ވާހަކަ: ލީޝަން – 30

(8 ފެބްރުއަރީ 2023 ގެ ނޫހާއި ގުޅޭ)

ޔައީންގެ ފުށުން ބައެއްފަހަރު އޯގާތެރިކަންލިބޭކަން ލީޝަންއަށް ފާހަގަ ކުރެވެއެވެ. އެހެންކަމުން އޭނާއަށް އާދަޔާ ޚިލާފު އުފަލެއް ލިބެއެވެ. އޭނާ ހުރިހާކަމެއް ކުރާއިރުވެސް ޔައީންގެ އޯގާތެރި ބަހެއްލިބޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް ގިނަފަހަރަށް އެކަން ފާހަގަ ނުކުރިނަމަވެސް މިހާރު ހަޅޭއްލެވުން މަދުވެއްޖެއެވެ. އެކަމަކުވެސް އޭނާ ޔައީނުދެކެ އާދަޔާ ޚިލާފަށް ބިރުގަނެ ޖެހިލުންވެއެވެ. ޔައީން ފެންނައިރަށް އޭނާގެ އާދަތަކަށް ބަދަލު އާދެއެވެ. ހަރަކާތްތައް ލަސްވެއެވެ. ކިޔަމަންތެރިކަމާއެކު އޭނާއަށް މަޑުމައިތިރިވެވެއެވެ.

ލީޝަން ޒީނާ ނިންދެވުމުގެ ތެރޭގައި ނިދުނީއެވެ. އޭނާއަށް ހޭލެވުނީ ޔައީން އޭނާއަށް ގޮވުމުންނެވެ. މަޑު ފެހިކުލައިގެ ނިދާބޮކި އަލީގައި އޭނާއަށް ޔައީން ފެންނަނީ މަޑުމައިތިރި ހިމޭން މިޒާޖެއްގައި ވަނިކޮށެވެ. ހަރުކަށި ޝަޚުސިއްޔަތު ފެންނަނީ މަޑުމޮޅިވެ ދެރަވެފައި ވަނިކޮށެވެ. އަބަދުވެސް ނަފުރަތުން ފުރިފައިވި  ލޮލުން ފެންނަނީ ހިތާމަވެރިކަމެވެ.

"ކިހިނެއްވީ…" ހާސްވެފައި ލީޝަން ބުންޏެވެ.

"ބައްޕަގެ ހާލު ގޯސްވާން ފަށައިފި."

"އަހަރެން ގެންގޮސް ދޭންވީނު"

"އޭރުން ޒީޝަންގެ ގާތު ހުންނާނީކާކު؟

"އެކަމަކު" އޭނާއަށް ރޮވެންފެށިއެވެ.

"އަހަރެން ވަރަށް ޒުވާބުކޮށްގެން މިރޭގެ ތިނެއްގެ ފްލައިޓުން ބައްޕަ ލަންކާއަށް ގެންދަން ހަމަޖައްސައިފިން."

"އަހަރެން ނުގެންދާނަންތަ." އޭނާވަނީ ހިތާމައާއި ހިތްދަތިކަމުގެ އިންތިހާގައެވެ.

"ދެރަނުވޭ. އަހަރެން ބައްޕަ ގޮވައިގެން ދާނަން. ލީޝަން ކުޑަމީހާ ގާތުހުރޭ. ހުރިހާކަމެއްވެސް ރަނގަޅުވާނެ"

"އަހަރެންނަކަށް ދެން ކެތްކުރެވޭނެހެން ހިއެއްނުވޭ. ބައްޕައަށްޓަކައި އަހަންނަށް ކޮށްދެވުނީ ކޮންކަމެއް. އަހަރެންނަށް ދެވުނީ ހުސް އަނިޔާ. ޔައީން. އަހަރެންނަށް ނުފެނި ބައްޕަ ނިޔާވެއްޖެނަމަ…." އޭނާއަށް ގިސްލަ ގިސްލާފައި ރޮވެން ފެށިއެވެ.

"ލީޝަން. ހިތްވަރުކުރޭ. ތިކަހަލަ ވާހަކަ ނުދައްކާ." އޭނާ ލީޝަންގެ މޫނަށް އޯގާތެރިކަމާއެކު ބަލާލިއެވެ. އެ ލޮލުން އެތައް އަސަރުތަކެއް ދެކެފައިވާ ޔައީނަށް މިރޭފެންނަނީ ހިތާމަތަކުގެވެސް އެންމެ މަތީދަރަޖައަށް ހިތާމަލިބިގެންވާ އަސަރުތަކެވެ. ހުދުކުލައިގެ ނިދާ ހެދުމުގައި އިސްތަށިގަނޑު ރޫޅާލާފައި ވާއިރު އޭނާއަށް ލީޝަންފެންނަނީ ކުށެއް ނުކުރާ މައުސޫމު ކުއްޖެއްގެ ގޮތުގައެވެ. އޭނާ ބޭ އިޚްތިޔާރުގައި ލީޝަން އަތުގައި ހިފާލާ އެއަތަށް ފިތާލިއެވެ.

"ބައްޕައަށް ގޮތެއްވެއްޖެނަމަ އަހަރެން މުޅިން ބޭކާރުވެދާނެ. އަހަރެންނަށް އޯގާތެރިވާނެ މީހެއް ނުހުންނާނެ." އޭނާއަށް ޔައީންގެ މޭގައި ބޮނޑިވެލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އޭރުވެސް އޭނާއަށް ގިސްލަގިސްލާފައި ރޮވެނީއެވެ.

"ލީޝަން. ހުއްޓާލާ. ހިތްވަރުކޮށްގެން ޒީޝަން ބަލާދީ. އަހަރެން ބައްޕަ ބަލާދޭނަން."

"ޔައީން އަހަރެންނަށް މާފުކުރޭ. އަހަރެންނަށް ކުރެވުނު ހުރިހާ ކުށަކަށް. އަހަރެންނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް. ޔައީންގެ ދީލަތި މާފު ލިބޭތޯ ކޮންމެ ދުވަހަކުވެސް އަހަރެން އުޅެން. އެކަމަކު ޖެހިލުންވަނީ. ޔައީން ނެތްނަމަ އަހަންނާއި ބައްޕަ އުޅެންޖެހޭނީ ކޮންހާލެއްގައި." އޭނާ އަދިވެސް ޔައީން ގައިގާ ލައްވެލައިގެން ހުރެ ރޮނީއެވެ.

"ލީން. ހުއްޓާލާ. ހުރިހާކަމެއްވެސް ރަނގަޅުވާނެ." ޔައީން މި މުޚާތަބު ކުރިގޮތުން ލީޝަން އަށް އާދަޔާ ޚިލާފު އަސަރު ތަކެއް ކުރިއެވެ. ދުވަހަކުވެސް މި ގޮތަށް މުޚާތަބު ކޮށްފައި ނުވާ ޔައީންގެ މޫނަށް އޭނާއަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ސީދާވިއެވެ. ލީޝަންއަށް ޔައީންގެ ލޮލުން އާދަޔާ ޚިލާފު އަސަރެއް ފާހަގަ ކުރެވުނެވެ. އެއަސަރަކީ ދުވަހަކުވެސް ޔައީންގެ ފުށުން އަދި އެހެން މީހެއްގެ ފުށުންވެސް ނުފެންނަ އޯގާތެރި ކަމަކާއި ގާތްކަމެކެވެ. ނޫނެކެވެ. އެއީ ގާތްކަމެއް އޯގާތެރި ކަމުގެ އަސަރެއްވެސް ނޫނެވެ. އެއަށްވުރެވެސް ގާތް އެހެން އަސަރެކެވެ.

"އަވަސް ކުރޭ. ވަގުތު ވަރަށް ކުޑަތަންވެއްޖެ. އެއްޗިހި ތައްޔާރުކުރޭ." ޔައީން ލީޝަން ދުރަށް ޖައްސާލުމަށްފަހު އާދައިގެ ރާގެއްގައި ބުންޏެވެ. ލީޝަން ޔައީންގެ އެއްޗިހި ތައްޔާރު ކޮށްދިނެވެ.

"އަހަރެންނަށް ކޮންމެ ދުވަހަކުވެސް ބައްޕަގެ ޚަބަރު އަންގާ ލެވިދާނެތަ؟" ލީޝަން އިސްޖަހާލައިގެން ހުރެ ދަބަސް ޔައީނަށް ހަވާލު ކުރުމަށް ދިއްކޮށްލިއެވެ.

"ލީޝަން ހާސްނުވޭ. އަހަރެން ގުޅާނަން."  އޭނާ ދަބަސް ހިފަމުން ބުނެލިއެވެ.

"އަހަރެން އިންތިޒާރު ކުރާނަން."

"ޒީޝަން ރަނގަޅަށް ބަލާދީ." އޭނާ ޒީޝަންގެ މޫނަށް ބޮސްދެމުން ބުންޏެވެ. ޔައީން ދޮރާހަމައަށް ދަންދެން ލީޝަން އޭނާގެ ފަހަތުން ދިޔައެވެ. އޭރު މެންދަމު އެކެއްޖަހައިފިއެވެ. ގޯތި ތެރޭގައި ހުރި ހޮޅިބުރިން މުޅިތަނަށް ވެރިވެފައިވަނީ މަޑު ރަތް އަލިކަމެކެވެ. އެދެމީހުންގެ ފިޔަވަޅުގެ އަޑު ފިޔަވައި ދެން މުޅި ސަރަހައްދަށް ވެރިވެފައިވަނީ ހިމޭންކަމެވެ.

"ޔައީން" ދޮރު ހުޅުވާލަނިކޮށް ލީޝަން ގޮވާލިއެވެ.

"ކިހިނެއްވީ." ކަންބޮޑުވެފައި ހުރި ލީޝަންއާއި ދިމާއަށް އެނބުރިލަމުން އޭނާ ބުނެލިއެވެ.

"ނޭނގެ. ހިތްބިރުގަންނަނީ. ހީވަނީ ކަމެއްގޯސްވާން އުޅޭހެން." އޭނާ ޔައީނާއި ގާތްވެލިއެވެ. އަދި ޔައީންގެ އަތުގައި ހިފާ ތިރިވެލިއެވެ. މީހަކު ސަލާންޖަހާ ފަދަ ގޮތަކަށެވެ.

"ލީޝަން. ތެދުވޭ."

"އަހަރެންނަށް ފޯނުކުރައްޗޭ. ބައްޕަގެ ޚަބަރު އަންގާދޭތި." އޭނާއަށް އަދިވެސް ރޮވެނީއެވެ. އެތައްފަހަރަކު އޭނާއަށް އެހެން ބުނެވެނީ ޔައީނަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. އާދަޔާ ޚިލާފު ނުތަނަވަސް ކަމެއް އޭނާ ޖެހިލުންވެ ހާސް ކުރުވާތީއެވެ.

"ލީޝަން. ކަންބޮޑުނުވޭ. އަހަރެން ގުޅާނަން. ދެންދަނީ." ޔައީން ނިކުމެގެން ދިޔައެވެ. ލީޝަން އޭނާ އޮބާލަންދެން ބަލަން ހުއްޓެވެ.

ލީޝަން ތެދުވެ ފަތިސް ނަމާދު ކޮށްގެން ޒީޝަންގެ މަސައްކަތް ނިންމާލިއެވެ. އަދި މުޅިގެ ސާފުކޮށް ހެދިއެވެ. ނަމަވެސް އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ފޯނެއްގެ އަޑަކަށެވެ. މުޅިދުވަސް ނިމުނު އިރުވެސް ޔައީނެއް ނުގުޅައެވެ. އޭނާ ކަންބޮޑުވުން އިތުރު ވަމުންދެއެވެ. މިގޮތުގައި ތިންދުވަސް ހޭދަވެގެން ހިނގައްޖެއެވެ. ޔައީންގެ ޚަބަރެއް ނުވެއެވެ. އޭނާ އާދަޔާ ޚިލާފަށް ހިތް ބިރުގަންނަންފަށައިފިއެވެ. ތަފާތު ވަހުމްތައް ހިތަށް ވަންނަމުން ދެއެވެ. އަނެއްކާ ކިހިނެއްވީބާއެވެ؟ ޔައީނަށް ގޮތެއްވީބާވައެވެ؟ ނުވަތަ ބައްޕައަށް ގޮތެއް ވީބާވައެވެ؟

އޭނާއަށް ދުވަސްތައް ދިގުވަމުން ދާންފަށައިފިއެވެ. އުންމީދު ގެއްލެން ފަށައިފިއެވެ. ނަމަވެސް ޒީޝަންގެ މަސައްކަތްތަކަށް އޭނާ ފަރުވާ ކުޑައެއް ނުކުރެއެވެ. ކުރިއަށްވުރެ ބޮޑަށް ގޭގެ މަސައްކަތުގައި ވަގުތު ހޭދަކުރަން ފަށައިފިއެވެ.

ފަސްދުވަސް ވީއިރުވެސް އޭނާއަކަށް ޔައީނެއް ނުގުޅައެވެ. އޭނާއަށް ބައްޕަގެ ޚަބަރެއްވެސް ހޯދޭނެ ގޮތެއްނެތެވެ. ދިރިއުޅުން މަތީން ފޫހިވާންފަށައިފިއެވެ. އުއްމީދު ގެއްލިއްޖެއެވެ. ހަރުދަނާކަން ކެނޑިއްޖެއެވެ. އަމިއްލަ ހަށިގަނޑަށްވެސް ފަރުވާކުޑަކުރަން ފަށައިފިއެވެ. މިފަދަ ހާލެއްގައި އޭނާ އޮތީ ޒީޝަން ނިންދެވުމަށްފަހު ފިކުރުކުރުމުގައި އޭނާގެ ކޮޓަރީގައެވެ. މިގޮތުގައި އޭނާ އޮއްވާ ނިދިޖެހުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.

އޭނާއަށް ސިއްސައިގެން ގޮސް ހޭލެވުނީ ޒީޝަން ރޯއަޑަށެވެ. ހުންއައިސްފައިވާ ޒީޝަން ތުރުތުރު އަޅަނީއެވެ. އަވަސް ފަރުވާ ދިނުމަށްޓަކައި އޭނާ ހޮސްޕިޓަލަށް ގޮސް ފަރުވާ ދޭންފެށިއެވެ. ޒީޝަން އެދުމަތި ނުކުރެވުނު ނަމަވެސް ލޭގެ ޓެސްޓެއް ހެދުމަށްޓަކައި އޭނާއަށް ހޮސްޕިޓަލުގައި މަޑުކުރަން ޖެހުނެވެ. ރޯވަރުން އޭނާ ޒީޝަން ގޮވައިގެން ބޭރަށް ނިކުމެލިއެވެ. ހިނގާލާ ތަންތަން ދައްކާލާ ހެދުމުން އެ ކުޑަކުއްޖާ މަސަލަސް ވަނީ ކިރިޔާއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ރީނދޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ޒުވާނެކެވެ. އޭނާގެ ފުރަގަހުގައި އަޅުވާފައި ހުރި ދަބަހަކީ ލީޝަންގެ އަތުން ޔައީންގެ ސާމާނު އަޅައިދިން ދަބަހެވެ.

"ޔައީން" ލީޝަން ގޮސް ޔައީން ކުރިމައްޗަށް އެރިއެވެ.

"ލީޝަން. މި އެއްޗިހީގައި ހިފަހައްޓަދީބަލަ." ހާސްވެފައިހުރި ޔައީނަށް އޭނާގެ ލޯބިވާ ޒީޝަންވެސް ނުފެނުނެވެ.

"ކޮންއިރަކުތަ އައީ؟ ކީއްވެތަ ނުގުޅީ. ބައްޕަ ކޮބާ." ހައިރާންކަމުން ފުރިގެންވާ ލީޝަން ސުވާލު ކުރަމުންދެއެވެ.

"އަހަރެން ހުރިހާ އެއްޗެއްވެސް ކިޔައިދޭނަން." އޭނާ އިމަޖެންސީ ރޫމަށް ވަނެވެ.

ހައިރާންވެފައިވާ ލީޝަން ވަނީ އެތައް ސުވާލެއްގެ ޖަވާބު ބޭނުންވެފައެވެ. ކެތްތެރިކަމެއްނެތި އެ މީހެއްގެ މާފަށް އެދެމުންދާ ބައްޕަގެ މޫނު ދެކިލާ ބައްޕަގެ ހިތުގެ ރުހުން ހޯދުމުގެ ޝައުގުގައެވެ. ނަމަވެސް ނޭނގޭ އެތައް ކަމެއްގެ ޖަވާބުގެ އިންތިޒާރުގައި އޭނާ ބޭރުގައި މަޑުކުރަމުންދެއެވެ.

އިމަޖެންސީ ރޫމްގެ ދޮރު މަޑުމަޑުން ހުޅުވިއްޖެއެވެ. ފުރޮޅުލީ އެނދެއްގައި މުޅި ހަށިގަނޑު ނިވާކޮށްގެން އޮތް މީހަކު މަސައްކަތު މީހުން ވެގެން ނެރޭތީ، ހިނގާ މީހުން އެ ބަޔަކަށް ތަންދެމުން ދެއެވެ. އެ ބަޔަކު ދިޔައީ ބޭރުގައި މަޑުކޮށްފައި އޮތް އެމްބިއުލެންސަށެވެ. އެމީހުންގެ ފަހަތުން ޔައީންވެސް އަންނަތަން ފެނިގެން އޭނާ ޔައީން ގާތަށް ދިޔައެވެ.

"ލީޝަން… އާދޭ."

"އެ ދަނީ ކޮންތާކަށް."

"ޒީޝަން. ކޮއްކޮ ހުރިކަން ބައްޕައަށް ނުވެސް އެނގޭ." އޭނާ ވާހަކަ ބަދަލު ކޮށްލިއެވެ. އޭރު އެމީހުންނަށް އެމްބިއުލެންސަށް އެރިއްޖެއެވެ.

"ލީޝަން ހޮސްޕިޓަލުގައި ކީއްކުރަނީ."

"ޒީކޮ ހުންއައީމަ."

"މިހާރު ކިހިނެއް؟"

"ޓެސްޓް ހަދަންދީފަ އަންނަނިކޮށް ޔައީނާ ދިމާވީ. ބައްޕަ ކިހިނެއްތަ؟ އެއީ ބައްޕަދޯ."

"ޒީކޮ ވަރަށް ބޮޑާހޭކިތަ އަހަރެން ދިއުމުން." ޔައީން ލީޝަންގެ ވާހަކައަކަށް ސަމާލުކަމެއް ނުދެއެވެ.

"ކީއްވެ ސަހަރާއަށް މިއައީ. ޔައީން އަހަރެންނަށް ދޮގު ނުހަދާ. އަހަރެންގާތު ރީތިކޮށްބުނޭ. ބައްޕައަށް ގޮތެއްވެއްޖެ."

"ލީޝަން ހިތްވަރުކުރޭ. ކޮންމެ މީހަކަށްވެސް މިދުވަސް އަންނާނެ." އެމްބިއުލެންސުން ފައިބަމުން ޔައީން ބުންޏެވެ.

"އަހަރެން ބައްޕަ ދެކިލަން ބޭނުން. "

ޔައީން އެމީހުންގާތު ބުނުމުން ހިނަވަން ގެންދިއުމުގެ ކުރީން ލީޝަންއަށް ރަހީމްގެ މޫނު ދައްކާލިއެވެ. ލީޝަން ހިފެހެއްޓުމެއްނެތި ބާރަށް ރޯންފެށިއެވެ. އެމީހުން ރަހީމް ގެންގޮސް އެތެރެއަށް ވެއްދިއެވެ. މި ކުއްލި ޚަބަރަށް ކެތްކުރުމުގެ ބާރު ނެތިގެން ލީޝަން އަނބުރައި ގަނެއްޖެއެވެ.

ހޮސްޕިޓަލުގައި އަނބުރައިގެންފައި ވާހާލުގައި އޮތުމަށްފަހު އޭނާ ހޭއަރައިފިއެވެ. އޭރު ޔައީން އޭނާ އޮތް އެދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. ޕްރައިވެޓް ކޮޓަރިއެއްކަމުން އިތުރު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.

"ބައްޕަ ކޮބާ؟"

"ލީޝަން ހިތްވަރުކުރޭ."

"ބައްޕަ ކޮބާހޭ. އަހަރެންގެ ސުވާލު ތަކަށް ޖަވާބު ނުދެނީ ކީއްވެތަ؟"

"ބައްޕަ ވަޅުލައިފި."

"އެކީއްވެ. އަހަރެންނަށް ނުދައްކާ ވަޅުލީ."

"ލީޝަން މިތާ އޮންނަތާ ހަގަޑިއިރު ވެއްޖެ. ބައްޕަ ގައިން ލޭ މަނާނުވާތީ އެމީހުން ވަޅުލީ. އަހަރެން ވަރަށް ބުނިން ލީޝަން އަންނަންދެން މަޑުކުރަން."

"ޔައީން ހުރިހާ ކަމެއް މަށަށް އޮޅުވާލީ. ހަފްތާއެއްވެގެން ދިޔައިރުވެސް މަށަށް ފޯނުވެސް ކޮށްނުލީ ކީއްވެ؟" އޭނާ ރޯންފެށިއެވެ.

"އަހަރެން އުޅުނީ ވަރަށް އަވަދިނެތި. ބައްޕަ ގޮވައިގެން ތިން ހޮސްޕިޓަލަށް ދިޔައިން. އެމީހުން ބުނީ އެކްސިޑެންޓްގެ ސަބަބުން ގެއްލުންވެފައި ހުރި މައިބަދައާއި ސިކުނޑި ގުޅިފައި ހުރި ނާރެއް ފިތެނިއްޔޭ. އޮޕްރޭޝަން ކޮށްފިނަމަ ރަނގަޅުވާނޭ. އެހެންވެ އޮޕްރޭޝަން ކުރީ. އޮޕްރޭޝަން ކާމިޔާބުވި. ބައްޕައަށް ކުރިން އިނދެވޭ ގޮތަށް އިދެވެންފެށި. ބައްޕަ ބޭނުންވީ އަވަހަށް މާލެދާން. ޑޮކްޓަރު ބުނީ އަދި އެމީހުން ބަލާލަން ބޭނުންކަމަށް. އެކަމަކު ބައްޕަ އާދޭސް ކުރަމުން ދިޔައީ އޭނާގެ ދެކުދިންގާތަށް މާލެދާން. އެންމެފަހުން މާލެ ފޮނުވުމަށް ހުއްދަދިނީ މާލެއިން ދޭންޖެހޭ ފަރުވާތަކުގެ ތަފްސީލު ލިޔެފައި. ބައްޕަ ބޯޓުގައިވެސް ރަނގަޅު. ލީޝަންގެ ވާހަކަ ވަރަށް ދެއްކި. ހުޅުލޭގައިވެސް ރަނގަޅު. ފެރީއަށް އެރިފަހުން ކުއްލިއަކަށް ބައްޕައަށް ގޮތެއްވާންފެށީ. މާލެ އާދެވުމާއެކު އެންބިއުލާންސެއްގައި ހޮސްޕިޓަލަށް އައިސް ފަނަރަ މިނިޓް ތެރޭގައި ބައްޕަ ނިޔާވެއްޖެ." އޭނާ ލިޝަންގެ އަތުގައި ހިފާލިއެވެ. ކުރިން ކިތަންމެ ފޫހިވި ނަމަވެސް މިހާރު އޭނާ ލީޝަންއާމެދު ހަމްދަރުދީ ވެވުނެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *