ރަމަޟާންމަހަށް ތައްޔާރުވުން

އަހުރެމެންނާ ކުރިމަތިވަމުން މިއަންނަނީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ މެހުމާނެކެވެ. ބަރަކާތުން ފުރިގެންވާ މެހުމާނެކެވެ. މި މަތިވެރި މެހުމާނަށް އަހުރެމެން އެކަށީގެންވާ އިސްތިގުބާލަކުން އިސްތިގުބާލު ކުރަންޖެހެއެވެ. އަދި، މެހުމާންދާރީ އަދާކަރަންޖެހޭ އެންމެ ފުރިހަމަ ގޮތުގައި މެހުމާންދާރީ އަދާކުރާންޖެހެއެވެ.

މި ބަރަކާތްތެރި މައްސަރާ އަހުރެމެން ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ފުރިހަމަ ތައުބާއަކުން ތައުބާވުމެވެ. އަހަރެމެންގެ ޙަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ޙަޔާތް، އެޙަޔާތަކަށް ބަދަލުކޮށް އިޞްލާޙުކުރުމާއެކު، މި މަތިވެރި މެހުމާނާއާ ބައްދަލުކުރުމެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ   ﴾‏ މާނައީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން އެކުގައި ﷲ އަށް ތައުބާވާށެވެ. ތިޔަބައިމީހުންނަކީ ކާމިޔާބުލިބިފައިވާ ބަޔަކަށް ވުމަށްޓަކައެވެ."

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.  ‎﴿ وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ ‎﴾‏ މާނައީ: "އަދި ތައުބާ ނުވާމީހުންނަކީ އަނިޔާ ވެރިންނެވެ." މި އާޔަތުގެ ޝަރަޙާގައި އިމާމު އިބްނުލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. " ﷲ سبحانه وتعالى މީސްތަކުން ބައްސަވާފައިވަނީ ދެބަޔަކަށެވެ. އެއީ ތައުބާވާ މީހުންނާއި  އަނިޔާވެރިންނެވެ. އާދެ، ތައުބާ ނުވާ މީހުން ﷲ سبحانه وتعالى  ސިފަކުރައްވާފައިވަނީ އަނިޔާވެރިންގެ ގޮތުގައެވެ. އޭނާގެ ވެރި ﷲ އަށް އަދާކުރަންޖެހޭ ޙައްގުތަކާއި، އޭނާގެ ނަފުސުގައިވާ ޢައިބުތަކާއި އަދި އޭނާގެ ޢަމަލުތަކާމެދު ޣާފިލު ވުމަށްވުރެ ވަކިން ބޮޑު އަނިޔާވެރިކަމެއް ފަހެ، ކޮބައިހެއްޔެވެ؟

އަހުރެން މި ބަރަކާތްތެރި މައްސަރުގެ ދުވަސްތަކާއި ކުރިމަތިލާންވާނީ، ފުރިހަމަ އީމާންކަމާއެކު އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ޘަވާބަށް އެދޭ ޙާލުގައެވެ. ނަބިއްޔާ صلى الله عليه وسلم  ޙަދީޘް ކުރައްވާފައިވާ ބަސަފުޅެއްގެ މާނައިގައި ވެއެވެ.  "އީމާންކަމާއެކު، ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހާގެ އިސްވެގޮސްފައިވާ ފާފަތައް ފުހެވިދެއެވެ." އެހެންކަމާއެކު ރަމަޟާންމަހާ އަހަރެމެން ކުރިމަތިލާންވާނީ، އެ މައްސަރުގެ ތަރުބަވީ މަދަރުސާއިން އަހަރެމެންގެ ނަފުސު އިސްލާޙްކޮށް، އެ ނަފުސަށް ދިރުން ގެނެސްދީ، ޙަޔާތުގެ އާޞަފްޙާތަކެއް ހުޅުވާލުމުގެ މަތިވެރި ޢަޒުމާއެކުއެވެ. ނަފުސު ހެޔޮކަންކަމަށް ތަރުބިޔަތުކޮށް، ހޭނުވުމަށް މިއަށްވުރެ ވަކި މަތިވެރި ރަނގަޅު ދުވަސްތަކެއް ލިބޭނެހެއްޔެވެ؟ ރަމަޟާން މަހަކީ، ތަޤްވާވެރިކަމަށް ވާޞިލުކޮށްދޭ ހުރިހާ ސަބަބުތަކެއް ޖަމާވާ މަތިވެރި މައްސަރެކެވެ. ނަފުސުގައި ޖެހިފައިވާ ލައްތައް ފިލުވައި، އެ ނަފްސު ޠާހިރުކުރުމަށް، މި މައްސަރާ ކުރިމަތިލާ ބަޔަކަށް އަހުރެމެން ވާން ޖެހެއެވެ. އަހަރުގެ އެހެން މަސްތަކާ ޚިލާފަށް އަޅުކަމުގައި ހީވާގިވެ، ވަރުގަދަ އަޒުމެއްގައި މި މައްސަރާ ކުރިމަތިލާން ޖެހެއެވެ.

ރަމަޟާންމަސް ކައިރިވެގެން އަންނަހިނދު، ކައުއިތުރު ރަސޫލާ صلى الله عليه وسلم  އަޞްޙާބު ބޭކަލުންނަށް އެމަހުގެ މުހިއްމުކަމާއި ބަރަކާތްތެރިކަން ބަޔާންކޮށްދެއްވައެވެ. ރަސޫލާ صلى الله عليه وسلم  ޙަދީޘް ކުރައްވާފައިވާ ބަސަފުޅެއްގެ މާނައިގައި ވެއެވެ.  "ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. ﷲ سبحانه وتعالى  ތިޔަބައިމީހުންގެ މައްޗަށް އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގައި އުޑުގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވެއެވެ. އަދި ޝައިޠާނުންގެ ތެރެއިން ބޮޑެތި މާރިދުން ކަސްތަޅު އެލުވެއެވެ. އެމަހުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ (ހުރިހާ ހެޔޮކަމަކުން) މަޙްރޫމް ވެއްޖެއެވެ."

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އަހަރެމެން ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ، ރޯދައިގެ ޝަރުޢީ ރުކުމްތައް ދެނެގަތުމެވެ. ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ޘަވާބާއި ދަރުމަ ލިބޭނޭގޮތަށް ރޯދަހިފާނެގޮތް ދަސްކުރުމެވެ. އެއީ ރޯދަ ގެއްލޭކަންތައްތަކާއި، ރޯދައަށްހުރެ ކުރުން މަކުރޫހަ ކަންތައްތައް ދެނެގަނެ އެކަންކަމުން ދުރުހެލިވުމަށްޓަކައެވެ. ރޯދައިގެ ހިސާބެއްނެތް މަތިވެރިވެގެންވާ އަޖުރު ލިބިގަތުމަށްޓަކައެވެ. ރަސޫލާ ގެ އަރިހުން ވާރިދުވެފައިވާ ގުދުސީ ޙަދީޘް ބަސްފުޅެއްގެ މާނާގައި ވެއެވެ. " ﷲ سبحانه وتعالى ވަހީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލުތަކެއްވަނީ އޭނާއަށެވެ! ރޯދަފިޔަވައެވެ. އެ ރޯދަވަނީ ތިމަން ﷲ އަށެވެ! އެއަށް ޖަޒާ ދެއްވާހުށި ތިމަން ﷲ އެވެ. ރޯދައަކީ ރައްކާތެރިކަމެކެވެ. (އެބަހީ ނަރަކައިން ދުރުކޮށްދޭކަމެކެވެ.) ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުންނަ ދުވަހު ޖިމާޢުނުވާށެވެ. އަދި ބޭކާރު ވާހަކަ ނުދައްކާށެވެ. ފަހެ، ރޯދައަށް ހުންނަހިނދު މީހަކު ތިބާއަށް އަޑުލައި ހަދައިފިނަމަ ނުވަތަ ގޯނާއެއްކޮށްފިނަމަ ތިމަން މިހުރީ ރޯއަށޭ ބުނާށެވެ. ތިމަންކަލޭގެފާނުގެ ނަފުސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް (ﷲ سبحانه وتعالى ) ގަންދެއްވައި ވިދާޅުވަމެވެ. ރޯދަވެރިޔާގެ އަނގައިން ނުކުންނަވަސް ﷲ ގެ ހަޟުރަތުގައި ގޮމަކަސްތޫރިގެ ވަރަށްވުރެ ވަސްމީރުވެގެންވެއެވެ. ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ. އޭނާ ރޯދަވީއްލާ ހިނދު ލިބޭ އުފަލާއި އޭގެ ވެރި އިލާހާއި ބައްދަލުވާހިނދު ރޯދައިގެ ސަބަބުން ލިބޭ މަތިވެރިކަމުގެ އުފަލެވެ." އިމާމް މުސްލިމުގެ ރިވާޔަތުގައި އާދަމުގެދަރިޔާގެ ކޮންމެ ޢަމަލެއްގެ ދަރުމަޔާއި ދިހަ ގުނައިންފެށިގެން ހަތްސަތޭކަ ގުނައާ ހަމައަށް އިތުރުކޮށް ދެއްވާކަމަށް ބަޔާންކޮށްފައިވެއެވެ.

(މަޢުލޫމާތު: ހުކުރު ޚުޠުބާ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *