(މިއީ 2008 ވަނަ އަހަރުގެ ގައުމީ ވާހަކަ ލިއުމުގެ މުބާރާތުން 2 ވަނައަށް ހޮވުނު ވާހަކައެވެ.)
މުޅިއުޑުމަތި އޮތީ ބަނަކޮންނެވެ. ދޭތެރެ ދޭތެރެއިން ހިމަފޮދު ވާރޭވެހިލައެވެ. މުޅިރަށަށް ވެރިވެފައިވަނީ މަރުގެ ހަމަހިމޭންކަމެވެ. ސަހަރާއަށް ދިޔައެންމެންވެސް މިހާރު އެނބުރި ހިނގައްޖެއެވެ. ނަމަވެސް ޒީލަންއަށް ހުރެވުނީ ހިނގައިގަންނަންވެސް ނޭނގިފައެވެ. އެ ފަކީރަށް ވަނީ ނުހަނު ފުންއަސަރުތަކެއް ކޮށްފައެވެ. އޭނާގެ ހިތާއި ސިކުނޑިއަށް ކޮށްފައިވާ އަސަރަކީ އިންސާނަކަށް ބަޔާންކުރެވޭ ވަރަށްވުރެ މާ ފުން އަސަރުތަކެކެވެ. އެރީތިލޯވަނީ ކަރުނައިން ތެމިފޯވެފައެވެ. ހަށިގަނޑުގައި އުފެދިފައިވާ ވޭނުން މީހާއަށް ކޮޅަށް ހުރުމަށްވެސް ނުކުޅެދޭ ކަހަލައެވެ. އޭނާގެ އަތުން ވެލިމުށެއްނަގައި އެންމެފަހުގެ ހަދިޔާ އޭނާގެމަންމައަށް ދިނުމަށްޓަކައި އެމަހާނަމައްޗަށް އަޅާލިއެވެ. އަދި އެންމެ ފަހުގެ ވަދާޢުގެ ސަލާމަށްޓަކައި އެވެލިތައް ރީތިކޮށްލުމަށްފަހު ހިނގައިގަތެވެ.
މިހާރު މިރަށުގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތްކަން އޭނާއަށް އިހުސާސް ކުރެވެން ފަށައިފިއެވެ. މަންމަ މަރުވުމުން އެއްވެސް ތިމާގެ މީހެއް އަދި އަޅާލާނެ މީހެއް މިހާރު އޭނާގެ ނެތެވެ. އެންމެ ކުޑަދުވަހުން ފެށިގެން މިހާތަނަށް އައިއިރުވެސް ބައްޕަގެ ލޯބިންވަނީ މަހުރޫމުވެފައެވެ. ޒީލަންއަކީ ބައްޕަ ނެތްކުއްޖެއްކަން މަންމަ އޮތީ އަންގައިދީފައެވެ. ކެހިވެރި ފިރިހެނެއްގެ ދަލުގައި ޖެހި މަންމައަށް ލަނޑުލިބުނީއެވެ. އިންނާނަމޭބުނެ މާ އޯގާތެރިވެދީފައި ހާލުގައި ޖެހުނުދުވަހު ދޫކޮށްލީއެވެ. މަންމަގެ ބަނޑުގައި އޮތީ އޭނާގެ ދަރިއެއްނޫންކަމަށް ބުނެ ބޭޒާރުކުރީއެވެ. މުޅިރަށުގައި ކާޅުގޮވާހެން އެވާހަކަގޮވައި ހަލުވިކަމާއިއެކު ފަތުރައިލިއެވެ. މިހިތާމައިގައި މާމަ ނިޔާވިއެވެ. މަންމަ އެކަނިވެރިކަމާއި އެކުވެސް ޒީލަން ބަލާބޮޑުކުރިއެވެ. މަންމަގެ މުރާލިކަމުން މިސްކިތުގެ މަސައްކަތުމީހެއްެގެ ވަޒީފާލިބުނެވެ. އެހެންކަމުން އެއިންލިބޭ މަދު ލާރިކޮޅުން ދެމީހުން ދިރިއުޅެމުން ޒީލަންއަށް ކިޔަވައިދިނެވެ. ޒީލަން ސްކޫލަށްދާއިރު ބައެއްކުދިން ބައްޕަނެތްކުއްޖެކޭ ބުނެ މަލާމާތް ކުރެއެވެ. އެމީހުންނާއި އޭނާ އެކަހެރިކޮށްގެން ކުޅެހަދައެވެ. އޭނާ މަންމައާއި މިޝަކުވާ ކުރުމުން މަންމަ ދެރަވެއެވެ. އެންމެފަހުން މަންމަ ގޮތް ހުސްވާ ހިސާބަށް ދެއެވެ. ލޮލުން އޮހޮރޭ ކަރުނަތައް ފޮހެލާފައި ގަދަކަމުން ހިނިތުންވެލައެވެ. ދެއަތުން ޒީލަން ގަޔާކައިރިކޮށްލާފައި ބާރަށް ބައްދާލައެވެ
“ދަރިފުޅާ އެންމެންނަކަށް ބައްޕައެއް ނުލިބޭނެ. ބައްޕަނެތް ކިތަންމެކުއްޖެއް މިހާރުވެސް ދިރިއުޅެމުންދޭ. އެތަނުންވެސް ގިނަކުދިން ދިރިއުޅުމުގެ ދަތުރު އުފާވެރި ކަމާއެކު ހޭދަކުރޭ. އެމީހުންގެ މަލާމާތަށް އަޅާނުލާ. އެމީހުންނަށްވުރެ މޮޅު ބަސްއަހާކުއްޖަކަށްވޭތޯ މަސައްކަތްކުރޭ.”
މިފަދަ އިބާރާތްތަކުން ގަދަހިތްވަރާއެކު ޒީލަން ކިޔެވުމަށް މަސައްކަތްކުރާށޭ ބުނެއެވެ. އޭގެ ސަބަބުން އޭނާ ގަދަހިތްވަރާއެކު ކިޔަވަން މަސައްކަތްކުރިއެވެ. އެއުމުރުގެ ކުދިން ކުރާ ހުރިހާ ކަމަކުން އެކަހެރިވެ މޮޅުމީހަކަށް ވުމަށްޓަކައި އަޒުމު ކަނޑައެޅިއެވެ. އެދުވަހުންފެށިގެން ކުޅިވަރާ މަޖަލަކީ އޭނާގެ ހަޔާތުގައި ކަފުންކުރެވިފައިވި އެއްޗެކެވެ. ދަންވަރުވުމުން ހޭލައި، ކިޔެވުމާއިގެން މަޝްޣޫލުވެއެވެ. ފުޅިބައްތީގެ އަލީގައި ރޭގަނޑުގެ ނިދި ގުރުބާންކުރިއެވެ. ކޮންމެވަގުތަކު ކަރަންޓު ބޭނުންކުރުމަކީ އެދެމައިންނަށްލިބޭ މަދުލާރިކޮޅުން ދެކޮޅުޖެއްސޭނޭ ކަމަކަށް ނުވާތީއެވެ. އެ މަންމަގެ ތަރުބިއްޔަތުން ރިވެތި އަޚުލާގުން މީހުންގެ ލޯބި ހޯދިއެވެ. ކިޔަވަން ކުރި މަސައްކަތާއި މަންމަ ދީފައިވާ ރިވެތިއަޚުލާގާއި ތަރުބިއްޔަތުގެ ސަބަބުން ރަށު ސްކޫލުގެ އެންމެ އަޚުލާގު ރަނގަޅު މޮޅު ކުއްޖާގެ މަގާމުލިބުނެވެ. ނަމަވެސް މިއަދު އެމަންމަ ނިޔާވުމުން އޭނާ ވަނީ އެހިތާމައާއި ކުރިމަތިލާނޭ ހިތްވަރު ނެތިފައެވެ. މަންމަގެ ހަދާންތަކާއެކު އުޅުމަށް ނުކުޅެދިފައެވެ. އޭނާ ބޭނުންވަނީ މިރަށުން ދިއުމަށެވެ. މާލެގޮސް ކޮންމެވެސް ވަޒީފާއެއް އަދާކުރަމުން އިތުރަށް ކިޔެވުމަށެވެ. ހަފުތާއެއްވީއިރުވެސް ޒީލަން ހަމައަކަށްނޭޅެއެވެ. ނިދިޖެހިލާއިރަށް ފެންނަނީ މަންމަގެ ހުވަފެނެވެ. ކާ އެއްޗެއް ކަރުން އެތެރެއެއްނުވެއެވެ. ހުރިހާވަގުތަކުވެސް މަންމައާއިއެކު ދިރިއުޅެން އާދަވެފައިވާ ޒީލަން މަންމަ ނެތްކަމުގެ އުނިކަން ފޫބެއްދުމަށްވަނީ ނުކުޅެދިފައެވެ.
އިރުއޮއްސެމުންދިޔަވަގުތެވެ. ކޮންމެވެސްވަރެއްގެ އަދިރިކަމެއް މާހައުލަށް ވެރިވެފައިވެއެވެ. އެއްވެސް އިރެއްގައި އެއީ މީހުންވަންނަ ގެއަކަށް ނުވާތީ މުޅި ގޯތިތެރެވެސް އާދަޔާޚިލާފަށް ހިމޭންވެފައިވެއެވެ. ތަންކޮޅެއް ދުރުގައި ހުރި ފޭރާއެއްގެ ކައިރީގައި ދަރުފުންޏަކާއި ކާށި ބޮނބިތަކެއް ހުއްޓެވެ. އޭގެމަތީގައި ބުޅަލެއް އޮށޯވެލައިގެން އޮތެވެ. ބޮޑެތި ބިޔަގަސްތަކުން މުޅިގޯތިތެރެވަނީ ހިޔާވެފައެވެ. ޒީލަންއިނީ ބޮޑުބަނބުކެޔޮ ގަހެއްގައި އެލުވާފައިހުރި ޖޯއްޔެއްގައެވެ. އޭނާ ދެލޯމަރައިލައިގެން އޮތްއިރު އެއީ އެތައްދުވަހު ބަލިވެއުޅޭ މީހަކާއި ތަފާތެއްނެތެވެ. ގަޔަކުވަރެއްނެތެވެ. މީހާވަނީ ހުދުވެފައެވެ. ދެލޯ ވަޅުވަދެފައެވެ. ޒީލަން ސިއްސައިގެން ދިޔައީ ކައިރީގައި މީހެއް އުޅޭހެން ހީވެގެންނެވެ. އޭނާ ލޯ ހުޅުވާލިއެވެ. އޭނާގެ ކުރިމަތީގައިހުރީ މަންމަދުނިޔޭގައި ހަމައެކަނި އެގެއަށްވަންނަ ދެތިން އަވަށްޓެރިންގެ ތެރެއިން އެކެކެވެ. ޖެހިގެންހުރި ގޭގެ ނާޒިމާއެވެ.
“ޒީލަން މިހާރު ވިސްނާ ހިތާމަކުރަނީ މާގިނައިން. މަންމައަށް ތިމަންޒަރު ފެންނަނަމަ ކެތެއް ނުކުރެވޭނެ. ޒީލަންގެ މަންމައަށްޓަކައިވެސް ތިހިތާމަކުރުންހުއްޓާލާ.” އޭނާ ޒީލަންގެ ބޮލުގައި ފިރުމާލިއެވެ.
“ނާޒިމާއްތާާ. މިއީ ކޮންފަދަ އަނިޔާއެއް. މަންމަނެތް ދުނިޔެއެއްގައި އަހަރެން އުޅޭނީ ކިހިނެއް؟” ޒީލަން ހިފަހައްޓައިގެންހުރި ކަރުނަަތައް ހޯސްލާފާއި އޮހިގަތެވެ.
“އަހަރެން އެންމެ ފުރަތަމަ ދުވަހުވެސް ބުނީމެއްނު އަހަރެމެންގެއަށް ހިނގާށޭ. ތިހެން އެކަނި އުޅެންވެއްޖެނަމަ ޒީލަން ހިތާމައިން ހަލާކުވެދާނެ. އެކަނިމާއެކަނި ބޮޑު ފަޅުގެއެއްގައި ޒުވާން ކުއްޖަކު އިންނަންވެއްޖެނަމަ ފިރިހެނުންގެ އުނދަގޫވެސް ފޯރާނެ. ޒީލަންގެ މަންމައަށްވީގޮތްވާކަށް އަހަރެންވެސް ނޭދެން. މިވާހަކަތައްވެސް ޒީލަންގާތު ކޮންމެދުވަހަކު އަހަރެން ދައްކަން. އަހަންނަށް ޔަގީން ޒީލަން މަންމަވެސް ބޭނުންވާނީ މިގޮތްކަން. އަވަހަށް އެއްޗިހި ހިފައިގެން އަހަރެމެން ގެއަށް ހިނގާ. އަހަރެން މިއައީ އެކޮއި ބަލާ.”
ޒީލަންއަށް ވިސްނައިދެވޭތޯ އެތައް ފަހަރަކު އޭނާބެލިއެވެ. ނަމަވެސް ޒީލަން ކުރުނުކުރުމުން އޭނާ އެއައީ ޒީލަން ގަދަކަމުންވެސް ގެންދާށެވެ. އެއޮއްބޮޑު ގޭގައި ޒުވާން އަންހެން ކުއްޖަކު އެކަނިމާއެކަނި ހުރުމަކީ އެއްވެސް އަންހެނަކު ގަބޫލުވާނޭ ކަމެއްނޫނެވެ. އަނެއްކާ އާދައިގެ ގޮތަކަށް ރާނާފައި ހުރި އެގެއަކީ ދުވަސްވެ ވިރާނާވާންކައިރިވެފައިހުރި ރައްކާތެރި ނޫންގެއެކެވެ. މިޒަމާނުގެ މީހުންނަށް އޭނާ އެއްގޮތަކަށްވެސް އިތުބާރެއް ނުކުރެއެވެ. ޒީލަން ނިދާފައި އޮއްވާ ވަދެ ބޭނުންގޮތެއްހަދާފައި ދާއިރުވެސް މީހަކަށް ނޭނގޭނެއެވެ. އެހެންކަމުން އޭނާ ކޮންމެހެންވެސް ޒީލަން ގެންދެވޭތޯ ބެލިއެވެ.
ނާޒިމާއަކީ ނުވަކުދިންގެ މަންމައެކެވެ. މިހާރު ފަންސާސްއަހަރަށްވުރެ މަތިވެދާނެކަމަށް ލަފާ ކުރެވެއެވެ. މީހުންނާމެދު ރަހުމު ކުރަންދަންނަ ހިތްހެޔޮ އަންހެނެކެވެ. ދެފިރިހެންކުދިން މަސައްކަތްކުރަނީ ރިސޯޓެއްގައެވެ. ދެންތިބީ މުޅިންވެސް އަންހެންކުދިންނެވެ. ހުރިހާކުދިންވެސް އުޅެނީ ރަށު ސްކޫލުގައެވެ. އޭނާގެ ފިރިމީހާ އަރީފަކީ މަސްވެރިއެކެވެ. އެހެންކަމުން ކުރަންޖެހޭ ޚަރަދުތައް ގިނަވުމުން ލިބޭ އާމްދަނީއިން ދެކޮޅުޖެއްސޭވަރެއް ނޫނެވެ. ނަމަވެސް ޒީލަން އެކަނިއުޅުމަށްވުރެ އެޔަތީމު އަންހެންކުއްޖާއަށް ރައްކާތެރިކަން ދިނުމަކީ އޭނާ ނިހާޔަތަށް އުފާވާނޭކަމެކެވެ.
ޒީލަން ގެންދާނޭ މާގިނަ އެއްޗެއް އެގެއަކުނެތެވެ. މަންމަގެ ފޮޓޯލޯގަނޑަކާއި ޚަތިމަކާއި އަތުގައިއޮތް ފަސްހެދުން ފޮށްޓަށްލާ ބަންދު ކޮށްލިއެވެ. އަދި ނާޒިމާއާއެކު އެގެއަށް ދިޔުމަށް ހިނގައިގަތެވެ.
ޒީލަން އެގެއަށްވަދެ އޭނާއަށް ދެއްކި ކޮޓަރީގައި އެއްޗިހި ބެހެއްޓިއެވެ. ދެއެނދާއި މޭޒަކާއި ކުޑައަލަމާރިއެއް ހުރި މިކޮޓަރިއަކީ ކުޑަކޮޓަރިއެކެވެ. ޒީލަން އާއެކު އެގޭ ތިން އަންހެން ކުދިން ނިދަނީ މިކޮޓަރީގައެވެ. އޭނާ އެނދުގައި އޮވެގެން ވިސްނަމުން ދިޔައީ އިތުރަށް ދިރިއުޅުން ހަމަޖައްސާނޭ ގޮތަކާމެދުގައެވެ. އޭލެވެލް ނިމުމަށްފަހު އަދި ނަތީޖާ ނުލިބެއެވެ. ރަށުން އޭނާއަށް ވަޒީފާއެއްދޭނީ ކާކުހެއްޔެވެ. މިހާރުވެސް ވަޒީފާނެތް އެތައް ކުދިންނެއް ވަޒީފާބޭނުންވެގެން މަސައްކަތް ކުރެއެވެ. އޭގެތެރެއިންވެސް ވަޒީފާއެއްލިބެނީ ވަޒީފާދޭ ކޮންމެވެސް މީހެއްގެ ދަންނަ މީހަކަށެވެ. ޒީލަން ކޮންމެހެންވެސް ފައިސާ ބޭނުންވެއެވެ. އަބަދަކު ނާޒިމާއްތައަކަށްވެސް ޒީލަން އެއް ނުބެލޭނެއެވެ. އެއީވެސް އެތައް ޚަރަދުތަކެއް ކުރަންޖެހިފައިވާ މީހެކެވެ.
ޒީލަން އަށް ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ކުއްލިއަކަށް އޭނާއަށް ހޭލެވުނީ މީހަކު ރޯއަޑަށެވެ. އޭނާ އަވަސްއަވަހަށް ތެދުވެ ގަޑިބަލާލިއެވެ. އޭރު ގަޑިން ދިހަގަޑި ބައިވަނީއެވެ.
“ޝާއިރާ ކިހިނެއްވީ؟” ޝަހާމާގާތު އިސްޖަހަލައިގެން އިން ޝާއިރާގާތު އޭނާއަހާލިއެވެ.”
“ޝަހާމާދައްތަ އަލަމާރިމަތިން އެއްޗެއް ނަގަންއުޅެނިކޮށް އަލަމާރި މަތީހުރި ރޭޑިއޯވެއްޓުނީ. އެއްކޮށް ހަލާކުވީ. ބައްޕަ ރުޅިއައިސްގެން ދައްތަގައިގާ އިލޮށިފަތިން ތަޅައިގަތީ. ބަލާ މިހިރީ ފިތްނަގާފައި.” ޝަހާމާގެ އަތް ދައްކާލަމުން ޝާއިރާ ކިޔައިދިނެވެ.
””މަންމަ ކޮބާ؟ ތިތަންތަނުގައި ބޮނޑިތާން ކުރަންހިގާ.” ޒީލަން އަވަސް އަވަހަށް ބުންޏެވެ
“ނޫން ޒީލަން މަންމައަށް އޮތީ ދައްތަގާތަށް އައުން މަނާކޮށްފައި. އެއްވެސް މީހަކު ދައްތަގާތަށް އައިކަން އެނގުނަސް ބައްޕަ ރުޅިއަންނާނެ.” ޝާއިރާ ވެސް ބައްޕަދެކެ ވަރަށް ބިރުގަނެއެވެ.
އާރިފަކީ ރުޅިގަދަ އަނިޔާވެރި ފިރިހެނެކެވެ. އޭނާ ކަންކަމުގައި އަވަހަށް ގޮތްނިންމާ ކުދިންނަށާއި އަނބިމީހާއަށް ރުޅިގަނޑުބާލާ މީހެކެވެ. ބައެއްފަހަރު ކުދިންނަށް އަނިޔާކޮށް އިންޒާރުދީހަދައެވެ. ހުރިހާކުދިންވެސް އެކުދިންގެ ބައްޕަ ދެކެ ބިރުގަނެއެވެ.
އެދެމީހުން ވަރަށް ސިއްރުން ޝަހާމާގެ ޒަޚަމްތަކުގައި ބޮނޑިތާން ކުރިއެވެ. ރޭގަނޑުވަރަށް ގިނަވަގުތު ހޭލާ ހުރުމުގެ ސަބަބުން ޒީލަން އަށް ހޭލެވުނީވަރަށް ލަހުންނެވެ. އަވަސް އަވަހަށް ބަދިގެއަށް ދިޔައިރު ނާޒިމާ ރޮށިފިހަން އުޅެއެވެ. ޒީލަން އޭނާގެ އަތުން ރޮށިތައް އަތުލާ ފިހަންފެށިއެވެ. އަދި އެހެންވެސް މަސައްކަތްތައް ކުރިއެވެ. ކޮންމެދުވަހެއްގެ މަސައްކަތްތައްވެސް ދަނީ މިފަދަ ގޮތަކަށެވެ. ޒީލަން ވަޒީފާއެއްލިބޭތޯ ކުރިމަސައްކަތަށްވެސް އަލިމަގެއް ނުފެނެއެވެ. މާގިނަދުވަހު ނާޒިމާއްތަމެންގެ ހިޔާވަހިކަމުގެ ދަށުގައި އުޅުމަކީ އެމީހުންނަށްވެސް ފަސޭހަ ކަމަކަށްނުވާނެކަން އޭނާއަށްވެސް ވިސްނެއެވެ.
އެއްރެއަކު ޒީލަންއަށް ހޭލެވުނީ ފެންބޮވައި ގަނެގެންނެވެ. ފެންބޯންދިޔައިރު ޖަގުގައިފެނެއްނެތެވެ. އެހެންކަމުން އުނދޯލިގެ ކައިރީގައިހުރި ފެންތާނގީން ފެންޖަގެއް ގެނައުމަށްޓަކައި އޭނާ ދިޔައެވެ. ކުއްލިއަކަށް އޭނާއަށް ހުއްޓެވުނީ އަރީފުވާހަކަ ދައްކާ އަޑަށެވެ.
“ނާޒިމާ ކިހިނެއް އުޅެންވެގެންތަ މިގެއަށް ޒީލަން ގެނެސްގެން ތިޔަ އުޅެނީ. މިހާރުވެސް މިއުޅެނީ ލިބޭލާރިކޮޅުން ނުފުދިގެން. މާދަމާކަންނޭނގެ ކަރަންޓުބިލު އަންނާނީ. އޭނާ މިގޭން ފޮނުވާލާ.”
“އޭނާވަކިދާނީ ކާކުގާތަށް. އޭނާއާއި އަޅާލާނެ މީހެއް މިރަށުގައި ހުރީތަ. ނިކަމެތި ޔަތީމު އަންހެންކުއްޖަކަށް އަލާލުމަކުން އަހަރެމެންނަށް ލިބޭ ނިކަމެތިކަމެއް އެބައޮތްތަ؟ އެ އަންހެންކުއްޖާ ނާންނައިރުވެސް އަހަރެމެން މިހާލުގައެއްނޫންތަ މިއުޅެނީ.” ނާޒިމާ ހުރީ ހިތްހަމަނުޖެހިފައެވެ.
“އެވާހަކައެއްނޫނޭ އަހަރެންމިބުނަނީ. ޒީލަން ރުހިއްޖެނަމަ އަހަރުމެންނަށް ވަރަށްބޮޑު ނަސީބެއް ލިބެން އޮތްވާހަކަ ބުނާށޭ މިއުޅެނީ. އެއްކަލަ ޖަމީލު ޒީލަންއާއި އިންނަންވެގެން އަހަރެންގާތަށް މިރޭއައި. އޭނާބުނީ އޭނާގެ ދޮށީއަނބި އެހެންގެއަކަށް ލާފައި ޒީލަނޯ އޭނާ ގެންގުޅޭނީ. އަހަރެން މިކަން ކޮށްދީފިނަމަ ހުރިހާގޮތަކުންވެސް އަހަރުމެންނަށް އެހީވާނަމޯ.” އޭނާ ވާހަކަދެއްކީ ވަރަށް އުއްމީދާ އެކީގައެވެ.
“އެކަމަކު އެއީ ސާޅީހަށްވުރެ މަތިވެފައިވާ ހަތަރު ކުދިންގެ ބައްޕައެއްނު. އޭނާގެ އަންހެނުންނާއި ދަރިން އެއްބަސްވާނެތަ.” ޖަމީލުކަހަލަ މުއްސަނދި މީހެއްގެ ވާހަކަބުނުމުން ނާޒިމާގެ ވިސްނުންވެސް ބަދަލުވިއެވެ.
“އެއީ އަހަރުމެން ބަލަން ޖެހޭކަމެއްތަ. އޭނާ އަންހެނުންވެސްއެއީ ދޭތެރެ ދޭތެރެއިން މޮޔަވާމީހެއް ކިހާދުވަހަކު ޖަމީލު އޭނާއާއެކު އުޅެފި. އަހަންނަށްޔަގީން އޭނާ ޒީލަން ނުހަނު އުފަލުގައި ގެންގުޅޭނެކަން. އެއީ އޭނާ ނުހަނު ބޭނުންކަމެއް.”
” އެކަމަކު އަދި ޒީލަންއަށް އަށާރައަހަރުވެސް ނުފުރޭ ކަންނޭގެ.” ނާޒިމާ އަށް އަދިވެސް އެއްބަހެއް ނުވެވުނެވެ.
” ތިކަމާ ހާސްނުވޭ އަހަރެން އޭނާގެ އުމުރު އަށާރައަހަރަށް ބަދަލުކުރީމާ ވީނު. ކަލޭ ޒީލަން މިކަމަށް ރުއްސާ. ބާކީ ހުރިކަންތައް އަހަރެން ކުރާނަން.” އޭނާ އަށް މިރެއަށްވެސް ވަނީ ލަސް ވެފައެވެ.
އެދެމީހުން މިރޭވި ހުރިހާކަމެއް ޒީލަން އަށް އެނގުނު ވަގުތު އޭނާއަށް ހީވީ ފައިދޮށުން ބިންގަނޑު ދެމިގަތްހެންނެވެ. ފެންވެސް ނުބޮއި އަވަހަށް ކޮޓަރިއަށް ދިޔައެވެ. މޫނުގައި ބާލީސްއަޅައި ބާރަށް ރޮއިގަތެވެ. އޭނާގެ ބަދުނަސީބާމެދު ޝަކުވާ ކުރާހާލުގައެވެ. ޒީލަންވެސް އެބުނާ ޖަމީލުދަނެއެވެ. އެއީ އުމުރުން ދުވަސްވީ ވަހުޝީމީހެކެވެ. ޒީލަން ސުކޫލަށް ދާއިރުވެސް ޒީލަންއާއި ދިމާއަށް ކަޅި އަޅައެވެ. މިއަދު ހާލުގައި ޖެހުމުން އޭނާގެ ނިކަމެތިކަމުގެ ފައިދާ ނަގަނީއެވެ. އޭނާ އާއި އިނުމަށްވުރެ އަމިއްލައަށް މަރުވުންވެސް މާރަނގަޅެވެ. މިކަމުން ސަލާމަތްވާނެ ގޮތެއް ހޯދުމަށް އޭނާ ވިސްނަން ފަށައިފިއެވެ. އެހެންގެއަކަށް ދިޔަޔަސް ޖަމީލުގެ އުނދަގޫ ފޯރާނެއެވެ. އޭނާއަކީ މުއްސަނދި މީހެކެވެ. ފައިސާއިން ކޮންމެ އެއްޗެއްވެސް ކޮންމެމީހެއްވެސް ގަނެލާކަށް އޭނާއަށް ދައްޗެއް ނުވާނެއެވެ. ވީއިރު އޭނާ ކަހަލަ ޔަތީމު ނިކަމެތި އަންހެން ކުއްޖަކު ކުރާނީ ކީއްހެއްޔެވެ؟ އޭނާއަށް އިތުރު އެއްވެސް ގޮތެއްނެތެވެ. އޭނާއަށްޖެހޭނީ ޖަމީލާއި އިންނާށެވެ. މިހެން ހިތަށްއެރުމާއިއެކު އޭނާއަށް ބާރަށް ރޮއިގަނެވިއްޖެއެވެ. އެއަޑަށް ޝަހާމާއާއި ޝާއިރާއަށް ހޭލެވިއްޖެއެވެ. އަދި ސުވާލުތައް ކުރަންފަށައިފިއެވެ. ޒީލަން އެއްވެސް ކަމެއް ސިއްރުނުކޮށް އެދެމީހުންނަށް އެވާހަކަތައް ކިޔައިދީފިއެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ފެންނަ އެއްޗެއް ބުނެއެވެ. ނަމަވެސް އެޚިޔާލުތަކަކީ ވުން ނާދިރު ކަންތައްތަކެވެ. އެއީ ކުޑަކުދިންނެވެ. އެރޭވުންތަކުގައި އެކުދިންނަށް އެހީތެރިވާނީ ކާކުހެއްޔެވެ؟
ކުއްލިއަކަށް މީހަކު ދޮރުހުޅުވާލައިފިއެވެ. ތިންމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ނާޒިމާ އެކުދިންނާ ދިމާއަށް ބަލަން ހުރިގޮތުން ތިންކުދިން ވެސް ބިރުން ހާސްވެއްޖެއެވެ. ނާޒިމާއައިސް އެކުދިންގެ މެދުގައި އިށީނެވެ.
“ޒީލަން! އަހަރެންނަށް ޒީލަންއަކަށް ހިމާޔަތެއް ނުދެވުނު. އަރީފަކީ އޭނާ ކުރަންބޭނުންވާ ކަމެއް ކޮންމެ ހާލެއްގައިވެސް ކުރާނޭ މީހެއް. އަހަރެންނަށް މިކަމާ ދެކޮޅު ހެދޭކަށްނެތް.” ނާޒިމާ ޒީލަންގެ ބޮލުގައި ފިރުމާލައި އަރީފުގެ ހުށަހެޅުން ޒީލަންއަށް ކިޔައިދިނެވެ.
“މަންމައަށް ކޮންމެވެސް އެހެންގޮތަކުން މިކަންތައް ހުއްޓުވިދާނެއްނު.” ޝާޢިރާ ހުރީ ޒީލަންގެ ކޮޅަށެވެ.
“މިރަށުގައި އުޅޭހާހިނދަކު ޒީލަންއަކަށް އެޖަމީލުގެ ކިބައިން ސަލާމަތް ވާނެހެންނެއް ހިއެއްނުވޭ. އަހަރެންގެ ތިމާގެ މީހެއް އަނެއް އަވަށުގައި އުޅޭނެ. ނަމަވެސް އެމީހުންނާވެސް ޖަމީލު ރަހުމަތްތެރިކަން އޮވޭ. އޭނާ ކޮންމެވެސް ގޮތަކުން ޒީލަންއަށް އުނދަގޫ ކުރާނެ.” ނާޒިމާ ވިސްނަމުން ވާހަކަދެއްކިއެވެ.
“އެކަމަކު މިގޮތަށް ޒީލަންއާމެދު ހެދިޔަދީގެންނުވާނެ. މަންމާ! ކޮންމެވެސް އެހެންގޮތެއް ހެދޭތޯ ބަލަމާހިނގާ” ޝާއިރާ ހުރީ ވަރަށް ކަންބޮޑުވެފައެވެ.
“އަހަރެން ޝާޢިރާގެ ބައްޕަގާތު މިއައީ މިކަމަށް އެއްބަސްވީކަމަށް ވާހަކަދައްކާފައި. އެއްބަސް ނުވެއްޖެނަމަ އަހަރެންގެ އިތުރުން ޒީލަންއަށްވެސް އަނިޔާ ކުރާނެ. އަހަރުމެން މިކަން ކުރަންޖެހޭނީ ވަރަށް ސިއްރުން.
” އަހަރެމެން ކުރާނީ ކީއް؟” ގޮތް ހުސްވެފައިވާ ޒީލަން މަޑުމަޑުން ބުނެލިއެވެ.
”އަހަރެން ގޮތެއް ވިސްނައިފިން. ޒީލަން މާލެ ދިއުމުގެ ކަންތައް އަހަރެން ހަމަޖައްސާނަން. އަހަރެންގެ ރަށްޓެހި ހިތަދޫ ބަޔަކު އުޅޭނެ ތަނެއް ކުއްޔަށް ހިފައިގެން. އެމީހުންނަށް މަހަކު އެއްހާސް ރުފިޔާ ދެއްކީމާ ހުރެވޭނެ ގޮތް އަހަރެން ހަމަޖައްސާނަން. ރަނގަޅުގޮތެއްވަންދެން ވަޒީފާއެއް އަދާކުރަމުން ޚަރަދުތައް ބަލަހައްޓައިގެން އުޅޭނީ.”
”އެކަމަކު މާލެއަކު އަހަރެން ދަންނަ އެއްވެސް މީހަކު ނޫޅޭ.” ޒީލަން ހާސްވިއެވެ.
” ކޮންމެގޮތެއްވިޔަސް ދުވަސްކޮޅަކަށްނަމަވެސް ޒީލަން މާލެ ދިއުން ނޫން ގޮތެއް ނެތް. އެހެންނޫނީ ޖެހޭނީ އަރީފުގެ ރޭވުމަށް އިޖާބަދޭން.” ނާޒިމާ ޒީލަންއަށް ވިސްނައިދިނެވެ.
މާލެ ދިއުމުގެ ކަންތައް ހަމަޖެހުނީ ހީވެސް ނުކުރާހާ އަވަހަށެވެ. ފުރަންދިއުމުގެ ކުރީން ނާޒިމާ ޒީލަންއާއި އެންމެ ފަހުގެ ވަދާޢަށްޓަކައި ދޯނި ދޮށަށް ދިޔައެވެ.
” ޒީލަން ހިތްވަރުގަދަކޮށްގެން ރަނގަޅަށް އުޅެވޭތޯބަލާތި. ދައްތަ ދޭނެ އިތުރު ނަސޭހަތެއްނެތް. އަން މީގައި ހިފާ.” ޒީލަންގެ އަތުތެރެއަށް ދެހާސް ރުފިޔާ ލަމުން ނާޒިމާ ބުންޏެވެ.
” ނޫން ނާޒިމާއްތާ. ދައްތަ އަތުގައި އެއްވެސް ލާރިއެއް ނެތެއްނު.” ޒީލަން އިންކާރު ކުރިއެވެ.
”ނޫން ޒީލަން. ވަޒީފާއެއް ލިބެންދެން ފައިސާކޮޅުން ހަމަޖައްސާލާ. ތީއަހަރެން ވަރަށް ރައްކާކޮށްގެން ގެންގުޅުނު ލާރިކޮޅެއް. މާލޭގައި އުޅޭއިރު ކޮންމެފަދަ ގޮތެއްވެސް ވުމަކީއެކަށީގެންވާކަމެއް. އެހެންވީމާ ރައްކާތެރި ކަމާއެކު މިލާރިކޮޅުން ބަލައިގެން އުޅޭތި. ނާޒިމާ ދަރިއަކަށް ހެޔޮއެދޭފަދައިން ޒީލަންއަށް ހެޔޮއެދެއެވެ. ނާޒިމާގެ ހެޔޮކަމަށް ޝުކުރުވެރިވެ އެތައް ހިތާމައެއްކުރުމަށްފަހު ލޯބިވާ ރަށާއި މަންމަގެ ހަނދާންތައް ވާ ރަށް ދޫކޮށްލުމަށްފަހު އޭނާ މާލެ ދިޔައެވެ.
ނާޒިމާ ދިން އެޑްރެހަށް ކާރު މަޑުކުރިއެވެ. ޒީލަން އެ ނުދަންނަގޭގެ ކުރިމަތީގައި މަޑުކޮށްލިއެވެ.
” އައްސަލާމް އަލައިކުމް.” ދޮރުގައި ދެތިންފަހަރަކު ޓަކިޖަހާލިއެވެ.
”ވަޢަލައިކުމް ސަލާމް.” އެތެރޭން އަންހެނެއްގެ އަޑު އިވުނެވެ.
އެމީހާ ދޮރު ހުޅުވާލައިފާ ޒީލަން އާއި ދިމާއަށް ބަލާލިއެވެ.
”އާން ތީދޯ ޒީލަން. އާދޭ! ބުރުގާ ހެޔޮވަރުކޮށްލަމުން އެފަލަ އަންހެންމީހާ ހިނގައިގަތެވެ. ޒީލަން އޭނާގެ ފަހަތުން ދިޔައެވެ.
” މިހިރީ ޒީލަން ގެ ނިދާކޮޓަރި. މިކޮޓަރީގައި އަދި ތިންކުދިންތިބޭނެ. ކަލޭނިދާނީ ތިރީގައި ހުރިބައިގާ.
” ޒީލަން އެ ކުޑަކޮޓަރިއަށް ބަލައިލިއެވެ. ދެފަރާތު ދެބިތުގައި ދެބުރިއަށް ހުންނަ އެނދުބަހައްޓާފައިވެއެވެ. ވަންނަ ދޮރުކައިރީ އަލަމާރިއެއް ބަހައްޓާފައި ވުމުން ކޮޓަރީގައި ހިނގާލާނެ ތަންކޮޅެއްވެސް ނެތެވެ.
” މަސް ފެށޭއިރަށް ފައިސާ ދައްކަންވާނެ. މިގެއިންކެއުން ހަމަޖައްސާނަމަ އަދި 200 ރުފިޔާ އިތުރަށް ދައްކަންވާނެ.”
ޒީލަން ބޯޖަހާލިއެވެ. އެހެންނަމަވެސް އޭނާ ލާރި ޚަރަދުކުރުމުގައި ވަރަށްބަލަން ޖެހެއެވެ. ވަޒީފާއެއް ނުލިބިއުޅެނިކޮށް ލާރިކޮޅު ހުސްވެދާނެތީ ކަންބޮޑުވެއެވެ.
” ކަލެއަށް އެއްވެސް ކަމެއް ދަތިކުރާނެ އަދި އުނދަގޫކުރާނެ މީހެއް ނުހުންނާނެ.” އެހެން ބުނުމަށްފަހު އެމީހާ ހިނގައްޖެއެވެ.
ޒީލަން ކޮޓަރިއަށްވަދެ ހަމަޖެހިލެވޭތޯ ބެލިއެވެ. ފެންވަރާލައިގެން ކޮޓަރިން ބޭރަށް ނިކުތެވެ. އެއީ ކުޑަކުޑަ ގެއެކެވެ. ދެކޮޓަރިއާއި ސިޓިންރޫމެއް ހިމެނިފައިވާ މިގޭގައި ވަރަށް ބައި ގިނައެވެ. ބަދިގެއަކީވެސް ކާތަނަކީވެސް ކިޔަވާ ކޮޓަރިއަކީވެސް އެ ކުޑަސިޓިންރޫމެވެ. ޒީލަން އެގެއަށް ވެއްދި އަންހެންމީހާ ބަދިގޭގައި ރޯމަސްތަކެއް ްކަނޑަންހުއްޓެވެ. އޭރު އޭނާގެ ފަހަތުގައިހުރި މޭޒުގައި ނުވަވަރަކަށް އަހަރުގެ ފިރިހެންކުއްޖެއް އޭނާގެ އަތުގައި އޮތް ރޮށި ރިހާކުރުކޮޅަކާއި ޖައްސައިގެން ކާން އިނެވެ. އޭނާގެ ކުރިމައްޗަށްވާ ގޮނޑީގައި ފަނަރަވަރަކަށް އަހަރުގެ އަންހެން ކުއްޖަކު ބަޔޮލޮޖީފޮތެއް ހިފައިގެން ދަސްކުރަން އިނެވެ. ނަމަވެސް އެމީހުންގެ ދާދި ގާތުގައި ގޮނޑިއެއްގައި އިން ދެބައި އުމުރުގެ އަންހެނަކު ޓީވީން ބަލަންއިން ހިންދީ ޑުރާމާއެއްގެ އަޑުގަދަކަމުން ރަނގަޅަށް އެއަކަށް ސަމާލުކަމެއް ނުދެވެއެވެ. ޒީލަން އަށް މި ތަފާތު މަންޒަރު ފެނުމުން ބާކީ އޮތް ދުވަސްތައް މިގޭގައި ހޭދަކުރާނެ ގޮތަކާމެދު ކަންބޮޑުވިއެވެ. މުޅިން އެކަހެރި ދިރިއުޅުމެއް ދަސްވެފައިވާ ޒީލަންއަށް މީހުންގެ ތެރޭގައި އުޅުމަކީ ނުހަނު އުނދަގޫ ކަމެކެވެެ. ވެފައިހުރި ވަރުބައްޔާއި ބަނޑުހައިކަމާއެކުގައިވެސް ލިބިފައި މާޔޫސްކަން މާބޮޑެވެ. އޭނާ އެނބުރި ކޮޓަރިއަށް ވަންނަން ދިޔައެވެ.
” ކޮންނަމެއްތަ ކިޔަނީ.”؟ އޭނާގެ ފުރަގަހުން އަންހެންކުއްޖަކު އަހާލިއެވެ.
” ޒީލަން” އޭނާ އެނބުރިލާފައި ހިނިތުންވެލިއެވެ.
” ދެންމެއެއްނު ތިޔައައީ. ހިނގާ ކާންދަމާ. އަހަރެންވެސް މިހުރީ އަދިނުކައި.” އެއަންހެންކުއްޖާ ވަރަށްގާތް ގޮތަކަށް ވާހަކަދެއްކިއެވެ. އެދެމީހުން އުނދުންމަތީ ހުރި ތެލިން ބަތާއި ރިހަ އަޅައިގެން އެ މޭޒުގެ އަނެއްފަރާތުގައި ހުރި ހުސް ގޮނޑީގައި އިށީނެވެ.
” އަހަރެންނަށް ކިޔަނީ ނިޝާނާ. އަހަރެންނަކީވެސް ޒީލަން ގޮތަށް މިގޭގައި ހުންނަ ކުއްޖެއް.” އޭނާ އަމިއްލައަށް ތަޢާރަފުވެލިއެވެ.
ދެމީހުން ކައިނިމުނުއިރު ތިބީ ރަނގަޅު ރަހުމަތްތެރިންނަށް ބަދަލުވެވިފައެވެ. އެހެންކަމުން ޒީލަންއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޒީލަން ނިޝާނާމެންގެ އެހީތެރިކަމާއެކު ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރިއެވެ. ހުސްވެފައިވާ ވަޒީފާތައް ނޫސްތަކުން ބަލައި ސިޓީލިއެވެ. ނަމަވެސް ތިންހަފުތާ ވީއިރުވެސް އެއްވެސް ވަޒީފާއެއް ނުލިބުނެވެ. އެތައް ތަނަކަށް ސިޓީލެވިއްޖެއެވެ. އިންޓަވިއު ކޮށްފިއެވެ. ނަމަވެސް އުންމީދު ކަނޑައެއްނުލައެވެ. އޭނާގެ މަސައްކަތްތައް ކުރިއަށްދާގޮތް ބަރާބަރަށް ނާޒިމާއްތައަށް އަންގަމުންދެއެވެ. އަދި އޭނާގެ ނަސޭހަތާއި އިރުޝާދުން ކެތްތެރިކަމާއިއެކު ރަނގަޅު ވަޒީފާއަކަށް އިންތިޒާރު ކުރަމުން ދިޔައެވެ.
ޒީލަންގެ ކޮޓަރީގައި އުޅޭ އަނެއް ތިންކުދިންވެސް އޭނާއަށް ރަނގަޅުކަމުން މިހާރު ކުޑަކޮށް ހަމައަކަށް އެޅިއްޖެއެވެ. ކޮންމެވެސް ވަރަކަށް ހިތާމަތަކާއި ދުރަށް ދެވޭ ގޮތްވިއެވެ. އެތަނުންވެސް ނިޝާނާ އަކީ ޒީލަންއަށް ވަރަށް އަޅާލާ ކުއްޖެކެވެ.
” ޒީލަން ދެރަނުވޭ! އަދި ހަމަޖެހޭނެ. އަހަރެންވެސް ވަރަށް މަސައްކަތް ކުރިފަހުން ވަޒީފާއެއް ލިބުނީ.” ޒީލަންއާއި އެއް އެނދެއްގައި އޮތް ނިޝާ ވާހަކަ ދެއްކިއެވެ.
” އަހަރެން ކަހަލަ އެކަނި އުޅޭ މީހަކަށް ކަމެއް ދިމާވިނަމަވެސް އަޅާލާނެ މީހަކު ނެތީމާ މިބޮޑު ރަށުގައި އުޅެން ވަރަށް ޖެހިލުންވޭ. އަހަރެން އަދި އެންމެ ހާސްވަނީ ލާރިކޮޅު ހުސްވުމުގެ ކުރިން ވަޒީފާއެއް ނުލިބިދާނެތީ.”
”ބުނެއެއްނު ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށޭ. އެއްގޮތަކުން ޒީލަން އެކަނިވުމުން މާރަނގަޅެއްނު. އަހަރެން މަންމައަށާއި ތިން ކޮއްކޮއަށް ޚަރަދުކުރަން. އެމީހުންގެ ކަންތަކާއި ވިސްނާ އަހަރެންނަށްވެސް މިއުޅެނީ ދިރިއުޅުމެއް ނުފެށި.” ނިޝާ ވާހަކަދައްކަމުން ދިޔައެވެ.
”ނިޝާގެބައްޕަ ކޮބާ؟ އެއްވެސް ބޭބެއެއް ނެތްތަ؟”
”ބައްޕަވާހަކަ ނުދެއްކިއްޔާ މާރަނގަޅުވާނެ. ބައްޕަ އެންމެ ކުޑަކޮއްކޮއަށް ތިންމަހުގައި މަންމަ ވަރިކޮށްފައި އެހެން ރަށެއްގެ މީހަކާއި އިނދެގެން އުޅެނީ. ” ޒީލަން އެއްޗެކޭ ބުނަން އުޅުމަށްފަހު ހުއްޓާލިއެވެ.
ފިރިހެނުންގެ އަމިއްލަ އެދުން ބޮޑުކަމުން ކިތައްކުދިން ނިކަމެތި ކަމުގައި އުޅޭނެބާއޭ ހިތާހިތުން ކިޔާލިއެވެ. އެމީހުންގެ އުފަލަށްޓަކައި އެމީހުންގެ އަނބިންނާ ދަރިން ދޫކޮށްލާފައި އެދަނީ ހާދަ އިންސާނިއްޔަތުގެ ކަމެއްނެތީމައެވެ. އޭގެ ސަބަބުން އަހަރެމެން ކަހަލަ އެތައް ކުދިންނެއް މިވަނީ ހާލުގައި އުޅެންޖެހިފައެވެ.
” ޒީލަން އަށް ފޯނެއް.” ސިޓިންރޫމުގައި ހުރެފައި މީހަކު ގޮވާލިއެވެ. ޒީލަން ދުވެފައި ކަހަލަ ގޮތަކަށް ފޯނަށްދިޔައެވެ. ފަހަރުގައި އޭނާގެ އުންމީދު ފުރިހަމަވަނީ ކަމަށް ހީކޮށެވެ.
” ހަލޯ” ޒީލަން ވާހަކަ ދައްކަން ފެށިއެވެ.
” ޒީލަންތޯ” ފިރިހެނަކު ވާހަކަދެއްކިއެވެ.
” އާދެ” ޒީލަން ޖަވާބުދިނެވެ.
”މިއީ ޒެނިތު ކުންފުނިން އިނގޭތޯ. ޒީލަންއަށް ވަޒީފާ ހަމަޖެހިއްޖެ. މާދަމާ ހެދުނު މ. ޒެނިތުގެއަށް ވަޑައިގަންނަވާ.” ޒީލަން ފޯނު ބޭއްވިއެވެ.
އޭނާއަށް ލިބުނު އުފަލުން ތެޅިގަނެވުނެވެ. ހިތަށްވެރިވި ޝުޢޫރުތަކުން ޝުކުރުވެރިކަމުން ހިތް ބަންޑުންވިއެވެ. އޭނާ ދުވެފައި ގޮސް ނިޝާ ގައިގައި އޮޅުލައިގަތެވެ.
” ނިޝާ. ވަޒީފާ ހަމަޖެހިއްޖެ.” ނިޝާގެ ގައިގައި ހިފަހައްޓާލައިގެން ހުރެބުންޏެވެ.
” އަލްހަމްދުލިއްލާހި. މަރުހަބާ! ” އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް އުފާވެރިކަމުގެ ޝުޢޫރު އުފެދުނެވެ. އެކަމަށްޓަކައި އޭނާ ﷲއަށް ހަމްދުކުރިއެވެ. އެކަލާނގެ އޯގާވަންތަކަމަށް ހިފެހެއްޓުމެއްނެތި ޝުކުރުވެރިވިއެވެ.
ޒީލަން 7:30 ގައި ޒެނިތުއަށް ދިޔައެވެ. ދޮރާށި ހުޅުވާލާފައި އެތެރެއަށްވަނެވެ. ދޮންވެލިލާފައިވާ ގޯތިތެރެއެކެވެ. ދެފަރާތު ފާރު ކައިރީގަޔާއި ދެތިން ބުރުގައި ބަގީޗާ ހައްދާފައިވެއެވެ. ކުޑަ އެހެނަސް މިފަދަ ހިތްގައިމު ގޯތިތެރެއެއް މާލޭގައި ވަރަށް މަދުވާނެއޭ އޭނާ ހިތަށް އެރިއެވެ. 3 ބުރީގެ ރީތި އިމާރާތަށް ވަނުމަށްޓަކައި އޭނާ ރަނގަބީލު ޖަހާލިއެވެ. މަޑުނޫކުލައިގެ ޔުނިފޯމެއްލާފައިވާ ދެބައިއުމުރުގެ ފިރިހެނެއް ދޮރުހުޅުވާލިއެވެ.
” ވަންނަވާ!” އޭނާ އެތެރެއަށްވަދެ އިށީންނަންވީ ތަންދެއްކިއެވެ.
” މަޑުކޮށްލައްވާ!” އެމީހާ އެހެން ބުނުމަށްފަހު ހިނގައްޖެއެވެ.
ޒީލަން ވަށައިގެން ބަލާލިއެވެ. ރީތިބޮޑު ފުރިހަމަ ގެއެކެވެ. ގޭގެ ކުރިމައްޗަށްވީ ބިތްވަނީ ސާފުބިއްލޫރިން ތައްޔާރު ކޮށްފައެވެ. އެބިތުގައިވާ ފޮތިގަނޑު ކަހާލާފައިވުމުގެ ސަބަބުން ބޭރުގައިހުރި ގަސްތައް ނުހަނު ސާފުކޮށްފެނެއެވެ. މޮޅު ފަރުނީޗަރުތަކާއި ޒީނަތްތެރި ކުރުމަށް ބޭނުންކުރާ އަގުބޮޑު ސާމާނެވެ. ގެ ތަރުތީބުވެފައި ސާފެވެ. ބޭރުފެންނަގޮތަށްހުރި މަޑުސޯފާގައި އޭނާ އިށީނދެލިއެވެ. އޭނާ ހައިރާންވެފައި ވީނަމަވެސް މަސައްކަތުގެ ފުރިހަމަ މައުލޫމާތު ނުލިބުމުން ހުރީ ކުޑަކޮށް ހާސްވެފައެވެ.
ކުއްލިއަކަށް އޭނާ އަށް ފެނުނީ ސިޓިންރޫމާ ދިމާގައި ހުރި ސިޑިއަކުން މީހަކު ފައިބާ ތަނެވެ. އިސްކޮޅުންދިގު ފިރިހެންވަންތަ ޒުވާން ހަށިގަނޑެކެވެ. ހުދުކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން އެއްއަތުގައި ކަޅުކުލައިގެ ކޯޓެއް އަޅުވާލާފައިވާއިރު އަނެއްއަތުގައި ކުޑަ ބުރީފްކޭހެއްއޮތެވެ. ރަނގަޅަށް ނުހިކި ހުރިއިސްތަށިގަނޑުން އޭނާގެ ތާޒާކަމާއި ރީތިކަން ވަރަށް ރަނގަޅަށް ފާޅުވެއެވެ. ކަސްރަތީ ހަށިގަނޑަކާއި ދޮންމޫނާއި ހިނގާލުމުގައިވާ ހަރުދަނާ ކަމުން މީހާގެ ހަރުދަނާ ޝަޚުޞިއްޔަތު ހާމަވެއެވެ. ޒީލަން އެއަންނަ މީހާއަށް އިޙްތިރާމް ކުރުމުގެގޮތުން ކޮޅަށްތެދުވިއެވެ.
އެފިރިހެންމީހާ ޒީލަންއަށް ރަނގަޅަށް ބަލާވެސް ނުލާ ޖީބުން ވޮލެޓުނަގާ ބަލާލިއެވެ. އެއަށްފަހު ފަސްސަތޭކަ ރުފިޔާ ނަގާ ދިއްކޮށްލިއެވެ.
” ބައްލަވާ. މީ މީ ކޮންއެއްޗެއްތޯ؟” ޒީލަން ހައިރާންވެގެން އަހާލިއެވެ.
އެމީހާ އެއްވެސް އެއްޗެއް ނުބުނެ ނިކުންނަން ހިނގައިގަތެވެ. އޭނާވަނީ ވަރަށްބޮޑަށް ލަސްވެފައެވެ. އެހެންކަމުން އެއްވެސް މީހަކާއި ވާހަކަ ދައްކާނެ ވަގުތެއް ނެތެވެ.
” ފަޒީން” އޭރު އެތެރެއަށްވަދެގެންއައި މުސްކުޅި އަންހެނެއް އޭނާއަށް ގޮވާލިއެވެ. ހައުސްކޯޓެއް ލައިގެން ބުރުގާއެއް އަޅާފައިވާ މިއަންހެންމީހާ އޭނާގެ ގާތަށް ދިޔައެވެ.
” މިއީ އެހީހޯދަން އައިކުއްޖެއްނޫން. ކުރިންވެސް އަޅުގަނޑު ދެންނެވީމެއްނޫންތޯ މިގެއަށް ކުއްޖެއް ގެންނަވާހަކަ. އެއީ އެކުއްޖަކީ……..” އެއަންހެންމީހާ އޮޅުންފިލުވައިދިނެވެ.
”އެކަމަކު ކީއްކުރާ ކުއްޖެއް.” އޭނާ އޮޅުންފިލުވަންބޭނުމެވެ.
”މިހާރު ހުރިހާކަމެއް ބެލެހެއްޓޭވަރަށްވުރެ އަޅުގަނޑު މުސްކުޅިވެއްޖެ. އަޅުގަނޑަށް ގޮތެއްވުމުގެ ކުރީން އެހެންކުއްޖަކަށް މިކަންތައްތައް އެނގިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް.” ފަހީމާ ވާހަކަ ދެއްކިއެވެ.
” އެންމެރަނގަޅު. ފަހީމައްތައަށް ވިސްނޭ ރަނގަޅުގޮތަކަށް ހެދިއްޔާ ރަނގަޅުވާނެ.” ފަޒީނު އަވަހަށް ބޭރަށް ނުކުންނެވިއެވެ.
ޒީލަންއަށް އެދެމީހުން ދެއްކިވާހަކައެއް އަޑެއް ނީވެއެވެ. އެމީހުން ޒީލަން އާއި މެދު ހިތްހަމަ ނުޖެހުނީ ކަންނޭނގެއެވެ. ނޫންނަމަ ވަޒީފާ ލިބުމުގައި ކޮންމެވެސް މައްސަލަ ތަކެއް އުޅެނީ ކަންނޭނގެއެވެ. ޒީލަން ތަފާތު އެއްޗިހިތައް ހިތަށް އަރަމުން ދެއެވެ. އެހެންކަމުން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އަދި އެފަސްސަތޭކަ ރުފިޔާއަކީ އޭނާއަށް ކީއްވެގެން ލިބުނު އެއްޗެއްކަން ނޭނގޭތީ ބިރުވެސް ގެންފައެވެ.
” ޒީލަންދޯ؟ މިތާ އިށީނދޭ.” ފަހީމާ އިށީންނަމުން ބުންޏެވެ.
ޕާކިސްތާންހެދުމެއްލާފައި އިސްތަށިގަނޑުގައި ހުޅިއެއްޖަހައިފައިހުރި ޒީލަން ފުރަތަމަ ފެނުނު އިރުވެސް އެއީ އާދައިގެ ސާދާ ކުއްޖެއްކަން އެ މުސްކުޅި ތަޖުރިބާހުރި ފަހީމާއަށް އެނގުނެވެ. އެފަދަކުދިން އާއްމުގޮތެއްގައި ވަފާތެރިވެފައި ތެދުވެރި ވާނެއެވެ. ނަމަވެސް ބަލާލާފައި އެއީ ޅަކުއްޖެއްކަން އެނގުނެވެ.
”ޒީލަން ކުރަންޖެހޭ މަސައްކަތަކީ މަސައްކަތް ކުރާމީހުން އެމަސައްކަތްކުރަނީ ރަނގަޅަށްތޯ ބެލުން. ކެއްކުމަށާއި ގެސާފުކުރުމަށާއި ބާޒާރުކުރުމަށާއި ތަނުގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ހަތަރުމީހުން އުޅޭނެ. އެމީހުން ލައްވާ ވަގުތުން ވަގުތަށް ކަންތައް ކުރުވުމާއި ގޭތެރޭގެ ކަންތައް ބަލަހައްޓަން ޖެހޭނީ. އިތުރު ތަފްޞީލު ލިއުމަކުންލިބޭނެ. މިކަންތައްތައް ވާނެތަ؟” ފަހީމާ ވާހަކަ ދެއްކިއެވެ.
”އާދެ!” ޒީލަން ވަނީ ވަޒީފާއަކަށް ވަރަށް ބޭނުންވެފައެވެ. އެހެންކަމުން މިފުރުސަތު ނަގާލާކަށް ބޭނުމެއްނޫނެވެ.
”ޒީލަންބޭނުންނަމަ މިގޭގައިވެސް ހުރެވިދާނެ. ސަބަބަކީ ހުރިހާކަމެއް ބަލަހައްޓާމީހަކަށް ފަސޭހަވާނީ އެގޮތް ކަމުގައިވާތީ.” އޭނާ އިތުރަށް ބުންޏެވެ.
”މީކޮންލާރިއެއްތޯ؟” ޒީލަން އެންމެފަހުން އެހިއެވެ ” އެއީ މިގޭ ވެރިމީހާ. އޭނާއާއި އަހަރެން ފިޔަވާ އިތުރު މީހެއް މިގެއަކު ނޫޅޭނެ. މިގަޑީގައި ނުދަންނަ މީހަކު އައީމާ އެހީހޯދަން އައި މީހެއް ކަމުގައި ހީކުރެއްވީކަންނޭގެ. ބައެއްދުވަސްދުވަހު މީހުން އެހީ ހޯދުމަށްޓަކައި މިގެއަށް އާދޭ.” އޭނާ އޮޅުންފިލުވައިދިނެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލުތައް
ޒީލަން އަކީ ވަރަށް ރީތި ވާހަކައެއް، މިހާތަނަށް ކިޔުނު އެންމެ ރީތި ވާހަކަ. ދެވަނަ ފަހަރަށްވެސް ކިޔާލުމުގެ ފުރުޞަތު ލިބުނު ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ!
މީގެދެވަނަ ބައި ކިޔަން ލިބެނީ ކޮންދހުވަހަކުނ ތޯ
Mi vaahaka 2 vanabai kiyaalan v beynun..