އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް ވަގުތު ދޭން އެހާ އުނދަގޫވަނީ ކީއްވެގެން ހެއްޔެވެ؟ އަޅުގަނޑުމެންގެ މަސައްކަތާއި، ކުދިންނާއި، އާއިލާއާއި، އަދި އެހެނިހެން ޒިންމާތައް ވަގުތުގެ ކުރިމަތީގައި އަޅުގަނޑުމެން އަމިއްލަނަފުސަށް ވުރެ މުހިއްމުވަނީ ކީއްވެހެއްޔެވެ؟ އަމިއްލަ ނަފްސަށް އަޅާނުލުމަކީ ދިރިއުޅުމުގެ ސްޓްރެސްތަކާ ކުރިމަތިލާން އަހަރެމެން ރަނގަޅަށް ތައްޔާރު ނުވެވޭނެ ކަމެކެވެ.
މީހުން ދެކެނީ އަމިއްލަ ނަފްސަށް އަޅާލުމަކީ މޮޑާން ނުވަތަ ތަހުޒީބު މީހުން ކުރާކަމެއްގެ ގޮތުގައެވެ. އަޅުގަނޑުމެން އަމިއްލައަށް ވަގުތު ނަގާނަމަ އަޅުގަނޑުމެންނަކީ އަމިއްލަ އެދުން ބޮޑު ބައެއްގެ ގޮތުގައި ފާހަގަވެއެވެ. މި ވިސްނުމަކީ ކުށްހީއެކެވެ. އަހަރެމެންގެ ދިރިއުޅުމުގައި ބްރޭކެއް ނަގާ އަމިއްލަ ނަފުސަށް ވަގުތު ދޭންޖެހެއެވެ. ހަގީގަތުގައި އަހަރެމެންނަށް ރަނގަޅު އިހުސާސެއް ކުރެވޭ އަދި އުފާވާ ކަމެއް ކުރަން ވަގުތު ދޭންޖެހެއެވެ.
އަމިއްލަ ނަފްސަށް އަޅާލުން މާނަކުރެވެނީ، ޚާއްޞަކޮށް ސްޓްރެސްގެ ވަގުތުތަކުގައި، އަމިއްލަ ސިއްޙަތާއި، ދުޅަހެޔޮކަމާއި، އުފާވެރިކަން ރައްކާތެރިކުރުމަށް ނުވަތަ ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމުގެ ގަސްތުގައި ކުރާ ކަންކަމެވެ. ޖިސްމާނީ، ނަފްސާނީ ސިއްހަތު ކުރިއެރުވުމަށްޓަކައި، ޖުމްލަ ގޮތެއްގައި ރަނގަޅު ކަމުގެ އިހުސާސް ކުރެވޭ ގޮތަށް އަމިއްލަ ނަފްސަށް ފަރުވާ ދިނުމުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ކުރެވެން އެބަހުއްޓެވެ. އަމިއްލަ ނަފްސަށް ފަރުވާ ދިނުމަކީ އަޅުގަނޑުމެން ދޭތެރެ ދޭތެރެއިން އަމިއްލައަށް ދޭ ކުޑަ ފަރުވާއެއް ނޫނެވެ. ކެތްތެރިކަމާއި، ނަފުސާނީ އަދި ޖިސްމާނީ ސިއްހަތް ބިނާކުރުމަށް ދެމެހެއްޓެނިވި އުސޫލެއް ތަރައްޤީކުރުމުން އަމިއްލަ ނަފުސަށް ދުޅަހެކަން ލިބިގެންދެއެވެ.
އަމިއްލަ ނަފްސަށް ފަރުވާ ދިނުމަކީ ހުރިހާ އެންމެންނަށް އެއްގޮތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ތިމާގެ ބޭނުންތަކަށް ބަލައިގެން އަމިއްލަ ނަފުސަށް އަޅާލުމަށް ޕްލޭނެއް ހަދަން ޖެހޭނެ އެވެ. އެކަން ކުރާނެ ގޮތެއް ނުވަތަ ކުރާނެ ވަގުތެއް ލިޔެލަންވާނެއެވެ. ކޮންމެ ދުވަހަކުވެސް ގަސްތުގައި އަމިއްލައަށް އެކަމެއް ކުރާނަމަ އެއީ ރަނގަޅު އާދައެއްގެ ފެށުމެކެވެ.
ހަށިގަނޑާއި ސިކުނޑިއާއި ރޫހަށް އަޅާލާކަން ޔަގީން ކުރުމަށް ވިސްނަންޖެހޭ ބައެއް ދާއިރާތައް އެބަހުއްޓެވެ. އަމިއްލަ ޕްލޭނާ މެދު ވިސްނާލުމަށް ކުރެވިދާނެ ބައެއް އިރުޝާދުތައް ތިރީގައި މިވަނީއެވެ.
ޖިސްމާނީ އަމިއްލަ ނަފްސަށް އަޅާލުން.
ޖިސްމާނީގޮތުން ނަފުސަށް އަޅާލުމުގައި ހިމެނެނީ ހަށިގަނޑަށް ހަކަތަ ދެމުންދާ ގޮތާއި، ނިދާ މިންވަރާއި، ދުވާލަކު ޖިސްމާނީ ހަރަކާތްތެރިވާ މިންވަރާއި، ޖުމްލަކޮށް ޖިސްމާނީ ބޭނުންތަކަށް އަޅާލާ ގޮތެވެ. މީގެ ތެރޭގައި ޑޮކްޓަރު ދީފައިވާ ގޮތަށް ބޭސް ބޭނުންކުރުމާއި ކަސްރަތުކުރުމާއި، ހަކުރު ބޭނުންކުރާ މިންވަރު މޮނިޓަރ ކުރުން ހިމެނެއެވެ. ބޭރުގައި ވަގުތު ހޭދަކުރުމަކީ ސްޓްރެސް ކުޑަކޮށްދީ، ނިދި ރަނގަޅުކޮށްދީ، ވިސްނުންތެރިކަން އިތުރުކޮށްދޭ ކަމެކެވެ. ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރުމަކީ ދިރިއުޅުމުގެ ހިތްހަމަޖެހުން ބޮޑުވުމާއި ނަފްސާނީ ހާސްކަން ކުޑަވުމާ ގުޅުން ހުރި ކަމެކެވެ.
މީހުންނާއި ގުޅިގެން އަމިއްލަ ނަފްސަށް އަޅާލުން.
އިންސާނުންގެ ގޮތުގައި އަހަރެމެން އުފެދިފައިވަނީ އެހެން މީހުންނާ ގުޅިގެން އުޅުމަށެވެ. ގާތް ގުޅުންތަކަކީ އަޅުގަނޑުމެންގެ ދުޅަހެޔޮކަމަށް މުހިންމު ކަންކަމެވެ. އަހަރެމެންގެ ޝެޑިއުލްތައް ބިޒީ ވުމުން އަހަރެމެންގެ އެކުވެރިކަމަށް އިހުމާލުނުވެ އެކުވެރިކަމުގެ ގުޅުން ދަމަހައްޓާށެވެ. މިއީ ޖަޒުބާތުތަކަށް އެހީތެރިވެދޭ އަދި ދުޅަހެޔޮ ދިރިއުޅުމަކަށް އެހީވެދޭ ކަމެކެވެ. ކޮންމެ މީހެއްގެވެސް އިޖުތިމާޢީ އަމިއްލަ ނަފްސަށް ފަރުވާތެރިވުމުގެ އެކަމަށް ކަންކަން ޝެޑިއުލް ކުރާށެވެ.
ނަފްސާނީގޮތުން އަމިއްލަ ނަފްސަށް އަޅާލުން.
ސިކުނޑީގެ ހުޝިޔާރުކަން އިތުރުކޮށް، ކަންކަމަށް ޝައުގުވެރިކަން ބެހެއްޓުމަށް ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާތެރިވާށެވެ. އެއީ ފޮތް ކިޔުމާއި، ޕޮޑްކާސްޓް އަޑުއެހުމާއި، ނުވަތަ ޕަޒްލްގެ މަސައްކަތް ކުރުން ފަދަ ގޮންޖެހުންތަކާއި ރަނގަޅު ފިކުރުތަކަށް ބާރުއަޅާ ސިކުނޑިއަށް ކާނާ ފޯރުކޮށްދިނުން ފަދަ ކަންކަމެވެ. ދުވަހުން ދުވަހަށް ކުރާ ހަރަކާތްތަކާއި މުއާމަލާތްތަކުގައި ޕޮޒިޓިވް ކޮށް ވިސްނުމަށް ހިތްވަރު ދިނުމެވެ.
ރޫޙާނީ ގޮތުން ނަފްސަށް އަޅާލުން.
ރޫޙާނީ އަމިއްލަ ނަފްސަށް އަޅާލުމުގެ ހަރަކާތްތަކުގެ ތެރޭގައި ދީނީކަންކަމަށް ފަރުވާތެރިވުން ހިމެނެއެވެ. އަދި ދުޢާ ކުރުމާއި ހެޔޮކަމުގެ އަމަލުތައް ކުރުމާއި، ދީނީ ފޮތްތައް ކިޔުމަކީ ރޫހާނީގޮތުން މީހާ ތާޒާވާ ކަންކަމެވެ.
އިމޯޝަނަލް ސެލްފް ކެއަރ.
އިމޯޝަނަލް ސެލްފް ކެއާގެ މާނައަކީ ތިމާއަށް އިހުސާސް ކުރެވޭ ކަންތައްތަކަށް ހޭލުންތެރިވެ، އަދި ދެނެގަނެ، ދެން ތިމާގެ އަމިއްލަ ނަފްސާއި ތިމާގެ ޖަޒުބާތުތަކަށް ޝަރަފުވެރިކަން ލިބޭ ގޮތަށް އިހުސާސްތަކުގެ ތެރެއަށް ވަނުމަށް ހުއްދަ ދިނުމެވެ. އަޅުގަނޑުމެންގެ ޖަޒުބާތުތަކަށް އަޅާނުލާ، އިންކާރުކުރެވިދާނެއެވެ. ނަމަވެސް އެންމެ ފަހުން އެ ޖަޒުބާތުތައް ނުކުމެގެން ދަނީ، ފަހުން ދެރަވެދާނެ ގޮތަކަށެވެ. ތިމާގެ އިހުސާސްތައް ގަބޫލުކޮށް ފާޅުކުރުމަށް ވަގުތު ހޭދަކުރާށެވެ. ހިތާމަ، ބިރުވެރިކަން، މާޔޫސްކަން، ފޫހިވުން، ރުޅިވެރިކަން، ފަދަ އިހުސާސްތައް ޤަބޫލުކޮށް ޙުކުމް ނުކުރާށެވެ. އެ އިހުސާސްތަކާއިއެކު އިރުކޮޅަކު ވިސްނާ ވަކި ޖަޒުބާތުތައް ދެނެގަންނާށެވެ.
އަމިއްލަ ނަފްސަށް އަޅާލުމުގެ ގޮތުގައި ބައެއް ޖަޒުބާތީ ޙައްދުތައް ތަރައްގީ ކުރަން ޖެހިދާނެ ކަމަށާއި މިކަމުގެ މާނައަކީ ތިމާގެ ދިރިއުޅުމަށް ނެގެޓިވިޓީ ގެނެސްދޭ މީހުންނަށް ނޫނެކޭ ބުނުމެވެ. އަހަރެމެންގެ އަމިއްލަ ނަފްސަށް އަޅާލުމުގެ ބަޔަކީ އަހަރެމެންގެ ގޯސްތަކާއި ނާކާމިޔާބީތަކުގެ ބަދަލުގައި، އުނގެނުމުގެ ފުރުސަތުތަކެއްގެ ގޮތުގައި ދެކުމެވެ. އަހަރެމެން އިންސާނުން، އަދި ގޯސްތަކަކީ ދިރިއުޅުމުގެ ކޮންމެހެން ދިމާވާ ކަމެއް ކަމުން އަމިއްލައަށް މާފުކުރާކަން ޔަގީން ކުރަން ޖެހެއެވެ.
ތިމާގެ ފޯކަސް ޕޮޒިޓިވް އަށް ބަދަލުކޮށް، ތިމާގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަށްޓަކައި ދިރިއުޅުމުގައި ޝުކުރުވެރިކަން ހިމަނާށެވެ. ޝުކުރުވެރިކަމަކީ ކޮންމެ ދުވަހަކުވެސް ޢަމަލުކުރެވޭނެ، ދިގުދެމިގެންދާ އަސަރެއް ކުރާ ވަރުގަދަ ވަސީލަތެކެވެ. އާންމުކޮށް އިހުސާސްތައް ފޮތެއްގައި ލިޔުމަކީ ތިމާގެ ޖަޒުބާތުތައް ކޮންޓުރޯލުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ތިމާގެ ޖަޒުބާތުތައް ހަމައަކަށް އެޅުމަށް ދުޅަހެޔޮ ގޮތްތަކެއް ހުރުމަކީ އަމިއްލަ ނަފްސަށް އަޅާލުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެއީ ގާތް ރަހުމަތްތެރިއަކާ، ބައިވެރިއަކާ، ނުވަތަ ތެރަޕިސްޓަކާ ވާހަކަ ދެއްކުމުގައި ވިޔަސް، ނުވަތަ ހިނގާލަން ދިއުން ކަމުގައިވިޔަސް އަހަރެމެންގެ ޖަޒުބާތުތަކާ ކުރިމަތިލާން އެހީތެރިވެދޭ ހަރަކާތްތައް ހިމަނާލުމަކީ އެންމެ ރަނގަޅު ގޮތެވެ.
