ތީ އަނެކާ ކޮންޓުރޯލު ކުރާ މީހެއްތަ؟

އަޅުގަނޑުމެންގެ ތެރޭގައި ތިމާ ކުރަން ބޭނުންވާ ކަންތައްތައް ކުރަން ހުރަސް އަޅާ މީހުން އުޅެއެވެ. ބައެއް ފަހަރު ވަކި ތަނަކަށް ނުދިއުމާއި ނުވަތަ ނުވަތަ ވަކިއެއްޗެއް ކާން މަނާކުރުން ފަދަ ކުދިކުދި ކަންކަމެވެ. ދެން އޭގެ ފަހުން ތިމާ ކުރާ ހިތްވާ ކަންތައްތައް ކަމުގައިވާ ވަކި ވަޒީފާ އަކަށް ދިއުން މަނާކުރުމާއި ނުވަތަ ވަކި މީހަކާ ވާހަކަ ދެއްކުން މަނާކުރުން ފަދަ ކަންކަމެވެ.

ހަގީގަތަކީ، ހުރިހާ އިންސާނުންވެސް އެންމެ އެއްގޮތް އެއްކަމަކީ ހުރިހާ ކަމެއް ކޮންޓްރޯލް ކުރެވޭތޯ އުޅުމެވެ. ގިނަ މީހުން ބޭނުންވަނީ ހުރިހާ ކަމެއްވެސް އެމީހަކު ބޭނުންވާ ގޮތަށް އޭނާ ބޭނުންކަމެއް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން އެމީހެއްގެ ހުރިހާ ހަކަތައެއް ހޭދަކުރެވެނީ ހުރިހާ ކަމެއްގެ ކޮންޓްރޯލް ނަގަން މަސައްކަތްކުރެވޭތޯއެވެ. އަނެކާގެ  ކޮންޓުރޯލް ނަގަން ކުރެވޭ މަސައްކަތުގައި އަނެކާގެ އުފަލާއި މިނިވަންކަމަށް ހުރަސް އެޅޭ ފަހަރު އާދެއެވެ. ދެން ޚިޔާލު ތަފާތުވެ މައްސަލަތައް އުފެދި އެކަމުގެ ސަބަބުން މާޔޫސްވާން ޖެހެއެވެ.

"އަޅުގަނޑުގެ މައިންބަފައިން ބޭނުންވީ އަޅުގަނޑު ޓީޗަރަކަށް ވާން. ކޯހަށް ކުރިމަތި ލީއިރުވެސް އާދޭސްކުރިން ޓީޗަރަށް ވާކަށް ބޭނުމެއް ނޫނޭ. ޓީޗަރަކަށް އުޅުނުއިރު ހަގީގީ އުފަލެއް ނުވޭ އަސްލު. މައިން ބަފައިންނާ މައްސަލަވެސް ޖެހުން. ޓީޗަރުކަން ކިޔަވާފަ މިހާރު މިއުޅެނީ އެކަން ދޫކޮށްލާ ފަތުރުވެރިކަމުގެ ދާއިރާގައި. މިހާރު ވަރަށް އުފާވޭ އަސްލު. އެކަމަކު ޖެހުނު މައްސަލައިގާ އަދިވެސް މައިންބަފައިންނާ ގުޅުން އެހާ ރަނގަޅެއް ނޫން." ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މަރިޔަމް ޢަލީ (29 އަހަރު) ބުންޏެވެ.

އަޅުގަނޑުމެންނަށް ކޮންޓްރޯލް ނުކުރެވޭ ކަންކަމުގައި ވަރަށް ގިނަ ހަކަތަ ބޭކާރުވެގެން ދެއެވެ. މިކަމުގެ ސަބަބުން މީހާގެ ދިރިއުޅުމުގައި ވަރަށް ގިނަ ނުރަނގަޅު ވިސްނުންތަކާއި މާޔޫސްކަން އުފެދެއެވެ. މި ހިތާމަ އުފެދެން ދިމާވަނީ ނާކާމިޔާބީ އަކީ އެއްވެސް މީހަކަށް ތަހައްމަލު ކުރަން ފަސޭހަ ކަމަކަށް ނުވާތީއެވެ. ގިނަ ގޮތްގޮތަށް މަސައްކަތް ކުރުމަށްފަހުވެސް އެ ހުރިހާ ކަމެއް ތިމާ ބޭނުންވާ ގޮތަށް  ކޮންޓްރޯލް ނުކުރެވޭތީއެވެ. ހުރިހާ ކަމެއް ކޮންޓްރޯލް ނުކުރެވިގެން އުޅޭ މި ހިތާމައިން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އުފާވެރި ދުވަހަކަށް ތިމާގެ ދުވަސް ހެދުމަށްޓަކައި ތިމާގެ ހަކަތަ ތިމާ އުފާވާ އެހެންކަމެއް ކުރުމަށް ފޯކަސް ކުރުމެވެ.

ހުރިހާ ކަމެއް ކޮންޓްރޯލް ނުކުރެވޭނެކަން ގަބޫލުކުރާށެވެ.

ޙިކުމަތްތެރިއަކު އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ނުކުރެވޭނެ ކަމުގެ ޙަޤީޤަތް ޤަބޫލު ކުރެއެވެ. ދިރިއުޅުމުގައި ގިނަ ކަންތައްތަކަކީ ޔަގީންކަން ނެތް ކަންކަމެވެ. ހައިރާންވާންޖެހޭ ކަމަކީ ދިރިއުޅުމަކީ އޭގެ ޒާތުގައި އެއްވެސް ޔަގީންކަމެއްނެތް ކަންކަމެވެ. އެއްވެސް މީހަކަށް އޭނާ މަރުވާނެ ވަގުތެއް ނޭނގެއެވެ.

އަޅުގަނޑުމެންނަށް ވިސްނޭ ގޮތުގައި ދިރިއުޅުމުގެ ކޮންމެ ކަމެއް ކޮންޓްރޯލް ކުރަން ބޭނުންވާ މީހުން އެކަން ކުރުމަށް ވަރަށް ގިނަ ފިކުރަކާއި ހަކަތައެއް ހޭދަކުރެއެވެ. އެމީހުން، ދިރިއުޅުމުގެ ކަންތައްތަކެއް ކޮންޓްރޯލް ނުކުރެވޭ ވަގުތުތަކުގައި މާޔޫސްވެއެވެ. އަދި އެމީހުން ގަޔާވާ ގޮތަކަށް ކަންކަން ނުދާ ވަގުތުތަކުގައި މާޔޫސްވެ ފިކުރު ބޮޑުވެއެވެ. މިއީ ހަމައެކަނި ހަކަތަ ބޭކާރު ކުރުމެކެވެ.

"އަހަރެން އަބަދު ކާތީ މަންމަ އެއްޗިހި ކިޔާނީ. އެނގޭ ފަލަކަންވެސް. އެކަމަކުވެސް ނުކައި ނުހުރެވޭނެދޯ. އޮފީހަށް ވަތްފަހުން ގިނައިން ކަނީ އޮފީހަށް ކާއެއްޗިހި ގެނެސްގެން." އައިޝަތު ޖުމާ ( 21 އަހަރު) ބުންޏެވެ.

އަނެކާ ކޮންޓުރޯލް ކުރުން ދޫކޮށްލާށެވެ.

އުފާވެރި ދިރިއުޅުމަކަށްޓަކައި ކަންތައްތައް ކޮންޓުރޯލު ކުރުން ދޫކޮށްލަން ޖެހޭކަން ފާހަގަކުރުން މުހިންމެވެ. ވީމާ ކޮންޓްރޯލްކުރާ ދިރިއުޅުން ދޫކޮށްލާށެވެ. ތިމާއަށް ކޮންޓްރޯލް ނުކުރެވޭ ވަކި ކަންތައްތަކެއް ހުރިކަން ދެނެގަންނާށެވެ. އަދި ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެއިން ކާމިޔާބެއް ނުލިބޭނެކަން ވިސްނަން ޖެހެއެވެ.

މި ހަގީގަތް ގަބޫލުކޮށްފިނަމަ ދިރިއުޅުމަކީ  އުފާވެރި ދިރިއުޅުމެއްކަން ވިސްނި މަޖާ ކުރަން މާ ގިނަ ވަގުތު ލިބޭނެ ކަމަށެވެ. ކޮންމެ މީހަކީވެސް އޭނާގެ އުފެދުމުގައި ކޮންމެވެސް ހުނަރެއް ލިބިފައިވާ މީހެކެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ނުކުރެވޭނެކަން ވިސްނި ގަބޫލުކުރުމުން ތިމާގެ ހަކަތަ އޮޓޮމެޓިކުން އާ އެއްޗެއް އުފެއްދުމާ ދިމާއަށް ދެއެވެ.

"އަންހެނުން ބޭނުންވަނީ ކޮންމެ ދުވަހަކު ހަވީރު ހޭންޑްބޯޅަ ކުޅެންދާން. ފުރަތަމަކޮޅު އަހަރެން ވަރަށް ހުރަސްއެޅިން ދެމީހުން އެއްކޮށް އެވަގުތުކޮޅު ހޭދަނުކުރެވޭތީ. މާބޮޑަށް މައްސަލަ ޖެހެންފެށީމަ އޭނަ ކުޅެން ފޮނުވާފަ އަހަރެން އުޅެނީ ގޭދޮށުގައި ގަސްއިންދަން. މިހާރު ދެމީހުންވެސް އުފަލުން މިތިބެނީ." ޢުމަރު އަޙްމަދު (36 އަހަރު) ފާހަގަ ކުރިއެވެ.

ކޮންމެ މީހެއްގެ ކިބައިގައި އެއް ހުނަރު ނުވަތަ އަނެއް ހުނަރު ހުރެއެވެ. މި ހުނަރު ބޭނުންކޮށްގެން ތިމާގެ އުފެއްދުންތެރިކަމުގެ ހަކަތަ އުފައްދާ ތިމާއަށާއި އަދި އާއިލާއަށް ކޮންމެވެސް ވަރެއްގެ ބޭނުންތެރިކަމެއް ހޯދާށެވެ. ވީމާ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަން ބޭނުންވުމުގެ ބަދަލުގައި ކޮންޓުރޯލު ކުރުމުގެ އާދަ ދޫކޮށްލާށެވެ. ކިތަންމެ ބޮޑު އަދި ކުޑަ ނަމަވެސް ދުނިޔެއާއި ތިމާގެ އުފަލަށް ކަންކަން ޙިއްޞާ ކުރާށެވެ. އޭރުން އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް ވެސް އުފާވެރި ދުނިޔެއެއް އުފެއްދިދާނެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *