ވާހަކަ: ލީޝަން – 35

(15 މާާޗް 2023 ގެ ނޫހާއި ގުޅޭ)

އަނދިރި ކޮޓަރިއެއްގައި ބަންދުވެފައިވާ ޔައީން ސަލާމަތްވޭތޯ ހަޅޭއްލަވަނީއެވެ. އިރުކޮޅަކުން ހެމުން މަލާމާތް ކުރަމުން ކުޑަކުއްޖަކު ގޮވައިގެން އައި އަންހެނަކު ޔައީން ގާތު ހުއްޓެއެވެ. އެމީހާގެ އަތުގައި އޮތް ވާގަނޑު ޔައީންގެ ކަރަށް އެއްލައެވެ. އަދި އަނެއްކޮޅު މަތީގައި އައްސަން އިޝާރާތް ކުރެއެވެ. ކަނު އަނދިރީގައި އެއަންހެން މީހާގެ މޫނު ބަލަން އުޅެނިކޮށް ޒީޝަން އުރައިގެން ހުރި ލީޝަންގެ މޫނު އޭނާއަށް ފެނެއެވެ. އޭރުވެސް އެދެމައިން އޭނާއަށް މަލާމަތްކޮށް ހެނީއެވެ. އަދި އޭނާގެ ކަރުގައި އަމުނާފައި އޮތް ވާގަޑު ކަރަށް ބާރުވާތީ ސަލާމަތްވޭތޯ ތެޅިފޮޅެމުންދެއެވެ.

"ލީޝަން……." ބާރަށް ހަޅޭއްލަވައިގަތުމާއެކު ކުއްލިއަކަށް ޔައީނަށް ހޭލެވުނެވެ. އޭރުވެސް އެބިރުވެރި ހުވަފެނުގެ އަސަރު އޭނާއަށް ވަރަށް ބޮޑަށް ކޮށްފައިވެއެވެ.

"ޔައީން ….. ކިހިނެއްވީ." ލީޝަން ހާސްވެފައި އެހިއެވެ.

"އެއީ އަހަރެންގެ ހިތި މާޒީ. ކަލޭމެންގެ ނުބައި ދިރިއުޅުން. އަހަރެންގެ ދިރިއުޅުމުން ދާން ނޫޅެނީ ކީއްވެ؟ ޒީޝަން އަހަރެންގެ އަތުން ކަލެއަކަށް ނުގެންދެވޭނެ. ދުރަށްދޭ. އަހަރެންގެ ދިރިއުޅުމުން ދާންއުޅޭ. ކަލެއާ ހެދި އަހަރެންނަށް ދިރިއުޅެން އުނދަގޫވެއްޖެ." ޔައީން ބާރަށް ހަޅޭއްލަވަމުން ދިޔައެވެ. އޭރު ގޭމީހުންވެސް ހޭލައިގެން އެކޮޓަރިއަށް ވަދެއްޖެއެވެ.

"ޔަ…ޔައީން." ތުރުތުރު އަޅާ އަޑަކުން ލީޝަންއަށް ބުނެލެވުނެވެ.

"މި ބުނީއެއްނު ދާށޭ. އަހަރެންގެ ދިރިއުޅުމުން ދުރަށްދޭ." ޔައީން އަދިވެސް ހީވަނީ މޮޔައެއް ހެންނެވެ.

ޔައީނަށްވަނީ ލީޝަންއާމެދު ވިސްނިވަރަކަށް ބޯހާސްވާގޮތްވެފައެވެ. އޭނާއަށް ލީޝަންއަކަށް އިތުބާރެއް ނުކުރެވެއެވެ. ޒީނާއަށާ ރަހީމަށާ އޭނާއާ މެދު ލީޝަން ކަންތައް ކުރިގޮތް އޭނާއަށް ސިފަވާ ކޮންމެ ފަހަރަކު ލީޝަންއަށްޓަކައި ނަފުރަތުން ފުރިދެއެވެ. އަދި މި ހުވަފެނުގެ ސަބަބުން އޭނާ ޔައީންގެ ދިރިއުޅުން ހަލާކުކޮށްލާ ޒީޝަން އޭނާގެ އަތުން ގެންގޮސްފާނެ ކަމަށް ޖެހިލުންވިއެވެ.

ލީޝަންއަކަށް ޔައީންގެ ރުޅިގަނޑު ބަލާކަށް ކެތެއް ނުކުރެވުނެވެ. ލީޝަން ބާރަށް ރޮމުން ދުއްވައިގަތެވެ. ބޯ ވިއްސާރައިގާ އޭނާ ގެއިން ނިކުމެގެން ދިޔައެވެ. އޭނާއަށް ވަނީ ވަރަށް ހިތިއަސަރެއް ކޮށްފައެވެ. ޔައީން އޭނާދެކެ އެހާ ނަފުރަތު ކުރަނީ ކީއްވެ ބާވައެވެ؟ އަދިވެސް ޔައީން އޭނާއަށް މާފު ނުކުރަނީ ބާވައެވެ؟ މިއަދަކު އޭނާ ޔައީނަކަށް ކަމެއް ނުކުރެއެވެ. މީހަކު އެހެންމީހަކަށްޓަކައި ވެވޭނެ އެންމެ މަތީދަރަޖައަށް އޭނާ ޔައީނަށް އިހުތިރާމު ކޮށް ކިޔަމަންވެއެވެ. ނަމަވެސް މިއަދު އެއްވެސް  ކުށެއް ނުކުރަނީސް އޭނާއާ ދިމާއަށް ހަޅޭއްލެވީ ގައިމުވެސް ޔައީން އޭނާދެކެ ލޯބި ނުވާތީއެވެ. އޭނާއަށް މާފު ނުކުރާތީއެވެ. އޭނާ މިރަށަށް އައީ ޔައީންގެ ބޭނުމުގައެވެ. މިދަންވަރު މިބޯ ވިއްސާރައިގައި ނިކުންނާށޭ ބުނުމުން ދާނީ ކޮންތާކަށް ހެއްޔެވެ؟

އޭނާ ހަމައެކަނި ދަންނަ ކުއްޖަކަށް ހުރީ ރީމާއެވެ. ކުރިން އަބަދުވެސް ބިރުގަންނަ ލީޝަން އަށް މި އަނދިރި މަގުތަކުގައި ހިނގާކަށް މިރެއަކު ބިރެއް ނުގަނެއެވެ. އެއީ އޭނާއަށް ލިބިފައިވާ ހިތާމައިގެ ބޮޑުކަމުން ކޮށްފައިވާ އަސަރުންނެވެ. މި ބޯ ވިއްސާރައާއި ވިދާ ގުގުރުމުގައި އޭނާ ޖެހިލުމެއް ނުވެއެވެ. ރޮމުން ގިސްލާ ހާލުގައި އޭނާ ރީމާމެންގޭ ދޮރުގައި ޓަކިޖަހާލިއެވެ. ނަމަވެސް އަރާމު ނިދީގައި އޮތް ރީމާއަކަށް މީގެ ހިލަމެއް ނުވިއެވެ. އެންމެފަހުން ގޯތި ތެރޭގައި ހަދާފައި ހުރި އުނދޯލިގެއެއްގައި ހުރި އުނދޯޔެއްގައި އޭނާ އިށީނެވެ. އަދި ބާރަށް ރޯންފެށިއެވެ. ދުވަހަކުވެސް މިހާބާރަކަށް އޭނާ ނުރޮއެވެ. މިރޭ އޭނާ ބޭނުންވަނީ ބާރަށް ރޯށެވެ. މައިންބަފައިންނެތް ބިކަހާލުގައިޖެހުނު ދުވަހު އޯގާތެރިކަމަށް އިންތިޒާރު ކުރެވުނު މީހާ މިހެދިގޮތުންނެވެ. އިންތިހާއަށް ލޯބި ވެވުނީ ހިލަ ހިތެއް ލިބިފައިވާ ހަރުކަށި މީހެއްކަމަށް ވީމައެވެ. ރޮއިރޮއި ބަލިވުމުން އޭނާ އުނދޯލީގައި އޮށޯވެލިއެވެ. ދެއަތާއި ދެފައި އޭނާގެ ހަށިގަނޑާއި އެންމެ ގާތަށް ގެނެސް ބޮނޑިވެލިއެވެ. ދެއަތް މުއްކަވާލައި ކަންފަތް މަތީ އަޅައިގެން އޮވެ އޭނާ ގިސްލަނީއެވެ. މިހާރު ރޯއަޑު ނީވުނަސް ނޭފަތުންނާއި ދެލޮލުން ފެން އާދެއެވެ. ލަގޮނޑިއަށް ބާރުކޮށް ނޭވާލާން ދަތިވާވަރަށް އޭނާއަށް ގޮތްވަމުން ދިޔައެވެ.

ހެނދުނުވުމުން ރީމާއަށް ލީޝަން މިހާލުގައި އޮއްވާ ފެނުމުން އޯގާތެރިވިއެވެ. އަދި ޔައީނާމެދު ވިސްނާ ހިތާމަ ނުކުރުމަށް ނަސޭހަތްތެރިވިއެވެ. ނަމަވެސް ލީޝަންއަށް ޔައީނަކަށް ނަފުރަތެއް ނުކުރެވުނެވެ. ޔައީންގެ ނަން ހިތުން ފޮހެލަން މަސައްކަތް ކުރިވަރަކަށް އެހަނދާންތަކާއި ހިތްދަތިކަން ވަނީ އިތުރެވެ. ޒީޝަންއަށް އެދެވޭ މިންވަރު ވަނީ އިތުރެވެ.  އޭނާއަކީ މުއްސަނދި ކުއްޖަކަށް ވިޔަސް ފެންނަނީ އެންމެ ނިކަމެތި ހާލުގައި ވަނިކޮށެވެ.

އީދުގެ ހަތަރު ދުވަސް ނިމި ރަށަށް އައި މީހުން ފުރައިގެން ގޮސް ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުމުގައި ހަމަޖެހެވުނު ނަމަވެސް ލީޝަންއަށް ލިބުނީ ކުރިއަށް ވުރެވެސް ބޮޑު ވޭނެކެވެ. ޔައީން އޭނާގެ ހާލު ބަލާލާނެ ކަމަށް ބޭކާރު އިންތިޒާރު ތަކެއް ކުރެވެމުން ދިޔައެވެ. ޒީޝަންއަށްޓަކައި އޭނާގެ ކެތްތެރިކަން ނެތިގެން ބަންޑުން ވަމުން ދިޔައެވެ. ޔައީނާމެދު ކިތަންމެ ނަފުރަތު ވާން އުޅުނަސް ދެލޯ އަބަދުވެސް އެދެނީ ޔައީންގެ ސޫރަ ދުށުމަށެވެ. އޭނާގެ ނަފުސު ކޮންޓުރޯލް ނުކުރެވޭތީ ޚުދު އޭނާވެސް ރުޅިއާދެއެވެ.

ސަރުކާރު ހުޅުވުމާއެކު ޒީޝަން ހޯދުމުގެ މައްސަލާއިގައި އެދެމީހުން ދެވަނަފަހަރަށް ކޯޓަށް ހާޒިރު ކުރެވުނެވެ. ރީމާއާއެކު ލީޝަން ކޯޓަށް ދިޔައިރުވެސް ރީމާ ނަސޭހަތް ދެމުންދެއެވެ. ކޮންމެ ހާލެއްގައިވެސް ޒީޝަން ހޯދުމަށް ހިތްވަރު ދެމުންދެއެވެ. ޔައީންގެ ގާތުން މުޅިން މިނިވަންވެ އާ ދިރިއުޅުމެއް ފެށުމުގެ ޚިޔާލުދެމުން ދެއެވެ. ލީޝަން ކޯޓަށް ވަންއިރު ޔައީން ފެނުމުން ރީމާ ދިން ނަސޭހަތް ހަނދާން ނެތިއްޖެއެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަނެއްގެ ހިނގުން ލަސްވެއްޖެއެވެ. ޔައީން ފެނުމުން ފާޑެއްގެ ތުރުތުރެއް އެޅިއެވެ. އޭނާއަށް ކޮޅަށް ހުންނަންވެސް އުނދަގޫވިއެވެ. ޔައީން އޭނާއާއި ހަތަރުކަޅި ހަމަވިއެވެ. ދެމީހުންވެސް ބީރައްޓެއްސެއް ފަދައިން އަނެއްފަރާތަށް އެނބުރުނެވެ. އެކެއްގެ ހިތެއްގައިވެސް އޯގާތެރިކަމެއް ނެތްފަދައެވެ.

އެދުވަހުވެސް ޔައީން އެއްވެސް ދޫދިނުމެއްނެތި ލީޝަންއާއި ދެކޮޅަށް ވާހަކަދައްކަމުން ދިޔައެވެ.

"ޢިއްޒަތްތެރި ގާޒީ. މިއަންހެން ކުއްޖާއަށް މިކުއްޖާ ނުދެއްވާ. މީނާއަށް ހަވާލު ކުރުމަށްވުރެ ކުޑަކުދިން ބަލާ ކުޑަކުދިންގެ ހިޔާއަށް މިކުއްޖާ ހަވާލުކޮށްދެއްވިއަސް މާރަނގަޅުވާނެ. އޭނާއަށް މި ކުއްޖާ ހަވާލުކޮށްފިނަމަ މިކުއްޖާގެ ކުރިމަގު ބަނަވެގެންދާނެ. އެއީ މިކުއްޖާއާއި މެދު ލޯތްބެއް ހުރިމީހެއްނޫން. މީގެ ކުރިންވެސް ލީޝަން އަމަލުކޮށްފައިވަނީ އެގޮތަށް. އެހެންނޫންނަމަ ޒީޝަން ބިންމައްޗަށް ވެއްޓިފައި އޮއްވާ އޭނާގެ ބައްޕަ ނުކުޅެދޭ ހާލުގައިވަނިކޮށް އާދޭސްކޮށް ދެލޮލުން ކަރުނައަޅާ ހާލު ޒީޝަން ނަގާށޭ ބުނުމުން ކޮޅުފައިން އެއްފަރާތް ކޮށްފައެއްނުދާނެ. އެފަދަ ހާލެއްގައި އޮތް އަމިއްލަ ބައްޕަގެ ކުރިމަތީގައި ބަނޑުހައިވެގެން ރޮއިރޮއި އޮތް ކުޑަކުޑަކުއްޖާ ބުއްފުޅު ތަޅުންމައްޗަކަށް އަޅައެއްނުލާނެ. އެނުކުޅެދޭމީހާ ދަމާކޫއްތެމުންގޮސް އެކުއްޖާނަގަން އުޅުނީ މީނާގެ ގޮތްކުޑަކަމުން ކަރުނައަޅާހާލުގައި. "

"ޔައީން. އާދޭސް ކޮށްފައި މިބުނަނީ ތިވާހަކަތައް ހުއްޓާލާ. އަހަރެން ތިކަންތަކާ މިހާރު ހިތާމަކުރަން." ކިތަންމެ ދެކޮޅަށް ވާހަކަ ދައްކަން އުޅުނު ނަމަވެސް ޝަރީޢަތުގައި އޭނާގެ ވާހަކަތަކަކަށް އެއްބަސް ވެވެނީއެވެ.

"އަދި މަޑުކުރޭ. އަހަރެންގެ ވާހަކަ ނިމުނީކީ ނޫން. އިއްޒަތްތެރި ގާޒީ. މިއީ ބައްޕަނެތްކުއްޖެއް ގޮތުގައި މިދުނިޔެއަށް އުފަންވި ކުށެއްނެތް ނިކަމެތި ކުއްޖެއް. މިކަންމިވީ މިއަންހެނާގެ ސަބަބުން. މީނާގެ އަމިއްލަ ރޭވުމުގައި މި ކުއްޖާގެ މަންމަ ޒީނާ ރޭޕްކުރުވީ. އެފަކީރު ނުހަނު އާދޭސްކޮށް ރޮމުން އެހެންނުހަދާށޭ ގޮވާ ހަޅޭއްލަވަނިކޮށް މީނާގެ ރަހުމަތްތެރިން އެފަކީރަށް އެތައް އަނިޔާއެއްކޮށް އެހާލު ޖެއްސީ. މީހުންނޫޅޭ ފަޅުގެއެއްގައި ނިވާކަމެއްނެތް ނުވާހާލުގައި ބަނދެފައި މަރުވާން ދޫކޮށްލާފައި ބެހެއްޓީ. އެނިކަމެތި ކުއްޖާއަށް ލިބުނު ޖިސްމާނީ އަދި ނަފުސާނީ އަނިޔާ އެނގެނީ އަޅުގަނޑަށް. އޭނާ ރުއި ރުއިމާ އެޅިކަރުނައާއި ލިބުނު ވޭން އިހުސާސް ކުރެވުނީ އަޅުގަނޑަށް. އެއީ އަޅުގަނޑުގެ އެންމެގާތް ކުޑައިރުންފެށިގެންވެސް ކިޔެވުމަށް ނަސޭހަތްތެރިވި ކޮއްކޮއެއްކަހަލަ ކުއްޖެއް. މިފަދަ ނުބައި އަންހެނަކާއި އެދަރިފުޅު ހަވާލު ކުރާނީ ކިހިނެއްތޯ."

"ޔައީންގެ އެދުމުގެ މަތީންނާއި އަދި ލިބިފައިވާ ހެކިތަކަށް ބުރަވެ ހުރެ އަހަރެންނަށް ޖެހޭނީ ޒީޝަން ޔައީނާ ހަވާލުކުރަން. އަދި ތިޔަ ދެމީހުންގެ ކައިވެނި ރޫޅާލަން. މިކަމުގައި ޒީޝަންގެ ބަހަކީ ކޮބާ؟" ގާޒީ ބުނުއްވިއެވެ.

"އަޅުގަނޑު  ޒީޝަންއެއް ބޭނުމެއްނޫން. ޔައީނާ ޒީޝަން ހަވާލުކޮށްދެއްވާ." ލީޝަން ރޮމުން ހިތާ ދެކޮޅަށް ޒީޝަން ޔައީނާ ހަވާލުކުރުމަށް ނިންމިއެވެ. އޭނާއަށް ޔައީނާ ދެކޮޅުހެދޭހާ ހިތްވަރެއް ނެތެވެ.

"މަޑުކޮށްލައްވައްޗޭ؟ އަޅުގަނޑު ވަރަށް އަވަހަށް އެބައަންނަން." ޕިޔޯނުއައިސް ސިއްރު ވާހަކައެއް ބުނުމުން ގާޒީ ނިކުންނަވަމުން ބުނުއްވިއެވެ.

"ޔައީން. އަހަރެންނަށް މާފުކުރޭ. އަހަރެންނަށް ކުރެވުނުހައި ފާފަތަކުގެ ސަބަބުން ވަނީ ދިރިއުޅެން އުނދަގޫވެފައި. މާބޮޑަށް ކިބުރުވެރިވެ ޖާހިލުވުމުން ކޮންމެ މީހަކަށްވެސް ފާފައެއް ކުރެވިދާނެ. އެކަމާ އަހަރެން މިހާރު ވަރަށް ހިތާމަކުރަން. އެކަމަކު މިހާރު އަހަރެން މުޅިން ބަދަލު ވެއްޖައިން. ޔައީނަށް އެކަން ފާހަގަ ނުވަނީ ކީއްވެ؟" ގޮޑިންތެދުވެގެން ގޮސް ޔައީނު ގާތު އޭނާ ވާހަކަ ދެއްކިއެވެ. އިށީދެގެން އިން ޔައީންގެ ފައި ކައިރީ ތަޅުންގަޑުގައި އޭނާ އިށީނެވެ. އަދި ޔައީންގެ ކަކޫ މަތީގައި އަތްބާއްވާލިއެވެ.

"ޔައީނަށްޓަކައި އަހަރެންގެ ހުރިހާކަމެއް ބަދަލުވެއްޖެތާ ކިތަންމެ ދުވަހެއް. އެކަމުގެ ސަބަބުން އަހަރެންނަށް ހިތްހަމަވެސް ޖެހޭ. އަދި ބުނަންނޭނގޭ ކަހަލަ ހިތާމަތައްވެސް ލިބޭ. އަހަރެން ހިތުން ރުހުމުން ޒީޝަން ޔައީނާ ހަވާލުކޮށްފާނަން. އޭރުން އަހަރެން ދުވަހަކުވެސް ޒީޝަން ބަލައެއް ނާންނާނަން. އެކަމަކު ޔައީން އަހަރެންނަށް މާފުކުރޭ." ލީޝަން އަދިވެސް ރޮނީއެވެ.

"އަހަރެން ލީޝަންއަށް މާފު ކުރެވިދާނެ. އެކަމަކު އެމީހުންނަށް ލިބުނު އަނިޔާގެ ބަދަލު ލިބޭނީ ކިހިނެއް؟ އެމީހުންވަނީ ކަށްވަޅުގައި." ޔައީންގެ ހުރީ އަދިވެސް އެހަރުކަށި ރާގެވެ.

"އެމީހުން އަހަރެންނަށް މާފުކުރިވާހަކަ ޔައީން ބުނީމެއްނު. ޒީނާ އަހަރެން ދޫކޮށްލީ އެހެންވެގެންނެއްނު. ޔައީން. ހަމަތެދެއް މި ބުނީ. ބައްޕައަށާއި ޒީނާއަށް ހެދުނު ގޮތުން އަހަރެން ވަރަށް ދެރަވޭ. އެކަމުގެ ބަދަލުގައި ޒީޝަން ރަނގަޅަށް ބެލުމުން އެމީހުން މަހުޝަރުދުވަހުން އަހަރެންނަށް މާފު ކުރާނެކަން ޔަގީން. ޒީޝަން އަހަރެންނާ ވަކި ނުކުރޭ. އޭނާއާ ނުލައި މިހާރު އަހަރެންގެ ދިރިއުޅެން ވަނީ ބޮޑު ވޭނަކަށް. ޒީޝަންއަށްޓަކައި އަހަރެންގެ ހިތުގައި އޮތް ނަފުރަތު ލޯތްބަށް ބަދަލުވީ ޔައީން އެކަމަށް މަގު ފަހިކުރުމުގެ ސަބަބުން. މިއަދު އަހަރެން އިންތިހާއަށް އޭނާދެކެ ލޯބިވުމުން އަހަރެންގެ އަތުން އޭނާ ވަކި ނުކުރޭ." އޭނާގެ ލޯވަނީ ކަރުނުން ތެމިފައެވެ. އަންހެން ކުއްޖަކަށް ދުވަހަކުވެސް މިހާ އަސަރު ކޮށްފައި ވަނިކޮށް ޔައީނެއް ނުދެކެއެވެ. ފެށުނީއްސުރެވެސް ހިތާމައިގައި އުޅުނު ޒީނާވެސް މިހާ ހިތާމައިގައި ވަނިކޮށް އޭނާއަށް ފެނިފައެއް ނުވެއެވެ. އެންމެ ފަހުން ޔައީނަށް ކެތް ނުކުރެވިގެން ބުންޏެވެ

" އެކަމަކު އަހަރެންނާއި ޒީޝަންއާ ވަކިންނެއް ނޫޅެވޭނެ." މިފަހަރު ޔައީންގެ އަޑުގައި އޯގާތެރިކަމާއި ރިހުމެއް އެކުލެވުނެވެ.

"އެހެންވިއްޔާ އަހަރެމެން ދެމީހުން އެކުގައި ދިރި ނުއުޅެވެންވީ ކީއްވެ؟ ދެމީހުންގެވެސް އުއްމީދަކީ ޒީޝަންކަމަށްވާއިރު އޭނާއަށްޓަކައި އަހަރެމެން ދެމީހުން ވަކިވާންވީކީއްވެ؟ ޔައީން އަހަރެން ދޫކޮށްލާފައި ދިޔަފަހުން ރަނގަޅަކަށް ނުނިދޭ. ނުކެވޭ. ޔައީން ވަނީ އަހަރެންގެ ހަށިގަނޑުގެ އެއްބަޔަށްވެފައިކަހަލަ. ހުރިހާ ވަގުތަކުވެސް ހަނދާންވަނީ ޔައީންއާ ޒީޝަން މަތިން. ޔައީން ޕްލީޒް އަހަރެން ދޫކޮށްނުލާ. އާދޭސް ކޮށްފައިބުނަން. ކޮންމެގޮތަކަށް އުޅެންޖެހުނު ނަމަވެސް އަހަރެން ވަކިނުކުރޭ. ޔައީން ބޭނުންނަމަ އަހަރެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން. ޒީޝަންއާއި ދުރުގައިވެސް ހުރެފާނަން. އެކަމަކު ޔައީންގެ އަނތްބެއްގެ މަގާމުން އަހަރެން މަހުރޫމް ނުކުރޭ." ލީޝަންއަށް ގިސްލެވެނީއެވެ. އޭނަގެ ހަށިގަނޑު ތުރުތުރު އަޅަނީއެވެ. ކޮޅަށް ހުރުމަށް ދަތިވަނީއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *