ވާހަކަ: ލީޝަން – 27

(18 ޖެނުއަރީ 2023ގެ ނޫހާއި ގުޅޭ)

"މިފަހަރު މި ދޫކޮށްލަނީ. ދެންފަހަރަކުން އެކަމަށް ނުވިސްނައިފިނަމަ މިއަށްވުރެ މާނުރައްކާވާނެ."

އާދައިގެ މަތީން ޔައީނު މިއަދުވެސް އޮފީހަށް ދާން އުޅުނުއިރު ހުރީ ގަމީސް ތައްޔާރު ނުކޮށެވެ. އެހެންކަމުން އޭނާ ނިދާފައި އޮތް ލީޝަންއަށް ގޮވިއެވެ. ނަމަވެސް އޭނާ ގުޑާވެސް ނުލައެވެ. މިފަހަރު ޔައީން ދިޔައީ އޭނާ ކޮޓަރީގައި ބަހައްޓާ ތަޅުލާފައެވެ. ދިހައެއް ޖެހިއިރު ހޭލައިގެން ލީޝަން ފާޚާނާއަށް ދިޔައެވެ. ވެފައި ހުރި ބަނޑުހައިކަން ފިލުވާލުމަށްޓަކައި އޭނާ އަވަހަށް ކޮޓަރިން ނިކުންނަން ދިޔައެވެ. ނަމަވެސް ދޮރު ހުރީ ތަޅުލާފައިކަމުން އޭނާ އަކަށް ނިކުމެވޭ ގޮތެއް ނުވިއެވެ. މިކަމާ އޭނާގެ ރުޅި އިތުރަށް ގަދަވަމުން ދިޔައެވެ.

"ކިހިނެއްވެގެންތަ މިހާރު ތިއުޅެނީ. އަހަރެން ބަނޑުހައި ވެއްޖެއޭ." ޔައީން މެންދުރު ގެއަށް އައިސް ކޮޓަރި ދޮރުހުޅުވުމުން އޭނާ ބުންޏެވެ.

"ބަނޑުހައިވޭދޯ. އެހެންޏާ ފަތިހު ހޭލާ. އަހަރެންނަށްވުރެ ކުރިން ނުހޭލައިފިނަމަ ދެންޖެހޭނީ އަހަރެން އަންނަންދެން މަޑުކުރަން."

"ކަލެއަށްތަ އެނގޭނީ މަ ގެއަށް ވަންނަންވީ އިރަކާ ނިދަންވީ އިރަކާ އަދި ހޭލަންވީ އިރެއްވެސް." އޭނާ ހަޅޭއްލަވަމުން ދިޔައެވެ. ނަމަވެސް މިފަހަރުވެސް ޔައީން ދިޔައީއެވެ. އޭނާ ކިޔާ އެއްޗަކަށް އަޅައެއް ނުލައެވެ. އިތުރު އެއްޗެކޭ ނުބުނެ އޭނާ ދިޔައީ ބަނޑުހައިވެފައި ހުރުމުންނެވެ.

ލީޝަން ކާގެއަށް ދިޔައީ ބަނޑުހައިވެގެންނެވެ. ނަމަވެސް އެއްވެސް އެއްޗެއް ކާކަށް ނެތެވެ. އެހެންކަމުން ގޭގައި އުޅޭ ބޭރުމީހާ ގާތު ކާއެއްޗެއް ހަދައިދޭށޭ ބުނަން އޭނާ ދިޔައެވެ. ނަމަވެސް އެއްވެސް ތާކުން އެމީހާއެއް އޭނާއަކަށް ނުފެނުނެވެ.

"ކޮންއެއްޗެއް ގެއްލިގެންތަ ތިއުޅެނީ." ލީޝަން އުޅޭގޮތް ބަލަން ހުރެފައި ޔައީން އެހިއެވެ.

"ކޮބައިތަ ގީތާ؟"

"އޭނާ ފޮނުވާލައިފިން. ދެން މިގޭގެ ހުރިހާ މަސައްކަތެއް ކުރަންޖެހޭނީ ލީޝަން."

"މަށަކަށް ނުވާނެ."

"އެހެންވީއިރު ދެން ނުކައި ހުންނާނީދޯ."

" ޗީ. މަށަށް ބޭރުންވެސް ކެވިދާނެ." އޭނާ މޫނު ހަދާލާފައި ނިކުތެވެ. ލީޝަން ދިއުމުން ޔައީން ރަހީމް ގާތަށް ދިޔައެވެ. އޭނާ ބޭރުން ކާއެއްޗިހި ގެނެސްގެން ރަހީމަށް ކާންދިނެވެ. އަދި ޒީޝަންގެ ކަންތައްވެސް އޭނާ ބަލަހައްޓަމުންދެއެވެ. އޮފީހަށްދާވަގުތު ރަހީމް ޒީޝަން ނިންދަވާ ބުއްފުޅިދީ ހަދައެވެ. ނަމަވެސް ލީޝަންއަށް މިއިން އެއްވެސް ކަމަކުން އަސަރެއް ނުކުރެއެވެ.

ޒީޝަން ހުންއައިސްގެން ޔައީން މުޅިދުވަހު އުޅުނީ ހޮސްޕިޓަލުގައެވެ. އޭނާއަށް ރޭގަނޑު ގެއަށް އާދެވުނު އިރު ރަހީމަށް އޮތީ ނިދިފައެވެ. ކޮނޑުމަތީގައި ނިދިފައި އޮތް ޒީޝަން އެނދުގައި ބޭއްވުމަށްފަހު އޭނާ ދިޔައީ ވަރުބަލި ވެފައިވާތީ ނިދާލާށެވެ. ކޮޓަރިއަށް ދިޔައިރު ލީޝަންގެ އެއްވެސް ޚަބަރެއް ނުވާތީ ވަރަށް ހިތްހަމަ ޖެހިލައިގެން ހުރެ އޭނާ ފެންވަރާލާ ތާޒާވެލިއެވެ.  އެނދުގައި އޮށޯވެލުމާއެކު އޭނާއަށް ވަރަށް ފަސޭހައިން ނިދުނެވެ.

ނިދި ޖެހުނުތަނާހެން އޭނާއަށް ސިއްސައިގެން ގޮސް ހޭލެވުނީ ލީޝަން ގޮވާއަޑަށެވެ. އޭރު ހުރީ ހޮޅިބުރި ދިއްލާފައެވެ. އެކަމުން އޭނާއަށް އުނދަގޫވިނަމަވެސް ލީޝަން ކިޔާއެއްޗެއް އަޑުނާހަންވެގެން ކަންފަތުގައި ބާލީސް އަޅައިގެން ނިދަން އޮތެވެ. ނަމަވެސް މިރޭ އޮތް ޕާޓީއަކަށްދާން ނުހަނު ބޭނުންވެފައި ހުރި ލީޝަން އެދެމުން ދިޔައީ ގޭގެ ތަޅުދަނޑި ދިނުމަށެވެ. އޭނާ ނިންމައިގެން ހުރީ ތަޅުދަނޑި ނުދީފިނަމަ ޔައީނަށް މިރޭ ނުނިދޭވަރަށް އުނދަގޫ ކުރުމަށެވެ. އެހެންކަމުން އޭނާ ހުއްޓާނުލާ އަޑުގަދަ ކުރަމުން ދެއެވެ. ކޮންމެވެސް ލަވައެއް ކިޔާލައެވެ. އަދި ބާރަށް ޔައީނަށް ގޮވާލައެވެ. މިހެން ހަދައިގެންވެސް އޭނާއަށް ތަޅުދަނޑި ލިބިއްޖެނަމަ މިރޭ ކިތަންމެ ލަހުން އަޔަސް އޭނާއަށް ގެއަށް ނުވަދެވިއެއް ނުހުންނާނެއެވެ. ނިންޖަށް ބަލިވެފައިވާ ޔައީނަށް ލީޝަންއަށް ތަޅުދަނޑި ދިއްކޮށްލެވިއްޖެއެވެ. ލީޝަން ވީއުފަލުން ތަޅުދަނޑި ހިފައިގެން ދޮރާ ދިމާއަށް ދުއްވައިގަތެވެ. ޔައީނަށް ރަގަޅަށް ނިދިން ހޭލެވުނީ ކުއްލިއަކަށެވެ. އަދި ދުވެފައި ގޮސް ލީޝަން އަތުން ތަޅުދަނޑި އަތުލިއެވެ.

"ކުރިންވެސް ބުނެފައި ދޯ އޮންނާނީ ރޭގަނޑު ބޭރަކަށް ނުދެވޭނޭ." ޔައީން ބޮޑާ ރާގަކަށް ބުނެލިއެވެ.

"ކިހާ ބޮޑުކަމެއް….." ލީޝަންގެ ރުޅި އިންތިހާއަށް ހިނގައްޖެއެވެ. އަދި ފުންމައިގެން ގޮސް ޔައީންގެ އަތުން ތަޅުދަނޑި ޖަހައި ގަނެވޭތޯ އުޅުނެވެ.

"އުހުން…. މިތަޅުދަނޑި ލިބޭނީ އަހަރެން ބޭނުންވި ދުވަހަކުން." ޔައީން އަދިވެސް ހުރީ ހަމަ އެ ބޮޑުކަން މަތީއެވެ.

"ގޮތްކުޑަމީހާ. ކަލޭ ހީކުރީ ކަލޭއާއި ކައިވެނި ކުރެވުމުން އަހަރެން ކަލޭގެ އަޅަކަށް ވީކަމަށްތަ. ކަލެއަކީ އަދިވެސް މިގޭގައި ބައްޕަ ގެންގުޅޭ މީހެއް."

"ނޫން. ލީޝަން. މިހާރު މުޅިން ބަދަލުވެއްޖެ. މިހާރު އަހަރެން ގެންގުޅެނީ ކަލޭމެން އެންމެން. އަހަރެން ކާންނުދީފިނަމަ މިހާރު ހުންނަން ޖެހޭނީ ނުކައި. އެނގިއްޖެތަ؟ މިހާރު ކަލެއަށްޖެހޭނީ މަށަށް ޝުކުރުވެރިވާން. ފިރިމީހާކަން ގަބޫލުކޮށް މަބޭނުން ގޮތަކަށް އުޅެން."

"ދުވަހަކުވެސް އަހަރެން ކަލޭ ފިރިއެއްކަމަކަށް ގަބޫލެއް ނުކުރާނަން. ތީ އެއްވެސް މީހަކު ލޯބިން އިންނަހިތްވާކަހަލަ ފިރިހެނެއް ނޫން."

"ތިއީ ދުވަހަކުވެސް މީހަކު ބަލާލާނެ އަންހެނެއްނޫން. އޮޅިގެންވެސް ފިރިހެނަކު ކަލެއާ ހިތާވެއްޖެނަމަ އަވަހަށް ކަލޭ ދޫކޮށް ސަލާމަތްވާން އުޅޭނެ. ކަލެއަށް ދުވަހަކުވެސް ފިރިއަކު ހިތްހަމަޖައްސައެއް ނުދެވޭނެ. އަހަރެންވެސް ކަލޭ ދޫކޮށްލާނަން. އެކަމަކު އެއީ އަހަރެން ހިތްހަމަ ޖެހުނު ދުވަހަކުން." ޔައީން ކުރި މިމަލާމާތުން ލީޝަންގެ ރުޅި ދިޔައީ ކޮންޓްރޯލް ނުކުރެވޭވަރަށްވުރެ މައްޗަށެވެ. އޭނާ އަދިވެސްހުރީ ނުހަނު ހަމަޖެހިލައިގެން ފުރިހަމަ މަލާމާތަކުން މިރޭ ލީޝަން ލަދުގަންނަވާލާށެވެ.

"ކަލޭ ހިތްހަމަޖެހުމުން އަހަރެން ބޭނުންގޮތަކަށް އުޅުމުގެ މިނިވަންކަން ލިބޭނެދޯ. އާދޭ. ކަލޭ ހިތްހަމަޖެހޭ ވަރުވީމާ އަހަރެންނަށް އަހަރެންގެ ކުރީގެ މިނިވަންކަން ހޯދައިދީ." ރުޅިއައިސްގެން ހައްދުން ނައްޓާފައިވާ ލީޝަން އޭނާ ލައިގެންހުރި ކުރު ހެދުމުގެ ކުރިމަތީގައިވާ ޒިބު ދަމާލާ ތިރިއަށް ވައްޓާލިއެވެ. އޭރު އޭނާގެ ގައިގާ އަންނައުނެއް ނުވާ ތުނި ހަށިގަނޑު އެންމެ ރީތިކޮށް ޔައީނަށް ފެނުނެވެ.

ޔައީން ކުއްލިއަކަށް އެނދުގައި އޮތް ބެޑުޝީޓުން ލީޝަންގެ ހަށިގަނޑުގައި އަޅާ ނިވާކޮށްލިއެވެ. އަދި ފަހަތަށް ކޮށްޕާ ފާރުގައި ތަތްކޮށްލާ އެބެޑުޝީޓުގައި އެއްއަތުން ހިފައިގެންހުރެ އަނެއްއަތުން ލީޝަންގެ ކަނދުރާގައި ފިރުމާލިއެވެ. އޭނާގެ ދެލޯ ލީޝަންގެ ލޮލާ ސީދާކޮށްލާ ލީޝަންގެ މޫނާއި އޭނާގެ މޫނު ކައިރިކޮށްލިއެވެ. އަދި އޭނާގެ ހޫނު ނޭވާތައް ލީޝަންގެ މޫނަށް އެޅެމުންދިޔައެވެ.

"އަހަރެންމީ ގޮތެއްފޮތެއް ނުބަލާ ޖަނަވާރެއްފަދައިން އަރައިގަންނާކަށް ކަލޭހާ ގޮތްކުޑަ މީހެއްނޫން. އަހަރެން ބޭނުންނަމަ ކަލޭގެ ފުރިހަމަ ރުހުމާއި އިޚްތިޔާރުގައި އަހަރެންނަށް އިންތިހާދަރަޖައަށް އެދޭވަރުވާނެ. ފިރިމީހާގެ ހިތްހަމަޖެހުމަކީ ފުރަތަމަ ގޭތެރޭގެ ހުރިހާކަމެއް ބެލެހެއްޓުން. އާއިލާ ބެލެހެއްޓުން. މީހުންނަށް އޯގާތެރިވުން. ކަލޭގެ ކިބައިގާ އެކަހަލަ ޒައްރެއްވެސް ނެތް. ތިކަހަލަ މީހަކާ ދިމާއަށް ބަލާލަންވެސް އަހަރެން ނަފުރަތުކުރަން." ޔައީން މަޑުކޮށްވެސްނުލާ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. ލީޝަން މިދަރަޖައަށް ހިނގައިދާނެކަމަކަށް އޭނާއަކަށް ގަބޫލެއްވެސް ނުކުރެވުނެވެ. މި ގޮތްދޫނުކުރާ އަންހެން ކުއްޖާވަނީ އިންތިހާ ދަރަޖައަށް މަގުފުރެދިފައިކަން އޭނާއަށް ހިތުގެ އަޑީން ގަބޫލުކުރެވިއްޖެއެވެ.

ޔައީން މިހުރިހާ އެއްޗެއް ކީއިރުވެސް އޭނާއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޔައީންގެ މި ތޫނު ނަޒަރުން ލީޝަންއަށް ދުވަހަކުވެސް ނުކުރެވޭ ކަހަލަ އާދަޔާ ޚިލާފު އަސަރެއް ކުރިއެވެ. ޔައީންގެ ހޫނު ނޭވާތަކުންނާއި އޭނާގެ ގައިން ދުވި މީރުވަހުން ލީޝަންގެ ހިތުގެ ވިންދުޖެހުން އަވަސްވެ ހިއްސުތަކުގެ ބާރު ދިޔަހެންވެސް ހީވިއެވެ. ބޭއިޚްތިޔާރުގައި ޔައީންގެ އަތުގެ ފިރުމާލުމުން އޭނާއަށް އިތުރަށް ޝައުގުވެރިވެވޭ ގޮތްވިއެވެ. ކުއްލިއަކަށް ޔައީން އޭނާ ދޫކޮށްލާފައި ދިޔުމުން ދެރަވެ ޔައީންއާއި މިހާ ގާތުގައިވުމަށް އެދެވުނެވެ. ދެމީހުން އެކުގައި ފަޅުރަށުގައި ތިބިއިރު ޔައީންގެ ފަރާތުން ފެނުނު ފިރިހެންކަމާއި ޝައުގުވެރިކަން މިރޭވެސް އޭނާއަށް ފާހަގަކުރެވި އެ ފިރިހެންކަމަށް ތައުރީފުކުރެވުނެވެ.

އެރޭގެފަހުން ދެމީހުންގެ މެދުގައިވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. އެކަކު އަނެކަކާ ވާހަކަ ނުދެއްކުމުގެ އިތުރަށް ކޮންމެ މީހަކުވެސް އުޅެނީ ވީހާވެސް ދުރުގައި އުޅެވޭތޯއެވެ. ލީޝަން ގެއިން ބޭރަށް ދާކަށް ބޮޑައެއް ނުހާކައެވެ. ޔައީނާ ދިމާއަށް ކުރިން ގޮވަމުން ދިޔަ ގޮވެލިފަތި މިހާރު ހުއްޓިއްޖެއެވެ. ޔައީންގެ ސަމާލުކަން ލިބޭތޯވެސް އުޅެން ފެށިއެވެ. ލީޝަންގެ މިބަދަލުން ފަހަރުގައި ލީޝަން ރަނގަޅުވަނީ ކަމުގައި ޔައިނަށް ހީކުރެވެން ފަށައިފިއެވެ.

 

ނަމަވެސް ޔައީންގެ ސަމާލުކަން ނުލިބުމުގެ އިތުރަށް ގޭގައި ގެންގުޅޭ މީހާ ފޮނުވާލާފައި ވުމުން ކެއުމުގެ ކަންތައް ހަމަޖައްސަން ޖެހޭތީ އޭނާއަށް އުނދަގޫވާންފެށިއެވެ. ޔައީން މިހާރު އެއްގޮތަށްވެސް ތަނެއްސާފު ނުކުރާތީ އަމިއްލައަށް ތަންތަން ތާހިރު ކުރަން ޖެހުމުން ރުންކުރުވާންފެށިއެވެ. ދުވަސްކޮޅެއްވީއިރު  ބޭރުމީހާ ނެތުމާއި ގޭގެ ކަންތައް ކުރަން ޖެހުމުގެ  އުނދަގޫކަން އިހުސާސް ވާންފެށިއެވެ. ފުރަތަމަ ދުވަސްކޮޅު ޕާނަކުންވެސް އޭނާއަށް ތިންދުވަހުން ހަމަޖައްސާލެވުނެވެ. އޭނާގެ އަތުން ފައިސާ ހުސްވާންފެށިއެވެ. ވިޔަފާރިންލިބޭ އާމްދަނީއިން ކުރިން ބައްޕަ ފައިސާދިން ނަމަވެސް ޔައީން ހަވާލުވެ ދުވަސްކޮޅެއްވީތަނާ އެ ފައިސާ ނުދޭން ފެށުމުން އޭނާއަށް މިހާރު  އެއްގޮތަކަށްވެސް ފައިސާއެއް ނުލިބެއެވެ. މީގެ ނަތީޖާއަކަށްވީ އޭނާއަށް ގޭގައި ކައްކަން މަޖުބޫރުވުމެވެ. ކައްކަންޖެހޭ އެއްޗިހި ހޯދުމަށް ފިހާރައިން އެއްޗިހި ގަންނަން ދިއުންވީ ބޮޑުކަމަކަށެވެ. އަދި  ރޮއްޓެއްވެސް ފިހެލަންނޭނގޭ ލީޝަންއަށް ކެވޭކަހަލަ އެކައްޗެއްވެސް ނުކެއްކުނެވެ. މިކަމުގެ ހުރިހާ ރުޅިއެއް ބާލަމުން ގެންދިޔައީ ޔައީނަށެވެ. ޔައީނާއި ކައިވެނި ކުރެވުމުން އޭނާއަށް ބޭނުންވާ އެއްވެސް ގޮތަކަށް ނޫޅެވެއެވެ. ރަނގަޅަކަށް ނުނިދެއެވެ. އެންމެފަހުން ހުރިހާ މަސައްކަތެއްވެސް ކުރަންޖެހުނީ އޭނާއަށެވެ.

"ކީހިނެއް ހަދާނަމޭ ހިތާތަ ތިއުޅެނީ." ރަހީމަށް ކާންދީފައި ތަށި ހިފައިގެންއައި ޔައީނާއި ދިމާއަށް ލީޝަން ހަޅޭއް\ލަވައިގަތެވެ.

"އަހަރެން އެބައުޅޭތަ ގޮތެއްހަދަން. ލީޝަންއަކަށްނު ގޮތެއްވެގެން ތިއުޅެނީ. ބޭރުން ކާންބުނި މީހާ މިހާރު ކީއްވެތަ ކައްކަން ތިއުޅެނީ." ޔައީން މަލާމާތް ކޮށްލިއެވެ.

"މީ ކަލޭގެ ނުބައިކަމުން ލިބޭ އުނދަގޫ. ބައްޕަގެ ވިޔަފާރިއާ ހަވާލުވެގެން ހުރިހާ އެއްޗެއް އަމިއްލަ ކުރަނީ އަހަރެންނަށް އެންމެ ލާރިއެއްވެސް ނުދީ. ދެންކިހިނެއް ބޭރުންކަނީ." އޭނާ ހުރީ އިންތިހާއަށް ރުޅިއައިސް ފައެވެ.

"ބާރަށް ހަޅޭއް ނުލަވާ. އެހެންނޫނީ."

"އެހެންނޫނީ ކީއްކުރާނީ. އަނގަމަތީ ހިފައި ގަންނާނީ. ނޫނީ މިގެއިން ބޭރުކޮށްލާނީ." ލީޝަން ޔައީންއާއި ދިމާއަށް ހުސްފުޅިއެއްލިއެވެ. ނަމަވެސް ހުށިޔާރު ޔައީނަށް އެއެތިފަހަރުން ސަލާމަތްވެވުނެވެ.

"ލީޝަން."

"ތި ނުބައި މީހާގަނޑު އަހަރެންގެ ނަންވެސް ކިޔައިގެން ނުވާނެ. އަހަރެން ވަރިކުރޭ. ބައްޕަގެ ހުރިހާއެއްޗެއް ހަވާލުކުރުމަށްފަހު މިގެއިންދޭ." ލީޝަންވަނީ އަމިއްލަ ނަފްސު މަތަ ނުކުރެވޭވަރަށް ރުޅިއައިސްފައެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *