(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
ސިޓިންރޫމު ކައިރީގައިވާ ގޯޅިގަނޑުގައި ހުރި ފަތްޖެހިއެނދުގައި މިރޭ އަރާމުކޮށް ނިދާލެވުނެވެ. މިއަދު ރަނާ ހުރިނަމަ އޭނާ ވަރަށް އުފާވީހެވެ. ރަނާއާއި ރީނާޒަކީ އޭނާގެ ނުހަނު ގާތް ދެ އެކުވެރިންނެވެ. އިނާޒަށް މިގޭގައި ކުރަންޖެހޭ މަސައްކަތް ގިނަ ނަމަވެސް އޭނާ ހިތްހަމަޖެހެއެވެ. ގުރުއާން ކިޔެވޭތީ އުފާވެއެވެ.
މިހާރަކަށްއައިސް އިނާޒަށް ކުރަންޖެހޭ މަސައްކަތްތައް ނުހަނު ގިނަވެފައި ބުރައެވެ. ސްކޫލުގެ މަސައްކަތު މީހަކީވެސް އޭނާއެވެ. ސްކޫލުގެ ފާޚާނާތައް ދޮވުމާއި ގޯތިތެރެ ސާފުކުރުމެވެ. ގޭތެރޭގެ މަސައްކަތް ބަލަހައްޓާ މީހަކީވެސް އެ ނިކަމެތި އިނާޒެވެ. ކުނި އުކާލުމާއި ގެދޮރު ސާފުކުރުމެވެ. މަރާމާތުކުރުމާއި ބަގީޗާބެލެހެއްޓުމެވެ. ނުވިތާކަށް ހަމްޒާއާ އެކު ކެއްކުމުގެ މަސައްކަތްވެސް ކުރެއެވެ.
ކުރީދުވަހު ދޮންކެޔޮ އިންދަން އެބޮޑުވަޅު ކޮނެ ނިންމީ އެ ފަކީރު އެކަންޏެވެ. އާނުގަނޑާއި ޖެހެންދެން ވަޅުކޮނުމަށް އޭނާގެ ހުރިހާ ހަކަތައެއް ހުސްވިއެވެ. މިއަދު އޭނާ އޮށޯވެ އޮތީ ގައިގާ ރިއްސާ ހުންއަންނާތީއެވެ.
"މިއަދު ނުފެންނާތީ މިއައީ." ރީނާޒް ބުންޏެވެ. ކޮންމެދުވަހަކުވެސް ސްކޫލުގެ މަސައްކަތް ނިންމާފައި އަންނަމުން އިނާޒު އެގެއަށް ދެއެވެ. ރީނާޒާއި ވާހަކަ ދައްކާލައެވެ. މިއަދު އިނާޒު ނުފެނުމުން ރީނާޒް ކަންބޮޑުވިއެވެ.
"އާނ. ހުންއައިސްގެން." އިނާޒު ބުނެލިއެވެ.
"ބޭސް ކައިފިންތަ؟"
"ނޫން." ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ރީނާޒަށް ނުފެންނަނީސް ފޮހެލަމުން އިނާޒު ބުންޏެވެ.
"އަހަރެން އެބައަންނަން ބޭސް ހިފައިގެން." ރީނާޒް ދާން ހިނގައިގަތެވެ. ކުދިން އެކުދިންގެ މައިންބަފައިން ފަރާތުން ލޯބިން ފިރުމާތަން އިނާޒަށް ފެނެއެވެ. މީރުކާއެއްޗިހި ދޭތަން ފެނެއެވެ. ބަލިވީމާ ހޭހަން ކުރާކަން އެނގެއެވެ. ނަމަވެސް ކިޔަމަންތެރިކަމާއެކީ ހުރިހާކަމެއް ކުރާތީ އެ ޔަތީމު ކުއްޖާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނަކަށް ވިސްނާ މީހަކު ނެތެވެ. މި ޅައުމުރުގައި އޭނާގެ ގައިގާ ރިއްސާކަން އެނގޭ މީހަކު މިފަސްގަނޑަކު ނެތެވެ. އެއަށްވުރެ ބޮޑަށް އެ މައުސޫމު ކުއްޖާގެ ހިތުގައި އަޅަމުންދާ ކެކުޅުން އިހުސާސްވާ ގާތް މީހެއްނެތެވެ. ހަމައެކަނި ރީނާޒް ފިޔަވައެވެ. ނަމަވެސް އާރެއް ބާރެއްނެތް ރީނާޒަށް ކޮށްދެވޭނެ ކަމެއްނެތެވެ. މަޖުބޫރުވެފައިވާ އެހެން ކުޑަކުދިން ފަދައިން އިނާޒަށްވެސް ނޭނގެނީއެވެ. މީހުންލައްވާ ހަށްޓަށް ކުޅަދާނަ ނުވާވަރަށް މަސައްކަތް ކުރުވުމަކީ ގާނޫނީ ކުށެކެވެ. ޚާއްޞަކޮށް ކުޑަކުދިންލައްވާ ކެތްނުކުރެވޭ މިންވަރަށް މަސައްކަތް ކުރުވުމަކީ އަދަބު ކަނޑައެޅިފައިވާ ލާއިންސާނީ ޢަމަލެކެވެ.
ގޭގެ މަސައްކަތް ނިންމާލާފައި ލިބޭ ވަގުތުތަކުގައި ގަސްދޮށުގައި ހުރި އަށީގައި އިނާޒު އިނދެއެވެ. ހިމޭންކަމާއެކީ އޭނާ ދިރިއުޅުމާމެދު ވިސްނައެވެ. ގިނަ ދުވަސްދުވަހު ރީނާޒުވެސް އައިސް އޭނާގާތު ވާހަކަދައްކަން އިނދެއެވެ. ރީނާޒަކީ އަބަދުވެސް އިނާޒަށް ވަރަށް ރަނގަޅު ކުއްޖެކެވެ. ރަނާ ނެތުމުން އެދެމީހުން ދެރަވިނަމަވެސް މިހާރު ވަނީ އާދަޔާ ޚިލާފަށް އެދެމީހުންގެ މެދުގައި ރަހުމަތްތެރިކަން އިތުރުވެފައެވެ. ރަނާ ދިޔަފަހުން ހަ އަހަރުވީނަމަވެސް އެމީހުންނަށް ހީވަނީ މިހާރު ގަރުނެއް ވީހެންނެވެ.
"އިނާޒު. މިއަދު ޑަސްބިން އުކާލާފައި ގޭދޮށްވެސް ކަހާލަދީ އިނގޭ. ރަނާ ދައްތަ އަންނަންވާއިރަށް ނިންމޭނެހެންނެއް ހިޔެއްނުވޭ. އަދި ގޭތެރެ ކަހާލާފައި މޮޕުލައްޗޭ." ވަހީދާ ބުންޏެވެ. މިއަދު ހޭލީއްސުރެ ވަހީދާގެ ހަރަކާތްތައް އަވަސްވެފައި ގިނައެވެ. މެލޭޝިޔާއަށް ދިޔަފަހުން ހައަހަރުވެ މަތީ ސާނަވީ ނިންމައިގެން މިއަދު ރަނާ ރަށަށް އަންނަނީއެވެ. ހަމްޒާވީ އޭނާ ބަލާ ހަނިމާދޫއަށް ގޮސްފައެވެ.
ރަނާ ގެއަށްވަނުމުން ވަހީދާއަށް އުފަލުން ރޮވުނެވެ. ރަށުން ދިޔައިރު ކުޑަކުޑަކޮށް ހިކިކޮށްހުރި ކުއްޖާ ވަނީ ފަލަވެ ބޮޑުވެފައެވެ. އާދައިގެ ވަރަށްވުރެ ދޮން މޫނާއި ރޫފަރަނގަޅު ހަށިގަނޑުގައި ޒުވާންކަމުގެ ހުރިހާ ސިފައެއް ފާޅުވެއެވެ.
"ދަރިފުޅާ. އަވަހަށް ހިނގާދޯ އެއްޗެއްކާން. ބައްޕައަށް ނަންގަތީމޭ ދޯނި ރަށުފަޅަށް ވަންނައިރަށް ގުޅާށޭ." ރަނާގެ ގައިގާ ވަހީދާ އޮޅުލައިގަތެވެ.
"ފޯނުގައި ޗާޖެއް ނެތޭ. އިނާޒު، ދޭބަލަ ގާޑިޔާ ހިފައިގެން އަތިރިއަށް ފޮށިތައް ބަލާ." ހަމްޒާ ބުންޏެވެ.
ވަހީދާއަށް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭނގެއެވެ. މިހުރިހާދުވަހު ހިމޭން ދިރިއުޅުމެއް އުޅުނު ވަހީދާގެ ހަރަކާތްތައް މިއަދު ނުހަނު އަވަހެވެ. އަބަދުވެސް ރަނާއަށް ކޮންމެވެސް އެއްޗެއް ކައްކާފައި ކާންދެވޭތޯ އުޅެއެވެ. ރަނާ ދިޔަފަހުން ދިމާވި ވާހަކަތައް ވަހީދާ ކިޔައިދެމުން ދެއެވެ. ހަމްޒާއަށްވެސް ވަހީދާގެ އުޅުން ހުރިގޮތުން އޭނާގެ ލޯބިވާ އަންހެނުން ރަނގަޅުވީތީ ﷲއަށް ޝުކުރު ވެރިވިއެވެ.
"ވަހީދާ. ދެން އެމަންޖެ ނިދާލެވޭތޯ ބާއްވަބަލަ. ދެން އެމަންޖެ އެހާއަވަހަކަށް ނުދާނޭ." ރަނާގެ ނިދާ ކޮޓަރިއަށް ވަންނަމުން ހަމްޒާ ބުނެލިއެވެ.
"ރަނާގެ ބައްޕައަށް އެނގިއެއްނުލައްވާނެ އަޅުގަނޑު އެމަންޖެދެކެ ލޯބިވާވަރެއް." ވަހީދާ މަޑުމަޑުން ބޭރަށް ނިކުތެވެ.
"ނޫނޭ. އަހަރެން ލޯބިވާވަރަކަށް ވަހީދާއަކަށްވެސް ލޯތްބެއް ނުވެވޭނެ." ހަމްޒާ ވަހީދާގެ އަތުގައި ހިފާލިއެވެ.
"ރަނާ. މީތިހިފައިގެން އަންނަންވެގެން ތަންކޮޅެއް ލަސްވީ." އަތުގައި އޮތް ޕާރުސަލް ދިއްކޮށްލަމުން ރީނާޒް ބުންޏެވެ. އޭނާ ހުރީ ވަރަށް އުފަލުންނެވެ. އަދި ރަނާގައިގާ ބައްދާލިއެވެ.
"މިހާރު ހާދަ ރީއްޗޭ. މިރަށު ހިތްވަރުގޭ ރަނާހެންވެސް ހީނުވޭ. ފަލަވެފަ އެހާމެ ދޮންވެފަ" ރީނާޒް އަނގަތެޅުން ހުއްޓައެއްނުލައެވެ. އިނާޒަށް އެއްޗެއް ބުނަން ނުކެރިފައި ބަލަހައްޓައިގެން ހުރީއެވެ.
"އިނާޒު. މިހާރު ދައްތައާއި ރުޅިވީތަ؟ އެންމެ ފަހުން ރަނާ އެހިއެވެ.
"ނޫން. އެހެނެއް ނޫން. އަދި އަޅުގަނޑު އަގައިންބުނަން ވަގުތު ނުލިބެނީ." އޭނާ ވާހަކަ ދެއްކީ ރީތިކޮންނެވެ. މިކަމާއި އެއްޗެއް ނުބުނެވެނީސް މަންމަ އޭނާ ގެންގޮސްފިއެވެ. އެންމެން އެކުގައި ސައިބޯހަދާ ސަމާސާކުރިއެވެ. ނަމަވެސް ރަނާ އަބަދުވެސް ހުންނަނީ ވަރަށް މަޑުންނެވެ.
"އެމަންޖެ އަހަރެމެން ގާތު އެހާއުފަލެއް ނުވޭކަންނޭނގެ ދޯ. ފާޑަކަށް ނެގިމަޑުވެފައި ހުންނަހެން މަޑުން ހުންނަނީ ކީއްވެބާ؟ މަށަށް ހީވަނީ އެމަންޖެއަކަށް މިރަށް އެހާ ރަނގަޅެއް ނޫންހެން." މިވީ ހަފްތާއެއްހާ ދުވަހު ރަނާގެ އުޅުން ހަމްޒާއަށް ތަފާތު އެތައްކަމެއް ފާހަގަ ކުރެވުނެވެ.
"އެކަހަލަ ކަމެއް ނުވާނެ. އެމަންޖެ އަދި މި ދިރިއުޅުމަށް އަލީ. އެހާކުޑައިރު ގައުމު ދޫކޮށް ދިޔައީމާ ވީގޮތެއްކަމަށް ވެދާނެ." ވަހީދާ އަކަށް ރަނާގެ އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެއެވެ. އޭނާ ވަނީ ދަރިފުޅު ދޮންފުތުވެފައެވެ.
ރަނާއަކަށް ނިދޭގޮތެއް ނުވިއެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. މައިންބަފައިން އޭނާއަށް ކުރަމުން ދިޔަ އިތުބާރު ނަގާލެވިފައިވާކަން އެމީހުންނަށް އެނގިއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ބައްޕަގެ އިތުރަށް ކާފަވެސް އޭނާއާމެދު ކުރި ފޮނި އުންމީދު އޭނާއަށް ފުރިހަމަކޮށެއް ނުދެވުނެވެ. މިއަދު އޭނާގެ ހާލަތު އެނގިއްޖެ ނަމަ ބައްޕަ ލަދުން މޮޔަވެދާނެއެވެ. މަންމައަށް އޭނާގެ ކަރުނަތައް ފެނިއްޖެނަމަ ހިތާމައިން މަރުވެދާނެއެވެ.
ރަނާ ބޮޑު އެނދުން ތެދުވިއެވެ. ކޮޓަރީގެ ބޭރުފަރާތަށް ހުރި ދޮރުފޮތިތައް ކަހާލިއެވެ. ހަނދުވަރުގެ އަލިން މުޅިތަންވަނީ އަލިވެފައެވެ. އޭނާގެ ކުޑައިރުގެ ހަނދާންތަކުން އިތުރަށް ހިތްދަތި ވިއެވެ. މައިންބަފައިން އޭނާ ގެންގުޅުނީ ކިހާލޯބިން ހެއްޔެވެ؟ އޭނާއަށް ދިނީ ކޮންފަދަ ދީނީ އިރުޝާދުތަކެއް ހެއްޔެވެ؟ ރަނާ އަނެއްކާވެސް ލޯފޮހެލިއެވެ. އަދި އެނދުގައި އޮށޯވެލިއެވެ.
ފަތިސްނަމާދަށް ގޮވަންއައި ވަހީދާއަށް ރަނާ ކޮޓަރީގައި ނެތުމުން ހާސްވިއެވެ. އޭނާ ފާޚާނާއާއި ދިމާއަށް ދިޔައެވެ. ރަނާ އޯކަށް ދެމޭ އަޑު އިވުމުން ވަހީދާ ކަންބޮޑުވިއެވެ.
"ދަރިފުޅު ބަލީތަ؟" ވަހީދާ ހާސްވިއެވެ. އޭނާ ދެލޯ ބޮޑުކޮށްގެން ބަލަންހުއްޓެވެ. ރަނާއަށް މަންމަ ފެނުމުން ހުރިހާކަމެއް މަންމައަށް އެނގިއްޖެހެން ހީވިއެވެ.
"މަންމާ އަޅުގަނޑަށް މާފުކުރައްވާ. ބައްޕައަށް މިކަންތައް ނާންގަވާތި. އަޅުގަނޑު ލަދުން ހަލާކުވެދާނެ. ބައްޕައަށް މިއީ ކެތްކުރެވޭ ކަމަކަށް ނުވާނެ." ރަނާ ރޯން ފެށިއެވެ.
"ކީކޭ. ދަރިފުޅު ކީކޭތަ ތިކިޔަނީ. ބައްޕައަކީ އެހާ ފިނޑި މީހެއްނޫން. އަވަހަށް ބޭސްކާން ހިނގާ." ވަހީދާއަށް ރަނާ ދެއްކި ވާހަކައެއް މާބޮޑަކަށް އޮޅުމެއް ނުފިލިއެވެ. ނޫންނަމަ އޭނާ ގަބޫލުނުކުރީއެވެ.
"މަންމާ." ރަނާއަށް ވަހީދާ ގައިގާ އޮޅުލައި ގަނެވުނެވެ.
"ދަރިފުޅާ. އެކަމަކު ކީއްވެ އެހެންވީ. ތީ ދޮގެކޭ ބުނޭ." ވަހީދާއަށް ނޭނގޭ ކަމަށް ހަދައިގެނެއް ނުހުރެވުނެވެ. ރަނާ އޭނާގެ ގައިގާ އޮޅުލައިގަތުމުން އޭނާ އިޚްތިޔާރުން ބޭރު ވެއްޖެއެވެ. އަޑުން އަޑުނަގާ ރޮއިގަތެވެ.
އެދެމީހުންނަށް ހަމައަކަށް އެޅުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. ބޭރުގައި މަންޒަރު ބަލަން ހުރި ހަމްޒާ ކަނޑާވައްޓާލި ރުއްގުޅިއެއްހެން ވެއްޓުނީއެވެ. އަނގައިންވަނީ ފޮނުތަކެއް ފައިބައިފައެވެ. ގަޔަށް ބާރުގަނޑެއް އަރާފައެވެ. އެދެމައިން ހަމްޒާއަށް ގޮވަމުން ދިޔައެވެ. އޭނާ އޮތީ ހޭނެތިފައެވެ. އެމްބިއުލެންސްގައި ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ކުއްލިހާލަތުގެ ފަރުވާ ދިނުމުން އޭނާ ހޭއެރިއެވެ. ނަމަވެސް ސިކުނޑިއަށް އައިބަދަލަކުން ހަމްޒާއަކަށް ވާހަކައެއް ނުދެއްކުނެވެ. މައިބަދައިގައި ހިފެހެއްޓުމުގެ ބާރު ހިނގައްޖެއެވެ. ވާބަލި ޖެހުނީއެއްނޫނެވެ. ނަމަވެސް ހަށިގަނޑަކު ވާތްގެއް ނެތެވެ. ޑޮކްޓަރުންނަށްވެސް ބައްޔެއް ނޭނގުނެވެ.
މިފަހަރު މިދިމާވި ހާދިސާތަކަށް ވަހީދާ ނުހަނު ފުރިހަމަށް ތައްޔާރު ވިއެވެ. ފިރިމީހާ އަށްޓަކައި އޭނާ ރަނގަޅު ވިސްނުމެއްގައި ހުރުމަށް މަޖުބޫރު ވިއެވެ. އޭނާ ރަނާއާއި ވާހަކަ ދެއްކުން ހުއްޓާލިއެވެ. ރަނާއަށް ކުރި އިތުބާރުގެ ސަބަބުން މިއަދު އޭނާގެ އާއިލާއަށް ލިބިފައިވާ ގެއްލުން ފޫނުބެއްދޭހާ ބޮޑެވެ. އެމީހުން ދިރިއުޅުނީ ގަދަރުވެރިންގެ ގޮތުގައެވެ. އޭނާގެ ފިރިމީހާގެ އަޒުމަކީ އަބުރުވެރިއެއްގެ ގޮތުގައި ނޫނީ މަރުވެގެން ނުދިއުމެވެ. މިއަދު ރަނާގެ ސަބަބުން މުޅި އާއިލާއަށް އެލިބުނީ ކޮންފަދަ ބޮޑު މަލާމާތެއް ހެއްޔެވެ؟
ވަހީދާގެ ރައްޓެއްސެއްގެ ދަރިޔަކާ ރަނާ ކައިވެނި ކުރުމުގެ ވާހަކަ ދެކެވުނެވެ. ރަށަށް ބޭޒާރު ވުމުގެ ކުރީން ދެން އޮތް ގޮތަކީ މިއީކަން އޭނާއަށް ޔަގީންވިއެވެ. މިކަމާއި އަސަދުވެސް ވަރަށް ގަބޫލެވެ. ރަށުގެ އިއްޒައްތެރި އާއިލާއަކުން އައިސްފައިވާ އިލްމުވެރި ރީތި އަންހެން ކުއްޖެއް ލިބޭތީ އަސަދުވެސް ވަރަށް އުފާވިއެވެ.
"ރަނާގެ ކަންތައް މީހުންނަށް އެނގުމުގެ ކުރީން ސަލާމަތްވީ. ނަސީބެއް އަސަދު މިކަމާ ގަބޫލު ވިކަން." ވަހީދާ ވާހަކަ ދައްކަމުން ދިޔައީ ހަމްޒާއާއެވެ.
"ބައްލަވާ. މިކަމުގައި ހަމްޒާވެސް ނުގަބޫލު ވެލައްވާނެހެނެއް ހިޔެއްނުވޭ." ހަމްޒާގެ ފަރާތަކުން ޖަވާބެއް ނުލިބެއެވެ. ފަންގިފިލާއާއި ދިމާއަށް ކަޅިއަޅަމުން ދެއަތް އެކިގޮތްގޮތަށް ހަރަކާތް ކުރަމުން ދެއެވެ.
"އެހެން ވެއްޖެނަމަ އަޅުގަނޑަށް މާފުކުރައްވާ. މިއަދު މި މަޖުބޫރަށް ކެތްތެރިވުން ނޫންގޮތެއް ނެތް." ވަހީދާ ވާހަކަ ދައްކަނީ ހަމްޒާއާއެވެ. ނަމަވެސް އެވާހަކައެއް ދައްކަނީ އޭނާއަކާހެނެއް ހީއެއްނުވެއެވެ. ކުޑަކުއްޖެއް ފަދައިން އަނގައިން ހިފެހެއްޓުމެއް ނެތްވަރަށް ސޮނި އައުން ނޫންކަމެއް ނެތެވެ. ދެފަހަރަކު ފާޑެއްގެ އަޑެއް އަނގައިން ލައްވާލައެވެ. ވަހީދާއަށް ކެތް ނުކުރެވިގެން ރޮވެން ފެށުނެވެ. މީ އޭނާގެ ޒަމާންވީ ހަޔާތުގެ ބައިވެރިޔާއެވެ؟ އެ އަނގައިން ލޯބިވާކަމުގެ އެތައް ލަފުޒުތަކެއް ބުނި އަނގައިން މިއަދު ވާހަކައެއް ނުދެއްކެއެވެ. ލޯބީގެ ތޫނު ނަޒަރުން ލަދުގަންނަވާލި ލޮލުގައި ބެލުމުގެ އަމިއްލަ ބާރެއްނެތެވެ. އޯގާތެރިކަމާއެކު ފިރުމާހެދި އަތުގައި ވާތްގެއް ނެތެވެ. ވަހީދާގެ ހިތްފަޅައިގެން ދާވަރުވިއެވެ. އެންމެ ފަހުން އޭނާ ބޭރަށް ދާން ދުއްވައިގަތެވެ.
(ނުނިމޭ)
