ވާހަކަ: ރުކާން – 22

( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )

އަލީ ދިޔުމުން ރުކާން އަލީއާއި މެދު ވިސްނާލިއެވެ. އެއީ ނަސީމާ ކީކަހަލަ ހަރުކަށި މީހެއްނޫނެވެ. އޭނާ ވާހަކަ ދެއްކުމާއި އަމަލުތަކުގައި ހިތްހެޔޮކަމާއި އެހެން މީހުންނާއި ދޭތެރޭ ވިސްނާކަން ފާހަގަ ކުރެވެއެވެ. އޭނާއަށް އެންމެ ބޮޑަށް އަލީގެ ޝަޚުޞިއްޔަތުން އަސަރު ތަކެއް ވަނީ ކުރުވާފައެވެ. އެއީ އޭނާ މިއުވާނާއި ވައްތަރު ކަމުންނެވެ.

ނަމަވެސް އޭނާގެ މިއުވާނަކަށް އަލީ ވާނެ ސަބަބެއް ނެތެވެ. މިއުވާނަކީ އުޅުމެއް ނެތް ސަކަމިޒާޖެއްގެ މީހެކެވެ. މީހުންގެ އިހުތިރާމް ނުލިބޭ އަދި ކޮންމެ ކަމެއްވެސް މަޖަލަކަށް ހަދާ މީހެކެވެ. ބޮލާއި ތުބުޅި ދިގުކޮށް ބަހައްޓަން ޝައުގުވެރިވާ މީހެކެވެ. ނަމަވެސް އަލީގެ ފަރާތުން ފެންނަނީ ގަދަރުވެރިކަމާއި ހަރުދަނާކަމާއި ހެދުން އެޅުމުގެ ތަރުތީބު ކަމެވެ.

މިއުވާނަކީ ރަހުމެއްނެތް ކުށްވެރިއެކެވެ. ސިފައިން ގަދަކަމުން އޭނާ ގެންދިޔައީ ރުކާންގެ ކުރިމަތީގައެވެ. މިއުވާން އޭނާއާއި ކައިވެނި ކުރީ އަމިއްލަ އެދުމުން ފޯވެފައިވާ ކުޅިގަނޑާއި އޮޅުވާލުންތަކެއްގެ ތެރޭގައެވެ. އަލީގެ އެފަދަ މަޑުމައިތިރި މިޒާޖެއްގައި އެފަދަ އޮޅުވާލުމެއް ހުންނަހެނެއް ހީއެއް ނުވެއެވެ. އަނެއްކާ އަލީގެ ހުރި ހަރުދަނާ ކަމާއި ހެދުންއެޅުމުގެ ސާފުތާހިރުކަމާއި މީހުން އޭނާއަށް ކުރާ އިހުތިރާމުން މިއުވާން ކަހަލަ ޕާޓޭއަކާއި އެއްވެސް ގުޅުމެއް ނުވާނެއެވެ.

ރުކާން ބަދަލުވުމުގެ ކުރީން ނިންމަންޖެހޭ ލިޔުންތަކެއް އޭނާ ނިންމަން ބޭނުންވެއެވެ. މިކަމުގައި ވަކީލަށްވުރެ ބޮޑަށް އޭނާ ބޭނުންވީ އަލީއާއި ވާހަކަ ދައްކާލާށެވެ. އޭނާއަށް މިހާރު އަލީއާމެދު އިތުބާރު ކުރެވެނީ މާބޮޑަށެވެ. ދުވަހަކުވެސް މީހަކާ ދެން ގާތްގުޅުމެއް ނުބާއްވަން ހުރި ރުކާނަށް އަލީއަށް އިތުބާރު ކުރެވެނީއެވެ. އަލީއާއި ވާހަކަ ދައްކާލާ ހިތްވަނީއެވެ. އެހެންކަމުން އޭނާ އަލީއަށް ފޯނުކޮށްލާ ބައްދަލު ކޮށްލުމަށް އެދުނެވެ. އަލީ ހަމަވަގުތުން ރުކާންގެ ގެއަށް ދިޔައެވެ. އޭރު ރުކާން އުޅެނީ މެންދުރުގެ ކެއުންވެސް ތައްޔާރު ކޮށްގެންނެވެ.

 

"މީ ހާދަ މީރު ފުރައިޑް ރައިސްއެއް. އައިޝާ ވަރަށް މޮޅަށް ކައްކަންތަ؟" އަލީ ވާހަކަ ދައްކާގޮތުން ހީވާނީ ޒަމާންތަކެއްވީ ދެރަހްމަތްތެރިންހެންނެވެ.

" އެހާ މޮޅެއް ނުވާނެ."

"އަހަރެން ބޭނުމީ ވަރަށް މޮޅަށް ކައްކާ ކުއްޖެއް ގެއަށް ގެންދަން." އަލީގެ މަގުސަދު ހާސިލްކުރުމުގެ ގޮތުން ފުރަތަމަވެސް ވާހަކަ ދެއްކިއެވެ.

"އަދި މެރީއެއް ނުކުރައްވަންތޯ؟" ޖެހިލުންވެ ހުރެ ރުކާން އެހިއެވެ. ރުކާންވެސް ބޭނުންވަނީ އަލީއާއި ގާތްކަން ބާއްވާށެވެ. އެއީ އޭނާއަށް ވަރަށް މުހިންމު ކަމެކެވެ.

"އައިޝާ މެރީއެއް ނުކުރަންތަ؟" އަލީވެސް އަހާލިއެވެ.

"ނޫން ކުރިން. އެމީހާ އަހަރެން ބޭނުމެއް ނުކުރި. އަހަރެން ދިރި މިހުންނަނީވެސް އޭނާއަށްޓަކައި."

"ބޭނުން ނުކުރި މީހަކަށްޓަކައި ދިރިހުންނަނީ ކީއްވެ؟" އަލީ ހައިރާން ވިއެވެ.

"އެއީ… އެއީ… އަހަރެން ދިރި މިހުންނަނީ ދެމީހެއްގެ ކިބައިން ބަދަލު ހިފުމަށް. އެކަކީ އަހަރެންގެ ފިރިމީހާ. އަނެކަކީ އަހަރެންގެ ދިރިއުޅުން ކަފުންކުރި ނުބައި މުޑުދާރުމީހާ." ކުރީރޭ ނުބުނަން އުޅުނު ޖުމްލަ މިއަދު ރުކާންއަށް ބުނެވުނީ އޭނާ ބުނާހިތަކުން ނޫނެވެ. ނަމަވެސް އަލީއަށް އޭނާގެ ވާހަކަތައް ކިޔައިދެވެނީއެވެ. އެކަމާ އޭނާ ފަހުން ޖެހިލުންވިއެވެ.

"އެއީ ކިހިނެއްވީ ކަމެއް؟" ރުކާނާ މެދު އަލީގެ ޝައުގުވެރިކަން ވަނީ އިތުރެވެ.

"ދެން އަޅާނުލާ…. އަދިވެސް ޖަވާބެއް ނުދެއްވަމެއްނު. މެރީ ނުކުރައްވަން ތޯއޭ؟" ރުކާން  އަވަހަށް އޮޅުވާލިއެވެ. އިތުރަށް އޭގެ އެއްވެސް ވާހަކައެއް ނުބުނެވޭތޯ އޭނާ ބެލިއެވެ. އަލީއާއި މިގޮތަށް ވާހަކަ ދައްކަންވެއްޖެނަމަ ހުރިހާ ކަމެއް ފަޅާ އަރާފާނެ ކަމަށް އޭނާއަށް ގަބޫލު ކުރެވުނެވެ.

"ނޫން….. އެއީ ވަރަށް ލޯބި ކުއްޖެއް. އެކަމަކު." އޭނާގެ ލޯބިވާ އަންހެން ކުއްޖާ ނުލިބުމުން އޭނާ ދެރަވެއެވެ.

"ކިހިނެއްތޯވީ؟"

"ތަގުދީރު ދެމީހުން ދެތަން ކުރުވީ. ދެން އަޅާނުލާ." އަލީ ތަށި ބަހައްޓާފައި ސިޓިން ރޫމަށް ދިޔައެވެ. ރުކާނަށް މިކުރެވުނު ސުވާލުން އޭނާ ލަދުގަތެވެ. ރުކާން އޭނާގެ ފަހަތުން ދިޔައެވެ.

"މާފުކުރައްވާ."

"އައިޝާގެ ލިޔުންތައް ކޮބާ؟ އެމަސައްކަތް ނިންމަންވީނު." އަލީ ރުކާނާއި ކުރިމަތި ނުލާ ބުންޏެވެ. ރުކާނާއި ކުރިމަތިލާން ވަގުތުކޮޅަށް އޭނާ ޖެހިލުން ވިއެވެ. ރުކާނާއި މެދު އޭނާ ވިސްނާގޮތް ފަޅާއަރާ ފާނެތީއެވެ. އޭރުން ރުކާން އޭނާއާއި މެދުގައި ވިސްނާނެ ގޮތެއް ނޭނގޭތީއެވެ.

ރުކާން ފައިލްތައް ހިފައިގެން އައެވެ. ނުބަލާ އައި ރުކާން އަލީ ގައިގާ އަޅައިގަތެވެ. އަދި ދެމީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އޭރު އެދެ މެދަށްވަނީ އާދަޔާ ޚިލާފު ހިމޭންކަމެއް ފެތުރިފައެވެ. އައިޝާގެ ހިމޭން ހަރަކާތަށް އަލީ އެހެން ދިމާއަކަށް ނަޒަރު ދާގޮތެއް ނުވިއެވެ. އޭނާއަށް އެ ރީތި އައިޝާއަށް ބަލަން ހުރެވުނެވެ. އޭނާއަށް އެ އަންހެންކުއްޖާ ވަރަށް ރީއްޗެވެ. އެހާމެ ޝައުގުވެރިވާ އާދަތަކެއް ލިބިފައިވެއެވެ.

ރުކާނަށް އަލީގެ މި ތޫނު ނަޒަރުން  އިތުރަށް ހިމޭން ވެލެވުނެވެ. އަލީ ފެނުނީއްސުރެ އޭނާ ހިތުގައި އާދަޔާ ޚިލާފު ގޮތްތަކެއް ވާކަން ގަބޫލު ކުރެއެވެ. އެއީ ހަމަ އެބެލުމެވެ. ހަމަ އެތޫނު ނަޒަރެވެ. އެނަޒަރަކުން އޭނާ ލަދުގަންނަވާލާ އޭނާގެ ފިރިމީހާ މިއުވާންގެ ބެލުމެވެ. ނޫނެކެވެ. މިއުވާން ވަނީ އޭނާ ދޫކޮށްލާފައި ފިލާފައެވެ. މިއުވާން ދެން އޭނާގެ ހަޔާތަކަށް ނާންނާނެއެވެ. އޭނާ މިހާރު ވާނީ ރުކާނާއި ނުލާ މާ އުފާވެރި ދިރިއުޅުމެއްގައެވެ. ރުކާނަށް އިސްޖަހާލެވުނެވެ. އޭނާގެ ޚިޔާލުތައް އަލީއަށް ފާހަގަ ވެދާނެތީ އޭނާ ޖެހިލުން ވިއެވެ.

"އައިޝާ." ރުކާންގެ  އެ އިސްޖަހާލުމާއި ލަދުވެތިކަމުގެ ސަބަބުން އަލީއަށް ބޭ އިޚްތިޔާރުގައި ރުކާންގެ މޫނާއި ކައިރިއަށް ޖެހެވުނެވެ. ވާނުވާއެއް ބަޔާންކުރަން ނޭނގޭ  ރުކާން، އަލީގެ މިއަމަލުން އިންތިހާއަށް އަސަރުކުރިއެވެ. އޭނާ އަށް ލޯ މަރާލެވުނެވެ. އަލީ ރުކާންގެ މި އަމަލުން ކުރިއަށް ވުރެބޮޑަށް ރުކާނާއި ގާތްވެލެވުނެވެ. އޭނާގެ ކަނާއަތުން ރުކާންގެ ކޯތާފަތް މަތީގައި ހުރި އިސްތަށިތައް ރަނގަޅު ކޮށްލިއެވެ. ރުކާން ކުރިއަށްވުރެވެސް ބޮޑަށް އަލީއާއި ގާތް ވެލުމަށް އެދެވުނެވެ. މިއީ ދުވަހަކުވެސް އޭނާއަށް ކުރުވި އިހުސާސެއް ނޫނެވެ. ބޭ އިޚްތިޔާރުގައި އޭނާގެ މޫނު އަލީގެ މޫނާ ނުހަނު ކައިރި ކޮށްލެވުނެވެ.

"އައިޝާ."  އަލީގެ ކަނާތުން ރުކާންގެ ކަނދުރާގައި ފިރުމާލިއެވެ. އިސްތަށިގަނޑުން ނިވާވެފައިވާ ކަނދުރާގައިވާ ކުރަކި ލަކުނުގައި އަލީގެ އަތްޖެހުނެވެ. ފަރުވާތެރިކަމާއެކު އެލަކުނަށް އޭނާއަށް ބަލާލެވުނެވެ. އެވަގުތު އޭނާގެ އިސްތަށިގަނޑު ކަނދުރާ މަތިން އެއްފަރާތަކަށް ޖައްސާލިއެވެ. އަލީއަށް ރުކާންގެ ލަކުނު ފެނުމާއެކު ހައިރާންވެގެން ދިޔައެވެ. އެއީ ރުކާންއެވެ. ހަމަ އޭނާގެ ރުކާނެވެ. އޭނާ މިހުރިހާ ދުވަހު އެމީހަކަށްޓަކައި އިންތިޒާރު ކުރި އޭނާގެ އަންހެނުންނެވެ. ކުއްލިއަކަށް އޭނާއަށް ދުރަށް ޖެހެވުނެވެ.

"ސޮރީ." އަލީ މިއުވާން ބުނެލިއެވެ. އޭނާ ވަނީ ހާސްވެފައެވެ. އެއީ ރުކާނެވެ. އެ ދަންނަ ވައްތަރު ޖަހާ ކުއްޖަކީ އޭނާގެ ރުކާނެވެ. މާތްކަލާކޯއެވެ. އޭނާ މިހުރިހާ ދުވަހު ހޯދަމުން އައި އަންހެން ކުއްޖާ މިހުރީ އޭނާގެ ގާތުގައެވެ. އެލަކުނަކީ އޭނާ ސައުކަތުގެ އަނިޔާއިން ސަލާމަތް ކޮށްދީ ބޭސް އަޅައިދިން ލަކުނެވެ. މިއަށްވުރެ ބޮޑު އިތުރު ހެއްކެއް އޮންނާނެ ހެއްޔެވެ؟ އޭނާ ދުވެފައި ގޮސް ރުކާން އުރާލަން ހިތަށް އެރިއެވެ. މިހުރިހާ ދުވަހު ފިލައިގެން އުޅުނީ ކޮންތާކުތޯ އޮޅުން ފިލުވަން ބޭނުންވިއެވެ. އޭނާއަށް އިންތިޒާރު ނުކޮށް ފިލައިގެން އުޅުނީތީ ޝަކުވާކުރަން ބޭނުންވިއެވެ.

"އަހަރެން ދިރި މިހުންނަނީ ދެމީހެއްގެ ކިބައިން ބަދަލު ހިފުމަށް. އެއީ އަހަރެންގެ ފިރިމީހާ. އަނެކަކީ އަހަރެންގެ ދިރިއުޅުން ކަފުންކުރި ނުބައި މީހާ." ކުއްލިއަކަށް މިއުވާންގެ ކަންފަތުގައި ރުކާން  ބުނި ޖުމްލަ ގުގުމަން ފަށައިފިއެވެ. އޭނާ ހާސްވާން ފަށައިފިއެވެ. ރުކާނަށް އެއީ މިއުވާންކަން އެނގިއްޖެނަމަ ވާނެ ގޮތެއް ނޭނގޭތީ ހަމަޖެހިލެވޭތޯ ބެލިއެވެ. ޔަގީނުންވެސް ރުކާނަށް އެއީ މިއުވާންކަމެއް ނޭނގެއެވެ. އެނގޭނަމަ ރުކާން އޭނާއާއި ވާހަކަ ނުދެއްކީސް ކަން ޔަގީނެވެ.

"ފައިލު ކޮބާ؟" އެންމެފަހުން ހަމައަކަށް އެޅިލަމުން އޭނާ ބުންޏެވެ. ރުކާން ދިއްކޮށްލި ފައިލު އޭނާ ބަލާލިއެވެ. އެންމެ ފުރަތަމަވެސް އޭނާ ބެލީ ރުކާންގެ ނަމަށެވެ. ހުރިހާ ލިޔުމެއްގައިވެސް ވަނީ އައިޝަތު ރުކާނެވެ. ރ. މަޑުއްވަރީއެވެ. މިއުވާނަށް ކުރިންވެސް ރަސްމީ ލިޔުންތައް ބަލަން ހަނދާންވިނަމަތާއެވެ.

"އަހަރެން ތިކަންތައް ވަރަށް އަވަހަށް ހަމަޖައްސައި ދޭނަން." ވަރަށް ކުޑަ މުއްދަތެއްގައި ރުކާން ބޭނުންވި ގޮތަށް މިއުވާން ހުރިހާ ރަސްމީކަންތަކެއް ހަމަޖައްސައިދެވޭތޯ ބަލަން ބޭނުންވެއެވެ. އެއަށްފަހު ވަކީލު ފޮނުވާނަމޭ ބުނެ އޭނާ ދިޔައީ ރުކާންގެ ކުރިމަތީގައި ހުރުމުގެ ކުޅަދާނަކަން ނެތިގެންނެވެ.

 

މިއުވާން ދިޔައީ އޮފީހަކަށް ނޫނެވެ. އޭނާ ގެއަށް ވަދެވުމާއެކު ގަމީހުގެ  ގޮށް ދޫކޮށްލިއެވެ. ހަކަތަ ހުސްވެފައިވާ މިއުވާން ސޯފާއަށް ވެއްޓިގަތެވެ. ބަލާ މީހަކަށް އެއީ އެންމެންގެ އިހުތިރާމް ލިބިގެންވާ މުއްސަނދި މިއުވާން ކަމެއް ނޭނގޭނެއެވެ. އޭނާ ވަނީ ދާހިތްލާފައެވެ. ނިހާޔަތަށް ހާސްވެ ކަންބޮޑުވެފައެވެ. އޭނާ ދެއަތުން ބޮލުގައި ހިފާލިއެވެ.

ރުކާނަށް އޭނާގެ ހަގީގަތެއް ނޭނގޭނެއެވެ. އެއީ ކާކުކަމާއި ކޮން އާއިލާއެއްކަމާއި އަރުވާ ލެވުނީ ކީއްވެގެން ކަމެއް ނޭނގޭނެއެވެ. ރުކާން ހޯދަން ކުރި މަސައްކަތާއި ރުކާނާއި ނުލާ އޭނާ ދިރިއުޅުނީ ކޮންފަދަ ހިތްދަތިކަމާއި އެކީގައިކަމެއް އޭނާއަކަށް ނޭނގޭނެއެވެ. ނަމަވެސް އޭނާއަށް އެނގޭ ކަމަކީ ރުކާން އޭނާއަށް އިންތިހާއަށް ނަފުރަތު ކުރާކަމެވެ. އޭނާގެ ކިބައިން ބަދަލު ހިފަން ބޭނުން ވާކަމެވެ. އޭނާ ނިކަމެތި ކޮށްލެވުމުން ރުކާން އުފާވާނޭކަމެވެ.

 

ރުކާނަށް އަލީގެ އަމަލުތައް ހުރިގޮތުންނާއި އޭނާއަށް އުޅެވުނު ގޮތުން ވަނީ ލަދުގެންފައެވެ. އޭނާ އަލީދެކެ ލޯބިވާހެންވެސް ހީވެއެވެ. އެހެންނޫންނަމަ މިއަދު އޭނާގެ ނަފުސް އޭނާއަށް ކޮންޓްރޯލް ކުރެވުނީހެވެ. އަލީއާއި ދުރަށް ޖެހެވުނީހެވެ. ރުކާން އިތުރު މީހަކާ ގުޅޭކަށް މިހާރަކު ބޭނުމެއް ނުވެއެވެ. އޭނާގެ ފަރާތުން މީހަކަށް ދެވޭނެ އުފަލެއް ހިތްހަމަ ޖެހުމެއް މިހާރަކު ނެތެވެ. އެއީ ހަމައެކަނި ދިރިހުރި ނަފުސެކެވެ.

ރުކާން ބޭނުންވަނީ އަވަހަށް މިގެއިން ދިއުމަށެވެ. ޚާއްސަކޮށް ނަސީމާ ކަހަލަ އޯގާތެރިއެއްގެ ދަރިޔަކާ އޭނާ އަކަށް ނުގުޅެވޭނެއެވެ. އެހާބޮޑު އޮޅުވާލުމެއް މީހަކަށް ނުދެވޭނެއެވެ. އަނެއްކާ އޭނާގެ ސަބަބުން އެހެންބަޔަކަށް މިލިއަނުން ފައިދާވާނޭ ވިޔަފާރިއަކަށް ހުރަސް އެޅޭކަށް ބޭނުމެއް ނުވެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *