ރެއާލް މެޑްރިޑް ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފި

އާލް މެޑްރިޑުން ފަސް ވަނަ ފަހަރަށް ކްލަބް ވަލްޑްކަޕް އުފުލާލައި، އެ މުބާރާތް ކާމިޔާބުކުރުމުގައި ރެއާލުން ދަމަހައްޓަމުން އަންނަ ރެކޯޑް އާކޮށްފިއެވެ.

މޮރޮކޯގެ ރަބަތުގައި ކުޅުނު މިމެޗްގައި، އޭޝިއާގެ ޗެމްޕިއަން  ސައުދީގެ އަލް ހިލާލުގެ މައްޗަށް  ޔޫއެފާ ޗެމްޕިއަންސް ރެއާލް މެޑްރިޑް ކުރިހޯދީ ފަހެއް ތިނެއްގެ ނަތީޖާއަކުންނެވެ. މެޗުގައި ރެއާލް މެޑްރިޑުން ވަނީ 13 ވަނަ މިނެޓް ތެރޭގައި ލީޑް ނަގާފައެވެ. މި ލަނޑު ރެއާލްއަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒީމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިނީޝިއުސް ޖޫނިއާ އެވެ.

ވިނީޝިއުސް ލަނޑެއް ޖަހައި ރެއާލަށް ލީޑު ނަގައިދީފައިވަނިކޮށް އޭގެ ހަތަރު މިނެޓް ފަހުން ރެއާލްގެ ފެޑެރިކޯ ވަލްވެދޭ ވަނީ ލަނޑެއް ޖަހާފައެވެ. ރެއާލްއިން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް ހިލާލުގެ މޫސާ މަރޭގާ ވަނލަނޑެއް ޖެހުމުގެ ސަބަބުން ފުރަތަމަ ހާފް ނިމުނީ ދޭއް އެކެއްގެ ނަތީޖާގައި އޮވެގެންނެވެ.

ރެއާލްގެ ތިންވަނަ ލަނޑު އެޓީމުން ޖަހާފައިވަނީ 54 ވަނަ މިނެޓް ތެރޭގައެވެ. މިލަނޑު ޖެހީ ބެންޒީމާ އެވެ. އޭގެ ތިން މިނެޓް ފަހުން ރެއާލްގެ ހަތަރުވަނަ ލަނޑު ވަލްވޭޑޭ ކާމިޔާބުކޮށްދިން އިރު، އޭގެ ހަތަރު މިނެޓް ފަހުން ހިލާލްގެ ވިއޭޓޯ ވަނީ ލަނޑެއް ޖަހާފައެވެ.

މެޗުގައި ރެއާލުން ޖެހި ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ވިނީޝިއުސްއެވެ. ރެއާލުން ލަނޑެއް ޖަހާފައިވަނިކޮށް ލޫޝިއާނޯ ވިއޭޓޯ ވަނީ 79 ވަނަ މިނެޓް ތެރޭގައި އިތުރު ލަޑެއް ޖަހައި މެޗުގެ ނަތީޖާ ފަހެއް ތިނަކަށް ބަދަލުކޮށްފައެވެ.

މިފަހަރުގެ ފީފާ ކްލަބް ވޯލްޑްކަޕް ރެއާލް ކާމިޔާބުކުރުމާއެކު އެޓީމުން ވަނީ މިހާތަނަށް މި މުބާރާތް ފަސް ފަހަރަށް ކާމިޔާބުކޮށް، މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމުގެ ރެކޯޑު އާކޮށްފައެވެ.

ތިންވަނަ ހޮވި މެޗުގައި ދެކުނު އެމެރިކާގެ ޗެމްޕިއަން ފްލެމެންގޯ އާއި އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ ކުޅުނު މެޗު ފެލެމެންގޯ ކާމިޔާބު ކުރީ 4-2 ންނެވެ.

މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައިވަނީ ޗެލްސީ އެވެ. ނަމަވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ ކޮންމެ ބައްރެއްގެ ޗެމްޕިއަނުން ނަށާއި، އިންތިޒާމް ކުރާ ގައުމުގެ ޗެމްޕިއަނުންނަށެވެ.

2025 ވަނަ އަހަރުގެ ޖޫން މަހު ބާއްވާ ކުލަބް ވޯލްޑް ކަޕަށްފަހު ދެން ބާއްވާނީ ކޮންމެ 4 އަހަރަކުން  32 ޓީމު ބައިވެރިވާ ގޮތަށެވެ.  މިގޮތަށް މުބާރާތުގެ ފޯމެޓް ބަދަލުކުރުމަށް ފީފާ އިން ވަނީ ނިންމާފައެވެ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *