ވާހަކަ: ވީމޭ ވަފާތެރި! އެހެނަސް… (10)

" ނުބުނޭ އަކޫ… ނުބުނޭ! ތިހެން ނުބުނާތި! "

އަކްރަމްގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ޒައިބާ ބުންޏެވެ. އެއާއެކު ބޭއިޚްތިޔާރުގައި ޒައިބާގެ މޫނުގައި އަކްރަމް މޫނު ޖައްސާލިއެވެ. ކުއްލިއަކަށް ދެމީހުން ސިހުނީ ސައިކަލެއްގެ އަލިންނެވެ. ދެމީހުންގެ މޫނަށް އެޅިފައިހުރި އަލީގެ ސަބަބުން ސައިކަލްގައި އިނީ ކާކުކަމެއްވެސް އެމީހުންނަކަށް ނޭނގުނެވެ. އެހެންކަމުން އަވަސް އަވަހަށް އަކްރަމާ ޒައިބާ ތެދުވިއެވެ. އެއާއެކު ސައިކަލްގައި އިން ލޫޠު ފެނި އަކްރަމާއި ޒައިބާވެސް ހައިރާންވިއެވެ. އަކްރަމް އަވަސް އަވަހަށް ޒައިބާއާ ދުރަށް ޖެހިލާ، ތެދުވިއެވެ.

" ލޫޠު!"

ހިތްހަމަ ނުޖެހޭ ރާގަކަށް ޒައިބާއަށް ބުނެލެވުނެވެ. ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރި ލޫޠުވެސް އޭރުވަނީ ތެމިފޯވެފައެވެ. އިރުކޮަޅަކު އެހެން ހުރުމަށްފަހު އޭނާ ސައިކަލްގައި އައިސް ޒައިބާމެން ކައިރީ މަޑުކޮށްލިއެވެ.

" މިއައީ މަރީ ބުނެގެން! ޒައި ފޯން ނުނަގާތީ ފިހާރައިގައި ހުރީތޯ ބަލާލަން! "

މަޑުމައިތިރިކަމާއެކު ލޫޠު ޒައިބާއާ ވާހަކަ ދެއްކިއެވެ. ޒައިބާއަށް ބަލާލެވުނީ އަކްރަމްގެ މޫނަށެވެ.

" ދޭ! ޒައި ބޭނުންވަނީ ލޫޠުއާ އެކު ދާކަށްނު! "

ކުޑަކޮށް ދުރަށް ޖެހިލަމުން އަކްރަމް ބުނެލިއެވެ. އެއާއެކު ތެޅިގަނެފައި ޒައިބާ އަކްރަމްއާ ގާތަށް ޖެހިލިއެވެ. އޭރުވެސް ތުނިކޮށް ވާރޭ ވެހެމުންދެއެވެ.

" ނޫން! ކީއްވެތަ ތިހެން ތިބުނަނީ؟ އަހަރެން ބޭނުންވަނީ އަކޫ! އަކޫ ކީއްވެތަ އަހަންނާ ދުރަށް ދާން ތި މަސައްކަތްކުރަނީ ؟"

ހައިރާންވެފައި ޒައިބާ އަނެއްކާވެސް އެހިއެވެ.

" އަހަރެން ރަށުގައި ނެތިސް ޒައިބާ ހުރިހާ އުފަލެއްވެސް ހޯދީ މިހިރަ ލޫޠާ އެކު! "

ޖެހިލުމެއްނެތި އަކްރަމް އެހެން ބުނުމާއެކު، ބަލާކަށްނުހުރެ ޒައިބާއަށް އަކްރަމްގެ މޫނުމަތީގައި ހޫނު އެތިފަހަރެއް ޖެހުނެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. އޭރު އޭނާއަށް މާނޭވާލެވެއެވެ.

" ތީ ދޮގެއް! "

ލޫޠުއަށްވެސް އަވަސް އަވަހަށް ބުނެލެވުނެވެ. އޭރުވެސް ރުޅިވެރި ނަޒަރަކުން ޒައިބާ އަކްރަމަށް ބަލަމުން ދިޔައެވެ.

" އަހަންނާބެހޭގޮތުން ކިތަންމެ ގޯސްކޮށް އަކްރަމަށް އަޑުއިވިފައި އޮތަސް.. އަހަރެން ފަހަރެއްގައިވެސް ހިއެއް ނުކުރަން، ތިހާ މުޑުދާރު ގޮތަކަށް އަކްރަމް އަހަންނާމެދު ވިސްނަފާނެކަމަކަށް! ތަކުރާރުކޮށް އަހަރެން މިބުނަނީ އަދިވެސް…. އަކްރަމް ފިޔަވާ އަހަރެން އިތުރު އެއްވެސް ފިރިހެނަކާ އެއްވެސް ގުޅުމެއް ބާއްވާފައެއްނުވާނެ! ސިއްރުގައިވެސް…. ފާޅުގައިވެސް… އެއްވެސް އެއްވެސް ވަރަކަށް އެޒާތުގެ ޢަމަލެއް ކީއްކުރަން ވާހަކައެއްވެސް ދައްކާފައެއްނުވާނެ! އެރޭ އަހަރެންގެ ނުރުހުމުގަ ވަލުޖަނަވާރެއް ފަދައިން އަހަރެންގެ ގަޔަށް އެރީ އަކްރަމްގެ ޅިޔަނު! އަހަރެން ބޭޒާރުކޮށްލީވެސް އަކްރަމްގެ ޅިޔަނު! އަދި އަހަންނޭ ކިޔައިގެން ދޮގު ވާހަކަތައް ފަތުރާ، ޙަޤީޤަތް އޮޅުވާލައިގެން އަހަރެން މިރަށަށް ގިނަކޮށްލާ ފަޟީޙަތްކޮށްލީވެސް ހަމަ އަކްރަމްގެ ޅިޔަނު! މިވަގުތާ ޖެހެންދެންވެސް… މި ސިކުންތާ ޖެހެންދެންވެސް އަހަރެންގެ ހިތް ބުނަމުން ދިޔައީ މި ދުނިޔެއިންވެސް އަހަރެންދެކެ އެންމެ ލޯބިވާ މީހަކީ ތީއޭ! އަހަރެން މިދުނިޔެއަށް ގިނަކޮށެއް ނުލާނޭ! އެކަމަކު މިހާރު އަހަންނަށް ސާފުވެއްޖެ އަކްރަމް އަހަރެންދެކެ ލޯބިވާ މިންވަރު… ވަރަށް ބޮޑަށް ޝުކުރިއްޔާ! "

އަވަސް އަވަހަށް އެއްފައްޗަކަށް ވާހަކަތައް އަމުނާލުމަށްފަހު ޒައިބާ ފުންނަޒަރަކުން އަކްރަމަށް ބަލާލަމުން ދުއްވައިގަތެވެ. ބާރުބާރަށް ލޫޠު ޒައިބާއަށް ގޮވާލުމުންވެސް އޭނާ ނުހުއްޓި، ދިޔަގޮތަށް ދިޔައީއެވެ.

" އަހަރެންވެސް ހިއެއް ނުކުރަން އަކްރަމް ތީ ތިފެންވަރުގެ މީހެއް ކަމަކަށް! މަށާ ޒައިބާއާ ތި ހީކުރާ ކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެ! އަހަރެން މީ ހިލޭ މީހެއް! އަހަރެން ޒައިއަށް އިތުބާރު ކުރާ ވަރަށްވެސް އަކްރަމަށް ނުކުރެވުނު! "

މަލާމާތުގެ ރާގަކަށް އެހެން ބުނުމަށްފަހު ލޫޠު ވެސް ދުވަމުން ކަހަލަ ގޮތަކަށް ސައިކަލާދިމާއަށް ދިޔައެވެ. އޭރުވެސް ހިމޭންކަމާއެކު އަކްރަމް ހުއްޓެވެ.

***

ބާރުބާރަށް އައިސް ގެއަށްވަތް އަކްރަމަށް އެންމެ ފުރަތަމަވެސް ފެނުނީ ސޯފާގައި އިން ޝަކީލާއެވެ.

" މަންމާ! "

ރޮވިފައި އަކްރަމް ޝަކީލާއަށް ގޮވާލިއިރު އޭނާގެ އަޑުވެސް ނިކުންނަނީ ކިރިޔާއެވެ.

" ޝްޝްޝް…"

އަކްރަމް ގޮވާލުމާއެކު ފުންމައިގެން ޝަކީލާ ތެދުވެ ދެކޮޅު ބަލާލަމުން، އަކްރަމްގެ އަތުގައި ހިފައިގެން ބާރުބާރަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އަކްރަމްގެ ކޮޓަރިއަށްވަދެ ތަޅުލުމަށްފަހު ޝަކީލާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.

" ކިހިނެއްވެފައި ތިހުރީ؟ "

ގޮނޑީގައި އަކްރަމް އިށީނުމާއެކު އޭނާގެ ތުވާލިނަގާ ދެއަތުން އަކްރަމްގެ ބޯ ހިއްކައިދޭން އޭނާ އުޅުނެވެ. ނަމަވެސް އަކްރަމް ޝަކީލާ ހުއްޓުވިއެވެ.

" މަންމަ ކުޑަކޮށްވެސް އަހަންނާމެދު ވިސްނައެއް ނުލަންތަ؟ "

އަކްރަމް ހުރީ ޝަކީލާގެ އަތުގެ ކުޑަހުޅުގައި ހިފަހައްޓައިގެންނެވެ. އަކްރަމްގެ އަތުގެ ތެރެއިން އަތް ދަމައިގަންނަމުން ޝަކީލާ ނުރުހުންވެ ހުރެ ބުނެލިއެވެ.

" އަކްރަމާމެދު އަހަރެން ނުވިސްނާފަ ކޮބާތަ؟ އަހަރެން ވިސްނަން އަހަރެންގެ ދެދަރިންނާމެދުގައިވެސް! "

އެނދުމަތީގައި އިށީންއިރުގައިވެސް ޝަކީލާގެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ކޮނޑުމަތީގައި އޮތް ތުވާލި މުށިތައް މައްޗަށް ވައްޓާލަމުން އަކްރަމް ވާހަކަ ދެއްކިއެވެ.

" އަހަންނާމެދު ވިސްނާނަމަ، އަހަރެންގެ ދިރިއުޅުމުގެ ތެރެއަަކަށް މަންމައެއް ނުވަންނާނެ! "

" އެންމެ ރަނގަޅު! ދޭ! ގޮސް ކަލޭގެ ދޮންތަ ގާތު ބުނޭ އެއީ ނާޝިޒް ކުރި ކަމެކޭ! އަވަހަށް ދޭ! "

ފުންމައިގެން ތެދުވުމަށްފަހު ޝަކީލާ އަކްރަމަށް އަތްދިމާކޮށްލަމުން ބުނެލިއެވެ. އަކްރަމަށް އިސްޖަހާލެވުނީ އެފަދައިން ކަންތައްކުރަން ނުކެރޭނެތީއެވެ.

" އެއްވެސް ދަރިއަކަށް ދެރައެއް ދޭކަށް އަހަރެން ބޭނުމެއްނޫން! އެއްވެސް މައެއް ނުވިސްނާނެ ދަރިންނަށް ދެރަވާ ގޮތަކަށް! "

" އެކަމަކު މަންމައަށް އެނގެއެއްނު އަހަރެންގެ އުފަލަކީ ޒައިބާކަން! "

ބުނަން ނުކެރިފައިހުރެ، ވަރަށް ހިތްވަރުން އަކްރަމް އެހެން ބުނެލުމުން ޝަކީލާ ދޫކޮށްލީ ފުންނޭވާއެކެވެ.

" އަހަންނަށްވެސް އެނގެޔޭ ޒައިބާ ދޮގު ނުހަދާނެކަން! އަހަރެން މިއަދުވެސް ދަރިފުޅު ގާތު ބުނިންދޯ ޒައިބާގެ ވާހަކަ މަންމަވެސް ޤަބޫލުކުރަމޭ! އެކަމަކު ދަރިފުޅާ! އެކަން އަހަރެމެން ތެދުކޮށް، ދޮންތައަށް އެކަން އަންގައިފިނަމަ ހަލާކުވެދާނީ ދޮންތަގެ ދިރިއުޅުން! މިހާރު ދޮންތަމެންނަށް އިންނާނެ މީހުންވެސް ނުވާނެ! އެފަކީރު ނިކަމެތިކަމާއެކު ގޭގަ އިންނަން ޖެހޭނީ! އެމަންޒަރު ބަލަން މި މަންމަގެ ހިތަކަށް ކުޅަދާނައެއްނުވާނެ! އެހެންވެ މަންމަ ބުނީ ދަރިފުޅުގާތު ޒައިބާ ދޫކޮށްލާށޭ! ދަރިފުޅަށް އަލުން އެހެން މީހަކާވެސް އިނދެވިދާނެ! "

ޝަކީލާގެ ރޭވުމަށް އަކްރަމަށް ޖެހުނީ އެއްބަސްވާށެވެ.

" ޒައިބާ ދޫކޮށްލާށޭ ދުލުން ބުނެލިޔަސް އަހަންނަށް އެއީ ފަސޭހަކަމެއްނޫން! ވާނެކަމެއްވެސް ނޫން!"

ބޭއިޚްތިޔާރުގައި އަކްރަމަށް ބުނެލެވުނެވެ. އެއާއެކު ޝަކީލާއަށް ދެބުމަ ހިއްލާލެވުނެވެ.

" އެދުވަހު އަހަރެން އަކްރަމް ހުއްޓުވީވެސް އެހެންވެ! ޒައިބާއާ ބައްދަލް ވުމުގެ ކުރިން އަހަރެން ދައްކަންޖެހޭ ވާހަކަތައް ދެއްކީވެސް އެހެންވެގެން! މިހާރުވެސް މަންމަގެ މޭގަ އެބަ ރިއްސާ! މާބޮޑަށް ވިސްނަން ވެއްޖެއްޔާ މަންމައަށް ވަރަށް ނުރައްކާވާނެ! އެނގެއެއްނު ކުއްލިއަކަށް ހޭވެރިކަން ނެތި ވެއްޓޭކަން. އެންމެ ފަހުން އެހެންވީ ދުވަހުވެސް ކިރިޔާ ހޭ އެރީ! ދަރިންގެ ކަންތައްތަކާ ވިސްނަން ހަދައިގެން ދެން ފެންނާނީ އަހަރެން މަރުވެފައި އޮއްވާ!"

ޝަކީލާގެ ވާހަކައިން އަކްރަމް ނުހަނު ހިތުގައި ޖެހުނެވެ. ފަހަރެއްގައިވެސް މަންމަ ބަލިވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެނަސް އަކްރަމް ހުއްޓުވަން އޭނާ ބޭނުންކުރާ އުކުޅަކީ އެއީއެވެ. އެއްވެސް ޙާލެއްގައި ޒައިބާ އެގެއަށް ގެންނާކަށް ޝަކީލާ ބޭނުމެއް ނުވެއެވެ.

" އަހަރެން ބޭނުން ނާޝިޒަށް ހިތުން ނުފިލާ ވަރުގެ އަނިޔާއެއްދޭން! "

ދަތްކުނޑި ވިކާލާފައި އަކްރަމަށް ބުނެވުނެވެ. އެއާއެކު ބާރުބާރަށް އައިސް ޝަކީލާ ހުއްޓުނީ އޭނާގެ ކުރިމަތީގައެވެ.

" ޚަބަރުދާރު! ޚަބަރުދާރު މިއިން އެއްވެސް ކަމެއް އެމީހުންނަށް އެނގިގެން ނުވާނެ! އަކްރަމަށް ހުރިހާ އެއްޗެއް އެނގޭކަމަށް ހަދައިގެން ނުވާނެ! މަންމަ ބުނީމެއްނު ހިތްމައިތިރިކޮށްލައިގެން ހުންނާށޭ! "

މިފަހަރުވެސް އަކްރަމަށް ޖެހުނީ ކުޑަކުއްޖަކު ފަދައިން މަންމަގެ ބަސްއަހާށެވެ.

" އަހަރެން މިހެން މަޑުން މި ހުންނަނީ ހަމަ މަންމައަށްޓަކައި.. އަހަރެންގެ ދިރިއުޅުން ރޫޅި ދިޔަޔަސް ދޮންތަގެ ދިރިއުޅުން ރޫޅިދާކަށް މަންމަ ބޭނުމެއްނުވޭ! މަންމަ އަހަރެންދެކެ ކުޑަކޮށްވެސް ލޯތްބެއްނުވެ! ނާޝިޒް އެގޮތަށް ޒައިބާއާމެދު ކަންތައްކުރިކަމާ ޒައިބާ އެހަދަނީ ތެދުކަން އަހަރެންގާތު ބުނީ ހަމަ މަންމައެއްނު! "

އަކްރަމް ބުނެލީ ހިތްހަމަނުޖެހޭ ރާގެއްގައެވެ. އަކްރަމް އެހެން ބުނުމުން ޝަކީލާވެސް ރުޅިއައެވެ.

" ރަނގަޅޭ! މަށޭ ބުނީ! މަށަށް އެނގެޔޭ ޒައިބާ އެދައްކަނީ ތެދުވާހަކަ ކަން! އެކަމަކު އެވާހަކަތައް ރަށުތެރެއަށް ފެތުރިގެން ދިޔައީމަ އަހަރެމެންގެ މި އާއިލާގެ އަގޭ ވެއްޓޭނީ! އާތިކާއަށް ކުރާނެ އަސަރާ އޭނަ ބިކަވާނެ ވަރު އަކްރަމަކަަށް ނުވިސްނޭތަ؟ އަކްރަމް ކުޑައިރު އަކްރަމް ބެލީ މަންމައެއްނޫނޭ! އެ ދޮންތަ ހަމަ އަކްރަމް ބެލީ! އަކްރަމް ވިހެއުމާއެކު، އެކި ބަލިބަލީގައި އަހަންނަކީ ބަލިމީހެއް! އަކްރަމް ސްކޫލަށް ގެންގޮސް ކިޔަވައިދީހެދީވެސް ހަމަ އެ ދޮންތަ! އަކްރަމަށް ހުރިހާ ޚަރަދެއްކުރީވެސް ހަަމަ އެމީހުން! މިއަދު ހަމަ އެންމެ އަންހެން ކުއްޖަކަށްޓަކައި އަކްރަމަށް އެމީހުންގެ ދިރިއުޅުން ސަލާމަތްކޮށް ނުދެވުނު! "

ޝަކީލާގެ ވާހަކަތައް އަޑުއަހަން އަކްރަމް އިނީ މަޑުމަޑުންނެވެ. އެހެނަސް އޭނާގެ އެތެރެހަށި ގަދަ ގިނީގައި އަނދަމުންދާކަން އޭނާއަށް އިޙްސާސްވަމުންދެއެވެ.

" އަކްރަމަށް އަދި ކުދިންވާނެ! އިންނާނެ މީހުންވާނެ! މަންމަ ބުނި ގޮތަށް ކަންތައް ކޮށްގެން އަކްރަމަށް ވާނެ ގެއްލުމެއް ނޯންނާނެ! ޒައިބާ ވަރިކޮށްފަ އަވަހަށް ފުރައިގެންދޭ! އޭރުން އޭނަވެސް މިރަށުން ހިނގައިދާނެ! މާބޮޑު ކަމަކަށް މިކަންތައްތައް ނަހަދަބަލަ!"

ޝަކީލާ މިފަހަރު ބުނި ބަހަށް އަކްރަމަށް އެއްބަހެއް ނުވެވުނެވެ. ފުންމައިގެން ތެދުވެ އޭނާ މަންމައަށް ފުރަގަސްދިނެވެ.

" ނުވާނެ! ތިކަމެއް ނުވާނެ މަންމާ! އަހަރެން ކިހިނެއް ޒައިބާ ދޫކޮށްލާނީ؟ "

" ވާނެ! ކީއްވެ ނުވާންވީ؟ ވާނެ! އަހަރެން މިބުނީ އަކްރަމް އޭނަ ވަރިކުރާށޭ! "

ދެލޯ ބޮޑުކޮށް، ރުޅިވެރި މޫނެއް ދައްކައިގެންހުރެ، ޝަކީލާ އަކްރަމްގެ ކުރިމައްޗަށް އެރިއެވެ.

" ބަލަން ހުންނާތި! މާ ލަސްތަކެއްނުވެ، ޒައިބާ އަމިއްލައަށް އަކްރަމްގާތު ވަރިއަށް އެދޭނެ! އަކްރަމް ތިހެން އިންތިޒާރުކުރިޔަސް ޒައިބާއެއް ނުހުންނާނެ!"

ޝަކީލާގެ އެންމެ ފަހު ޖުމްލައިން އަކްރަމަށް ލިބުނީ ހިތްދަތިކަމެވެ. ޝަކީލާ ނިކުމެގެން ދިޔައިރުގައިވެސް އަކްރަމަށް ހުރެވުނީ އެކަމާ ވިސްނާށެވެ.

" ނޫން… އަހަރެން ބޭނުމެއްނޫން ޒައި އަހަންނާ ދުރަށްދާކަށް! އަހަރެން ކަންތައްކުރިގޮތުން ޒައި އަނެއްކާ އެހެން ވިސްނުމަކަށް ގޮސްދާނެތަ! ނޫން! ޒައިއަށްވެސް އެއީ އެހާ ފަސޭހަ ކަމެއްނޫން.. މަންމަ ކޮންމެ އެއްޗެއް ކިޔަސް ހެޔޮ! އަހަރެން ޒައިއަށް ޙަޤީޤަތް ކިޔައިދޭނަން… މަންމަގެ އާދޭހަށް ކުރި ކަމެކޭ ބުނާނަން…"

އަކްރަމް ބާރުބާރަށް ކޮޓަރިން ނިކުތުމާއެކު އާތިކާގެ އަޑު ކަންފަތުގައި ޖެހުނެވެ.

" ދޮންތައަށް އެނގޭ ކޮއްކޮ ތިހުންނަނީ ވަރަށް ދެރަވެފައިކަން! ކޮއްކޮގެ ދިރިއުޅުން ހަލާކުވީމަ ދޮންތަ ވަރަށް ހިތާމަކުރަން! ނާޝިޒް އެގޮތަށް ކަންތައް ކުރިއޭ ބުނީމަ ދޮންތަ ކިރިޔާ މަރުނުވީ! މީހުންގެ މަލާމާތުން ސަލާމަތްވާން އަމިއްލައަށް މަރުވެސް ވީމުސް! ފުރަތަމަ ދޮންތައަށްވެސް ޒައިބާގެ ވާހަކަތައް ޤަބޫލުކުރެވުނު. އޭރު ހަމަ ހިތުގައި އޮތީ އަމިއްލައަށް މަރޭ ވާނީ! އެކަމަކު ނާޝިޒް ޙަޤީޤަތް ކިޔައިދީނިމަ އެނގުނީ! "

ކުރިމަތީގައި ހުރެގެން އާތިކާ ދައްކަމުންދިޔަ ވާހަކަތަކުން އަކްރަމްގެ ފައިގައި މަޖުބޫރުގެ ކަސްތޮޅު އެޅިގެންދިޔައެވެ. ޒައިބާގާތަށް ދާން ކުރިއަށް އެޅި ފިޔަވަޅުވެސް ފަހަަތަށް އެޅުނެވެ. ދޮންތަގެ ވިސްނުން އެހިސާބަށް ގޮސްފައިވާކަން އޭނާއަކަށް ކުރިއަކުން ނޭނގެއެވެ. ހިތާމައާއި ލަދުން ދުނިޔެދޫކޮށްލަން ދޮންތަ ވިސްނިކަމެއް އަކްރަމަކަށް ކުރިއަކުން ނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް މަޖުބޫރުގެ ފާރަކުން އޭނާ ފިތުނުކަން އަމިއްލައަށް އިޙްސާސްކުރެވުނެވެ.

" ދެން އެވާހަކަ ނުދައްކާ! "

ގަދަކަމުން ހީލަމުން އާތިކާގެ ގައިގައި އަތްޖައްސާލުމަށްފަހު އަކްރަމް އަނެއްކާވެސް ކޮޓަރިއަށްވަނެވެ.

ހެނދުނުގެ ވަގުތެވެ. ޒައިބާ އޮތީ ޖޯލިފަތީގައެވެ. އޭރުވެސް އޭނާގެ މޫނުމަތިވަނީ އުދާސްވެފައެވެ. ރޭގެ މަންޒަރުތައް ހިތަށް ސިފަވަމުންދާ ކަހަލައެވެ.

"ހިނގާ މަށާއެކު ފިހާރައަށް! 11 ޖަހާއިރަށް ފިހާރަ ބަންދުކުރާނޭ!"

މަރީ އެހެން ބުނުމުން ނޫނެކޭ ބުނުމުގެ ގޮތުން ޒައިބާ ބޯހޫރާލިއެވެ. އެއާއެކު ޒައިބާގެ އަތުގައި ހިފަމުން މަރީ އަނެއްކާވެސް ބުނެލިއެވެ.

" މާބޮޑަށް ތި ވިސްނަނީ! އަހަންނަށްވެސް އެނގޭ ޒައި ދެރަވާނެވަރު! އެކަމަކުވެސް… އަމިއްލަ ނަފްސާމެދުވެސް ވިސްނަންވާނެއެއްނު! ހިނގާބަލަ ބޭރަށް ގޮސްލަން! "

މަރީ ބޭނުންވަނީ ޒައިބާ ހަމައަކަށް އަޅުވާށެވެ. ބަންދުދުވަހެއް ކަމުން ޒައިބާ އެކަނި ނުކޮށް އޭނާގާތު ހުންނަން އަބަދުވެސް މަރީ ބޭނުންވެއެވެ. އެންމެފަހުން މަރީ ކުރުނުކޮށްގެން ޒައިބާ މަރީއާއެކު ހިނގައިގަތެވެ. ދެމީހުން ގޮސްވަނީ ރަށުގެ ބަނދަރުމަތީގައި ހުންނަ އެންމެ ބޮޑު ފިހާރައަށެވެ. އޭރު އެފިހާރައިގައި ޝަކީލާ ހުރިކަމެއް އެމީހުންނަކަށް ނޭނގެއެވެ. ނަމަވެސް ޒައިބާމެން ވަނުމާއެކު ޝަކީލާއަށް ޒައިބާމެން ފެނުނެވެ. އެހެންކަމުން ވަގުތުގެ ބޭނުން ހިފަން ޝަކީލާ ނުހަނު ބޭނުންވިއެވެ.

" އަހަރެމެންގޭ އަކްރަމް އެބައުޅޭ އައިސްގެން! އެސޮރު ގާތަށް ކޮފީއެއްބޯލަންވެސް އަލީ ނުދަމެއްނު! "

ކައުންޓަރުގައި އިން އަލީއާ ޝަކީލާ ވާހަކަ ދެއްކީ ނުހަނު ބާރަށެވެ. ޝަކީލާގެ އަޑަށް ރެކް ކައިރީގައި ހުރި ޒައިބާ ދިޔައީ ސިހިގެންނެވެ. ފުޅިތައް ދުރަށް ޖައްސާލަމުން ޒައިބާ އެދިމާއަށް ބަލާލިއެވެ.

" އަހަރެން މީ އެއް އިރެއްގައިވެސް ދައްތަމެންގެއަށް ކޮފީބޯން ގޮސް އުޅޭ މީހެއް ނޫނެއްނު! "

" ނުދާތީއޭ މިހެން މިބުނީ! އަކްރަމްގެ ކުލާސް ކުދިން ވިއްޔަތީ"

އަލީ ދިއްކޮށްލި ކޮތަޅުގައި ހިފަމުން ޝަކީލާ ބުނެލީ ހިނިތުންވަމުންނެވެ. އެމަންޒަރުބަލަން ދުރުގައި ހުރި މަރީއައިސް ޒައިބާގެ ގައިގައި ކޮށްޓާލިއެވެ. އެއާއެކު ޒައިބާ އަތުގެ އިޝާރާތުން މަޑުން ހުރުމަށް އެދުނެވެ.

" އަހަރެން އަޑުއެހިން އަކްރަމް ޒައިބާ ވަރިކުރި ވާހަކަ! އެއީ ތެދެއްތަ؟ "

ޝައުޤުވެރިކަމާއެކު އަލީ އަހާލިއެވެ. އަލީގެ ސުވާލުން ޝަކީލާގެ ހިތް އުފަލުން ފުރުނީ އެމައުޟޫއަށް ވާހަކަ ދައްކާނެ ފުރުޞަތު ލިބުނީތީއެވެ.

" ރަށުތެރޭގައި އެހެން ކިޔާއަޑު ޝަކީލައްތަވެސް އަހައިފިން! އަހަރެން އެސޮރުގާތު އެހީމަ ބުނި ވަރަށް އަވަހަށް ވަރިކުރާނެ ވާހަކަ! އަދި މީހަކާވެސް ވަރަށް އަވަހަށް އިންނާނަމޭ ބުނި! އެރިސޯޓުގައި އުޅޭ މަންޖެއެއްގެ ވާހަކަ ބުނީ! އާނ ދެން ޒައިބާ އެހެން މީހަކާ ހިތާވެގެން އުޅެންޏާ އަކްރަމް ކީއްކުރަން އުޅެންވީ! "

ތަންކޮޅެއް ބާރަށް އެހެން ބުނުމަށްފަހު ޝަކީލާ ހިނގައިގަތެވެ. އަދި ފިހާރައިން ބޭރަށް ނިކުތުމަށްފަހު އެއްމިޔަކަނުން ހީލަމުން ހިނި އައިސްހުރެ މަގު އޮތް ދިގަށް ހިނގައިގަތެވެ.

ޒައިބާގެ ގައިގައި މަރީ އަތްޖައްސާލުމާއެކު ޒައިބާ ބަލައިލީ ކަރުނައިން ފުރިފައިވާ ލޮލަކުންނެވެ. ޝަކީލާގެ ވާހަކައިން އޭނާގެ ހިތަށް ވަރަށް އަސަރުކުރުވާފައި ވާކަން މަރީއަށް އެނގުނެވެ.

( ނުނިމޭ )

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *