ވާހަކަ: ވީމޭ ވަފާތެރި! އެހެނަސް… (3)

(ހުކުރު ދުވަހުގެ ނޫޙާއިގުޅޭ)

" ތިހާ ފަސޭހައިން ނިންމައެއް ނުލެވޭނެ! "

މަޑުމަޑުން ނާޝިޒަށް ބުނެލެވުނެވެ. އޭރު ކާގެއިން ނިކުމެގެން ޒައިބާ ގޮއްސިއެވެ.

ރިސޯޓްގައި ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ ދުވަސްކޮޅެއްކަމުން އަކްރަމްއަށް ޒައިބާއަކަށް ވަގުތެއް ނުދެވެއެވެ. ޑިޔުޓީ ނިމިގެން އައިސް ފޯން ބަލާލާއިރު ޒައިބާގެ މިސްކޯލްތަކުން އަކްރަމްގެ ހިތް ނުތަނަވަސްކުރެއެވެ. އަކްރަމްއަށް ލިބޭ ހުސްވަގުތު ކޮޅުގައި ޒައިބާ އުޅެނީ ސްކޫލްގައެވެ. އެހެންކަމުން ބައެއް ދުވަސްތައް ނިމިގެން ދަނީ އެކަކު އަނެކަކަށް ދޭންޖެހޭ ވަގުތު ނުދެވިއެވެ.

މިރޭވެސް އެނދުމަތީގައި އޮވެގެން ޒައިބާ އެތައް ފަހަރަކު ގުޅިއެވެ.

" ލޯބި! ވަރަށް ބިޒީ! ގެސްޓުން ތިބޭ އިރު ވާހަކަ ނުދެއްކޭނެކަން އެނގެއެއްނު! ޕްލީޒް ޓްރައި ޓު އަންޑަސް….. "

އަކްރަމްގެ ޖުމްލަ ނުނިމެނީސް ޒައިބާ ފޯނު ކަނޑާލިއެވެ. އަދި މޫނުމަތީގައި ބާލީސް އަޅައިގެން އޮވެ މަޑުމަޑުން ރޮމުންދިޔައެވެ. ކުއްލިއަކަށް ފޯނަށް މެސެޖެއް އައި އަޑު އިވުނު ނަމަވެސް އަކްރަމްގެ މެސެޖެއްކަން އޭނާއަށް ޔަޤީންވާތީ އަޅާނުލާ އޮތީއެވެ. އެހެނަސް އަނެއްކާވެސް ވައިބަރ މެސެޖް އެލާރޓްގެ އަޑު އިވުނެވެ. މޫނުމަތިން ބާލީސް ނަގާ، އަތުގެ ނުފުށުން ކަރުނަތައް ފޮހެލަމުން ޒައިބާ ތެދުވިއެވެ. އަދި އެނދުގެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލުމަށްފަހު ފޯން ބަލާލިއެވެ. ހީކުރި ގޮތާ ޚިލާފަށް އޭނާއަށް ލިބުނީ އަކްރަމްގެ މެސެޖެއް ނޫނެވެ.

" މިއަދު މީޓިންގއަށް ނައީމަ ޙާލު ބަލާލީ.. "

ލޫތުގެ މެސެޖް ކިޔާލުމަށްފަހު، ޒައިބާ ފޫހި ގޮތަކަށް އެނދުމައްޗަށް ފޯނު ވައްޓާލިއެވެ. އެއާއިއެކު އަނެއްކާވެސް މެސެޖެއް އައެވެ.

" މީޓީންގަ ހައުސްތަކަށް މާސްޓަރުން ނެގި! ދުވެލި ހައުސްގެ މާސްޓަރއަކީ އަހަރެން! އެސިސްޓެންޓަކީ ޒައި! "

ދެވަނަ މެސެޖް ކިޔާލުމަށްފަހު އެއްޗެއް ނުބުނެ ހުންނާކަށް ޒައިބާއަކަށް ނުކެރުނެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ޓައިޕްކުރަން ފެށިއެވެ.

" އޯހް! އެހެންތަ؟ ރަނގަޅުވާނެ ހަމަ! ނިދަން މިއޮތީ. ގުޑްނައިޓް! "

މިރޭ އެއްވެސް މީހަކާ ވާހަކަ ދައްކާކަށް އޭނާގެ މޫޑެއް ނެތެވެ. އެހެންކަމުން ޒައިބާ ބޭނުންވީ އަވަހަށް ނިދާލާށެވެ. ކިތަންމެ ދަން ވަންދެން ނުނިދާ އޮތަސް އޭނާގެ ހިތަށް އުފާވެރިކަން ގެނެސްދޭ ފޯންކޯލް ނާންނާނެކަން އޭނާއަށް އެނގެއެވެ.

" އޯކޭ! ގުޑްނައިޓް! ބީ ހެޕީ .."

ހެޕީ ފޭސް އިމޯޖީއެއް ޖަހާފައި ލޫތު ފޮނުވާލި މެސެޖުން ޒައިބާއަށް ހިނިތުންވެވުނެވެ. އެހެނަސް އިތުރަށް މެސެޖެއް ނުކޮށް އޭނާ އަނެއްކާވެސް އޮށޯތެވެ.

ފަތިސް ނަމާދުކޮށްގެން ޒައިބާ ބަދިގެއަށްވަނީ ކޮފީއެއް ބޯށެވެ. ބަދިގެއަށް ވަނުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ މޭޒުކައިރީގައި އިން ނާޝިޒެވެ. ބަދިގެއަށް ވަންނަން ޖެހިލުންވި ނަމަވެސް ޒައިބާ ބާރުބާރަށް ވަދެގެން ދިޔައެވެ.

" ފެންޖަގު ޖައްސައިގެން އަހަރެން މިއިނީ! އަހަންނަށްވެސް ކޮފީއެއް ހަދައިދޭންވީނު؟ "

ނާޝިޒް އެހެން ބުނުމާއެކު ޒައިބާއަށް އޭނާ އާއި ދިމާއަށް ބަލާލެވުނެވެ. ހަމަ އެއާއިއެކު އާތިކާ ވަދެގެން އަންނަތަން ޒައިބާއަށް ފެނުނެވެ.

" ޒައިބާ ކޮފީ ހަދަނީތަ؟ ދޮންތަބޭއަށްވެސް ކޮފީއެއް ހަދާލަދީބަލަ! ކަޅެއް އިނގޭ! އޭނައަކަށް ނުކެރޭނެ ބުނާކަށް. މާ ލަދުން އުޅޭނީ. ކިތަންމެ ބަނޑުހައި ވިޔަސް މީހެއްގާތު ކާން ހަދާލަދޭކަށް ނުބުނާނެ. މަންމަގާތުވެސް ނުބުނާނެ. ހުރިތާކުން ހަމަ ދޮންތަ އަންނަން ޖެހޭނީ. މިހާރުވެސް އެއިނީނު ކޮފީއަކަށް ނުބުނެ! "

ކަބަޑުން ޖޯޑެއް ނެގުމަށްފަހު އާތިކާ ޒައިބާގެ އަތަށް ދިއްކޮށްލިއެވެ. ނާޝިޒަށް ނީވޭ ވަރަށް އޭނާ އެއްފައްޗަކަށް ޒައިބާ ގާތު ހުރިހާ ވާހަކައެއް ދައްކާ ނިންމާލުމާއެކު ޒައިބާ ހައިރާންވިއެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ ޒައިބާއަށް ނާޝިޒްގެ ގޮތް ވަނީ ދެނެގަނެވިފައެވެ. އާތިކާ ދެއްކި ވާހަކަތަކާއި ނާޝިޒްގެ އަސްލު ސިފަ ހާސްބައި ތަފާތޭ ޒައިބާގެ ހިތަށް އެރިއެވެ. ޒައިބާގެ އަތަށް ޖޯޑެއްދީފައި އާތިކާ ނިކުންނަން ހިނގައިގަތުމާއެކު ނާޝިޒް ބުނެލިއެވެ.

" އާތިކާ ދަނީތަ؟ "

" އާނ! ކުޑަކޮށް ބޮލުގައި ރިއްސާތީ އޮށޯވެލަން މިދަނީ! "

އާތިކާ އެހެން ބުނުމަށްފަހު ނިކުމެގެން ދިޔައެވެ. އެހިސާބުން ޒައިބާގެ ހިތް އިތުރަށް ނުތަނަވަސް ވާންފެށިއެވެ. އެހެންކަމުން އޭނާ ބޭނުންވީ އަވަހަށް ނިކުމެގެން ދާށެވެ. ނާޝިޒަށް ހެދި ކޮފީތަށި މޭޒުމަތީ ބެހެއްޓުމަށްފަހު އޭނާ އެނބުރި އައިސް ހުއްޓުނީ، ކާގޭގެ އެއްފަރާތެއްގައި ހުރި ކަބަޑުސެޓް ކައިރީގައެވެ. ކަބަޑަކުން އޭނާ އެންމެ ގަޔާވާ ޔޭޔޭ ކޮފީ ޕެކެޓެއް ކަނޑާލުމަށްފަހު ޖޯޑަކަށް އޮއްސާލީވެސް އެހާ އަވަސް އަވަހަށެވެ.

" ދުވަހަކުވެސް މިހާ މީރު ކޮފީއެއް ނުބޮން! ދެން ކޮންމެ ދުވަހަކުވެސް އަހަންނަށް ކޮފީއެއް ދެއްޗޭ! "

ކުއްލިއަކަށް އިވުނު ނާޝިޒްގެ އަޑުން ޒައިބާއަށް ތެޅިގަނެވުނެވެ. ސިއްސައިގެންގޮސް ޒައިބާ އެނބުރިލިވަގުތު އޭނާ ޖެހުނީ ދާދި ގާތުގައި ހުރި ނާޝިޒްގެ ގައިގައެވެ.

" އޭތް! "

ރުޅި އާދެވުނުވަރުން ޒައިބާއަށް ބާރުބާރަށް ބުނެލެވުނެވެ.

" ތިއަށްވުރެ ދުރުގައިވެސް ހުރެވިދާނެދޯ! "

ޒައިބާ ރުޅިއައިސްފައި ހުރިތަން ފެނި ނާޝިޒް އަވަސް އަވަހަށް ދުރަށް ޖެހިލިއެވެ. ޒައިބާ ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނުން ނިކުމެގެން ދާށެވެ. ނަމަވެސް ހިނގައިގަތުމަށް އެޅި ފިޔަވަޅުމަތީގައި އޭނާއަށް މަޑުކޮށްލެވުނީ ބާރުބާރަށް އޭނާގެ އަތުގައި ނާޝިޒް ހިފުމުންނެވެ.

" ކޮފީ ވަރަށް މީރު! ތޭންކްސް! "

އޭނާ އެހެން ބުނުމާއެކު ޒައިބާ އަތްފޮޅުވާލާ، ކާގެއިން ނިކުންނަން ދުއްވައިގަތެވެ. އޭރުވެސް ލާނެތް ހިނިތުންވުމެއްގައި ނާޝިޒް ހުއްޓެވެ.

ކޮޓަރިއަށްވަދެ، އެނދުމައްޗަށް ވެއްޓިގަނެގެން އޮވެ ޒައިބާއަށް ރޮވެމުންދިޔައެވެ. ހިތް ފުރެންދެން ރޯލުމަށްފަހު، އޭނާ ގަޑިބަލާލީ ސްކޫލަށްދާންޖެހޭނެކަން ހަނދާންވުމުންނެވެ. އޭރު ގަޑިން ހައެއް ޖަހަނީއެވެ.

" ގުޑް މޯނިންގ ޖާން!"

އަކްރަމްގެ މެސެޖް ކިޔާލެވުމާއެކު ޒައިބާ އަވަސް އަވަހަށް އަކްރަމްއަށް ގުޅިއެވެ.

" ހަ… ހަލޯ! "

ވަރަށް އުނދަގުލުން ޒައިބާ ބުންޏެވެ. ނާޝިޒްގެ ހުރިހާ ވާހަކައެއް އަކްރަމަށް ކިޔައިދޭން އޭނާ ބޭނުންވިއެވެ. ޔަގީނެވެ. އަކްރަމް ހުރިތާކުން އައިސް ޒައިބާއަށް ހިމާޔަތްދޭނެއެވެ. ޔަގީނެވެ. އަކްރަމް ޒައިބާގެ ހުރިހާ ވާހަކައެއްވެސް ގަބޫލުކުރާނެއެވެ. އަކްރަމާމެދުގައި އޮތް ޔަގީންކަމަށްޓަކައިވެސް ޒައިބާ ބޭނުންވީ ހުރިހާ ވާހަކައެއް ޙިއްސާކުރާށެވެ.

" ޒައި! މިހާރު މިއިނީ ބަގީގަ! ގެސްޓް އޭރިއާއަށް މިވަންނަނީ! ގުޅާލާނަން ފްރީވީމަ!"

ޒައިބާގެ ޖަވާބަކަށް މަޑުކޮށްލުމެއްނެތި އަކްރަމް ފޯން ކަނޑާލިއެވެ. ގެސްޓުން ތިބޭއިރުގައި ފޯނުން ވާހަކަ ދެއްކުމަކީ މަނާކަމެއްކަމުގައި ކުރިންވެސް އަކްރަމް އޮތީ ޒައިބާގާތު ބުނެފައެވެ. އަކްރަމް ފޯން ބޭއްވުމުން ޒައިބާ ރުޅިގަދަވިއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އޭނާ ތެދުވެ ފާޚާނާއަށްވަނެވެ.

އެސެމްބްލީ ނިންމާލުމަށްފަހު މަރީއާއިއެކު ޒައިބާ ސްޓާފްރޫމަށްވަނެވެ.

" ހާދަ މޫޑީވެފަ؟ ކަމެއްވީތަ؟ "

މަޑުމަޑުން މަރީ އަހާލިއެވެ. އެއާއެކު ޒައިބާ ގަދަކަމުން ހިނިތުންވެލަމުން ބޯ ހޫރާލިއެވެ.

" ރޭގަ ނުނިދަނީތަ؟ "

މަރީ އަނެއްކާވެސް އަހާލިއެވެ. ޒައިބާއަކީ އޭނާގެ ކަންތައްތައް މީހުންނާ ހިއްސާކުރާހިތްވާ މީހެއްނޫނެވެ. އެހެންކަމުން މަރީގާތު އޭނާ ދޮގުހެދިއެވެ.

" ހޫމް.. ކޮފީއެއް ބޯލީމަ އޯކޭވެދާނެ! ދެން އޮތް ގަޑި ނިންމާލާފަ ދާންވާނެ މަށާއެކު ޓީރޫމަށް! "

އެހެން ބުނުމަށްފަހު ޒައިބާ ލެޕްޓޮޕް ހުޅުވާލިއެވެ. އެއާއިއެކު މޭޒުމަތީގައި އޮތް އޭނާގެ ފޯން ރިންގްވާންފެށިއެވެ. ވަށައިގެން ދުރުދުރުގައި ތިބި އެހެން ސްޓާފުންނަށް ބަލާލަމުން ޒައިބާ ފޯންނެގިއެވެ.

" ސޮރީ ދޫނި! އަސްލު ވަރަށް ބިޒީ މިދުވަސްވަރު! ސައިބޯން އައިސް މިގުޅާލީ! ކްލާހެއްގައިތަ؟ "

އަކްރަމް ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ނަމަވެސް ހަމަހިމޭންކަން ވެރިވެފައިވާ ސްޓާފްރޫމްތެރޭގައި އިނދެގެން ވާހަކަ ދައްކާކަށް ޒައިބާއަކަށް ނުކެރުނެވެ.

" ގެއަށް ގޮސް ގުޅާލާނަން އިނގޭ! " އަވަސް އަވަހަށް ޒައިބާ ފޯން ކަނޑާލުމަށްފަހު މެސެޖް ލިޔަން ފެށިއެވެ. އެހާ ބިޒީކޮށް އޭނާ އުޅެނިކޮށް އިތުރަށް ހާސްކުރާކަށް ޒައިބާއަކަށް ނުކެރުނެވެ. އެހެންކަމުން ނާޝިޒްގެ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއްނުވިއެވެ. އިތުރަށް ކަމެއް ގޯސްވިއްޔާ ނޫނީ އެވާހަކަ ނުދައްކަން އޭނާ ނިންމިއެވެ.

" ބަލައިގެން އުޅެއްޗޭ ލަވް! "

ހިނިތުންވެ އިނދެ ޒައިބާ މެސެޖް ފޮނުވާލިއެވެ. ޖަވާބުގައި އަކްރަމް ފޮނުވީ ހާޓެކެވެ.

ގަޑިން އެއްގަޑި ބައިވަނީއެވެ. އޭރު އެއްބަޔަކު ގެއަށް ގޮއްސިއެވެ.

" ޒައި ގެއަކަށް ނުދަންތަ؟ "

ހާސްވެފައި އިން ޒައިބާ އިސްއުފުލާ ބަލާލީ ލޫތުގެ އަޑަށެވެ.

" މިއުޅެނީ މާދަމާއަށް ރެޑީކުރި ޕްރެޒެންޓޭޝަނަށް ވީނުވީއެއް ނޭނގިގެން! އަޅެ މާދަމާ އަހަރެން އޮބްޒަވޭޝަން ގަޑިއޭ! "

ޒައިބާ ކިޔަވައިދޭގޮތް އޮބްޒަރވް ކުރުމަށްޓަކައި ސްޕަވައިޒަރެއް ކްލާހަށް ދުރުވާނެކަމަށް ބުނެފައި އޮތުމުން އޭނާ ވަރަށް ރަނގަޅަށް ތައްޔާރުވިއެވެ.

" ސޭވްވެސް ކުރީމޭ! އެކަމަކު ނޭނގެ ނެތް މިހާރަކު! ދެން ނުވެސް ހެދޭނެ! އަހަންނަށް އޭތި ހެދުނީ އެއް ހަފްތާއިން!"

އެހެން ބުނެވުމާއެކު ޒައިބާއަށް ރޮވުނެވެ. ލޫތު އަވަސް އަވަހަށް ޒައިބާގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.

" އޭ! އަދި ރޯކަށް ނުވެއެއްނު! އަހަރެންވެސް މިހުރީނު ހެލްޕް ދޭނަމޭ! "

ލޫތު އެހެން ބުނުމާއެކު ދަބަހުން ޓިޝޫއެއް ނަގާ ޒައިބާ ދެލޯ ފޮހެލިއެވެ. އަދި ލޫތުއަށް ބަލާލުމަށްފަހު އޭނާ އާދައިގެ ގޮތަކަށް ހީލިއެވެ.

" ސޮރީ! މާބޮޑަށް ހާރޓްވީ! މާދަމާގެ ސައިންސްގަޑިއަށް އަހަރެންގެ ނެތް އިތުރު ޕްލޭނެއްވެސް! ލާސްޓް ވީކް އެއްކޮށް އަހަރެން ޕްލޭން ހެދީ ޕްރެޒެންޓޭޝަނުން ކިޔަވައިދޭންވެގެން! ލެސަންޕްލޭންވެސް އެގޮތަށް ހަދާފަ އޮންނާނީ! "

ދެރަވެ ދެރަވެފައި ޒައިބާ ކިޔަމުންދިޔައެވެ. އަތުގެ އިނގިލިތަކުން މޭޒުގައި ޖަހާލަމުން ލޫތު ތެދުވިއެވެ.

" ދީބަލަ ޒައިގެ ސައިންސް ފޮތް! ދެން ހަދަން ބޭނުންވާ ލެސަން ދައްކަބަލަ! އޭރުން ތިކަންވެދާނެ! "

" އެކަމަކު. ލޫތުއަށް އުނދަގޫވާނެއެއްނު! މާދަމާއަށް މި ބޭނުންވާނޭ! "

ޒައިބާ ހައިރާންވެފައި ބުންޏެވެ. އެއާއިއެކު ލޫތު ހިނިތުންވެލަމުން ބޯޖަހާލިއެވެ.

" އަހަރެންގެ ލެޕް އޮތީ ހަލާކުވެފަ! ޒައިގެ ލެޕް ދޭންވީނު. ނިންމާލާފަ ޙަވާލުކޮށްލާނަން! ސްކޫލަށް އައުމުގެ ކުރިން ބަލާލަންވެސް ޖެހޭނެއެއްނު.. ޓްރަސްޓްމީ! ނިންމާލަދޭނަން! "

ދެފިކުރެއްގައި ހުރެފައި ޒައިބާ ލޫތުއަށް އޭނާގެ ލެޕްޓޮޕް ދިނެވެ.

" ތޭންކްސް.. " ހިނިތުންވަމުން ޒައިބާ ބުންޏެވެ. އެއާއި އެކު ލޫތުވެސް ހީލިއެވެ. ޒައިބާއަށްވުރެ ކުރިން ލޫތު ނިކުމެގެން ދިޔައެވެ.

ޒައިބާވެސް ތައްޔާރުވީ އަވަހަށް ގެއަށް ދާށެވެ.

" ޒައިބާއަކަށް އަކްރަމް ނުގުޅާތަ؟ "

ގެއަށް ވަނުމާއެކު ސޯފާގައި އިން ޝަކީލާގެ އަޑު ޒައިބާއަށް އިވުނެވެ. އެއަޑުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހުރިކަން ޒައިބާއަށް ފާހަގަކުރެވުނެވެ. އެހެންކަމުން ޝަކީލާއާއި ވާހަކަ ދައްކާލަން އިށީނދެލަން ޒައިބާގެ ހިތަށް އެރިއެވެ. އަތުގައި ހުރި ފޮތްކޮޅު އުނގުމަތީގައި ބަހައްޓާލަމުން ޒައިބާވެސް އައިސް ޝަކީލާއާ ޖެހިގެން ހުރި ސޯފާގައި އިށީނެވެ.

" ނޫނޭ މަންމާ އަކޫ ގުޅާ! "

ޒައިބާ ބޭނުންވީ އޭނާއާއި އަކްރަމްގެ ގުޅުން ރަނގަޅުކަން ޝަކީލާއަށް ހާމަކޮށްދޭށެވެ.

" އެހެންތަ؟ ދެން މިހާރު މުހިއްމުވާނީ އަނބިމީހާވިއްޔަ! އަކްރަމް މީހަކާ އިނުމުގެ ކުރިން އަހަންނަށް ނުގުޅާ ދުވަހެއް ނުދާނެ! މަންމަ ކައިފިތޯ ބަލިތޯ ބަލާނެ! އެކަމަކު މިހާރު މައެއް ދުނިޔޭގައި ހުރިކަމެއްވެސް ނޭނގެ! "

ޝަކީލާގެ ވާހަކަތަކުން ޒައިބާއަށް ވަރަށް އަސަރުކުރިއެވެ. ހަގީގަތަކީ ޒައިބާއަށްވެސް އަކްރަމް މާގިނައިން ނުގުޅާކަމެވެ. އެކަމަކު ޒައިބާ އެހެން ބުނަން ބޭނުން ނުވީ މަންމަ ވިސްނާނެ ގޮތެއް އޭރު އޭނާއަށް ނޭނގޭތީއެވެ.

" ގުޅާ ފަހަރަކުން ބުނެލާތި މަންމަ އަދި މަރުނުވާ ވާހަކަ! "

އެހެން ބުނުމަށްފަހު ޝަކީލާ އަވަސް އަވަހަށް ތެދުވިއެވެ.

" މަންމާ! އޭނަ އުޅެނީ ވަރަށް ބުރަކޮށް! އެހެންވެ އަހަންނަށްވެސް އެހާ ވަރަކަށް ނުގުޅާ! "

ޝަކީލާ ހިތްހަމަ ނުޖެހިފައި ހުރުމުން ޒައިބާއަކަށް ހަމަޖެހުމެއް ނުލިބުނެވެ.

" މީގެ ކުރިންވެސް ހަމަ ތިބުރައިގަ އޭނާ އުޅުނީ! އަހަރެން ހިއެއް ނުކުރަން އަހަރެންގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު އެހާ އަވަހަށް އަހަންނަށް ގެއްލިދާނެކަމަކަށް! "

އަނެއްކާވެސް ޝަކީލާ ބުނެލީ ޒައިބާއަށް އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ޝަކީލާ ގޮސް އޭނާގެ ކޮޓަރިއަށް ވަންނަންދެން ޒައިބާއަށް ހުރެވުނީ ބަލާށެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ގޮސް ކޮޓަރިއަށްވަނެވެ. އަދި އެނދުމަތީ އިށީނދެ އިނދެ ފުންކޮށް ވިސްނަމުންދިޔައެވެ.

" ކިހިނެއްބާ ވާން މިއުޅެނީ؟ އަކޫގެ މަންމަ އަހަރެން ބްލޭމް ކުރަނީތަ؟ އެކަމަކު… އަކޫ އެމީހުންނަށް ނުގުޅިޔަސް އެއީ އަހަރެންގެ މައްސަލައެއްތަ؟ "

ޚިޔާލްތައް އެއްފަރާތްކޮށްލަމުން ޒައިބާ ފޯންނެގީ އަކްރަމްއަށް ގުޅާށެވެ. ދެތިން ފަހަރު ގުޅާލުމުން އަކްރަމް ފޯންނެގިއެވެ.

" ޒައި! ހަމަ މިއައީ ނަމާދުކޮށްގެން! އަނެއްކާވެސް ދާންވީ އިރުކޮޅަކުން"

އަކްރަމް ތަންކޮޅެއް ހަމަޖެހިލައިގެން ހުރިހެން ހީވެގެން ޒައިބާ ބޭނުންވީ އެވާހަކަތައް ހިއްސާކުރާށެވެ.

" އަކޫ މަންމައަކަށް ނުގުޅަންތަ؟ "

" މި ވީކްގަ އަދި ގުޅާނުލެވޭ! ޓައިމެއް ވާއިރަށް ލޯބިއަށް މިގުޅަނީ! ދެން މަންމަ ބަލިވިޔަސް އެހެން ކަމެއްވިޔަސް ލޯބި ފަރާތުން އަހަންނަށް އެނގެއެއްނު! އެހެންވެ މާ ބިޒީކަމުން ގުޅާނުލެވެނީ!  ކިހިނެއްވީތަ ތިހެން ތިއެހީ؟ މަންމަ އެއްޗެއް ބުނީދޯ އަހަރެން ނުގުޅައޭ! "

ހަމަޖެހިލާފައި އަކްރަމް ވާހަކަ ދެއްކިނަމަވެސް ޒައިބާހުރީ ވަރަށް ބޮޑަށް އުދާސްވެފައެވެ.

" މަންމަ އެހެން ނުބުންޏަސް.. އަކޫ އަހަންނަށްވެސް ގުޅަނީ އެހާ މަދުން.. އެހެންވެ މިއަހާލީ! ކުރީގަ ގުޅަގުޅާފަ މިހާރު ނުގުޅަންޏާ މަންމަ ހީކޮށްފާނެ އަހަންނާ ހެދިއޭ ވެސް."

ޒައިބާ ބޭނުންވީ އަކްރަމަށް ވިސްނައިދޭށެވެ. ޝަކީލާ ދެއްކި އެއްވެސް ވާހަކައެއް އަކްރަމް ގާތު އޭނާ ބުނާހިތް ނުވީ އިތުރު މައްސަލައެއް ކުރިމަތިވެދާނެތީއެވެ.

" ޔެސް މެޑަމް! މާދަމާ ހީވޭ ތަންކޮޅެއް ލުއި ވާނެހެން! ގުޅާނަން މަންމައަށް! އެކަމަކު މިހާރު މިދަނީ ޑިޔުޓީއަށް.. "

އަކްރަމް އެހެން ބުނުމުން އޯކޭ އޭ ބުނެ ޒައިބާ ފޯން ބޭއްވިއެވެ.

ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. ޒައިބާއަށް އޮތީ ނިދިފައެވެ. ސިހިފައި އޭނާއަށް ހޭލެވުމާއެކު ކައިރީގައި އޮތް ފޯނުން ގަޑިބަލާލެވުނެވެ.

" އޯހް ނޯ! ބާރަ ޖަހަނީ؟ "

ޒައިބާއަށް ފުންމައިގެން ތެދުވެވުނެވެ. ލޫތުގެ ދިހަވަރަކަށް މިސްކޯލް ފެނުމުން އިތުރަށް އޭނާ ހާސްވިއެވެ.

" ނިދުނީއޭ! އޭތި ނިންމުނުތަ؟ އަޅެ މާދަމާގެ ފުރަތަމަ ގަޑިއޭ! އަހަރެން ތި ބަލާލަންވެސް ޖެހޭނެއެއްނު! "

އެއްފައްޗަކަށް ޒައިބާ އަމުނާލިއެވެ. އެއާއިއެކު ލޫތުގެ ހުނުމުގެ އަޑު ޒައިބާގެ ކަންފަތުގައި ޖެހުމުން އޭނާ ހައިރާންވިއެވެ.

" ކީއްވެ ތިހެނީ ؟ "

" ހެވޭނެ އެއްނު! ހާދަ އަވަހަށޭ ތި ހާސްވަނީ؟ ޒައި ތިގޮތް ދޫކޮށްލަން ވެއްޖެއެއްނު! އެހާ އަވަހަށް ޝޮކް ޖެހޭކަށް ނުވާނެ! "

ލޫތު އެހެން ބުނުމުން ޒައިބާ ކޮންމެވެސް ވަރަކަށް ލަދުގަތެވެ.

" ނިންމައިފީމޭ! ނުވައެއް ނުޖަހަނީސް ނިންމައިފިން. ވަރަށް ގިނައިން ގުޅިން. ތީ އެހާ އަވަހަށް ނިދާ ކުއްޖެއް ކަމެއް ނޭނގޭ ވިއްޔަ! "

" އަޅެ ލޫތު ހާދަ ރަނގަޅޭ! ލެޕް ގެނެސްދޭންވީނު! އާދޭ މިގޭ ދޮރުމައްޗަށް ހިފައިގެން! އަހަރެން މި ނިކުންނަނީ! "

ޒައިބާ ފޯން ބާއްވަން އުޅެނިކޮށް ލޫތު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

" އަނެއްކާ ތިގޭ މީހުން ރުޅިއެއް ނާންނާނެތަ؟ "

"ކީއްވެ ރުޅި އަންނަންވީ؟ އަހަރެމެން މިއުޅެނީ ވަގަށް ކަމެއް ކުރަންތަ؟ އޯކޭ އަވަހަށް އާދެބަ! "

ފޯން ބޭއްވުމަށްފަހު ޒައިބާ އަވަސް އަވަހަށް ބޮލުގައި ޝޯލް އޮޅާލާ ފަހަތަށް އެއްލިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރާށި ކައިރީ މަޑުކޮށްލައިގެން ހުރީ ލޫތުގެ އިންތިޒާރުގައެވެ. ސައިކަލެއްގެ އަޑު އިވުމާއެކު ބޮޑު ދޮރުހުޅުވާލުމަށްފަހު އޭނާ ނިކުތެވެ.

ޒައިބާ ފެނުމާއެކު ލޫތުގެ ހިތް އަވަސްވީކަން އިޙްސާސް ކުރެވުނެވެ. ހުދުކުލައިގެ އަތްދިގު  ދޫ ޓީޝާޓަކާއި ކަޅުކުލައިގެ ބޮޑުހަރުވާޅެއް ލައިގެން ހުރި އިރު ޒައިބާ ފެންނަލެއް ވަރަށް ހިތްގައިމެވެ. ނުރަސްމީ އެއްޗެހީގައި އޭނާ ހުއްޓާ  ލޫތުއަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. މޭކަޕްނުކޮށް ހުންނައިރު ޒައިބާ މާ ފުރިހަމައޭ ލޫތުގެ ހިތަށް އެރިއެވެ.

" ހޫމް.. ސައިކް ލައިޓް ނިއްވާލަބަ! "

މޫނުމަތީގައި އަތް ހުރަސްކޮށްލަމުން ޒައިބާ ބުންޏެވެ. އެއާއިއެކު އަވަސް އަވަހަށް ލޫތު ސައިކަލް ނިވާލިއެވެ. ޒައިބާ އައިސް ހުއްޓުނީ ލޫތުގެ ސައިކަލް ކައިރީގައެވެ.

" ޗެކްކޮށްލާފަ އޮޅުމެއް އަރަންޏާ ގުޅާތި! "

ލެޕްޓޮޕް ދިއްކޮށްލަމުން ލޫތު ބުންޏެވެ. ހިނިތުންވުމާއެކު ޒައިބާ އާނއެކޭ ބުނެ ލެޕްގައި ހިފިއެވެ.

" ތޭންކްސް.."

ޒައިބާ އެހެން ބުނުމާއެކު ދޮރާށި ދޮރު ހުޅުވުނު އަޑަށް ދެމީހުންނަށްވެސް އެދިމާއަށް ބަލާލެވުނީ އެއްފަހަރާއެވެ.

( ނުނިމޭ )

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *