިބުނަކަސް މަދެއް ނުވާނެޔޯ. އެ އަންހެން ކުއްޖާއަށް އެދީފިނަމަ އޭނާއަށް މާ ހެޔޮކަން ހުއްޓޯ. އަދި އަލީގެ ކިބައިން ވަރަށް މާފަށްވެސް އެދުނު." ވަކީލު ބުންޏެވެ.
"ކުރެވުނު ކުށްތައް އިހުސާސް ވީތީވެސް ރަނގަޅު. އެކަމަކު އެތާ ގެސްޓް ހައުސް ހަދައިފިއްޔާ މާބޮޑަށް ފައިދާވާނެ. ދެން ކިހިނެއް ހަދާނީ؟" އަލީ ހުރީ ހިތްހަމަ ނުޖެހިފައެވެ.
"އެއަންހެން ކުއްޖާއާއި ވާހަކަ ދައްކައިގެން ހައްލު ކުރެވިދާނެ. އެއީ ވަރަށް މަޑުމައިތިރި ރަނގަޅު ކުއްޖެއް. އަލީވެސް ވާހަކަ ދައްކާލަނިކޮށް އެއީ ރަނގަޅު އަޚްލާގެއް ހުރި ކުއްޖެއްކަން އެނގޭނެ. ފަހަރުގައި އެކުއްޖާ އަލީއާއި ދެކޮޅު ހަދަން ޖެހިލުން ވެދާނެ." ވަކީލަށް ފެންނަ ގޮތެއް ބުންޏެވެ.
"އެހެންވިއްޔާ މާދަމާރޭ އޭނާއާއި ބައްދަލު ކުރާނެ ވާހަކަ ބުނެދީ." އަލީ ނިންމީ އެކުއްޖާއާއި ވާހަކަ ދައްކައިގެން ކޮންމެވެސް ގޮތަކަށް އެތަން އޭނާއަށް ލިބޭތޯ ބެލުމެވެ. މަންމަގެ މި ނިންމުމުން އޭނާ ހުރީ ރުޅި އައިސްފައެވެ. ހުރިހާކަމެއް ކުރުމަށްފަހު މަރުވެ ދިޔައިރުވެސް ރަނގަޅު ގޮތެއް ހަދައި ނުދިނީތީއެވެ.
ރުކާން މާލެ އައިފަހުން ހަތަރު މަސްވީއިރު އޭނާފެންނަނީ މިޒަމާނުގެ ރީތި އަންހެން ކުދިންތެރޭގައިވެސް ފާހަގަ ކޮށްލެވޭ ކުއްޖަކަށެވެ. ހިކި އަނަރޫފަ ހަށިގަނޑު ފަލަވަމުން އަންނަނީ އޭނާ ހީވެސް ނުކުރާހާ އަވަހަށެވެ. މޫނުގެ ހަންއޮމާންވެ ހުދު ދޮނަކުން ވަނީ ރީތިވެފައެވެ. ފަންކޮށްފައިކުލަޖައްސާފައިވާ އިސްތަށިގަނޑު ފެނުމުން އެއީ ރުކާންކަން އެނގޭނެ މީހަކު ނެތެވެ.
ރުކާން މިއަދު ތައްޔާރުވަމުން ދަނީ ވަރަށް ފަރުވާތެރިކަމާއެކީއެވެ. މިއަދަކީ އޭނާއަށް ވަރަށް މުހިންމު ދުވަހެކެވެ. ފުރަތަމަފަހަރަށް އޭނާ ވާހަކަދައްކަން ބޭނުންވާ މީހެއްގެ ކުރިމައްޗަށް އަރަނީއެވެ. މިއީ އޭނާގެ މަގުސަދު ހާސިލް ކުރުމަށްޓަކައި ބޭނުންހިފޭނެ އަގުބޮޑު ފުރުސަތެއްކަން އެނގެއެވެ. އަލީގެ އެހީތެރިކަން ލިބިއްޖެނަމަ އޭނާއަށް ހުރިހާ ގޮތަކުންވެސް ފަސޭހަވާނެތީއެވެ. ރަތްކުލައިގެ ޓޮޕަކާއި ޖީންސެއްލައި ލޯގަނޑަށް ބަލާލިއެވެ. އިސްތަށިގަނޑު ހާމަޔަށް ދޫކޮށްލިއެވެ. މޫނާގުޅޭ ރީތިމޭކަޕެއް ކޮށްލިއެވެ. އަވިއައިނު ލޮލަށް ހެޔޮވަރުކޮށްލިއެވެ. ރުކާން އުސް ފައިވާނެއްގައި ކާރުން ފައިބައިގެން ހިނގާލާފައި ދިޔައީ ނުހަނު ފަރިތަކަމާއެކުއެވެ. ފަހުގެ ދުވަސްތަކުގައި ތަފާތު ވެބްސައިޓްތަކުން ދަސްކުރި ކަންތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާލިއެވެ.
އަލީގެ އޮފީހަށް ވަން ރުކާން އަވިއައިނު ނެގިއެވެ. ދެން އޭނާގެ އިންތިޒާރުގައި އިން އަލީގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ. އަލީއަށް ރުކާން ފެނުމުން ޝައުގުވެރިކަމާއެކު ރުކާނަށް ބަލަން ހުރެވުނެވެ. އޭނާ ދުވަހަކުވެސް އެހާރީތި އަންހެން ކުއްޖެއް ނުދެކެއެވެ.
" ބައްދަލު ކޮށްލަން ބުނުއްވީމަ." ރުކާން ވާހަކަ ދެއްކީ އަލީގެ ބެލުން ތަކުން އުނދަގޫ ވެގެންނެވެ. އަލީއަށް ރުކާން ވާހަކަ ދެއްކުމުން އިތުރު ޝައުގުވެރި ކަމެއް ދެވުނެވެ. އެއީ އޭނާ ދެކޭ ކުއްޖެއްހެން ހީވެއެވެ. އެއަޑު އޭނާއަށް ކޮންމެވެސް ތާކުން އިވުނެވެ. ނަމަވެސް ކޮންތާކުން ކަމެއް ހަނދާނެއް ނެތެވެ. ކޮންއިރަކު ފެނުނު ކުއްޖެއްކަން އޭނާއަށް ކަނޑައެޅިގެން ފާހަގަ ކުރަން ދަތިވެއެވެ.
"މަންމަވަނީ އައިޝާއަށް ހުރިހާ އެއްޗެއް ރަޖިސްޓްރީ ކޮށްދީފައި. އަހަރެން އެދެނީ…. އެއީ މާކުރިންވެސް އަހަރެން ހޮޓަލެއް އަޅަން ނިންމައިގެން ހުރިތަނެއް…" ހީކުރިވަރަށް ވުރެވެސް މަޑުން އޭނާ ވާހަކަ ދެއްކީ އެކުއްޖާ ފެނުމުން ކުރި އަސަރުގެ ބޮޑު ކަމުންނެވެ.
"އެހެންވީމާ…" ރުކާން ފަރުވާތެރި ކަމާއެކު ބުނެލިއެވެ. މިއީ އޭނާގެ މިޒާޖުގައި ކުރިންނެތް ހަރުދަނާ ގޮތެކެވެ.
"އެހެންވީމާ އަހަރެން އެދެނީ ސުލްހަވެރިކަމާއެކު މިމައްސަލަ ނިންމަން.އައިޝާ އަހަރެންނަށް އެތަން ދީ. އަހަރެން އައިޝާއަށް ހުޅުމާލެއިން ތަނެއް ގަނެދީފާނަން."
"އަޅުގަނޑަށް ވިސްނާލަން ވަގުތުކޮޅެއް ދިނުން ކިހިނެއްވާނެތޯ." ރުކާން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. ރުކާނަށް އަލީއަކީ އޭނާ ކޮންމެވެސް ތަނަކުން ދުށް މީހެއްހެން ހީވަނީ ކީއްވެބާވައެވެ؟ އެ ވާހަކަ ދެއްކުމާއި ހީލުމުގައި މިއުވާނާއި ވައްތަރު ގޮތެއްވާހެންވެސް ހީވެއެވެ. އިތުރު ވިސްނުމަކާއި ނުލާ ޓެކްސީއަކަށް އަރާ އޭނާ އެސްޓީއޯ ސުޕަމާކެޓަށް ދިޔައީ ގެއަށް ބޭނުންވެފައި ހުރި ބައެއް އެއްޗިހި ގަތުމަށް ޓަކައެވެ.
ފިހާރަ ތެރޭގައި ކޮންމެވެސް މީހަކު އޭނާއަށް ފާރަލާހެން ހީވާތީ ބަލާލިއެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ބިރުވެރި މޫނެކެވެ. އެއީ އޭނާ ދުވަހަކުވެސް ހަދާން ނައްތާ ނުލެވޭނޭ ބިރުވެރި ނަފުރަތުން ފުރިގެންވާ މޫނެކެވެ. އެއީ އޭނާއަށް އެތައް ދުވަހެއް ވަންދެން އަނިޔާދިން ސައުކަތެވެ. ރުކާން ތުރުތުރު އަޅައިގެން ދިޔައެވެ. އޭނާގެ ނަސީބު ރަނގަޅު ކަމުން އެވަގުތު ނަސީމާގެ ރައްޓެއްސެއް ފެނިގެން އޭނާގެގާތަށް ދިޔައެވެ.
"އައިޝާ މާލޭގައިތަ؟" އެމީހާ އެހިއެވެ.
"އާނ… ދާން އުޅެފަވެސް އިހަށް މަޑުކޮށްލީ…" ރުކާން ވާހަކަ ދައްކަމުންވެސް ބެލެނީ ސައުކަތު އުޅޭ ގޮތަށެވެ.
"ތެދެއްތަ ނަސީމާގެ ހުރިހާ އެއްޗެއް އައިޝާއަށް ރަޖިސްޓްރީ ކޮށްދިނީތަ؟"
"އާނ… " ސަމާލުވުމެއް ނެތި އޭނާއަށް ބުނެވުނެވެ.
"އޭނާގެ ދަރިފުޅަށް އެއްވެސް އެއްޗެއް ނުދީ އައިޝާއަށް ދިނީ އަނެއްކާ އައިޝާ ކޮންމަޅިއެއް ޖައްސައިގެންތަ؟" އެމީހާ މަލާމާތުގެ ގޮތަކަށް ހީލިއެވެ.
"ދެން ދަނީ އިނގޭ." އެމީހާގެ މަލާމާތުގެ ބަސްކޮޅަށްވުރެ އޭނާ ވަނީ ބިރުގެންފައެވެ. ސައުކަތު ހުރުމުގެ ސަބަބުން ރުކާން އިތުރަށް މިވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. ވާހަދައްކަން ހުރިއިރުވެސް ސައުކަތު ބަލަމުން ދިޔައީ ރުކާނަށެވެ. ރުކާން ނެގި އެއްޗިހި ބަހައްޓާފައި ބާރަށް ހިނގާފައި ގޮސް ކާރަށް އެރިއެވެ. އަދި އަވަހަށް ގެއަށް ދިޔައެވެ.
(ނުނިމޭ)
