ވާހަކަ: ރުކާން – 21

( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )

ރުކާން ވަނީ ހާސްވެފައެވެ. ސައުކަތު ފެނުމުން އޭނާ ވަނީ ބިރު ގެންފައެވެ. އޭނާއަށް އަދިވެސް އަމިއްލަ ނަފުސު ކޮންޓުރޯލް ނުކުރެވޭ ކަމުގެ އިހުސާސް ކުރެވުނެވެ. ސައުކަތު ކުރިމަތީގައި ހާސްނުވާ ކަމަށް ހެދެން މަސައްކަތް ކުރުންވެސް އޭނާއަކަށް ކާމިޔާބެއް ނުކުރެވުނެވެ. މިވީ ދުވަސްކޮޅު އޭނާ އެހާބޮޑަށް ހަށިގަނޑަށް ބަދަލުގެނައީވެސް އެމީހުންނާއި ދުރުގައި ފިލައިގެން އުޅެވޭތޯއެވެ.

ރުކާން ސޯފާ މައްޗަށް ވެއްޓިގަތެވެ. އޭނާއަށް ސިފަވަމުން ދިޔައީ މަޑުއްވަރީގައި އޭނާ ހޭދަކުރި އެންމެ ފަހުރެއެވެ. އެއީ ބިރުވެރި އަނިޔާވެރި ރެއެކެވެ. ކުއްލިއަކަށް ބެލް ޖަހާލިއަޑު އިވުނެވެ. ރުކާން ދިޔައީ ސިއްސައިގެންނެވެ. ރުކާން ބިރުންހުރެ ދޮރު ހުޅުވާލިއެވެ. އޭރު ކުރިމަތީ ހުރީ ނަސީމާގެ ވަކީލެވެ.

"ވަދޭ." ރުކާން އޭނާ އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. ވަކީލު އެތެރެއަށް ވަނެވެ. ރުކާން އޭނާއަށް ޖޫސްތައްޓެއް ގެނައެވެ.

"އަލީ ބޭނުންވަނީ ވީހާވެސް އަވަހަކަށް މިތަން އޭނާއަށް ދިނުމަށް. އޭނާ ވަނީ ހުޅުމާލެއިން ރަނގަޅު ތަނެއް އައިޝާއަށް ބަލާފައި. ނިންމާ ގޮތެއް އަވަހަށް ބުނެދީ." ވަކީލު ވާހަކަ ދެއްކިއެވެ.

"ތިކަމުގެ ރަސްމީ ލިޔުންތައް ނިންމާހާ އަވަހަކަށް އަހަރެން މިތަނުން ހިނގައި ދާނަން." ހާސްވެފައިވާ ރުކާން މިހާރު މާލޭގައި ހުންނާކަށް ބޭނުމެއް ނޫނެވެ. އެއީ ސައުކަތުގެ އުނދަގޫ ފޯރާނެކަން ޔަގީންވާތީއެވެ. މިހިސާބަށް އައި މީހަކު ރުކާންގެ ގެއަށްވެސް އަންނާނެކަން އޭނާއަށް އެނގެއެވެ. ސައުކަތުވަނީ އޭނާއަށް ރަނގަޅަށް ދަސްވެފައެވެ.

" އެހެން ނޫނަސް މައެއްގެ މުދާ އެލިބެންވީ ދަރިއަށް ނުދީ މިތާނގައި ހުންނަ ހިތެއް އަހަރެންގެ ނެތް." ނިކަމެތި ރުކާނަށް އެއީ އޭނާއާއި ހައްގުނުވާ އެއްޗެއްކަމަށް ހީވަނީއެވެ. އެއީ އޭނާގެ ފެންވަރު ކަމަށްވެސް ގަބޫލު ނުކުރެވެނީއެވެ. މީހުން އޭނާއަށް މަލާމާތްކުރާނެކަން އެނގެއެވެ.

"އައިޝާ ގެ ތި ނިންމުމަކީ ވިސްނާފައި ނިންމި ނިންމުމެއްތަ؟" ވަކީލު އެހިއެވެ.

"އަހަރެންނަށް މިގެ އެހާ މުހިންމެއް ނޫން. އޭނާ ގާތު ބުނޭ އަހަރެން މިކަމަށް އެއްބަހޭ." ރުކާން ބޭނުންވީ އަވަހަށް ވަކީލު ފޮނުވާލާ ހަމަޖެހިލުމަށެވެ.

ވަކީލު ދިއުމުން އޭނާ އިށީނދެލިއެވެ. އަދި ހިތްހަމަ ޖައްސާ ލެވޭތޯ ބެލިއެވެ. މިގެއިން ދިއުމަކުން އޭނާއަކަށް ގެއްލުމެއް ނެތެވެ. މީހުން ކުރާނެ މަލާމާތުން ސަލާމަތް ވުމުގެ އިތުރަށް އޭނާގެ ދަރިފުޅުގެ މިލްކަކަށް އަރައި ގަތުމުން ސަލާމަތް ވާނެއެވެ. ހުޅުމާލެއިން ގޯއްޗެއްލިބުން އޭނާއަށް ފައިދާ ބޮޑުވެފައި ރައްކާތެރިކަންވެސް އެގެއިން ލިބޭނެކަން އޭނާއަށް ޔަގީނެވެ. ސަބަބަކީ މިގޭގެ މައްސަލައިގައި އަލީ އޭނާ ކޯޓަށް ދެމުމަށްވުރެ މިފަދަގޮތަކުންވެސް މިނިވަންވުން އޭނާއަށް ބޮލަށް ފަސޭހަ ވާނެއެވެ. ސުލްހައިގާ ދެމީހުންނަށް ފައިދާ ވާގޮތަކަށް މައްސަލަ ނިމިގެން ދާނެއެވެ.

މިއަދު ސައުކަތު ފެނުނު ހަނދާން ވުމުން އަނެއްކާ އޭނާ ކަން ބޮޑުވިއެވެ. އެނުލަފާ މީހާ ފެންނަ އިރަށް އޭނާ ބިރުގަނެ ހާސްވެއެވެ. ކުއްލިއަކަށް މީހަކު ދޮރުގައި ޓަކިޖަހާލިއެވެ. ރުކާން ދޮރު ހުޅުވާލުމާއެކު އެ ސިފަހުތުރު ސައުކަތު އެތެރެއަށް ވަދެގަތެވެ.

"ކަ….ކަލޭތަ؟ ނިކުމޭ މިގެއިން." ރުކާން ހަޅޭއްލަވައިގަތެވެ. ސައުކަތު އަންނާނެކަން އޭނާ ގަބޫލުކުރެއެވެ. ނަމަވެސް މިހާ އަވަހަށް އައުމުން ރުކާން ހަދާނެގޮތް ހުސްވިއެވެ.

"އާނ. އަހަރެން. ކަލެއަށް ފާރަލާތާ ކިތަންމެ ދުވަހެއް. މަށަށް މިރޭ ކަލޭކަން ޔަގީންވީ ފިހާރައިގައި ކަލޭ އުޅުނުގޮތުން."

"ރައްކާވޭ. ކަލޭ ފެނުނަސް އަހަރެން ފޫހިވޭ."

"އައިޝާ. މިހާރު ހާދަ މުއްސަންޖޭދޯ. މިގޭ ވެރިމީހާ މަރުވީ ކަލެއަށް ހުރިހާއެއްޗެއް ލިޔެދީފަދޯ. އަނެއްކާ ނަން ބަދަލު ކޮށްގެން އެމީހާއަށް ކޮންކަމެއް ކޮށްދީގެންތަ ތިހާ ނަސީބު ގަދަވީ." ސައުކަތު ނުލަފާ ގޮތަކަށް ބުންޏެވެ.

"ކަލެއަށް ކީއް ކޮންމެ ގޮތަކަށް އަހަރެން އުޅުނަސް.. ނިކުމޭ މިގެއިން."

"ރުޅިނާދޭ. މިހުރީ ނަގާފާ އަހަރެން ފެނިގެން ނުގަނެ ދިޔައެއްޗިހި." އެއްޗިހިތައް ބަހައްޓާފައި ރުކާނާއި ދިމާއަށް އޭނާ އައެވެ.

"މިހުރީ ކަލޭ މަގައިގައި ޖެހި ލަކުނު…" ބޮލުގައި ހުރި ބޮޑު ލަކުނެއްގައި ފިރުމާލަމުން އޭނާ ބުންޏެވެ. އަދި ކުރިއަށް ވުރެވެސް ބޮޑަށް އެމީހާ ގާތްވެލިއެވެ.

"ރުކާން ހީކުރީ މަށާއި ފިލައިގެން އުޅެވޭނެ ކަމަށްތަ؟ އަހަރެން ރުކާން ހޯދަން ވަރަށް މަސައްކަތް ކުރީން. ހިނގާ އަހަރެންނާއެކު." ސައުކަތު ހުރީ ދެރަވެފައެވެ.

"ޗީ..  ދުވަހަކުވެސް ކަލޭގެ އަނިޔާވެރިކަމަކަށް ނުދާނަން. ކުރެވުނު ވަރު އަދިވެސް ކުޑައީތަ؟" ރުކާން ހަޅޭއްލަވައިގަތެވެ. މިހާވަރަށްވެސް އޭނާ ނަފުސު ކޮންޓުރޯލު ކުރެވުނީތީ އޭނާ އުފާވިއެވެ.

"އަހަރެން ރުކާނަށް ކުރީކީއް؟ އަހަރެން ރުކާންދެކެ ވަރަށް ލޯބިވޭ." ސައުކަތު ބުންޏެވެ.

"އެއީ ލޯތްބެއް ނޫން. އެއީ ފޭރުން. މިހާރު މިގެއިން ނުކުމޭ. އެހެންނޫނީ އަހަރެން ޕޮލިހަށް ގުޅާނަން. އަދި ކަލޭ ޖަލަށް ލާނަން." ރުކާން އަދިވެސް ހަޅޭއްލަވަނީއެވެ.

"ތީ ނުވާނެ ކަމެއް. އަހަރެން ކަލެއަށް އަނިޔާކުރިކަން ސާބިތުކޮށްދޭނެ ހެއްކެއް ނޯންނާނެ. ރަށު އެންމެންވެސް މަލާމަތް ކުރަނީ ކަލެއަށް. ކަލެއަށް ކާންދީ އުޅޭނެތަން ދީފާ ހުއްޓާ ފިލައިގެން ދިޔައީމާ އެންމެންވެސް ހުރީ ކަލެއާއި ދެކޮޅަށް." ސައުކަތު ހިނިތުންވެލާފައި ބުންޏެވެ.

"ހަމަ މިހާރު ނިކުމޭ. އަހަރެން މިހާރު މިގުޅަނީ ޕޮލިހަށް." ފޯނު ނަގަމުން ރުކާން މިހެން ބުންޏެވެ.

"ނޫނޭ. ޕޮލިހަށް ނުގުޅިއަކަސް އަހަރެން ހިނގައިދާނަން."  ސައުކަތު ނިކުމެގެން ހިނގައްޖެއެވެ.

 

 

އަލީ ވަނީ އައިޝާ ފެނުނު ފަހުން އައިޝާއާއި ވާހަކަ ދައްކާލާ ހިތްވެފައެވެ. އެރީތި އަންހެން ކުއްޖާ އޭނާ ކޮންމެ ކަމެއްގައި ހުއްޓަސް ޚިޔާލަށް އަންނަނީއެވެ. އެހިނިތުންވުމާއި ޒުވާންކަން އޭނާއަށް ނުހަނު ރީތި ވެއްޖެއެވެ. އަލީ އެންމެ ގަޔާވީ އަލީގެ އެދުމުގެ މަތީން އެގެ އޭނާއަށް ދޭން އެއްބަސް ވުމުންނެވެ. މިޒަމާނުގައި އެއްވެސް މީހަކު މާލެއިން ލިބިފައިވާ ގޯއްޗެއް އެހާ ފަސޭހައިން ދޫކޮށެއް ނުލާނެއެވެ. ނަމަވެސް މިއަޖައިބެއްފަދަ ކުއްޖާއާއި އޭނާ ގަޔާވީ އޭގެ އިންތިހާއަށެވެ.

އަނެއްކާ އޭނާގެ މަންމަގެ ހުރިހާ މުދަލެއް އޭނާއަށް ދިނުމުގައި ސަބަބުތަކެއް ވާނެކަން އެއީ އޭނާ ހައިރާން ކުރުވި ކަމެކެވެ. މަންމައަކީ ބުއްދިއާއި މަކަރު ލިބިފައިވާ އަންހެނެއް ކަން އޭނާއަށް އަބަދުވެސް އެނގެއެވެ. އެހެން ވީއިރު އެ ރީތި އަންހެން ކުއްޖާގެ ކޮންމެވެސް ސަބަބަތަކެއް ވެއެވެ. ނޫނީ އެކުއްޖާ މަންމައަށްވުރެވެސް މަކަރު ގަދަވީއެވެ. އެހާފަސޭހައިން އޭނާއަށް ގެދޭން އެއްބަސްވީވެސް ކޮންމެވެސް މަކަރެއް ފޮރުވިފައި އޮތީމައެވެ. ވީމާ ކޮންމެވެސް ގޮތަކުން އެކުއްޖާގެ ސިއްރު ހޯދަންއެބަޖެހެއެވެ.

 

ވޭތުވެދިޔަ ތިން އަހަރު އޭނާގެ ސިކުނޑި ހާސްވެފައިވަނީ އޭނާގެ ލޯބިވެރިޔާ ނުލިބުނީމައެވެ. އެލޯބިވެރިޔާ ލިބޭތޯ އޭނާ ގަދައަޅައި މަސައްކަތް ކުރިއެވެ. ނަމަވެސް ތަގުދީރު ވަނީ އެދެމީހުންގެ ލޯތްބަށް ހުރަސް އަޅާފައެވެ. އޭނާ އެލޯބި އަންހެން ކުއްޖާގެ ހަނދާތަކުން ހިތް ރޮއްވުމުގެ ބަދަލުގައި އައިޝާއާއި ވާހަކަ ދައްކާލުން މިވަގުތަށް ރަނގަޅުކަމަށް ނިންމިއެވެ. އަލީ ކެތްތެރި ކަމެއްނެތި އިންތިޒާރު ކުރެވެމުން ދަނީ އެ ކުއްޖާ ދުށުމަށެވެ. އެކުއްޖާއާއި ވާހަކަ ދައްކާލުމަށެވެ. މި ޚިޔާލުތަކަށް އޭނާއަށް ކެތްކުރެވުނީ ދެދުވަހުއެވެ. އެންމެފަހުން އޭނާ އައިޝާއާއި ބައްދަލުވޭތޯ އެގެއަށް ދާން ތައްޔާރު ވެލިއެވެ.

 

ގެއިން ނިކުމެގެން އެހެން ގެއަކަށް މިހަފްތާ ރުކާން ބަދަލުވާން ބޭނުންވެއެވެ. ހަވީރުން ފެށިގެން ރޭވިއިރުވެސް ރުކާން އުޅުނީ އޭނާގެ އެއްޗިހި ތައްޔާރުކޮށް ގެ ސާފުކުރުމުގައެވެ. ކުއްލިއަކަށް މީހަކު ދޮރު ހުޅުވާލިއެވެ. ތަޅުނުލާ ހުރިކަން ހަނދާންވީ އެމީހަކު އައިސް ސިޓިންރޫމަށް ވަނުމުންނެވެ. މަތީކަބަޑު ސާފުކުރަން ގޮނޑިއަކަށް އަރައިގެން ހުރި ރުކާން ފެނުމުން އަލީކުރިއަށް އެޅި ފިޔަވަޅު ހުއްޓުން އެރިއެވެ. ކުރު ހަރުވާޅަކާއި ޓީޝާޓެއް ލައިގެން ބޮލުގައި ހުޅިއެއް ޖަހާލާފައިވާ އައިޝާ ފެންނަނީ ވަރަށް ސާދާ ކޮންނެވެ.

"މާފު ކުރައްވާ. ގޭތެރެ ވަރަށް ހަޑި. ދިއުމުގެ ކުރިން ސާފު ކޮށްލަނީ." ރުކާން ވާހަކަ ދެއްކީ ލަދުން ހުރެއެވެ. އޭނާ ގޮނޑިން ފޭބިއެވެ.

"ކަމެއްނޫން." އަލީ އަނެއް ފަރާތަށް އެނބުރުނެވެ.

"ކަމަކުތޯ؟" ރުކާން ބުނެލިއެވެ.

"ނޫން. ގެއާއި ބެހޭގޮތުން މަޝްވަރާ ކޮށްލަން ކަމަށް." އަލީއަށް މިހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ.

އެއީ މަންމަ ގެންގުޅުނު ނިކަމެތި ކުއްޖެކެވެ. އޭނާއަށް އިހުތިރާމް ކުރާ އާދައިގެ ކުއްޖެކެވެ. ނަމަވެސް އަހަރެން ޖެހިލުން ވަނީ ކީއްވެބާވައެވެ؟ އަލީ ހިތަށް އަރަމުން ދެއެވެ.

"އެހެން ވިއްޔާ ބޭރުގައި ހުރި ހަޓްގައި މަޑުކޮށްލައްވަން ވީނޫންތޯ. ރޭގަނޑު އެތަން ވަރަށް ހިތްގައިމުވާނެ. އަޅުގަނޑު އެބަދަން." ރުކާން އަވަސް އަވަހަށް އެތެރެއަށް  ވަދެގެން ހިނގައްޖެއެވެ.

އަލީ ނިކުތުމުން ރުކާން އަވަސްއަވަހަށް ފާޚާނާއަށް ވަދެ ފެންވަރާ ލިއެވެ. އަދި އާދައިގެ ޓޮޕަކާއި ޖީންސެއްލިއެވެ. ފަންކޮށްފައިވާ އިސްތަށިގަނޑު ހިކެއްދެން ހާމައަށް ދޫކޮށްލިއެވެ. ދެން ބަދިގެއަށްވަދެ ކޮފީ ތައްޓެއް ހިފައިގެން ގޯތިތެރޭގައި ފަނުން ހަދާ ގޮނޑިޖަހާފައި ހުރި ތަނަށް ދިޔައެވެ.

އަލީ އައިޝާގެ އިންތިޒާރުގައެވެ. އޭނާ ވިސްނަމުން ދިޔައީ މި ރީތި އަންހެން ކުއްޖާއާމެދުއެވެ. އެކުއްޖާގެ އަދަބުވެރިކަމާއި މަޑުމައިތިރި ކަމެވެ. އެއީ އޭނާ ދެކޭ ކުއްޖެކެވެ. ނަމަވެސް ކޮންތަނަކުން ކަމެއް ހަނދާނެއްނެތެވެ.  ރުކާން އަނެއް ގޮނޑީގައި އިށީނެވެ.

"އެހާ އަވަހަށް ގެ ދޫކޮށްލަން ނިންމީ ކީއްވެތޯ އަހަން ބޭނުންވަނީ؟" ދައްކާނެ ވާހަކައެއް ނޭނގިގެން އަލީ ބުންޏެވެ.

"ގެއާއި މުދަލާއި ފޮނި ހުވަފެންތައް ދުށުން އެއީ އަޅުގަނޑަށް މުހިންމު ކަމެއް ނޫން." މާނަވީ ގޮތަކަށް ރުކާން ބުނެލިއެވެ.

"ކީއްވެ ތިހެން ތިބުނީ؟" މިއުވާން ވާހަކަ ދައްކާއިރު ހީވަނީ އެތައް ދުވަހަކު ރައްޓެހިވެ ގާތްކަން އޮތް ރަހުމަތް ތެރިއެއްހެންނެވެ. ރުކާނަށް ވެސް އޭނާގެ ގާތްކަމުން އަސަރުތަކެއް ކުރިއެވެ.

"އެއީ ދެން ދިރިއުޅުން ދިޔަގޮތުން. އަޅުގަނޑު  މާލޭގައި ހުންނާނީ ކުރަން ބޭނުން ކަންތައް ނިމެންދެން." ރުކާނަށް ފުރަތަމަ ދުވަހުވެސް އަލީ ކަމުދިޔައެވެ. އަލީއާއި ބެހޭ ވާހަކަތައް ނަސީމާ ކިޔައި ދޭއިރު އޭނާ އަބަދުވެސް އަލީ އާއިމެދު ޝައުގުވެރި ވެވެއެވެ.

"އަހަރެން ގާތަކު ނުބުނާނަންތަ؟ ފަހަރުގައި އެހީއެއް ވެވިދާނެއެއްނު."

"ނޫނޭ. އަޅުގަނޑު އެވާހަކަ އެއްވެސް މީހެއްގާތު ނުބުނަން. ދެން  މީހެއްގެ އެހީއެއް ބޭނުން ވާނެހެނެއް ހީއެއްނުވޭ." ލޮލުން ފެންކަޅި ވެފައިވާ ރުކާން އަނެއް ފަރާތަށް އެނބުރިލީ އޭނާއަށް ކޮށްފައިވާ އަސަރު ފޮރުވުމަށެވެ.  އޭނާގެ ކުރިމަތީ ހުރި އޭނާ ނުހަނު އިހުތިރާމް ކުރާ އަލީއަށް ފެނިދާނެތީއެވެ. ކޮންމެ މީހަކަށްވެސް ރޮވެނީ އެމީހެއްގެ ގާތްމީހެއްގެ ހަމްދަރުދީގެ ބަހެއް ލިބުނީމައެވެ. ނަމަވެސް އޭނާއާއި އެއްވެސް ގުޅުމެއްނެތް އަލީ ފާޅުކުރި ހަމްދަރުދީއިން އޭނާއަށް ރޮވުނީތީ ހައިރާން ވިއެވެ.

"އެންމެ ރަނގަޅު. އެހީއެއް ބޭނުން ވެއްޖެއްޔާ ބުނައްޗޭ." އަލީ ތެދުވިއެވެ. އޭނާއަށް ރުކާނާއި ދައްކާނެ އިތުރު ވާހަކައެއް ނޭނގުނެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *