ވާހަކަ: ރުކާން – 26

( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )

ކަނޑައެޅިފައިވާ ގަޑިއަށް އޭނާ ކޯޓަށް ދިޔައެވެ. ފަހަރެއްގައިވެސް އޭނާ ކޯޓަށް ގެނެވުނީ ކޮންމައްސަލައެއްކަން އޮޅުން ފިލުވާކަށް ބޭނުމެއް ނޫނެވެ. މިދުވަސްކޮޅު އޭނާއަށް އެތައްފަހަރަކު ކޯޓަށްދާން ޖެހުނެވެ. މިއުވާންއާއި އޭނާއާއި ވިޔަފާރިއާއި ގެޔާމެދު ކޯޅޭ ކޯޅުންގަނޑުން މިހާރު އޭނާއަށް ވަނީ ކުރި ލިބިފައެވެ.

ރުކާން ކޯޓަށްވަދެ އިށީނދެލިއެވެ. އޭރު މިއުވާނާއި އޭނާގެ ވަކީލު ތިއްބެވެ. ކުއްލިއަކަށް ދޮރުން ވަދެގެން އައި މީހަކަށް ރުކާނަށް ބަލާލެވުނެވެ. ސައުކަތާއި އޭނާގެ ވަކީލު އައިސް އިށީންނަންދެން ރުކާނަށް ބެލެނީއެވެ. އަދިވެސް ސައުކަތު ފެނުމުން އޭނާ ބިރުގަނެއެވެ.

"ކޯޓަށް ހުށައެޅިފައިވާ ބަޔާނުގައި ވާގޮތުން އައިޝަތު ރުކާނާމެދު  ސައުކަތު ހިންގި  ލާއިންސާނީ އަމަލުތަކެއްގެ ސަބަބުން ސައުކަތުގެ މައްޗަށް އަލީ މިއުވާން ހުށައަޅާފައިވާ ޝަރީއަތް ފެށުނީ." ގާޒީ ވާހަކަ ދެއްކެވުމުން ރުކާނަށް ވެގެން އުޅޭގޮތް ސާފުވެއްޖެއެވެ. މިއީ އޭނާވެސް ބަލަން ބޭނުންވާ އެކަމަކު އޭނާއަށްވުރެން ކުރިން މިއުވާން ހުށައެޅި މައްސަލައެކެވެ. އެހެންކަމުން މިކަމުގައި މިއުވާނަށް ކާމިޔާބު ލިބޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ގާޒީ ސުވާލު ކުރަމުންދަނީ ސައުކަތާއެވެ.

"ރުކާނު ތިގޭގައި ގެންގުޅުނިންތަ."

"އާދެ. އޭނާ ޚުދު އަމިއްލައަށް އަޅުގަނޑު ގެއަށް އައީ."

"ރުކާންގެ ބަނޑުގައިވަނީ ކަލޭގެ ދަރިއެއްކަމަށް ގަބޫލު ކުރަންތަ؟"

"ނޫން. ރުކާން އިނދެގެން އުޅުނީ މިހިރަ މިއުވާނާއި. ވީމާ އެއީ އަޅުގަނޑާއި ބެހޭ ކަމެއްނޫން."

"އޭނާއަށް ޑްރަގްސް ދިނިންތަ؟"

"ނުދެން. އަޅުގަނޑު މީ ރަށެއްގެ އާދައިގެ މީހެއް. އަޅުގަނޑު ޑުރަގްސް ހޯދާނީ ކިހިނެއްތޯ؟"

"މައްސަލަ ހުށައަޅާފައިވާ ފަރާތުން ބުނަނީ ކަލޭ އޭނާއާއި ގަދަކަމުން ނުބައި އަމަލު ހިންގިކަމަށް . ކަލޭ އޭނާއާއި ނުގަބޫލުގައި އެފަދަ ކަމެއްކުރިންތަ؟"

"ނޫން. އޭނާ އެއުޅެނީ މިހާރު އަޅުގަނޑުގެ ހުރި މަދު މުދާކޮޅު ބޭނުންވެގެން. މިއުވާންގެ މަންމަގެ ހުރިހާ މުދާތައް އަތުލައިގެންވެސް މަދުވެގެން އަޅުގަނޑު ބަދުނާމު ކުރަނީ." ސައުކަތު ދޮގު ހަދަމުން ދިޔައެވެ.

"ގާޒީ. އެއީ ހުސްދޮގު. އޭނާ ރުކާނަށް ގޯނާކުރި.  ކުރިން އަޅުގަނޑުވާނީ އޭނާ އެއަމަލު ކުރަނިކޮށް އެކަން ހުއްޓުވާފައި. އެކަން ރަށު އެންމެން ދަންނާނެ." މިއުވާން ހަޅޭއްލަވައިގަތެވެ. ގާޒީ ދެން ފެއްޓެވީ ރުކާނާއި ސުވާލު ކުރާށެވެ.

"ރުކާން. އޭނާ އެބުނި އެއްޗަކާއިމެދު ބުނަނީ ކީކޭ."

"އަޅުގަނޑު ތިމައްސަލައިގައި އެއްޗެއް ބުނާކަށް ގަސްދެއް ނުކުރަން. ތިއީ އަޅުގަނޑާ ބެހޭ މައްސަލައަކަށް ވާތީ ދަންނަވަން. ތިމައްސަލަ އަނބުރާ ގެންދެވުން އެދެން." ރުކާން މިއުވާނަށް ދެރަ ދިނުމަށްޓަކައި މައްސަލަ ނިންމާލަން އެދުނީއެވެ. މިއަދު އޭނާ މިއުވާންގެ އޯގާތެރިކަމެއް ހަމްދަރުދީއެއް ބޭނުމެއް ނޫނެވެ. މިއަދު އޭނާ ބޭނުންވެއްޖެ ހިނދެއްގައި ސައުކަތާއި މެދު ފިޔަވަޅު އެޅިދާނެއެވެ. އޭގެ ހެކި އޭނާ އަތުގައި މިހާރު އެބަހުއްޓެވެ. ނަމަވެސް މިކަމުގައި މިއުވާންގެ އެހީތެރިކަމެއް ބޭނުމެއް ނޫނެވެ. އޭނާ އެކަން ކުރާނީ އަމިއްލައަށެވެ.

"ރުކާން. އެއީ ނުބައި އިބިލީހެއް. އޭނާ ދޫނުކުރޭ. އޭނާއަށް ލިބެންޖެހޭ އަދަބު ލިބެންޖެހޭނެ." މިއުވާން ރުކާންގާތު އާދޭސް ކުރިއެވެ.

"ބައްލަވާ. މިހިރަ މިއުވާން ވަނީ އަޅުގަނޑުގެ ކުށަކާއި ނުލާ މާރާމާރީ ހިންގާފައި. އޭގެ ސަބަބުން ލިބުނު ގެއްލުން ޑޮކްޓަރުގެ މި ރިޕޯޓްތަކުގައި ހުންނާނެ." ސައުކަތުގެ ވަކީލު ގާޒީއާއި އެއްޗެއް ހަވާލުކުރަމުން ދިޔައިރު ސައުކަތު ބުންޏެވެ.

ގާޒީ ރަނގަޅަށް ލިޔުންތައް ބެލިއެވެ. އަދި މައްސަލައާ ގުޅޭ ތިންމީހުންގެ ބަސް އެހުމަށްފަހު ހުކުމް ކުރިއެވެ.

"މައްސަލައިގެ ބާވަތުން މައްސަލަ ނިސްބަތްވާ މީހާ އައިޝަތު ރުކާންގެ އެއްވެސް ބަހެއްނެތި އެކަން ކުރިއަށް ގެންދަން ބޭނުން ނުވާތީ މައްސަލަ ކުރިއަށް ގެންދެވޭކަށް ނެތް. އަދި މާރާމާރީ ހިންގާފައިވާ ކަމަށް ސާބިތުވާތީ މިއުވާން ހަތަރު މަސްދުވަހަށް ޖަލުގައި ހުކުމް ތަންފީޒުކުރަން ހުކުމް ކޮށްފިން."

"ރުކާން…މަޑުކޮށްބަލަ." ނިކުމެގެން ދިޔަ ރުކާނަށް މިއުވާން ގޮވާލިއެވެ. ނަމަވެސް ރުކާން އަޅާވެސް ނުލާ ދިޔައީއެވެ. މިއަދު އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ. އޭރު މިއުވާން އެންމެ ތިންހާސް ރުފިޔާއަށްޓަކައި އޭނާއާއި ކައިވެނި ކުރީތީ މިއަދު މިއުވާންގެ އެތައް މިލިޔަނެއްގެ ވިޔަފާރި އޭނާ އަތުލީއެވެ. ކައިވެނި ކޮށްފައި އެއްދުވަސްވެސް ނުވަނީސް އޭނާ ދޫކޮށްފައި ދިޔައީތީ ހަތަރުމަހަށް ޖަލަށްވެސް ލީއެވެ. އޭނާއަށް ބަދަލު ހިފިއްޖެއެވެ. ދެން އޭނާ މާލެ ދޫކޮށް ރަށަށް ދާންވީއެވެ. ނަމަވެސް ވިހެއުމުގެ ކުރީން އޭނާ ނިންމަންޖެހޭ އެންމެ މުހިންމު ކަންތައް ބާކީ އޮތީތީ މަޑުކުރިއެވެ.

އޭނާ ދިޔައީ ރާއްޖޭގެ މަޝްހޫރު ވަކީލެއްގެ ގާތަށެވެ. މިކަމުގައި މިއުވާންގެ އާއިލާއާއި ގުޅުން ހުރި އެއްވެސް ވަކީލެއް އޭނާ ބޭނުމެއް ނުވެއެވެ. މިހުރިހާ ކަމެއް ކުރާނީ އޭނާ އަމިއްލައަށެވެ. މިއުވާނާއި އޭނާގެ ގާތް މީހެއްގެ އެއްވެސް އެހީތެރިކަމެއް ނެތިއެވެ.

މިއުވާން ޖަލުގެ ކުޑަގޮޅީގައި ހުރި އެނދުގައި އޮށޯވެލައިގެން އޮތެވެ. އޭނާއަށް ދެވަނަ ފަހަރަށް މިތަނަށް އާދެވުމުން ވަނީ ވަރަށް ދެރަވެފައެވެ. މިހާރު އޭނާ ދެރަވަނީ ރުކާންގެ ހަނދާން ތަކުންނެވެ. އޭނާ ރުކާނަށްޓަކައި މުޅި ދިރިއުޅުން ހޭދަކޮށްލިއެވެ. އެތައް ގުރުބާނީއެއްވިއެވެ. ރުކާން ދޫކޮށްލާފައި އޭނާ ދިޔައީކީ ނޫނެވެ. ހާލަތު އެ ގޮތަށް މަޖުބޫރު ކުރުވީއެވެ. ރުކާނަށް ވިސްނޭނެ ނަމައެވެ. އޭނާ ޚިޔާލުގެ ދުނިޔެއަށް ގެނބިގެން ދިޔައެވެ.

*********

ރުކާންގެ ރަށުން އައިތާ ތިންއަހަރު ފަހުން މިއުވާންގެ ސިފަ މުޅިން އެހެން މީހަކަށް ބަދަލުވިއެވެ. ނަމަވެސް ބޯކޮށާލައި ތުބުޅިބާލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެއީ ރުކާނާއި އެންމެފަހުން ސަމާސާއަކަށް ދެއްކުނު ވާހަކައެވެ. އޭނާ އެކަން ކުރަން ނިންމީ ރުކާންގެ ހާޒިރުގައެވެ. އޭނާގެ ސަކަ މިޒާޖު ހަރުދަނާކަމާއި ސީރިއަސް ކަމަށް ބަދަލުވިއެވެ. ކުރިއަރަމުން ދިޔަވަރަކަށް އޭނާގެ ސިފަޔަށާއި މިޒާޖަށް އެތައް ބަދަލުތަކެއް ގެނުވިއެވެ. އޭނާގެ ކާމިޔާބާއި ހުށިޔާރުކަމުން އެތައްކަމެއް އޭނާ ފުރިހަމަކުރިއެވެ. މުއްސަނދިކަމާއި މީހުންގެ އިހުތިރާމް ހޯދިއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ ބުނާފަދައިންނެވެ. ހާލަތު ބަދަލުވީއެވެ. ނިކަމެތިކަމުގައި އޮތްފުށްދަށަށްޖެހި ކާމިޔާބުގެ ފުށްމައްޗަށް ޖެހުނީއެވެ. އޭނާގެ ބުރަމަސައްކަތާއި ކެތްތެރިކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އޭނާއަށް މިހާ ހަރުދަނާ ބަދަލެއް ގެނުވީ ރުކާންގެ ހަނދާން ތަކެވެ. އެނިކަމެތި ކުއްޖާ ދިރިއުޅުމަށްޓަކައި ކުރާ ހިތްވަރެވެ. އެއީ ލާރިއެއްނުލިބޭ ފަގީރަކަށް ވިޔަސް މާޔޫސް ނުވާ ކުއްޖެކެވެ. އަނިޔާތަކެއް ލިބެމުން ދިޔަޔަސް ދިރިއުޅުމުގެ އުންމީދު ނުގެއްލޭ ހަރުދަނާ ކުއްޖެކެވެ. އޭނާ އެންމެ ނިކަމެތި ދުވަހު އަޅާލާ ލޯބި ދިނެވެ. ދިރިއުޅުމުގެ ހިތްވަރު އާކޮށްދިނެވެ. ރުކާންގެ ހަނދާންތަކުން އޭނާގެ ހިތް ރޮއްވައެވެ. ރުކާން ވީތަނެއް ނޭނގުމުން އޭނާ ކަންބޮޑުވެއެވެ. އެތައް އަންހެން ކުދިންނެއް އޭނާގެ ކައިވެންޏަށް އެދޭ އިރުވެސް ފާޅުގައި ދެކޮޅު ހަދަމުން ދިޔައީ ރުކާން ފެންނާނެ ކަމަށް ކުރާ އުންމީދެވެ. މިއުވާން ރުކާނާއި ގުޅުނު ހިސާބުގެ ކުރިއަށްޚިޔާލުތައް ދަތުރު ކޮށްލެވުނެވެ.

މިއުވާނަކީ މާލޭގެ މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބައްޕައަކީ ރިސޯޓް ވިޔަފާރި ކުރާ މީހެއްކަމުން އަބަދުހެން އުޅެނީ ގެއިން ބޭރުގައެވެ. މަންމަ އަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހަކަށްވާތީ އަބަދުވެސް އުޅެނީ އޮފީހުގައެވެ. ކުޑައިރުން ފެށިގެންވެސް މިއުވާނަށް އެދެމީހުންގެ ލޯބި ނުލިބި ބޮޑުވަމުން ދިޔައެވެ. އިސްލާމްދީނާއި ރަނގަޅު ތަރުބިއްޔަތެއް ދޭނެ ވަގުތެއް މަންމައަކަށް ނުވެއެވެ. ހަގީގަތަކީ މީހަކު އޮޅުން ފިލުވާނުދިނަސް ގޯސްކަންތަކަށް އޭނާއަށް ނަފުރަތު ވެވޭކަމެވެ. އޭރުރަނގަޅާއި ނުބައި ބުނެދެމުން ދިޔައީ ކޮންމެވެސް ބޭރު މީހެކެވެ. ގިނަފަހަރު އަހަރަކު މީހެއްގާތުއެވެ. މަންމަގެ ޒާތްކޮޅު ބޮޑުކަމުން ގޭގައި ގެންގުޅޭ މީހާ އަބަދުވެސް އޮންނަނީ ކަމުނުގޮސްފައި ކަމަށްވާތީއެވެ. އެއްވެސް މީހެއްގެ ލޯބި ނުލިބި އުޅެމުން ދިޔައެވެ. ދުނިޔެ ދައުރުވާފަދައިން މިއުވާންގެވެސް ކިޔެވުން ކުރިއަށް ދިޔައެވެ. މަޖީދިއްޔާއިން އޯލެވެލް ހެދިއެވެ. ޑިގްރީ ނެގުމަށްޓަކައި ތިންއަހަރު މެލޭޝިޔާގައި އޭނާ ހުއްޓެވެ. އެދުވަސްތަކުގައި ވަރަށްގިނަ ރަނގަޅުކަންތައް ދަސްވިއެވެ. ދީނާބެހޭގޮތުން އެއްޗެއް ދަސްވީ އެދުވަސްވަރުގައެވެ. ކިޔަވާ ނިންމައިގެން މާލެ އައިއިރުވެސް އޭނާއަށް ލިބިގެންދިޔައީ ހަމަ އެ އެކަނިވެރިކަމެވެ. އެހެންކަމުން ވަޒީފާއަކަށް ދާން މަންމަ ގާތު އެދުނެވެ.

"ދަރިފުޅު ބައްޕަގެ ރިސޯޓަށް ދާންވީނު." މަންމަ ބުންޏެވެ.

"ކީއްކުރަން. ރިސޯޓުގައި މަސައްކަތް ކުރާކަށް ބައްޕައަކަށް ނުފެނޭ. ވެރިންގެ ދަރިން މަސައްކަތް ކުރޭތަ؟"

"މިއުވާން ފޫހިވަނިއްޔޯ." މަންމަ ބުނީ ބައްޕައާއި ދިމާއަށެވެ.

"އަދި ކިޔަވާ. ވަޒީފާއަކަށް ދާނީ ކިޔެވުން ނިންމާފައި. މިއުވާން މިފެށޭއަހަރު މާސްޓަސް ހަދަންވާނެ." ބައްޕަ ނިކުމެގެން ދިޔައީއެވެ. މަންމަ އޮފީހަށް ދިޔައީއެވެ. މިއުވާން އެކަނިވީއެވެ. އިންޓަނެޓާއި ކޭބަލްޓީވީއަކުން އޭނާގެ ފޫހިފިލާ ގޮތެއް ނުވިއެވެ. އޭރު ގޭގައި މަސައްކަތް ކުރަން އުޅެނީ ފުޅަދޫ އަންހެންކުއްޖެއް ކަމަށްވާ ރީޝާއެވެ. މިކުއްޖާއަކީ މާފަންނު މަދަރުސާގެ ގުރޭޑް ނުވައެއްގައި ކިޔަވާ ކުއްޖެކެވެ.

މިއުވާން ރީޝާއާއިމެދު ރަހުމަތްތެރިކަން އުފެދެމުން ދިޔައެވެ. އެއްރޭ  މިއުވާނުގެ ރައްޓެހި ކުދިބަޔަކާއެކު އުޅެފައި ގެއަށް އާދެވުނީ ވަރަށް ދަންވި ފަހުންނެވެ. އޭރު ބަނޑުހައިވެފައި ހުރުމުން ރީޝާއަށް ގޮވަން ދިޔައީ ކާންހަދަން ބުނަން ވެގެންނެވެ. ކުއްލިއަކަށް ހުއްޓެވުނީ ކޮޓަރީގައި ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. މިއުވާން ތަޅުދަނޑިވަޅުން ކޮޓަރި އެތެރެ ބަލާލާހިތްވީ ކީއްވެ ކަމެއް ނޭނގުނެވެ. އޭނާ ސިއްސައިގެން ދިޔައީ ފަނޑު އަލިކަމުގައި ރީޝާއާއި އެކު އޭނާގެ ބައްޕަ ވަނިކޮންނެވެ. މިދަންވަރު ބައްޕަ އެކޮޓަރިން ފެންނަން ޖެހޭނެ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

މިއުވާނަށް ފަހަތަށް ޖެހިލެވުނެވެ. އޭނާ މަންމަ ފެނޭތޯ ދިޔައެވެ. މަތީބުރީގައިވެސް މަންމަ ނެތުމުން އޭނާ މަންމަވީ ހަފްތާ ބަންދު ފާހަގަ ކުރުމަށް ރިސޯޓަށް ގޮސްފައިކަން އޭނާއަށް ޔަގީންވިއެވެ. މިކަމާއި މިއުވާން މޮޔަނުވީ ކިރިޔާއެވެ. އޭނާ ބޭރަށް ނިކުތެވެ. އޭރުވެސް އޭނާގެ ރައްޓެހިން މަގުމަތީ ތިއްބެވެ. އެމީހުން އޭނާ ގެންދިޔައީ ކުކުޅު ކޮއްޓެއްވަރު ކުޑަކުޑަ ކޮޓަރިއަކަށެވެ. ހަނި ގޯޅިއަކުން ވަދެވޭ މިކޮޓަރި ހުރީ ވަރަށް ބާވެފައިވާ ފިލައިން ހަތަރު ބިތް ޖަހާފައެވެ. ބެޑްޝީޓެއްވެސް ނެތް ހުސް ގޮދަނޑި އޮތީ ގިނަ ދުވަސްވުމުގެ ސަބަބުން ފިތިފައެވެ. އޭރު ކޮޓަރީގައި ދެއަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިން ތިއްބެވެ. ދުމުގެ އަސަރުންނާއި ބެދިފައިވުމުގެ ސަބަބުން ކޮޓަރި ވަނީ ހާސްވެފައެވެ.

"މި ބޯލާ…" އަހުމަދު ކޯކު ފުޅިއެއް ދެމުން ބުންޏެވެ.

"މިހުރީ ނާން. މީ އިޝާ ދެން މިހުރީ މޯޑް އަދި އައްޔަ." އަހުމަދު އެކުދިން ތައާރަފު ކޮށްދިނެވެ. ހުރިހާ ކުދިންވެސް މި އާ ރަހުމަތް ތެރިޔާއަށް ކީ ވަރަށް ހޫނު މަރުހަބާއެކެވެ. މިތަނުން އޭނާއަށް ލިބުނީ ގެއިން ދުވަހަކުވެސް ނުލިބޭފަދަ ގާތްކަމެކެވެ. އެމީހުންގެ އެދުމުގެ މަތިން އެރޭ އޭނާ ބުއީ ހަމައެކަނި ކޯކެވެ. އެގޮތަށް މަހެއް ވީއިރު އޭނާ ވަނީ އެ ގުރޫޕު ކުދިންގޮތަށް ބޯދިގުވެ ނިޔަފަތިތައް ދިގުވެފައެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *