އިސްލާމް ދީނަކީ، ޢިލްމީ ޤާބިލްކަމެއް ނެތް، ބޯދާ ދީނެއްކަމަށް ކުރެވޭ ހީއަކީ، ވަރަށް ބޮޑު ކުށްހީއެކެވެ. ޙަޤީޤަތުގައި، ޢިލްމާއި ތަހުޒީބާއި ތަމައްދުނުގެ ރޮނގުގައި ހުޅަނގުގެ ޤައުމުތަކަށް ލިބުނު ހުރިހާ މޮޅަކާއި ޝަރަފެއް ރައްދުވާ ބަޔަކީ މުސްލިމް ޢިލްމްވެރިންނެވެ. އެހެނީ، އިސްލާމީ އުއްމަތް ދުނިޔޭގެ އަލިކަން ދުށްތާ، މާގިނަ ދުވަސްތަކެއްނުވެ، އެ އުއްމަތުގެ އަފުރާދުންގެ ތެރޭގައި، ދުނިޔެ ސިއްސުވާލާފަދަ ހަރުދަނާ ލީޑަރުންނާއި، ގަދަފަދަ ކޮމާންޑަރުންނާއި ބޮޑެތި ޢިލްމްވެރިން އުފެދުނެވެ. ޙިޖާޒު ކަރައިގެ އުސް ފަރުބަދަތަކާއި، ހަނަފަސް ސަހަރާތައް ކަޑައްތުކޮށް އިސްލާމީ އުއްމަތާއިގެން، ޙަޟާރަތުގެ އެންމެ އުސް ކުންނާހަމައަށް އެ ބޭފުޅުން ދަތުރުކުރެއްވިއެވެ. މިދެންނެވި ޒަމާނުގައި، ޔޫރަޕްގެ ދައުލަތްތަކަށް، އެބައިމީހުންގެ ފައިސާ ޖަހައިދިނީ މުސްލިމުންނެވެ.
ކީރިތި ގުރްއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުއްނަތުގެ އަލީގައި އޭރު ތިއްބެވި މުސްލިމް އިލްމުވެރިން ވަނީ، ދީނީ ތަޢުލީމްގެ އިތުރުން، އެތައް އެތައް ޢިލްމަކުން ތަޖުރިބާތައް ކޮށް ކުރި ހޯދާފަ އެވެ. އޭގެ ތެރޭގައި ކެމިސްޓްރީއާއި އަލްޖަބްރާއާއި، ފަލަކީ ޢިލްމާއި ބޭސްވެރިކަމާއި، މާލިމީ ކަމާއި ޢިމާރާތް ކުރުމުގެ ޢިލްމް ފަދަ އެތައް ޢިލްމެއްގައި، އާ ތިޔަރީތައް ބިނާކޮށް، އޭގެ އެންމެ އަގުހުރި ނަތީޖާތަކާ ހަމައަށް ވާޞިލުވެފައެވެ. އޭރު މުސްލިމް ޢިލްމުވެރިން ލިޔުއްވި ބޭސްވެރިކަމުގެ ފޮތްތައްވަނީ މީލާދީން 16 ޤަރުނާ ހަމައަށް ރެފަރެންސް ފޮތްތަކެއްގެ ގޮތުގައި، ޔޫރަޕްގައި ވެސް ބޭނުން ކޮށްފައެވެ. އަދި ކޮބައިހެއްޔެވެ؟ ބޮޑެތި ރަށްތައް ބިނާ ކުރުމާއި މަގުތައް އާރާސްތު ކުރުމަށް ބެލިޔަސް މުސްލިމުން އޭރު ތިބީ މާކުރީގައެވެ. ޔޫރަޕްގެ މަގުތަކުން ދުވާލު އަރާ ހިރަފުހާއި، ރޭގަނޑުގެ ކަނު އަނދިރިކަމުގައި ދެވޭނުދެވޭ ދިމާއެއް ނޭނގި މީސްތަކުން އުޅުނުއިރު، މުސްލިމުން ވަނީ، އެމީހުންގެ ރަށްތަކުގައި ޒަމާނީ މާރުކޭޓުތައް ހަދައި މަގުތައް ދިއްލައި، ހަސްފަތާލުތަކާއި، ޔުނިވާސިޓީތަކާއި، މަދްރަސާތައް ބިނާކޮށްފައެވެ. އުނގެނުމުގެ ކޮންމެ ރޮނގެއްގައި، މުސްލިމުން ވަނީ، އެ މީހުންނަށް ތަބާވެގެން ނޫނީ، އެހެންބަޔަކަށް ކުރިޔަށް ނުދެވޭ ވަރަށް، ކުރިއަރައިފައެވެ.
މި ކުރިއެރުން މުސްލިމުންނަށް ލިބުނީ، ހަރުދަނާ ޢަޤީދާ އަކާއި، ވަރުގަދަ ޢިލްމީ ބިންގަލެއްގެ މަތީގައި މުސްލިމުންގެ ޖީލުތައް ތަރުބިޔަތު ކުރެވުމުންނެވެ. މި އުއްމަތުގެ މާތް ނަބިއްޔާ صلى الله عليه وسلم އަށް، އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތްތަކަށް ނަޒަރު ހިންގާލުމުން ވެސް މިކަން ހާމަވެއެވެ. އެ އާޔަތްތަކުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿ اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ * خَلَقَ الْإِنسَانَ مِنْ عَلَقٍ * اقْرَأْ وَرَبُّكَ الْأَكْرَمُ * الَّذِي عَلَّمَ بِالْقَلَمِ * عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴾
މާނައީ: " ކަލޭގެފާނުގެވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، ގަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.“ އަދި މުއުމިނުންނާއި އިލްމުވެރިންގެ ދަރަޖަ މަތިވެރި ކުރެއްވިކަން އަންގަވައި، އެކަލާނގެ ވަޙީކުރައްވަފައި ވެއެވެ. ﴿ يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ۚ ﴾ ނޫމާނައީ: " ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، އިލްމު ލިބިގެންވާމީހުން ﷲ ދަރަޖަތަކަށް އުފުއްލަވާނެތެވެ."
ޢިލްމާއި އަޚްލާޤުގެ މަތިގައި ޖީލެއް ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިޔަތުގައި ޤުރުއާންގެ މަންހަޖަށް ރުޖޫޢަވެގެންނެވެ. އެ މަންހަޖަކީ ވިސްނައި ފިކުރުކުރުމުގެ މަންހަޖެވެ. ކީރިތި ގުރްއާނަށް ފުންކޮށް ނަޒަރުހިންގުމުން ދޭހަވަނީ، ﷲ ތައާލާ މަޢުރިފާކޮށް ދެނެގަތުމުގައި އޮތް އެންމެ ފުރިހަމަ މަންހަޖަކީ،
ވިސްނައި ފިކުރުކުރުމުގެ މަންހަޖެވެ. މި ކަމަށް އިޝާރާތް ކުރައްވައި، ﷲ ތަޢާލާ އެކަލާނގެ ފޮތުގައި ވަޙީކުރައްވާފައި ވެއެވެ. ﴿ إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ * الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ﴾ މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލު ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއް ވެއެވެ. އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެ ތިބެގެންނާއި، އޮށޯވެ ތިބެގެން، ﷲ ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭ މީހުންނެވެ. (އެއުރެން ދަންނަވާނެތެވެ. ) އަޅަމެންގެ ވެރި ރަސްކަލާކޮ! އިބަ ރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، ބާޠިލު ގޮތެއްގައެއްނޫނެވެ. އިބަ ރަސްކަލާނގެ ހުސް ޠާހިރު ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާދޭނވެ!"
(މަޢުލޫމާތު: ހުކުރު ޚުޠުބާ)
