(1 ފެބްރުއަރީ 2023 ގެ ނޫހާއި ގުޅޭ)
ކުއްލިއަކަށް އޭނާއަށް މާތްﷲގެ ރަސްކަންފުޅު ހިތަށް ވަދެގަތެވެ. އެ ނޫރުގެ ސަބަބުން އޭނާގެ ނިކަމެތިހާލު އިހުސާސްވެ އޯގާތެރިވުމަށް ދެންނެވިއެވެ. ބައެއް ރޭރޭ ހޭލެވޭއިރު ޔައީން ނަމާދު ކުރާތަން އޭނާއަށް ފެނެއެވެ. އެހެންކަމުން ނަމާދުގެ މަތީން އޭނާ ހަނދާންވެއްޖެއެވެ. ކޮންމެވެސް ވަރަކަށް ނަމާދު ކުރަން އެނގޭތީ ނަމާދު ކުރާހިތްވިއެވެ. އޭނާ ގިނަ އިރުވަންދެން ފެންވެރިއެވެ. މުޅި ހަށިގަނޑު ނަޖިހުން ސާފު ކުރާކަހަލަ ގޮތަކަށް ސާފުކުރިއެވެ. އަދި ވުޟޫ ކޮށްލައިގެން އިޝާނަމާދަށް އެރިއެވެ. އޭނާ ނަމާދުކޮށް ﷲ އަށް ކުއްތަންވިއެވެ. އޭނާގެ ކުށަށް ތައުބާވެ ފާފަ ފުއްސެވުމަށް ދެންނެވިއެވެ. ބައްޕައަށް ޝިފާލެއްވުމަށް ދުޢާކުރިއެވެ. މިހުރިހާކަމެއް އޭނާއަށް ދެންނެވުނީ ކޮން ޢިބާރާތަކުން ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާގެ ދެލޮލުން އޭރުވެސް ހޯސްލާފައި ކަރުނަ އާދެއެވެ. ނަމާދުކޮށް ނިމުމުން ލިބުނު އާދަޔާ ޚިލާފު ހިތްހަމަޖެހުން އޭނާއަށް ކެތްތެރިވުމަށް ބާރަކަށް ވިއެވެ.
ނުނިދާ ހުރުމުގެ ސަބަބުން އޭނާއަށް ނިދުނީ އަޖައިބުވާހާ އަވަހަށެވެ. އޭނާއަށް ހުވަފެނުން ފެނުނީ އަނދިރި ކޮޓަރިއެކެވެ. މުޅިން ބަންދު ވެފައިވާ އަނދިރި ކޮޓަރީގައި ބަންދުވެފައިވާތާ އޭނާ އެތައް ދުވަހެއް ވެއްޖެއެވެ. އޭނާ ސަލާމަތްވޭތޯ ދޮރުގައި ތަޅަމުން ދެއެވެ. ނަމަވެސް މިއަނދިރީގައި ސަލާމަތްވުމަށް ދެވެނީ މުޅިންވެސް ބަންދު ކޮށްފައި ހުންނަ ދޮރާ ދިމާއަށެވެ. ކުއްލިއަކަށް ތިނޯހެއްގެ ފަގަ ހުންނަހާ ހިމަ ލޯވަޅަކުން އޭނާއަށް އަލިވާތަން ފެނެއެވެ. އޭނާ އެދޮރުން ނިކުންނަން މަސައްކަތް ކުރެއެވެ. އެންމެފަހުން އޭނާއަށް އެ އަލިކޮޅާ ދިމާއަށް ދުއްވައި ގަތްތަނުން ހޭލެވިއްޖެއެވެ. ސިއްސައިގެން ގޮސް ހޭލެވުނުއިރު އޭނާ ހުރީ ދާހިތްލާ ފޯވެފައެވެ. މި ހުވަފެން އޭނާ ހަނދާން ނުނެތޭވާރަށް ހިތުގައި ހަރުލާފައި ވެއެވެ.
އޭނާ މިކަން ހަނދާން ނައްތާލެވޭތޯ ޓީވީ އަޅުވާލިއެވެ. އަދި އޭނާގެ ޝައުގުވެރިކަން ހުސްކޮށްފައިވާ އެމްޓީވީ އަށް ބަދަލުކޮށްލިއެވެ. ނަމަވެސް އެވެސް އޭނާ ބަލާހިތެއް ނުވިއެވެ. ފަހަރަކު ޗެނަލަކަށް ބަދަލުކުރަމުން ދަނިކޮށް އޭނާއަށް ޓީވީއެމް އަށް ލެވުނެވެ. އޭރު ދީނީ ތަގުރީރެއް ޓީވީން ދެމުން ދެއެވެ. ގުރުއާނާއި ސުންނަތުގެ އަލީގައި ދެމުންދާ ތަގުރީރު ބިނާވެފައިވާ މައުޟޫޢަކީ "މާޔޫސް ނުވާށެވެ. މާތްﷲ ވޮޑިގެންވަނީ އެކަލާނގެ އަޅުންނާއި އެކުގައެވެ." އޭގައި ތައުބާ ވުމުގެ މުހިންމުކަމާއި ކުށްކުރުމުން ދުރުވުމަށް ބާރުއަޅުއްވާ އެތަކެއް ވާހަކައެއް ދެއްކެވިއެވެ. އެތައް ހާދިސާތަކެއްގެ ވާހަކަ ކިޔުއްވިއެވެ. އޭގައި އަނދިރިކަމުގެ ތެރޭގައި ނުހުރެ އަލިކަމުގެ މަގަށް ދައުވަތު ދިނެވެ. މިއީ އޭނާގެ ހުވަފެނުގައިވެސް އިހުސާސްވީ ކަންތަކެވެ. އޭނާ މިކަމާ ދޭތެރޭ ވިސްނަން ފެށިއެވެ. މީގެ ނަތީޖާ އަކަށް ވެގެން ދިޔައީ މަޑުމަޑުން އޭނާ ދީނާއި ގާތް ކުރުވުމެވެ. ދީނީ ލިޔުންތައް ކިޔާ ހިތްވުމެވެ. ދީނީ ތަގުރީރުތައް އަޑުއެހުމުގެ ޝައުގުވެރިކަން އުފެދެން ފެށުމެވެ.
އިސާހިތަކު އޭނާގެ ދިރިއުޅުން ބަދަލުވެއްޖެއެވެ. ގޭތެރޭގެ މަސައްކަތުގައި ހަރަކާތްތެރި ވާން ފެށުނެވެ. ބައްޕަ ރަނގަޅު ވޭތޯ އެތައް ދުއާއެއް އޭނާ ކުރަމުންދެއެވެ. އޭނާއަށް އައި އެންމެ ބޮޑު ބަދަލަކީ ޔައީނުގެ ހަރުކަށިކަންދެކެ ބިރުގަތުމެވެ. ޔައީނު ރުޅި އަންނަ ހުރިހާކަމެއް އޭނާ ރަނގަޅު ކުރެވޭތޯ ބަލަމުން ދިޔައެވެ. އެކަންތައް ރަނގަޅު ކުރެވުނުއިރު އެއީ މުޅިންވެސް ރަނގަޅު ހަރުދަނާ ގޮތްތަކެއް ކަމުގައި ވިއެވެ. މިގޮތުގައި ހަފްތާއެއް ވީއިރު އޭނާއަށް ހެޔޮ ބަދަލުތަކެއްލިބި އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް ބައްޕަ ގާތު މާފަށް ނޭދެވިގެންނާއި ބައްޕަގެ ހިތްހެޔޮކަން ލިބޭތޯ އޭނާ އެދެމުން ދިޔައީ އޭގެ ނިހާޔަތަށެވެ.
ހުކުރުދުވަހަކީ ބަންދު ދުވަހެއްކަމުން ޔައީން އިނީ ސިޓިންރޫމްގައެވެ. ލީޝަން ފަތިސް ނަމާދުކުރަން ތެދުވިއެވެ. އެހެން ދުވަސްތަކާއި ޚިލާފަށް ލީޝަން މިއަދު ބޭނުންވީ ޔައީނަށް ސައި ހަދައިދިނުމަށެވެ. އޭނާ ބަދިގެއަށް ގޮސް ރޮށި ފިހަން ނިންމިއެވެ. ރޮއްޓާއި މަސްހުނި ފަހަރުގައި ޔައީނަށް މީރުވެދާނެއެވެ. ޔައީނަށް މީރީ ކޮންއެއްޗެއްކަންވެސް ޚުދު އޭނާއަކަށް ނޭނގެއެވެ. އެންމެފަހުން އޭނާ ނިންމީ ރޮށި ފިހުމަށެވެ. އޭނާ ނުހަނު އުނދަގުލުން ރޮށި ފިހަންފެށިއެވެ. ނަމަވެސް ހުރިހާ ރޮއްޓެއްވެސް ހުރީ ހަރުވެފައެވެ. ގިނަ ރޮށި ހުރީ އަނދާފައެވެ. އޭނާ މޭޒުމައްޗަށް ނާސްތާގެނެސް ތައްޔާރު ކުރަން ފެށީ ޔައީން ޒީޝަންއާއި ވާހަކަ ދައްކާއަޑަށެވެ.
"ސައިބޯން ދާންވީނު." ލީޝަން އިސްޖަހާލައިގެން ހުރެ ބުންޏެވެ. އޭނާ ހުރީ ޔައީން އެއްޗެއް ބުނެފާނެތީ ބިރުންނެވެ. އޭނާ މިހާރު ޔައީންދެކެ ޖެހިލުންވެއެވެ.
"ދަރިފުޅާ ހިނގާބަލަ ބައްޕަގެ ފަސްމަސްވީ ކައިވެނީގައި އަނބިމީހާގެ އަތުން ފުރަތަމަ ފަހަރަށް ލިބޭ ސައިތަށީގެ ހުރިވަރެއް ބަލާލަން." އޭނާ ޒީޝަން އުރާލާ ކާގެއަށް ހިނގައިގަތެވެ.
"ސުބުހާނަﷲ. ދަރިފުޅާ މީ ރޮށިތަ ނޫނީ ފާރޮށިތަ. ބައްޕަމެން ކުޑައިރު އަވަލި ކިޔާއެއްޗެއް މިކަހަލަ ހަރު ރޮށިން ހަދާ. އެކަމަކު މި ބޯ ރޮށީގައި އޭގެ ފަސްރޮށި އޮންނާނެ." އޭނާ ހެމުން ވާހަކަދެއްކީ ހަމަހުގެ ޒީޝަން އާވިޔަސް އެއީ އޭނާ ގަސްދުގައި ލީޝަންއަށް ބުނިބަހެކެވެ. ޔައީން މިބުނި ބަސްވީ ލީޝަން ލަދުގަންނަވާލާ ދެރަކޮށްލި މަލާމާތަކަށެވެ.
"މީއްޗިހި ކާނީ ކިހިނެއް؟ ސައި ހަދަންޏާ އެހެންމީހުންވެސް ހަދާގޮތަށް ހަދާ. އެކަމަކު އަހަރެން ކޮންމެ ދުވަހަކު ދެން ކާނީ ގެއިން. ހުރިހާ އިރަކަށް ކައްކާތި. އަލުން ރޮށި ފިހޭ. އަހަރެން ޒީޝަން ގޮވައިގެން އެބައަންނަން." އޭނާ އެ ބޯ ރޮށި އެއްލާލަމުން ހަޅޭއްލަވައިގަތެވެ. ލީޝަން ދިޔައީ ތުރުތުރު އަޅައިގެންނެވެ. އޭނާއަށް ރަނގަޅަށް ރޮށިފިހަން ދެގަޑިއިރު ނެގިއެވެ. އޭގެ ތެރެއިންވެސް ގިނަ ރޮށި ހަލާކުވެގެން އެއްލާލިއެވެ.
އާދައިގެ މަތީން ޔައީން އޮފީހަށް ދާވަގުތު ޒީޝަން އޭނާގެ ކޮއްކޮއެއް ގާތަށްލާފައި އޮފީހަށްދާން ހިނގައިގަތެވެ. މިއީ ލީޝަންއަށް އެކަމުން އަސަރު ކުރުވި ކަމެކެވެ. އޭނާ ބޭނުންވަނީ ޒީޝަންއަށް އޯގާތެރި ވެދީގެން ޒީނާއަށް އޭނާގެ ސަބަބުން ދިމާވި އަނިޔާގެ ބަދަލު ދެވޭތޯއެވެ. ފަހަރުގައި އޭރުން މަހުޝަރުދުވަހުން އޭނާގެ ބައްޕައާއި ޒީނާގެ މައާފު އޭނާއަށް ލިބިދާނެއެވެ. ނަމަވެސް ޔައީން އޭނާއަކަށް ފުރުސަތެއް ނުދެއެވެ.
"އަހަރެން ޒީޝަން މިއަދު ބަލަން ދީފަންނަންތަ؟"
"ކީއްކުރަން. އަނެއްކާވެސް އަނގަމަތި ފަޅާލަންތަ؟ ނޫނީ ބަނޑުހައިވެގެން ރޯއިރު ބުއްފުޅި ބިންމައްޗަށް އަޅާލަންތަ؟"
"އެކަންތަކާއި އަހަރެން މިހާރު ދެރަވަން. އާދޭސް މިކުރީ. އަހަރެންނަށް އެއްފުރުސަތުދީ." އޭނާ އަށް ޔައީންގެ ކުރިމަތީގައި އަމިއްލަ ކުށަށް އިއުތިރާފުވެގެން ރޮވުނު މީ ފުރަތަމަ ފަހަރެވެ. ޔައީން އެ ކުޑަކުއްޖާ ލީޝަންއާއި ހަވާލު ކޮށްފައި އޮފީހަށްދިޔައީ ލީޝަން އާދޭސްކުރި ވަރުންނެވެ. ލީޝަން ލިބުނު ފުރުސަތުގެ ބޭނުން ހިފާ ވަރަށް ރަނގަޅަށް ޒީޝަން ބެލިއެވެ. މިގޮތުގައި ދެހަފްތާ ވިއިރު އެ ކުޑަކުޑަ ޒީޝަން ހުރީ ލީޝަންއަށް މޮޔަވާވަރަށް ލޯބިޖެހިފައެވެ. ލީޝަން އެކުޑަ ކުއްޖާ ގޮވައިގެން ކުޅެން އިނެވެ. ތަފާތު އަޑުތަކުން ވާހަކަދައްކަމުން ސަކަރާތް ޖަހަމުން ދެއެވެ. އެހެންޏާ ނާންނަ ވަރަށްވުރެ އަވަހަށް ޔައީން ގެއަށް އައެވެ. އޭނާއަށް މިމަންޒަރުފެނި ޒީޝަންގެ މަޖާކަން ފެނުމުން އުރާލާ ހިތްވިއެވެ. އޭނާ ޒީޝަން އުރާލުމުން ބާރަށް ރޯންފެށިއެވެ. އޭނާ ރޮމުން ދިޔައިރު މަންމާއޭ ކިޔާ ލީޝަންއާއި ދިމާއަށް އަތްދިއްކުރަމުން ދެއެވެ. އެވަގުތު ލީޝަންއަށް ކުރި އަސަރެއް ބުނެދޭކަށްވެސް ނޭނގެއެވެ. އޭނާއަށް އެދިމާއަށް ދެވުނެވެ. ނަމަވެސް ޔައީން އުރައިގެން ހުރުމުން އޭނާ ގާތަށް ދާކަށް ނުކެރުނެވެ.
"މަންމައެއް ލިބުމުން ބައްޕަ އާއި ރުޅިވީދޯ." ލީޝަން އަތަށް ޒީޝަން ދެމުން ޔައީން ބުންޏެވެ.
"ބައްޕަގެ ހާލު ކިހިނެއް." ޔައީން ވާހަކަދެއްކި އޯގާތެރި ގޮތުން އޭނާއަށް ބައްޕަގެ ހާލުގެ ވާހަކަ އަހާލެވުނެވެ.
"އެއްވެސް ބަދަލެއްނާދޭ." އޭނާ ހަމަ އެހުރި ރާގުގައި ބުންޏެވެ.
ލީޝަން ސިކުނޑީގައި ޚިޔާލުތަކެއް އެނބުރިގަތެވެ. ލީޝަން މިހާރު ރަނގަޅުވެ ބަދަލުވެއްޖެކަން ޔައީނަށް ނެނގެނީބާވައެވެ. އޭނާގެފުށުން އެއްވެސް އޯގާތެރިކަމެއް ނުފެނެއެވެ. ލީޝަންގެ މިބަދަލުވުން ޔައީނަށް ފާހަގަ ނުކުރެވެނީބާވައެވެ. ނޫނެކެވެ. ފާހަގަވީނަމަވެސް އެއީ ހަރުކަށި އެއްވެސް އަސަރެއް ނުކުރާ ހިލަހިތެއް ލިބިފައިވާ ފިރިހެނެކެވެ.
ކޮންމެ ރެއަކުވެސް ޒީޝަން ނިންދަވަނީ ޔައީންގެ ގާތުގައި ބާއްވައިގެން ނަމަވެސް މިހާރު ނިންދަވަނީ ލީޝަން ކަމުން ޒީޝަން ބާއްވަނީ އޭނާގެ ގާތުގައެވެ. އޭރުން ކޮންމެ ރެއަކުވެސް ޔައީން އައިސް ޒީޝަން ނަގާ އޭނާގެ ޚާއްޞަ އެނދަށްލާނެއެވެ. ނަމަވެސް މިރޭ ލީޝަންއަށް ހޭލެވުނީ ޒީޝަން އާދަޔާ ޚިލާފަށް ރޯތީއެވެ. އޭރު ޔައީން އޭނާ މަސަލަސް ކުރެވޭތޯ ބެލިއެވެ.
"ދީބަލަ އަހަރެންގެ އަތަށް." އޭނާ ހޭލެވުމާއެކު ފުންމައިގެން ގޮސް އަތްދިއްކޮށްލާފައި ބުންޏެވެ.
"ޔާ ރައްބީ. މި މަންޖެ މިހުރީ ހުން އައިސްފައި." އުރާލާފައި ބުންޏެވެ. އޭނާ އަވަސް އަވަހަށް ތައްޓަކަށް ފެން އެޅިއެވެ. އަދި އެ ކުޑަކުއްޖާގެ ގައިގާ ކާއްތަމުން ހުންވިހެލާތޯ މަސައްކަތް ކުރަމުން ދެއެވެ. އެދެމީހުންގެ މަސައްކަތުން ނުހަނު އުނދަގުލުން ބޭސްދިނެވެ. އަދި ބުއްފުޅިއެއް ބޯލައިގެން ޒީޝަން ނިދައިފިއެވެ.
"މިހާރު އެހެރަ ތިނެއްޖަހަނީ. ޔައީން ނިދަންވީނު. އަހަރެން ހޭލާ ހުންނާނަން." އޭނާ މަޑުމަޑުން ބުނެލިއެވެ.
"ތީ ހެޔޮހިތުން ބުނާއެއްޗެއްތަ؟"
"އަހަރެންގެ އެއްވެސްކަމެއް ރަނގަޅުނޫންކަން އަހަރެން ގަބޫލުކުރަން. އެކަމަކު އަބަދު ރުޅިއަންނާތީ އަހަރެން ދެރަވޭ."
"ލީޝަންއަށް ދެރަވާން އެނގޭތަ؟"
"ނޭނގެ ދެރަވާން އެނގޭކަމެއް. އަހަރެންގެ މެއަށްތަދުވޭ. އެއްޗެއްކާން އުޅޭއިރު ނުކެވިގެން ކިތަންމެ ފަހަރަކު ބަހައްޓަން. އަބަދު ރޮވެނީ."
"ކީއްވެ ލީޝަން ދެރަވާންވީ. އަހަރެން އެއްޗެއް ބުންޏަސް ދެރަވާކަށް ނުޖެހެއެއްނު. އަހަރެންމީ ލީޝަންގެ ކާކު." ހަމަ އެ ހަރުކަށި ރާގުގައި އޭނާ ބުންޏެވެ.
"ތިއީ އަހަރެންގެ ބައްޕަ އޯގާތެރިވާ ފަރާތެއްނޫންތަ؟ ބައްޕަ ދެން ރަނގަޅެއްނުވާނެތަ؟ އަހަރެން ބައްޕައާއި ވާހަކަދައްކަންބޭނުން." އޭނާއަށް ރޮވެންފެށިއެވެ.
"ލީޝަން ހުއްޓާލާ. ފަހަރެއްގައި އަހަރެމެންގެ ހެޔޮދުއާއިން ބައްޕަ ރަނގަޅުވެދާނެ." އޭނާ ފުރަތަމަފަހަރަށް ލީޝަންއަށް އޯގާތެރިކަމާއެކު ބަހެއް ބުނެލިއެވެ. މިކަމުގެ ސަބަބުން އޭނާއަށް ލިބުނީ އިތުރު ހިތާމައެކެވެ. އެހެންމީހުންނަށްވެސް ވާގޮތަށް ހިތާމަވެރި ވަގުތެއްގައި މީހަކު އޯގާތެރިވުމުން މާބޮޑަށް ހިތްދަތިވެއެވެ.
"ލީޝަން ހުއްޓާލާ. ހިތްވަރުކުރަންވާނެ." އޭނާ މިފަހަރު ލީޝަންއާ ދޭތެރޭ ހިތްހަމަޖެހުނެވެ.
"ޒީޝަން އަހަރެންގެ ގާތުގައި ބާއްވަންތަ؟" ލީޝަން ޔައީންގެ ހުއްދައަށް އެދުނެވެ.
"އަހަރެންގެ ހުއްދަ ނުހޯދާވެސް ލީޝަންއަށް އޭނާ ގެންދެވިދާނެއެއްނު." ފުރަތަމަ ފަހަރަށް ޒީޝަންގެ ހުރިހާކަމެއްގެ އިޚުތިޔާރު ލީޝަންއަށް ދިނެވެ.
(ނުނިމޭ)
