ކުރިމަތިވާން އުޅެނީ ކޮންކަހަލަ ޠޫފާނެއްކަމެއް ނޭނގޭތީ އޭނާގެ ހިތް މަޑަކުން ނޯތެވެ. ހިތް އެދެނީ އެންމެ ފަހަރަކު ނަމަވެސް އަކްރަމް ދެކިލުމަށެވެ. ވާހަކަ ދައްކާލުމަށެވެ. އޭނާ މިހާރު ބޭނުންވަނީ ހަމައެކަނި އަކްރަމްގެ ޙިމާޔަތެވެ. ނަމަވެސް ޝަކީލާގެ ވާހަކަތަކުން ޒައިބާގެ ހިތަށްވަނީ ވަރަށް ބޮޑަށް ބިރުވެރިކަން ވެރިކުރުވާފައެވެ. އޭނާގެ ހިތުގައި އުފެދެމުންދާ ސުވާލުތައް ވަރަށް ގިނައެވެ. އަކްރަމް އޭނާގާތަށް އަންނާނެ ހެއްޔެވެ؟ އޭނާގެ ވާހަކަތައް އަޑުއަހާނެ ހެއްޔެވެ؟ އަކްރަމް ގަބޫލުކުރާނީ އާއިލާގެ ވާހަކަތައް ހެއްޔެވެ؟ ނޫނީ އޭނާގެ ވާހަކަތައް ހެއްޔެވެ؟
ރޯމާދުވާލު، ފޮށި ހިފައިގެން ބޭރުގައި ހުންނަން ޒައިބާ ވަރަށް ލަދުގަތެވެ. އޭނާއަކީ ރަށަށް ބީރައްޓެއްސަކަށް ވިޔަސް، މުދައްރިސަކަށް ވުމުން އެރަށުގައި އޭނާ ނުދަންނަ މީހެއް މަދުވާނެއެވެ. އެހެންކަމުން އޭނާބެލީ މީހުންގެ ލޯތަކުން ސަލާމަތްވެގެން އަވަހަށް ކޮންމެވެސް މީހެއްގެ ހިޔާވަހިކަން ހޯދާށެވެ. އެއާއެކު ފޯނުނެތްކަން ހަނދާންވުމުން އޭނާ ހަދާނެގޮތް ހުސްވިއެވެ. އެ ބަރު، ބޮޑު ފޮށި ހިފައިގެން ދާނީވަކި ކޮންތާކަށްބާއޭ ހިތަށް އެރިއެވެ.
ފަސްގަނޑުމަތިން ފޮށި ދަމަމުން ޒައިބާ ހިނގައިިގަތީ ދާނެ މަންޒިލެއް ނެތިއެވެ. އިރުއިރުކޮޅުން ނޭފަތުން އަންނަ ފެންތައް ބުރުގާއިން ފޮހެލެވެއެވެ. އަދި ލޮލުން ފައިބަމުންދާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަނީ ނުރޮއިވޭތޯ ބެލުމަށެވެ. ތަންކޮޅަކަށް ދިޔުމާއެކު މަގުމަތިން މީހުން ފެންނަން ފަށައިފިއެވެ. ސައިކަލްގައި ދާ މީހުންގެ ނަޒަރުވެސް އަމާޒުވެފައި ހުންނަނީ ޒައިބާއަށްކަން އޭނާއަށް އެނގެއެވެ. ތަންތަންކޮޅުގައި ހުއްޓި ތިބެ، މީސްމީހުން އޭނާއަށް ބަލަމުންދާކަންވެސް އެނގެއެވެ. ކިތަންމެ ލަދުގަތްނަމަވެސް އެހީއަށް އެދެންވީ ކާކުގާތުކަމެއް އޭނާއަށް ނޭނގުނެވެ. މީހަކާ ދިމާލަށް އިސްއުފުލާ ބަލާލާނެ ހިތްވަރުވެސް އޭނާގެ ނެތެވެ.
ޒައިބާއަކީ އެރަށު ޤަދަރުވެރި މުދައްރިސެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާވަނީ ބެލެނިވެރިންނާއި ދަރިވަރުންގެ ލޯބި ހޯދާފައެވެ. އެހެންކަމުން އޭނާއަށް ކުރާ އިޙްތިރާމަކުން ކަމަށްވެސް ވެދާނެއެވެ. މިއަދު އޭނާއަށް ގޮވާލާ ހުއްޓުވާކަށް އެކަކަށްވެސް ނުކެރުނެވެ. ކަންބޮޑުވެފައިވާ ޙާލު، އެންމެންވެސް ތިބެނީ ބަލަހައްޓައިގެންނެވެ.
ވަރުބަލިކަމާއެކު ޒައިބާއަށް ގޮސް ހުއްޓުނީ ރަށުގެ ފުއްޓަރު ފަރާތު އަތިރި މަތީގައެވެ. އެއީ އެރަށުންވެސް އޭނާއަށް ހިތްހަމަޖެހުން ގެނެސްދޭ މަންޒިލެވެ. ދެރަވެ، ކަންބޮޑުވާ ވަގުތުވެސް އޭނާއަށް އާދެވެނީ ގިނަފަހަރު އެތަނަށެވެ.ނަސީބު ދިމާކުރިގޮތުން އެވަގުތު އެތަނުގައި އެއްވެސް މީހަކު ނެތެވެ. އަދި ޖެހޭ ނަލަނަލަ ވައިރޯޅިން ހެލެމުންދާ ގަސްތައް ފިޔަވާ އެއްވެސް ދިރުމެއް ނުވާކަހަލައެވެ. ހަމަހިމޭންކަން ވެރިވެފައިވާ އަތިރިމަތީގައި ޒައިބާއަށް މަޑުކޮށްލެވުމާއެކު އޭނާއަށް ގިސްލެވެން ފެށުނެވެ. އެހިނދު ފޮށިން އަތް ދޫކޮށްލުމަށްފަހު މޫނުގައި ދެއަތް އަޅާ، ބިންމަތީގައި ކުޑަކަކޫ ޖަހާ، އޭނާއަށް ބާރަށް ރޮއިގަނެވުނެވެ. އަޑުންއަޑުނަގާ ރޮވެން ފެށީ ހިފެހެއްޓުމެއްނެތިއެވެ. ހަށިގަނޑުތެރޭގައިވާ ހުރިހާ އާހެއް ބޭރުކޮށްލަން ބޭނުންވާ ކަހަލައެވެ. އުދާސްވެފައިވާ ހިތް ނެރެ އެއްލާލަން އުޅޭ ކަހަލައެވެ. ލޮލުން ފައިބަމުންދާ ކަރުނަތައް ހުސްކޮށްލަން މަސައްކަތްކުރާ ކަހަލައެވެ. ނަމަވެސް ގިސްލާ ރުއިމަކުން އޭނާއަށް ލިބުނު ހަމަޖެހުމެއްވެސް ނެތެވެ. ބޮލުގައި ރިހޭ ރިހުމާ ހިތުގައި އަޅާ ވޭން އިތުރަށް ގަދަވުން ނޫން ކަމެއްނުވިއެވެ.
ސެޝަން ނިންމާލާފައި މަރީ އާއި ލޫޠު ގޭޓުން ނިކުތީ އެކުއެކީގައެވެ. ސައިކަލާދިމާއަށް ލޫޠު ދިޔުމާއެކު މަރީ ހިނގައިގަތެވެ.
" ޒައިގެ ޚަބަރެއް ވިއްޔާ މަށަށް އަންގާލައްޗޭ! "
ސްޓާޓްކޮށްލަމުން ލޫޠު ބުނެލިއެވެ. އެއާއެކު މަރީ ހިނިގަނޑެއް ޖަހާލުމަށްފަހު އޭނާއާ ދިމާކުރަންފެށިއެވެ.
" ލޫޠު އުޅޭ ގޮތުން އަހަންނަށްވެސް ހީވަނީ ހަމަ ޒައިބާއާ އަޅައިގަނެގެން އުޅޭހެންނޭ! ޒައިބާ ހުސްކޮށް ހުރިނަމައެއްނު!"
ސައިކަލް އަނބުރާލުމަށްފަހު ލޫޠު އައިސް މަރީއާ އަރާ ހަމަކުރިއެވެ. އޭރު އޭނާގެ ތުންފަތްމައްޗަށްވެސް ވެރިވެފައިވަނީ ލާނެތް ހިނިތުންވުމެކެވެ.
" ތީ ކަލޭމެންނަށް ހަމަ ހީވާ އެއްޗެއް! ރަށުން ބޭރު ކުދިންނަށް އަޅާލަންވާނެއެއްނު! އަދި ފިރިމީހާވެސް ރަށުގައި ހުރީކީ ނޫން.."
ސަމާސާރާގެއްގައި ލޫޠު ބުނެލިއެވެ. ލަސް ފިޔަވަޅުތަކެއްގައި ހިނގާފައިދާ މަރީއާ އެއްވަރަކަށް ސައިކަލް ދުއްވަމުންގޮސް ، ދުވެލި ބާރުކޮށްލީ ކައިރީގައި ހުރި ފިހާރައަކުން ނިކުތް ހަލީމާ މަރީއަށް ގޮވާލުމުންނެވެ. ހަލީމާއަކީ މަރީގެ އަވައްޓެރިއެކެވެ.
" އޭ މަރީއަކަށް ނޭނގޭތަ ޝަކީލާމެންގެއިން ޒައިބާ ނެރެފިޔޯ! "
އޭނާގެ ޖުމްލައިން މަރީއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހައިރާންވެފައި ހުރެ އޭނާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
" ނޫން.. ނޭނގެ! މިއަދު ސްކޫލަށް ނާންނާތީވެ މަވެސް ވަރަށް ގުޅައިފިން! ޒައިގެ ފޯނަކަށް ނުވެސް ގުޅޭ! "
ހާސްވެފައިހުރެ މަރީއަށް ބުނެވުނެވެ. ފިހާރައިގެ ބޭރުގައި ރާނާފައިވާ ކުޑަ ފިނިއަށިގަނޑު މަތީގައި ހަލީމާގެ އަތުގައި ހުރި ކޮތަޅުތައް ބަހައްޓަމުން އޭނާ އެތާމަތީ އިށީނދެލިއެވެ. ހީވާގޮތުން އޭނާ އެއުޅެނީ އިތުރަށް އެވާހަކަ ތަފްޞީލްކޮށްދޭށެވެ. އެހެންކަމުން ހަލީމާ ދައްކަން އުޅޭ ވާހަކަތައް އަޑުއަހަން ކެތްމަދުވެފައި މަރީ ހުއްޓެވެ.
" ކޮންމެވެސް ފިރެހެނެއް ވެއްދިއްޔޯ އެގެއަށް. އެތަން މިފެނުނީ އެގޭ ނާޝިޒަށް! އެހެންވެ ނާޝިޒް އެވާހަކަތައް ކިޔާފާނެތީ ޒައިބާ ބިރުން އެވާހަކަ އަނެއްކޮޅަށް ޖަހައިގެން ގަދަކަމުން އޭނައާ ނާޝިޒް ބެހުނިއްޔޯ ކިއްޔޯ! ނާޝިޒަކީ އެހެން އުޅޭވެސް މީހެއް ނޫން! އޭނަ މިރަށުގައި އުޅޭތާ ކިހާ ދުވަހެއް ވެއްޖެ! މަގެއް މަތިންވެސް ނުފެންނާނެ! "
ހަލީމާގެ ވާހަކަތައް މަރީއަކަށް ޤަބޫލެއް ނުކުރެވުނެވެ. މަރީ އެއްޗެއް ބުނުމުގެ ކުރިން އަނެއްކާވެސް ވާހަކަ ދެއްކީ ހަލީމައެވެ.
" އެ ޝަކީލާމެންނާ ކުޅެލައިފި މީހަކަށް ހަމަނޭވާ ނުލެވޭނެ! އެކޮޔަށް އެކުރެވުނީ ވަރަށް މޮޔަ ކަމެއް! ދެން އެކޮޔަށް މިރަށުގައިވެސް ނޫޅެވޭނެ ކަންނޭނގެ! "
" ކީއްވެ ނޫޅެވެންވީ؟ އުޅެވޭނެ! ޒައިބާގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އަހަންނަށް! ޒައިބާއަކީ ތިބުނާ ކަހަލަ ކުއްޖެއްނޫން! ތިކަމުގައި ފޮރުވިފައިވާ އެހެން ކަމެއް އޮންނާނެ! ޔޯލަޔޯލަ ކިޔައިގެން ހަލީމަމެންނަށްވެސް ވާހަކަ ފެތުރޭނީ! ދެކޮޅު ބަލާލިއްޔާ ކީއްތަވާނީ؟ "
ރުޅި ގަދަވި ވަރުން މަރީއަށް ހަލީމާދެކެވެސް ރުޅި އާދެވުނެވެ.
"ހޫން… ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެއްނު! ޒައިބާއާ ރައްޓެހިކަމުން މަންޖެވެސް ތިހުރީ އެކޮޔަށް އަރާ ހިކިފައެއްނު! "
ހަލީމަދެކެ މަރީ ރުޅިއައިކަން އެނގުމުން ހަލީމަވެސް ބޭނުންވީ މަރީ ރުޅިއަރުވާލާށެވެ. ނަމަވެސް އިތުރަށް އެއްޗެއް ނުބުނެ މަރީ އަވަހަށް ހިނގައިގަތެވެ. ގެއަށް ދިޔުމުގެ ތެރޭގައި ދެތިން ތަނުގައި ގުރޫޕް ގުރޫޕަށް މީހުން ތުންގުޅާލައިގެން ވާހަކަ ދައްކަން ތިބިތަން މަރީއަށް ފެނުނެވެ. އޭނާއަށް ޔަޤީންވާގޮތުގައި މިއަދު ރަށުތެރޭގައި ހޫނުވެގެން މިއުޅެނީ ޒައިބާގެ ވާހަކައެވެ.
ގެއަށް ގޮސް ފެންވަރާ ނަމާދުކޮށްލުމަށްފަހު އޭނާ ގުޅީ، ލޫޠަށެވެ. އަދި އަޑުއިވުނު ވާހަކަތައް ލޫޠަށް ކިޔައިދިނެވެ.
" އެހެން ނުވާނެ! އަހަރެން ތިކަމެއް ޤަބޫލެއް ނުކުރާނަން! މަރީއަށް ނޭނގޭ ބައެއް ކަންތައްތައް އަހަންނަށް އެނގޭ!"
ބޭއިޚްތިޔާރުގައި ލޫޠަށް ބުނެވުނެވެ. އެއާއެކު މަރީގެ ހިތުގައި އެކަންތައްތައް އޮޅުން ފިލުވުމުގެ ޝައުޤު އުފެދުނެވެ.
" ތިބުނާ ނާޝިޒް ، ޝަކީލައްތަ ގާތު މަށާ ޒައިބާއޭ ކިޔައިގެންވެސް ފާޑުފާޑުގެ ވާހަކަދެއްކި! އެހެންވެ އަހަރެން މިދުވަސްކޮޅު ޒައިއާ ވާހަކަވެސް ނުދައްކާ މިއުޅުނީ. ޒައިބާ ނަހަދާނެ ދޮގެއް! މަށަށް ޔަޤީން ނާޝިޒްގެ ކަމެއް އެއީ! މަރީ! ޒައިބާ ވީތަނެއް ނޭނގޭތަ ހަމަ؟ "
ލޫޠު ވާހަކަ ދެއްކީ އަވަސް އަވަހަށެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދާކަން އޭނާއަށް އިޙްސާސްވެއެވެ. ނާޝިޒްދެކެ އިންތިހާއަށް ރުޅި އާދެވެން ފެށުނެވެ. ނާޝިޒާހެދި ޒައިބާއަށް ޖެހުނު ޙާލު އެނގުމުން ލޫތުގެ ކެތްތެރިކަން ކޮޅުންލާހެން އޭނާއަށް ހީވިއެވެ.
" ގެއަށް އާދެވުނު އިރު އަޞްރަށް ގޮވަން ކައިރިވެފައި ހުރީމަ އަވަހަށް ނަމާދަށް އެރީމި! ހަމަ އެއްގޮތަކަށްވެސް ޒައިބާގެ ޚަބަރެއް ނޭނގެ! އަޅެ ޒައި ކީއްވެބާ މިގެއަށް ނައީ؟"
ދެރަވެލާފައި މަރީ ބުނެލިއެވެ.
" ވެދާނެ އެއްނު އަންނަން ނުކެރުނީ ކަމަށްވެސް! އެކަމަކު ދެން ކޮންތާކަށް އެފަކީރު ދާނީވެސް؟ އަހަރެން ވަރަށް ކަންބޮޑުވޭ މަރީ! ރޯމާދުވާލު އެމީހުން ޒައިބާ ނެރެ އެއްލާލީ.. އޭނަ ކިހާ ލަދުގަންނާނެ.. އަނެއްކާ… އަނެއްކާ ގޯހެއްވެސް ހަދާފާނެ…"
އެހެން ބުނެވުމާއެކު ލޫޠުގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ޒައިބާގެ އަމިއްލަ ނަފްސަށް ގެއްލުމެއް ދީފާނެތީ ލޫޠު ބޭނުންވީ ޒައިބާ ހޯދަން ދާށެވެ. އޭނާގެ ހިތުގައި ޒައިބާއަށްޓަކައި ފޮރުވިފައިވާ ސާފު ލޯބީގެ ބާރުން ލޫޠަކަށް މަޑަކުން ނުހުރެވުނެވެ.
" އިރާދަކުރެއްވިއްޔާ ޒައިބާ ގޯސްކަމެއް ނުކުރާނެ! އަހަރެންވެސް ބޭނުން ޒައިގެ ޚަބަރެއް ބަލަން ދާން! އަހަރެންވެސް މި ނިކުންނަނީ…"
މަރީ ފޯން ކަނޑާލުމަށްފަހު ބޭރަށް ނިކުންނަން ތައްޔާރުވެލިއެވެ.
އަކްރަމަށް އާދެވުނީ އެދުވަހުގެ ހަވީރެވެ. އޭނާ އައިސް ގެއަށް ވަތްއިރު ސިޓިންގޫމްގައި ޝަކީލާއާ ޙަކީމްގެ އިތުރުން އާތިކާއާ ނާޝިޒްވެސް ތިއްބެވެ. އެމީހުންނަށް އަކްރަމް ފެނުމާއެކު އެންމެ ފުރަތަމަ ރޯންފެށީ އާތިކާއެވެ.
" ކޮބާ ޒައިބާ ؟"
ޝަކީލާގެ މޫނަށް ބަލަން ހުރެ، އަކްރަމް ފުރަތަމަވެސް އަހާލީ ޒައިބާގެ ވާހަކައެވެ. ޒައިބާގެ ނަން އިވުމާއެކު އެ އެންމެންގެ މޫނުމައްޗަށް ފޫހިކަމާ ރުޅިވެރިކަން ވެރިވިތަން އަކްރަމަށް ފެނުނެވެ.
" ޒައިބާ ކޮބައިހޭ؟"
މިފަހަރު ކުރިއަށްވުރެ އަކްރަމްގެ އަޑު ބާރުވިއެވެ.
" ނޭނގެ! "
ފޫހި ގޮތަކަށް ޝަކީލާ ބުނެލިއެވެ. އެއާއެކު ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ފައިބުޑަށް ވައްޓާލަމުން އަކްރަމް ހިނގައިގަތީ މަންމައާ ދިމާއަށެވެ.
" ނޭނގެއޭ! އަހަރެން ބުނީމެއްނު ޒައިބާ ގެއިން ނުނެރޭށޭ! އަހަރެން އައިސް ޒައިބާއާ ވާހަކަ ދައްކާނަމޭ! އޭނަ އަހަންނަކަށް ދޮގެއް ނަހަދާނެ! އޭނަ އެއްވެސް މީހަކަށް ދޮގެއް ނަހަދާނެ! "
އަކްރަމް އެހެން ބުނުމާއެކު އާތިކާ ފުންމައިގެން ތެދުވެ އަކްރަމްގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ.
" ދެން ތީގެ މާނައަކީ ދޮގު ހަދަނީ ދޮންތަބޭއޭތަ؟ އަހަރެމެންތަ އަކްރަމަށް ގޯސްވީ؟ އެންމެ ތުއްތު އިރުންފެށިގެން އަކްރަމް ގެންގުޅީ މަންމަޔާ އަހަރެންގެ އަތްމަތީ! އޭރުވެސް އެ ދޮންތަބޭ އަކްރަމްގެ ހުރިހާ ޒިންމާއެއް އުފުލީ! މިއަދު އަކްރަމް ތި ޝައްކު ކުރަނީ މީނައަށްތަ؟ "
ނާޝިޒަށް އިޝާރާތްކޮށްލަމުން އާތިކާ ބުންޏެވެ. އޭރު ރުޅިގަދަވެގެން އާތިކާ ތުރުތުރުއަޅައެވެ. އެއާއެކު ނާޝިޒް ހިފީ އާތިކާގެ އަތުގައެވެ. އަދި ސޯފާއިން ތެދުވުމަށްފަހު، ތަންކޮޅެއް ބާރަށް ވާހަކަ ދައްކަން ފެށިއެވެ.
" އަކްރަމަށާ މިގޭ މީހުންނަށް އަހަރެން ކޮށްދީފައި ހުރި ކަންތައްތައް އަބަދު އަބަދު ކީއްކުރަންތަ ތި ކިޔަނީ؟ މިއަދު އަހަންނަކީ މި އާއިލާއަށް އަގެއް ހުރި މީހެއް ނޫންކަން އަކްރަމް އެ އަންގައިދިނީ! އަހަރެން ވަރަށް ރީއްޗަށް އަކްރަމަށް ކިޔައިދިނިން ކަންތައްވީގޮތް! އެކަން ޤަބޫލުނުކޮށް، ޒައިބާ އެދައްކާ ދޮގު ވާހަކަތައް ޤަބޫލުކުރީތީ އަހަރެން ހިތާމަ ކުރަން.. "
މޫނުމައްޗަށް ހިތާމައިގެ ކުލަވަރު ގެންނަމުން ނާޝިޒް ބަލާލީ އަކްރަމަށެވެ.
" ޒައިބާއާ ވާހަކަ ދައްކަން އަހަންނަށް އެއްވެސް ފުރުޞަތެއް އަދި ނުލިބޭ! އަހަންނަށް އަދި އިވުނީ މުޅިންވެސް މިގޭ މީހުންގެ ވާހަކަތައް! މީ ވަރަށް ބޮޑެތި ކަންތައްތަކޭ! ޒައިބާއަކީ އަހަރެންގެ އަނބިމީހާ! އޭނަ ބުނާއެއްޗެއް ބަލާނުލާ، އަހަރެން ކިހިނެއް އޭނަ ދޫކޮށްލާނީ؟ މަންމަ ބުންޏަސް އަހަރެން ކިހިނެއް އެކަން ކުރާނީ؟ "
އަސަރާއެކު އަކްރަމް ބުނެލީ ޝަކީލާއަށް ބަލައިލަމުންނެވެ. އެއާއެކު ތުންއަނބުރާލަމުން ޝަކީލާ ބަލާލީ ޙަކީމަށެވެ.
" ދޮންތަބޭއަށް އަހަރެން އަބަދުވެސް އިޙްތިރާމްކުރަން! އެންމެ ކުޑައިރުއްސުރެ ޤަދަރުކުރަން! ދޮންތަބޭއަކީ އަހަރެންގެ ބައްޕަ ނެތްނަމަ އެ މަޤާމުގައިވެސް ހުންނާނެ މީހާކަން އަހަރެން ޤަބޫލުކުރަން.. އެކަމަކު…އަހަރެންގެ އަންހެނުންނަކީ މިދުނިޔޭގައި އަހަރެން އެންމެ އިތުބާރުކުރާ މީހާ! މިގެއަށް އައި ފުރަތަމަ ދުވަހުވެސް އަހަރެން އޮންނާނީ މިގޭ އެންމެންނަކީ އަހަންނަށް ކިހާ މުހިއްމު ބައެއްކަން ކިޔައިދީފަ! އެހެންވީމަ އަހަރެން ބޭނުން ޒައިބާއާ ވާހަކަ ދައްކަން.. އެންމެން ތިބުނަނީ ޒައިބާ ދޮގުހަދައިގެން ދައްކާ ވާހަކައެކޭ! އެހެންވީމަ ދޮންތަބޭގެ ބޮލުގައި ތުހުމަތެއް އަޅުވާއިރު އަހަރެންވެސް ބަލަން ބޭނުން ޒައިބާ އެގޮތަށް ވާހަކަދައްކަންވީ ކީއްވެގެންތޯ"
އަކްރަމް ނާޝިޒަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަމުންދިޔައެވެ. ނަމަވެސް އަކްރަމްގެ ވާހަކަތަކުން އާތިކާއާ ނާޝިޒްގާތަށް އިތުރަށް އައީ ރުޅިއެވެ. އާތިކާގެ އަތުގައި ހިފުމަށްފަހު ނާޝިޒް ބުންޏެވެ.
" އާތިކާ ހިނގާ އަހަންނާއެކު އަހަރެންގެ ރަށަށް!"
ނާޝިޒްގެ ރަށަށް އާތިކާ ގެންދަން އުޅޭ ވާހަކަ ބުނާ ކޮންމެ ފަހަރަކު ޝަކީލާ ތެޅިގަންނާނެކަން ނާޝިޒަށް އެނގެއެވެ. އެހެންކަމުން އެއީ އޭނާއަށް ލިބިފައި އޮންނަ ވަރަށްވެސް ބޮޑު ބާރެކެވެ. އެޖުމްލައިން އޭނާ ޝަކީލާ ބިރުދައްކަމުން ދިޔައެވެ.
" އާތިކާގެ މައިންބަފައިންނަށްޓަކައިވެސް އަހަންނަށް ކެތްކުރެވޭނީ ވަކި ވަރަކަށް! ޒައިބާއަށް ކުރާ އިތުބާރެއްގެ ސަބަބުން އަދިވެސް އަކްރަމަށް އެއުޅެނީ އަހަރެމެން ދައްކާ ވާހަކަ ޤަބޫލު ނުކުރެވިގެން. އަހަރެން ބޭނުމެއް ނޫން ދެން މިރަށުގައި އުޅޭކަށް. އަހަރެންގެވެސް އަބުރާ ޢިއްޒަތެއް އޮވެޔޭ! އަހަރެން ހަމަ ހައިރާންވަން ޒައިބާއަށް އަހަރެންގެ ބޮލަށް އެކަންތައް އަނބުރާލަން ކެރުނީތީ! އަހަރެން އަނގައިން ބަހެއް ނުކިޔާ ހުންނާތީ ހީކުރީ ކަންނޭނގެ އަހަރެންގެ ބޮލުގައި އިލްޒާމް އެޅުވިޔަސް އަހަރެން މަޑުން ހުންނާނޭ! ގައިމު އަހަންނަކީ އޭނައަށް އުނދަގުލެއްކުރާ މީހެއްނޫން. ޒައިބާއާ ވާހަކަ ދައްކާއުޅޭ މީހެއްނޫން.. ދެން؟"
ފަހަރަކަށް ވުރެ ފަހަރެއް ނާޝިޒްގެ އަޑު އަންނަނީ ބާރުވަމުންނެވެ. އެހެންކަމުން އޭނާ އެހުރީ އިންތިހާއަށް ރުޅި އައިސްފައިކަން އެންމެންނަށްވެސް އެނގުނެވެ.
" ނޫން.. ދަރިފުޅުމެން ދިޔައީމަ މަންމަމެން ކިހާ އެކަނިވާނެ؟ ތިހެން ނަހަދާ! އާތިކާއަށް އެނގެއެއްނު މަންމަމީ ނުލާހިކު ބަލި މީހެއްކަން. އެރޭ ވެއްޓުނުހެން މިތަނަށް ވެއްޓިފަ ކިތަންމެ އިރެއްވަންދެން އޮތަސް ކާކަށް އެނގޭނީ؟ ދެން.. އަހަރެން މަރުވެ ދާނީވެސް އެކަހަލަ ގޮތަކަށް ކަންނޭނގެ! "
ޝަކީލާ ބޭނުންވީ ނާޝިޒް ދެރަކުރާށެވެ. ނާޝިޒް، އާތިކާގާތު އޭނާގެ ރަށަށް ދާން ބުނާ ކޮންމެ ފަހަރަކު ޝަކީލާ ރޮއިގަނެއެވެ. އާތިކާ ދުރަށް ދާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އޭނާ މަސައްކަތްކުރީ އެމީހުން ހުއްޓުވާށެވެ.
" އަކްރަމް! އެއްޗެއް ބުނެބަލަ! އެމީހުންގާތު ބުނޭ ނުދާށޭ! "
ޝަކީލާ ރޮމުން އައިސް ހުއްޓުނީ އަކްރަމްގެ ކުރިމަތީގައެވެ. އެއާއެކު އަކްރަމް އޭނާގެ މަންމަގެ ގައިގައި އަތްޖައްސާލިއެވެ.
" އަހަރެން ބުނެފީމެއްނު ޒައިބާއާ ބައްދަލުވަންދެން މަޑުކޮށްލަދޭށޭ! އަހަރެން އަދިވެސް މިބުނަނީ ދޮންތަބޭގެ ވާހަކަތައް ދޮގެއް ނުކުރަމޭ! އެކަމަކު އަހަރެން ޒައިބާއާ ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުރި! ހެޔޮނުވާނެ ދޮންތާ! އެއްފަހަރުވެސް އަހަރެން ބުނާއެއްޗެއް އަޑުއެހިއްޔާ ވާނީ ކީއް؟ "
އަކްރަމް އެހެން ބުނުމާއެކު އާތިކާ އެގޮތް ގަބޫލުކުރިއެވެ.
"އެންމެ ރަނގަޅު! ޒައިބާއާ ބައްދަލުކޮށްފަ އަހަރެންގާތަށް އާދޭ! އޭނަ ބުނާއެއްޗެއް އަޑުއަހަން އަހަރެންވެސް ބޭނުން! "
އާތިކާ އެހެން ބުނުމާއެކު ނާޝިޒް ތެޅިގަތީ މަރަށް ތެޅޭ މަހެއް ފަދައިންނެވެ.
" އޭނަ ދައްކާހާ ވާހަކައެއް އަޑުއަހަން އާތިކާ މަޑުކުރަނީތަ؟ އަހަރެން ބޭނުމެއް ނޫން އެންމެ އިރުކޮޅަކުވެސް މަޑުކުރާކަށް…"
" ދޮންތާ ޕްލީޒް! ދޮންތަވެސް ކަމުގެ ދެކޮޅު ބަލަން ޖެހޭނެ! ޒައިބާ މިހާރު ވާނީ ކޮންތާކުކަން އަހަންނަށް އެނގެޔޭ! ޕްލީޒް ދޮންތާ! އަހަރެން އެނބުރި އަންނަންދެން އަހަންނަށްޓަކައި މަޑުކޮށްލަދީ! "
އަސަރާއެކު އަކްރަމް ދައްކަމުންދިޔަ ވާހަކަތަކުން އާތިކާގެ ހިތް ކުލުނުން ފުރުނުކަހަލައެވެ. ކޮއްކޮގެ އާދޭސްތަކަށް އޭނާ މަޑުކުރާނެކަމަށް ބުނުމާއެކު އަކްރަމް ބާރުބާރަށް ދޮރާއްޓާއިދިމާއަށް ހިނގައިގަތެވެ. ލޮލުގެ ހިމަކޮޅުން އަކްރަމަށް ބަލަން ހުރެ، ނާޝިޒް ބުނެލިއެވެ.
" އަހަރެން މިދަނީ އަހަރެންގެ އެއްޗެހި ޕެކްކުރަން! އަހަރެން ނިމެންވާއިރަށް އަކްރަމް ނައިއްޔާ އަހަރެން ދާނަން! ދަންޏާ އަހަންނާއެކު އަންނަންވީ! ނުދަންޏާ އަހަރެން މިރަށުން ފޭބުމަށްފަހު އާތިކާއަކީ އަހަރެންގެ އަނތްބެއްނޫން!"
ނާޝިޒްގެ އެޖުމްލައިން އާތިކާގެ އިތުރުން ޝަކީލާމެންނަށްވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އާތިކާ އެއްޗެއް ބުނަން ވާއިރަށް ނާޝިޒް އޭނާގެ ކޮޓަރިއާދިމާއަށް ހިނގައިގަތެވެ.
ފައިމަގުގައި އަކްރަމް ހިނގައިގަތީ ޒައިބާ ހުރި މަންޒިލަށް ދާށެވެ. ހަވީރުގަޑީގައިވެސް ޒައިބާ ގިނައިން އިންނާނީ އެތަނުގައިކަން އަކްރަމަށް އެނގެއެވެ. ފުއްޓަރުފަރާތުގައި އިނދެ ބައެއް ދުވަސްދުވަހު އޭނާއަށް ގުޅަންވެސް ގުޅައެވެ. ދެރަވިޔަސް އެމަންޒިލަށް އައުމުން ހިތަށް ހަމަޖެހުން ލިބޭކަމުގައި ޒައިބާ އަބަދުވެސް ބުނާކަން އަކްރަމް ހަނދާންވުމުން، ޔަޤީނާގާތަށް ޒައިބާ ވާނީ ފުއްޓަރު އަތިރިމަތީގައިކަން އަކްރަމަށް އެނގުނެވެ.
ގަޑިން ފަހެއް ޖަހާ ބޮޑުވެއްޖެއެވެ. ޒައިބާގެ ޚަބަރެއް ނުވުމުން މަރީ އެނބުރި އައީ ގެއަށެވެ. ގޭ ޖޯލީގައި އޮވެ އޭނާ ގުޅާލީ ލޫޠަށެވެ.
" ދާންވީނު ފުއްޓަރު ބަލާލަން! ޒައި ވަރަށް ގިނައިންދާނެ އެބީޗަށް! ފަހަރެއްގައި އެތަނުގައިވެސް އިނދެދާނެ! އަހަރެން މިއައީ ވަރަށް ގިނަ ތަންތަނަށް ގޮސް! ޒައި ދަންނަ އެއްވެސް މީހެއްގެ ގެޔަކަށް ނާދެޔޯބުނީ! "
" އަހަރެން މިހާރު މިހުރީ އެތަނާ ވަރަށް ކައިރީގަ! އެބަ ބަލާލަން…"
ލޫޠު ފޯން ބޭއްވުމަށްފަހު ފުއްޓަރާ ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. އަދި ދުރުގައި ސައިކަލް ބެހެއްޓުމަށްފަހު އޭނާ ހިނގައިގަތް އިރުގައިވެސް ނަޒަރު ހުއްޓިފައިހުރީ މޫދާ ދިމާއަށެވެ. ލޫޠުގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމަކީ ޒައިބާ އަމިއްލަ ފުރާނައަށް ގެއްލުމެއްދީފާނެތީއެވެ. ތަންކޮޅަކަށް ދެވުނުތަނާ އޭނާއަށް ފެނުނީ ފަސްގަނޑުމަތީ އޮށޯވެލައިގެން ނިދިފައި އޮތް ޒައިބާއެވެ. ކައިރީގައި އޭނާގެ ބޮޑު ފޮށިވެސް ބަހައްޓާފައި ހުއްޓެވެ.
" ޒައިބާ؟"
ލޫޠުއަށް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. އޭރުވެސް އޭނާއަށް ހުރެވުނީ ހުރި ފިޔަވަޅުމަތީގައެވެ. ލޫޠުގެ އަޑަށް ސިހިފައި ޒައިބާއަށް ބޯހިއްލާލެވުނެވެ. އެއާއެކު ފުންމައިގެން ތެދުވެ ލޫޠުއަށް ބަލަންހުރެވުނެވެ. ލޫޠު ފެނުމުން އޭނާގެ ހިތަށް އިތުރަށް އަސަރުކުރުވިއެވެ. ލޫޠުގެ ހަމްދަރުދީ ބޭނުންވިއެވެ. އޭނާއަށް ޖެހިފައިވާ ޙާލު، ބުނެދޭން ބޭނުންވިއެވެ. އެހީތެރިކަމަށް އެދޭހިތްވިއެވެ.
"ލޫޠު…"
ހިކިފައިވާ ތުންފަތް ހަރަކާތްކޮށްލީ ލަސްލަހުންނެވެ. ޒައިބާ އެހާލަތުގައި ހުއްޓާ ފެނުމުން ލޫޠަކަށް ކެތެއް ނުވިއެވެ. ޒައިބާއަށްޓަކައި ލޯބިން ފުރިފައިވާ އޭނާގެ ހިތަށް ވަރަށް އަސަރުކުރުވިއެވެ. ހިތަށް ތަދުވިއެވެ. ފަރުވާކުޑަގޮތަކަށް ބޮލުގައި އޮޅާލާފައި އޮތް ޝޯލްގެ ތެރެއިން މޫނުމައްޗަށް ފައިބާފައިހުރި އިސްތަށިތައްވެސް އެއްފަރާތްކޮށްލާނެ ހިތްވަރު ޒައިބާއަކަށް ނުލިބުނެވެ. ހިނގައިގަންނަންވެސް ނޭނގި ހުއްޓާ، ލޫޠު އޭނާއާ ދިމާއަށް ދުއްވައިގަތެވެ. ޒައިބާގެ ކުރިމަތީގައި ހުއްޓުމާއެކު ޒައިބާ މަސައްކަތްކުރީ ވާހަކަ ދައްކާށެވެ. އެއްޗެއް ބުނަން ބޭނުންވި ނަމަވެސް ޒައިބާގެ ތުންފަތް ފިތެނީއެވެ. އަނގަ ނުހުޅުވުނު ނަމަވެސް ދެތުންފަތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ދުޅަވެ، ރަތްވެފައިވާ ދެލޮލުން އޭރުވެސް ކަރުނަ ހިލެމުންދެއެވެ. އެމަންޒަރު ބަލަން ލޫޠަށް ކެތްކުރަން ދަތިވިއެވެ. ކިތަންމެ ފަހަރަކު ޒައިބާ ގެނެސް މެޔާލާ ބޮނޑިކޮށްލާހިތްވިއެވެ. އެމޫނުމަތީގައި ފިރުމާލާ ހިތްވިއެވެ. ލޫޠުގެ ތަނަވަސް މޭގެ ޙިމާޔަތް ދޭން ބޭނުންވިއެވެ. ނަމަވެސް އެހިތްވަރެއް ނުލިބުނެވެ.
"ލޫޠު…"
ވަރަށް އުނދަގުލުން އަނެއްކާވެސް ޒައިބާއަށް ގޮވާލެވުނެވެ. އެއާއެކު ހިފަހައްޓަން މަސައްކަތްކުރި އަޑު ފަޅައިގެންދިޔައެވެ. ބޭއިޚްތިޔާާރުގައި އައިސް ލޫޠުގެ މޭމަތީގައި ތަތްވެވުނެވެ. އަދި އަޑުން އަޑުނަގާ ރޯންފެށުނެވެ. އޭރުވެސް ލޫޠުއަށް ހުރެވުނީ ޒައިބާގެ ގައިގައި އަތްޖައްސާލަންވެސް ނުކެރިފައެވެ. ރޮމުން ރޮމުން ޒައިބާ ލޫޠުގެ ފައިބުޑަށް ތިރިވިއެވެ.
އޮއްސެމުންއަންނަ އިރާއެކު ދުނިޔެމައްޗަށް ރަތްދަޅައިގެ އަސަރު ފޯރައިފިއެވެ. ބާރުހިނގުމުގައި އައި އަކްރަމްގެ ދެފައިގައި ކަސްތޮޅު އެޅުނީ ޒައިބާގެ ދެކޮނޑުގައި ހިފަހައްޓާލައިގެން ހުރި ލޫޠު ފެނުމުންނެވެ. އެމަންޒަރު ބަލަން އަކްރަމަށް ފަސޭހައެއްނުވިއެވެ. ރޮއިރޮއި ކުދިކުދިވަމުންދާ ޒައިބާ ފެނުމުން އަކްރަމްގެ ހިތަށް ވަރަށް އަސަރުކުރުވިއެވެ. އެހެނަސް މަންމަމެންގެ ވާހަކަތައް ސިކުނޑީގައި އޭރުވެސް ހުރީ ތާޒާކޮށެވެ. އެވާހަކަތަކުގައި ލޫޠަކީ ކާކުކަންވެސް އަކްރަމަށް އޮޅިފައެއް ނެތެވެ. ލޫޠު ޒައިބާގެ ބޮލުގައި ފިރުމާލިތަންފެނި އަކްރަމަށް ހިންދިރުވާލެވުނެވެ. ލޫޠު އޭނާއާ މި މަންޒިލުން ބައްދަލްކުރަން އަންނަން ޖެހުނު ސަބަބެއް އަކްރަމަކަށް ނުވިސްނުނެވެ. ދުރުގައި ހުރެގެން އޭނާގެ ހިތްކިލަނބު ކުރަމުންދިޔައެވެ. އެދެމީހުންގެ ގާތަށް ގޮސް ސުވާލުކުރަންވެސް ހިތަށް އެރިއެވެ. ނަމަވެސް ފެންނަމުންދާ މަންޒަރުތަކުން ޒައިބާއާމެދު ހިތުގައި އޮތް ޔަގީންކަން ބަދަލުވާކަށް މާގިނަ ވަގުތުތަކެއް ނުނެގިއެވެ. އެތަނަށް ދިޔަޔަސް އެމީހުން ހަދާނީ ދޮގުކަން އަކްރަމަށް އެނގުނެވެ. އެހެންކަމުން އޭނާ ބޭނުންވީ އެނބުރި ގެއަށް ދާށެވެ.
ކުއްލިއަކަށް އޭނާއަށް ފެނުނީ ލޫޠު ޒައިބާގެ ފޮށި ހިފައިގެން ހިނގައިގަތްތަނެވެ. ފަހަތުން ޒައިބާވެސް ހިނގައިގަތްތަން ފެނުނެވެ. އޭރު އަކްރަމްގެ ލޮލުތެރެ ކަރުނައިން ފުރެން ފަށައިފިއެވެ. ދުނިޔެއިންވެސް އޭނާ އެންމެ ލޯބިވާ އިންސާނާ، ބޭވަފާތެރިވާތަން އެދެލޮލުން ބަލާކަށް ބޭނުމެއްނޫނެވެ. އެމަންޒަރު ދެކުމަށްވުރެ، ފުރާނަ ދިޔުންވެސް އޭނާއަށް މާރަނގަޅުކަމުގައި ހީކުރެވުނެވެ. އެހިނދު ބޭއިޚްތިޔާރުގައި ހިތުގެ އަޑިން ޒައިބާއަށް ނަފްރަތުކުރެވެން ފެށުނެވެ. ޒައިބާގެ ސޫރަދެކެ ރުޅިއާދެވެން ފެށުނެވެ. ޒައިބާގެ ހުރިހާ ވާހަކަތަކެއްވެސް ދޮގު ކުރެވެންފެށުނެވެ. އެހިނދު އެމީހުންގެ ފަހަތުންދާން އޭނާ ބޭނުންވިއެވެ. ސިއްރުން ބައްދަލުކުރިކަން ފެނުނުކަމުގައި ބުނަން ބޭނުންވިއެވެ. ނަމަވެސް އަކްރަމަށް އެހިތްވަރެއް ނުލިބުނެވެ. ފިޔަވަޅު އެޅެނީ ހައްތަހާ ފަހަތަށެވެ. އައިކޮޅަށް ދާން މިސްރާބުޖެހީ ޒައިބާގެ ކުރިމައްޗަށް ގޮސް ހަތަރުކަޅި ހަމަކުރަން އޭނާގެ ހިތް ނޭދުމުންނެވެ.
( ނުނިމޭ)
