ޓެކްނޮލޮޖީގެ މި ޒަމާނުގައި އިންސާނުންގެ މުޖްތަމަޢު ތަކަށް މިވަނީ އާހޯދުން ހޯދި އާ އިޖާދުތައްކުރެވި ބަދަލުތައް އަންނަމުންނެވެ. މި ބަދަލު ތަކާއެކު އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތަކަށް ވެސް މިވަނީ ބަދަލުވާން ފަށާފައެވެ. ހަމަ މިއާއެކު ފިޤުހީ އާ މައްސަލަތަކެއް އުފެދި މިމައްސަލަތަކަށް ހުކުމްތަކެއް މިވަނީ ބޭނުންވެ އެގެންޖެހިފައެވެ. އެގޮތުން ޑޮކްޓަރީ ޢިލްމު މިވަނީ ވަރަށް ބޮޑަށް ކުރިއަރައިފައެވެ. ހަމައެހެންމެ ދަރިމައިކުރުމުގެ އާއީޖާދު ތަކާއި ގުޅިގެން އުފެދޭ މައްސަލަތަކަށް ވެސް އެކަމުގައި ޝަރުޢީ ގޮތުން އެކަންކަމުގެ ހުކުމްތައް އެގެންޖެހެއެވެ. ތަބީޢީ ގޮތުން ދަރިމައިނުވާ މީހުން ދަރިމައި ކުރުވުމަށްޓަކައި، ސައިންސްވެރިން ހޯދާފައިވާ ހޯދުންތަކުގެ އަލީގައި ދަރިމައިވާ ގޮތް ހަދައިގެން ދަރިން ހޯދުމަކީ އަދުގެ ދުނިޔޭގައި މިހާރު ވަރަށް ޢާއްމު ކަމެކެވެ. މިގޮތުން ބަލާއިރު ބަނޑުތެރޭގައި ގަރުބަގެންނެވުމުގެ ތަފާތު ވައްތަރުތަކާއި، އަންހެނާގެ ބަނޑުގައި ބިސް ދަރިމައި ކުރުވުމަށްޓަކައި އިންޖެކްޝަން ފަރުވާ ހޯދުމާއި އަދި މީގެ އިތުރުން ބަނޑުން ބޭރުގައި ދަރިމައިކުރުވުމުގެ (ޓެސްޓިއުބް ބޭބީގެ) ވައްތަރުތައް ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި އެހެން އަންހެނެއްގެ ރަހިމު ހޯދައިގެން ނުވަތަ ކުއްޔަށް ހިފައިގެންވެސް ދަރިން ހޯދައެވެ. ނަމަވެސް އުފެދޭ ސުވާލަކީ އެހެން އަންހެނެއްގެ ރަހިމް ހޯދައިގެން ނުވަތަ ކުއްޔަށް ހިފައިގެން ދަރިން ހޯދުން އިސްލާމްދީން ހުއްދަ ކުރޭތޯއެވެ.
އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހައި ކަމެއް އޭގައި ޝާމިލުވާ ދީނެއްކަމުން، ދުނިޔޭގައި އަލަށް އުފެދޭ ކޮންމެ ކަމަކާމެދު ވެސް މި ދީން ދެކެނީ ކިހިނެއްތޯ ބެލުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ މައްސަލަތައް ދިރާސާކޮށް އެކަންކަމުގެ ޙަޤީޤަތާއި ޙުކުމްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށްޓަކައި އިސްލާމީ ޢިލްމުވެރީން ގަދައަޅުއްވައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވައެވެ.
ރަހިމު ކުއްޔަށް ހިފުމަކީކޮބާ؟
ރަހިމް ކުއްޔަށް ހިފުމަކީ ފައިސާ ދީގެން ނުވަތަ އެއްވެސް ބަދަލަކާއި ނުލައި އަންހެނެއްގެ ރަހިމުގެ ތެރޭގައި އެހެން އަންހެނެއްގެ ގަރުބަގަންފައިވާ ބިސް އިންދައިގެން ކުއްޖަކު އުފަން ކުރުވުމެވެ. މިގޮތުން އެހެން އަންހެނެއްގެ ރަހިމް ހޯދަންޖެހޭ އެތައް ސަބަބު ތަކެއް ވެއެވެ. އޭގެ ތެރޭގައި ބިހުގެ ވެރި ފަރާތުގެ ރަހިމަކީ ދަރިން ގަރުބަގަނެ އުފެދި ބޮޑުވުމަށް ރަނގަޅު ޖަގަހައަކަށް ނުވުމާއި، އެ އަންހެން މީހާއަކީ އޭނާގެ ބިސްމޯރިން (މާގަޅައިން) ބިސް އުފައްދައިދޭ، އެކަމަކު އޭނާގެ ރަހިމުނެތް އަންހެނަކަށްވެސް ވެދާނެއެވެ. ފަހަރެއްގައި ވިހެއުމުގެ ވޭނާއި ކެކުޅުންތައް އުފުލަން ބޭނުންނުވާ އަންހެނަކަށްވެސް ވެދާނެއެވެ. ފަހަރެއްގައި އޭނާގެ ދުޅަހެޔޮކަމާއި ރީތިކަން ރައްކައުތެރިކުރަން ބޭނުންވާ މީހަކަށްވެސް ވެދާނެއެވެ.
ދަރިމައިކުރުވުމަށްޓަކައި އީޖާދުކޮށްފައިވާ ހުރިހައި ގޮތްތަކެއް ހިމެނޭ ގޮތަށް، އިނގިރޭސި ބަހުން ކިޔަނީ ހިއުމަން އެސިސްޓެޑް ރީޕްރޮޑަކްޝަންއެވެ. މީގެތެރޭގައި ހިމެނޭ އެއްބަޔަކީ އާޓިފިޝަލް އިންސެމިނޭޝަންއެވެ. މީގެ މާނައަކީ ޖިމާޢުވުންނޫން އެހެން ކޮންމެވެސް ގޮތަކުން ފިރިހެނާގެ ދަރިފަނި އަންހެނާގެ ރަޙިމުގެ ތެރެއަށް އެޅުމެވެ. އަދި މިއާ ތަފާތު ގޮތަކަށް ދަރިމައިކުރުވުމުގެ މަސައްކަތް ކުރެވޭ ދެގޮތެއް ވެއެވެ. އެއީ ލެބޯޓްރީގައި ދަރިމައިކުރުން ނުވަތަ އައި.ވީ.އެފް އާއި ސަރޮގޭޓް މަދަރ (ބަދަލު މަންމަ) ނުވަތަ ރަޙިމު ކުއްޔަށް ހިފުމެވެ. އާންމުގޮތެއްގައި ރަޙިމު ކުއްޔަށް ދެމުންއަންނަނީ، ޢާއިލީމީހުންނާއި، ރައްޓެހިންނެވެ. ނަމަވެސް ފައިސާގެ ބޭނުމުގައި މިކަން އާއްމުވެ މިކަމުގެ ވިޔަފާރި އިތުރުވެ މިހާރު މިކަން ވަނީ މެޑިކަލް ޓުއަރިޒަމްއަށް ވެފައެވެ. ޚާއްސަގޮތެއްގައި އިންޑިއާ އަދި އެމެރިކާ ފާހަގަ ކުރެވެއެވެ.
(ނުނިމޭ)
