(1 މާާޗް 2023 ގެ ނޫހާއި ގުޅޭ)
ލީޝަން ފެނުމުން ޔައީނަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ހުރިހާ ހަމަނުޖެހުމަކާއި ގަނޑުވުމަކާއި ބަސް ހުއްޓުމެއްގެ އަސަރު މިކުރީ އޭނާއަށެވެ. ޔައީނަށް ލީޝަން ފެނުމުން ކުޑަވެސް އަސަރެއް ނުކޮށް އަބަދު ފެންނަ މީހަކާ ވާހަކަ ދައްކާގޮތަށް ވާހަކަދެއްކީ އޭނާގެ ހިތުގައި އެއްވެސް އެއްޗެއް ނެތީމާކަން ލީޝަން ގަބޫލު ކުރިއެވެ.
"ލީޝަން ނިދަނީ ބޭރުގައިތަ؟ އެއްގޮތަކަށްވެސް ތިހެން ކަމަކު ނުދާނެ. އޭރުން އަހަރެން ރަހީމުގެ އޯގާތެރިކަމަށް ޚިޔާނާތެރި ވެވުނީ. އެތެރެއަށްވަދޭ. އަހަރެންގެ ފޮތް ބޭރަށް އެއްލާލިއަސް ލީޝަންއަކަށް އެކަހަލަ ކަމެއް ކުރާނެ މީހަކު މިގެއަކު ނުހުންނާނެ." ޔައީން ހިނިތުން ވެލިއެވެ.
ލީޝަން އަށް މިހިނިތުންވުމުން ކުރުވީ ލަދުވެތި އިހުސާސެކެވެ. އެއީ އޭނާ ކުރި ނުބައި އަމަލެކެވެ. އެކަމަކު މިއަދު ވަނީ އެހުރިހާކަމެއް ހަނދާން ނައްތާލާ މާފަށް އެދެން ބޭނުންވެފައެވެ. ނަމަވެސް ޔައީންގެ ބަހަށް ރައްދު ދިނުމުގެ ބާރެއް އޭނާގެ ނުވެއެވެ. އޭނާވަނީ ވަރުބަލިވެފައެވެ. ހިތްދަތިކަމުން މުޅި ހަށިގަނޑު ނިކަމެތި ކޮށްލާފައެވެ.
"އަދިވެސް ހުރީތަ؟ ގެއަށްވަދޭ." ޔައީން މަސް ކަނޑަން އިށީނެވެ.
ލީޝަން ގެއަށްވަނީ ޔައީން ރުޅި އަތުވެދާނެތީއެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑަށް ހޭލެވުމާއެކު ތެދުވެ ނަމާދުކޮށްލައިގެން ބޭރަށް ނިކުތްއިރު ސުވޭދާ ބޭރުގައި އުޅެއެވެ. ގޭދޮށް ކުނި ކެހުމަށާއި ސައިހެދުމަށް އޭނާގާތު އެދުނީ ސުވޭދާ މިއަދު ބަލިވެ އުޅޭތީއެވެ.
ހެނދުނު ހޭލައިގެން އަދުނާނާ އެކު ސައިބޯން އައި ޔައީން ފެނުމުން އޭނާ ސައިހެދިއެވެ. އަދުނާނު ހީލި ނަމަވެސް އިތުރު ވާހަކައެއް ނުދައްކާތީ އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ ބީރައްޓެހި ކަމާއި އެކަނިވެރިކަމެވެ.
"މިއަދު ރިހާގައި މިލަނީ ކޮންރަހައެއްތަ؟" ޔައީން އަގަޔަށް ލީ ރޮށި ކޮޅު ވައްޓާލަމުން ބުންޏެވެ.
"މިއަދު ރިހަކެއްކީ ލީޝަން."
"އޭނާއަށް ގޭގެ މަސައްކަތެއް ކުރަން ހޭލެވުނުތަ؟ ދެން ހުންނަން ޖެހޭނީ މީރުއެއްޗެއް ކާންނުލިބި ކަންނޭނގެ؟" ޔައީން ތެދުވެގެން ދިޔައެވެ.
ލީޝަން މިކަމާ ވީދެރައިން ފާޚާނާއަށްވަދެ ރޯންފެށިއެވެ. އޭނާއަށް ޔައީންގެ ފަރާތުން ރަނގަޅު ބަހަކަށް އިންތިޒާރު ކުރެވެންވީ ކީއްވެ ހެއްޔެވެ؟ ޔައީން އޭނާއަށް ނަފުރަތު ކުރެއެވެ. މިއަދު އޭނާ އައިސްވެސް އެހުރީ ޔައީން އޭނާގެ ހުރިހާ އުންމީދެއް ފޭރި ގަންނަންކަން އެނގޭ އިރުވެސް އަޅެއްގެގޮތަށް ގޭތެރޭގެ މަސައްކަތް ކުރަންވީ ކީއްވެ ހެއްޔެވެ؟ ޔައީން އެއުޅެނީ ކައިވެނި ރޫޅާލާށެވެ. ޒީޝަން އޭނާގެ އަތުން އަތުލާށެވެ. ޒީޝަން އަކީ މިއަދު އޭނާގެ ހުރި ހަމައެކަނި އިންސާނާއެވެ. ކޮންމެ ގޮތަކަށް ވިޔަސް އެއީ މިހާރު ރަސްމީ ގޮތުން ބައްޕަގެ ދަރިއެކެވެ. ޒީނާއަށް އެއަނިޔާ ލިބުނީ އޭނާގެ ސަބަބުންނެވެ. ވީއިރު ރަނގަޅުގޮތުގައި ޒީޝަން ބޮޑުކޮށްފިނަމަ އޭނާގެ ކުށަށް މާފު ލިބިދާނެއެވެ. ޒީޝަން ބެލި ކުޑަދުވަސް ކޮޅު ތެރޭގައި އޭނާއަށް އެކުއްޖާ މެދު ޖެހިފައިވަނީ އާދަޔާ ޚިލާފު ދުރު ނުވެވޭފަދަ ލޯތްބެކެވެ. ވީއިރު ކޮންމެ ހާލެއްގައިވެސް އޭނާ ޒީޝަން ގެންދަން ބޭނުންވެއެވެ. މިއަދު ކޯޓަށް ދާން ވަގުތު ކައިރި ވަމުން ދާވަރަކަށް އޭނާ ހާސްވަމުންދެއެވެ.
ލީޝަން ކޯޓަށް ދިޔައީ އަދުނާނާ އެކީއެވެ. ގާޒީއާއި ހަމައަށް ދެވުނު އިރު އެތާނގައި ތިބީ ގާޒީގެ އިތުރަށް އޭނާގެ ސެކެޓްރީ އާއި ޔައީނެވެ. މައްސަލަ ފެށުނީ ޔައީން ހުށައަޅާފައިވާ ދައުވާ އާއި ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ޔައީނަށް ދެމުންނެވެ.
"ޒީޝަން އަޅުގަނޑަށް ލިބެންޖެހޭނެކަމަށް އަޅުގަނޑު ގަބޫލު ކުރަނީ އެއީ ދުނިޔޭގައި އޭނާގެ އެއްވެސް މީހެއްނެތް ޔަތީމަކަށް ވާތީ. އެ ކުއްޖާގެ މަންމަ މަރުވި އެކްސިޑެންޓާއި ޕޮލިސް ރިޕޯޓާއި ހޮސްޕިޓަލުގެ ލިޔުންތައް ކުރިންވެސް ވާނީ އަޅުގަނޑު މި ކޯޓަށް ފޮނުވާފައި. އެ ކުއްޖާގެ ބައްޕަ ނިޔާވީ މީގެ ދެ މަސްކުރިން. އޭނާގެ ބައްޕަ ވެސް އެކްސިޑެންޓުގައި ނުކުޅެދޭ މީހެއްގެ ހާލުގައި ވަނިކޮށް ބަލާދީފައި ވާނީ އަޅުގަނޑު. އޭރުވެސް އެކުއްޖާ ބެލުމުގެ ޒިންމާ ނަގަމުން އައީ އަޅުގަނޑު."
"އެކުއްޖާއާއި ބެހޭގޮތުން އެއްވެސް މީހަކު މިހާތަނަށް މައްސަލައެއް ހުށައަޅާފައި ނުވާއިރު ޔައީން އޭނާގެ ބޭނުމުގައި މައްސަލަ ލީކީއްވެ؟"
"އޭނާގެ ދައްތަކަމުގައިވާ މިއިން ލީޝަން ކޮންމެވެސް ދުވަހަކުން އައިސް މިއީ ތިމަންގެ ބައްޕަގެ ކުއްޖެކޭ ބުނެ ނުގެންދެވޭނެ ކަމުގެ ކޯޓު އަމުރެއް ބޭނުންވާތީ."
"ލީޝަން މިކަމާމެދު ބުނަނީ ކީކޭ."
"އެއީ އަޅުގަނޑުގެ ބައްޕަގެ ކުއްޖަކަށްވާއިރު އޭނާ ބެލުމުގެ ހައްގުކަން ބޮޑީ ޔައީނަށްވުރެ އަޅުގަނޑަށް. ޔައީނަކީ މިކުއްޖާއަށް ހިލޭ މީހެއް . އޭނާގެ އެއްވެސް ހައިސިއްޔަތެއް މިކަމުގައެއްނެތް."
"އޭނާއަކީ ދައްތަ ކަމުގައި ވިޔަސް އެއީ މިކުއްޖާއާ މެދު ލޯތްބެއް ހުރި މީހެއް ނޫން. ކިތަންމެ ދުވަހަކު އޭނާގެ ފަރުވާ ކުޑަކަމުން މިކުއްޖާއަށްވަނީ އަނިޔާ ލިބިފައި. އަދި ގަސްތުގައި މިކުއްޖާއަށް އަނިޔާ ކޮށްފައިވޭ."
"ޔައީން. އަހަރެން މިހާރު މުޅީން ބަދަލުވެއްޖައިން. އެކުއްޖާއާ ނުލާ އަހަރެންނަކަށް މިހާރަކު ނޫޅެވޭނެ. ޔައީންގެ ތިމާގެ މީހުން ގިނަ. އެއްބަޑު މީހުން ނުހަނު ރަނގަޅު. އަހަރެންނަށް ވަނީ ހަމައެކަނި މި ކުޑަކުއްޖާ. އަހަރެންނަށް ރަހުމްކޮށްފައި އަހަރެންނަށް މިކުއްޖާ ދީ."
"ތިހުރިހާ ކަމެއް ދިރާސާކޮށްލާ ލިޔުންތައް އިތުރަށް ކިޔާލުމަށް ވަގުތު ބޭނުންވާތީ ދެން ޝަރީއަތް ބޭއްވޭނީ މިއަންނަ ހަފްތާ ބުރާސްފަތި ދުވަހު."
ލީޝަންއަށް މިކަމުން ލިބުނީ ހިތްދަތިކަމެކެވެ. މިރަށުގައި ކޮންމެ ދުވަހެއްވެސް އޭނާއަށް ހީވަނީއަހަރެއްހެންނެވެ. ލިބޭ ހިތާމަތައް އިތުރުވުން ފިޔަވައި އިތުރު ކަމެއް ނުލިބެއެވެ. ގިނަފަހަރަށް ޒީޝަންވެސް އުރާލާކަށް އޭނާއަކަށް ނުލިބެއެވެ. އުރާލަންދާ ކިތަންމެ ފަހަރަކު ސުވޭދާ ކޮންމެވެސް ބަހަނާއެއް ދައްކައިގެން އޭނާ ގެންދެއެވެ.
ޖެހިގެން އޮތީ އީދު ބަންދު ދުވަސް ތަކެވެ. އެހެންކަމުން ޝަރީއަތް ދެން ފެށޭނީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އޭނާ ހުރީ މިއިން ކޮންމެ ދުވަހެއްވެސް ނުނިމިގެން ފޫހިވެފައެވެ. ނަމަވެސް އީދު ޗުއްޓީއަށް އައި ރީމާގެ ފަރާތުން އޭނާއަށް ކޮންމެވެސް ވަރެއްގެ ގާތްކަމެއް ލިބުނެވެ. ރީމާއަކީ ލީޝަން އޮފީހުގައި އުޅުނުއިރުވެސް ގާތް ރަހުމަތްތެރިއެއްކަމުން އޭނާ އަށް ހިތްހަމަޖެހުން ލިބެއެވެ.
ހައްޖު ދުވަހު އެރަށުގެ އެންމެންވެސް ބައިވެރިވާ ކުޅިވަރެއް ކަމުގައި ބޮނޑި އެޅުމުގެ ކުޅިވަރުގައި ލީޝަން ބައިވެރިވީ ރީމާ އާދޭސް ކުރާވަރުންނެވެ. އެރެއަށް އިރުއޮއްސުނު ފަހުން ސިއްރިއްޔާތުގައި ބޮނޑިއަޅާ ސާމާނުކަމަށްވާ ހަނޑުލާއި ހަކުރާއި އަދި ކާށި ބޮނޑީގެ ބައިވެރިންގެ އަތުން ނެގީ ނުހަނު ސިއްރުންނެވެ. އެހެނީ މިކަން ރަށުގެ އެއްވެސް ފިރިހެނަކަށް އެނގިއްޖެނަމަ އެކުޅިވަރުގައި ވާގޮތުން އެމީހުން އެބޮނޑިއަށް ފާރަލާނެއެވެ. ހެނދުނުވުމުން ބޮނޑިއަށް އަޅާސާމާނު ފުނޑާ ގިރުވުމަށްފަހު ހިލުމަށްޓަކައި އުދުންމައްޗަށް ލީތަނާހެން ޒުވާން ފިރިހެން ގުރޫޕެއް ރީމާމެންގެއަށް ހިނގައްޖެއެވެ. އެގުރޫޕުގައި ޔައީން ހުރުމުން ލީޝަން ޖެހިލުންވިއެވެ.
ނަމަވެސް ޔައީނު ލީޝަންއާ އެއްވެސް ސަމާލުކަމެއް ނުދީ ރީމާމެންނާއެކު ތިބި އެ އުމުރު ފުރައިގެ އަންހެން ކުދިން ގަޔަށް ފެންއަޅާ ކުލަ ޖެހުމަށްފަހު ހިނގައްޖެއެވެ. މެންދުރުވެގެން ދިޔައިރު ބޮޑި ފިހަން ލައިގެން އޭގެ ވަސް މުޅި ސަރަހައްދަށް ވަނީ ފެތުރިފައެވެ. ފަހަރަކު ފިރިހެން ގުރޫޕެއް އެމީހުންގެ ބަދިގެއަށް އައިސް ބޮޑީގެ ޚަބަރު ބަލާފައި ދެއެވެ. މިހެން އުޅޭއިރު ފިރިހެންވެރިންނަށް ނުވަދެވޭހާ ގޮތަކަށް ތަން ބަންދުކުރެވޭތޯ އަންހެންވެރިން މަސައްކަތް ކުރަމުން ދިޔައެވެ. ލީޝަންއަށްވެސް މިކަމުގައި ބައިވެރި ވެވުނީ މިކަމުގެ މަޖާކަމުންނެވެ.
ރަތްވިލާތައް އުދަރެސް ބައްދާލާ އިރުއޮއްސުމުގެ އަސަރު ފާޅުވިއިރު އެމީހުން ބޮނޑި ފޮރުވާނެ ތަނެއްގެ މަޝްވަރާގައި ތިއްބެވެ. އޭރުވެސް ޔައީންމެން އެބޮނޑި އަތުލެވޭނެ ގޮތެއް ރާވަމުން ދެއެވެ. މިއީ އެންމެ ފޯރިގަދަ ވަގުތުކަމުން ޅަކުދިންނާއި މުސްކުޅި ފުރައިގެ މީހުންވެސް މި ކުޅިވަރު ބެލުމަށްޓަކައި އުޅެއެވެ. ބޮޑި ފޮރުވުމަށްޓަކައި ރީމާއާއި އެހެން ކުއްޖަކު ބޮނޑި އޮތް ހޫނު ތާސް ހިފައިގެން ދުއްވައިގަތީ ފާރުގެ އަނެއްފަރާތުން ފިލުމަށެވެ. ނަމަވެސް ހުށިޔާރު ފިރިހެންކުދިން ރީމާމެންގެ ފަހަތުން ދުއްވައިގަތެވެ. އެހެންކަމުން މުޅިތަން ހުސްވުމުން އަސްލު ބޮނޑި ހިފައިގެން ލީޝަން ހޫނު ތާސް ހިފައިގެން ދުއްވައިގަތެވެ. އެއާއެކު ބައެއް ފިރިހެން ކުދިންނަށް އޭނާ ފެނި މިއޮތީއޭ ކިޔާ އޭނާގެ ފަހަތުން ދުއްވައިގެންފިއެވެ. ލީޝަންގެ ފަހަތުން އަންހެން ކުދިންވެސް ދުއްވައިގަނެ ބޮޑީގައި އޮޅުލައިގަތެވެ. ފިރިހެންކުދިންވެސް އެހޫނު ބޮނޑީގައި އޮޅުލައިގަނެ އެއަތުލެވޭތޯ އުޅުނެވެ. މިކަމުގައި ހިފަމުން އަދި އޮޅުލަމުން ދިޔައިރު ލީޝަންއަށް ޔައީންގެ މަޖާ މިޒާޖު ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނެވެ. އޭނާއަށް ޔައީނާ ދިމާއަށް ބެލެނީ ބޭއިޚްތިޔާރުގައެވެ. ތަނުގައި ހަޅޭއްލެވުމުގެ އަޑާއި ހުނުމުގެ އަޑުވަނީ ގުގުމާފައެވެ. މަޖާވެފައިހުރި ލީޝަން ޔައީންގެ އަތުން ބޮނޑި ދަމައިގަންނަން ދާންކެރުނީ އޭނާ ވެސް މަޖާވެފައި ހުރުމުންނެވެ. ކުއްލިއަކަށް ޔައީނަށް ލީޝަންގެ އަތުގައި ހިފާލެވުނެވެ. އޭރު ފަހަތުން އައިމީހެއް ޔައީންގައިގާ ޖެހިގަތުމުން ވަރަށްބާރަށް ޔައީން ގައިގާ ލީޝަންޖެހި ދެމީހުން އެކުގައި ފާރުބުރި ކައިރިއަށް ވެއްޓުނެވެ. އޭރު އެމީހާ ބޮނޑި ހިފައިގަނެގެން ދުއްވައި ގަތުމުން ބާރަށް ހަޅޭއްލަވަމުން އެންމެން ބޮނޑިފަހަތުން ދުއްވައިގަތެވެ. ފާރުބުރީގެ ސަބަބުންނާއި އެންމެން ދުވެފައި ދިއުމުގެ ސަބަބުން ޔައީނާ ލީޝަން ތިބީ މީހުންގެ ލޯތަކަށް ނުފެންނަ ހިސާބެއްގައެވެ.
"ލީޝަން. ތަނަކަށް ތަދުވިތަ؟" ޔައީން ތެދުވަމުން ވެއްޓިފައި އޮތް ލީޝަން ނެގިއެވެ.
"ވަރަށް ތަދުވެއްޖެ." ލީޝަންގެ ހަށިގަނޑުގެ އެއްވެސް ތާކަށް ތަދެއް ނުވެއެވެ. އެކަމަކު އޭނާގެ މުޅި ހަށިގަނޑާއި ހިތުގައި ވޭންއަޅަނީ ޔައީންގެ ސަބަބުންނެވެ. އެތަދުގެ ސަބަބުން އޭނާއަށް ދިރިއުޅެންވަނީ ދަތި ވެފައެވެ. ކޮންމެފަދަ ގޮތަކުންވެސް ޔައީނުގެ ގާތްކަން އޭނާ ވަނީ ބޭނުންވެފައެވެ.
"ކޮންތާކަށް." ޔައީން ހުރީ ހާސްވެފައެވެ.
ލީޝަން ބަލަހައްޓައިގެން ހުރީއެވެ. ޔައީން އޭނާއާ ދޭތެރޭ ހާސްވެފައި ހުރިތަން ފެނުމުން އުފާވެފައެވެ. އެހާސްކަމާއި އެސަމާލުކަން އޭނާ އަބަދުވެސް ބޭނުމެވެ.
"ލީޝަން" ކަޅިޖަހާނުލާ ބަލަން ހުރި ލީޝަންއަށް ގޮވާލެވުނީ މަޑުމަޑުންނެވެ. އޭނާއަށް މަޑުމަޑުން ލީޝަންއާ ގާތްވެވުނީ ލީޝަންގެ ލޮލުގައިވި އާދަޔާ ޚިލާފު ބާރެއްގެ ސަބަބުންނެވެ. ހިތްވަރުކޮށްފައި އެތައް ދުވަހަކު ދުރުގައިވެސް ހުރެފިއެވެ. ނަމަވެސް މި ހިމޭން މާހައުލާއި ވަގުތާއި ލީޝަންގެ ރީތިކަމުގައި އޭނާއަށް ދުރުނުވެވޭނެ އާދަޔާ ޚިލާފު އަސަރެއް އުފަންކުރުވިއެވެ.
"ލީޝަން ރަނގަޅުތަ؟" ލީޝަންގެ ހިމޭންކަމުގައި ޔައީނުވަނީ ބުނާނެ އިތުރު އެއްޗެއް ނޭނގިފައެވެ. ޔައީން ލީޝަން އަތުން ދޫކޮށްލިއެވެ.
"އަހަރެންނަށް އަނިޔާއެއް ލިބުނަސް ޔައީން ތިހާ ހާސްވަނީ ކީއްވެ؟" ޔައީންގެ ސަމާލުކަން އެއީ ހަގީގަތުގައިވެސް އޭނާއަށްޓަކައި ވީ ސަމާލުކަމެއްތޯ ޔަގީން ކުރަންބޭނުންވެއެވެ. ހާލަތުގެ ފުރިހަމަކަމުން އޭނާ ޔައީނާ ދުރުނުކުރާށޭ ބުނަން ބޭނުންވެއެވެ. ޔައީނާ ނުލާ އޭނާއަށް ދުނިޔޭގައި ނޫޅެވޭނެ ކަމާއި ޔައީނަކީ އޭނާގެ ދެލޮލުގެ ކޮއި ކަމުގައި މިހާރު ވެއްޖެކަމަށް ބުނަން ބޭނުންވެއެވެ. ނަމަވެސް ޔައީން ފެނުމުން އޭނާއަށް ވާގޮތެއް ނޭނގެއެވެ. އެއްޗެއް ނުބުނެވި ދޫ ހަރަކާތް ނުކުރެވެނީ ކީއްވެބާވައެވެ. ހަށިގަނޑު ހިމޭންވެ ހަރަކާތް ނުކުރަނީ ކީއްވެބާއެވެ؟
"އަހަރެން ހާހެއް ނުވޭ. އެކަމަކު ލީޝަންއަށް އަނިޔާއެއް ވެއްޖެނަމަ.."
އަނިޔާއެއްވެއްޖެނަމަ ވީ ކީއް؟ މިހާރުވެސް ތިދެވޭ އަނިޔާ ކުޑައެއް ނޫންތަ؟ ލީޝަން ބުނަން ބޭނުންވިނަމަވެސް އޭނާއަކަށް އެންމެ ބަހެއްވެސް އިތުރަކަށް ނުބުނެވުނެވެ. އޭނާވަނީ ޔައީނުގެ ގާތުގައި ފިނޑިވެ ޖެހިލުންވެފައެވެ. ޝަކުވާ ކުރަންބޭނުން ނަމަވެސް އެކަމުގެ ބާރު ނެތިފައެވެ. ޝަކުވާއާއި ލޯތްބާއި ހިތާމައާއެކު ޔައީނަށް ބަލަން ހުރެވުނީއެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލުތައް
Haadha kurukoh