(22 ފެބްރުއަރީ 2023 ގެ ނޫހާއި ގުޅޭ)
ޔައީން ނިކުމެގެން ދިޔައީއެވެ. ލީޝަން ރޮއްވާފައެވެ. އޭނާ އެކަނިވެރި ކުރުވާފައެވެ. އޭނާގެ ލޯބީގައި ދިވާނާ ވާން ދޫކޮށްލާފައެވެ. އެ ބޮޑުގެއާއި ވިޔަފާރީގެ ހުރިހާކަމެއް އޭނާއަށް ހަވާލުކޮށްފައެވެ.
ޔައީން ދިޔުމުން ލީޝަން ހީވަނީ މޮޔަވެދާނެހެންނެވެ. އޭނާ ޔައީނަށްޓަކައި ވީހުރިހާ ގުރުބާނީއެއް އެއްވެސް އެއްޗަކަށް ނުހަދާ އޭނާ ދޫކޮށްލާފައި ދިއުމުން ހިތާމަކުރަނީއެވެ. ބައެއްފަހަރު އޭނާ ހިތަށްއަރައެވެ. އިންތިހާއަށް ލޯބިވި ޔައީނަށްޓަކައި އޭނާ ހިތާމަ ކުރަންވީ ކޮންކަމަކާ ހެއްޔެވެ؟ ދެން އެނބުރިއެއް ނާންނާނެއެވެ. ގޭގެ މަސައްކަތް އޭނާ ކުރަންވީ ކީއްކުރަންހެއްޔެވެ؟ ބޭނުންތާކުން ބޭނުންއެއްޗެއް ކާނެ ފައިސާ އޭނާ އަތުގައި އެބަހުއްޓެވެ. މި ފޫހި ހެދުންތައް ލާންވީ ކާކަށްޓަކައި ހެއްޔެވެ؟ ފެންވަރާ ސާފުވާންވީ ކީއްކުރަން ހެއްޔެވެ؟ މިފަދަ ޚިޔާލުތަކުން އޭނާ ފޫހިކޮށްފިއެވެ. ނުހަނު އުނދަގުލުން ދަސްވި ތަރުތީބު އުޅުން އޭނާ ފަނުފުލަށް ދުއްވާލިއެވެ. ގޭގެ އެއްވެސް ކަމަކަށް އޭނާ ފަރުވާތެރިކަމެއް ނުހުންނައިރު އަމިއްލަ ނަފްސުމަތީންވެސް އޭނާ ފޫހިވެއްޖެއެވެ. ކުރިން އަބަދުވެސް ރީތިވާން ޚާއްޞަ ސަމާލުކަމެއްދިން ލީޝަން މިހާރު ފެންނަނީ ހައިރާން ވާހާ މުޑުދާރުކޮށެވެ.
ބައެއްފަހަރު އޭނާ މިއާއި މުޅިން ދެކޮޅަށްވެސް ޚިޔާލުކުރެވެއެވެ. ޔައީން އޭނާދެކެ ލޯތްބެއް ނުވާނެއެވެ. އޭނާ ޔައީނަށް ނުކުރާ މަލާމާތެއް ނުޖައްސާ އުނދަގުލެއްނެތެވެ. މިނިވަން ނުވެވިގެން އަބަދު ޝަކުވާ ކުރީ އޭނާއެވެ. ޔައީން ފެންނައިރަށް ފޫހިވެގެން ހަޅޭއްލެވީ އޭނާއެވެ. ބައްޕަގެ ވިޔަފާރިއަށް ގަދަވެގެން އުޅެނީ ޔައީނޭކިޔައި ހަޅޭއްލެވީ އޭނާއެވެ. ވިޔަފާރިއާއި އެގޭން ދުރުގައި ހުރުމަށް ހަޅޭއްލެވީ އޭނާއެވެ. މިއަދު އޭނާއަށް ހުރިހާ އެއްޗެއް ލިބުނީއެވެ. އެތައް ލައްކައެއްގެ ވިޔަފާރިއާއި ބޮޑު ރަނެއްކަހަލަ ގޯއްޗެކެވެ. މިނިވަންކަމާއެކު އޭނާ ބޭނުން ގޮތަކަށް އުޅުމުގެ ފުރުޞަތެވެ. ވީއިރު މިހުރިހާކަމެއް ލިބުމުން އޭނާ ހިތްހަމަ ނުޖެހޭންވީ ކީއްވެހެއްޔެވެ؟ ކޮންމެ ހިނދުކޮޅަކުވެސް ޔައީނާއި ޒީޝަންގެ ހަދާންތަކުން އޭނާ ހިތް ރޮއްވަނީ ކީއްވެ ހެއްޔެވެ؟
ލީޝަން ކުއްލިއަކަށް ތެދުވިއެވެ. ޔައީން ކަންތައްކުރިގޮތުން ރުޅިގަދަވެއްޖެއެވެ. ޔައީންދެކެ ފޫހިވެއްޖެއެވެ. ޔައީނަށްޓަކައި އޭނާވީ ބަދަލު ޔައީނަށް އިހުސާސް ނުކުރެވުނީތީއެވެ. ޔައީނަށްޓަކައި ވީލޯބި އޭނާއަށް ނޭނގުނީތީއެވެ. ނޫނެކެވެ. ޔައީނަށް ހުރިހާކަމެއްވެސް އެނގެއެވެ. އޭނާ ގަސްތުގައި ލީޝަން ދެރަކޮށްލީއެވެ. އެކަނި އުޅެން ދޫކޮށްލީއެވެ. މިހާރުދެން ޔައީނަށްޓަކައި އޭނާ ދަސްކުރި އެއްވެސް ކަމެއް ކުރާކަށްބޭނުމެއް ނޫނެވެ. ކުރިންވެސް އުޅުނު ދިރިއުޅުން އޭނާއަށް މާރަނގަޅެވެ. އެއީ އެއްވެސް ކަމަކާ ވިސްނަންނުޖެހޭ މިނިވަން ދިރިއުޅުމެކެވެ. އޭނާ ރައްޓެހިންނަށްގުޅާ ގެއަށްގެނައެވެ. ލީޝަންގެ މުއްސަނދިކަމާއި މިނިވަންކަމަށް ދެޖިންސުގެ ހުރިހާ ރައްޓެހިންވެސް ތަޢުރީފުކުރިއެވެ. އެބޮޑުގޭގައި އޭނާ ފޯރިގަދަ މިއުޒިކާއެކު ޑީޖޭ ބޭއްވިއެވެ. ތަފާތުވައްތަރުގެ ބުއިންތަކާއި ގައިގޯޅި ނެށުންތަކުން ހޯލު ގުގުމާލިއެވެ.
ނަމަވެސް މިކަމަކުން އޭނާގެ ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. ކުއްލިއަކަށް އޭނާ ބިރުގަނެއްޖެއެވެ. މާތްﷲގެ ދެނެވޮޑިގަންނަވާނެކަން ހިތަށްވަދެ ޖެހިލުންވެއްޖެއެވެ. އޭނާވަނީ ތައުބާވެ އިސްލާހުވެފައިކަން ހިތަށްވަދެ ދެން އެފަދަ ގޮތަކަށް ނޫޅެން ވައުދުވެފައިވާކަން ހަނދާން ވެއްޖެއެވެ. އޭނާގެ ބައްޕަގެ ޚިޔާލުތަކުން ސިކުނޑި ގޯސްވާން ފަށައިފިއެވެ. ޔައީންގެ ނަސޭހަތްތަކުން އޭނާ މޮޔަވާހެންވެސް ހީވާންފަށައިފިއެވެ. ކުއްލިއަކަށް އޭނާ ހަޅޭއްލަވައިގަތެވެ. އަދި ވަގުތުން މިއުޒިކު ހުއްޓާ އެންމެން ގެއިންނެރެ އޭނާ މުޅިން އެކަނިވެއްޖެއެވެ.
ޔައީން އޭނާ ދޫކޮށްފައި ދިއުމުން އޭނާ ވަނީ ހަމައިން ނެއްޓިފައެވެ. ކެތްތެރިވުމަށް ކުރި މަސައްކަތް ބޭކާރުވެފައެވެ. ކުރިން އޭނާ ޔައީނަށް އެއްޗިހިކިޔާ މަލާމާތް ކުރިއަސް މިހާރު ވަނީ ކުޑަ ހިނދުކޮޅަކަށްވެސް ދުރުގައި ނުހުރެވޭ ވަރަށް ލޯބި ވެވިފައެވެ. ޔައީން މިހާ ކުއްލި ގޮތަކަށް ދިއުމުން އޭނާއަށް ވަނީ ކެތްކުރަންދަތި ވޭނެއް ލިބިފައެވެ. މިހުރިހާ ދުވަހު އޭނާއަށް އެހާ ރަނގަޅު ދިރި އުޅުމެއް އުޅެވުނީ ޔައީންގެ ރުހުން ހޯދުމާއި އޭނާގެ ގާތްކަން ހޯދުމަށެވެ.
ލީޝަން ދުނިޔެ މަތީން ފޫހިވެއްޖެއެވެ. ހަރުދަނާ ކަމާއެކު ކުރި އެއްވެސް ކަމެއް އޭނާ މިހާރަކު ނުކުރެއެވެ. އެފަކީރު ވަނީ ހިތާމައިގެ ކަނޑެއްގައި ޣަރަގު ވެފައެވެ. އެ ކަނޑުގެ ވޭނީ އޮއިވަރުގައި ޔައީންގެ ހަނދާނުގައި ބެހެމުން ކޮންމެ އައްސޭރިއަކަށް ލެއްގިއަސް ވަރިހަމަ ހާލުގައެވެ. މިހާރު އޭނާގެ ކަމަކީ ހަމައެކަނި ރުއިމެވެ. އުފަންދަރިއެއް ފަދައިން އޭނާ ބެލި ޒީޝަން ގެންދިއުމުން އޭނާއަށް ހީވަނީ ހަށިގަނޑުގެ އެއްބައި މަދުހެންނެވެ. އޭނާގެ ބައްޕައަށްޓަކައި މިހާރު ކުރެވޭނެ ހަމައެކަނި ކަމަކީ ޒީޝަން ބެލެހެއްޓުމެވެ. ނަމަވެސް އެކަމުންވެސް އޭނާ ވަނީ މަހުރޫމުވެފައެވެ. ފެށުނީއްސުރެ ދިޔައީ ބައްޕަ ހިތުގައި ޖައްސަމުންނެވެ. ބައްޕަ ނިޔާވީ މާފަށްވެސް ނޭދެވި އުޅެނިކޮށްނެވެ. އޭނާއަކީ ދުނިޔޭގައި އުޅެން ނުވާވަރުގެ ބޮޑު ކުށްވެރިއެކެވެ. ކުއްލިއަކަށް އޭނާ ޚިޔާލަށް އައީ ނިދާލުމަށެވެ. ނަމަވެސް ތިންރޭ ވެގެން ދިޔައިރުވެސް އޭނާއަކަށް ނުނިދުނެވެ.
އޭނާ ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ޓަކިޖެހުމުންނެވެ. ނަމަވެސް މިހާރު އޭނާ ހޯދަން އަންނާނެވަރުގެ ރައްޓެއްސެއް އަދި ގާތްމީހެއްވެސް ނުހުންނާނެތީ އޭނާ ގަސްދުގައި ދޮރު ނުހުޅުވީއެވެ. އެމީހަކު ދޮރު ނުހުޅުވުމުން ކުރިއަށްވުރެވެސް ބާރަށް ޓަކި ޖެހިއެވެ. އެންމެފަހުން އޭނާ ދޮރު ހުޅުވިއިރު ކޯޓަށް ޗިޓް ހަވާލު ކުރާ މީހާ އައިސް ހުއްޓެވެ.
އޭނާ ދެތިން ހަތަރު ފަހަރު ކިޔުމުން އެނގުނީ މިއަންނަ ހަފްތާގެ ހޯމަ ދުވަހަށް މަކުނުދޫ ކޯޓަށް ހާޒިރުވާން ޖެހޭ ކަމެވެ. އޭނާ ބޮލަށް އެނބުރުން ނޭރީ ކިރިޔާއެވެ. ޔައީން މިހާރު އެއުޅެނީ އޭނާ ވަރިކުރަންކަން އޭނާއަށް އިހުސާސްވިއެވެ. ކޮންމެ ހާލެއްގައިވެސް އޭނާ ޔައީންގެ އަނތްބަކަށް އިންނަން ބޭނުމެވެ. މަކުނުދޫއަށް ގޮސް ޔައީން ގާތު އާދޭސްކޮށް ރޮއި ހަދަންވީއެވެ. ލޯބިވާ ވާހަކަ ބުނެ ޔައީނާއި ޒީޝަންއާއި ނުލާ ދުނިޔެ ބޮޑު ވޭނަކަށް ވެއްޖެއޭ ބުނަންވީއެވެ. ދެފައިގާ ހިފާ އަހަންނަށް ރަހުމްކޮށް ވަރިނުކުރާށޭ ބުނެ އާދޭސް ކުރާނީއެވެ.
ނޫނެކެވެ. އޭރުންވެސް އޭނާ ބުނާނީ އަހަރެންނަކީ ހަމަ ކުރީގެ ގޮތެއްނެތް އުޅުމެއްނެތް ކުއްޖެކެވެ. ޔައީންގެ ދިރިއުޅުމަކަށް އަހަރެންކަހަލަ ވިޔާނުދާ މީހަކު ބޭނުމެއް ނުވާނެއެވެ. އަހަރެންނަކީ އުޅުމެއް ދަސްވެފައި ނުވާ ޔައީނަށް ކަމުނުދާނެ ގޮތެއްނެތް އަންހެނެކެވެ.
ޔައީން ޒީޝަންގޮވައިގެން ދިޔައީ މަކުނުދޫއަށެވެ. އޭނާގެ އާއިލާއިން ޒީޝަންއަށް އޯގާތެރިކަމާއި ލޯތްބާއި ކުލުނު އެންމެ މަތީ ދަރަޖައަށް ލިބުނެވެ. ލީޝަންއާ ބެހޭގޮތުން ގޭމީހުން ކުރިސުވާލުތަކަށް ނުހަނު އުނދަގުލުން ނަމަވެސް ޖަވާބުދިނެވެ. އެގުޅުން ރަނގަޅުކަމަށް ބުނެ ހަމަޖައްސާލިއެވެ. އެއީ އަދި މުޅިއަކުން އެމީހުންގެ ގުޅުން ރަސްމީގޮތުން ކެނޑިފައި ނުވާތީއެވެ.
ޒީޝަން އަށްޓަކައި ޔައީންގެ ހިތުގައި އޮތްލޯބި ދުވަހުން ދުވަހަށް އިތުރުވަމުންދިޔައެވެ. އެކަމަކު ލީޝަން އޭނާގެ އަތުން ޒީޝަން ގެންގޮސްފާނެ ކަމުގެ ބިރު އޮންނަވަރުން އޭނާ ހުންނަނީ އަބަދު އެކަމާއި ފިކުރު ކުރެވިއެވެ. ސަބަބަކީ ޒީޝަންއަކީ ރަހީމުގެ ދަރިއެއްކަން ރަސްމީ ލިޔުންތަކުން ސާފުކޮށް އެނގެން އޮތީމައެވެ. ޔައީނަކީ ހިލޭ މީހަކަށްވުމުން ލީޝަން އޭނާގެ މި ގުޅުމަށް ބާރު ފޯރުވާފާނެތީ އޭނާ ކަންބޮޑުވިއެވެ. ޒީޝަންއަކީ އޭނާގެ އަމިއްލަ މަސްލަހަތަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ މީހެއްކަން ޔައީން ގަބޫލު ކުރެއެވެ. އެހެންނޫންނަމަ ނިކަމެތި ޒީނާ އަނިޔާވެރި ބައެއްގެ އަތްމައްޗަކަށް ދުލެއް ނުކުރާނެއެވެ. އޭނާގެ ބައްޕަ ނިކަމެތި ހާލުގައި ވަނިކޮށް ރަހުމުކުޑަގޮތަކަށް ޖެއްސުމެއް ނުކުރާނެއެވެ.
ލީޝަންގެ ބަދަލުވުމަކީ ވަގުތީ ބަދަލުވުމެކެވެ. އެއީ އޭނާގެ ބައްޕަ ނެތުމުން އައި ބަދަލެއްކަމަށްވެސް ވެދާނެއެވެ. ތަންކޮޅެއް ކުރިންވެސް ލީޝަންވަނީ އިސްލާހުވެފައެވެ. ނަމަވެސް ކުޑަދުވަސްކޮޅަކަށްވެސް އޭނާއަކަށް ކެތެއް ނުކުރެވުނެވެ. ކުރީގެ ލީޝަންއަށް އޭނާބަދަލުވުމަށް ހިނދުކޮޅެއްވެސް ނުނަގާނެކަން އޭނާ އަށް ޔަގީން ކުރެވެއެވެ.
ޒީޝަން ބޭނުމުގައި އެންމެފަހުން ބުރާސްފަތި ދުވަހު ލީޝަން މަކުނުދޫއަށް ދިޔައެވެ. އޭނާ ބަލާ އައިސްފައިހުރީ ޔައީންގެ ބައްޕަ އަދުނާނެވެ. އަދުނާނަކީ ބައްޕަގެ ގާތް ރަހުމަތްތެރިއެކެވެ. އެއީ ލީޝަން ކުޑައިރުވެސް އެގެއަށް އަންނަ ބައްޕަގެ ލޯބިވާ ރަހުމަތްތެރިއެކެވެ. އޭނާ ފެނުމުން ލީޝަންއަށް ރޮވުނެވެ. އެއީ ބައްޕަގެ ކުރީގެ ހަނދާންތައް އާވީމައެވެ.
"އެކޮއި. ނުރޮއި ކޮންމެ ކުއްޖަކާވެސް ތިދުވަސް ދިމާވާނެ. ބައްޕަ ނިޔާވި ޚަބަރު ލިބުމުން ދާންވެސް އުޅުނިން. އެކަމަކު.."
"މިހާރުދެން އެއްވެސް މީހަކު އަހަރެންގެ ނެތް."
"ޔައީނަށްވެސް އަހަރެން ވަރަށް ހަޅޭއްލެވިން. ލީޝަން އެކަނިކޮށްލާފަ އައީމަ."
އަދުނާނަށް އަދި ޔައީން އޭނާ ކޯޓަށް ގެނައިކަން ނޭނގެނީ ބާވައެވެ. އެހެންނޫންނަމަ އެގޮތަކަށް ވާހަކައެއް ނުދެއްކީހެވެ. އޭނާ ގެއަށް ދާންދެންވެސް ވަށައިގެން ހޯދަމުން ދިޔައީ ޔައީންގެ ޚަބަރެއް ވޭތޯއެވެ. ނަމަވެސް އެއްވެސް ތާކުން ޔައީންގެ ހިލަމެއް ނުވެއެވެ.
"ޒީޝަން ކޮބާ،" އޭނާ އެހީ ޔައީންގެ މަންމަ ސުވާދާ ގާތުގައެވެ.
"އޭނާ ނިދައިފި. ދެން މިރޭ އޭނާ ހޯދަނީ ކީއްކުރަން. މާދަމާ ލީޝަންއަށް ފެންނާނެއެއްނު. އޭނާއަށް މީހަކު ހިލަން ވާއިރަށް ހޭލެވޭނެ." ސުވޭދާގެ ހުރީ އަމުރުވެރި ރާގެކެވެ. ފަހަރުގައި އޭނާއާއި ޔައީންގެ ހުރިހާކަމެއް އެނގުނީބާވައެވެ. އެހެންނޫންނަމަ ކުރިން އެހާ އޯގާތެރި މީހެއް މިހާރަކު ވަކި ބަދަލު ވާންވީ ކީއްވެ ހެއްޔެވެ؟
އޭނާއަށް މިރަށަށް އާދެވުނު މޮޔަ މިހާރު ހިތަށް އަރަންފަށައިފިއެވެ. އައުމުން އެކަށީގެންވާ އަޅާލުމެއް ނުލިބުނުތާނގައި ޒީޝަންވެސް ނުފެނުނެވެ. އޭނާއަށް ގިސްލާ ރޮވެން ފެށުމުން ބޭރަށް ނިކުތެވެ. މުޅި ރަށްވަނީ ނިދާފައެވެ. ރޭގަނޑުގެ ހިމޭންކަން މުޅިތަނަށް ރަސްކަން ކުރަމުން ދިޔައެވެ. ކުރިން އަނދިރިވުމުން ބިރުގަންނަ ލީޝަން މިރޭ ބިރެއް ނުގަނެއެވެ. އޭނާ މަޑުމަޑުން ބޭރަށް ނިކުމެ ބޭރުގައި ހުރި އުދޯޔެއްގައި އިށީނެވެ. މުޅިތަނަށް ވަނީ މިލަ ހަނދުވަރެއްގެ އަލި ފެތުރިފައެވެ. އޭނާ އުނދޯލީގައި އޮށޯވެލާ ތަރިތަކަށް ބަލަން ފެށިއެވެ. ވިލާ ރޮއްޖެއްވެސް ނެތް ސާފު އުޑުމަތީގައި ތަރިތައް ބަބުޅަމުން ދެއެވެ. ކުޑަވަގުތު ކޮޅަކަށް އުފާވެރި ކަމަށް ބަދަލުވީ ދިއްޕަރުފުށީގައި ޔައީނާއެކު ހޭދަކުރި ރޭ މަތިން ހަނދާންވުމުންނެވެ. ގަޔަށް ކަކުނި އެރި ވަގުތު ޔައީން އޯގާތެރިވީ ގޮތާއި ވެލާފަޅަން ދިޔަ މީހުން އެމީހުން ހޯދިއިރު ތިބެވުނު އެކަހެރިކަމެވެ.
ސިއްސައިގެން ގޮސް އޭނާއަށް ތެދުވެވުނީ މީހަކު ގޯތި ތެރޭގެ ދޮރު ލެއްޕި އަޑަށެވެ. އެމީހަކު އައިސް ގެއާ ދުރުގައި ހުރި ބަދިގޭގެ ބޭރުގެ ބޮކި ދިއްލާލިއެވެ. ލީޝަންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ހެންނެވެ. ގަމީހެއް ނުލާ އެއްއަތުން ބޮޑު ހަންޖެއް ހިފައިހައްޓައިގެން ކަޅި ޖަހާނުލާ އޭނާއާއި ދިމާއަށް ބަލަން އެހެރީ އޭނާ ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވާ އެމީހަކަށްޓަކައި އޭނާގެ ހުރިހާ ކަމެއް ގުރުބާންކުރި ޔައީނެވެ. އޭނާ ޝަކުވާ ކުރަން ބޭނުންވެއެވެ. ޔައީންގެ ގައިގާ ލައްވެލައިގެން ރޯލަން ބޭނުންވެއެވެ. އޭނާގެ އޯގާތެރި ފިރުމުންނާއި ލޯބި އަޑަކުން ދެން ނުރޯށޭ ބުނާ އަޑު އަހާލަން ބޭނުންވެއެވެ. ނަމަވެސް އޭނާގެ ދޫހުރީ ބަންދުވެފައި ކަހަލައެވެ. ދެތުންފަތް ހުރީ ތަޅު ލެވިފައި ކަހަލައެވެ. ދެފައި ހުރީ ބިންނަމަތީގައި ތަތްލެވިފައި ކަހަލައެވެ. އޭނާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
"ލީޝަންތަ؟ ހަވީރުދޯ އައީ." މަސް ބާއްވަމުން އާދައިގެ ރާގެއްގައި އޭނާ ބުންޏެވެ.
(ނުނިމޭ)
