(14 ޑިސެމްބަރ 2022ގެ ނޫހާއި ގުޅޭ)
މުޅި ގޯތިތެރެއަށް ވެރިވެފައިވަނީ މަރުގެ ހަމަހިމޭންކަމެވެ. ކުރިން އަބަދުވެސް މުއްސަނދިކަމާއި އާރޯކަމާއި އުފާވެރިކަން ފެތުރިފައިވާ މިގޭގައި ރަސްކަން ކުރަމުން ދަނީ އާދަޔާ ޚިލާފު ފަޅުކަމެކެވެ. ޒީނާ މަޑު ހިނގުމެއްގައިގޮސް ސިޓިންރޫމަށް ވަނެވެ. އޭރު ސޯފާގައި އޮށޯވެލައިގެން ރަހީމު އޮތެވެ. އޭނާ ދުވަހަކުވެސް ރަހީމް ސޯފާގައި އޮށޯވެ އޮތްތަނެއް ނުދެކެއެވެ. ރަހީމަށް ޒީނާ ފެނުނީ ކުއްލިއަކަށެވެ. ހަމައެވަގުތު އޭނާ ތެދުވިއެވެ. އޭނާގެ ބޯވަނީ ހޭވިފައެވެ. ދެލޯވަނީ ވަޅުވަދެފައެވެ. މޫނު މަތީގައި ތާޒާކަމެއްނެތެވެ. ލައިގެން ހުރި ހެދުމުގައި ވަނީ ރޫޖެހި ބޮނޑިވެފައެވެ.
"ޒީނާ…. ކިހިނެއްވީ." ހައިރާންވެ ވަރުބަލިވެފައިވާ އަޑަކުން އޭނާ އެހިއެވެ.
"އަޅުގަނޑު މިރޭ މިއުޅެނީ ކައިވެނިކުރަން." ކުއްލިއަކަށް އޭނާއަށް ބުނެވުނެވެ.
"މިހާރު ބުނަންތިޔައީ ކީއްވެ؟" ފިނިގޮތަކަށް ރަހީމް ޖަވާބު ދިނެވެ.
"މިހާ ބޮޑުކަމެއް ކުރާތީވެ އަންގާނުލެވި އޮތީމާ."
"މީގެ އެއްދުވަސް ކުރިން ޔައީން ތިވާހަކަބުނި." އެއަޑުގައި ކުރިން ހުންނަ އޯގާތެރިކަމެއްނެތެވެ.
"އަޅުގަނޑަށް މާފުކުރައްވާ."
"ކޮންކަމަކަށް."
"މިހާލަހުން ބުނެވުނީމާ."
"އެއީ އެވަރުކަމެއްނޫން. އެކަހަލަ ބޮޑެތިކަންތައް އެންގޭނީ އެމީހަކަށް ޚާއްޞަ މީހުންނަށް. ފަހަރެއްގައި ޒީނާއަށް އަހަރެންނަކީ އެހާ ޚާއްޞަ މީހަކަށް ނުވެހިނގައިދާނެ. އެކަމަކުވެސް އެހާލަހުންނަމަވެސް ތިޔަ ޚަބަރު ލިބުނީތީ ޝުކުރިއްޔާ. ކިތަންމެ ލަހުންނަމަވެސް އަންގާލަ ދިނުމުގެ މާނައަކީ އަދިވެސް ޒީނާގެ ކޮންމެވެސް ވަރެއްގެ ގާތްމީހަކަށް އަހަރެން ވެއްޖެއޭ."
"އެހެން ހީނުކުރައްވާ."
"އެކަމަކު މިހާލަހުން ބުނަން ތިއައީ ކީއްވެ؟ މިހާރު އެހަރަ ހަތެއްޖަހަނީ. އެއީ އަށެއްޖަހާއިރު ކުރާ ކައިވެންޏެއްނޫންތަ."
"ނޭނގެ. އަޅުގަނޑަކަށް ނޭނގެ. އަންގާނުލެވި އޮތީމަ ހަމަ އަންގާލާ ހިތްވީ."
"ހަމަ އަންގާލާ ހިތްވީތަ. ޒީނާ ތެދަށް ބުނެބަލަ. ޔައީނާއި ކައިވެނި ތިކުރަނީ އުފަލުންތަ؟"
"އެވެސް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަށް އެނގޭހާވެސް އެއްޗަކީ މިހާރު މީހެއްގެ އަނތްބަކަށް ވާންބޭނުންކަން. ދަރިފުޅަށް ބައްޕައެއް ބޭނުންކަން. އޭނާ އަޅުގަނޑަށް އެހީތެރިވެދިނީ. އެހެންވީމާ ހިތްހަމަޖެހޭ."
" ޒީނާ ހެޔޮނުވާނެ. މިހާލަހުން އަންގަން ތިއައީ ކީއްވެ؟"
"މި ނަންގަތީ ނޫންތޯ އަންގާ ނުލެވި އޮތީމަ އައީއޭ."
"ހަމައެކަނި އަންގާނުލެވި އޮތީމަތަ؟ ފޯނުންވެސް އަންގާލެވިދާނެއެއްނު. މިހާރު މާލަސްވެއްޖެ ނޫންތަ؟"
"ނޭނގެ. އަޅުގަނޑަށް ވާގޮތެއްނޭނގެ. ހިތްހަމައެއްނުޖެހޭ. ފާޑަކަށް ދެރަވެފައި އުނދަގޫތަކެއްވަނީ. އަޅުގަނޑަށް ނުނިދޭތާ ދެދުވަސްވެއްޖެ."
"އެއީ އަންގާ ނުލެވި އޮތީމަތަ؟" ރަހީމު ޒީނާ ގާތަށް އައެވެ.
"ނޭނގެ. ތިހާގިނަ ސުވާލު ތިކުރައްވަނީ ކީއްވެތޯ؟ އަޅުގަނޑު ދެންދަނީ؟"
"އިހަށް މަޑުކޮށްލަބަލަ. އެންމެ ސުވާލެއް؟ ތިކައިވެނީގެ ސަބަބުން ޒީނާ އުފާވޭތަ؟"
"ލައްބަ."
"އަހަރެންގެ މޫނަށް ބަލާފަ ބުނެދީބަލަ. ތިއީ ހިތުން ރުހުމުން ކުރާ ކައިވެންޏެއްތަ؟"
"ކީކޭތޯ ނަންގަންނަންވީ."
"މާތްކަލާނގެ ރަސްކަންފުޅަށްޓަކައި ތެދަށްބުނެބަލަ. ތިއީ ޒީނާބޭނުން ވާކައިވެންޏެއްތަ؟" އޭނާ ޒީނާގެ ލޮލަށް ބެއްލެވިއެވެ. އޭނާގެ ނޭވާގެ ހޫނުކަން ޒީނާއަށް އިހުސާސް ކުރެވެއެވެ. މިއީ ޒީނާއަށް މުޅިން ތަފާތު އިހުސާސެއް ގެނެސްދޭކަމެކެވެ. އެނޭވާއިން ދުރަށް ނުޖެހޭ އަޖައިބެއްކަހަލަ އިހުސާސެކެވެ.
"ތިހެން އައްސަވަނީ ކީއްވެތޯ. އަޅުގަނޑަކަށްނޭނގެ. އަޅުގަނޑުގާތު ނާއްސަވާ." ޒީނާއަށް ކަޅިޖަހާނުލާ ރަހީމުގެ ރީތި ލޮލަށް ބެލެނީއެވެ. އެއީ ޖަޒުބާތުން ފުރިގެންވާލޮލެކެވެ.
"ހެޔޮނުވާނެ ޒީނާ. ޒީނާއަށް އެނގެނީ ކޮންއެއްޗެއް؟"
"އަޅުގަނޑު ވިސްނާގޮތަކާއި ހިތް އެއްބަހެއްނުވޭ. ހިތްއެދި ގޮވަނީ ލޯތްބަށް. އެ ލޯބިވެރިޔާގެ ރައްކާތެރިކަމަށް. އަޅުގަނޑަކަށް ބުނާކަށް ނޭނގޭ. އެއީ ހިތްދަތިކަމެއް. ކެތްކުރަން އުނދަގޫކަމެއް. ދެން އަޅުގަނޑުގާތު ނާއްސަވާ." ޒީނާއަށް ބޭއިޚްތިޔާރުގައި ރަހީމުގައިގައި ލައްވެލެވުނެވެ.
"ހިތް އެދިގޮވަނީ ޔައީނަށްތަ؟ އެހެންވީއިރު ހިތްދަތިވަނީ ކީއްވެ؟ ވިސްނަންވީ ކޮންކަމަކާ؟ އޭނާ ޒީނާގެ ނިތްކުރިއަށް ދޮނެއްދިނެވެ. އަދި މޫނުމައްޗަށް ވެއްޓިފައިއޮތް އިސްތަށިކޮޅުނަގާ ޒީނާ ދުރަށް ޖައްސާލިއެވެ.
"އަޅުގަނޑަށް މާފުކުރައްވާ."
"ޒީނާ މާފަށް އެދެންވީކީއްވެ؟ ޒީނާއަކަށް އަދި ކުށެއް ނުކުރެވެއެއްނު."
"މާތްކަލާކޯ؟ ތިއީ ކޮންފަދަ އަޖައިބު ކުރުވަނި ބަހުރުވައެއް. އަޅުގަނޑަކަށް އެކައްޗެއްވެސް ދޭހައެއްނުވޭ."
"އަހަންނަކަށްވެސް ނޭނގެ. ދެންއެންމެ ރަނގަޅުވާނީ ގަޑި ނުޖެހެނީސް ދިޔައިއްޔާ." އޭނާ ސޯފާގައި އިށީނެވެ.
"އަޅުގަނޑާއެކު ނުދުރުވާނަންތޯ؟"
"ދާންވީ ވީރާނާވާންތަ؟ ނޫނީ ބޭޒާރުވާންތަ؟ މިހާރު ވަގުތު ފާއިތެއްނުވޭތަ؟"
"މިރޭ ތިޔަ ވާހަކަދައްކަވަނީ ކިހިނެއްތޯ. އަޅުގަނޑަކަށް އެކައްޗެއްވެސް ހަމަނޭނގޭ." އޭނާ ރަހީމުގެ ފައިމަތީ އަތްބާއްވާލާ ތިރީގައި އިށީނެވެ.
"ތި ގޮތަށް ނުއިނދޭ. މިހާލަތުގައި ތިގޮތަށް އިންނަންވެއްޖެނަމަ ގެއްލުމެއްވެދާނެ. އެކަމަކު ޒީނާއަށް ނުހަނު އަޅާލާ ފަރާތެއްވޭދޯ……… އަހަރެންނަށް މިހެން މިބުނެވުނީ ކީއްވެ؟" ޒީނާ ކޮނޑުގައި ހިފާ ކޮޅަށްނެގިއެވެ.
"ހެޔޮނުވާނެ. އަޅުގަނޑަށް އެނގޭގޮތަށް ވާހަކަދައްކަވާ. ހީވަނީ ފާޑަކަށް މޮޔަގޮވާހެން. މިއީ ކަރުނަތަ؟ ކީއްވެ ރޮވެނީ." ޒީނާ ކަރުނަ ފޮހެލަދިނެވެ.
"އާން. އަހަންނަށް ހީވަނީ އަހަރެން މޮޔަވެއްޖެހެން. މިހާ ލޯބި ކުއްޖެއް ފެނުމުން މޮޔަނުވާނީކާކު؟ ޒީނާއަށް އަހަރެން ކަމުނުދަނީ ކީއްވެ؟ އަހަރެންގެ ލޯބި ގަބޫލު ނުކުރެވެނީ ކީއްވެ؟ މިހުރިހާދުވަހު އަހަރެން މިވީ ލޯބި އިހުސާސް ނުކުރެވެނީ ކީއްވެ؟"
"އަޅުގަނޑަށް އެނގެނީ އަޅުގަނޑުގެ ހާލަތު. ކިތަންމެ ދުވަހެއްކުރިން ކަލާއަށްޓަކައި ކުރެވޭ ތަޢުރީފް."
"ޒީނާ އަހަރެންދެކެ ލޯބިވޭތަ؟ ދެން ނުބުނީ ކީއްވެ؟ މިވީ ހުރިހާ ދުވަހު އަހަރެންނަށް މިއިހުސާސްތައް ވަނީ ބޮޑު ވޭނަކަށްވެފައި."
ރަހީމް ޒީނާގެ ހަށިގަނޑު އޭނާގެ ދެއަތުން ވަށާލިއެވެ. އަދި ގަޔާ ކައިރިކޮށްލިއެވެ.
"އަށެއްޖެހުމުގެ ކުރިން އަހަރެން ޒީނާ ދިޔަޔަކަ ނުދޭނަން. އެހެންމީހެއްގެ އަނތްބަކަށް މި ލޯބި ކުއްޖާ ވާތަން ދެކޭކަށް އަހަރެންނަކަށް ކެތެއްނުކުރެވޭނެ." ރަހީމު ޒީނާ ގަޔާދުރުކޮށްލަމުން ބުންޏެވެ.
އަށްގަޑި ބައިވީފަހުން ޒީނާ ގެއަށް ދިޔައިރު ޔައީން ހުރީ އޭނާގެ އިންތިޒާރުގައެވެ. ޒީނާއަށް ވީގޮތެއްނޭނގި ޚަބަރެއް ނުވުމުން ކަންބޮޑުވެފައެވެ. ކައިވެނި ކޮށްދިނުމަށްޓަކައި އައި މީހުން ޒީނާ އަންނާނެ ކަމަށް ފަނަރަމިނިޓް ބެލުމަށްފަހު ނައުމުން ދިޔައީއެވެ.
"ޒީނާ… އަންގާވެސް ނުލާ ދިޔައީ ކޮންތާކަށް."
"މި އައީ ލީޝަންގެ ބައްޕައަށް އަންގާފައި ކައިވެނި ކުރާވާހަކަ."
"އަހަރެން އެވާހަކަ ނަންގަތިން. އެކަމަކު ޒީނާ ގަޑިއަށް އަންނަން ވާނެއެއްނު. ގާޒީމެންވެސް ޒީނާއަށް އިންތިޒާރުކޮށްފައި ނައިމާ މިހާރު ދުރުވެއްޖެ."
"އަލްހަމްދުލިﷲ. ތިވީ ރަނގަޅަށް."
"އެއީ ކީއްވެ؟ ޒީނާ ތިހާ ކުރަންބޭނުން ނޫންނަމަ އަހަރެންވެސް މިހާގަދައެއް ނޭޅީމުސް."
"އެހެންވީއެއްނޫން. އަހަރެން މިވީ ހުރިހާދުވަހު އެދި އެދި ހުރި ލޯބިވެރިޔާ އަހަރެންގެ ކައިވެންޏަށް އެދެފި. އެއީ އޯގާތެރިއެއް. ހަރުދަނާ ބައިވެރިއެއް."
"ޒީނާ މިހުރިހާ ދުވަހު ސިއްރުކޮށްގެން ހުރި މީހަކީ ކާކުތަ؟"
"އަހަރެން ބައްދަލު ކުރަން މިދިޔަ މީހާ."
"ކާކު… ރަހީމުތަ؟"
"ތިބުނީ ރަނގަޅަށް"
"އެކަމަކު އޭނާއަކީ ލީޝަންގެ ބައްޕައެއްނު. ޒީނާވާނީ ލީޝަންގެ ދޮންމަންމައަކަށްނު. އަދި އެއީ ޒީނާއާ ބަލާފައި ވަރަށް ދުވަސްވީމީހެއްނު."
"މައްސަލައަކީ ކޮބާ؟ އޭނާވެސް އަހަރެންވެސް އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވޭ."
"ރަހީމް ނިޔާވުމުން ޒީނާ ކިހާ އެކަނިވާނެ."
"ޔައީން ކިޔެވީ ހަމައެކަނި ވިޔަފާރިދޯ. އެހެންވީމާ ނޭނގުނީ ކަމަށްވެދާނެ. އަހަރެމެންގެ ތެރެއިން ކިތައް ކުޑަކުދިން މަރުވެއްޖެތަ؟ ކިތައް ޒުވާނުން މަރުވެއްޖެތަ؟ މަރުއެއީ ކޮންމެ ވަގުތަކުވެސް އަތުވެދާނެ ކަމެއް. ކުރިން މަރުވާނީ އަހަރެންކަމެއް ނޫނީ ޔައީންކަމެއް ނޫނީ އޭނާ ކަމެއް އެނގެނީ ކާކަށް."
"ސޮރީ. ޒީނާ އުފާވާ ކޮންމެކަމަކާ އަހަރެން އުފާވާނެ."
"ޝުކުރިއްޔާ. އެކަމަކު ކުރިން މަރުވާ މީހަކު ވަޅުލާ ތަނަށް މަރުނުވާ މީހާދާންވާނެ." އެހާދިސާ ގެފަހުން ޒީނާ ފުރަތަމަ ފަހަރަށް ހިނިތުންވެލިއެވެ.
ރަހީމާއި ޒީނާގެ ކައިވެނި ކުރެވިއްޖެއެވެ. ޒީނާ ޔައީނުގެ އެހީތެރިކަމާއި ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކުރުމަށްފަހު ރަހީމުގެ ގެއަށް ބަދަލު ވިއެވެ. ނަމަވެސް ލީޝަންގެ ސަބަބުން ލިބެމުންދާ އުނދަގުލަށް ކެތްތެރިވިއެވެ. ރަހީމާއެކު ދިރިއުޅުމުގެ ދަތުރާއިގެން ކުރިއަށްދިޔުމަށް އަޒުމްކަނޑައެޅީ ދުނިޔޭގެ ހުރިހާ އުފަލަކާއި އެކުއެވެ. ޒީނާ އިނީ ރަހީމްގެ ކޮޓަރީގައެވެ. ކުރިންވެސް ސާފުކުރުންފަދަ އެކި ކަންކަމުގައި އެކޮޓަރިއަށްވަންނަ ޒީނާއަށް އެކޮޓަރީގެ ފުރިހަމަކަން ފާހަގަ ކުރެވެނީ އަދި މިރެއެވެ. އަގުބޮޑު ފަރުނީޗަރާއި ފާރުގައި ލާފައިވާ ކުލަތައްވެސް ހުރީ މުޅިންބަދަލު ކޮށްފައެވެ. ކޮޓަރީގައި ހުރި އާދަޔާ ޚިލާފު ރީތި ފަނޑު އަލިކަމަކީ މީހަކަ މޮޔަކޮށްލާފަދަ ފުރިހަމަ ކަމެކެވެ.
ރަހީމުގެ އިންތިޒާރުގައި އިން ޒީނާ ކަންބޮޑުވަމުން ދިޔައީ ރަހީމް ނާންނާތީއެވެ. އޭނާ ތެދުވެގެން ދޮރު ހުޅުވާލިއެވެ. އޭރު ރަހީމު އަންނަނީއެވެ. އޭނާއަށް ރަހީމް ފެންނަނީ ނުހަނު ޒުވާންކަމާއި ރީތިކޮންނެވެ. ނިދާ ހެދުމުގައި މަޑުމަޑު ހިނގުމެއްގައި އަންނަމުން ދިޔަ ރަހީމުގެ ބޮލުން ދެންމެ ފެންވެރިކަމުގެ ނިޝާން ފާހަގަވެއެވެ. މިއީ ރަހީމުގެ ފުށުން ޒީނާއަށް ކުރިން ފާހަގަ ނުކުރެވޭހާ ރީތިކަމެކެވެ. އޭނާ އިސްޖަހާލީ ރަހީމް ބަލަންފެށުމުންނެވެ.
"ކީއްވެތޯ ތިހާވަރަށް ބައްލަވަނީ."
"މި ހާލޯބި ކުއްޖެއް ލިބޭނެޔޭ ދުވަހަކުވެސް ހިތަކަށް ނާރާ. ޔަގީން ނުވާތީ ހަމަ ބެލެނީ."
"އަޅުގަނޑު ހަމަ އެހާ ލޯބީތޯ." ޒީނާ ރަހީމުގެ މޭގައި ބޮނޑިވެލިއެވެ.
"ވަރަށްލޯބި. އަބަދު ވަނީ ބަލާހިތް." އޭނާ ޒީނާ ގެނެވޭ އެންމެގާތަކަށް ގެނައެވެ.
"އެވަރަށް ބަލަންޏާ ހުތުރުވެދާނެ."
"ތީ ކާކުބުނާ އެއްޗެއް؟" ރަހީމް ހީލަމުން ޒީނާ ދުރުކޮށްލިއެވެ. އަދި ގޮސް ކަޅުކުލައިގެ ބޮޑު ސޯފާގައި އިށީނދެލިއެވެ.
"ނޭނގެ. މީހަކު ބުނާއެއްޗެއްނޫން. ހަމަ ހިތަށް އެރިއެއްޗެއް." ޒީނާ ރަހީމު ގާތަށް އައެވެ. އަދި ރަހީމުގެ ފައިގާ އިށީނދެލިއެވެ. ބޮޑު ސޯފާގައި އިންރަހީމުގެ ފައިމަތީގައި ޒީނާ އިންނައިރު ހީވަނީ ކުޑަކުއްޖެއްހެންނެވެ. ޒީނާގެ މި ޅައާދަތަކުގެ ސަބަބުން ރަހީމަށް ލިބެނީ އާދަޔާ ޚިލާފު އުފަލެކެވެ.
"ދެން ނިދަމާހިނގާދޯ."
"އަޅުގަނޑު މިރޭ ނިދާހިތެއްނެތް."
"އޭރުން ކަމަކު ނުދާނެ. ޒީނާ ޖެހޭނެ އަރާމް ކުރަން. އަނެއްކާ ތިހެން ފައިމަތީގައި އިންނަންވެއްޖެއްޔާ އަހަރެންނަށް ޒީނާއަށް ގޯނާއެއް ކޮށްލެވިދާނެ."
"ފަރުވާލެއްނެތް. އަޅުގަނޑަކީ ތިފަރާތަށްޓަކައި ފިދާވާން ހުރި އަޅެއް." ކުޑަކޮށް ގުދުވެލަމުން ޒީނާ ބުންޏެވެ.
"ނޫނޭ. ކަމަކު ނުދާނެ. ފުރިހަމަ މާނައިގާ އަހަރެންގެ މީހަކަށް ޒީނާ ހަދާނީ މިކަން ނިމުމުން." ޒީނާގެ ބަނޑުގައި އޭނާ ފިރުމާލިއެވެ.
"އެކަމަކު."
"އަހަރެން މި ލޯބި ޒީނާއަށްއެއްވެސް އުނދަގުލެއް ދޭކަށް ބޭނުމެއް ނޫން." އޭނާ ބެޑްޝީޓަކާއި ބާލީސް ނަގާ ތަންކޮޅެއް ދުރުގައިހުރި ދިގު ހުދުސޯފާއެއްގައި އަޅާލިއެވެ. އަދި ޒީނާއަށް އެނދު ދިނުމަށްފަހު އެ ސޯފާގައި ނިދިއެވެ. އެތައް ދުވަހަކު ނުނިދާ ހުރުމުގެ ސަބަބުން އިސާހިތަކު އޭނާއަށް އަރާމާއެކު ނިދާލެވިއްޖެއެވެ.
ރަހީމްގެ މި އޯގާތެރިކަމާއި ކެތްތެރި ކަމަށްޓަކައި ޒީނާގެ ހިތުގައި އޮތްލޯބި އުތުރި އަރަނީއެވެ. ހެޔޮހިތުން ޝުކުރު އަދާކުރެވެނީއެވެ. އޭނާގެ އަމިއްލަ ނަފްސުވެސް އޭނާދެކެ އެހާވަރަށް ލޯބި ނުވާކަން ގައިމެވެ. އެތައް ދުވަހަކު ދެކެމުން އައި ހުވަފެން ހަގީގަތަކަށްވުމުން ކުރިމަގަށްޓަކައި ހުވަފެންތައް ދެކެމުން އޭނާއަށްވެސް ނިދުނު އިރެއް ނޭނގެއެވެ.
ރަހީމު ފެންނަނީ ކުރިއަށްވުރެންވެސް ތާޒާކޮންނެވެ. އުމުރުގެ މިހާތަނަށް އައުމުން މި ލިބުނު ލޯބި އަންހެން ކުއްޖާގެ ސަބަބުން އޭނާ ހުންނަނީ ނުހަނު އުފަލުންނެވެ. ކުރީގެ ދިރިއުޅުމުން ނުލިބުނު އަޅާލުމާއި ލޯބި އޭނާއަށް އެތައް ދިރުމެއް ގެނުވިއެވެ. ނަމަވެސް އެދެމީހުންގެ މެދުގައި އަދިވެސް ފުރިހަމަ ގުޅުމެއް އުފެދިފައި ނުވަނީ ޒީނާއަށްޓަކައި އޭނާ ވާލޯބީގެ ސަބަބުންނެވެ. ޒީނާއަށް އެއްވެސް އުނދަގުލެއް ލިބުމަކީ އޭނާއަށް ކުޅަދާނަކަމެއް ނޫނެވެ.
(ނުނިމޭ)
