(23 ނޮވެމްބަރ 2022ގެ ނޫހާއި ގުޅޭ)
ލީޝަން ޔައީންގެ ޓީޝާޓުގައި ކަނާތުން ހިފަހައްޓައިގެން ހުރެ މަޑުމަޑުން ގުދުވީ އެ ރާކަނި ނަގާށެވެ. އޭނާ އެރާކަނި ނަގާ އަނެއްފުށަށް ޖަހާލިއެވެ. އޭރު އޭގެ މަސްގަނޑު އޮތީބޭރަށް ނިކުމެފައެވެ. މިކަމާ ބިރުން ހަޅޭއްލަވައިގަނެ އޭތި ދުރަށް އެއްލާލިއެވެ. މޫދުގައި އެރާކަނި ޖެހުމާއެކު އެދެމީހުން ގަޔަށް ފެންގަނޑު ބުރައިގެން ދިޔައެވެ.
"ބުނީމެއްނު މަށާއެކު ނާންނާށޭ. އެއްގަމަށްގޮސް މަޑުން އިނދެބަލަ." ޔައީން ރުޅިއައެވެ.
"ދުވަހަކުވެސް އެހެން އޮތްއެއްޗެއް ދުށިންތަ." އޭނާ ދެރަވެލާފައި ބުންޏެވެ. ޔައީން އެއްޗެކޭ ބުނަން އުޅެފައިވެސް މަޑުކޮށްލީ އޭނާގެ ޓީޝާޓުގައި ހިފަހައްޓައިގެން ހުރި ލީޝަން ބިރުގެންފައިވާތީކަން ގަބޫލު ކުރެވުމުންނެވެ. އެންމެފަހުން އެވެސް ނަގަން ޖެހުނީ ޔައީނަށެވެ. އެއްއަތުން ކަންއިލި ހިފައިގެން އަނެއްއަތުން ރާކަނި ހިފައިގެން ހުއްޓެވެ. ފަހަތުން ލީޝަން ޓީޝާޓަށް ދަމާވަރުން އޭނާ ހުރީ ވަރުބަލިވެފައެވެ. ނަމަވެސް ސަލާމަތުގެ އައްސޭރި އަތުޖެހެންދެން މިއަންހެން ކުއްޖާ ރައްކާތެރިކަމާއެކީ ބަލަހައްޓަން ޖެހެއެވެ.
ޔައީން ތަންކޮޅެއް ފުންދިމާއަކަށް ދިޔައެވެ. ފަރުވާތެރިކަމާއެކު މަހަކަށް އަމާޒުކުރަމުން ދިޔަ ކަންއިލީގެ ނިޝާނަކަށްވީ ބޮޑު ލައްފާނައެކެވެ. ދެމީހުން އުފަލުންތިބެ ފާނަޔާއި ރާކަނި ހިފައިގެން އެއްގަމަށް އެރިއެވެ.
ދެދަރުގަނޑު ކާއްތައިގެން ޔައީން އަލިފާން އުފެއްދިއެވެ. އެއަށްފަހު ދެމީހުންވެގެން ދަރުއަޅައި ބޮޑު އަލިފާންގަނޑެއް ރޯކުރިއެވެ. މަސްރަނގަޅަށް ހުޅުނބު ޖަހާލުމަށްފަހު އަލިފާނުން ފިހެލިއެވެ. އަދި ރާކަނިވެސް ފިހެލިއެވެ. މިމަސައްކަތުގައި ހަރަކާތްތެރިވެގެން އުޅުނުއިރު އަބަދުވެސް ޖަދަލު ކުރާދެމީހުންގެ ފުށުން ފެންނަނީ އެކުވެރިކަމެވެ. އެކަކު އަނެކަކަށް ކުރާ ނަފުރަތުގެ ބަދަލުގައި ފެނުނީ އެހީތެރިކަމާއި އޯގާތެރިކަމެވެ. ދެމީހުން ދޮންވެލިގަނޑުގައި ތިބެގެން ބަނޑުބޮޑުވަންދެން ކެއެވެ. ޔައީން ކައި އަވަދިވުމުން މޫދަށް ދިޔައީ އަތްދޮވެލާށެވެ. އަތްދޮންނަން ގުދުވި ޔައީނަށް ނުހަނު ގާތުން ފެނުނީ މިޔަރުގެ ނިސްބަތުން ކުޑަކުޑަ އޭނާގެ އަތްތިލައަކަށް ވުރެބޮޑު ދޮންފަން މިޔަރެކެވެ.
މިޔަރު ފެނުމާއެކު އޭނާ މިޔަރު ފަހަތުން ދުއްވައިގަތެވެ. މިއީ އޭނާ ކުޑައިރުގައި އެއުމުރުގެ ކުދިންނާއެކު ކުރި ނުހަނު މަޖާކަމަކެވެ. ތިލަ ފަޅުގައި ޅަމިޔަރުތައް ފަހަތުން ދުވެ ދުވެ އޭތި ބަލިކުރުމަށްފަހު އެސޮރު ހިފައެވެ. ދުރުގައި ބަލަން ހުރި ލީޝަން ދުވެފައި ދިޔައީ ޔައީން ދުވަނީ ކީއްވެތޯބަލާށެވެ.
"ލީޝަން …. އާދޭ." ޔައީން މަޖާވެފައި ހުރިވަރުން ހަޅޭއްލަވައިގަތެވެ.
"ތީ ކޮންއެއްޗެއް." އޭނާއަށްވެސް އެމިޔަރު ފެނުމުން ދުވާހިތްވިއެވެ. ބާރަށް ދުވަމުންދާ ޔައީންގެ ފަހަތުން އޭނާވެސް ދުވަމުން އޮޅުން ފިލުވަމުންދެއެވެ
"ދޮންފަން މިޔަރެއް…. ވަރަށް ފަސޭހައިން އަތުލެވޭނެ." ޔައީން ބާރަށް ދުވަމުން ވާހަކަދެއްކިއެވެ.
"ލީޝަން….." ލީޝަންގެ ޚަބަރެއްނުވުމުން މިޔަރާއި ދިމާއަށް ބަލަމުން އޭނާ ގޮވާލިއެވެ.
"ކޮބާ….. ހިފުނީތަ؟" ވެއްޓިފައި އޮތް ލީޝަން ފެނުގެ ތެރެއިން ބޯހިއްލާލާފައި ގޮވާލިއެވެ. މިހެން ދުވެ އުޅުމުގެ ތެރޭގައި ދެތިންފަހަރަކު އޭނާ ވެއްޓުނެވެ. ނަމަވެސް އޭނާދުށީ މީ މަޖާ ކުޅިވަރެއްގެ ގޮތުގައެވެ. މާނޭވާލެވިފައިވާ ލީޝަން ގޮނޑުދޮށުގައި އިށީނދެލީ ވަރުބަލި ފިލުވާލާށެވެ. އޭރުވެސް ޔައީން މިއަރު ފަހަތުން ދުވަނީއެވެ. ހަމައެކަނި ކަކުލާހަމައަށް އަރާވަރުގެ ސޯޓެއްލައިގެން ބާރަށް ދުވަމުންދާ ޔައީންގެ ފިރިހެންކަމާމެދު އޭނާއަށް ފުރަތަމަފަހަރަށް ވިސްނާލެވުނެވެ. ކުރިން އެއީ ތަރައްގީނުވާ "ކަޓު" މީހެއްކަމަށް އޭނާއަށް ހީވިޔަސް މިހާރު އެއީ އޭނާ ދަންނަ މީހުންނަށްވުރެން ރީތި މީހެއްކަން ގަބޫލުކުރެވުނެވެ. އާދައިގެ ވަރަށްވުރެދޮން ބާރުގަދަ ހަށިގަނޑު އޭނާއަށް ނުހަނު ރީތިވެއްޖެއެވެ. ވަރުބަލިކަމެއްނެތި ބާރަށްދުވަމުންދާ ޔައީނަށް ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ.
"ލީޝަން…." ގާތްގަޑަކަށް ވިހިމިނިޓްވަންދެން ދުވެ ވަރުބަލިކޮށްފައިވާ އެމިޔަރުގެ ނިގުލުގައި ހިފާ އެއްގަމާއި ދިމާއަށް އެއްލަމުން ޔައީން ގޮވާލިއެވެ.
ލީޝަން ދުވެފައި ދިޔައިރު މިޔަރު މަރަށް ތެޅެނީއެވެ. ބަލާކަށްނުހުރެ އޭނާ މިޔަރު މޫދަށް އެއްލާލިއެވެ.
"ކީއްތިކުރީ." ވަރުބަލިވެފައި ހުރި ޔައީން ރުޅިއައިސްފައިހުރެ އެހިއެވެ.
"އެއްލާލީނު. ނުކާއެއްޗެއް ކޮންމެހެން މަރަންޖެހޭތަ. ޔައީނަށް މިޔަރު ހިފިއްޖެއެއްނު. ދެން އެއްލާލިޔަސް މައްސަލައެއްނެތެއްނު."
ވަރުބަލިވެފައިވާ ޔައީން އެއްޗެކޭ ނުބުނީ ފުރަތަމަ ފަހަރަށް ނަމަވެސް ދެމީހުންގެ ޚިޔާލު އެއްގޮތްވީމައެވެ. މާނޭވާލެވިފައިވާ ޔައީން ވަރުބަލިވެގެން ގޮޑުދޮށުގައި އޮށޯވެލިއެވެ. ހަވީރުގެ ހިމޭންކަމާއި ފަޅުކަން އެދެމީހުންނަށް ކަންބޮޑުވުމުގެ އެއްވެސް އަސަރެއް ނުކުރެއެވެ. މިހާރު ލީޝަން މިފަޅު ރަށުގައި ޖެހިލުމެއްވެސް ނުވެއެވެ. ޔައީން ހުރުމުން އޭނާއަށް ރައްކާތެރިކަން ލިބޭކަހަލަ އިހުސާސެއް ކުރެވެއެވެ. އޭނާ އެއްވެސް ޚިޔާލެއްނެތި މޫދަށް އެރުނެވެ. އޭރުވެސް ޔައީން އޮތީ ވެލިގަނޑުގައި އޮށޯވެގެން ވަރުބަލި ފިލުވާށެވެ. ލޯމަރާލައިގެން އޮތްއިރު ޔައީންގެ ރީތިކަން އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްގައިމުކަމެއްގެ އިހުސާސް ކުރެވުނެވެ.
"ލީޝަން. ދެން މޫދުން އަރާ. މިހާރު އެހެރަ އިރުއޮއްސެނީ." ޔައީން މޫދަށް ގޮސް ފީނާލާ ގައިން ވެލިފިލުވާލުމަށްފަހު ބުނެލިއެވެ. ބަސްއަހާ ކުޑަކުއްޖެއްފަދައިން އެއްވެސް ޝަކުވާއެއްނުކޮށް އޭނާ މޫދުން އެރިއެވެ. އަދި ޔައީނަށްވުރެ ކުރިން ގޮސް ގަހުގައި ހިއްކަން އަޅުވާފައިހުރި ޔައީންގެ ޓީޝާޓް ނެގިއެވެ.
"ތި އުޅެނީ ކީއްކުރަން." ލީޝަން ކޮންމެ ފަދަކަމެއްވެސް ކޮށްފާނެކަން އެނގޭތީ ބިރުން ޔައީން ބުންޏެވެ.
"މި ޓީޝާޓް ލާންވެގެން." ހަމަޖެހިލާފައި ހުރެގެން އޭނާ ބުނެލިއެވެ.
"ނުލާތި. ގެނޭ މަގޭ ޓީޝާޓް." ޔައީން ދުއްވައިގަތީ ޓީޝާޓް އަތުލާށެވެ.
"ނާންނާތި އެންމެ ތަންކޮޅެއްވެސް ކުރިއަށް. ލޯމަރާ." ލީޝަންގެ ރަތްކުލައިގެ ޓޮޕް ބާލަން ހަރަކާތްތެރިވެލިއެވެ.
"މަށަށް ވަރިހަމަ ބޭލިޔަސް ނުބޭލިޔަސް. ތިޓީޝާޓް ގެނޭ." ޔައީން އަދިވެސް ދިޔައީ ޓީޝާޓް އަތުލާށެވެ.
"ޔައީން ބެލިޔަސް ނުބެލިޔަސް މަށަށް ވަރިހަމަ. މަ މިޓީޝާޓް މިލަނީ." ލީޝަން އޭނާގެ ޓޮޕްގައި ހިފާ ހިއްލާލިއެވެ. ލީޝަންގެ ގައި ފެނުމުން ޔައީން ކުރިމަތީ ޓޮޕްވެސް ބާލަފާނެ ކަމަށް ގަބޫލު ކުރެވޭތީ އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. އަދި ލޯމެރިއެވެ.
"ދެން އޯކޭ. މަށަށް އެނގޭވިއްޔަ ޔައީނަށް ބަލާކަށް ނުކެރޭނެކަން." ޔައީން ކަން ބޮޑުވުމުން އޭގެ ފައިދާ ލީޝަން ނެގިއެވެ.
ޔައީން އެނބުރިލިއެވެ. އޭރު ލީޝަން ހުރީ އޭނާގެ ޓީޝާޓް ލައިގެންނެވެ. ކިތަންމެ ރުޅިއައިނަމަވެސް ދެން ހެދޭނެ އިތުރުގޮތެއް ނެތުމުން އޭނާ ސޯޓް ހިކެންދެން ގަސްގަނޑެއްގައި އިށީނެވެ. ލީޝަންގެ ހެދުން ހިއްކުމަށްޓަކައި ގަހެއްގައި އަޅާފައި އައިސް ހަމަ އެގަސް ގަނޑުގައި އިށީނެވެ. އޭރު އިރު އޮއްސެނީއެވެ. އޮރެންޖްކުލައިގެ އިރު އުދަރެހަށް ތިރިވަމުން ދިޔައިރު ދޫނިތައްވެސް އޭގެ ހާއްޔަށް ދަތުރުކުރަމުން ދެއެވެ. ރަތްވިލާތައް އުދަރެހަށް އަރާ ގުދުރަތީ ރީތި މަންޒަރެއް ފެންނަމުންދެއެވެ. މިފަޅުރަށަށްވެސް އަނދިރިކަން ފެތުރި ފަނިފަކުސައިގެ އަޑާއި ރާޅުޖަހާ އަޑުން މަޑު މިއުޒިކެއްގެ އަޑު އިވެމުންދެއެވެ. ނަމަވެސް ލީޝަން އިނީ ބިރުންނެވެ. މިފަޅު ރަށުގައި ރޭގަނޑު ހޭދަކުރާނެ ގޮތަކާމެދު ފިކުރު ބޮޑުވެފައެވެ. ނަމަވެސް ޔައީން އިނީ ހަމަޖެހިފައެވެ. އޭނާ ކިތަންމެ ފަހަރަކު މިފަޅު ރަށުގައި ނިދާފައިވެއެވެ. ނަމަވެސް މިފަހަރުގެ ތަފާތަކީ އޭނާއާއެކު ބިރުގަންނަ އަންހެން ކުއްޖަކު ވާކަމެވެ. ކުރިން އޭނާއާއެކު ވަނީ އޭނާގެ އާއިލާއެވެ. ނޫނީވިއްޔާ އޭނާގެ ގާތް ރަހުމަތްތެރިންނެވެ.
ތަންކޮޅެއް އެއްގަމުގައި ޔައީން އަލިފާންގަނޑެއް ޖެހިއެވެ. އަދި ބިޔަ ގަހެއްގެ ދަށުގައި ހުރި މަގޫގަސްތަކެއްގެ ނިވަލުގައި އެގަސްގަނޑުގެ ދަށަށް ވާގޮތަށް މަގޫފަތްތަކެއް އަޅާލިއެވެ. އޭރު އެތަން ފެންނަނީ ގަސްތައް ވަށައިގެން ރައްކާތެރިވެފައިވާ ބޭރުނުފެންނަ ތަނެއްގެ ގޮތުގައެވެ. ކޮންމެ މީހަކު އޮށޯތުމަށްޓައި ވަކިވަކިން ދެ ތަނަށް ވާގޮތަށް އަތުރާލި މި މަގޫފަތް ތައްވެސް ހުރީ ކައިރިކައިރީގައެވެ. މިއީ މަގޫގަސްތަކުގެ ސަބަބުން މޫދާވީފަރާތާއި ނިވާވާގޮތަށް އަދި ޖެހޭވައިންވެސް ކޮންމެވެސް ވަރަކަށް ރައްކާތެރި ކޮށްދޭ ތަނެކެވެ. ދެ މީހުން އަލިފާންގަނޑު ކައިރީގައި ތިބީ ޖެހެމުންދާ ވަޔާއި ފިނިން ހީކަރުވާތީއެވެ. މި ހުރިހާކަމެއް ޔައީން ކުރަމުން ދިޔައިރުވެސް ލީޝަން ހުންނަނީ ޔައީންގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. ކޮންމެވެސް ދިމާއަކުން ކިރިޔާ އަޑެއް އިވުނަސް ޔައީންގެ އަތުގައި އޭނާ ހިފައެވެ. ޔައީނަށް މިކަމުން ލާނެތް ހިންޏެއް އައިކަމުގައިވިޔަސް ގަދަކަމުން ހިނިގަނޑު އެތެރެއަށް ހިންދާލަނީއެވެ. އިރު އޮއްސުނީއްސުރެ ކޮންމެވެސް ލަވައެއް އެހެންނޫނީ ވާހަކައެއް އޭނާ ދައްކަމުންދެއެވެ. ޔައީނަށް ހިފަހައްޓާލައިގެން ހުރެވުނީ އިރުކޮޅަކެވެ.
"ކިހިނެއްވެގެންތަ މާއަނގަގަދަވެގެން ތިއުޅެނީ."
"އަހަރެން އަނގަގަދަތަ؟ އުނދަގޫވަނީދޯ. އާން ދެން އެއްވެސް އެއްޗެކޭ ނުކިޔާނަން." ލީޝަން މޫނު ހަދާލިއެވެ.
"އަނގައިންވެސް ނުބުނާތި؟ މަގޭގައިގާ ޖެހިގެންވެސް ނުވާނެ." ޔައީންވެސް ލީޝަންއަށް ގަދަ ހަދާލިއެވެ.
"އައްޗި. މަށެއް ކޮންމެހެން ކަލޭގައިގާ އަތްލާ ހިތަކުން ނޫޅެން." ލީޝަން ޔައީންއާއި ދުރަށް ހިނގައިގަތެވެ.
ނަމަވެސް ގަހަކުން އެއްޗެއް ވެއްޓުނު އަޑެއްކަހަލަ އަޑެއް އިވުމުން ކުއްލިއަކަށް އޭނާ ދުވެފައި އައި ބާރުމިނުގައި ޔައީންގެ ގައިގާ ޖެހުނެވެ. އެއާއެކު ނުވިސްނާ ހުރި ޔައީން ވެއްޓި އޭނާގައި މައްޗަށް ލީޝަން ޖެހިއްޖެއެވެ. ލޯމަރައިގެން ހުރެ ގިސްލެވޭ ގޮތަކަށް ރޮމުން ދިޔަ ލީޝަންގެ ހާލަތު ފެނުމުން ޔައީނަށް ހަމްދަރުދީ ވެވުނެވެ. އޭނާ ލީޝަންގެ މޫނު ނިވާވެފައިވާ ފަން އިސްތަށިގަނޑު އެއްފަރާތް ކޮށްލިއެވެ. އަދި ހަނދުވަރުގެ ތެރޭގައި އެމޫނު އެހާގާތުން ފެނުމުން އެއީ ދުނިޔެއިން އޭނާއަށް ފެނުނު އެންމެ ރީތިކުއްޖާކަން ހިތުގެ އެންމެ ފުންމިނުން ގަބޫލު ކުރެވުނެވެ. އެ ލުއިލުއި ތުނި ހަށިގަނޑުންދުވާ އާދަޔާ ޚިލާފު މީރުވަހެއްގެ ސަބަބުން ހިނދުކޮޅަކަށްނަމަވެސް އޭނާގެ ނަފުސް އެހެން އޮއިވަރެއްގައި ޖެހިއްޖެއެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ވިސްނުން އޭނާގެ އަމިއްލަ ބާރުގެ ދަށަށް ގެނައެވެ. އަދި ލީޝަން ދުރަށް ޖައްސާލާ ކޮޅަށްތެދުވެ ހަމަޖެހިލިއެވެ.
"އަދިވެސް ފޮނިވާން ދުރަށް ދާތި." އޭނާ އަވަހަށް ހަމަޖެހިލަމުން ބުނެލިއެވެ. ނަމަވެސް ލީޝަން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާއަށް ޔައީނަށް ނުހަނު އިތުބާރު ކުރެވިއްޖެއެވެ. ޔައީނާ ނުހަނު ގަޔާވެސް ވެވިއްޖެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި ހަރުލާފައިވި ބޮޑާކަމާއި ސިކުނޑީގައި ހުރި ޔައީންގެ "ކަޓު"ކަން އޭނާ އަމިއްލައަށް ގަބޫލު ކުރަން މަޖުބޫރުކުރަނީއެވެ.
(ނުނިމޭ)
