ވާހަކަ: ރުކާން – 25

( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )

އޭނާއަށް އެންމެ ފުރަތަމަ ފެނުނު ރުކާނާއި މިރުކާނާއި ކިހާ ތަފާތު ހެއްޔެވެ؟ އަވިން އަނދާފައިވާ މޫނު ވަނީ ސާފުވެ  ދޮންވެފައެވެ. ޒުވާންކަމާއި ފުރިހަމަކަން ވަނީ އޭގެ އެންމެ ފުރިހަމަ ކަމުގައެވެ. ނިދިފައިވާ މޫނުން ފެންނަމުންދަނީ މައުސޫމުކަމެވެ. ކުރިން ހުރި ބުޅި އިސްތަށިގަނޑު ފަންކޮށްފައި ވާތީ އޭނާ މާ ރީތި ކަމަށް ދައްކައެވެ. ހިކި އަނަރޫފަ ހަށިގަނޑު ވަނީ ފަލަވެފައެވެ.

" ނިކަމެތި ރުކާނެވެ. އަހަރެންނަށް މާފުކުރާށެވެ." މިއުވާން ހިތުގެ އެންމެ ފުންމިނުން ރުކާނާމެދު ހަމްދަރުދީ ވެވުނެވެ. އޭނާއަށްޓަކައި އުފެދިފައިވާ ލޯބި އިތުރުވެގެން ދިޔައެވެ. އޭނާ އިޚްތިޔާރެއްނެތި އެ ނިޔަނެތި މޫނުގައި ފިރުމާލިއެވެ. ރުކާނަށް ސިއްސައިގެން ގޮސްފައި ހޭލެވުނެވެ.

"ކާކު…… މަންމާ……"  ރުކާން ހީވަނީ ބައްޔެއް ޖެހިފައި ހުރިހެންނެވެ. ދެލޯ ބޮޑުވެ ހަށިގަނޑަށް ބާރުގަނޑެއް އަރާފައެވެ. ދެފައި ކުރުކޮށްލާ  މޭގައި ކަކޫ ޖައްސާފައެވެ. މިހާރަކަށް އައިސް ބައެއްރޭރޭ އޭނާއަށް އެހެން ވެއެވެ.

"ރުކާން.. ހަމަ ޖެހިބަލަ." މިއުވާން ރުކާންގެ ހާސްކަން ފެނިފައި ކަންބޮޑުވިއެވެ. އެއީ ރުކާންގެ އިޚްތިޔާރުގައި ވާކަމެއް ނޫންކަން މިއުވާނަށް އެނގޭކަށް ލަހެއް ނުވިއެވެ.

"މިއުވާން." ރުކާން ބާރަށް ރޯން ފެށިއެވެ. ބިރުވެރިކަމަކުން ސަލާމަތް ވީމާ ލިބޭކަހަލަ އުފަލެއް އޭނާއަށް ލިބުނެވެ. އޭނާއަށް މިއުވާންގެ ގައިގާ އޮޅުލައި ގަނެވުނެވެ.

"ސޮރީ. ވަރަށް ބޮޑަށް ސޮރީ ރުކާން. އަހަރެން އުޅުނީ ރުކާން ބިރު ގަންނަވާލާކަށް ނޫން." މިއުވާން ހުރީ ދެރަވެފައެވެ. އޭނާ ރުކާންގެ ކޮނޑުގައި ފިރުމާލިއެވެ.

" ކީއްކުރަން… ކިހިނެއް މިގެއަށް ވަނީ؟" ސިއްސައިގެން ގޮސް ނިދިން ހޭލެވުނީމާ ވާހަކަ ދައްކާ ގޮތަކަށް ރުކާން ބުންޏެވެ. ރުކާނަށް ދުރަށް ޖެހެވުނީ ކުއްލިއަކަށެވެ.

"މިއޮތީ. ޑަބަލް ތަޅުދަނޑި އަދިވެސް މިއޮތީ އަހަރެންގެ އަތުގައި." މިއުވާން ތަޅުދަނޑި ދިއްކޮށްލިއެވެ. ރުކާން ތަޅުދަނޑި ޖަހައިގަތެވެ.

"އެމީހާވެސް ވަނީ ޑަބަލް ތަޅުދަނޑި ބޭނުން ކޮށްގެން. އެމީހާ ނިދާ ބޭސްވެސް ދިނީ. އެންމެފަހުން މިހާލު ޖެއްސީ. ކީއްވެތަ ކޮންމެ މީހަކުވެސް އަހަރެންގެ ދިރިއުޅުމާ ކުޅެލަނީ؟"  ރުކާން ބުންޏެވެ.

ރުކާން ހުރީ މިއުވާން ފެނުމުން ރުޅިއަށްވުރެ ބޮޑަށް ދެރަވެފައެވެ. އެއީ ކޮންމެ ފަހަރަކުވެސް އޭނާގެ އާދައެވެ. ކިތަންމެ ފޫހިވާން އުޅުނު ނަމަވެސް މިއުވާން ދެކެ ރުޅިއެއް ނާދެވެއެވެ. އަދި އޭނާގެ އޯގާތެރިކަމަށް އެދެވެނީއެވެ.

"ރުކާން … ތިހެން ހީނުކުރޭ.. އަހަރެން މިއައީ ހަމައެކަނި ރުކާނާއި ވާހަކަ ދައްކާލަން." މިއުވާން ބުންޏެވެ.

"މިއުވާން މިހާރު ދައްކަން އޮންނާނީ ކޮން ވާހަކައެއް؟ އަހަރެންނާއި ކައިވެނި ކުރީ ކުޅިވަރަކަށް ނޫނޭ. އަހަރެން ދޫކޮށްލާފައި ފިލައިގެން ތިއުޅެނީ ލިބިފައިވާ މުއްސަނދި ކަމުން ނިކަމެއްޗެއް ގާތަށް ދާން ލަދުންނޭތަ؟" ރުކާން މަލާމާތް ކޮށްލިއެވެ.

"ނޫން ރުކާން. އަހަރެންގެ ވާހަކަ އަޑު އަހާބަލަ." މިއުވާން ރުކާންގެ ކޮނޑުގައި ހިފާ އޭނާއާއި ދިމާއަށް ބަލާލިއެވެ.

"ކީއްކުރަން؟ ކަލޭ އަހަރެންނާއި ކައިވެނި ކުރީ ކުޅިވަރަކަށް. އެންމެ ރަނގަޅު. އެހެންނޫންނަމަ ކަލެއަށް މިވީ ހުރިހާ ދުވަހު ނާދެވުނީ ތި މުއްސަނދިކަމުގެ ސަބަބުން. އެހެންވީމާ އަހަރެން ކަލޭ ނިކަމެތި ކޮށްލާނަން. ކަލޭވެސް އަހަރެން މިރުއި ވަރަށް ރޮއްވާނަން." ރުކާން  މިއުވާންގެ އަތް ފޮޅުވާލިއެވެ.

"ރުކާން. އެއްފަހަރުވެސް އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ." މިއުވާން އާދޭސް ކުރިއެވެ.

"ނޫން. މިއުވާން. މިހާރު ޖެހޭނީ އަހަރެންގެ ވާހަކަ އަޑުއަހަން. އަހަރެން ކަލޭ ނިކަމެތި ކޮށްލާނަން. ބޭޒާރު ކޮށްލާނަން. ދެން ދުވަހަކުވެސް އަހަރެންގެ ކުރިމައްޗަށް ނާންނާތި." ރުކާން ހަޅޭއްލަވައިގަތެވެ. އޭނާ ދުވެފައި ގޮސް ކޮޓަރިއަށްވަދެ ތަޅުލިއެވެ. މިއުވާން އެތައް ފަހަރަކު ރުކާނަށް ގޮވިއެވެ. ނަމަވެސް އޭނާ އަޅާވެސް ނުލައެވެ.

 

އެރޭގެ ފަހުން ދުވަސްކޮޅެއް ވެއްޖެއެވެ. އެކަކު އަނެކަކަށް ނުފެނެއެވެ. ރުކާން މަސައްކަތް ކުރަމުން ދިޔައީ މިއުވާން ބަރުބާދު ކޮށްލާށެވެ. އެކަމަކު ހީކުރި ގޮތާއި ޚިލާފަށް މިއުވާންގެ ފަރާތުން މިއަކަށް އެއްވެސް އިޝާރާތެއް ނުވެއެވެ. މިއުވާން ދިޔައީ ރުކާން ހިތްހަމަ ޖެހޭވަރަކަށް އޭނާގެ ކިބައިން ބަދަލު ހިފަން ފުރުސަތު ދީގެންނެވެ. ރުކާން ބޭނުން މިންވަރަކަށް އޭނާގެ ކިބައިން ނިކަމެތިކަން ފެންނާށެވެ. އޭނާ ކުރީގެ ފަދައިން އެންމެ ބޮޑު ނިކަމެއްޗަކަށް ވިޔަސް ފަރުވާލެއް ނެތިއެވެ. އެއީ އެކަމުން ރުކާނަށް ހިތްހަމަޖެހުން ލިބޭނެތީއެވެ.

 

މިއުވާން އޮތީ ކޮޓަރީގެ އެނދުގައި އޮށޯވެލައިގެންނެވެ. ޒަމާންތަކެއް ފަހުން ފަހަރަކު ސިނގިރޭޓެއް ބޮއި ހުލިކުރަމުން ދިޔައެވެ. ނުނިދާ ހުރުމުގެ ސަބަބުން އެދެލޯވަނީ ރަތްވެފައެވެ. ހާއްސަ ސަމާލުކަމެއްދީގެން އޮމާންކޮށް ތުބުޅިބާލާ ސާފުކޮށްބަހައްޓާ މޫނުގައި ވަނީ ތަރުތީބެއްނެތި އިސްތަށިތައް ފަޅަންފަށާފައެވެ. އަބަދުވެސް ތާޒާމޫނު ވަނީ މިލާފައެވެ. ހަފްތާއެއް ވަންދެން އޮފީހަށް ނުގޮސް ހުރުމުން އޭނާގެ ހާލު ބެލުމަށްޓަކައި ވަކީލު އައެވެ.

"ތިގޮތަށް ރުކާންގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްލާނަމަ ވަރަށްބޮޑު ގެއްލުމަކާ ވެސް ކުރިމަތި ލާންޖެހިދާނެ." ވަކީލު ބުންޏެވެ.

"ރުކާނަށް އެލިބުނު ގެއްލުމުގެ ބަދަލު މިވަރުންވެސް ނުދެވޭނެ."

"އެކަމަކު މަންމަވެސް ހުރިހާ މުދަލެއް އޭނާއަށް ބަދަލު ކުރިއެއްނު. އެހެންނޫނަސް މިއުވާން އޭނާ ދޫކޮށްލައްވާފައި ފިއްލެވީކީ ނޫނެއްނު. ހާލަތު އެގޮތަށް މަޖުބޫރު ކުރުވީއެއްނު."

"އެކަމަކުވެސް ރުކާނަށް އެލިބުނީ ކޮންފަދަ ބޮޑު އަނިޔާއެއް." މިއުވާން އަނެއް ސިގިރޭޓް ރޯކޮށްލިއެވެ.

"އެއީ މިއުވާންގެ ކުށެއްނޫން. އޭނާއަށް އަޅުގަނޑު އޮޅުން ފިލުވައިދެންތޯ."

"ނޫން. އޭނާއަށް ކޮންމެވެސް ދުވަހަކުން ހަގީގަތް އެނގޭނެ. އެދުވަހުން އޭނާ އަހަރެންނަށް މާފުކުރާނެކަން ޔަގީން. ކޮބާ ސައުކަތުގެ ޝަރީއަތް ފެށޭވަރެއް ނުވޭތަ؟"

"މިއަންނަ ހަފްތާ ފެށޭވަރުވާނެ."

 

އެކި ގޮތްގޮތުން އިއުލާން ކުރެވިފައިވާ ހޮޓާ ނުހެދުމުން މިއުވާންގެ ވިޔަފާރީގެ އިތުބާރު ގެއްލެމުން ދެއެވެ. އޭގެ ސަބަބުން ވިޔަފާރީގައި ގުޅެންތިބި މީހުން ނުގުޅި ފަސްކޮށްލިއެވެ. މީގެ އިތުރުން މިއުވާންގެ ވިޔަފާރިއަށް ރުކާންގެ ސަބަބުން އެތައް ގެއްލުންތަކެއް ކުރިމަތި ވަމުންދެއެވެ. މިކަމުގައި ރުކާންގެ ހުށިޔާރުކަމާއި މޮޅުކަން އޭނާ ހީކުރި ވަރަށްވުރެ އިތުރެވެ. އެކަމުގައި އޭނާ ރުކާނާއި ޖަދަލުކޮށް ކާމިޔާބު ހޯދޭނެކަން ޔަގީން ވާއިރުވެސް ހުރިހާކަމެއް ރުކާން ހިތްހަމަ ޖެހޭވަރަށް ރުކާނަށް ދޫކޮށްލައިގެން ހުރީއެވެ.

 

ރުކާނަށް ނަސީމާ ދިންގެއާއި ނަސީމާގެ މުދާތަކުގެ ވާހަކަ ރާއްޖޭގެ ނޫހެއްގައި ޖެހީ މިއުވާންގެ މަޝްހޫރު ކަމުންނެވެ. ކާމިޔާބު ވިޔަފާރިވެރިޔާއަށް ރުކާންގެ ސަބަބުން ހޮޓާނޭޅުނު ވާހަކަ ދައްކަމުން ދިޔައިރު ރުކާން ދިޔައީ އޭގެ ފައިދާ ނަގައިގެން މިއުވާންގެ ވިޔަފާރީގެ އަގު ވައްޓާލަމުންނެވެ. އެގޮތުން އޭނާ ނޫސްވެރިންނަށް ބައްދަލުވުމެއް ބޭއްވިއެވެ. އޭގައި ބައެއް ބޭރު މީހުންގެ ސުވާލުތަކަށްވެސް ވަރަށް ފަރިތަކަމާއެކު ރުކާން ޖަވާބުދިނެވެ.

"އެއީ އޭނާގެ ވާރުތަ މުދަލުން ލިބުނު ކުރިއެރުމެއް. ފަހަރެއްގައިވެސް މިއުވާންގެ ކުޅަދާނަކަމަކުން ލިބުނު ކުރިއެރުމެއްނޫން. އޭނާގެ ބައެއްގެ ރިސޯޓް ވަރަށް އަވަހަށް  ވިއްކާލަން ޖެހިދާނެކަމުގެ އިޝާރާތެއް ވަނީ ލިބިފައި." ރުކާން ކަނޑައެޅިގެން މިހެދި ދޮގު ވަރަށް ފަސޭހައިން މީހުން ގަބޫލުކުރިއެވެ. އޭގެ ސަބަބުން ބައެއް ހިއްސާދާރުންގެ ހިއްސާތައް ވިއްކާލިއެވެ.

 

ރުކާންގެ ވިސްނުން މިހާރު ހުރީ އޭނާގެ ރިސޯޓާއި ދިމާއަށްކަންވެސް  މިއުވާނަށް އެނގުނެވެ. އެކަމަކު އޭނާ އެކަމާ އަޅާނުލާ ހުރުމުގެ އިތުރަށް އޭނާ އެކަމަށް ރުކާނަށް މަގުފައިވެސް ކޮށްދިނީއެވެ. އެގޮތުން އޭނާގެ އެންމެ ބޮޑު  ރިސޯޓްގެ ބައިވެރިޔާގެ ސާޅީސް ފަސް އިންސައްތަ ހިއްސާ ވިއްކާލުމަށް ލަފާދިނީ ސީދާ މިއުވާނެވެ. ގެއްލުންވުމުގެ ކުރިން ބޮޑުއަގުގައި ވިއްކާލި މިހިއްސާތައް ގަތީ ރުކާނެވެ. ހިއްސާގެ މުއާމަލާތްތައް ނިމިގެން އެންމެން ނިކުތެވެ. އަދި އެންމެ ފަހުން ރުކާނާއި މިއުވާން އެކަނި ވިއެވެ.

"ރުކާން ކިހިނެއްތަ؟" ނިކުތުމަށްޓަކައި ތެދުވި ރުކާންކުރެން މިއުވާން އަހާލިއެވެ. ރުކާން ކިތަންމެ ރުޅިއައިނަމަވެސް މިއުވާން ރުކާނާއި ވާހަކަ ދައްކާހިތްވެއެވެ. ރުކާނާއި ވާހަކަ ދައްކާލުމުން އޭނާ ހިތްހަމަޖެހެއެވެ.

"މިއުވާން އަހަރެންގެ ހާލު ބަލާހިތްވީ ކީއްވެ؟ އަހަރެމެން މެދުގައި މިހާރު އެއްވެސް ގުޅުމެއް އެބައޮތްތަ؟" ރުކާން ހުއްޓިލިއެވެ. އަދި މިއުވާނަށް ބަލަން ހުއްޓެވެ.

"ރުކާން. އަހަރެންނަށް މާފުކުރޭ. އަހަރެމެން ވަނީ މީގެ ދުވަސްތަކެއް ކުރިން ކައިވެނި ކުރެވިފާ. އަހަރެން އަދި ރުކާނެއް ވަރިއެއް ނުކުރަމެއްނު." މިއުވާން ވާހަކަ ދެއްކޭތޯ ބެލިއެވެ. ރުކާންގެ ރުޅި މަޑުކުރުވާ ހަގީގަތް ހާމަ ކޮށްދެވޭތޯ ބަލަން ބޭނުން ވެއެވެ.

"ޗީ. މިއުވާން ތިހެން ބުނަން ކެރުނީތީ އަހަރެން ހައިރާންނެއް ނުވޭ. އޮޅުވާލުމަކުން ކުރެވުނު ކައިވެންޏަށް އެއްދުވަސް ވެސް ނުވަނީސް ދިޔަގޮތަށް ހަތަރު އަހަރު ފަހުން އަންހެނުން ފެނުނީމާ ތިހެންބުނަން ކެރުނުތަ؟" ރުކާން މަލާމާތް ކޮށްލިއެވެ.

"ރުކާން ޕްލީޒް. އަހަރެންނަށް އެއްފުރުސަތުދީ." މިއުވާން ރުކާންގެ ކުރިމައްޗަށް ހުއްޓުނެވެ.

"ނޫން. އަހަރެން ކަލޭ ބަރުބާދު ކޮށްލާނަން. އަހަރެންނަށް ފެނުނުއިރު ހުރި ވަރަށްވުރެވެސް ނިކަމެތި ކޮށްލާނަން." ރުކާންގެ އަތުން މިއުވާން އެއްފަރާތަކަށް ކޮށްޕާލިއެވެ. މިއުވާނަށް ބަލާވެސް ނުލާ ރުކާން ނިކުމެގެން ހިނގައްޖެއެވެ.

ރުކާންގެ ހިއްސާ ރިސޯޓްގައި ބޮޑުވިވަރުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހަރަކާތްތެރިވިއެވެ. އޭނާގެ ފުރަތަމަވެސް އަމާޒު ފަތްގަނޑަކީ މުވައްޒަފުންނެވެ. މުވައްޒަފުންނަށް ބާރުފޯރުވާ ރިސޯޓްގެ ހިންގުން ދޯދިޔާ ކޮށްލިއެވެ. އޭގެ ސަބަބުން އެމީހުން ހަޅުތާޅު ކުރަމުން ދިޔައެވެ. ފަތުރުވެރިން އައުން މަދުވެ ދުވާލަކަށް އެތަކެއް ލައްކައިން ލިބެމުން ދިޔަ ފައިދާ ދަށަށް ދާންފެށިއެވެ.

 

ރުކާން އިނީ ސިޓިންރޫމުގައި ހުރި ސޯފާގައެވެ. މިއަދު އާދަޔާ ޚިލާފަށް އޭނާ ދެރަވަނީއެވެ. ކަމަކާ ނުލާ ހިތްހަމަ ނުޖެހެނީއެވެ. އަތުގައި އޮތް ރިމޯޓުގެ ފިއްތަކަށް ފިތަމުން ދިޔައީ ވަކި އެއްޗެއް ބަލާކަށް ނޫނެވެ. ކުއްލިއަކަށް އޭނާއަށް ޓީވީން ކިޔަމުން ދިޔަ ޚަބަރަކަށް ސަމާލުކަން ދެވުނެވެ. ވިޔަފާރީގެ ޚަބަރުގައި ކިޔަމުން ދިޔައީ މިއުވާންގެ ރިސޯޓުގެ ވާހަކައެވެ. މުއައްޒަފުން ހަޅުތާލުކުރުން ހުއްޓާ ނުލުމުގެ ސަބަބުން ރިސޯޓަށް ލިބެމުން ދިޔަ ގެއްލުމުގެ ވާހަކައެވެ.

"މުވައްޒަފުން އެޑިމާންޑްކުރާ މިންވަރަކަށް އަޅުގަނޑުމެންނަށް ކޮށްދެވޭކަށް ނޯންނާނެ ދެއްތޯ. އަޅުގަނޑުމެންވެސް ޚިދުމަތްތަކެއް މިދެނީ މުއައްޒަފުންނަށްވެސް ރަނގަޅު އަގުތަކެއް ދީގެން. ގެއްލުމެއް ވާގޮތަކަށް އެމީހުންގެ ބޭނުންތަކެއްވެސް ފުއްދައެއް ނުދެވޭނެ." މިއުވާން ޓީވީއަށް އިންޓަވިއު ދެމުން ދިޔައެވެ. އޭނާގެ މޫނު މަތީން ފެންނަނީ މޮޅިވެރިކަމެވެ.

ރުކާން ޓީވީ ނިވާލިއެވެ. މީ އޭނާ އުފާވާން ޖެހޭ ކާމިޔާބީއެކެވެ. ރުކާނަށް ލިބެމުންދިޔަ ކާމިޔާބީގައި އޭނާ އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހެއެވެ. މިއުވާނަށް ލިބެމުންދާ ގެއްލުން ތަކުން އޭނާ އުންމީދު ކުރިވަރާ ގާތަށްވެސް އުފަލެއް ނުލިބެއެވެ. ބަދަލު ހިފުމަކުން އޭނާގެ ރޫހަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ހިތުގައި އުދާސްތައް އިތުރުވެ ހިތްހަމަ ހަމަނުޖެހުން އިތުރުވަމުން ދިޔައެވެ. ރުކާން އިނީ ފުން ވިސްނުމެއް ތެރެއަށް ގެއްލިފައެވެ.

ކުއްލިއަކަށް ގޭގެ ރަނގަބީލުގެ އަޑު އިވުނެވެ. ރުކާން ދޮރު ހުޅުވާލިއެވެ. އެ މީހަކު  ދިއްކޮށްލީ ޗިޓު ބުރިއެކެވެ. އޭގައިވާ ގޮތުން އޭނާ މާދަމާ ކޯޓަށް ދާން ޖެހެނީއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *