ވާހަކަ: ލީޝަން – 21

(7 ޑިސެމްބަރ 2022ގެ ނޫހާއި ގުޅޭ)

ޔައީން ކަނޑިތީމަށް ދިޔައީ ޒީނާ ރަހީމާއި ހަވާލުކޮށްފައި ކަމުން ޒީނާ އުޅެމުންދަނީ އެގޭގައެވެ. ޔައީން މިގޮތަށް ކަންތައްކުރީ އޭނާގެ ދެކޮއްކޮވެސް ޗުއްޓީގައި ރަށުގައި ވާތީއާއި ޒީނާ އެކަނި  އެގޭގައި ބެހެއްޓުމުން ކަމެއް ހިނގާފާނެ ކަމަށް ރައްކާތެރިވާންވެގެންނެވެ. ޒީނާ އެގޭގައި އުޅުނު ނަމަވެސް ރަހީމަކާއި ބައްދަލެއް ނުވެއެވެ. ރަހީމު މިގޮތަށް ނިންމީ ޒީނާއަކީ ޔައީންގެ މީހަކަށްވެފައި ޒީނާފެނުމުން އޭނާގެ ލޯބި ހާމަވާފަދަގޮތަކަށް ކަންތައް ބެހެއްޓިދާނެތީއެވެ. އެއްރެއަކު ރަހީމަށް ގެއަށް އާދެވުނުއިރު ޒީނާ އޮތީ ސިޓިންރޫމަށް ވެއްޓިފައެވެ. އޭނާ އަވަސް އަވަހަށް ޒީނާ ނަގާ ސޯފާމައްޗަށްލިއެވެ. އަދި މޫނުގައި ފެން އުނގުޅުމުން ޒީނާ ލޯހުޅުވާލިއެވެ.

"އަޅު…ގަނޑު" ތެދުވަމުން ޒީނާ ބުންޏެވެ

"ޒީނާ އަދި ނުތެދުވޭ…އޮވެލާ.. ހިނގާ ހޮސްޕިޓަލަށްދާން."

"ނޫން… އިރުކޮޅަކުން ރަނގަޅުވެދާނެ."

"މިހެން ވަރަށްގިނައިންވޭތަ؟"

ޒީނާ އަނގައިން ނުބުނުމުން އަނެއްކާވެސް ރަހީމް ވާހަކަދެއްކިއެވެ. ޒީނާގެ އިސްޖެހުން އެއީ އާނބަސްކަން އޭނާއަށް ގަބޫލު ކުރެވުމުންނެވެ.

"ހިނގާ ހޮސްޕިޓަލަށް ދާން."

"ހޮސްޕިޓަލަށް ދިޔަޔަސް މިބަލި ރަނގަޅެއް ނުވާނެ. ވިއްޔާވެސް އަޅުގަނޑު ވާނީ ބޭޒާރު." ޒީނާއަށް ރޮވުނީ ވާހަކަ ނުދެއްކިގެންނެވެ.

"ތިބުނީ…. ތިބުނީ ޒީނާ ތިއިނީ…." ރަހީމަށް ހީވާގޮތެއް ބުންޏެވެ.

"ލައްބަ…. އަޅުގަނޑު މިއިނީ ބަލިވެ…. ޑްރަގާއި ނުބައިކަމުން ފުރިގެންވާ ބިރުވެރި ހާދިސާގެ ސަބަބުން.." ޒީނާއަށް ރޮވެނީއެވެ.

"ޒީނާ ނުރޮއި."

"ނުރޮއި އިތުރުގޮތެއް އެބައޮތްތޯ. އަޅުގަނޑު ދެންދާނީ ކޮންތާކަށްތޯ. ޔައީން ގާތު ހުރެއްޖެނަމަ މީހުން ޔައީނަށް މަލާމަތްކުރާނެ. އަޅުގަނޑުމެންގެ މި ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް އެފަދަ އަޑެއް އަރާކަށް ބޭނުމެއްނޫން. ރަށަށް ހިނގައްޖެނަމަ ރަށުގެ މީހުންގެ މަލާމާތަށް އަޅުގަނޑު ކުރިމަތި ލާނީ ކިހިނެއް؟"

"ޔައީނަކީ ޒީނާގެ ބައިވެރިޔާއެއްނޫންތަ؟"

"މާތްކަލާނގެ ގަންދީބުނަން. ތިފަދަކަމެއް ހިތަށްވެސް އަރުވާކަށް ނުވާނެ. އެއީ މާލެ އައީއްސުރެންވެސް އަޅާލި އޯގާތެރި ރަހްމަތްތެރިއެއް."

"އެކަމަކު. އަހަރެން އަޑުއެހިން ޒީނާމެން ދެމީހުން ލޯބިވާވާހަކަ ބުނާއަޑު."

"އަޅުގަނޑުމެން އެކުގައި މަޖާކުރަން. ކިޔަވާހަދަން. ފިލާވަޅުތައް ހަދަން. އެކަހަލަވަގުތު މަޖާކޮށް ސަކަރާތްޖަހަން. އަދި މަޖާ ޑައިލޮގުކޮޅުވެސް ބޭނުންކުރަން. އެފަދަ ވާހަކައެއް އަޑު އިވިލައްވަފާނެ."

"ދެން ޒީނާ ގަސްދު ކުރަނީ ކިހިނެއް."

"އަޅުގަނޑު ރަށަށް ދާން ނިންމައިފިން."

"އެކަމަކު ރަށުގެ މީހުންގެ ފުރައްސާރަޔޯ."

"އަޅުގަނޑަށް މިނޫންގޮތެއް ނެތެއްނޫންތޯ." ޒީނާ އަށް އަދިވެސް ރޮވެނީއެވެ.

"ޒީނާ މިގޭގައި ހުންނަން ބޭނުން ނުވަނީތަ؟"

"އޭރުން މީހުން ކީކޭތޯ ކިޔާނީ. އަޅުގަނޑުގެ ސަބަބުން."

"ފަރުވާލެއްނެތް. ޒީނާއަށް ކޮންމެފަދަ އެހީއެއްދޭންވެސް އަހަރެން މިހިރީ ތައްޔާރަށް." އޭނާ ޒީނާގެ އަތުގައި ހިފާލިއެވެ.

"ނޫން. އަޅުގަނޑަށްޓަކައި ތިޔަފަދަ ކަމެއް ނުކުރައްވާ." ޒީނާ ރަހީމު ހުއްޓުވިއެވެ.

އޭނާ ނިކުންނަން ހިނގައިގަތެވެ. އަދި ގޯތިތެރެއާއި ހަމައަށް ދެވުމުން ހުއްޓެވުނީ މީހަކު ފަހަތުން އަންނާތީއެވެ.

"ޒީނާ ދެން އޮތީ އެންމެގޮތެއް. ތި ދަރިފުޅު ވައްޓާލާ. އެކަމަކު ކުށެއްނުކުރާ މައުސޫމު ކުއްޖަކަށް އެހެން ހަދައިފިނަމަ."

"އަޅުގަނޑަކަށްވެސް ތިކަމަކަށް އެއްބަހެއް ނުވެވޭނެ."

"ޗީ ޗީ. ބަލާބަލަ ހުރި ވިޔާނުދާކަން. އެންމެފަހުން ތި ހަޑިކަންތައްވެސް ކުރީދޯ." ގޯތިތެރެއަށް ވަދެގެން އައި ލީޝަންއަށް މިއިވުނު އަޑުން ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

"ބައްޕަ އޭ ބުނާތީވެސް ލަދުގަނޭ. އެކަމަކު އަހަރެންގެ އުޅުން ރަނގަޅުނުވެގެން އަބަދު އުޅޭނީ."

"ލީޝަން." ޒީނާ ފުރަތަމަ ފަހަރަށް ލީޝަން އާއިދިމާއަށް ހަޅޭއްލަވައިގަތެވެ.
"ކަލެއަށް މިހާރު މަށަށް ހަޅޭއްލެވުމުގެ ބާރުވެސް ލިބުނީދޯ! ތީ ގޮތެއްނެތް އަންހެނެއް. ކޮންމެ ފިރިހެނެއްގެ ފަހަތުންވެސް ދުވާ ރަންޑީއެއް. ތިއީ "ބަޑިއެއް"."

"ލީޝަން. ހުއްޓާލާ. ހަމަ މިހާރު މަގޭ ކުރިމަތިން ދުރަށްދޭ." ރަހީމު ބާރަށް ބުންޏެވެ.

ލީޝަން ދުވެފައި ދިޔައީ އިތުރު އެއްޗެއް ނުބުނަންވެގެންނެވެ. އޭނާ ވަނީ ޒީނާއާއި އޭނާގެ ބައްޕަގެ ގުޅުމާއިމެދު ކުރިއްސުރެވެސް ނަފްރަތު ވެފައެވެ. މަންމަ މަރުވުމުގެ އަސްލަކީވެސް ޒީނާއެވެ. މިއަދު އޭނާވަނީ އޭނާގެ ބައްޕަގެ ކުއްޖަކަށް ބަނޑު ބޮޑުވެފައެވެ. އޭރުން އޭނާ މިހާރަށްވުރެވެސް ބޮޑަށް އެކަނިވާނީއެވެ. ބައްޕަ ޒީނާ ދެކެ އޭނާއަށް ވުރެބޮޑަށް ލޯބި ވާނީއެވެ.  އޭނާ ކޮޓަރިއަށްވަދެ ރޯންފެށިއެވެ. ނުހަނު ދަތިހާލުގައި އުޅެފައި އޭނާ ގެއަށް އައިއިރު އޭނާ ހުރީ ބައްޕައަށް ކުރި ނަފުރަތު ކޮންމެވެސް ވަރަކަށް މައިތިރިވެފައެވެ. ކަނޑިތީމުގައި ދިމާވި އޮފީސް ބަންދުކުރުމުގެ ހާދިސާއިން ސަލާމަތް ކޮށްދިނުމަށްޓަކައި ޔައީން ފޮނުވީތީއެވެ. އެކަމުން އޭނާއަށް އިހުސާސް ކުރެވުނީ ބައްޕަ އޭނާއަށް އޯގާތެރިވާކަމެވެ. ނަމަވެސް ގެއަށްއައިއިރު އޭނާއަށް މިފެނުނީ މުޅިން އެހެން މަންޒަރެކެވެ. އޭނާ ކުއްލިއަކަށް ޔައީންގެ މަތީން ހަނދާންވިއެވެ. އެހެންކަމުން ޔައީނުގެ ފޯނާ ގުޅާލިއެވެ.

"ހަލޯ" ފޯނުން ވާހަކަދެއްކީ ރީމާއެވެ.

"ޔައީން ކޮބާ؟"

"ފާޚާނާގައި." ރީމާ ވާހަކަދެއްކީ ވަރަށް ހަމަޖެހިލައިގެންނެވެ.

"ރީމާ ތިހުރީ ޔައީންމެން ގޭގައިތަ؟"

"ޔައީން މިއަދު ރަށުން އައިމާ ހިތަށްއެރީ ވާހަކަދައްކާލަން އަންނާނީއްޔޭ." ޔައީނާ މަންމަ ހަވާލުކޮށްފައިހުރި ބޯކުރި ބަރަބޯދަޅެއް ބަލާއައިސް އިން ރީމާ ޔައީން އަންނަންދެން އިނެވެ.

" އޯކޭ، ދެންއެހެންވީއިރު ބާއްވަނީ އިނގޭ."  ލީޝަން ރުޅިއައީ ރީމާ ޔައީނާ މާގާތްވީމައެވެ. ކުރީގެ ބައިވެރިޔާ އެގެއަށް ދާންވެއްޖެނަމަ އެގުޅުން އިތުރުވާނެކަން އޭނާއަށް ޔަގީނެވެ. އޭނާ ބޯހާސްވާ ހިސާބަށް ހިނގައްޖެއެވެ. އޭނާ ނުހަނު ނަފުރަތުކުރި މަކުނުދޫ ކަޓު ސޮރު ހަނދާވާން ފެށުމުން އަމިއްލަ ނަފުސުދެކެ ފޫހިވެސް ވާންފެށިއެވެ. ނިދަން އުޅެއުޅެވެސް ނުނިދުމުން އޭނާ ނިކުތީ ބޭރަށެވެ. ޒިޔާން ގާތަށް ދާށެވެ. ޒިޔާނާ ބައްދަލު ނުވާތާވެސް ދުވަސްކޮޅެއްވެއްޖެއެވެ. ޒިޔާނުވެސް ގުޅާނީ ލީޝަން ގުޅަންޏާއެވެ. ލީޝަން ދިޔައިރު ޒިޔާނުމެން އުޅެނީ އޭނާގެ ބައްޕަގެ ރިސޯޓަށް ދާންވެގެންނެވެ. ލީޝަންއަށް މިލިބުނު ދައުވަތު ގަބޫލުކޮށް އޭނާ ރިސޯޓަށް ދިޔައެވެ. އޭނާ އޮފީހާގުޅާ ލާރި ނުލިބޭގޮތަށް ކުރު ޗުއްޓީއެއްނެގިއެވެ. ރަހީމަށް މިޚަބަރު ދިނީ ޔައީނެވެ.

ރިސޯޓުގައި އޭނާއަށް ނުހަނު މަޖާވިއެވެ. މާލެއިން ބޯން ނުލިބޭ އެތައް އެއްޗެއް ބޯންލިބުނެވެ. ހެދުން އެޅުމުގައި ކޮންމެހެން ވިސްނާކަށް ނުޖެހެއެވެ. ދުވާލު ރަހުމަތް ތެރިންނާއެކު މޫދަށް އެރިލާ ފިލްމު ބަލާލާ ހެދުމުން އޭނާގެ ވިސްނުން ދުރުކޮށްދެއެވެ. ރޭގަނޑުވުމުން ޑީޖޭތަކަށްގޮސް ނަށާލުމުން ހުންނަނީ ވަރަށް ފަސޭހައިން ނިދޭގޮތްވެފައެވެ. އޭނާ މިގޮތުގައި އެއްވެސް ޚިޔާލެއްނެތި އުޅެމުންދެއެވެ.

ޒީނާ ޔައީންގެއަށް ދިޔައިރުވެސް ހުރީ ހަދާނެ ގޮތް ނޭނގިފައެވެ. އޭނާ ރަހީމް ދެކެ ލޯބިވެއެވެ. ރަހީމް ފެނުމުން ހިތްހަމަޖެހެއެވެ. ނަމަވެސް ރަހީމް އޭނާދެކެ ލޯބިވާކަން ޔަގީންކުރަން ދަތިވެއެވެ. ރަހީމު އޭނާއަށް ރަހުމްކުރީއެވެ. ދުނިޔޭގެ ލަދުން ސަލާމަތް ކޮށްދިނީއެވެ. ރަހީމަކީ އެފަދަ އޯގާތެރިއެއްކަން އޭނާ ގަބޫލުކުރެއެވެ. އެހެންނޫންނަމަ ޒީލަގަދަ އަނތްބެއްގެ ދަށުވެގެން އޭނާއެއް ނުހުރީހެވެ. ކިޔަމަންނުވާ ދަރިއަކަށްޓަކައި ދިރިއުޅުން ހިތާމައަކަށް ދޫކޮށެއް ނުލީހެވެ. އެ ދަރިފުޅަކީ އޭނާގެ ކުރިމަތީގައި ހުތުރު އެއްޗިހި ކިޔާ މަލާމާތް ކުރާ ދަރިއެކެވެ. އަމިއްލަ އެދުމާއި ޒަމާނީ ނާތަހުޒީބުގައި ޖެހިފައިވާ އަދަބެއް ސަދަބެއްނެތް ކުއްޖެކެވެ.

"ތިރޮނީ ކީއްވެ؟"

"އަހަންނަކަށް ނޭނގެ. ހަދާނެ ގޮތެއްވެސް ނޭނގެ."

"ކިހިނެއްވީތަ ޒީނާ. އަހަރެމެންގެ ރަހުމަތްތެރި ކަމަށްޓަކައިވެސް ބުނެބަލަ."

"އައިމް ޕްރެގްނެންޓް"

"އެއީ….. އެއީ…. ކުރީދުވަހުގެ ހާދިސާގެ ސަބަބުންތަ؟ އަހަންނަށް ޔަގީން އެނޫން ދެވަނަކަމެއްނޫން."

"އާން… އެކަމަކު މީހުން ކިޔާނީ ކީކޭ… އަހަރެންމީ …."

"މީހުންގެ ދުލަކު ނުހިފެއްޓޭނެ."

"އެހެންނަމަވެސް ދުނިޔޭގެ ލަދަކީ ވޭންހުރިކަމެއް. ޚާއްސަކޮށް ކުށެއް ނުކުރާމީހަކަށް. އެދުވަހު އެލިބުނު ބިރުވެރިކަމަށްވުރެ ކުރިޔަށް އޮތް ބިރުވެރިކަން މާބޮޑު. އެދުވަހު ހަށިގަނޑުގައި އެޅި ވޭނަށްވުރެ މިއަދު ހިތުގައި އަޅާވޭން މާގަދަ. މާތް ކަލާކޯ. މިއަޅާއަށް މިފަދަ ހިތްދަތިކަމެއް ތި ދެއްވަނީ މިއަޅާ ކުޅަ ކޮންކުށެއްގެ ސަޒާއަކަށްތޯ." އޭނާ ރޮމުން ހުރިތަނަށް ތިރިވިއެވެ

"ޒީނާ….. ދެންއޮތީ އެންމެ ގޮތެއް. އެއީ… އެބޯޓްކޮށްލުން… އެހެންނޫނީ މީހުންނަށް އެނގެންވާއިރަށް ކައިވެންޏެއްކުރުން."

"އެކަމަކު އަހަންނާއި ކައިވެނި ކުރާނީ ކާކު. އަހަރެންގެ ބޯއީފުރެންޑެއްވެސް ނެތް. ޔައީން ބުނެބަލަ. އަހަރެންނަށް މިހެން ދިމާވަނީ ކީއްވެ؟ ދުނިޔެއަށް އުފަންވީއިރު ބައްޕައެއްނެތް. ނުހަނު ކުޑައިރު މަންމަ ނިޔާވެއްޖެ. ބަލާ ބޮޑުކުރި މާމަގެ ފުށުން ލިބުނީ އަނިޔާ. ރަށު މީހުންގެ ފަރާތުން ލިބުނީ އަޅާނުލުމާއި އެކަހެރިކުރުމާއި މަލާމާތް. މިއަދު…"

"ޒީނާ ދެން ނުރޮއި. އަހަރެންގެ މީހަކަށް ޒީނާ ހަދައިދޭނަން. އަހަރެންނާއި ކައިވެނި ކުރަން އެއްބަސްވޭ.

"އެކަމަކު ޔައީނަށް ބޮޑު އުނދަގުލެއް ދޭނީ ކިހިނެއް؟"

"ދަރިފުޅު ދުނިޔެއަށް އައުމުން ޒީނާ ބޭނުންނަމަ މިނިވަން ކޮށްދޭނަން."

"އަހަރެން މިހާރު ގަސްދު ކުރަނީ ރަށަށްގޮސް ސްކޫލުގެ ވަޒީފާއަކަށް ވަންނަން."

"ބޮޑާ ނުހާކާ އަހަރެންނާއި އެއްބަސްވޭ. އިތުރުގޮތެއް ވިސްނާނީ ތިދަރިފުޅު ދުނިޔެއަށް އައުމުން." ޔައީންގެ އާދޭހާއިއެކު އޭނާ އެކަމަށް އެއްބަސްވިއެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ ރަހީމެވެ. ކެތްތެރިކަމެއްނެތި އެދެވެނީ ރަހީމަށެވެ.

ޔައީނަށް އޮފީހުގެ މަސައްކަތާހެދި ރަހީމަށް އެމީހުންގެ މަޖުބޫރު ކައިވެނީގެ ޚަބަރު އަންގާ ލެވޭވަރުވީ ކައިވެންޏަށް ދެދުވަހަށް ވެފައި ވަނިކޮންނެވެ. ރަހީމު އޮފީހުގެ މައްސަލައެއް ކޯޓްގައިވާތީ އެކަމަށް ޚިޔާލެއްބޭނުންވެގެން ޔައީންގެ މަޝްވަރާއަކަށް ފޯން ކޮށްލުމުންނެވެ. ޔައީންގެ ވާހަކައިން ޒީނާ ބަނޑު ބޮޑުވިކަމާއި އެކަމަށްޓަކައި ޒީނާއަށް ކޮށްދެވޭ ހެޔޮކަމެއްގެ ގޮތުން ކައިވެނި ކުރަން ނިންމިކަމެވެ.

ރަހީމަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އޭނާވެސް ޒީނާ ބޭނުންނަމަ ޒީނާބޭނުން ގޮތަކަށް ކަންތައް ކޮށްދެން ހުރިވާހަކަ ބުންޏެވެ. ނަމަވެސް ޒީނާ އޭނާއާއި ގަބޫލު ނުވީތާއެވެ. ޒީނާ އޭނާއާއި ކައިވެނި ކުރަން ގަބޫލު ވާނީ ކިހިނެއްހެއްޔެވެ؟ ޔައީނަކީ އޭނާއަށް ވުރެ މާ ޒުވާން ހަރުދަނާ ފިރިހެނެކެވެ. މާ އޯގާތެރި ރީތި ބައިވެރިއެކެވެ. މިފަދަ ތަފާތު ޚިޔާލުތަކުގެ ސަބަބުން ރަހީމް ހީވަނީ މޮޔައެއްހެންނެވެ. އޮފީހަށް ނުދާތާވެސް ދެދުވަސް ވެއްޖެއެވެ. ކާހިތެއްނުވެއެވެ. ފެންވަރާ ހިތެއްނުވެއެވެ. އޭނާ އެންމެފަހުން ނިންމީ އިންޑިޔާއަށް ދިޔުމަށެވެ. ހަފްތާއެއް ކޮށްލާފައި އަންނައިރު ޒީނާ ހުންނާނީ ކައިވެނި ކޮށްފައެވެ. ދެން އޭނާގެ ވިޔަފާރިއާއި ގެ ލީޝަންގެނަމަށް ބަދަލުކޮށް ރާއްޖެ ދޫކޮށް ދާނީއެވެ. ކޮންމެ ގޮތެއް ހެދިޔަސް ލީޝަންއެއް ދެން ރަގަޅެއް ނުވާނެއެވެ. އަދި ޒީނާއެއްވެސް އޭނާގެ މީހަކަށް ނުވާނެއެވެ.

ކައިވެނި ކުރާ  ވަގުތު ކައިރިވަނީއެވެ. މާގިނަ މީހުންތަކަކަށް ނޭންގި ނަމަވެސް ޔައީންގެ ގޭމީހުންގެ ދެމީހުން އައިސް ތިއްބެވެ. މިއަދަށް އިރުއެރީއްސުރެވެސް ޒީނާއަށް ހުންނަނީ އުނދަގޫތަކެއްވެފައެވެ. އޭނާ މިކައިވެންޏާއި ހެދި ހިތްހަމައެއް ނުޖެހެއެވެ. އޭނާއަށް ޚިޔާލުކުރެވެނީ އެހެން މީހަކާ މެދުގައެވެ. ދެލޯ ނޭދި އެކިދިމަދިމާ ހޯދެވެނީ އެހެންމީހެއް ދުށުމަށެވެ. މިކަމުގެ ސަބަބުން އޭނާއަށް އުޅެން އުނދަގޫވާ ހިސާބަށް ހިނގައްޖެއެވެ. ދެތިންފަހަރަކު ރަހީމުގެ ޚަބަރެއްވޭތޯ ދޮރާށި ދޮށަށް އާދެވެއެވެ. ފޯނެއްކޮށްފައި އޮވޭތޯ ފޯނު ބަލާލެވެއެވެ. ނަމަވެސް މީގެ އެއްވެސް ނިޝާނެއް ނެތުމުން އޭނާ މާޔޫސްވެއެވެ. ބައެއްފަހަރު އޭނާގެ މޮޔަކާއި ހެދިވެސް އޭނާ ފޫހިވެއެވެ. މިހުރިހާ ވިސްނުމާއި ޚިޔާލުތައް ރަހީމާއި ގުޅިފައިވީއިރުވެސް ރަހީމުގެ ޚަބަރެއް ނުވުމުންނެވެ. ރަހީމު އޭނާއާމެދު ނުވިސްނާނެކަން އޭނާއަށް ޔަގީންވެސް ކުރެވެއެވެ. އެކަމަކު ބައެއްފަހަރު އެއީ ކުށްހީއެކޭވެސް ހީކުރެވެއެވެ.  އެންމެ ފަހުން އޭނާ ޓެކްސީއަކަށް ފޯނުކުރިއެވެ. އަދި ޓެކްސީއަށް އެރިއެވެ. އޭނާއަށް މިއަމަލު ކުރެވުނު ގޮތާމެދު ހައިރާންވެސް ވެއްޖެއެވެ. އަދި ކާރަށް އެރުނު މޮޔަވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ އަމަލު ކުރަމުން ދިޔައީ އޭނާގެ ހިތް އެދި ގޮވާގޮތަށެވެ. އަދި ބާރު ދުވެއްޔެއްގައި ގޮސް ރަހީމުގެ ގޯތި ތެރެއަށް ވަދެއްޖެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *