" ކުރީރޭ ދަންވަރު… ޒައިބާ ބޭރުގައި ހުރީ…. ދެންމެ އެ އައި ސޮރާއެކީތަ؟ "
ކުއްލިއަކަށް އިވުނު ނާޝިޒްގެ އަޑުން ޒައިބާގެ އިތުރުން ޝަކީލާއަށްވެސް ނާޝިޒަށް ބަލާލެވުނެވެ. ނާޝިޒް ވާހަކަ ދެއްކީ ދުރު ހަނދާނެއް އާކުރާ ކަހަލަ ގޮތަކަށް ލަސްލަހުންނެވެ. އޭރު ނާޝިޒް އައިސް ޝަކީލާއާއި އަރާ ހަމަވަނީއެވެ. ޒައިބާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭރު އެތެރެހަށީގައި އަނދަމުންދާ ރުޅިގަނޑު އޭނާގެ ދެލޮލަށްވެސް ފޯރައިފިއެވެ.
" ދަންވަރޭ؟ "
ޝަކީލާއަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. އޭރު ޝަކީލާގެ ދެލޯ އަމާޒުވެފައި ހުރީ ސީދާ ޒައިބާގެ މޫނަށެވެ. ދެބުމައަށް ރޫ އަރުވާލައިގެން ހުރެ ޝަކީލާ ބަލަމުންދަނީ ހައިރާންވެ ހުރެއެވެ.
" އެއީ ދަންވަރެއް ނޫން! އަހަރެންގެ ލެޕްޓޮޕް ހިފައިގެން އޭނަ އައީ…"
ޖެހިލުންވެ ހުރެ ޒައިބާ އަވަސް އަވަހަށް ބުނެލިއެވެ. އަދި ރުޅިވެރިކަމުގެ ނަޒަރަކުން އޭނާ ނާޝިޒްއަށް ބަލާލިއެވެ. އޭރު ގޯތިތެރޭގައި ހުރި ޖަނބުރޯލުގަހުގައި ލެނގިލައިގެން ހުރި ނާޝިޒް ހުރީ ލާނެތް ފާޑަކަށް ހެވިފައެވެ. އޭނާގެ މަޤްޞަދަކީ ޒައިބާ ކުށްވެރިކުރުންކަން ޒައިބާއަށް އެނގުނެވެ.
" އެހެންތަ؟ އެކަމަކު އޭރު ބާރަގަޑި ބައިވެސް ވެއްޖެއެއްނު! އަހަރެން ކޮފީއެއް ބޯލަންވެގެން ނިކުތް ވަގުތު ޒައިބާ ބޭރަށްދާތަން ފެނިގެން ބަލާލީ! "
ނާޝިޒް އަނެއްކާވެސް އެވާހަކަ އާކޮށްލިއެވެ. ޒައިބާއަށް ހިންދިރުވާލެވުނީ ދިފާޢުވާން އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެންނެވެ.
" އެގަޑީގަ ލެޕްޓޮޕް ހިފައިގެން އޭނަ އަންނަންވީ ކީއްކުރަންހޭ އަހަރެންވެސް ހިތަށް އެރީ. އެކަމަކު އަކްރަމްގެ އަންހެނުން ވިއްޔަ! އަހަރެން ނުވާނެ އެއްނު އެވާހަކަ ދައްކާކަށް.. "
ނާޝިޒާ ދިމާއަށް ޝަކީލާ ބަލާލުމާއެކު ނާޝިޒް މައުސޫމްގޮތަކަށް ބުނެލިއެވެ. އޭރު ޒައިބާގެ ދެލޮލަށް ކަރުނަތައް ޖަމާވަމުންދެއެވެ. ދެރަވެ، ހިތްބިރު ގަތުމުގެ ސަބަބުން ގައިން ބާރު ހުސްވާ ކަހަލަ އިޙްސާސެއްވެސް އޭނާއަށް ކުރެވެން ފެށިއެވެ.
" އަހަންނަކީ މިގޭ އެއްވެސް ކަމަކާ ބެހޭ މީހެއް ނޫން! އަދި ބޭކާރު ވާހަކަ ގިނަ ކުރާ މީހެއްވެސް ނޫން! އަހަންނަށް މިވާހަކަ ދައްކަން މިޖެހުނީ އެއީ ރަނގަޅު ކަމެއްހެން ހީނުވާތީ.. ރަށުތެރޭގައި އެކަހަލަ ވާހަކަތައް ފެތުރެން ފެށީމަ ލަދުގަންނާނީވެސް ހަމަ މިގޭ މީހުން.."
ޝަކީލާއާ ދިމާއަށް އެހެން ބުނުމަށްފަހު ނާޝިޒް ހިނގައިގަތެވެ. ވާގި ހުސްވެފައި ކަހަލަ ގޮތަކަށް ޒައިބާއަށް ޖޯލިފަތީގައި އިށީނދެވުނެވެ. އަދި މޫނުގައި އަތް އަޅާ ރޯންފެށިއެވެ.
" ނާޝިޒް އެދެއްކީ ތެދު ވާހަކައެއްތަ؟ "
ރޮއިރޮއި އިން ޒައިބާގާތު ޝަކީލާ އަހާލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ޒައިބާ ދެފަރާތަށް ބޯ ހޫރާލަމުން މޫނުމަތިން އަތްނެގިއެވެ.
" އަހަރެން ދޮގެއް ނަހަދަމޭ މަންމާ!" އެހެން ބުނުމަށްފަހު އެރޭ ކަންތައް ވީ ގޮތް ޒައިބާ ކިޔައިދޭންފެށިއެވެ.
" އަހަންނާ ލޫޠު އެއްވެސް ގޯސް ގުޅުމެއް ނޯންނާނެ! މިއަދު އަހަރެން ލަދުގަނެ ވަރަށް ދެރަވެސް ވެއްޖެ! "
އެންމެ ފަހުން ޒައިބާ ބުނެލިއެވެ. އެއްޗެއް ނުބުނެ ކުޑައިރުކޮޅަކު ހުރުމަށްފަހު ޝަކީލާ ވާހަކަ ދައްކަން ފެށިއެވެ.
" ޒައިބާގެ ވާހަކަތައް މަންމަ ގަބޫލުކޮށްފާނަން. އެކަމަކު އަހަރެން އުއްމީދުކުރަނީ ދެން އެކަހަލަ ވާހަކައެއް ނީވޭނެކަމަށް!"
އެހެން ބުނުމަށްފަހު ޝަކީލާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ. އޭރުވެސް ޒައިބާއަށް އިނދެވުނީއެވެ. ޖޯލީގައި ހުރި ކޮތަޅުތައް ފެނުމާއެކު އަދި ބަދިގެއަށް ވަންނަން ޖެހޭނެކަން ހަނދާންވިއެވެ. ނަމަވެސް މިހާރު އޭނާގެ ހަށިގަނޑުގައި އެއްވެސް ކަމެއް ކުރާނެ ހިތްވަރެއް ނެތެވެ. މޫޑު ޚަރާބުވެ، ގައިން ވަރުދިޔަ ކަހަލައެވެ. ނަމަވެސް ނެތް ހިތްވަރު ނެރެގެން އޭނާ ތެދުވެ ކޮތަޅުތައް ހިފައިގެން ބަދިގެއަށް ދިޔައެވެ.
ގަޑިން ހަވީރު ފަހެއް ޖަހަނީއެވެ. ނިދިފައި އޮތް ޒައިބާއަށް ހޭލެވުނީ އަކްރަމްގެ ފޯންކޯލްގެ އަޑަށެވެ.
" މިއަދު އެއްވެސް ޚަބަރެއް ނުވާތީ.. ބަންދު ދުވަހެއްވީމަ ނިދަނީތަ ހަމަ.."
ލޯތްބާއެކު އަކްރަމް އަހާލިއެވެ. އަކްރަމްގެ އަޑު އިވުމުން ޒައިބާ އިތުރަށް ދެރަވިއެވެ. މިއަދު ގޭތެރޭގައި ކަންތައްވީގޮތް ކިޔައިދޭން ބޭނުންވިއެވެ. ޔަގީނުންވެސް އަކްރަމް އޭނާއަށް އިތުބާރު ކުރާނެކަން ޒައިބާއަށް އެނގެއެވެ. ނަމަވެސް ޙަޤީޤަތެއް ނެތް ވާހަކަ ތަކެއް ދައްކައިގެން އިތުރަށް އަކްރަމްގެ ހިތް ނުތަނަވަސްކުރުވާކަށް ޒައިބާ ބޭނުމެއްނުވިއެވެ.
" ވަރުބަލިކަމުން ނިދާލީ.. ޑިޔުޓީއަށް ނުދަންތަ؟ "
ނިދީގެ އަސަރު އެކުލެވިގެންވާ އަޑަކުން ޒައިބާ ސުވާލުކޮށްލިއެވެ.
" ނޫނޭ! ޑިޔުޓީގަ މިއުޅެނީ. ޒައިމަތިން މިސްވެގެން ގުޅާލީ. ރަށަށް ދާހިތްވަނީ މިހާރު މާބޮޑަށް!"
އަކްރަމް ސަމާސާ ރާގަކަށް އެހެން ބުނެލުމުން ޒައިބާ ކުޑަކޮށް ހީލިއަޑު އަކްރަމަށް އިވުނެވެ.
" ކިހިނެއްވީ ހިނި ތި އައީ ؟ ނުދާންވީތަ؟ "
" ތިހެންނެއް ނުބުނަމެއްނު! " ޒައިބާ އާދައިގެ ރާގަކަށް ބުންޏެވެ. އެއާއެކު ޒައިބާއަށް ބަދަލެއް އައިސްފިކަން އަކްރަމަށް ފާހަގަ ކުރެވިއްޖެއެވެ.
" ޒައި ހާދަ ފާޑަކަށް ތިހުރީ.. އެހެންޏާ އަހަރެން ރަށަށް ދާންވީތޯ އަހާލިޔަސް ޒައި އުފަލުން ހުންނާނީ. އަނެއްކާ ނިދިފައި އޮއްވާ ގުޅީމަ މޫޑު ގޯސްވީތަ؟ "
އަކްރަމް ކަންބޮޑުވީކަން އެނގުމުން ޒައިބާގެ ހިތް އަވަސްވިއެވެ. އެނދުން ތެދުވެ އަލަމާރިއާ ދިމާއަށް ހިނގައިގަންނަމުން ޒައިބާ ވާހަކަ ދައްކަން ފެށިއެވެ.
" ހޫމް.. އެހެންވެ ހީވާގޮތްތީ.. އަކޫ އަހަރެން ސްކޫލަށް ވަދެލަން ޖެހޭނެ މިއަދު! ފޮތްކޮޅެއް ހުންނާނެ މާރކްކުރަން ނަގާފަ! "
" އެހެންތަ؟ އަވަހަށްދޭ! އަހަރެންވެސް މި ވަންނަނީ އޮފީހަށް މިހާރު.. ޒައި ރޭގަނޑު ވުމުގެ ކުރިން އަންނައްޗޭ ގެއަށް.. އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ ރޭގަނޑު އެކަނި ހިނގާފަ އުޅޭކަށް."
ފޯން ބާއްވަމުން އަކްރަމް ބުނެލިއެވެ. ފޯން ބާއްވާފައިވެސް ޒައިބާ ވިސްނީ އަކްރަމާ މެދުއެވެ. އަކްރަމް އޭނާދެކެ ވާ ލޯތްބާއި އޭނާއަށް އޯގާތެރިވާވަރު ހަނދާންވިއެވެ. އެފަދަ ރަނގަޅު ފިރިޔަކު އޭނާއަށް ލިބުނުކަމާމެދު އަބަދުވެސް ޝުކުރުވެރިވެވެއެވެ. އޭރުވެސް އޭނާގެ މިއަދު ވީ ކަންތައްތައް އޭނާގެ ސިކުނޑީގެ އެއްކަނެއްގައި ހަރުލާފައި ހުއްޓެވެ.
ތައްޔާރުވެލައިގެން ސްޓާފްރޫމަށް ގޮސް މަސައްކަތްފެށި އިރުވެސް އެއްވެސް މީހަކު ނެތެވެ. ޒައިބާއަށް އެގޮތް މާ ރަނގަޅެވެ. ބަންދު ދުވަސްދުވަހު ކޮންމެހެން އަންނަން ޖެހިގެން ނޫނީ އެއްވެސް މީހަކު ސްކޫލަކަށް ނާންނާނެއެވެ. ނަމަވެސް ބަންދު ދުވަސްދުވަހު ސްކޫލަށް އައިސް މަސައްކަތްކުރުމަކީ ޒައިބާގެ އާދައެކެވެ. އެންމެ ފަހު ފޮތް ނެގުމާއެކު ސްޓާފްރޫމް ދޮރު ހުޅުވުނު އަޑަށް ޒައިބާއަށް ބަލާލެވުނެވެ. އެތެރެއަށް ވަދެގެން އަންނަ ލޫޠުގެ ނަޒަރު އޭރު ސީދާ ހުއްޓިފައި ހުރީ ޒައިބާއާ ދިމާއަށެވެ. ލޫޠު ފެނުމާއެކު ޒައިބާގެ ހިތަށް ނުތަނަވަސްކަން ވެރިވެގަތެވެ.
" ހެލޯ ޒައިބާ! މިގަޑީގަ ކީއްކުރަނީ ؟"
އެހެން ބުނެ ލޫޠު ގޮސް ހުއްޓުނީ އޭނާގެ މޭޒުކައިރީގައެވެ. ޒައިބާއިނީ ލޫޠުއާ ވާހަކަ ދައްކާހިތްވެސް ނުވެފައެވެ.
" ގޭގަ މާ ފޫހިވަނީތަ ބަންދު ދުވަސްތަކުގައިވެސް މިތަނުގަ ތިއުޅެނީ؟"
ޒައިބާގެ ފަރާތުން ޖަވާބެއް ނުލިބުނު ނަމަވެސް ލޫޠު ދެވަނަ ސުވާލު ކުރިއެވެ. މިފަހަރު ޖަވާބެއް ނުދީ އިންނާކަށް ޒައިބާއަކަށް ނުކެރުނެވެ.
" ގޭގަ ހުންނަ ހިތް ނުވެގެން އަންނަނީ…"
ދުރަށް ބަލަހައްޓައިގެން އިނދެ ޒައިބާ ބުނެލިއެވެ. ފޫހިކަމާއެކު އޭނާ ބުނެލި ޖުމްލައަށް ލޫޠު ޝައުގުވެރިވިއެވެ. މޭޒުމަތީގައި އޮތް ލެޕްޓޮޕް ނަގާ ދަބަހަށް ލުމަށްފަހު ލޫޠު އައިސް އިށީނީ ޒައިބާގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ.
" އެއީ ކީއްވެ؟ އެއްވަރުގެ ކުއްޖެއް ނުހުންނާތީދޯ! "
ހެވިފައި އިނދެ ލޫޠު އެހެން ބުނުމާއެކު ޒައިބާ ދެރަވިއެވެ. އެއާއެކު އޭނާއަށް ސްޓާފްރޫމަށް ވަށައިގެން ބަލާލެވުނެވެ.
" ނޭނގެ ! އަހަންނަށް ހިތްހަމަޖެހުން ލިބެނީ ހަމައެކަނި މިތަނުން.."
މާބޮޑަށް ޒައިބާ ސީރިއަސްވެފައި ހުރުމުން ލޫޠު އިތުރަށް އެއްޗެއް ނުބުނެއެވެ. ޒައިބާ ވާހަކައެއް ދައްކަން އުޅޭހެން ހީވެގެން މަޑުމަޑުން އިނީއެވެ. އެއާއެކުމިއަދު ހެނދުނު ކަންތައް ވީގޮތް ޒައިބާ ލޫޠަށް ކިޔައިދޭންފެށިއެވެ.
" އަހަންނަކަށް ނޭނގެ އޭނަ އެހާ ނުބައިކޮށް ވިސްނަންވީ ސަބަބެއް! އަހަރެމެން ދެމީހުންގެ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެޔޭ ބުނިން މަންމަ ގާތުވެސް. މަންމަ ބުނި ދެވަނަ ފަހަރަށް އެކަހަލަ އަޑެއް ނީއްވައްޗޭވެސް.. އަހަރެން ތަކުރާރުކޮށް ބުނިން އެއީ ދޮގެކޭވެސް."
އެހެން ބުނުމާއެކު ޒައިބާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގަތެވެ. އެމަންޒަރު ބަލަން ލޫޠުއަށްވީ އުނދަގޫކަމަކަށެވެ.
" ޒައި ހުއްޓާލަަބަލަ! އެއްވެސް މީހަކު ޤަބޫލު ނުކުރިޔަސް ޒައިގެ ފިރިމީހާ ޤަބޫލު ކުރާނެއެއްނު ޒައިގެ ވާހަކަތައް.."
" އަހަރެން ނުބުނަން! ބުނަން ނުކެރުނީ. އަކްރަމް އަހަރެންގެ ވާހަކަތައް ޤަބޫލު ކުރާނެކަން އަހަންނަށްވެސް އެނގޭ. އެކަމަކު.. އެއްވެސް ފިރެހެނެކޭ ކިޔައިގެން ދައްކާ ވާހަކަ އަޑުއަހަން އޭނައަށްވެސް އުނދަގޫވާނެ އެއްނު.. ދުރުގަ ހުންނައިރު އެކަހަލަ ވާހަކަތައް ދައްކާކަށް ބޭނުމެއް ނޫން! ކައިރިއަށް އައީމަ ކިޔައިދޭނަން."
ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން ޒައިބާ ބުންޏެވެ. އެއާއެކު ލޫޠުވެސް އަސަރާއެކު ވާހަކަ ފެށިއެވެ.
" އަހަރެން ވަރަށް ދެރަވެއްޖެ އަހަންނާހެދި ޒައިއަށް ތިހާ ބޮޑު ކަމަކަށް ކުރިމަތިލާން ޖެހުނީމަ! އެމީހުން ދެން އަހަންނަށް ވަރަށް ޝައްކު ކުރާނެދޯ! "
" އާނ! އެހެންވެ އަހަރެން ވަރަށް ޖެހިލުންވޭ ލޫޠުއާ ވާހަކަ ދައްކަން." ޒައިބާ އެހެން ބުނުމާއެކު ސިހިފައި ލޫޠު ޒައިބާއަށް ބަލާލިއެވެ. އޭރު ޒައިބާއަށްވެސް އިނދެވުނީ ލޫޠުގެ މޫނަށް ބަލަހައްޓައިގެންނެވެ.
" ދެން.. ޒައި އަހަންނާ ވާހަކަ ނުދައްކަންތަ ތި ވިސްނަނީ ؟"
ފުންނަޒަރަކުން ޒައިބާގެ ދެލޮލަށް ބަލާލަމުން ލޫޠު އެހިއެވެ. އާނއެކޭ ބުނަން ބޭނުންވި ނަމަވެސް ޒައިބާއަކަށް އެހިތްވަރެއް ނުލިބުނެވެ. އެ ސްކޫލަށް އޭނާ އައީއްސުރެ، އެކި ގޮތްގޮތުން ލޫޠު އޭނާއަށް އެހީތެރިވެދޭކަން އޭނާ ހަނދާންވިއެވެ. އެހެންކަމުން ލޫޠުއާ ގުޅުން ކަނޑާލުމަކީވެސް އޭނާއަށް ފަސޭހަކަމެއް ނޫނެވެ.
" އެންމެ ރަނގަޅު! އަހަރެންގެ ސަބަބުން ޒައިގެ ޕަރސަނަލް ލައިފަށް ބުރޫ އަރާކަށް ބޭނުމެއްނޫން! މީގެ ފަހުން އަހަރެމެން ދެމީހުންމީ ނުދަންނަ ދެމީހުން…"
އެހެން ބުނުމަށްފަހު ލޫޠު ތެދުވެގެން ދޮރާއިދިމާއަށް ހިނގައިގަތީ އެތަނުން ނިކުންނާށެވެ. އޭރުވެސް އިސްޖަހާލައިގެން ޒައިބާއަށް އިނދެވުނީއެވެ. އެފަދަ ގޮތަކަށް ލޫޠު ވާހަކަ ދެއްކުމުން ޙަޤީޤަތުގައި ޒައިބާގެ ހިތުގައި ޖެހުނެވެ. އޭނާ އިންތިހާއަށް ދެރަވެސްވިއެވެ. ފާޅު ކުރަން ބޭނުން ނުވި ނަމަވެސް ލޫޠު އޭނާއާމެދު ޚާއްސަ ގޮތަކަށް ދެކޭކަން ޒައިބާއަށް އިޙްސާސްވެއެވެ.
" ލޫޠު!…" ޒައިބާގެ އަޑަށް ލޫޠުއަށް ހުއްޓެވުނެވެ. ލޫޠު ދިޔައީވެސް އެ އުއްމީދުގައެވެ.
" އަހަންނަށް މަޢާފްކުރޭ! އަހަންނަށްވެސް ރަނގަޅީ ތިގޮތް! އެހެން ނޫނީ އަހަރެންގެ ދިރިއުޅުން ހަލާކުވެދާނެ! "
ހީވެސް ނުކުރާކަހަލަ ގޮތަކަށް ޒައިބާ ވާހަކަ ދެއްކުމުން ލޫޠު އިތުރަށް ދެރަވިއެވެ. ޒައިބާއަށް ދޭނެ ޖަވާބެއްވެސް ލޫޠުއަކަށް ނޭނގުނެވެ. އެހެންކަމުން އެއްޗެއް ނުބުނެ އޭނާ މަޑުނުކޮށް ނިކުތީއެވެ. ލޫޠު ނިކުތުމާއެކު ޒައިބާއަށް ދެރަވެގެން ރޮވުނެވެ.
ސްކޫލުން އައިސް ގެއަށް ވަނުމާއެކު ޖޯލީގައި އޮތް ނާޝިޒް ފެނުނެވެ. އޭރު އިރުއޮއްސި އަނދިރިވަނީއެވެ. ކޮންމެ ގޮތެއް ވިޔަސް ގޭތެރެއަށް ދެވޭނީ އޭނާގެ ކުރިމަތިން ގޮހެވެ. އެގޮތް ބޭނުން ނުވި ނަމަވެސް ޒައިބާ ހިނގައިގަތީ ނަމާދު ވަގުތު ޖެހިފައިވާތީއެވެ.
" މިއަދު ހާދަ ރީއްޗޭ! "
ނާޝިޒްގެ އަޑަށް ޒައިބާއަށް ހުއްޓެވުނެވެ. ނާޝިޒްގެ އެޖުމްލަ ޒައިބާއަކަށް ކަމަކު ނުދިޔައެވެ. އޭނާ ޒައިބާއަށް ތަޢުރީފް ކުރުމުގެ ބޭނުމަކީ ކޮބައިބާއޭ ޒައިބާ ހިތަށް އެރިއެވެ.
" ކިހިނެއްވީ؟ ހިތްހަމަ ނުޖެހުނީތަ؟"
ޖޯލިން ތެދުވުމަށްފަހު ނާޝިޒް ބުންޏެވެ. މައިދައިތަ އާއި އަނބިމީހާވެސް މިގަޑީގައި އުޅޭނީ ނަމާދުކުރަންކަން އެނގި ނާޝިޒް ވަގުތުގެ ބޭނުން ހިފާލިއެވެ.
" ރީއްޗޭ ބުނުން އެ މައްސަލައެއްތަ؟ "
" އާނ! އެއީ ވަރަށް ބޮޑު މައްސަލައެއް! ތީ އަނބިމީހާގާތު ދައްކަންޖެހޭ ވާހަކަ! މީހުންގެ އަނބިންނާ ދައްކަން ޖެހޭ ވާހަކައެއްނޫން! " ޒައިބާ ހުރީ އިންތިހާއަށް ރުޅި ގަދަވެފައެވެ.
" އުފްފް.. އާތިކާ؟ އޭނަ ރީތިތަ؟ އަހަންނަކަށް އޭނަ އެއްވެސް ރީއްޗެއް ނޫން.."
ނާޝިޒްގެ އަސްލު ސޫރަ ފެނި، ޒައިބާ ހައިރާންވިއެވެ. އެގޭ އެންމެންވެސް ނާޝިޒަށް އިޙްތިރާމާ ގަދަރު ކުރާކަން ޒައިބާއަށް އެނގެއެވެ. އެހެންކަމުން އޭނާ އިތުރަށް ފޫހިވިއެވެ.
" އެކަމަކު.. ޒައިބާ ފެނުނަސް އަހަރެން… ހޫމްމްމް.."
ޒައިބާއާ ދިމާއަށް ކުޑަކޮށް މޫނު ދިއްކޮށްލަމުން ނާޝިޒް ބުންޏެވެ. އެއާއެކު ޒައިބާ އަވަސް އަވަހަށް ދުރަށް ޖެހިލިއެވެ. ޖެހިލުންވެފައި ހުރި ވަރުން އޭނާ ތުރުތުރުއަޅަމުންދެއެވެ.
" ތީ ހާދަ ގޮތެއް ފޮތެއް ނެތް މީހެކޭ! އަހަރެން ހުރިހާ ވާހަކައެއްވެސް ބުނާނަން އަކްރަމްގާތު.."
" ބުނޭ! ބުންޏަސް ގަބޫލެއް ނުކުރާނެ! މައްސަލައެއް ފެންމަތި ކޮށްލިއްޔާ އަހަރެން ދައްކާނަން މާ ބައިވަރު ވާހަކަ.. އަހަރެން ދޮގެއް ހެދިޔަސް މިގޭ މީހުން ޤަބޫލު ކުރާނެ! އާޚިރުގަ ބޮނޑި ލިބޭނީ ކާކަށް؟ "
ފޫހި ރާގަކަށް ނާޝިޒް ބުނެލިއެވެ. ނާޝިޒްގެ ވާހަކަތައް އަޑުއަހަން ހުރި ޒައިބާ ރުޅިވެރި ލޮލަކުން ބަަލަމުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު ހުޝިޔާރުވެ ހުރި ނާޝިޒް ޒައިބާގެ އަތުގައި ހިފިއެވެ.
" ދޫކުރޭ އަހަރެންގެ އަތުން.."
އަތް ފޮޅުވާލަމުން ޒައިބާ ބުންޏެވެ. ނަމަވެސް ނާޝިޒް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ކުއްލިއަކަށް ގޭތެރެއިން ވަރަށް ބާރަށް އިވުނު އާތިކާގެ އަޑަށް ނާޝިޒްގެ އިތުރުން ޒައިބާވެސް ދިޔައީ ސިހިގެންނެވެ. ނާޝިޒް އަަވަސް އަވަަހަށް ޒައިބާގެ އަތުން ދޫކޮށްލިއެވެ. އޭރު ނާޝިޒަށް ގޮވަމުން އާތިކާ ބޭރަށް ނިކުމެއްޖެއެވެ.
" މަންމަ ކޮޓަރި ތެރެއަށް ވެއްޓިގެންނޭ! ހިނގާބަލަ!!"
އާތިކާ އެހެން ބުނުމަށްފަހު އަނެއްކާވެސް އެތެރެއަށް ދުއްވައިގެތެވެ. ޒައިބާއަށްވެސް ގޭތެރެއަށް ދުއްވައިގަނެވުނެވެ. އެންމެން ވެގެން ޝަކީލާ ނެގި އިރުވެސް، އޭނާގެ ގައިގައި އެއްވެސް ބާރެއް ނެތެވެ.
އިސާހިތަކު ޝަކީލާ ހޮސްޕިޓަލަށް ގެނެވުނެވެ. އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ ޑޮކްޓަރ ބުނާނެ އެއްޗަކަށެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން ހޮސްޕިޓަލުގައި ބޭއްވުމަށް ޑޮކްޓަރ ވިދާޅުވުމުން ޝަކީލާ އެޑްމިޓް ކުރެވުނީ ވޯޑުގައެވެ.
"މިހާރު މަންމައަށް އޮތީ ނިދިފަ! މިރޭ އަހަރެން ހުންނާނީ މަންމަ ގާތު! ނާޝިޒްވެސް ހުންނަންވީނު އަހަންނާއެކު"
އާތިކާ ބުންޏެވެ. އެހެނަސް އާތިކާއާއެކު އެތަނުގައި ހުންނާކަށް ނާޝިޒް އެއްގޮތަކަށްވެސް ބޭނުމެއްނުވިއެވެ.
" ނުނިދާ ހުރެފަ އަހަންނަކަށް އޮފީހަކަށް ނުދެވޭނެ! "
ހިތްހަމަ ނުޖެހިފައި ހުރެ، ނާޝިޒް އެހެން ބުނިއަޑަށް ޒައިބާއަށްވެސް ބަލާލެވުނެވެ.
" އޯހް! އަހަރެން ހަނދާންނެތުނީ މާދަމާ އޮފީސް ދުވަހެއްކަން. ޒައިބާވެސް ހެނދުނު ސްކޫލަށް ދާން ޖެހޭނެއެއްނު! ދެން ގެއަށް ދާންވީނު! މިހާރު މާ ލަސްވެއްޖެ!"
ގަޑި ބަލާލަމުން އާތިކާ ބުންޏެވެ. ބޯޖަހާލުމަށްފަހު ޒައިބާ ބޭރަށް ނިކުންނަން ހިނގައިގަތުމާއެކު އަނެއްކާވެސް އާތިކާ ވާހަކަ ދައްކަން ފެށިއެވެ.
" ނާޝިޒް ދާންވީނު ސައިކަލްގަ ދާއިރު ޒައިބާވެސް ގޮވައިގެން… "
އާތިކާގެ ޖުމްލައާއެކު ޒައިބާ ރުޅިގަދަވިއެވެ. އެހެނަސް އޭނާ އެކަން ދައްކާކަށް ބޭނުމެއް ނުވިއެވެ.
" ނޫނޭ! އަހަރެން ހިނގާލާފަ ދާނީ.. "
" އެހެން ކަމަކު ނުދާނެ! ނާޝިޒްވެސް އެއުޅެނީ ގެއަށް ދާކަށްނު. ދެން ކީއްކުރަން ހިނގާފަ ދާންވީ އެހާ ދުރަށް! ދެން ދޭބަލަ! "
އާތިކާ ހުރީ ވާހަކަ ކުރު ކުރާ ގޮތަކަށް ނޫނެވެ.
( ނުނިމޭ )
