ވާހަކަ: ރުކާން – 30 (ފަހުބައި)

( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )

"ރުކާން. މަޑުކުރޭ. އަހަރެން އެބައަންނަން." މިއުވާން ފައިވާނަކަށް އަރައިގެން ދުވެފައި އައެވެ.

"ރުކާން.ހިތްވަރުކުރޭ." އޭނާ ރުކާން ނަގާ އަތްދަނޑި މައްޗަށްލިއެވެ.

"މިއުވާން…. އަހަރެންނަށް މާފުކުރޭ… " އޭނާގެ ކެތްތެރިކަން ކޮޅުން ލީކަހަލައެވެ. ދެލޮލުން ފޭބި ކަރުނަތައް އިތުރުވެގެން ދިޔައެވެ.

" ރުކާން. އަހަރެން އަބަދުވެސް ރުކާންދެކެ ލޯބިވޭ. ދެން ހުއްޓަލާ. ހިތްވަރު ކޮށްލަނިކޮށް ހުރިހާކަމެއް ރަނގަޅުވެދާނެ." އަތްދަނޑިމައްޗަށް ލައިގެން ދަމުން މިއުވާން އޭނާއަށް ނަސޭހަތްދެމުން ދިޔައެވެ.

"މިއުވާން. އަހަންނަށް މާފުކޮށްފިން ދޯ." ރުކާން ޔަގީންކުރަނީއެވެ.

"ރުކާން. މާބޮޑަށް ނުވިސްނާ."

"އަހަރެންނަށް ގޮތެއްވިޔަސް މިކުށެއްނެތް ދަރިފުޅު ބަލާދޭތި." ރުކާން ރޮމުން ދިޔައެވެ.

"ރުކާން… ރުކާން.. ހިތްވަރުކުރޭ. ރުކާނަކަށް އެއްވެސް ގޮތެއްނުވާނެ." ހާސްވެފައިވާ މިއުވާން ބޭރަށް ނިކުމެ ކާރެއް ހުއްޓުވިއެވެ. އަދި އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ.

ކަންބޮޑުވެފައިވާ މިއުވާން ހޮސްޕިޓަލުގެ އޮޕްރޭޝަން ތިއޭޓަރު ކައިރީ ދެކޮޅަށް ހިނގާލަހިނގާލަ ހުއްޓެވެ.  ރުކާންގެ ޚަބަރެއް ނުވެ ލަސްވަމުން ދާތީ އޭނާ ހުރީ ބިރުގެންފައެވެ.

"ދެމައިންގެ ހާލުވެސް ވަރަށް ސީރިއަސް. ސަލާމަތް ކުރެވޭނީ ކޮންމެވެސް އެކެއްގެ ފުރާނައެއް. މީގައި ސޮއި ކޮށްލައްވާ." ނަރުހަކު އައިސް ފޯމެއް ދެމުން ބުންޏެވެ. ހާސްވެފައި ހުރި މިއުވާނަށް ސޮއި ކޮށްލާ އެއްޗެއް އަހަންވެސް ފުރުސަތުނުދީ ފޯމު ދީފައި އެ ނަރުސް އެތެރެއަށް ހިނގައްޖެއެވެ.

 

ސާޅީސް މިނިޓެއް ހާއިރުތެރޭ ރުކާން ނެރެވިއްޖެއެވެ. ރުކާން ގެންނަ ތަން ބަލަން މިއުވާން ހުރީ ހިތް ދަތިކަމާ އެކުގައެވެ. އަބަދަށްޓަކައި ނިދާފައިވާ ކަހަލަ ގޮތަކަށް ލޯމެރިފައިވާ ރުކާންގެ މޫނުމަތިން ފެންނަނީ ވޭނާއި ރިހުމުގެ އަސަރުތަކެވެ.

"ރުކާން… " މިއުވާން ހިތާމައިން ފުރިގެންވާ އާހެއް ބޭރުވިއެވެ. އޭނާގެ ލޯވަނީ ކަރުނުން ތެމިފައެވެ. އަޑުވަނީ ބެދިފައެވެ. އޭނާ ރުކާންގެ އަތުގައި ހިފާލިއެވެ. ރުކާން ލޯ ހުޅުވާލިއެވެ.

"މިއުވާން….." ރުކާން ލޯހުޅުވާލިއެވެ.

"ރުކާން އަދި އަރާމް ކޮށްލާ." މިއުވާން މަޑުމަޑުން ބުނެލިއެވެ.

"އަހަރެމެންނަށް އަންހެން ކުއްޖަކު ލިބުނު ޚަބަރު ނުލިބޭތަ؟" ރުކާން ލޯ ފޮހެލިއެވެ.

"ރުކާން. ޑޮކްޓަރުން ބުނީ ބޭބީ ސަލާމަތް ނުވާނެކަމަށް. ނަމަވެސް ބޭބީ ސަލާމަތްވި." މިއުވާން ރުކާންގެ އަތުގައި ހިފާލިއެވެ.

"އެހެންވީއިރު ބޭބީ ކޮބާ؟"

"ނާސަރީގައި. ބޭބީގެ ބައިވަރު މައްސަލަތައް އެބަހުއްޓޯ." މިއުވާން ރުކާންގެ ނިތްކުރިއަށް ދޮނެއްދިނެވެ.

"އެއީ ކީއްވެ؟" ރުކާން ދެރަވިއެވެ. ރުކާން މިއުވާނުގެ އަތުގައި ހިފާލިއެވެ. އޭނާ ދުވަހަކުވެސް މިއުވާން ދުރަށް ދާކަށް ނޭދެއެވެ.

"މާތްﷲ ދެނެވޮޑިގަންނަވާނީ. ރުކާން. ދެން ހިތްވަރުކުރޭ. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް. ފަހަރުގައި ސައުކަތުގެ އަނިޔާވެރިކަމުން އެކުއްޖާއަށް ދިރިއުޅުމުގެ ފުރުސަތު ނުލިބުނީ ކަމަށްވެސް ވެދާނެ." މިއުވާން ރުކާނަށް ހިތްވަރު ދިނެވެ. މިއުވާން ދިޔައީ ރުކާނަށް ނިދުނީމައެވެ.

މިއުވާން ހިނގައްޖެއެވެ. ދެން ދުވަހަކުވެސް މިއުވާން ރުކާން ގާތަކަށް ނާންނާނެއެވެ. ރުކާންގެ ގޮތްދޫނުކުރުމާއި އަމިއްލަ ގޮތްގަނޑުދެކެ މިއުވާން ފޫހިވެއްޖެއެވެ. ރުކާން ވިހާ ގަދަވާއިރަށް މިއުވާނަށް އެއްޗިހި ކިޔާނެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. އިންސާނެއްގެ ދަށުވެގެން މިއުވާނަށް މިހާރު އުޅެވިއްޖެއެވެ. ދުނިޔޭގެ އެއްވެސް ފިރިހެނެއް  އަންހެނަކަށް އާދޭސް ނުކުރާވަރަށް މިއުވާން އާދޭސް ކޮށްފިއެވެ. އޭނާބޭނުންވަނީ ހިމޭންވެލާށެވެ. މި މާހައުލާވެސް ދުރަށް ދާށެވެ. އަބަދުގެ އަބަދަށް ރުކާނާއި ވަކިވާށެވެ.

ރުކާން  ހޮސްޕިޓަލުގައި އޮންނަތާ ތިން ދުވަސް ވެއްޖެއެވެ. ކުޑަދަރިފުޅު ނުފެނުމުގެ އިތުރަށް މިއުވާނުގެ ޚަބަރެއް ނުވުމުން ރުކާން ވަނީ ދެރަވެފައެވެ. މިއުވާން އޭނާ ދޫކޮށްލީ ކަމަށް ހީވާ ކޮންމެ ފަހަރަކު އޭނާ ހިތް ފަޅައިގެން ދާވަރު ވެއެވެ. އޭނާއަށް މިއުވާނާއިމެދު އަމަލު ކުރެވުނު ގޮތުން ވަނީ މާފަށް އެދެން ބޭނުން ވެފައެވެ. ނަމަވެސް މިއުވާން ދެން ނާންނާނެ ކަން އޭނާއަށް ޔަގީނެވެ. ކުރީރޭގައި މިއުވާން އޭނާއަށް އެއްޗިހިކީ ހާދިސާ އޭނާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ.

ރުކާން ފޯނު ނެގިއެވެ. އޭނާ މިއުވާނުގެ ފޯނަށް ގުޅާލަން އުޅުނެވެ. ނަމަވެސް އޭނާއަކަށް ގުޅާކަށް ނުކެރުނެވެ. މިއުވާންގެ ކިބައިން ބަދަލު ހިފުނީތީ އޭނާ ނުހަނު ދެރަވެއެވެ. މިއުވާންދެކެ ލޯބިވެއެވެ. މިއުވާން ނުފެންނަ ނަމަ އޭނާ ހިތާމައިން ހަލާކުވާ ވަރުވެއެވެ. ނަމަވެސްގޮތް ދޫނުކޮށް އުޅުނީ މިއުވާން އޭނާއަށް އަމަލުކުރި ގޮތުންނެވެ. އެކަމަކު މިއަދު ހުރިހާ ކަމެއް އޭނާއަށް އޮޅުން ފިލައިފިއެވެ. އެއީ ރަނގަޅު ހެޔޮލަފާ އިންސާނެކެވެ. ރުކާންދެކެ ލޯބިވާ ފިރިއެކެވެ.

ރުކާން އަނެއްކާވެސް މިއުވާންގެ ފޯނަށް ގުޅާލެވޭތޯ ފޯނު ނެގިއެވެ. ހިތްވަރު ކޮށްލާފައި މިއުވާނާއި ވާހަކަ ދައްކަން އޭނާ ބޭނުންވެއެވެ. މިއުވާންގެ ފޯނު ވަނީ ނިވާލާފައެވެ. ރުކާން ދެރަވިއެވެ. މިއުވާން ގަސްދުގައި އޭނާގެ ފޯނަށް ޖަވާބު ދޭން ބޭނުން ނުވަނީ ކަމުގައި ހީކުރެވެން ފެށިއެވެ.

ނޫނެކެވެ. މިއުވާނަކީ ފޯނު ނިއްވާލާ މީހެއް ނޫނެވެ. ކިތަންމެ ގޯސް ހާލަތެއް އަޔަސް އޭނާ ފޯނަށް ޖަވާބުދޭނެއެވެ. އެއީ ކަމެއް ދިމާވިޔަސް ފިލަންދާ މީހެއްނޫންކަން ރުކާނަށް އެނގެއެވެ. ޔަގީނެވެ. މިއުވާނަށް ގޮތެއް ވެއްޖެއެވެ. ކުޑަހިނދުކޮޅަކަށް ރުކާން ބިރުގަނެއްޖެއެވެ.

ރުކާން އޮތް ކޮޓަރި ދޮރުހުޅުވުނު އަޑު އިވުނެވެ. ރުކާން އުންމީދު ކުރީ މިއުވާނު އަންނަނީ ކަމުގައެވެ. އޭނާ އެނދުން ތެދުވިއެވެ. ދެއަތުން ބޮލުގެ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ. އަދި ހެދުން ރަނގަޅު ކޮށްލިއެވެ. ކުރިމަތީގައި ހުރީ މިއުވާނެއް ނޫނެވެ. ނަރުހަކާއި ޑޮކްޓަރެކެވެ. އޭނާ މާޔޫސް ވިއެވެ. މިއުވާނާ މެދު އުންމީދު ކުރުން ރަނގަޅެއް ނޫންކަން އިހުސާސްވިއެވެ.

"ބޭބީގެ މޫނު ބައްލަވަން ދުރު ވާނަންތޯ؟" އިރުކޮޅަކު މަޑުން ހުންނަވާފައި ޑޮކްޓަރު ބުނުއްވިއެވެ.

"އަޅުގަނޑު އަދި އެއްގޮތަކަށްވެސް ބޭބީއެއް ނުދެކެން." ރުކާން އުފާވެލާފައި ބުންޏެވެ. ރުކާންގެ މިއުފާވެރިކަން ފެނިފައި ޑޮކްޓަރު ނަރުހާއި ދިމާއަށް ބަލާލިއެވެ.

"މާފުކުރައްވާ. ރުކާންގެ ބޭބީ މަރުވެއްޖެ." ޑޮކްޓަރު ބުނެލިއެވެ.

ރުކާނަށް މިއިވުނު ބަސް ގަބޫލުކުރަން ދަތިވެއްޖެއެވެ. ދެވަނަފަހަރަށް ވެސް ޑޮކްޓަރު އެހެން ބުނުއްވުމުން ގަބޫލު ނުކުރެވިގެން ނަރުސްގެ  މޫނަށް އޭނާ ބަލާލިއެވެ. އެއީ ތެދެކޭ ބުނާ ކަހަލަ ގޮތަކަށް ނަރުސް ބޯޖަހާލިއެވެ. ރުކާނަށް ވީގޮތެއް ނޭނގުނެވެ. އޭނާއަށް އެނދުގައި އިށީނދެވިއްޖެއެވެ. ނަރުސް ކުއްޖާ ރުކާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

"ހިތްވަރުކުރޭ. ކުއްޖާގެ ހިތުގެ ހިނގުން ވިހޭއިރުވެސް އުޅެނީ ލަސްކޮށް. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން. ބޭބީގެ ހިތުގެ ހިނގުން އެއްކޮށް ހުއްޓުނީ." ނަރުސް އޮޅުން ފިލުވައިދިނެވެ. އެއީ އޯގާތެެރި ނަރުހެކެވެ. އޭނާގެ ވާހަކައިން ރުކާނަށް ހިތްވަރުލިބުނެވެ.

"އަސްލު ހޮސްޕިޓަލަށް ގެނެވުނުއިރު ދެމައިންގެ ހާލުވެސް ވަރަށް ދަށް. ސަލާމަތްކުރެވެން އޮތީ ކޮންމެވެސް އެކެއްގެ ފުރާނައެއް. ފިރިމީހާ ބޮޑަށް ބޭނުންވީ ރުކާންގެ ފުރާނަ ސަލާމަތްކުރަން. އޭނާއަކީ ވަރަށް ރަނގަޅު މީހެއް. އެކަމަކު ފަހުން އޭނާއެއް ނުދެކެން. ކޮބާތަ އޭނާ؟" ނަރުސް ބުންޏެވެ.

"ހިނގާ." ރުކާން ބުނާނީ ކީކޭކަމެއް ނޭނގުނެވެ. އެހެންވެ އޭނާ ދާން ހިނގައިގަތެވެ. އާއްމުގޮތެއްގައިވެސް ކެތްތެރިވާން އާދަވެފައިވާ ރުކާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. ނަރުސްގެ އެހީތެރިކަމާއެކު ރުކާން ނާސަރީއަށް ދާން ހިނގައިގަތެވެ.

ރުކާން ނާސަރީއަށް ދާން ހިނގައިގަތީ އިމަޖެންސީ ފަރުވާ ދޭ ކޮޓަރިއާއި ދިމާއިންނެވެ. އެތާނގެ ބޭރުގައި މީހުންނާއި ފުލުހުން ވަރަށް  ގިނައެވެ. ދުރުން އައި ހަތަރު ފުލުހަކާއި ޒުވާނަކު އަންނަތަނަށް ރުކާނަށް ބަލާލެވުނެވެ. އޭނާއަށް ސިހުންލިބުނީ ފުލުހުންނާ އެކު އެގެންނަ ޒުވާނާ އޭނާ ދަންނަލެއް ބޮޑުކަމުންނެވެ. ފުލުހުންގެ މެދުގައި މިއުވާން އެހުރީ ކުށްވެރިއެއް ފަދައިންކަން ރުކާނަށް ޔަގީންވިއެވެ. ކިރިޔާ ހިނގޭ ނުހިނގޭ ރުކާން މިއުވާނާއި ދިމާއަށްދާން ބާރަށް ހިނގައިގަތެވެ. މިއަދު އޭނާގެ މިއުވާން ފުލުހުން ގެންދާތަން ދެކޭކަށް ކުޅަދާނައެއް ނުވިއެވެ. މީގެ އެތައް އަހަރެއް ކުރީން އެމީހުންވަނީ މިއުވާން ގެންގޮސްފައެވެ. އޭގެ ސަބަބުން އޭނާއަށް ވަނީ އެތައް ހިތާމައަކާއި ގެއްލުން ތަކެއް ލިބިފައެވެ.

"މިއުވާން….." މިއުވާނާއި ހަމައަށް ނުދެވެނީސް ރުކާން ގޮވާލިއެވެ. އޭރު ރުކާނަށް ކޮޅަށް ހުރެވެނީ ކިރިޔާއެވެ. ބޯ އަނބުރާތީއެވެ. ހަށިގަނޑުގައި ރިއްސާތީއެވެ. ހުރިހާ ހިތާމައަކަށް ކެތްކުރަން ދަތިވާތީއެވެ.

"ރުކާން…" މިއުވާން މަޑުމަޑުން ގޮވާލިއެވެ. މިއުވާނަށް ރުކާނަށް ވާގޮތް ފެނުމުން ރުކާންގެ ހާލަތު ރަނގަޅު ނޫންކަން އެނގުނެވެ. ނަމަވެސް އޭނާ ރުކާން ގާތަކަށް ނުދެއެވެ. ފުލުހުން ހިނގައިގަތުމާއެކު އޭނާވެސް ހިނގައިގަތީއެވެ. ހީވާގޮތުން މިހާރު އޭނާ ރުކާނާމެދު އެއްވެސް އޯގާތެރި ކަމެއްނެތެވެ. އޭނާ ރުކާނަށް ނަފުރަތު ކުރެއެވެ.

ރުކާން ގައިގާ ހުރި ބާރެއްލާފައި ކުރިއަށް ހިނގައިގަތެވެ. އޭނާއަށް މިއުވާނާއި ހަމައަށް ދެވުނީ ވަރަށް މަސައްކަތުންނެވެ. ރުކާން މިއުވާންގެ ފަހަތުން ގޮސް މިއުވާންގެ އަތުގައި ހިފިއެވެ.

"މިއުވާން… އެމީހުން ގާތުބުނޭ ނުގެންދާށޭ." ރުކާން ގައިގާހުރި ބާރެއް ލާފައި ބުނެލިއެވެ. އޭރު ރުކާން ވެއްޓެން ދަނީއެވެ.

"ކުރިން ދިޔަގޮތަށް މިފަހަރުވެސް ދަނީތަ؟ ހެޔޮނުވާނެ މިއުވާން. ދެންމިއުވާން ދިޔަޔަސް އަހަރެންނަށް ކެތްކުރެވޭނެ ބާރެއްނެތް. އެމީހުން ގާތުބުނޭ ނުގެންދާށޭ." ރުކާންގެ ހަކަތަ ހުސްވެއްޖެއެވެ. އޭނާ އަރި އަޅާލައިފިއެވެ. ދެލޯ މެރިއްޖެއެވެ. ކިތަންމެ ހިތްގަދަ ކުރަން އުޅުނުނަމަވެސް މިއުވާނަކަށް ރުކާނާއި ދުރެއް ނުވެވުނެވެ. އޭނާއަށް ރުކާންގެ ގައިގާ ހިފަހައްޓާލެވުނެވެ. އެންމެންވެގެން ރުކާން އިމަޖެންސީ ރޫމަށް ވެއްދިއެވެ.

ރުކާނަށް އަދިވެސް އޮތީ ލޯމެރިފައެވެ. އަތަށް ގުޅާފައިވާ އައިވީ ފުޅިން ތިއްކަކަށްފަހު ތިއްކެއް ވެއްޓެމުން ދެއެވެ. އޭނާގެ އުފަން ދަރިފުޅު އޭރު ވަނީ ވަޅުލެވިފައެވެ. އައި ފުލުހުން ވަނީ އެމީހުންގެ މަސައްކަތް ފުރިހަމަ ކުރަން ގޮސްފައެވެ. މިއުވާން އިނީ ރުކާން އޮތް އެނދުގައި ބޯއަޅާލައިގެންނެވެ.

މިއުވާނު ތެދުވީ ރުކާންގެ އަތަށް ހަރަކާތެއް ގެނައުމުންނެވެ. އޭނާ ރުކާންގެ މޫނަށް ބަލާލިއެވެ.  ރުކާން މަޑުމަޑުން ލޯ ހުޅުވާލިއެވެ. ކުއްލި ހަރަކާތަކާއެކު މިއުވާންގެ އަތުގައި ރުކާންގެ ދެއަތުން ހިފިއެވެ.

"މިއުވާން….ކޮބާ ފުލުހުން. އެމީހުން ކީއްވެ މިއުވާން ގެންދަން އުޅުނީ." ރުކާން އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ. ބިރުގަނެ ހާސްވެފައިވާ ރުކާން ހީވަނީ މޮޔައެއް ހެންނެވެ. މިއުވާނަށް ރުކާންގެ ހާލަތު ރަނގަޅު ނޫންކަން އެނގެއެވެ.

"ރުކާން. އެމީހުން އައީ އަހަރެން ބަލައެއްނޫން." މިއުވާން ވާހަކަ ދެއްކޭތޯ ބެލިއެވެ. އޭނާގެ ކަނާތުން ރުކާންގެ ކޯތާފަތުގައި ފިރުމާލިއެވެ.

"ދޮގުނުހަދާ. އަހަރެންނަށް މިއުވާން ވަރަށް ރަނގަޅަށް އެނގޭ. އެމީހުން މިއުވާން ގެންދަން އުޅުނީ ކީއްވެ؟ ދެން އަހަރެން ދޫކޮށްލާފައި ނުދޭ." ރުކާން މަޑުމަޑުން ރަނގަޅުވަމުން ދެއެވެ. ނަމަވެސް އޭނާއަށް ބާރަށް ރޮވެނީއެވެ.

"އެމީހުން އައީ އަހަރެންގެ ކާރުން އެކްސިޑެންޓެއްވެގެން މީހަކަށް ވަރަށް ބޮޑަށް އަނިޔާވެގެން. ނަސީބަކުން ދުއްވަން އިނީ ޑްރައިވަރު." މިއުވާން ރުކާންގެ އަތުގައި ހިފާލިއެވެ.

"މިއުވާން. އަހަރެންނަށް މާފުކުރޭ. ހުރިހާ ކަމަކީވެސް މިއުވާން ނެތުމުގެ ސަބަބުން ދިމާވި ކަންތައްތަކެއް. މިއުވާނާއި ނުލާ އުޅެންޖެހުމުން… މިއުވާން ކީއްވެ ނައީ." ރުކާންގެ ދެއަތުން މިއުވާންގެ އަތުގައި ހިފާލިއެވެ.

"އެ…..އެއީ… ދެންއަޅާނުލާ. އަހަރެން ރުކާން ދޫކޮށްލާފައެއް ދެން ދުވަހަކުވެސް ނުދާނަން."

"އަސްލު އެހާބޮޑަށް ރުޅި އާދެވުނީތީ މިހާރު ވަރަށް ދެރަވޭ. މިއުވާން ނެތުމުން ކުރިމަތިލާންޖެހުނު ކަންތަކުން…" ރުކާނަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ އަޑު ބެދިއްޖެއެވެ.

"ދެން ރުކާނަށް އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނަން. ރުކާން. އަހަރެން ރުކާންދެކެ ވީ ހަގީގީ ލޯބި. އަހަރެން ރުކާންދެކެ ވަރަށް ލޯބިވޭ." މިއުވާން ރުކާންގެ އަތަށް ފިތާލިއެވެ. ރުކާނަށް އެތައް ހިތްވަރެއް ދިނެވެ. ރުކާން އަނބުރައިގަތުމާއި ދަރިފުޅު ވަޅުލުމާއި ހަމައަށް ވީ ހުރިހާކަމެއް ކިޔައިދިނެވެ. ދަރިފުޅު މަރުވުމުން ރުކާން ދެރަވިއެވެ. ނަމަވެސް މިއުވާންގެ ނަސޭހަތްތަކުން ރުކާން ހަމައަކަށް އެޅުނެވެ. މިއުވާންގެ ބަސްތަކުން އެމީހުންގެ ކުރިމަގުގެ އުޖާލާކަން އިހުސާސް ކޮށްދިނެވެ. ދިރިއުޅުން އާފެށުމަކުން ފެށުމަށް އަޒުމް ކަނޑަ އެޅުނެވެ. އެކަކު އަނެކަކަށް އިތުބާރު ކުރުމާއި އެކަކު އަނެކަކަށްޓަކައި ދިރިހުރުމަށް އަޒުމު ކަނޑައެޅުނެވެ. ދުވަހަކުވެސް މީހަކަށް އެދެމީހުން ދެން ވަތްކެއް ނުކުރެވޭނެއެވެ.

ނިމުނީ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *