އިސްރާފުކުރުމަކީ ނިޢުމަތްތަކަށް ކުފުރުވުމެވެ.

ރަމަޟާން މަހަކީ، ސަވާބާއި ދަރުމައިގެ މަގުތައް ހުޅުވިފައިވާ މަތިވެރި މައްސަރެވެ. ހެޔޮކަމާއި ދަރުމައިގެ ފޯވައްސެވެ. ނަމަވެސް ބައެއް މުސްލިމުންގެ ތެރޭގައި އެ މަސް ވެފައި ވަނީ، ތަކެތިން އިސްރާފުކުރުން ގިނަ މަހަކަށެވެ. ގިނަ ބާވަތުގެ ކާބޯތަކެތި ތައްޔާރުކޮށް، އުކާލާ މަހަކަށެވެ. އެއްވެސް މަހެއްގައި އިސްރާފުކުރުމަކީ ﷲ سبحانه وتعالى ރުހިވޮޑިގެންވާ ޢަމަލެއް ނޫންކަމުގައި ވިޔަސް، މިއަދު އިންސާނުންނާ ކުރިމަތިވެފައިވާ އިޖްތިމާއީ ބަލިތަކުގެ ތެރޭގައި، އިސްރާފުކުރުން ހިމެނެއެވެ. މިކަން ބޮޑަށް ގުޅިފައިވަނީ ތަނަވަސްކަމާއެވެ. ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެނަމަ އިސްރާފުކުރުމުގެ ދޮރުތައް ހުޅުވިގެން ހިނގައިދާނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ .﴿ وَإِذَا أَرَدْنَا أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا فِيهَا فَحَقَّ عَلَيْهَا الْقَوْلُ فَدَمَّرْنَاهَا تَدْمِيرًا ﴾‏  މާނައީ: "އަދި ރަށެއް ހަލާކު ކުރެއްވުމަށް، ތިމަން ރަސްކަލާނގެ އިރާދަކުރައްވައިފި ނަމަ، އެ ރަށެއްގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް ތިމަން ރަސްކަލާނގެ (ކިޔަމަންގަތުމަށް) އަމުރު ކުރައްވަމެވެ. ދެން އެއުރެން އެ ރަށުގައި ފާސިދު އަމަލުކޮށް ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ ދެން ކޯފާގެ ބަސްފުޅު އެއުރެންގެ މައްޗަށް ޙައްގުވެދެތެވެ. ދެން ތިމަން ރަސްކަލާނގެ އެ ރަށެއް މުޅިން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ."

ބަޔަކަށް މުއްސަނދިކަން ލިބިއްޖެނަމަ ބޮޑާވެ، ބޭކާރު ގޮތުގައި، މުދާތައް އިސްރާފު ކުރަން ފަށައިފާނެތެވެ. މިކަން ބަޔާން ކުރައްވައި، މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ وَلَوْ بَسَطَ اللَّهُ الرِّزْقَ لِعِبَادِهِ لَبَغَوْا فِي الْأَرْضِ وَلَٰكِن يُنَزِّلُ بِقَدَرٍ مَّا يَشَاءُ ۚ إِنَّهُ بِعِبَادِهِ خَبِيرٌ بَصِيرٌ ‎﴾‏   މާނައީ: "ﷲ، އެކަލާނގެ (އެންމެހައި) އަޅުންނަށް ރިޒުގު ތަނަވަސްކޮށްދެއްވައިފި ނަމަ، ބިމުގައި އެއުރެން ބޮޑާވެ އަނިޔާވެރިވެގެންފީހެވެ. އެހެނެއްކަމަކު، އެކަލާނގެ ރިޒުގު ބާވައިލައްވަނީ، އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ވަކި މިންވަރަކަށެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." މިހެންވެ، އިސްރާފު ނުކުރުމަށް އަމުރު ކުރައްވައި، މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
﴿ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ ‎‎﴾ މާނައީ: "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފުނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ." ލޮބުވެތި ނަބިއްޔާ صلى الله عليه وسلم  ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ތިޔަބައިމީހުން މެދުމިންވަރުގައި ހިފާށެވެ! ތިޔަބައިމީހުން މެދުމިންވަރުގައި ހިފާށެވެ! އޭރުން ލަނޑުދަނޑިއަށް ވާޞިލުވޭނެތެވެ."

ހެޔޮ ގޮތުގައި ކާބޯތަކެތީގެ ބޭނުން ނުހިފައި، އޭގެ ޙައްޤު އަދާނުކޮށް ގުދަންކޮށްފައި ބެހެއްޓުމަކީވެސް އިސްރާފު ކުރުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ ޙާލު، ކަދުރު ރުކާއި، ގޮވާމާއި އެއްވައްތަރު ވެގެންވާ ޙާލުގައްޔާއި، އެއްވައްތަރުވެގެން ނުވާ ޙާލުގައި، ޒައިތޫންޏާއި އަންނާރު އުފެއްދެވި ރަސްކަލާނގެއެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ ޒަކާތް ދޭށެވެ! އަދި ތިޔަބައިމީހުން އިސްރާފް ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާފްކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ." ހަމަ އެފަދައިން ފޭރާމާއި، ހިފާ ގެންގުޅޭ ތަކެތި ހިސާބަށް ވުރެ ގިނަކުރުމަކީ ވެސް އިސްރާފު ކުރުމެވެ. ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. " އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި ޞަދަގާތް ކޮށް އުޅޭށެވެ! އަދި ފޭރާންލައި އުޅޭށެވެ! އެ ކަމުގައި އިސްރާފު ކުރުމާއި ބޮޑާކަމެއް ނެތިއެވެ."

ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ މުދަލާއި ކާއެއްޗެހި އުކާނުލައި، އެތަކެތި ބޭނުންކުރުމަށް އިސްލާމް ދީން ބާރު އަޅައެވެ. އެތަކެއްޗަކީ، ﷲ ގެ ނިޢުމަތްތަކެވެ. މި ތަކެތި އުކާލުމަކީ، ނިޢުމަތުގެ ވެރި ފަރާތަށް ޝުކުރު ނުކުރުމެވެ. ހަމައެކަނި މާލޭ ސަރަޙައްދުން ދުވާލެއްގެ މައްޗަށް މިހާރު ވެސް 2 ޓަނަށް ވުރެ ގިނަ ކާބޯތަކެތި ކުނީގެ ގޮތުގައި އުކާލައެވެ. ރޯދަމަހު މިއަދަދު މިއަށް ވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެފަދައިން މުދާ ހަލާކުވަންދެން ބަހައްޓައި، އެ ތަކެތި އުކާލުމަކީ އިސްރާފު ކުރުމަށްވުރެ ވެސް ނުބައި ކަމެކެވެ. ލޮބުވެތި ރަސޫލާ صلى الله عليه وسلم  ނަމޫނާ އަކަށް ބަލަމާ ހިނގާށެވެ! އެއްދުވަހަކު މަގުމައްޗށް ވެއްޓިފައި އޮތް ކަދުރެއް ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "މިއީ ފަހަރެއްގައި ޞަދަޤާތެއް ކަމުގައި ވެދާނެތެވެ. ނޫންނަމަ ތިމަން ކަލޭގެފާނު މި ކަދުރު ފަރިއްކުޅުއްވީމުހެވެ."

މަޢުލޫމާތު: ހުކުރު ޚުޠުބާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *