ވާހަކަ: ވީމޭ ވަފާތެރި! އެހެނަސް… (9)

" މަރީ މެންގެއަށް ދާން އަނބުރާލަނީ އިނގޭ! "

އެހެން ބުނެ މަރީގޭ މަގަށް ލޫޠު ނިކުތެވެ. އެއާއެކު ކަންމަތީގައި ހުރި ފިހާރައަކުން ނިކުތް މީހެއްގެ މޫނަށް ސައިކަލްގެ ލައިޓް އެޅުނެވެ. އެދިމާއަށް ބަލާލުމާއެކު ޒައިބާގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. އެއީ އަކްރަމް ނޫން ދެވަނަ ދެމީހެއް ނޫނެވެ. އަކްރަމް ވަރަށް ރަނގަޅަށް ލޫތު އަދި ޒައިބާގެ މޫނަށް ބަލާލިއެވެ. އަކްރަމް ފެނުމުން ސައިކަލް ހުއްޓާލި ގޮތަށް ދުއްވާލަން ނުކެރިފައި ލޫޠުއަށް އިނދެވުނީއެވެ. އަކްރަމް ފެނުމުން ޒައިބާއަކަށް މަޑަކުން ނީނދެވުނެވެ. އޭނާ ސައިކަލުން ފުންމާލައިގެން އަކްރަމާ ދިމާއަށް ހިނގައިގަތީ ބާރުބާރަށެވެ. އޭރު އެމީހުންނަށް ބަލަމުން އަކްރަމް ހިނގައިގަތީ މަގު އޮތްގޮތަށް ދާށެވެ. ނަމަވެސް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޒައިބާ ހުއްޓުނީ އަކްރަމްގެ ކުރިމަތީގައެވެ.

" އަކްރަމް؟ "

އަކްރަމްގެ ކުރިމައްޗަށް އެރުމާއެކު އޭނާގެ އަތުގައި އޮތް ސިނގިރެޓް ޒައިބާއަށް ފެނުނެވެ. އޭނާއަކީ ދުވަހަކުވެސް އެފަދަ އެއްވެސް ޢަމަލެއް ކުރިން ކޮށްފައިވާ މީހެއް ނޫނެވެ. ސުވާލުގެ ނަޒަރަކުން ޒައިބާއަށް ގޮވާލެވުނީ އެހެންވެއެވެ. އެއާއެކު އަކްރަމް އެ ސިނގިރެޓް މުށުތެރެއަށްލައި ފޮރުވާލިއެވެ.

" އަހަރެން ކޮބައިތޯވެސް ބަލާނުލީ ކީއްވެ؟ "

ޒައިބާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ. ޒައިބާގެ ނަޒަރު އޭރުވެސް ހުއްޓިފައިވަނީ އަކްރަމްގެ މޫނަށެވެ. ނަމަވެސް އެއްފަހަރުވެސް އަކްރަމް ޒައިބާގެ މޫނަކަށް ނުބަލައެވެ. އޭނާ ހުރީ ދުރަށް ބަލަހައްޓައިގެންނެވެ. ގޭތަކުގެ ޖާލީތަކުންނާއި ދޮރު ދޮރުން ފުރޭނިގެން އައިސްފައި ހުރި އަލިކަމެއް ފިޔަވާ އެމަގުގައި އިތުރު އަލިކަމެއް ނުވެއެވެ. ކަޅުފޮއި އަނދިރި ރެއެއްކަމުން، މަގުމަތީގައިވަނީ ހަމަހިމޭންކަމެވެ.

މަންޒަރު ބަލަން ސައިކަލްމަތީގައި އިން ލޫޠުއަށް އިތުރަށް މަޑުކުރާކަށް ނުކެރުނެވެ. ޒައިބާއަށް އެއްވެސް އިޝާރާތެއްވެސް ނުކޮށް އޭނާ ސައިކަލް އަނބުރާލިއެވެ. އެއަޑަށް ޒައިބާއަށް އެދިމާލަށް ބަލާލެވުނެވެ. އެހިނދު އަކްރަމަށް ޒައިބާގެ ރީތި މޫނަށް ބޭއިޙްތިޔާރުގައި ބަލާލެވުނެވެ. ދާދިގާތުން އަކްރަމަށް ޒައިބާގެ މޫނު ފެނުމުން، އެހެން ދިމާއަކަށް ބަލާލާހިތެއް ނުވިއެވެ. ޒައިބާ ދެވަނަ ފަހަރަށް އަކްރަމަށް ބަލައިލި ވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެހިނދު ޒައިބާއަށް އެއްފިޔަވަޅު އަކްރަމާ ގާތަށް ޖެހިލެވުނެވެ. އެއާއެކު އަކްރަމްގެ ގައިން އަބަދުވެސް ދުވާ ސެންޓްގެ ވަސް އޭނާއަށް ދުވިއެވެ. އެއީ ޒައިބާ ދުވަހަކުވެސް ފޫހިވާނެ ވަހެއް ނޫނެވެ. އިތުރަށް ގާތަށް ޖެހިލަން އުޅެނިކޮށް އަކްރަމް ދުރަށް ޖެހިލިއެވެ. ޒައިބާއަށް ރޭކާލީ ދެނެވެ. އަވަސް އަވަހަށް މަގުގެ ދެކޮޅު ބަލާލުމަށްފަހު އޭނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

" އަކޫ! ކީއްވެ އަހަރެން… ހޯދަން ނޫޅެނީ؟ "

އަކްރަމްގެ މަޑުމައިތިރިކަމުން އޭނާގެ ޙާލަތު ޒައިބާ ދެނެގަނެފިއެވެ.

" އަހަންނަށް އެނގޭ ޒައިބާ އުޅެނީ ވަރަށް އުފަލުގައިކަން! ވަރަށް ހަމަޖެހިގެންކަން! އަދި ޒައިބާ އުޅެނީ ވަރަށް މިނިވަންކޮށްކަންވެސް އަހަންނަށް އެނގޭ! "

އަކްރަމްގެ އަޑާއި ރާގު ބަދަލްވެއްޖެއެވެ. އެ ރާގުގައިވަނީ ބީރައްޓެހިކަމެވެ. ޒައިބާއާމެދު އޭނާ ބަހައްޓަމުންއައި އޯގާތެރިކަމާ، ކުލުނާ، ލޯބިވެތިކަމެއް މިއަދު އެއަޑަކު ނެތެވެ. އެމޭރުމުން އަކްރަމް ވާހަކަ ދައްކަން ފެށުމުން އިންތިހާއަށް ޒައިބާ ދެރަވިއެވެ.

" އެނގިއްޖެ! މިހާރު އަހަންނަށް އެނގިއްޖެ އަކްރަމްވެސް އެމީހުންގެ ވާހަކަތައް ޤަބޫލުކުރީކަން! މިދުނިޔޭގެ އެންމެން އެކަން ޤަބޫލު ކުރިޔަސް އަހަރެން ހީކުރީ އަހަރެންގެ އަކޫ އަހަންނަށް އިތުބާރު ކުރާނެކަމަށް! އަހަރެންގެ ވާހަކަ ޤަބޫލުކުރާނެކަމަށް! އަދި އަހަރެން ދިފާޢުކުރާނެކަމަށް! އެކަމަކު… އެކަމަކު އެންމެ ކުޑަމިނުން އަހަރެންގާތު އެއްވެސް އެއްޗެއް އަހާވެސް ނުލާ އަމިއްލައަށް އަހަންނަކީ ކުށްވެރިއެއްކަމުގައި އަކޫ ތި ނިންމީ!"

އެހިސާބަށް ވާހަކަ ދިޔުމާއެކު ޒައިބާގެ ދުލުގައި ތަޅު އެޅުނެވެ. އޭނާއަށް ރޮވުނީއެވެ. ހިތަށް ކެތް ނުކުރެވުނީއެވެ. ޒަޚަމްވެފައިވާ އޭނާގެ ހިތަށް އިތުރަށް ތަދުވީއެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ޒައިބާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

" އަހަރެންގެ އާއިލާއާ މައިންބަފައިން ދޫކޮށް އަކްރަމްގެ ފަހަތުން އައީ، އަކްރަމަށް ވަރަށް އިތުބާރުކޮށްފަ! ދިރިއުޅުމުގެ މި ދަތުރު އަކްރަމާއެކު ހޭދަކުރެވޭނެކަމުގެ ޔަޤީންކަމާއެކު! އެކަމަކު… އެކަމަކު.. މީހަކު ދެއްކި ދޮގު ވާހަކަތަކެއް އަޑު އަހައިގެން އަހަރެން ތި ދުރުކޮށްލީ! އެންމެ ކުޑަމިނުން ދޮގު ތެދު އަހާލަންވެސް އަހަންނާ ހަމައަކަށް ނައި! " ޒައިބާގެ އަޑު ބެދި ކުރަކިވެގެން ދިޔައެވެ.

" އަހަންނަކީ އެއްވެސް އިރެއްގަ މީހުން ދައްކާހާ ވާހަކައެއް ޤަބޫލު ކުރާނެ މީހެއް ނޫން! އަހަރެން ޤަބޫލު ކުރީ ޚުދު އަހަރެންގެ ލޮލަށް ފެނިގެން.."

ހަރުކަށި ގޮތަކަށް އަކްރަމް އެހެން ބުނުމުން ޒައިބާއަށް މަޑަކުން ނުހުރެވުނެވެ. އޭނާ ވިސްނާވިސްނާވެސް އަކްރަމަށް މަންޒަރެއް ފެންނަންވީ ސަބަބެއް ނުވިސްނުނެވެ.

" އަކޫ ޕްލީޒް! ދުވަހަކުވެސް ނޯންނާނެ އަކޫ ރުޅި އަންނަވަރުގެ އެއްވެސް ކަމެއް ކޮށްފައެއް! "

ޔަޤީންކަމާއެކު ޒައިބާ އެހެން ބުނުމުން އަނެއްކާވެސް އަކްރަމް ބަލާލީ ޒައިބާގެ މޫނަށެވެ. އޭރު ޒައިބާހުރީ އަކްރަމް ބުނާނެ އެއްޗަކަށް މަޑުކޮށްގެން ސީދާ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ.

ކުއްލިއަކަށް ވައިގަދަވެ ، ގޭގޭ ދޮށުގައި ހުރި ބައެއް ގަސްތައް ބާރަށް ހެލެން ފަށައިފިއެވެ. ހިރަފުސްވެފައިވާ މަގުމަތިން ވަޔާ ވެލިތައް ބުރުވަންފެށިއެވެ. އަދި ވިއްސާރަކަނީގެ އަސަރުވެސް ކުރަމުންދެއެވެ.

" ތިހެން ބުންޏަސް… އަހަރެން ޒައިބާދެކެ ރުޅިއައީ އަހަރެން ހިތްހަމަނުޖެހޭ ކަންތައްތަކެއް ކުރީމަ! ދެން އިތުރަށް މިވާހަކަތައް ދައްކައިގެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެހެން ހީވަނީ! އަހަރެން މިދައްކަނީ އެހެން މީހަކަށް ފެނުނު، އިވުނު ވާހަކައެއްނޫން! ފެނުނީވެސް އިވުނީވެސް އަހަންނަށް! "

ދަތްކުނޑި ވިކާލާފައި އަކްރަމް ބުނެލިއެވެ. އަދި ފަހަތަށް އެނބުރިލާފައި ދާދި ގާތުގައި ހުރި، ސިމެންތި ނުޖަހާ ފާރުގައި ގޮށްމުށުން ޖެހިއެވެ.

" އަކޫ!…. " އެއާއެކު ޒައިބާއަށް ގޮސް އަކްރަމްގެ އަތުގައި ހިފެހެއްޓުނެވެ.

" ދުރަށްދޭ! " އެހިނދު ފަރުވާކުޑަ ގޮތަކަށް އަކްރަމް، ޒައިބާގެ މޭގައި އަޅާ މަޑުމަޑުން ދުރަށް ކޮށްޕާލިއެވެ. އަކްރަމްގެ އެ ޢަމަލުން ޒައިބާގެ ހިތް ފަޅައިގެން ދިޔަކަހަލައެވެ. އޭނާގެ ކުށަކީ ކޮބައިތޯ އެތައް ފަހަރަކު ހިތާއި ސުވާލުވެސް ކުރެވުނެވެ. ނަމަވެސް އޭނާގެ ހިތްވެސް ވަނީ ހިމޭންވެފައެވެ. ބައެއްފަހަރު ވިންދު ލަސްވާހެންވެސް އޭނާއަށް ހީވެއެވެ.

" އަކޫ؟؟ އަހަރެންދެކެ ހަމަ ތިހާ ރުޅި އާދޭތަ؟ "

ޤަބޫލުކުރަން ދަތިވެފައި ހުރެ ޒައިބާ އަހާލިއެވެ. ވީތަދުން އަތުގައި ހިފަހައްޓާލައިގެން ހުރެ އަކްރަމް ޒައިބާއަށް ފުރަގަސްދިނެވެ.

" އަނބިމީހާ، ހިލޭ ފިރެހެނަކާހެދި ހޭބަލި ވެގެން އުޅެންޏާ ރުޅި ނާންނާނީ ކާކު؟ "

" އަކޫ!!! "

އަކްރަމްގެ ޖުމްލައިން ޒައިބާގާތަށް ނުހަނު ރުޅިއައެވެ. ނުކުރާ ކުށެއްގެ އިލްޒާމް އެޅުވުމުން ޒައިބާއަކަށް މަޑަކުން ނުހުރެވުނެވެ.

" އަދިވެސް އެއްފަހަރު އަހަރެން ބުނެލާނަން އެއީ އަހަރެން ކުރި ކަމެއް ނޫނޭ! އަހަންނަކަށް ނޭނގެ އަކޫއަށް ފެނިގެން ތިއުޅެނީ ކޯއްޗެއް ކަމެއްވެސް! އަހަރެން މިއަދު ވަރަށް ދެރަވެއްޖެ! "

ޒައިބާ އެހެން ބުނުމުން ލާނެތް ގޮތަކަށް މަލާމާތުގެ ރާގަކަށް އަކްރަމް ހީލިއަޑު ޒައިބާއަށް އިވުނެވެ.

" ޒަައިބާ ކޮންކަމަކާ ދެރަވާންވީ؟ ކޮންމެ ކޮޅަކަށް ދޮށި އުކިއަސް އެން އޮވެއެއްނު! "

އަކްރަމް އެހެން ބުނުމުން ޒައިބާ ދިޔައީ ސިހިގެންނެވެ. އޭނާގެ ބޮލުގައި އެވަރުގެ ބޮޑެތި އިލްޒާމްތައް އަޅުވަމުންދާތީ އޭނާ ހުރީ ވަރަށް ބޮޑަށް ހައިރާންވެސް ވެފައެވެ.

" އަކޫ ޕްލީޒް! ތިހެން ވާހަކަ ނުދައްކަބަލަ! އަހަރެން ދޮގެއް ނަހަދަމޭ! "

" އާނ ތެދެއް! ކުރިން އަހަރެން ދަންނަ ޒައިބާއަކީ ދޮގު ހަދާ ކުއްޖެއް ނޫން! އެކަމަކު… މިހާރު ތީ! "

އަކްރަމް ޖުމްލަ މަޑުޖައްސާލީ ވިދާލި ވިދުވަރުންނެވެ. އޭރު ޖަހަމުންދިޔަ ކަނި ވިއްސާރަ ތިކިތައް ބޯކުރަމުންދެއެވެ.

" ބުނޭ! އަހަރެންމީ ؟ ކީއްވެ ހުއްޓާލީ! ބުނެބަަލަ!" ޒައިބާއަށް ހިފުނީ އަކްރަމްގެ ޓީޝާޓްގައެވެ.

" ބޭވަފާތެރިއެއް!!"

ޒައިބާގެ މޫނާ މޫނު ގާތްކޮށްލަމުން އަކްރަމް ބުނެލިއެވެ. އެއާއެކު ހާކެރިގޮތަށް ވެހެމުންދިޔަ ތުނި ވާރޭ، ދުން ޖަހާފައި ބޯކޮށްލައިފިއެވެ. އެއާއެކު އަކްރަމް އިތުރަށް މަޑުކޮށްލުމެއްނެތި ދުރަށް ހިނގައިގަތެވެ. އެއްވެސް ކުށެއްނެތި ބޭވަފާތެރިކަމުގެ ތާޖު ޒައިބާގެ ބޮލުގައި އަޅުވާފައި އަކްރަމް ދާ މަންޒަރު ބަލަން އޭނާއަށް ހުރެވުނީ ބޯ ވިއްސާރަގަނޑުގެ ތެރޭގައެވެ. އެފަދަ ލަޤަބެއް ލިބޭކަށް ޒައިބާގެ ހިތެއް ނޭދުނެވެ. ގަޔަށް ބާރުލައިފައި ޒައިބާ ދުއްވައިގަތެވެ. ފެންގަނޑުތަކުގެ ތެރޭގައި ގުންފައި ޖަހާފައި އޭނާ ދުވަމުން ދިޔައީ ދުރަށް ހިނގަމުން ދިޔަ އަކްރަމް ހުއްޓުވުމަށެވެ. އެއީ ދައްކަން ބޭނުންވާ ބައިވަރު ވާހަކަ ހުރުމުންނެވެ. ހިތުގައި ހުރި، ހުރިހާ ސުވާލުތަކެއް އޮއްސާލުމަށެވެ. ބާރުމިނުގައި ގޮސް އޭނާ އަކްރަމްގެ ބުރަކަށީގައި ޖެހިގަތެވެ. އަދި އަކްރަމްގެ މޭގައި ދެއަތް އަޅުވާލައިގެން ހުރެ، ބުރަކަށީގައި މޫނު ޖައްސާލިއެވެ.

" އަހަރެން ވަފާތެރިވީން…! އަކޫ އަހަރެން ވަފާތެރިވީން!"

ރޮމުން ރޮމުން ޒައިބާއަށް ބުނެލެވުނެވެ. އަތުތެރެއިން އަކްރަމް ދޫވެގެން ދާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. އެހެންކަމުން އޭނާ ހުރީ ގައިގައި ހުރި ބާރެއްލައިފައި އަކްރަމްގެ ގައިގައި ބައްދައިގެންނެވެ. އެހެނަސް އަކްރަމް އެއްވެސް އެއްޗެއް ނުބުންޏެވެ. ވެހެމުންދާ ބޯ ވާރެއިން ދެމީހުން ތެމެމުން ދާކަންވެސް އެމީހުންނަށް އިޙްސާސް ނުވާކަހަލައެވެ.

" މިރަށުގަ އަކޫ ފިޔަވާ އަހަރެންގެ ހުރީ ކާކު؟ އަހަންނަށް ތިހެން ނަހަދާ! "

ޒައިބާ އެހެން ބުނުމާއެކު މަޑުމަޑުން އަކްރަމް ޒައިބާގެ އަތުގައި ހިފާލަމުން އޭނާގެ ގަޔާ ދުރުކޮށްލިއެވެ. އަކްރަމްގެ އެޢަމަލުން ޒައިބާއަށްވެސް ދުރަށް ޖެހެވުނެވެ. އަކްރަމް އެނބުރިލުމަށްފަހު ޒައިބާއަށް ބަލާލީ އެއް އަތުން މޭގައި ފިރުމާލަމުންނެވެ. އަކްރަމް އެހެން ހެދުމުން އޭނާ ވަރަށް ބޮޑަށް ދެރަވެއްޖެކަން ޒައިބާއަށް އެނގުނެވެ.

" ޒައިއަށް އަހަންނަށްވުރެ މުޙިއްމު މީހުންވެސް މިރަށުގައި އުޅޭ! އަހަންނަށްވުރެ ބޮޑަށް ޒައިއަށް އުފާ ދެވޭ މީހުންވެސް އުޅޭ! ދޭ! އެމީހުންގާތަށް ދޭ!"

ޒައިބާއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އޭނާ އަނެއްކާވެސް އަކްރަމްގެ އަތުގައި ހިފިއެވެ. އަދި ޒައިބާގެ ދެއަތުން ބާރަށް ހިފަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ.

" ތި ދައްކަނީ ކޮންކަހަލަ ވާހަކަތަކެއް؟ މީ ހަމަ އަކޫގެ ޒައިއޭ! އަކޫގެ އަންހެނުންނަށްވެ ހުރެ އަހަރެން ދުވަހަކުވެސް ހިލޭ ފިރިހެނަކަށް ނުބަލަން! ދުވަހަކުވެސް އަކޫ ދެރަވާފަދަ އެއްވެސް ކަމެއް ނުކުރަން! ޓްރަސްޓް މީ ޕްލީޒް…. އަހަންނަށް ތިހެން ނަހަދާ! އަހަރެންގެ ހިތް ފަޅައިގެން ހިނގައިދާނެ އަކޫ! "

ޒައިބާގެ އާދޭސްތަކަށް ފުރަގަސްދެމުން މިފަހަރުވެސް އަކްރަމް ޒައިބާގެ އަތުގެތެރެއިން އަތް ދަމައިގަތެވެ. އެންމެ ފަހުން ޒައިބާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އޭނާގެ ވާހަކަތައް އަކްރަމް ޤަބޫލު ނުކުރާނެކަން ޔަޤީންވިއެވެ. އޭނާއަށް އިތުބާރު ނުކުރާކަން އެނގި ހާމަވީއެވެ. އެހެންކަމުން ޒައިބާއަށް މަޑުމަޑުން ފަހަތަށް ޖެހެވުނެވެ.

" އިތުބާރު ކުރަން ބޭނުން..! ދައްކާވާހަކަތައް ޤަބޫލުކުރަންވެސް ބޭނުން..! އަދި ތީ އަހަރެންގެ އަނބިމީހާގެ ގޮތުގައި އަހަންނާއެކު ގެންގުޅެންވެސް ބޭނުން! އެހެނަސް… ބޭވަފާތެރިވީ މީހަކަށް ދެވަނަ ފަހަރަށް އަހަރެންގެ ހިތުން ޖާގައެއް ނުދެވޭނެ! "

އަކްރަމް އެހެން ބުނެލީ ދުރަށް ބަލާލަމުންނެވެ.

" އަހަރެން ވަރަށް ދެރަވެއްޖެ އަކޫ! ވަރަށް ހިތުގައިވެސް ޖެހިއްޖެ! އަހަންނަށް އެނގިގެން އަހަރެންގެ އަކޫ އެހާ ފަސޭހައިން އަހަރެން ދުލެއް ނުކުރާނެ! މި ކަންތައްގަނޑު ރަނގަޅަށް އޮޅުން ފިލުވާނެ! އަހަރެންގާތު ކަންތައްވީގޮތް އަހާލާނެ! އަދިވެސް އަކޫ އަހަރެންގާތު އެރޭ ހިނގި ހާދިސާގެ ވާހަކަ އަހާވެސްނުލާ! އަހަންނަކީ އަކޫއަށް އެހާވެސް ދުރު މީހެއްތަ؟ "

ޒައިބާގެ ވާހަކަތައް އަކްރަމް އަޑުއަހަން ހުރީ އިސްޖަހާލައިގެންނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ޒައިބާއަށް ބަލާލިއެވެ.

" އަހަންނާ… އަހަންނާ.. އަހަންނާނުލާވެސް ޒައިއަށް އުޅެވޭނެ! އަހަރެމެންގެ މި ގުޅުން.. މިގުޅުން… މިގުޅުން…!"

ބުނަން އުޅޭ ޖުމްލަ ނުބުނެވި އުޅެނިކޮށް އަކްރަމްއަށް ރޮވިއްޖެއެވެ. އެއާއެކު އޭނާ ކުޑަކަކޫ މައްޗަށް ތިރިވެސް ވެއްޖެއެވެ. ޒައިބާއަށްވެސް އަކްރަމްގާތު އަވަސް އަވަހަށް އިށީނދެވުނެވެ.

" ނުބުނޭ އަކޫ… ނުބުނޭ! ތިހެން ނުބުނާތި! "

އަކްރަމްގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ޒައިބާ ބުންޏެވެ. އެއާއެކު ބޭއިޚްތިޔާރުގައި ޒައިބާގެ މޫނުގައި އަކްރަމް މޫނު ޖައްސާލިއެވެ. ކުއްލިއަކަށް ދެމީހުން ސިހުނީ ސައިކަލެއްގެ އަލިންނެވެ. ދެމީހުންގެ މޫނަށް އެޅިފައިހުރި އަލީގެ ސަބަބުން ސައިކަލްގައި އިނީ ކާކުކަމެއްވެސް އެމީހުންނަކަށް ނޭނގުނެވެ. އެހެންކަމުން އަވަސް އަވަހަށް އަކްރަމާ ޒައިބާ ތެދުވިއެވެ. އެއާއެކު ސައިކަލްގައި އިން ލޫޠު ފެނި އަކްރަމާއި ޒައިބާވެސް ހައިރާންވިއެވެ.

( ނުނިމޭ )

 

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *